ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ މި ޤައުމުގައި ހުރި އެންމެ ގިނަދުވަސްވީ އެއް މުއައްސަސާއެވެ. އެހެންނަމަވެސް މިއަދު މި މުއައްސަސާގައި ޤައުމަށް ޚިދުމަތްކުރާ ޚިދުމަތްތެރިންގެ ގިނަ ބަޔަކީ ޒުވާނުންނެވެ. ސިފައިންގެއަކީ ޒުވާނުންނަށް ފަހި ފުރުސަތުތައްހުރި، ޒުވާން ޢުމުރުގައި ޤައުމަށް ޚިދުމަތްކުރަން އެންމެ ރަނގަޅު މުއައްސަސާއެވެ. އަދި މިއީ ޒުވާނުން ބިނާކޮށް ޒުވާނުންނަށް ރަނގަޅު މަގުދައްކައިދީ، އަދުގެ  ޒުވާންޖީލު އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނެރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ މުއައްސަސާއެކެވެ.

ސިފައިންގެ ޚިދުމަތް 1892 ވަނަ އަހަރު ފެށިގެންއައީ ހަމައެކަނި މާލޭގެ ކަމުވޮށިވެގެންވާ އާއިލާތަކުގެ ބޭފުޅުން ހިމެނޭ ޚިދުމަތެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިއަދު ސިފައިންގެތެރޭގައި މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ތަފާތު ފަންތީގެ އާއިލާތަކަށް ނިސްބަތްވާ މީހުން އެބައުޅެއެވެ. އެމީހަކު ނިސްބަތްވާ ރަށެއްގެ ސަބަބުން ނުވަތަ އާއިލާގެ ސަބަބުން އެމީހަކަށް ސިފައިންގެ ޚިދުމަތުގައި ކުރިއަށް ދިއުމަކަށް ހުރަހެއް ނެތެވެ. 

ސިފައިންގެ ޚިދުމަތުގެ ދިގު ތާރީޚާއެކު ހަރުދަނާ އާދަކާދަ ތަކަކާއި ސަޤާފަތެއް މިހިސާބަށްވަނީ ފޯރާފައެވެ. އޭގެތެރޭގައި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އަމުރަށް ކިޔަމަންތެރިވުމާއި ޚިދުމަތްކުރުމުގެ ރޫޙު ފާހަގަ ކުރެވެއެވެ. އަމިއްލަ ކަންތައްތަކުގެ ކުރިއަށް ދީނީ އަދި ޤައުމީ ވާޖިބު އިސްކުރުމާއި، އަނެކުންނަށް އިޙްތިރާމު ކުރުމާއި ސާފުތާހިރުކަމާއި ތަރުތީބާއި އަދަބު އަޚްލާޤުގެ ރީތި ސިފަތައް ސިފައިންގެ ތެރެއިން ފެނެއެވެ. ރާއްޖޭގެ އިޖުތިމާޢީ ވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ އަސަރު އެކަންތައްތަކަށް ކުރިޔަސް އެންމެ ކުޑަކޮށް އެ އަސަރު ކުރަމުންދާތަން ފެންނަ މުއައްސަސާއަކީ މިއީއެވެ.

ސިފައިންގެއަކީ ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން އެންމެގިނަ ދާއިރާތަކުގެ ޒުވާނުން ތިބި އެއް މުއައްސަސާ ކަމާމެދު ޝައްކެއްނެތެވެ. ސިފައިންގެ ޤައުމީ ޚިދުމަތުގައި އެ ހުނަރުތައް ބޭނުން ކުރުމުގެ އިތުރުން އިޖުތިމާޢީ ޚިދުމަތެއްގެ ގޮތުގައި އާންމު ރައްޔިތުންނަށް އެހުނަރުތައް ސިފައިން ގެންދަނީ ހިއްސާ ކުރަމުންނެވެ. މިގޮތުން ދިވެހި ޒުވާނުންނަކީ މުޖުތަމަޢުގައި ބޭނުންތެރި ހޭލުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި ސިފައިން ގެންދަނީ ”ވީކެންޑް ވިތު އެމްއެންޑީއެފް“ ގެ ނަމުގައި ޒުވާނުން ބައިވެރިކޮށްގެން ޚާއްޞަ ޕްރޮގްރާމެއް ހިންގަމުންނެވެ. މީގެއިތުރުން ތަރުބަވީ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ދީނީ އަދި ދުނިޔެވީ ނަޒަރިއްޔާތުން ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމަށް 2014 ވަނަ އަހަރުން ފެށިގެން ޚާއްޞަ ޕްރޮގްރާމެއްދަނީ ހިންގަމުންނެވެ. މީގެއިތުރުން ސިފައިން ހިންގަމުންދާ ތަޖުވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމާއި އިންފޮމޭޝަން ޓެކްނޮލޮޖީއަށް ހޭލުންތެރިކޮށް ހުނަވެރިކަން އިތުރު ކޮށްދިނުމަށް ހިންގާ މަލްޓިމީޑިއާ ޕްރޮގްރާމް ފާހަގަ ކުރެއެވެ. އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ގޮތުންނާއި އަލިފާނުން ރައްކާތެރިވުމާބެހޭ ގޮތުން ހިންގާ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ފާހަގަ ކުރެއެވެ.

