މާތް ﷲ އަޅުގަނޑުމެން އިންސާނުން މިދުނިޔެއަށް ފޮނުއްވާފައިވަނީ ޚަލީފާއިންގެ ގޮތުގައެވެ. އެއީ، ދުނިޔެ އާރާސްތު ކުރުމުގެ ބުރަ ޒިންމާ މަތިކުރުމާ އެކުގައެެވެ. އަދި، ކަނޑައެޅިފައިވާ ނިޒާމްތަކެއްގެ ދަށުން، އެކަށަ އެޅިފައިވާ ހަމަތަކެއްގެ މަތީގައި ދުނިޔޭގެ އެންމެހައި ކަންކަން މާތް ﷲ ވަނީ ލައްވާފައެވެ. މިގޮތުން، މި ނިޒާމްތަކުގެ ދަށުން މާތް ﷲ އިރާދަކުރައްވަވާ ގޮތެއްގެ މަތީން ދައުރުވުމާއި، ޙަރަކާތްތަކާއި، ހާދިސާތަކާއި، އުފަލާއި ހިތާމަ މިހެންގޮސް ތަފާތު ކަންކަން މެދުވެރިވަމުން އާދެއެވެ. މިއަށް، ޤުދުރަތުގެ ނިޒާމޭ ކިޔައެވެ. މި ނިޒާމްގެ ތެރެއިން ބޭރުވެވުމެއްނެތި، އިންސާނާއަށް ޖެހިފައިވަނީ ޙަޔާތުގައި މެދުވެރިވާ އެންމެހާ ކަންކަން ތަހައްމަލްކޮށް މިބިން އާރާސްތުކޮށް، އާޚިރަތުގެ މަންޒިލް އުފާވެރިކަމުގެ މަންޒިލަކަށް ހެދުމަށްޓަކައި ދިރިއުޅުން ހެޔޮމަގުގައި ވޭތުކޮށް ނިންމާލުމަށެވެ.

މާތް ﷲ ވަނީ އިންސާނާއަށް ބުއްދިއާއި ޙިކްމަތް ދެއްވާ، ހެވާއި ނުބައި ވަކިކުރުމުގެ ކުޅަދާނަކަން ދެއްވާފައެވެ. އަދި، އެ އިންސާނާއަށް ވަނީ ކަންކަން ކުރުމުގައި އޭނާ ބޭނުންވާގޮތަށް، އޭނާގެ އަމިއްލަ އިޚްތިޔާރަށް ޢަމަލުކުރުމުގެ ބާރުވެސް ދެއްވާފައެވެ. މިގޮތުން، މިއިޚްތިޔާރުގެ ބޭނުންކޮށް، އިންސާނާ ޞާލިޙްކަމާއި މާތް ﷲ ދެއްކެވި ހެޔޮވެގެންވާ މަގު އިޚްތިޔާރުކޮށްފިނަމަ، މިދުނިޔޭގެ ދިރިއުޅުމުގެ އުފަލާއި އަރާމާއި އާޚިރަތުގެ ދާއިމީ ނިޢުމަތް ލިބިގެންދާނެއެވެ. އެކަލާނގެ ތަނަވަސް ރަޙްމަތުގެ ތެރެއިން، ދުނިޔޭގައި އުރެދި ފާފަތައް ކުރަމުންދާ މީސްތަކުންނަށްވެސް ދުނިޔަވީ މަންފާއާއި އުފާވެރިކަން ދެއްވައެވެ. ހަމައެއާއެކު، ޞާލިޙު އަޅުންނަށް ދަތިކަމާއި މުޞީބާތް ކުރިމަތިވަނީ އެކަލާނގެ ނާއިންސާފު ވާތީއެއްނޫނެވެ. މިދެކަމަކީވެސް ޙަޔާތުގެ އިމްތިޙާނެވެ. މި އިމްތިޙާނުން ފާސްވެ ﷲ ގެ ރަޙްމަތް ލިބިގެންދާނެ ދެދުނިޔޭގެ މަންފާ ލިބެނިވި އަޅުންނަކީ، ބުއްދީގެ ބޭނުންކޮށް މާތް ﷲ ރަސޫލުބޭކަލުންނާއި ނަބިއްޔުން މެދުވެރިކޮށް ފޮނުއްވާފައިވާ ތެދުމަގު އިޚްތިޔާރުކުރާ މީހުންނެވެ.   

