ދުނިޔޭގެ ޙަޔާތް ވޭތުކުރަމުންދާއިރުގައި އަބަދާއި އަބަދު އުފަލުގައި ޙަޔާތް ވޭތުކުރުމުގެ ނަޞީބު ލިބުމަކީ މުސްތަޙީލުކަމެކެވެ. މިވަގުތީ ޙަޔާތުގައި ދެރަވާންޖެހޭ ކަންކަމާއި ހިތާމައާއި ވެސް ކުރިމަތިލާން ޖެހެއެވެ. ނަމަވެސް، އެހިތާމަތަކުގެ އަޅުންކަމުގައި އަޅުގަނޑުމެން ވެއްޖެނަމަ ދިިރިއުޅުމުގެ ހިތާމަ ދިގުދެމިގެންދާ މުޞީބާތެއްކަމުގައި ވެގެންދެއެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އުނގަންނައިދީފައިވާ ތަރުބަވީ އުޞޫލަކީ، މިފަދަ ދެރަވާންޖެހޭ ކަންކަމާއި ޙަޔާތުގެ ހިތާމަތަކަށް ކެތްތެރިވުމާއެކު އެފަދަ ހިތާމަތަކުން ނަފްސު ސަލާމަތްކުރުމަށްޓަކައ،ި އިލާހީ ތަރުބިއްޔަތާއި ނަބަވީ މަދަރުސާއިން ލިބިދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ޙަޔާތް ބައްޓަންކުރުމެވެ.

ތަޤުދީރުގެ ނިޔާއަކީ އަޅުގަނޑުމެން ކިޔަމަންތެރިކަމާއެކު ބޯލަނބަންޖެހޭ ކަމެކެވެ. އެއީ އިލާހީ ނިންމެވުމެވެ. މާތް ﷲ ކަމަކަށް ވަކިގޮތެއް ނިންމަވައި ކަނޑައަޅުއްވައިފި ހިނދު އެކަމެއް އެގޮތަކަށް ނިމިދެއެވެ. މިވެނިކަމެއް މިވެނިގޮތަކަށް ނިމިދިޔައީތީ އެކަމަށް އިންކާރުކުރުމުގެ އިޚްތިޔާރު އަޅުގަނޑުމެންނަކަށް ނުވެއެވެ. އަޅުގަނޑުމެންނަށް އޮތީ ބޯލަނބައި ކިޔަމަންގަތުމެވެ. ޤަޟާ ޤަދަރަށް ފުރިހަމައަށް އީމާންވުމެވެ. ތިބާއަށް މާތް ﷲ ދަތިކަމެއް މިންވަރުކުރައްވައިފިނަމަ އެއާއިއެކު ފަސޭހަކަންވެސް ވެއެވެ. މާތް ﷲ ސޫރަތުއްޝަރަޙް ގެ 5 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ ”ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.“ ހަމަ މިބަސްފުޅު މިސޫރަތުގެ 6 ވަނަ އާޔަތުގައި ތަކުރާރުކުރައްވާފައި ވަނީ މިފަދައިންނެވެ. މިއާޔަތުގެ މާނާގައިވަނީ ”ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.“

ގިނަގިނައިން މާތް ﷲ ހަނދުމަކުރާށެވެ!

މާތް ﷲގެ ވަޙީބަސްފުޅެއްގެ މާނާގައިވެއެވެ. ”ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟“ (ސޫރަތުއްރަޢުދު، 28 ވަނަ އާޔަތް). މާތް ﷲ ހަނދުމަކުރުމަށްވުރެ ބޮޑަށް ހިތްތަކަށް އުފާވެރިކަމާއި ހަމަޖެހުން ލިބެނިވި އެހެންކަމެއް ނުވެއެވެ. އަދިވެސް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ”ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ.“ (ސޫރަތުލް ބަޤަރާ، 152 ވަނަ އާޔަތް). ﷲ ހަނދުމަކުރުމުން ހިތްތަކަށް އަމާންކަމާއި ރައްކާތެރިކަން ލިބެއެވެ. ޚުދު މާތް ﷲ އިންސާނާގެ މަތިން ހަނދުމަކުރެއްވުމަކީ ކޮންފަދަ ނިޢުމަތެއްތޯއެވެ؟ އިންސާނާއަށް ދަތިކަމާއި ހިތާމަ ކުރިމަތިވުމުންވެސް އޭނާގެ ހިތަށް އެންމެ އަވަސް ޝިފާ ލިބޭނޭކަމަކީ ހަމަ ﷲ ހަނދުމަކުރުމެވެ.

