ޝަމްސުއްދީނު މުޙައްމަދު ނުވަތަ އިބުނު ބަޠޫތާ (ބަޠޫތާގެ ދަރި) އަކީ މޮރޮކޯގައި އުފެދުނު މުސްލިމު ދަތުރުރުވެރިއެކެވެ. ޢިލްމީ ޢާއިލާ އަކަށް އުފަން އިބުނު ބަޠޫތާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މޮރޮކޯ ނުވަތަ މަޣުރިބު ކަރައިގެ ”ޓެންޖިއާ“ އޭ ކިއުނު އަވަށަކެށެވެ. އެއީ ހިޖުރީ ސަނަތުން 703 ވަނަ އަހަރުގެ ރަޖަބު މަހުން 17 ގައެވެ. މީލާދީ ސަނަތުން 24 ފެބުރުއަރީ 1304 ގައެވެ.
އިބުނުބަޠޫތާ ވަނީދުނިޔޭގެ އެތައް ބައްރުތަކަށް ދަތުރުކޮށް އެޒަމާނުގައި މުސްލިމުވެރިކަމެއް ހިނގާ އެންމެހާ ރަށްތަކަށް ދަތުރު ކޮށްފައެވެ. އަދި މީގެ އިރުތުން ސިލޯނަށާއި ޗައިނާ، ބައިޒަންޓިއަމް (Byzantium) އަދި ސަތުއުތު ރަޝިއާވެސް ހިމެނެއެވެ. އެޒަމާނުގައި އެފަދައިން ދަތުރުކުރި އިތުރު އެހެން އެއްވެސް މީހަކު ނެތެވެ. އިބުނު ބަޠޫތާގެ މިތާރީޚީ އަދި ތަޖުރިބާއިން ފުރިފައިވާ ދަތުރުތަކުގެ އެންމެ ފުރަތަމަ މަންޒިލުތަކަކީ މިސްރު،ސީރިއާ އަދި ހިޖާޒު އެވެ. އިބުނު ބަޠޫތާ ޙިޖާޒު ކަރައިގެ މައްކާގައި އެއްމަސް ދުވަހު މަޑުކުރެއްވިއެވެ. އެއަށް ފަހު މިސްރުގެ އެލެގްޒެންޑްރިއާއަށް ދިޔައެވެ. އެލެގްޒެންޑްރިއާގެ އެކި ސަރަހައްދުތަކަށް ޒިޔާރަތް ކުރުމުގައި ދެތިން ހަފުތާ އެތަނުގައި މަޑުކުރެއްވިއެވެ. އެއަށްފަހު އެއްގަމު މަގުން މިސްރުގެ ކައިރޯ Cairo އަށް ދަތުރު ކުރެއްވިއެވެ. ކައިރޯގައި އެއް މަސް މަޑުކޮށްލެއްވުމަށްފަހު ސީރިއާއާއި ފަލަސްތީނަށް ދަތުރު ކުރެއްވިއެވެ. އަދި ސަލާމާއި ޞަލަވާތް ލެއްވި އިބްރާހީމް ޢަލަޙިއްސަލާމާއި، އިސްޙާޤުގެ ފާނާއި ޔައުޤޫބުގެފާނު ފަސްދާނުލެވިފައިވާ ހިބްރޯން (Hebron)އަށް ދަތުރުކޮށް އެބޭކަލުންގެ މަގުބަރާއަށް ޒިޔާރަތްކުރެއްވިއެވެ. އަދި އެއަށް ފަހު އަލް ޤުދުސް އަށް ދަތުރެއް ކުރެއްވިއެވެ. އަދި އޭގެ ފަހުގައި ސަލާމާއި ޞަލަވާތްލެއްވި ޢީސާ ޢަލައިހިއްސަލާމު އުފަންވެ ވަޑައިގެންނެވިރަށް ކަމަށްވާ ބައިތުލްލަޙަމަށް ދަތުރު ކުރެއްވިއެވެ. އެއަށްފަހުގައި އެނބުރި މަދީނާއަށް ވަޑައިގެން ހަތަރު ދުވަހު މަޑުކުރެއްވުމަށް ފަހު މައްކާއަށް ދަތުރުކޮށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވިއެވެ.