މާތް ﷲ އަށް އަޅުވެތިވުން

ސޫރަތުއް ރަޢުދުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ. ”އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަ ކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަ ކުރުމުން ނޫންހެއްޔެވެ؟“ (ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، 2007، ޞ. 511). ޝައްކެއްވެސް ނެތްގޮތުގައި، އިންސާނާގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބިގެންދާނީ، އެއިންސާނާ ނެތުމުގެ ތެރެއިން ޚަލްޤުކުރެއްވި ގަދަ ކީރިތިވަންތަ ﷲ سبحانه و تعالى ހަނދުމަކުރި މިންވަރަކުންނެވެ. އިންސާނާގެ ހިތްވެސް ޚަލްޤުކުރެއްވި އިލާހު، އެ އިންސާނާގެ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާހިނދުގައި، އަޅުގަނޑުމެންނަށް އަންގަވާފައި އެވަނީ އިންސާނުންގެ ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަކުރުމުން ކަމަށެވެ. އަދިވެސް މާތް ﷲ ސޫރަތުލް ބަޤަރާގެ 152 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ. ”ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ.“ (ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، 2007، ޞ. 48)

އެހެންކަމުން، މިދުނިޔޭގެ ޙަޔާތް އުފާވެރިކަމާއި ހިތްހަމަޖެހުމުގައި އުޅުމަށްޓަކައި، އިންސާނާގެ އެންމެ މުހިންމު މަޤުޞަދަކަށް ވާންޖެހޭނީ ﷲ ހަނދުމަކުރުންކަން ޔަޤީނެވެ. އާދެ! އެއީ އެކަލާނގެ ހަނދުމަކުރުމަށްޓަކައި އަދާކުރަންޖެހޭ އަޅުކަންތައް އަދާކުރުމުންނޫނީ ޙާޞިލުވާނޭ ކަމެއްނޫނެވެ. މިގޮތުން، އަޅުތަކުން އެންމެ އިސްކަމެއް ދޭންޖެހޭނޭ ކަމަކީ، ފަރުޟު ފަސްނަމާދު ޤާއިމް ކުރުމެވެ. އެނަމާދުން އިންސާނާ ވާގިނޭދޭނަމަ، ދެން ޙަޔާތުގައި އޭނާއަށް އޮންނާނީ ކޮން ކާމިޔާބެއްތޯއެވެ؟ ބަޤަރާ ސޫރަތުގެ 153 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ، ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ!“ (ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، 2007، ޞ. 48).

ކީރިތިޤުރުއާން ގިނަގިނައިން ކިޔެވުމާއި، ﷲ އަށް ގިނަގިނައިން ޒިކުރު ކުރުމާއި ޙަމްދު ޘަނާ ކިއުމާ ދުޢާކުރުމަކީވެސް ﷲ ހަނދުމަކުރުމުގެ ގޮތުން ކުރަންޖެހޭނޭ ކަންކަމެވެ. މިގޮތުން، އިންސާނާގެ ޙަޔާތުގެ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައިވެސް ﷲ سبحانه و تعالى ގެ ރައްކާތެރިކަމުގެ ހިޔަލުގައި ހުރުމަށް މަގުފަހިކޮށްދޭނޭ އެތަކެއް ޒިކުރުތަކާއި ދުޢާތައް މާތް ނަބިއްޔާ صلى الله عليه و سلم ގެ ސުންނަތުން ވާރިދުވެގެން އައިސްފައިވެއެވެ.

ކެތްތެރިވުމަކީ ކާމިޔާބީގެ ފެށުމެކެވެ.

ދުނިޔޭގައި އުޅޭއިރު ތިމާއާ ކުރިމަތިވާ ދަތިއުނދަގޫތަކާއި، ހުރަސްތަކާއި، ހިތާމަތަކާއި، މުޞީބާތްތަކަކީ މާތްﷲ ގެ ތަޤުދީރުގައި ނިޔާކަނޑައެޅި ނިމިފައިވާ ކަންކަމެވެ. އެކަންކަން، އެގޮތަށް ލައްވާފައިވަނީ އިންސާނާ އިމްތިޙާން ކުރެއްވުމުގެ ގޮތުންނެވެ. އެއިމްތިޙާނުން ފާސްވާ މީހުންނަކީ ކެތްތެރިކަމާއެކު އެކަންކަމާއި ކުރިމަތިލާ މީހުނެވެ. ތިމާ ޙާޞިލްކުރަންބޭނުންވާ ކަންކަން ޙާޞިލުކުރުމުގައި މަގުއަލިކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު އެޅޭނީ، އެންމެފުރަތަމަ، ތިމާއާ ކުރިމަތިވާ މިފަދަ ކަންކަމަށް ކެތްތެރިވެގެންނެވެ.

