ދިވެހިސިފައިންނަކީ، ސިފައިން އަދާކުރަންޖެހޭ އެންމެހާ ވާޖިބުތައް އަދާކޮށް، އުފުލަންޖެހޭ މަސްއޫލިއްޔަތުތައް ޒިންމާދާރުގޮތެއްގައި އުފުލަމުންދާ ބައެކެވެ. އެއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، އިސްލާމްދީނާއި، ދިވެހިރާއްޖެ ދިފާޢުކުރުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަންމަތީގައި ދެމިތިބި ބައެކެވެ. ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތް ކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާން ޖެހިއްޖެ ޙާލަތެއްގައި ޤުރުބާންވުމަށް ދިވެހި ސިފައިން ތިބެނީ މާތްﷲ ގަންދީ ހުވާކޮށްގެންނެވެ. ތާރީޚަށް ބަލާއިރު، ފެންނަންއޮތް ޙަޤީޤަތަކީ ދިވެހި ސިފައިން އެކަން ސާބިތުކޮށްދީފައިވާކަމެވެ.
މީލާދީން 1892 ވަނަ އަހަރުގެ އެޕްރީލުމަހުގެ 21 ވަނަ ދުވަހު، ދިވެހި ސިފައިން އުފެދުނެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ދީނާއި ޤައުމުގެ ޙައްޤުގައި ސިފައިންގެ އެތައް ބަޔަކު ޖިހާދުކޮށް ޝަހީދުވެއްޖެއެވެ. ޤައުމީ ޚިދުމަތުގައި ސާބިތުކަމާއެކު މަސައްކަތް ކުރަމުން ދަނިކޮށްނާއި، ސިފައިންގެ ޑިއުޓީގަޔާއި ތަމްރީނު ތަކުގައި އުޅެނިކޮށް އެތައް ސިފައިންެނެއް ޝަހީދުވެއްޖެއެވެ. މީގެއިތުރުން ޤައުމަށް ދިމާވި ކޮންމެ ބޮޑުކަމެއްގައި ފަސްނުޖެހި ކެރިގެން ކުރިމަތިލައި، ދިވެހި ސިފައިން އަންގައިދީފައިވަނީ އެއީ އިސްލާމްދީނާއި، ދިވެހި ރައްޔިތުންނާއި މި ލޮބުވެތި ވަޠަން ދެކެ އިންތިހާއަށް ލޯބިވާ ބައެއްކަމެވެ. ސިފައިން އުފެދުނުފަހުން ރާއްޖެއަށް ކުރިމަތިވި ކޮންމެ ޢުދުވާނަކާ ކެރިގެން ކުރިމަތިލައި، ﷲގެ ވާގިފުޅާއެކު ޤައުމަށް ވަނީ ނަޞްރު ހޯދައިދީފައެވެ. ދިވެހި ސިފައިން އުފެދުނުފަހުން، ތާރީޚުގައި ރާއްޖެ ދެކެފައިވާ ކަހަލަ ބޭރު ޤައުމެއްގެ އަޅުވެތިކަމެއްގެ ތެރެއަށް ރާއްޖެއާއި ދިވެހިރައްޔިތުން ވެއްޓިގެން ދިއުމަށް ދޫކޮށްލާފައެއް ނުވެއެވެ.