އިބުނި ބަޠޫތާގެ ތާރީޚީ ދަތުރުތަކުގެ ދެވަނު ބުރު ފެއްޓެވީ ޙައްޖުގެ އަޅުކަން ނިމި މައްކާއިން އިރާގުގެ ބަޣުދާދަށް ފެއްޓެވި ދަތުރު ފުޅުންނެވެ. އެއީ މީލާދީ ގޮތުން 17 ނޮވެމްބަރު 1326 ގައެވެ. މިފަހަރު ދަތުރު ކުރެއްވީ ބަޣުދާދު، ތަބުރީޒު، މޫސަލް އަދި މަރުދިން ނަށެވެ. ބަޢުދާދަށް ވަޑައިގެން އިރާގުގެ ނަޖަފަށް ދަތުރުކޮށް މާތްﷲ ރުއްސުންލެއްވި ޢަލީގެ ފާނު މަގުބަރާއަށް ޒިޔާރަތް ކުރެއްވިއެވެ. މީގެ އިތުރުންވެސް އެސަރަހައްދުގެ ބައެއް މަޝްހޫރު ރަށްތައް ކަމުގައިވާ އިސްފަހާނަށާއި ޝިރާޒަށް ވަޑައިގަތުމަށް ފަހު 17 ނޮވެމްބަރު 1326 ގައި އެނބުރި ބަޣުދާދަށް ވަޑައިގަތެވެ. އަދި އެއަށް ފަހު ބަޣުދާދުން އަނެއްކާ ވެސް އެނބުރި މައްކާއަށް ވަޑައިގެން ދެވަނަ ފަހަރަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވިއެވެ. މިފަހަރު އިބުނު ބަޠޫތާ ދެއަހަރެއްވުރެ ގިނަދުވަސް މައްކާގައި މަޑުކުރެއްވިއެވެ. އެއީ ދިނީ ޢިލްމު އުނގެނިވަޑައިގަތުމަށެވެ. މިގޮތުން އިސްލާމީ ޝަރިޢަތާއި ފިގުހު ޢިލްމު ރަނގަޅަށް އުނގެނިވަޑައިގަތެވެ. މީގެ ސަބަބުން އެމަނިކުފާނަށް ފަނޑިޔާރު ކަމާއި ޤާޒީ ކަމުގެ މަތިވެރި ލަގަބު ލިބި ވަޑައިގަތެވެ. އެއަށްފަހު އިބުނު ބަޠޫތާ ވަނީ އިސްލާމީ ރަށްތަކުގައި ދޭތެރެދޭތެރެއިން އުއްތަމަ ފަނޑިޔާރު (ޗީފު ޖަޖު) ކަން ކުރައްވާފައެވެ.
އިބުނު ބަޠޫތާގެ ދަތުރުތަކުގެ ތިންވަނަ ބުރުގައި ދަތުރު ކުރެއްވީ ޔަމަނަށާއި، ސޯމާލިޔާ އަދި ޓެންޒޭނިޔާގެ އޮމާނަށެވެ. މި ޤައުމުތަކުގައިވެސް އެތައް ރަށްތަކަކަށް ދަތުރު ކުރެއްވުމަށް ފަހުގައި އަނެއްކާވެސް އިބުނު ބަޠޫތާ މައްކާއަށް އެނބުރި ވަޑައިގެން ތިންވަނަ ފަހަރަށް ޙައްޖުގެ އަޅުކަން އަދާކުރެއްވިއެވެ.