އަލް ޤަރްނީ (2001/2011) ބަޔާންކުރައްވާ ގޮތުގައި، ދިރިއުޅުމުގައި ކާމިޔާބު ހޯދާފައިވާ މީހުންނަކީ، އެމީހުންގެ ކާމިޔާބީ ޙާޞިލުކުރުމުގެ ކުރިން އެތަކެއް ދަތިތަކާއި އުނދަގޫތައް ތަހައްމަލް ކޮށްފައިވާ މީހުންނެވެ. އެހެންކަމުން، ކެތްތެރިކަމުގެ މޭވާއަކީ، ދަތިކަމަށްފަހު ފަސޭހަކަންކަމުގައާއި، ރަނގަޅު ނިމުމެއް މިންވަރުވުންކަމާއި، ﷲގެ ދަރުމަ ލިބުމާއި ފާފަތައް ފޮހެވިގެން ދިއުންކަން ޔަޤީންކުރާ ޙާލު ލިބޭ އެއްޗެކެވެ.

ކާމިޔާބު ޝަޚްޞިއްޔަތުތަކުން މިސާލު ލިބިގަތުން

ދިރިއުޅުމުގެ މެރަތަން ކާމިޔާބުކުރަން އެދޭމީހާ، ކާމިޔާބު މީހުންނަށާއި އެމީހުންގެ ތަޖްރިބާތަކަށް ނަޒަރު ހިންގައި ޢިބްރަތް ޙާޞިލްކުރަންޖެހެއެވެ. މިގޮތަށް ކަންކުރުމުގެ ސަބަބުން ތިމާގެ ޝައުޤުވެރިކަން އިތުވެއެވެ. ކާމިޔާބު މީހުންގެ ސިފަތަކުގެ ތެރޭގައި، ގަދައަޅާ މަސައްކަތްކުރުން، ޝައުޤުވެރިކަން އަދި ރަނގަޅު ގޮތަށް ވިސްނުން ނުވަތަ ޕޮޒިޓިވް ތިންކިންގ ހިމެނެއެވެ. (ޔެގަރ، 2012). ދުނިޔޭގައި، ކާމިޔާބު ޙާޞިލުކުރާ މީހުންނަކީ ގަދައަޅާ މަސައްކަތްކޮށް، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ މީހުންނެވެ. ކާމިޔާބު ޝަޚްޞިއްޔަތުތައް މިސާލަކަށް ބަލާނަމަ އަޅުގަނޑުމެން އެންމެ ފުރަތަމަ ބަލައިލަންޖެހެނީ، މާތް ނަބިއްޔާ މުޙައްމަދު صلى الله عليه و سلم އާއި އެކަލޭގެފާނުންގެ ޞަޙާބީ ބޭކަލުންގެ ރިވެތި ނަމޫނާއަށެވެ. އަދި އެހެނިހެން ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ސީރަތަށެވެ. އެފަދަ ނަމޫނާތަކުން އަޅުގަނޑުމެންގެ ދެދުނިޔެ ކާމިޔާބުކުރާނެ މަގު ފެނިގެންދެއެވެ.

