ބަބުރު ވަނުމޭ އަޅުގަނޑު މި ނިސްބަތް ކުރަނީ ނިދާފައި އޮއްވައި ކުރިމަތިވާ ބިރުވެރި ކަންތައްތަކަކަށެވެ. ތިޔައިގެ ތެރެއިން ބައެއް ފަރާތްތަކަށް ބަބުރު ވަނުމަކީ ކޮބައިކަން ނޭނގިދާނެއެވެ. ނުވަތަ މިފަދަ ވަހަކައެއް އަޑުނީވި އޮވެދާނެއެވެ. އެހެންނަމަވެސް ބަބުރު ވަނުމަކީ ބައެއް ދިވެހިން ތަޖްރިބާ ކޮށްފައިވާ ކަމެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މިވާހަކަ އެކި ގޮތްގޮތަށް ދައްކައި އުޅެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ބަބުރު ވަނުމަށް އެކި ނަންނަން ބޭނުން ކުރެއެވެ. އެހެނަސް ތަޖްރިބާ ކުރަނީ އެއް ކަންތައްތަކެކެވެ.
ބަބުރަކީ ކޯއްޗެއް؟
ބަބުރު ވަދެފައިވާ ނުވަތަ އެ ތަޖްރިބާ ކޮށްފައިވާ ބައެއް ފަރާތްތަކަށް ކޮންމެވެސް ވަރަކަށް ބަބުރު ފެންނަކަމަށްވެއެވެ. ބައެއް މީހުންނަށް ބަބުރުގެ އަތް ފަދަ ގުނަވަންތައް ފެނިފައި އެބަހުއްޓެވެ. އަނެއް ބަޔަކަށް އެއްވެސް ވަރަކަށް ނުފެއެވެ. އެހެންނަމަވެސް ބަބުރު ކައިރީގައި އުޅޭކަމުގެ އިޙްސާސް ކުރެވެއެވެ. ބަބުރަކީ ކަޅު ބޮޑު އެއްޗެއް ކަމުގައި ބެލެވެއެވެ. ގައިގައި ބޯކޮށް ކެހެރި ފަޅާފައިވާކަމަށް އަޑުއިވެއެވެ. ބަބުރަކީ ނުހަނު ބާރުގަދަ، އެހާމެ އުނދަގޫވެސް ބޮޑު އެއްޗެކެވެ.
ބަބުރު ވަންނަކަން އެނގޭނީ ކިހިނެއް؟
ބައެއް ފަރާތްތަކަށް ބަބުރު ވަދެފައި ދާއިރުވެސް އެވަނީ ކިހިނެއްކަމެއް ނޭނގެއެވެ. އަނެއް ބަޔަކަށް ވަރަށް ފަސޭހައިން އެކަން ދެނެގަނެވެއެވެ. އާންމު ގޮތެއްގައި ބަބުރު ވަންނަނީ ރޭގަނޑު ނިދީގައި އޮއްވައެވެ. ބަބުރު ވަނުމުން ކޮންމެވެސް ވަރަކަށް ހޭވެރިކަންވާނަމަވެސް އަމިއްލަ ކޮންޓްރޯލެއް ނޯވެއެވެ. އަމިއްލަ ނަފްސު ކޮންޓަރޯލް ކުރާނީ އެ ވަންނަ ބަބުރެކެވެ. ވަށައިގެންވާ މާހައުލާއި މާހައުލުގައިވާ ބައެއް އަޑުތައް އިވުނަސް އެއްވެސް ހަރަކާތެއް ނުކުރެވޭނެއެވެ. އަމުދުން ހަޅޭކެއް ނުލެވޭނެއެވެ. ހަށިގަނޑު އެއްވެސް ވަރަކަށް ހަރަކާތް ނުކުރެވުނު ނަމަވެސް ލޮލުގެ ކަޅި ހަރަކާތް ކުރެއެވެ.