ޝުކުރުވެރިވާށެވެ!

މިދުނިޔެމަތީގައި އިންސާނާއަށް ކިރިޔާ ދަތިކަމެއް، ދެރައެއް މެދުވެރިވާހިނދު، މާތް ﷲ އެއިންސާނާއަށް ދެއްވާފައިވާ މަތިވެރި ނިޢުމަތްތަކުގެ މަތިން އޭނާ އެއަށްފަހުގައި ހަނދާންނައްތާލައެވެ. އަދި، މިދުނިޔެމަތީގައި އެންމެ ހިތާމައާއި ވޭނުގައި އުޅެމުންދަނީ ތިމާކަމުގައި ދެކެއެވެ. މިއީ ކޮންފަދަ އުރެދުމެއްތޯއެވެ؟ އިންސާނާއަށް މާތްﷲ ދެއްވާފައިވާ ގުނަވަންތަކަށް އެކަނި ވިސްނާލިކަމުގައި ވިޔަސް، އެނިޢުމަތްތަކުގެ އަގު ފައިސާއިން އޭނާއަށް ދެއްކޭނެތޯއެވެ؟ ތިބާގެ އެއްލޯ، ނުވަތަ ތިބާގެ އެއް ކަންފަތް، ނުވަތަ ތިބާގެ އެއްފައި ނެތްނަމަ އެ ނިޢުމަތްތަކުގެ މަތިވެރިކަން ތިބާއަށް އިޙްސާސް ނުވާނެތޯއެވެ؟ ނިކަން ވިސްނާ ފިކުރު ހިންގާލާށެވެ! ލޯބިވެރިޔާ ބޭވަފާތެރިވީއޭ ކިޔާފައި އަމިއްލަފުރާނަ ދުއްވާލަނީ ކިތައްމީހުންތޯއެވެ؟ އަތްމަތި ދަތިވެ ފަޤީރުކަމުގައި އުޅެންޖެހުމުން އަމިއްލައަށް މަރުވަނީ ކިތައްމީހުންތޯއެވެ؟ މިއިން ކޮންމެ ކަމަކީވެސް ދުނިޔެވީ ޙަޔާތުގައި ވަގުތީ ކަންކަމެވެ. ނަމަވެސް، މިޙަޔާތް އާރާސްތުކޮށް ބާއްޖަވެރި ކުރުމަށް މަސައްކަތްކުރުމަށް އަޅުގަނޑުމެންގެ ގިނަމީހުންނަށް ލިބިފައިވާ ނިޢުމަތްތައް ނުހަނު ގިނަގުނައެވެ. ދެލޮލުގެ ފެނުމެވެ. ވާހަކަދައްކާނެ ދުލެކެވެ. އަޑުއަހާނެ ދެކަންފަތެވެ. ހިނގާބިނގާ އުޅޭނޭ ދެފައެވެ. މަސައްކަތްކޮށް އުޅޭނޭ ދެއަތެވެ. ވިސްނާނެ ސިކުނޑިއެވެ. ވީއިރު މިފަދަ ނިޢުމަތްތަކުން މަޙްރޫމްވެފައިވާ އިންސާނާވެސް ނުދާފަދަ ދަރަޖައަކަށް އަޅުގަނޑުމެން އިންސާނުން ދާނަމަ އެއީ އިންސާނެކޭ ބުނެވޭނެހެއްޔެވެ؟

މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތައް ނުހަނު ގިނަގުނައެވެ. ވީހިނދު، އަޅުގަނޑުމެން ދެރަވެ ހިތާމަކުރަންވީ ފަހެ ކީއްވެހެއްޔެވެ؟ އިބްރާހީމް ސޫރަތުގެ 34 ވަނަ އާޔަތުގެ މާނާގައިވަނީ، ”ﷲ ގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދެއް ނުކުރެވޭހުއްޓެވެ.“ އެވެ.