ޝައުޤުވެރިކަމާއި އިޚްލާޞްތެރިކަން

ތިމާ ކުރާ ކަންކަން ޝައުޤުވެރިކަމާއެކު ނުކުރާނަމަ އެކަމެއް ކާމިޔާބުކަމާއެކު ކޮށް ނިންމާލުމަކީ ދަތި އުނދަގޫކަމަކަށް ވާނެއެވެ. ތިމާއަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށް ފަރުވާކުޑަކުރާނަމަ އެކަމުގެ ސަބަބުން ތިމާއަށް ކޮންމެވެސް ދެރަވަރު ކަމަކާއި ކުރިމަތިލާންޖެހެނީ މަދެއްކޮށެއްނޫނެވެ. އެހެންކަމުން، އަޅުގަނޑުމެން ކުރާކޮންމެ ކަމެއްވެސް ކުރަންޖެހޭނީ ކަމަށް ކަމޭހިތައިގެން ފަރުވާތެރިކަމާއެކުގައެވެ. ދުނިޔަވީކަންކަމުގެ އިތުރުން ރޫޙާނީ ނަފްސު ތަރައްޤީކުރުމަށް ކުރާ ކަންކަންވެސް ޝައުޤުވެރިކަމެއްނެތި ކުރާނަމަ އެކަމަކުން އެދެވޭ މަންފާއެއް ނުލިބޭނެއެވެ. އަދި ހަމަ އެހެންމެ ކުރާ ކަންކަމުގައި އިޚްލާޞްތެރިކަމެއް ނެތްނަމަވެސް ގިނަފަހަރު ތިމާގެ ދިރިއުޅުމުގެ ވަކި ހިސާބަކުން އެކުރެވުނު ކަމަކާއިމެދު ހިތާމަކުރަންޖެހޭތަން އާދެއެވެ. އެ އިޚްލާޞްތެރިކަން ފެށޭ ހިސާބަކީ ތިމާގެ ނަފްސެވެ. އެންމެ ފުރަތަމަ އަމިއްލަ ނަފްސަށް އިޚްލާޞްތެރިވާންޖެހެއެވެ. ނަފްސަށް އިޚްލާޞްތެރި ތެދުވެރި މީހެއްގެ ދެންހުރި ޢަމަލުތައް ސީދާމަގުގައި ސާބިތުވެ ހުންނާނެއެވެ.

ދިރިއުޅުމަކީ ކުރުއެއްޗެކެވެ.

އިންސާނާގެ ޙަޔާތަކީ އޭނާ ހީކުރާހާ ދިގު އެއްޗެއްނޫނެވެ. މިއަދަކީވެސް ތިމާ އެންމެ ފަހު ނޭވާލާންޖެހޭ ދުވަސްކަމުގައި ވެދާނެއެވެ. އެހެންކަމުން، އިންސާނާގެ ޢަމަލުތައް ބައްޓަންކުރަންޖެހޭނީ ކޮންމެ ވަގުތެއްގައިވެސް ލޯމަރާލަންޖެހިދާނެ ކަމަށް ބަލައިގެންނެވެ. މިކަންކުރެވޭނީ، ތިމާއަށް ލިބިފައިވާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ. ވަގުތު ބޭކާރުގޮތުގައި ހޭދަކުރާނަމަ ޙަޔާތުގައި ތިމާއަށް މާބޮޑުކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. މިއަދު މަޖާކޮށްލުމަށްފަހު މާދަމާ ކުރަން މުހިންމު ކަންކަން ބަހައްޓާނަމަ އެއީ ތިމާއަށް ކުރެވޭ ވަރަށް މޮޔަކަމެކެވެ. މަރު އައިސް ތިމާއާއި ކުއްލިޔަކަށް ބައްދަލުކޮށްފާނެއެވެ. ގަދަވެ ސަލާމަތުންތިބި މީހުން ކުއްލި ހާދިސާއެއްގައި ދުނިޔެއާއި ވަކިވާންޖެހެނީ މަދެއްކޮށެއްނޫނެވެ. އެހެންކަމުން ކާމިޔާބު މީހަކަށް ވުމަށްޓަކައި، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް މަސައްކަތްކުރަން ޖެހެއެވެ.

ރަނގަޅު އާދަތަކަށް ލޯބިކުރުން

ރަނގަޅު އާދަތަކަކީ ތިމާއަށް އުފާވެރިކަން ގެނެސްދެނިވި ކަމެކެވެ. ހަމަ މިފަދައިން، ނުބައި ޢަމަލުތަކާއި އާދަތަކުގެ ސަބަބުން، ތިމާގެ ހިތަށް ނުތަނަވަސްކަން ގެނުވައެވެ. ރަސޫލާ صلى الله عليه و سلم ގެ ޙަދީޘް ބަސްފުޅެއްގެ މާނާގައި ވެއެވެ. ”ތިމަންކަލޭގެފާނަށް އެންމެ ލޮބުވެތި އަދި ޤިޔާމަތް ދުވަހުން ތިމަންކަލޭގެފާނާއި އެންމެ އަރިހުގައި އިށީނދެ އިންނާނީ ކާކުކަން ބުނެދެންހެއްޔެވެ؟ އެއީ، ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ.“ (މުސްނަދު އަޙުމަދު، 6696.) އިލިޔާސް (2014). އެހެންކަމުން ޙަޤީޤީ ކާމިޔާބު ލިބޭނީ ރިވެތި އަޚްލާޤުގެ ވެރިބަޔަކަށް ވެގެންކަން ޔަޤީނެވެ. މީގެ އިތުރުން، މާތް ﷲ އަށާއި ތިމާއަށް އެހީތެރިވާ މީހުންނަށް ޝުކުރުވެރިވާން އާދަކުރުމަކީވެސް މުހިންމު ކަމެކެވެ. އަދި، އަނެކުންނަށް އެހީތެރިވުމާއި، އިޙްތިރާމް ކުރުމާއި، ރިވެތިބަހުން ވާހަކަދެއްކުމާއި، ކެތްތެރިވުމާއި، ރުޅިކޮންޓްރޯލް ކުރުމާއި، ޣީބަނުބުނުމާއި، ނެތިމޮށުމުގެ އާދައިން ދުރުވުންފަދަ ކަންކަން އަށަގަންނުވައިގެން މެނުވީ ކާމިޔާބީ ޙާޞިލެއްނުކުރެވޭނެއެވެ.