އެއަށްފަހު ދަތުރުގެ ހަތަރުވަނަ ބުރުގެ މިސްރާބު ޖެއްސެވީ ކޮންސްޓެންޓިނޮޕްލް (Constantinople) މިހާރުގެ ނަމަ ތުރުކީގެ އިސްތަންބޫލު، އަދި މެދުތެރެ އޭޝިއާ އަށެވެ. އެއަށް ފަހު އެނބުރި މައްކާއަށް ވަޑައިގެންނެވިއެވެ. ނަމަވެސް މިފަހަރު މައްކާގައި މާ ގިނަ ދުވަސްތަކެއް މަޑު ނުކުރައްވައެވެ. ހިޖުރީ ސަނަތުން 1332 ގައި އެމަނިކުފާނުގެ ދަތުރު ތަކުގެ އެންމެ ދިގު ދަތުރަށް ނިކުމެ ވަޑައިގަތެވެ. މިގޮތުން ސީރިޔާއަށް ވަޑައިގެން އެތަނުން ބްލެކް ސީ ހުރަސްކޮށް އެސަރަހަށްދުގެ ގިނަ ރަށްތަކަށް ވަޑައިގެން، (Caspian Sea) ކެސްޕިއަން ކަނޑުން ދަތުރުކޮށްފައި މަޝްހޫރު ސަމަރު ގަންދު އަށާއި ބުޚާރާ އަށް ވަޑައިގަތެވެ. (ބުޚާރާ އަކީ އިމާމް ބުޚާރީގެ އުފަން ރަށެވެ.) މި ދެރަށް ވެސް މިހާރު އޮންނަނީ އުޒްބަކިސްތާނުގައެވެ. މިނޫނަސް އަފްޣާނިސްތާނަށާއި އެސަރަޙައްދުގެ އެހެން ގިނަ ރަށްތަކަށް ވަޑައިގަތެވެ. އެއަށްފަހު އިބުނު ބަޠޫތާ ދަތުރުކުރެއްވީ އިންޑިއާ އަށެވެ. އިންޑުސް ފަރުބަދަ ހުރަސްކޮށް އަފްޣާނިސްތާނުގެ ކާބުލްއާއި ޣަޒްނިއާއި ދޭތެރެއިން އިންޑިއާއަށް ވަދެވަޑައިގަތެވެ.
އެދުވަސްވަރު އިންޑިއާގެ ދިއްލީގައި ވެރިއަކަށް ހުންނެވީ މުސްލިމު ރަސްކަލެއް ކަމަށްވާ ސުލްޠާނު މުޙައްމަދު ތުޢުލަގެވެ. އެރަސްގެފާނަކީ އެދުވަސްވަރު މުޅި ދުނިޔޭގައިވެސް ހުރި އެންމެ މުއްސަނދި ރަސްކަގެފާނު ކަމުގައި ބުނެވެއެވެ. މިރަސްގެފާނު އިބުނު ބަޠޫތާއަށް އެމީހުންގެ އުއްތަމަ ފަނޑިޔާރުކަން ހުށަހެޅުއްވިއެވެ. އަދި އެމާޤާމުގައި އިބުނުބަޠޫތާ ހަ އަހަރު ހޭދަކުރުމަށްފަހު، ޗައިނާގެ ޔުއާނަށް އިންޑިއާއިން ކަނޑައަޅުއްވާފައިވާ އެމްބެސަޑަރެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. ޔުއާނުގައި ސަފީރުކަމުގެ މަޤާމުގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު، އެނބުރި ދިއްލީއަށް ވަޑައިގެން އިންޑިއާ ދޫކުރައްވައި ދިވެހިރާއްޖެއަށް ވަޑައިގަތެވެ. އިބުނު ބަޠޫތާ ދިވެހިރާއްޖެއަށް އައުމުން ދިވެހި ދަޢުލަތުން އެމަނިކުފާނަށް އެބައިމީހުންގެ އިސްފަނޑިޔާރުކަން ހުށަހެޅުއްވިއެވެ. އަދި ދިވެހިރާއްޖޭގެ އިސް ފަނޑިޔާރުގެ މަޤާމު ހަ މަސް ވަންދެއް އަދާކުރެއްވުމަށްފަހު ސިލޯނަށް ވަޑައިގެން އެޑަމްސް ޕީކަށް ދަތުރެއް