ބޯނެފެން، ސާފުވައި، ފުރިހަމަ ޞިއްޙަތު، ލާނެ ފޭރާން މިހުރިހާ އެއްޗެއްސަކީ އަގުބޮޑެތި ނިޢުމަތްތަކެވެ. ނަމަވެސް އިންސާނާއަށް އެކަން އިޙްސާސްކުރެވޭހެއްޔެވެ؟ އައްރަޙްމާން ސޫރަތުގެ 13 ވަނަ އާޔަތުގެ މާނާގައިވަނީ، ”(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟“ އުޙުދުފަރުބަދައިގެ ބަރުދަނުގެ ރަނަށް ތިބާގެ ދެލޮލުގެ ފެނުން ނުވަތަ ތިބާގެ އިވުމުގެ ޙިއްޞު ނުވަތަ ތިބާގެ ދޫ ތިބާ ވިއްކާލަފާނަންހެއްޔެވެ؟ ދުނިޔޭގެ އެތައް ބައިވަރު މުދަލަކަށްވުރެ މި ނިޢުމަތްތައް އިންސާނާއަށް މުހިންމުވީހިނދުވެސް އެނިޢުމަތްތަކަށް އޭނާ ފުރަގަސްދީ އެނބުރިގަނެއެވެ. އަދި ޝުކުރުވެރިވުމާއި އިންސާނާ ނުހަނު ދުރެވެ. އިންސާނާ އަބަދުވެސް ވިސްނަނީ އޭނާއަށް ނުލިބިވާ ނިޢުމަތްތަކާއި މެދުގައެވެ. ނަަމަވެސް، އޭނާއަށް ލިބިފައިވާ އަގުނުކުރެވޭ ނިޢުމަތްތަކަށް އޭނާ ޝުކުރެއްނުކުރެއެވެ. ޝުކުރުވެރި ނުވާހާހިނދަކު އިންސާނާއަށް އުފާވެރިކަން ލިބޭނީ ކިހިނަކުންހެއްޔެވެ؟ ނުތަނަވަސްކަންނޫން އެއްޗެއް އޭނާއަކަށް ނުލިބޭނެއެވެ. ކިތަންމެ ގިނަ ނިޢުމަތްތަކެއް އޭނާއަށް ލިބުނަސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

މާތް ﷲ ކީރިތި ޤުރުއާނުގެ އަލްއަޢުރާފް ސޫރަތުގެ 144 ވަނަ އާޔަތުގައި މޫސާގެފާނަށް މުޚާޠަބްކުރައްވައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ، ”ފަހެ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި ޝުކުރުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!“

ތިބާއަށް ހަމައެކަނި ލިބިފައިވަނީ މިއަދެވެ.

މާޒީގައި ވެ ނިމިފައިވާ ކަންކަމަށް ބަލައި ވިސްނައި ފިކުރުކޮށް ރޮއެ ހެދުމުގެ މާނައެއް ނެތެވެ. މާޒީގެ ފަތްފުށްތައް އެވަނީ ލިޔެވި ނިމިފައެވެ. އުފާވެރި ޙަޔާތެއް އާރާސްތުކުރުމުގެ މަސައްކަތް ކުރުމަށް ތިބާއަށް ލިބިފައިވަނީ ހަމައެކަނި މިއަދެވެ. މާޒީގެ ދުވަސްތައް ނިމިގޮސްފިއެވެ. މާދަމާ އަންނާނެކަމުގެ އުންމީދެއްނެތެވެ. މާދަމާއަށް އިރުއަރާނެކަމުގެ އެއްވެސް އުންމީދެއްނެތެވެ. އެހެންކަމުން އަޅުގަނޑުމެންގެ ޢަމަލުތައް މިއަދު ކުރަމާބަހީއެވެ. ތިބާގެ ޙަޔާތުގެ ދިގުމިނަކީ އެއްދުވަސްކަމުގައި ދެކިގެން ޢަމަލުތައް ފަށާށެވެ. އިޚްލާޞްތެރިކަމާއެކު މިއަދު ނަމާދުކުރާށެވެ. މިއަދު ޤުރުއާން ކިޔަވާށެވެ. ފާފަފުއްސެވުން އެދި މިއަދު ދުޢާކޮށް ފާފަތަކުން މިއަދު ތައުބާވާށެވެ. މިއަދު ތިބާކުރާ ޢަމަލުތައް ސާފުސީދާކޮށް ބަހައްޓާ ފާފަތަކުން މިއަދު ދުރުހެލިވެ ހުންނާށެވެ. އުޖާލާ ޙަޔާތެއް ބިނާކުރުމަށް ކުރަންޖެހޭ ދިރިއުޅުމުގެ މަސައްކަތްތައް މިއަދު ކުރާށެވެ. މާދަމާ ދިރިނުހުންނާނެކަމަށް ބަލައިގެންނެވެ.