ފަޤީރުކަމަށް ހިތާމަ ނުކުރާށެވެ!

ތިމާގެ އަތްމަތި ދަތިވީތީ އެކަމަށް ހިތާމަ ނުކުރާށެވެ. އަދި އެކަމާ ޝަކުވާކޮށް ނުހަދާށެވެ. ފަހަރުގައި، އެފަޤީރުކަމަކީ، ތިމާއަށް ﷲ ގެ ޙަޟުރަތުން ހުރި ނިޢުމަތެއްގެ ނިޝާނަކަށްވެސް ވެދާނެއެވެ. އެކަމަށް ތިމާ ކެތްތެރިވެއްޖެނަމައެވެ. މުޞީބާތެއް މެދުވެރިވުމުން ކެތްތެރިވުންވެސް ހަމަ މިފަދައެވެ. ތިމާއަށް ފަޤީރުކަން ތަހަންމަލް ކުރަންޖެހުމަކީ ތިމާ ސުވަރުގެއަށް ދިއުމަށް މެދުވެރިވާ ސަބަބަކަށްވެސް ވެދާނެއެވެ. އެއީވެސް، އެ ފަޤީރުކަމަށް ތިމާ ކެތްތެރިވެއްޖެ ނަމައެވެ. ތިމާ މުދާވެރިވެއްޖެނަމަ މާތް ﷲ އަޅުގަނޑުމެން އެހެނިހެން މީހުންނަށްޓަކައި އަދާކުރަންޖެހޭ ޙައްޤުގެ ޒިންމާ ބޮލުގައި އެޅިގެންދެއެވެ. ފަހަރުގައި، ތިމާ ފަޤީރުކަމުގައި ލައްވާފައިވަނީ، ތިމާ މުއްސަނދިވެއްޖެނަމަ އެވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވިދާނެތީ ކަމުގައިވެސް ވެދާނެއެވެ. އެހެންކަމުން، މުދަލުގެ ޙައްޤުވެރީންގެ ބައި އަދާނުކުރެވި ނަރަކަވަންތަ ވެރިއެއްކަމުގައި ވުމަށްވުރެ ފަޤީރުކަމުގައިހުރެ، ކެތްތެރިކަމުގެ މޭވާއެއްގެ ގޮތުގައި ސުވަރުގެ ލިބުން މާ ހެޔޮވެގެންވޭ ނޫންތޯއެވެ؟

އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ. އެކަލާނގެއީ އިންސާނާގެ ތަޤުދީރުގައި ވާ ކަންކަން މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ޤަބޫލުކުރަންވީ ކަމަކީ، ކޮންމެ މީހަކަށްމެ ތަޤުދީރުގައި ލިޔެވިފައިވާ ރިޒުޤު އެމީހަކަށް ލިބޭނެކަމެވެ. ހޫދު ސޫރަތުގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. ”ބިމުގައި އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް ﷲ، ރިޒުޤު ނުދެއްވާ އެއްވެސް އެެއްޗެއް ނުވެއެވެ. އެތަކެތި ބިމުގައި އުޅޭތަނާއި، މަރުވެގެން ވަޅުލާތަނެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. މިހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ.“ (ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، 2007، ޞ. 446).

ކާމިޔާބީއަށް އިތުރު ބާރެއް!!