ކުރިއެވެ. އެދަތުރަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ދިވެހިރާއްޖެ ދޫކުރައްވާ ބަނގްލަދޭޝް އަދި އިންޑޮނޭޝިއާއަށް ދަތުރު ކުރެއްވިއެވެ. އަދި އެދަތުރުގައި އަނެއްކާވެސް ޗައިނާއަށް ވަޑައިގަތެވެ. އެއަށްފަހު ޗައިނާއިން ފުރައިގެން ޢިރާގުގެ ތެރެއިންލާފައި މައްކާއަށް ގޮސް ޙައްޖުގެ އަޅުކަން އަދާކުރެއްވިއެވެ. 1349 ގައި އެނބުރި އަމިއްލަ ޤައުމު މޮރޮކޯއަށް ދަތުރުކުރިއެވެ. އިބުނު ބަޠޫތާގެ އަމިއްލަ ޤައުމަށް ދެވުނުއިރު އިބުނު ބަޠޫތާ އެނބުރިއަންނާނޭ ދުވަހެއްގެ އިންތިޒާރުގައި ތިބި މައިންބަފައިން ނިޔާވިކަމުގެ ފުން ހިތާމާވެރި ޚަބަރާއި އެމަނިކުފާނު ކުރިމަތިލައްވަން ޖެހިވަޑައިގަތުމެވެ.
އެއަށްފަހުގައި އަނެއްކާވެސް އިބުނު ބަޠޫތާ އުތުރު އެފްރިކާއާއި ވިލާތުގެ އަންދަލުސް ސަރަހައްދަށް ދަތުރުފެއްޓެވިއެވެ. ދަތުރުގައި ޓަންގިއާގައި (Tangier) ދެތިން ދުވަހު މަޑުކުރެއްވުމަށްފަހު، އަންދަލުސްގެ ކައިރީގައިވާ މުސްލިމުން ދިރިއުޅޭ ސަރަހައްދެއް ކަމުގައިވާ ޖިބްރަލްޓަރ (Gibraltar) ގެ މުސްލިމުންނާއި ރަސްގެފާނު އަލްފޮންސޯ 11، ހަނގުރާމާ ކުރައްވާ ޚަބަރު ލިބިވަޑައިގެން ވިލާތަށް ދަތުރުކޮށް މުޖާހިދެއްގެ ގޮތުގައި އެރަށުގައި ހަރަކާތްތެރިވިއެވެ. އެއަށްފަހު އަންދަލުސްގެ މުސްލިމުން ދިރިއުޅޭ ރަށެއްކަމަށްވާ ވެލެންސިއާއަށް ދަތުރެއް ކުރިއެވެ.
މިދަތުރުތައް ކުރުކޮށްލުމަށްފަހު އެނބުރި ޤައުމަށް ވަޑައިގެން އަނެއްކާވެސް މާލި އަށާއި އެސަރަހައްދުގައި މުސްލިމުންގެ ވެރިކަން ހިނގާ އެހެން ޤައުމު ތަކަށްވެސް ދަތުރު ކުރެއްވިއެވެ. އެދުވަސްވަރަކީ ދުނިޔޭގައި މުސްލިމުންގެ ބާރު ފުދޭވަރަކަށް ބޮޑު ދުވަސްކޮޅެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އަރަބިއަން ކަނޑާއި ރެޑް ސީ އާއީ ބުލެކް ސީ ގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ވެސް ބޮޑަށް އޮންނަނީ މުސްލިމުންގެ ބާރާއި ނުފޫޒެވެ. އިބުނު ބަޠޫތާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުރު ކުރެއްވީ މީލާދީން 1369 ވަނަ އަހަރުއެވެ. އެއިރު ޢުމުރުފުޅަކީ 65 އަހަރެވެ.
ރިފަރެންސް:
- http://www.arabnews.com/news/451875
- http://www.worldatlas.com/aatlas/infopage/caspiansea.htm
- http://en.wikipedia.org