ކޮންމެ ޤައުމަކަށްވެސް މިނިވަންކަމާއެކު ދެމިއޮވެވެނީ އެ ޤައުމެއްގައި އެ ޤައުމުދެކެ ލޯބިވާ ދަރިންތަކެއް ތިބެެގެންނެވެ. ޤައުމަށް ދިމާވާ ދުއްތުރާތަކާ ކެރިގެން ކުރިމަތިލައި، އަމިއްލަ ފުރާނަވެސް ޤައުމަށްޓަކައި ޤުރުބާންކުރަން ކެރޭ ދަރިންތަކެއް ތިބެގެންނެވެ. ދިވެހިސިފައިންގެ ލަޝްކަރަކީ އެފަދަ ލަޝްކަރެކެވެ. ސިފައިން އުފެދުމުގެ ކުރިން އެކިއެކި ނަންނަމުގައި ދިފާޢީ ލަޝްކަރުތައް ރާއްޖޭގައިވެސް އޮތެވެ. ޒަމާނާއި ހާލަތާއި ގުޅޭގޮތުން އެ ލަޝްކަރުތަކާ ދައުލަތުން ހަވާލުކޮށްފައިހުރި މަސްއޫލިއްޔަތުތައް ކުޑަކޮށް ތަފާތުވިޔަސް އެ ލަޝްކަރުތަކުގެވެސް މައިގަނޑު މަޤްޞަދަކީ އެކައްޗެކެވެ. އެއީ ދިވެހި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމެވެ. ޤާނޫނު އަސާސީ ވުޖޫދަށް އައިފަހުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ޙިމާޔަތްކޮށް ރައްކާތެރިކުރުމެވެ. އަދި ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސިޔާދަތު ޙިމާޔަތްކޮށް ދިފާޢު ކުރުމެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ ޤާނޫނާ ޚިލާފު ކޮންމެކަމަކުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ޙިމާޔަތް ކުރުމެވެ. ދިވެހި ދައުލަތަށް ދިމާވާ ކުއްލި ޙާލަތްތަކުގައި އަވަސް އަދި ކުއްލި ޚިދުމަތް ފޯރުކޮށްދިނުމެވެ.
ރާއްޖޭގައި ސިފައިން އުފެދުނީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮއްވައެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި އިންނެވީ އައްސުލްޠާން އިބްރާހީމް ނޫރައްދީނެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ ހޭދަވި ދިގު މުއްދަތުގެ ތެރޭގައި ”ހިމާޔަތް“ ދެމުން ދިޔައީ އިނގިރޭސީން ހިތުހުރި ގޮތަކަށެވެ. ހިމާޔަތުގެ އެގްރީމެންޓްގައި ލިޔެފައިވާ އެއްޗެކަށް ބެލުމެއްނެތިއެވެ. އިނގިރޭސީންގެ ހިމާޔަތުގައި އޮތް ދުވަސްވަރު، ދިވެހި ސިފައިންނަށް ޤައުމުގެ ދިފާޢުގައި ސިފައިންކުރި ފުރަތަމަ ހަނގުރާމައަށް ނިކުންނަން ޖެހުނެވެ. އެއީ ޕިޗޯރީންނާ ދެކޮޅަށް 1909 ވަނަ އަހަރު ކުރި ހަނގުރާމައެވެ. ވެލާނާގޭ މުޙައްމަދުދީދީ ޕިޝާވަރުން ހަތިޔާރާއެކު ކުލީ ސިފައިން ގޮވައިގެން ރާއްޖެއައިސް ރާއްޖޭގައި އުފެދިފައިއޮތް ޤާނޫނީ ސަރުކާރު ބަދަލު ކޮށްލުމަށްކުރި ބަޣާވާތެވެ. ދުޝްމަނުން މާލެއަށް ހަމާލާދިނުމުގެ ކުރިން މީރުބަހުރު އިސްމާޢީލްދީދީގެ ވެރިކަމުގައި ދިވެހި ލަސްކަރު ދުޝްމިނުންނާ ދެކޮޅަށް ހަނގުރާމައަށް މާލެއިން ފުރިއެވެ. ދިވެހި ލަޝްކަރުން ދުޝްމަނުން ބަލިކުރިއެވެ. މީރުބަހުރު އިސްމާޢީލް ދީދީއަކީ ސިފައިންގެ ފުރަތަމަ ކޮމާންޑަރެވެ. މި ހަނގުރާމައިގެ ކޮމާންޑަރެއްގެ ގޮތުގައި ނިކުމެވަޑައިގެންނެވިއިރު ހުންނެވީ މީރުބަހުރު ކަމުގައެވެ.