ފާޑުކިއުންތަކާ ކުރިމަތިލާނެގޮތް

ދުނިޔޭގެ ޙަޔާތުގައި ފާޑުކިއުންތަކާ ކުރިމަތިލާންޖެހުމަކީ އަބަދުވެސް ދިމާވާނެ ކަމެކެވެ. އެކަކު ޙަޔާތުގެ މައިދާނުގައި ކުރިއަރައިދާނަމަ އަނެކާ ޙަސަދަވެރިވެ އޭނާއަށް ފާޑުކިއާ އޭނާގެ އަގުވައްޓާލަން މަސައްކަތްކުރެއެވެ. އަނެކާއަށްވުރެ ޢަމަލުގައި ޞާލިޙުވުމާއި، ޢިލްމުގައި ކުރިއަރައި ދިއުމާއި، ރިވެތި އާދަތައް ހުރުމާއި، މުދަލުގެ ތަނަވަސްކަމަކީ މިފަދަ ފާޑުކިއުންތަކާއި ޙަސަދައާއި ކުރިމަތިލާންޖެހޭ ބައެއް ސަބަބުތަކެކެވެ. މިއީ މިއަދު ވަރަށް ޢާންމުވެފައިވާ ކަމެކެވެ. މީހުން ފާޑުނުކިޔާނެގޮތަކަށް ކަމެއް ކުރެވުމަކީ ވަރަށް ނާދިރުކަމެކެވެ. ތިބާގެ ރަނގަޅު ސިފަތައް ދޫކޮށް ތާކުންތާކުނުޖެހޭ ބޭކާރުމީހަކަށް ވުމަކީ ތިބާއަށް މަލާމާތްކުރާ މީހުންގެ އުންމީދެވެ. އެހެންކަމުން، އަބަދުވެސް ތިބާގެ ޢަޒުމަކަށް ވާންޖެހޭނީ ކެތްތެރިކަމާއި ސާބިތުކަމާއެކު އެފަދަ މީސްމީހުންގެ ކުރިމަތީ ހުރުމެވެ. އަދި، އެފަދަމީހުންނަށް މަޢާފްކޮށް، ތިބާގެ ހިތުގައި ނަފްރަތު ނުބާއްވާށެވެ. އަދި އެފަދަ މީހުންނާއި ދުރުހެލިވެ އެމީހުންގެ ރޭވުންތަކަށް ތިބާ ހިތާމަނުކުރާށެވެ. އެމީހުންގެ ރުޅިވެރިކަމާއި ޙަސަދަ ވަނީ އެމީހުންނަށެވެ. ތިބާއަށް އެކަމުން އުނިވާނެކަމެއް ނެތެވެ. ކާފިރުވީ މީހުން އީމާންވީ މީހުންނަށް ނަފްރަތުކުރާނެކަން ބަޔާންކުރެއްވުމާއެކު އާލް ޢިމްރާން ސޫރަތުގެ 119 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ރުޅިއައިސްގެން މަރުވާށެވެ!“

އެހެންމީހުންނަށް ލިބޭ ނިޢުމަތްތަކަށް ޙަސަދަވެރިވުމަކީ ތިމާގެ ނަފްސުގެ ހިތްހަމަޖެހުން ނެތިކޮށްލާ ނަފްސު ބަލިކަށިކޮށްލާ ކަމެކެވެ. އަދި ކިއެއްތަ އެއީ ނުބައި ފާފައެކެވެ. ސޫރަތުއްނިސާ ގެ 54 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. ”ނުވަތަ، ﷲ ގެ ފަޟުލުވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން (އެބަހީ: ޔަހޫދީން) މީސްތަކުންނަށް ޙަސަދަވެރިވަނީހެއްޔެވެ؟“

އެހެންމީހުންގެ ތަޢުރީފަށް އުންމީދުނުކުރާށެވެ!