މިއަދު ސިފައިންގެ ޚިދުމަތަށް ވަންނަން ޝައުޤުވެރި ޒުވާނުން ހޯދުމުގައި ދައްޗެއް ނެތެވެ. ސިފައިންގެ ޚިދުމަތަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާ ކޮންމެ ފަހަރަކު ދިގު ކިޔުއެއް އެކަމަށް އެދޭ ޒުވާނުން ހަދަމުން ގެންދެއެވެ. ސިފައިންގެ ޚިދުމަތަށް ވަނުމުގެ ”ނަސީބު“ ލިބިގެންދާ ކޮންމެ ޒުވާނަކަށް ވެސް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކުރިއަށް ދިއުމަށް ހުޅުވިފައިވާ ސަރާސަރު ސާފު މަގެއް އޭނާގެ ކުރިމަތީގައި އޮތްކަމެވެ. ފަންނީ ތަފާތު ދާއިރާތަކުގެ ތެރެއިން ޝައުޤުވެރިކަން ހުންނަ ޒުވާނުންނަށް ތަފާތު ފަހި ފުރުސަތުތައް އޮތްކަމެވެ. އަސްކަރީ ދާއިރާއިން މަތީ ތަޢުލީމާ ހަމައަށް ވާސިލުވެވެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމް ހާސިލުކުރުމުގެ ފުރުސަތު އެބައޮތެވެ. ސިފައިންގެ ޚިދުމަތުގައި އުޅެމުން އެމްއެންޑީއެފްގައި ޤާއިމުކޮށްފައިވާ އަސްކަރީ އެކެޑެމީ ތަކުގައި ކިޔަވައި ޤައުމީ ސަނަދުގެ އޮނިގަނޑުން މަތީ ހަރުފަތްތަކަށް އެރެން އެބަހުއްޓެވެ. ނިޔަމިކަމާއި އިންޖިނޭރުކަމާއި ޑޮކްޓަރުކަމާއި ނަރުސްކަމާ ކިޔަވައިގެން އައިސް ޚިދުމަތް ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. ޚިދުމަތުގައި އުޅެމުން ޚިދުމަތް ތަރައްޤީކުރަން ވެސް ފުރުސަތު ލިބެއެވެ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދެއެވެ. ސިފައިންގެ ޚިދުމަތުގައި އުޅެމުން މިއުޒިކާއި، އިންފޮމޭޝަން ޓެކްނޮލޮޖީއާއި މެނޭޖްމަންޓުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ އެތައް ޒުވާނުންނެއް ސިފައިންގޭގައި އެބައުޅެއެވެ. މީގެއިތުރުން ޤައުމީ ފެންވަރުގެ ކުޅިވަރު ކުޅުންތެރިންނާއި ޤާރީންނާއި، ވަޑިންނާއި ވެލްޑަރުންނާއި ރާނާ މީހުންވެސް ސިފައިންގެ ޚިދުމަތުގެ ތެރެއިން އުސްމިންތައް ހާސިލުކޮށްފައިވެއެވެ. ކަނޑުމައްޗަށް ޚާއްޞަ ތަމްރީނުތައް ހޯދައިގެން ކޯސްޓްގާޑުގައި ޚިދުމަތް ކުރަންވީއެވެ. ކުޅަދާނަ ހަނގުރާމަވެރިއެއްގެ ގޮތުގައި މެރިންސް އެއްގެ ގޮތުގައި ނުވަތަ ސްޕެޝަލް ފޯސްގެ މެންބަރެއްގެ ގޮތުގައި ހުންނަންވީއެވެ. އަލިފާން ނިއްވުމުގެ ހުނަރުވެރިކަމާއި ޤާބިލުކަން ހޯދައިގެން އަލިފާން ނިއްވާ މީހެއްގެ ގޮތުގައި ދެމިހުންނަންވީއެވެ. ސިފައިންގެ ކޮންމެ ދާއިރާއެއްގައި ޚިދުމަތް ކުރިއަސް ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ދާއިރާގައިވެސް ހަރަކާތްތެރިވެވިދާނެއެވެ.

ސިފައިންގެ ޚިދުމަތަކީ ހުރިހާ ޚިދުމަތްތަކެއްގެ ތެރެއިންވެސް އެންމެ ފަޚުރުވެރި އަދި އެންމެ ޝަރަފުވެރި ޤައުމީ ޚިދުމަތެވެ. ސިފައިންގެ ޚިދުމަތަކީ ޚިދުމަތްދެމުން އަމިއްލަ ނަފްސު ބިނާކުރުމަށް ސަރާސަރު ފުރުސަތުތަކެއް އޮތް ތަނެކެވެ. ބޭނުންވަނީ އިޚްލާޞްތެރިކަމާއި ހިތްވަރާއި ވަރުގަދަ ޢަޒުމެކެވެ. އެމީހަކު ކުރިއަށް ދާން އެންމެ ބޮޑަށް ބޭނުންވާ އަދި ޝައުޤުވެރިކަން ހުރި ދާއިރާއިން ފަހަރެއްގައި ފުރުސަތު ނުލިބިދާނެއެވެ. އެކަމަކު ހުޅުވިފައިވާ ފުރުސަތުތަކާއި ކުރިއަށް ދެވެންހުރި ދާއިރާތައް ބަލައިގެން އެ ދާއިރާތަކާއި އެމީހެއްގެ ޝައުޤުވެރިކަން ގުޅުވާލެވިއްޖެނަމަ ކުރިއަށް ދާންވީ އެތައް ދޮރެއް ފެންނާނެއެވެ. ސިފައިންގެ ޚިދުމަތަކީ ޤައުމީ އެންމެ މުހިންމު ޚިދުމަތް ކަމަށްވާތީ އޯގަނައިޒޭޝަންގެ ޑިމާންޑްތަކެއް ހުންނާނެކަން ޖެހޭނީ ޤަބޫލުކުރާށެވެ. ސިފައިންގެ ކޮންމެ މީހެއްގެ ޕާފޯމަންސް މިން އެޅޭނީ އޯނައިޒޭޝަންގެ ގޯލްތައް ހާސިލުކުރަން ކުރާ މަސައްކަތަކާއެވެ.

ޝެއަރކުރެއްވުމަށް