ޕިޗޯރީންގެ ހަނގުރާމައަށްފަހު ބޭރުގެ ބަޔަކާ ދިވެހި ސިފައިން ހަނގުރާމަ ކުރަން ޖެހުނު ފަހަރަކީ 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއެވެ. އެއީ ސްރީލަންކާގެ ޕްލޯޓް ޖަމާޢަތާއި ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ގުޅިގެން ރާއްޖެއަށްދިން ޓެރަރިސްޓް ހަމަލާއެކެވެ. 80 ވަރަކަށް ތަމަޅަ ހަނގުރާމަވެރިން ޒަމާނީ ހަތިޔާރާއެކު މާލެ ގެނެސްގެން، ދިވެހިންގެ ޤާނޫނީ ވެރިކަން ވައްޓާލަން ޢަބްދުﷲ ލުޠުފީ އިސްވެހުރެ ދިން މި ޢުދުވާނީ ޙަމަލާގައި އޭނާގެ އިތުރުން ދިވެހިންގެ އެތެރެއިން 6 މީހަކު ބައިވެރިވެ، ޤައުމަށް ޣައްދާރުވިއެވެ. އެ ޢުދުވާނީ ޙަމަލާގައި 19 ދިވެހިން ރަޙުމެއްނެތި ޝަހީދުކޮށްލިއިރު، އޭގެ ތެރެއިން 8 ބޭކަލުންނަކީ ސިފައިންނެވެ.
ޕިޗޯރީންގެ ހަނގުރާމައާއި ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ އިތުރުން ސިފައިންނަށް ޤައުމުގައި އަމަންއަމާންކަން ޤާއިމުކޮށް، ސުލްހަ މަސްލަހަތު ހިފެހެއްޓުމަށް ކުރަންޖެހުނު މަސައްކަތްތައް ވަރަށް ގިނައެވެ. އޭގެތެރޭގައި ދެކުނު ގަޑުބަޑަކީ ފާހަގަކޮށްލަން ޖެހޭ ގަޑުބަޑެކެވެ. އެއީ ދުނިޔޭގެ އަސްކަރީ ވަރުގަދަ ބާރެއްކަމުގައިވާ އިނގިރޭސި ސިފައިން ރާއްޖޭގައި ތިބެގެން، އެމީހުންގެ ރޭވުމާއި، އިރުޝާދާއި، އެހީތެރިކަން ދީގެން ހިންގުވި ވަރަށް ހީލަތްތެރި އަދި އެހާމެ ނުރައްކާތެރި ގަޑުބަޑެކެވެ. މި ގަޑުބަޑުގައި ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅު ގުޅިގެން ”ޔުނައިޓެޑް ސުވާދީވް އައިލެންޑްސް“ގެ ނަމުގައި އާ ދައުލަތެއް 1959 ޖެނުއަރީ 1 ވަނަ އިޢުލާންކުރިކުރިއެވެ. މިއީ ދިވެހިންގެ ބަޔަކު ދިވެހި ދައުލަތުން ނެއްޓި، ވަކިވެގަތުމަށް އަމިއްލައަށް ކުޅަ ހަމައެކަނި މަސައްކަތެވެ. މި ހައްސާސީ މައްސަލަ ހައްލުކޮށް، ދިވެހި ދައުލަތުން ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާރިކުރީ ދިވެހި ސިފައިންގެ ހިތްވަރުގަދަ ޤުރުބާނީއާ އެކުގައެވެ. ދިވެހި ރައްޔިތުންނާ ދެކޮޅަށް ސިފައިން ހަތިޔާރު އުފުލަން މަޖުބޫރުކުރުވި މި ގަޑުބަޑު މުޅިން ނިމިގެންދިޔައީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ހޯއްދަވައި ދެއްވުމުންނެވެ.