ނަފްސާނީ ޢިލްމުވެރިންނާއި ކާމިޔާބު މީހުން ދެކޭގޮތުގައި، ކަމެއްގައި ކާމިޔާބު ހޯދުމަކީ މާބޮޑުކަމެއްކަމުގައި ދެކިގެން ނުވާނެއެވެ. ކަންކަން އުނދަގޫވުމުން ހިތްވަރު ދޫކޮށްލުމުގެ ބަދަލުގައި، ދިރިއުޅުމުގެ ލަނޑުދަނޑި ވަނީ ވަރަށް ގާތުގައި ކަމުގައި އެފަދަ މީހުން ދެކެއެވެ. އަދި، ދިމާވާ ދަތިތަކާއި އުނދަގޫތަކާއި ކުރިމަތިލާ ކާމިޔާބުކުރުމުގެ ބާރު ކޮންމެ މީހަކަށްވެސް ލިބިގެންވުމަކީ ކާމިޔާބީއަށް ޙާޞިލުވުމުގެ މަގެވެ. (ޔެގަރ، 2012).

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަމުގައި، މާތް ﷲ އަށް ވަކީލުކޮށް އެކަލާނގެ އޯގާވަންތަކަމާމެދު ޔަޤީންކޮށްގެން ކަންކަމާއި ކުރިމަތިލާނަމަ ހިތާމައިން މޯޅިވެގެން އެނބުރި އަންނަ ބަޔަކު ކަމުގައި އަޅުގަނޑުމެން ނުވާނެއެވެ. ދަންނަންވީ ކަމަކީ، ކޮންމެ ޢަމަލެއްގައިވެސް ތެދުވެރި ނިޔަތާއި އިޚްލާޞްތެރިކަން އޮންނަންޖެހޭނެކަމެވެ. ޙަޤީޤީ ހިތްހަމަޖެހުމާއި އުފަލާއި ކާމިޔާބު ލިބޭނީ ﷲ ހަނދުމަކުރުންމަތީ ދެމިތިބެގެންކަމެވެ. މާއްދީ އެދުންވެރިކަމާއި ހަވާނަފްސުގެ އެދުންތަކުން މިންޖުވާންޖެހޭނެކަމެވެ. ރުޅި ކޮންޓްރޯލް ކުރުމާއި ފާފަތަކާއި ދުރުހެލިވުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމެވެ. ފާޑުކިއުންތަކަކީ، ތިމާގެ ނަފްސު އިސްލާޙުކުރުމަށް ލިބޭ ބާރެއްކަމެވެ. މިއީ، ކާމިޔާބާއި އުފާވެރިކަމުގެ މަގަށްވެސް ލިބޭނޭ އިތުރު ބާރެކެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި، މިކަންކަމަށް ސަމާލުކަން ދެވޭނަމަ، ކާމިޔާބާއި އުފަލާއި ހިތްހަމަޖެހުމުގެ ފޮނިމީރުކަމުން ނަފްސަށާއި ހިތަށް ރާހަތުލިބިގެންދާނެކަން ޔަޤީނެވެ. 

ޙަވާލާ:

  • ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، 2007، އަލް ޤުރުއާނުލް ކަރީމްގެ ދިވެހި ތަރުޖަމާ، ދިވެހިރާއްޖެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.
  • އަލް ޤަރްނީ (2001/2011)، ޑޯންޓް ބީ ސޭޑް، (ޝަފީޤް، ތަރުޖަމާ)، ރިޔާދު، ސައުދީ ޢަރަބިޔާ، އިންޓަނޭޝަނަލް އިސްލާމިކް ޕަބްލިޝިންގ ހައުސް. (އަސްލު ފޮތް ޝާއިޢު ކުރީ 2001 ގައި)
  • ޔެގަރ (2012)، ސެލްފް މޯޓިވޭޝަން، ނިއު ދިއްލީ، އިންޑިއާ، ލޮޓަސް ޕްރެސް ޕަބްލިޝާސް އެންޑް ޑިސްޓްރިބިއުޓަރސް.
  • އިލިޔާސް، (2014)، ނިއަރަސްޓް ޓު ﷲ އެންޑް ދަ ޕްރޮފެޓް އިން ދަ ހިއަރއާފްޓަރ، ނެގީ،
  • /http://abuaminaelias.com/nearest-to-allah-and-the-prophet-in-the-hereafter އިން ސެޕްޓެމްބަރ 30، 2015 ގައި.
ޝެއަރކުރެއްވުމަށް