ދިވެހިރާއްޖޭގެ ވަކިވަކި ރައްތަކެއްގައި މީހުން ދިރިއުޅެމުން ގެންދާކަމީ ކޮންމެ ރަށެއްގައިވެސް ސަލާމަތާއި ރައްކާތެރިކަން އިންތިހާއަށް ވިސްނާ ދުރާލާ ފިޔަވަޅު އަޅަންޖެހޭނެ ކަމެކެވެ. ކޮންމެ ރަށަކީވެސް ރިސްކުއޮތް ރަށެކެވެ. އެހެންކަމުން ސަލާމަތީގޮތުން ރައްކާތެރި ވެއްޓެ އޮތުމަކީ ހުރިހާ ދިވެހިންގެވެސް އުފަލެކެވެ. އަދި ފަޚުރެކެވެ. މިކަން ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހެއެވެ. މިގޮތުން ތެލުގެ ބާވަތްތައް އުފުލާ ގެންގުޅެވެނީ ރައްކާތެރިކަމުގެ ގޮތުން އެކަމަށް ދޭންވާ ވަރަށް ސަމާލުކަން އެންމެ ފުރިހަމައަށް ދީގެނެއް ނޫނެވެ. މިކަމަށް ނިމުމަކަށް މިއައީ 2015 އޮގަސްޓް 12 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރުކުރެވުނު ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ޤަވާޢިދުގެ ސަބަބުންނެވެ. މި ގަވާއިދުގެ މައިގަޑު މަޤްޞަދަކީ ތެލުގެ ސަބަބުން ހިނގާ އަލިފާނުގެ ހާދިސާތައް މަދުކޮށް، އެފަދަ ހާދިސާތަކުން މީހުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދިނުމާއި ތެޔޮ ރައްކާކޮށް ގެންގުޅުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އާންމުންނަށް އަންގައިދީ، ހޭލުންތެރި ކުރުމާއި އަދި ތެޔޮވިއްކުމަށް ހަދާ ތަންތަން އެއްމިންގަޑަކުން ސަލާމަތީ ފިޔަވަޅު އަޅައި ރައްކާތެރިކަމާއެކު ތެލުގެ ބާވަތްތައް ވިއްކޭނެ މަގު ތަނަވަސްކުރުމެވެ. މިގަވާއިދުގެ ޖުމްލަ ހަ، ބާބު އެކުލެވިގެންވެއެވެ. އަދި ޖަދުވަލުގެ ގޮތުގައި ކުރެހުންތަކާއި ނިޝާންތަކާއި މިންތައް ގެނެސްފައިވެއެވެ. 

މިގަވާއިދުގެ އެއްވަނަ ބާބުގައި ވަނީ އިދާރީ ބައެވެ. މިބާބުގެ އެންމެ މުހިންމު ކަމަކަށް ބަލައިލައިފައިވަނީ، ގަވާއިދު ތަންފީޒުކުރަން ފަށާއިރު ރާއްޖޭގައި މިމަސައްކަތް ކުރަމުންދާ ފަރާތްތަކަށް ހަމަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ ކަންތައްތަކަކާއި އަދި އެއްއަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރަންޖެހޭ ކަންތައްތަކަށެވެ. އަދި ތެޔޮ ރައްކާކުރަން ހަދާ ތަންތަނުގައި ތެޔޮ ރައްކާކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީއަށް ލިޔެ ހުއްދަ ހޯދަންވާނެކަމަށާއި ޤަވާއިދާއި އެއްގޮތަށްތޯ ބެލުމަށް އެފަދަ ތަންތަން ޗެކްކުރަމުން ގެންދާނެވާހަކައެވެ.

ގަވާއިދުގެ ދެވަނަ ބާބުގައިވަނީ، ތެޔޮބަރުކޮށްގެން އެއްތަނުން އަނެއްތަނަށް ދަތުރުކުރާ އެއްގަމު އުޅަނދުތަކުގެ ވާހަކައެވެ. މިއީ ހަމަސްދުވަހުގެ ތެރޭގައި ފުރިހަމަކުރަންޖެހޭ ކަންތައްތަކަށް ވުމުން މިބަޔަށް އިތުރު ސަމާލުކަންދޭން ޖެހެއެވެ. މިގޮތުން ތެޔޮ ބަރުކޮށްގެން ދަތުރުކުރާ އުޅަނދަށް މައްސަލައެއްޖެހިގެން ހުއްޓާާފައި އޮންނައިރު އުޅަނދުގެ ޑްރައިވަރު ހުންނަން ވާނެކަމަށާއި ޕާކުކޮށްފައި ބާއްވަންވާނީ ސިޓީކައުންސިލުން ނުވަތަ ރަށުކައުންސިލުން ހަމަޖައްސާފައިވާ ތަނެއްގައެވެ. އަދި ތެޔޮ އުފުލާ ވެހިކަލަކުން ތެޔޮލީކުވެއްޖެނަމަ ވަގުތުން އެވެހިކަލެއް މަޑުކޮށް އިގްނިޝަން އޮފް ކުރުމަށްފަހު، މާލޭގައިނަމަ ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް އަންގަންޖެހެއެވެ.