މިނިވަންކަން ދެމެހެއްޓުމުގައި ސިފައިންގެ ދައުރު، މި ވޭތުވެދިޔަ ތަނުގައި ސިފައިންވަނީ ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ. ބޭރުގެ ފަރާތްތަކާއި ދިވެހިންގެ ތެރެއިން ޤައުމަށް ޚިޔާނާތްތެރިވި ޚާއިނުންނާ ގުޅިގެން ދިން ވަރުގަދަ ހަމަލާތަކާއި، ވެރިކަމުގެ ދަހިވެތިކަމުގައި ޤައުމުގެ އެތެރޭގައި ގަޑުބަޑު އުފައްދައި، ވެރިކަން ޣައިރުޤާނޫނީ ގޮތުން ހޯދައި، ޤާނޫނުގެ ވެރިކަން ނެތިކޮށްލަން ކުރި ކޮންމެ މަސައްކަތެއްގައި ދިވެހިސިފައިން ސާބިތުކޮށްދިނީ ސިފައިންގެ މުހިންމުކަމެވެ. ސިފައިންގެ ޢަޒުމާއި ހިތްވަރެވެ. ދީނީ ލޯތްބާއި ޤައުމީ ރޫޙެވެ. މޮޓަރުބޯޓުގެ ގަޑުބަޑާއި، ހިންނަވަރު ގަޑުބަޑާއި، ވޯރާވިޔަފާރިވެރިންގެ ހަޅުތާލާއި، ހެންވޭރު ގަޑުބަޑާއި، އުތުރު ގަޑުބަޑުގައެވެ. ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ވެރިކަމުން ދުރުކުރުމާގުޅިގެން އުފެދުނު ހަމަނުޖެހުންތަކާއި، ބޮޑުބުރާސްފައްޗާއި ކުޑަބުރާސްފައްތާއި، މާޝަނަރީން ގެނައި ބަޣާވާތުގައެވެ. އީވާން ނަސީމުގެ މަރުގެ މައްސަލައާއި މާފުށީ ޖަލުގައި ބަޑިޖެހި ހާދިސާއާގުޅިގެން މާލެތެރޭގައި ހިނގި ހަމަނުޖެހުންތަކުގައެވެ. އޯގަސްޓް ބާރަތޭރައާއި، ރައީސް މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުން އިސްތިޢުފާ ދެއްވުމާގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތަކުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަވަހަރާކޮށްލުމަށްދިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ދިން ނުރައްކާތެރި ޙަމަލާއާގުޅިގެން ޤައުމުގައި ސުލުހަ މަސްލަހަތު ދަމަހައްޓައި ނެގެހެއްޓުމުގައެވެ. މިއިން ކޮންމެ ހާދިސާއަކާ ގުޅިގެންވެސް ސިފައިން ޤައުމުގެ ޙައްޤުގައި ކޮށްފައިވަނީ އަގުހުރި މަސައްކަތްތަކަކާއި ފަޚުރުވެރި ޚިދުމަތްތަކެކެވެ.
މި ހަދިސާތަކާގުޅިގެން ސިފައިން ހިންގި އޮޕަރޭޝަންތަކާމެދު ސިޔާސީ ތަރާދުގައި ބައެއް ބޭފުޅުންގެ ޚިޔާލު ތަފާތުވިޔަސް، ފެންނަންއޮތް ޙަޤީޤަތަކީ މިއަދު މިނިވަން ޤައުމެއްގެ ގޮތުގައި، އަދި އަމުދުން ސުލްހަވެރި އަމާން ތަނެއްގެ ގޮތުގައި، މި ލޮބުވެތި ވަޠަން މިއޮތީ ކޮންމެވެސް ބައެއްގެ އަގުހުރި ޤައުމީ ޚިދުމަތުން ކަމެވެ. ސިފައިންގެ ތެރެއިން މަދު ބައެއްގެ ފަރާތުން ފެންނަ ނޭދެވޭ ކަމެއްގެ ސަބަބުން މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ ކަމެވެ. ސިފައިން އުފެދުނު ފަހުން ސިފައިންވަނީ ސިފައިންގެ މަސްއޫލިއްޔަތު ފަސްނުޖެހި އަދާކޮށްފައި ކަމަށްވާތީއެވެ. ސިފައިންގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކޮށްފައިވާ ކަމަށްވާތީއެވެ. ސިފައިންގެ ޒިންމާ އެންމެ ފުރިހަމައަށް އުފުލާފައި ވާތީއެވެ.