ތިބާކުރާ ކޮންމެކަމެއް ހަމައެކަނި ޚާލިޤުވަންތަ ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއެކު ކުރާށެވެ. އެހެންމީހުންގެ ފަރާތުން ހެޔޮބަސްތަކާއި ޝުކުރަށް އުންމީދުކޮށްގެން ޢަމަލުނުކުރާށެވެ. ހެޔޮޢަމަލުކުރާއިރު ﷲ ގެ ދަރުމައާއި ރުއްސެވުން ލިބިގަތުމަށް އެކަމެއް ކުރާށެވެ. ޞަދަޤާތްކުރާއިރު ހަމައެކަނި ﷲ ގެ ރުއްސެވުން ލިބިގަތުމަށްޓަކައި ކުރާށެވެ. ސޫރަތުލްއިންސާންގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. ”(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲގެ ވަޖުހުފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއް ވެސް ތިމަންމެން ނޭދެމުއެވެ.“

އެހެންމީހުންނަށް ހެޔޮކޮށްހިތުން

އެހެންމީހުންނަށް ހެޔޮކޮށްހިތާ އެހީފޯރުވާ އުޅުމަކީ ހިތަށް ހަމަޖެހުން ލިބޭނޭކަމެކެވެ. އަނެކާއަށް އޯގާތެރިވުމާއި، އަނިޔާލިބެމުންދާ މީހާއަށް އެހީތެރިވުމާއި، ފަޤީރުންނާއި މިސްކީނުންނަށް އަޅާލުމާއި، ނުކުޅެދޭމީހުންނަށް އެހީތެރިވުމަކީ އިންސާނާއަށް ނަފްސާނީގޮތުންނާއި ރޫޙާނީގޮތުން ވެސް އެތައް ފައިދާއެއް ކުރާނެ ކަންކަމެވެ. ހިތްއުފާވާނޭ ކަންކަމެވެ. ޚާއްޞަގޮތެއްގައި ތިމާ ހިތްދަތިކަމުގައި އުޅޭއިރުގައި، އެހެންމީހަކަށް އެފަދަ އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވުމުން ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން ނުހަނު ބޮޑުވާނެއެެވެ.

އޭ ހިތާމަތަކާއި ދަތިކަމުގައި އުޅޭ އަޚުންނާއި އުޚުތުންނޭވެ! ކޮންމެވެސް ގޮތަކުން ނިކަމެތި ޙާލުގައި އުޅޭ މީހަކަށް ނުވަތަ ތިބާގެ އަޚާއަށް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ! އެއީ ހިތާމަތަކުން ދުރުވުމަށް ކޮށޭ މަގެކެވެ.

މާތް ﷲ އަށް ވަކީލްކޮށް އިތުބާރުކުރުން

ތިމާ ހެއްދެވިފަރާތަށް ފުރިހަމަ އިތުބާރާއެކު ކަންކަމަށް އެދި ދެންނެވުމަކީ އެކަމެއް ޙާޞިލުވުމަށްޓަކައި މުހިންމު ޝަރުތެކެވެ. އަދި ކޮންމެކަމެއްގައިމެ ﷲ އަށް ވަކީލްކުރުން ޙައްޤުގޮތުގައި ވަކީލްކުރުމަކީ ކާމިޔާބުވުމުގެ މަސްދަރެވެ. ނިކަން ހަނދުމަފުޅުކޮށްލައްވާށެވެ! މޫސާގެފާނު އެކަލޭގެފާނަށް އީމާންވީ މީސްތަކުންނާއިގެން ކަނޑުގެ އައްސޭރިފަށަށް އައިސް ބެދުނުހިނދު ވިދާޅުވި ބަސްފުޅަކީ ކޮބައިތޯއެވެ؟ އެއީ، އެކަލޭގެފާނުންގެ އަޞްޙާބުން ހަމަކަށަވަރުން އެއުރެން ތިމަންމެން އަތުލައިގަންނާނޭ ބުނިހިނދެވެ. އައްޝުޢަރާ ސޫރަތުގެ 62 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. ”އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެނަކުންނުވާނެއެވެ. ހަމަކަށަވަރުން، ތިމަންކަލޭފާނުގެ ވެރިރަސްކަލާނގެ ތިމަންކަލޭގެފާނާއެކު (ނަޞްރުދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ.“