ބައެއް މީހުންނަށް ބަބުރު ވަންނަގަޑީގައި ބިރުވެރި ހުވަފެން ފެނެއެވެ. އަނެއް ބަޔަކަށް ބިރުވެރި އަޑުތައް އިވެއެވެ. އަނެއް ބަޔަކަށް ތަފާތު ވަސްތައް ދުވާ ކަމަށްވެސް ވެއެވެ. ކޮންމެއަކަސް ބަބުރު ވަނުމާއެކު މާހައުލު ނާމާން ކޮށްލައެވެ. މީހާ އޮންނާނީ ދެބަ ދޭތެރޭގައެވެ. ރަނގަޅަށް ހޭލެވޭއިރަށް ބަބުރު ރައްކާވެއެވެ. އެހެނަސް އެގަޑީގައި ގަދަ ނިންޖެއް ވެރިވެ ނިންދަވަން އުޅޭކަހަލައެވެ. އެސްފިޔަތައް ލައްޕުވާލައެވެ. ގަދަކަމުން ހޭލަން އުޅުނަސް އެކަންވަނީ އުނދަގޫ ކަމަކަށެވެ. މިފަދަ ގޮތްގޮތް ނިދީގައި އޮއްވައި ކުތިމަތިވާނަމަ އެއީ މިބުނާ ބަބުރު ވަންނަނީއެވެ. އެހެންނަމަވެސް މިއީ ޖިންނި މޮޔަވުން ކަހަލަ ކަމެއް ނޫނެވެ.
އެއްވެސް ގޯނާއެއް ކުރޭތަ؟
އާންމުގޮތެއްގައި ބަބުރު އެއްވެސް ޖިސްމާނީ އަނިޔާއެއް ނުކުރެއެވެ. އެހެންނަމަވެސް ބައެއް މީހުންގެ ގައިގާ ހިފަހައްޓާ ތަންތަން ނުވަތަ އަތްލާ ތަންތަން ނޫފައިގެންފައި ހުންނަކަމަށް ބައެއް މީހުން ބުނެއެވެ. ގިނަބަޔަކަށް މިފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިފައެއް ނުވެއެވެ. ކޮންމެކޮންމެ ރެއަކު ނުވަނަސް ބަބުރު ވަންނަ ރެއެއް ވިއްޔާ ދެ ފަހަރަށް ނުވަތަ އެއަށްވުރެ ގިނައިންވެސް އެރޭ ވަދެފާނެއެވެ. ވަންނަ ރެއެއްގައި އުދަނގޫ އިޙްސާސްތަކެއް ކުރެވޭނެއެވެ. އެރޭގެ ނިދި ޚަރާބުކޮށްލައި މޫޑު ތަޤައްޔަރު ކޮށްލައެވެ.
ބަބުރު ވަންނަނީ ކީއްވެ؟
އަޅުގަނޑު ގްރޭގް 6 ގައި ކިޔަވަމުން ދިޔަ ދުވަސްވަރު ދިވެހި މުދައްރިސް ބުނުއްވީ އިރުއޮއްސޭ ގަޑީ އަތިރިމަތީގައި ގިނައިން އުޅެއްޏާ ބަބުރު ވަންނާނެ ކަމަށެވެ. އަޅުގަނޑާ ބަބުރުގެ ވާހަކަ ހިއްސާ ކުރެއްވި ބައެއް ފަރާތްތަކުން ކިޔައިދިންގޮތުގައި އެގަޑީގައި އަތިރިޔަށް ގޮސް ނޫޅޭ މީސްމީހުނަށް ވެސް ބަބުރުގެ އުނދަގުލާ ކުރިމަތިލާން ޖެހެއެވެ. އަދި ބައެއް ފަރާތްތަކުން ޤަބޫލު ކުރާގޮތުގައި އާއިލީ ގޮތުން ވެސް އެކަން ވާރުތަ ކޮށްފާނެއެވެ. ޤަބޫލު ކުރެވޭގޮތުގައި މިއީކީ މީހާގެ ޒާތީ ދިރިއުޅުމަކާ ނުވަތަ އުޅޭގޮތަކާ މާބޮޑު ގުޅުމެއް އޮންނަ ކަމެއް ނޫނެވެ. ނުވަތަ ފަންޑިތަވެރިކަމަކާވެސް ގުޅުމެއް އޮންނަ ކަމެއް ނޫނެވެ. ޔަޤީންވާކަމަކީ ބަބުރު ވަންނަންޖެހޭ ސަބަބެއް އޮތަސް ނެތަސް އެ ތަޖްރިބާ ކޮށްފައިވާ މީހުން އެބަ އުޅޭކަމެވެ.
މިކަމަށް މައިތިރިއެއް ވޭތަ؟
އުޅޭތަން ނުވަތަ މާޙައުލު ބަދަލު ކޮށްލުމުން ބަބުރުގެ އުނދަގުލުން ވަގުތީ ގޮތުން ސަލާމަތްވެއެވެ. ބަދަލުވާ ރަށެއް ނުވަތަ ތަނެއް އަލުން ހޯދުމަށް ބަބުރަށް ވަގުކޮޅެއް ބޭނުންވާކަމަށް ވެއެވެ. ބައެއް މީހުންނަށް އެންމެ ރަނގަޅު މައިތިރި އަކީ ކީރިތި ޤްރުއާނެވެ. ކޮޓަރީގައި ޤްރުއާން ޖަހާފައި ހުރިއްޔާ ނޫންނަމަ ކޮޓަރީގެ ކޮންމެވެސް ހިސާބެއްގައި ޤްރުއާނުގެ އާޔަތްތަކެއް ފެންނަން ހުންނަ ނަމަ އެސޮރުގެ އުނދަގުލާ ކުރިމަތި ލުމުގެ ފުރުޞަތު ކުޑަކަމަށް މިކަން ތަޖްރިބާ ކޮށްފައިވާ ބައެއް ފަރާތްތަކުން ދެކެއެވެ. އެހެންނަމަވެސް ދާއިމީ ހައްލެއްގެ ވާހަކައެއް އަޅުގަނޑު އަޑެއް ނާހަމެވެ.
ބަބުރުގެ ހަޤީގަތަކީ ކޮބާ؟
ސިހުރު ފަންޑިތަ ހާހޫރަ ޤަބޫލު ކުރައްވަނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ؟ ޖިންނި ޝައިޠާނުން ވުޖޫދުގައި ވާކަން ޤަބޫލު ކުރައްވަނީ ކިތައް ބޭފުޅުންތޯއެވެ؟ އަޅުގަނޑަކީ މިފަދަ ކަންތައްތަކާ ވާހަކަތަކަށް ޖޯކުޖަހާ އުޅޭ މީހަކީމެވެ. އެހެންނަމަވެސް ޖިންނި ޝައިޠާނުން ވުޖޫދުގައި ވާކަން ޚުދު އަޅުގަނޑު ވެސް ޤަބޫލު ކުރަމެވެ. އެއްވެސް މުސްލިމަކަށް އެކަން ދޮގެއް ނުކުރެވޭނެއެވެ. ފަންޑިތަވެރިކަމަށް ވެސް އޮތީ ހަމަ އެއް ހުކުމެކެވެ.
އެހެންނަމަވެސް ބަބުރު ވަނުމާމެދު އަޅުގަނޑުގެ ވިސްނުން ދެ ގޮތަކަށް މިހާރު ވަނީ ބައްޓަން ކުރެވިފައެވެ. އެއްގޮތަކީ ކުޑައިރު އަޅުގަނޑު ޤަބޫލުކުރާ ބީދައިން ބަބުރު އައިސް އުޅެއުޅެފައި ދާކަމަށް ޤަބޫލު ކުރެވިފައިވާ ޤަބޫލު ކުރެވުމެވެ. އަނެއް ގޮތަކީ ތަންކޮޅެއް ޢިލްމީ ނަޒަރަކުން މިކަމާމެދު ދެކުމެވެ. އަޅަނޑުގެ ވިސްނުން މިހާރު ބޮޑަށް ހުރީ ބޯދާ ވިސްނުމަކަށްވުރެ ބޮޑަށް ޢިލްމީ ނަޒަރިއްޔާތަކާ ދިމާއަށެވެ. އެހެނީ ނިދީގައި ހަރަކާތް ގެނެވޭ ގޮތަކުން ނުވަތަ ނިދާފައި އޮވެވޭ ގޮތަކުން ދިމާވާ ކަމެއް ކަމުގައިވުން އެކަށީގެންވެއެވެ. ނިދީގައި ނާރެއް ފިތި، ސިނކުޑިއަށް އޭގެ އަސަރުކޮށް މިފަދަ ގޮތްތަކެއް މެދުވެރި ވެދާނެކަމަށް ބެލެވެއެވެ. އަޅުގަނޑުގެ ވެސް މިހާރުގެ ވިސްނުމަކީ އެއީއެވެ. އެހެންނަމަވެސް މިކަމަށް މިއަށްވުރެ ފުން ދިރާސާއެއް ކުރަން ޖެހޭކަމަށް ޤަބޫލު ކުރަމެވެ.