އަދި އަޅުގަނޑުމެންގެ މާތް ނަބިއްޔާ އަބޫބަކުރުގެފާނާއެކު ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި ވަނިކޮށް މުޝްރިކުން އެތަނަށް އައުމުން އަބޫބަކުރުގެފާނުންގެ ހިތްޕުޅުގައި ބިރުވެރިކަން އުފެދުނު ހިނދު ރަސޫލާ ވިދާޅުވި ބަސްފުޅަކީ ﷲ ގެ ކުޅަދުންވަންތަކަމާއި އޯގާވަންތަކަމާއިމެދު އެކަލޭގެފާނުންގެ ހިތްޕުޅުގައި އޮތް ޔަޤީންކަން ދޭހަކޮށްދޭ ބަސްފުޅެކެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ، ”އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ.“ (ސޫރަތުއްތައުބާ، 40 ވަނައާޔަތް، ޤުރުއާނުލް ކަރީމްގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، 2007)

ކެތްތެރިވާށެވެ!

ދުނިޔޭގައި ކާމިޔާބު ލިބިފައިވާ މީހުންނަކީ ކެތްތެރިކަމާއެކު މަސައްކަތްކުރާ މީހުންނެވެ. މިއީ ޙަޤީޤަތެވެ. އަދި، އީމާންވީމީހުންގެ ތެރެއިން އާޚިރަތުގައިވެސް ކާމިޔާބުލިބޭނޭ މީީހުންނަކީ ހަމަ ކެތްތެރީންނެވެ. ތިބާއަށް މުޞީބާތެއް ޖެހިއްޖެހިނދު އެ މުޞީބާތުގެ ރަނގަޅުފަޅިއަށް ތިބާ ވިސްނާށެވެ. ތިބާ އެމުޞީބާތަށް ކެތްތެރިވުމުގެ ސަބަބުން ހުރި އަޖުރު ތިބާއަށް މާބޮޑުވާނެއެވެ. އަދި، ﷲ ތިބާއަށް އެފަދަ ކަމެއް މެދުވެރިކުރެއްވި ޙިކްމަތް ތިބާއަކަށް ނޭނގެއެވެ. ތިބާއަށްހުރި އެންމެ މޮޅުގޮތް ދެނެވޮޑިގެންވަނީ މާތް ﷲއެވެ. މާތް ﷲ ސޫރަތުލް ބަޤަރާގެ 216 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. ”އަދި ތިޔަބައިމީހުން ނުރުހޭކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިިޔަބައިމީހުން ރުހޭކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ.“ އެހެންކަމުން، އަޅުގަނޑުމެން ނުރުހޭ ކަމެއް ނުވަތަ އަޅުގަނޑުމެންނަށް ގެއްލުމެއް، ދެރައެއް މެދުވެރިވުމުން އަޅުގަނޑުމެންނަށް އޮތީ އެކަމަކަށް ކެތްތެރިވެ އެގެއްލުމާއި ދެރައިން އަރައިގަތުމަށް މަސައްކަތްކުރުމެވެ. އަދި އެފަދަ މީހާއަށް އޮތީ ﷲ ގެ ޙަޟުރަތުގައި ދުޢާދެންނެވުމެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ”ނުވަތަ ދަތި އުނދަގޫ ޙާލު ޖެހިފައިވާ މީހާ، އެކަލާނގެއަށް ދުޢާ ކުރާހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުން ލައްވާ ރަސްކަލާނގެ ހެއްޔެވެ؟“ (ސޫރަތުއްނަމްލު، 62 ވަނަ އާޔަތް) އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ”ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.“ (ސޫރަތުލް ޣާފިރު، 60 ވަނަ އާޔަތް).

ކެތްތެރިވުމަކީ ކާމިޔާބު ލިބުމުގެ ސިފައެއްކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ! އަދި، (ދުޝްމަނުންނާއި ހަނގުރާމަކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި، ދުޝްމަނުން އަތުވެދާނޭ މަގުތަކަށް ބަލަބަލާ ޖިހާދުކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.“ ( އާލް ޢިމްރާން ސޫރަތް، 200 ވަނަ އާޔަތް)

ރިފަރަންސް:

  • އަލް ޤުރުއާނުލް ކަރީމްގެ ދިވެހި ތަރުޖަމާ، ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، 2007
  • ޑޯންޓް ބީ ސޭޑް، ޢާއިދު އިބްނި ޢަބްދުﷲ އަލް ޤަރްނީ، ދެވަނަ އެޑިޝަން، ރިޔާދު، 2005
ޝެއަރކުރެއްވުމަށް