ތިންވަނަ ބާބުގައިވަނީ ޕެޓްރޯލް ރައްކާކޮށްފައި ހުންނަތަންތަނާ ބެހޭގޮތުންނެވެ. މިގޮތުން އެތަންތަން ހަދާފައި ހުންނަންވީ ގޮތާއި ޕެޓްރޯލް ގުދަންކުރާ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމަށްޓަކައި ސަމާލުކަން ދޭންވީ ނުކުތާތައް ފާހަގަ ކުރެވިފައެވެ. ޕެޓްރޯލް އަޅަމުންދާއިރު އިންޖީނު ސްޓާޓްކޮށްފައި ނުވަތަ އިގްނިޝަން އޮން ކޮށްގެން ޕެޓްރޯލް އަޅަައިދިނުމާއި ދުންފަތުގެ އިސްތިޢުލާމްކުރުމާއި އަލިފާން ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި ޕެޓްރޯލް ގެންގުޅެ، ގުދަންކުރާ ތަންތަނުގައި ނުވަ ކިލޯގެ ދެ އަލިފާންނިވި ބޭނުންކުރެވޭ ހާލަތުގައި ބެހެއްޓުމާއެކު ޕެޓްރޯލް ގުދަންތަކުގައި އާންމުންނަށް ފެންނާނެހެން ދިވެހިބަހުންނާއި އިނގިރޭސިބަހުން ”ދުންފަތުގެ އިސްތިޢުމާލު ކުރުންމަނާ“ ”އަލިފާންގެންގުޅުން މަނާ“ ހުޅުހިފާ ދިޔާތަކެތި އަދި ”ޕެޓްރޯލް “ މިހެން ލިޔެފައިވާ ބޯޑުތަކެއް ހުންނަންޖެހެއެވެ. ޕެޓްރޯލް ދޫކުރާ ޑިސްޕެންސަރާއި ފިލިންގ ޕޮއިންޓުކައިރީގައި ޚިދުމަތްދޭން ތިބޭ މުވައްޒަފުންނަކީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ކޯހެއް ފުރިހަމަކޮށް ތަމްރީން ހޯދައިފައިވާ މުވައްޒަފުންނަށް ވާންޖެހޭނެއެވެ.

ހަތަރު ވަނަ ބާބުގައި ވަނީ ޑީސަލާއި ކަރާސީނު ވިއްކާ ތަންތަނާ ބެހޭ ބައިތަކެވެ. މިފަދަތަންތަން ހަދާފައި ހުންނަށްޖެހޭ ގޮތާއި ގުދަންތަކުގައި ގާއިމްކުރަންޖެހޭ އަލިފާނުގެ ނިޒާމާއި އަދި ނިޝާންތަކާއި އެންގުންތައް ހިމެނެއެވެ. މިގޮތުން 3000 ލީޓަރަށްވުރެ ގިނައިން ޑީސަލް ނުވަތަ ކަރާސީން ރައްކާކުރާނަމަ އޮޓަމެޓިކް ފޯމް ޕޯރިންގ ސިސްޓަމް އަދި އޮޓަމެޓިކް ޑްރެންޗަރ ސިސްޓަމް ޤާއިމްކޮށްފައި ހުންނަށް ޖެހެއެވެ. އަދި މިމަސައްކަތް ހަމަސް ދުވަހުގެ މުއްދަތުގައި ފުރިހަމަ ކުރަންޖެހެއެވެ.

ފަސްވަނަ ބާބުގައި ވަނީ، ތެޔޮޓޭންކުތަކުން ފެށިގެން ތެޔޮމިނާ މީޓަރާއި ހަމައަށް ހޮޅިލައިން އެޅުމާބެހޭ ގޮތުންނެވެ. މިގޮތުން ހޮޅިލައިން އަޅަންޖެހޭ ގޮތާއި ހޮޅީގެ ފެންވަރު ބުނެދެވިފައިވެއެވެ.

ހަވަނަ ބާބުގައި ވަނީ ބަސްބަހުގެ މާނައާއި ޖޫރިމަނާ ކުރެވޭނެ އަދަދުތަކެވެ. އަދި ޖަދުވަލު ތަކުގެ ގޮތުގައި ތަންތަން ހެދިފައި ހުންނަ ގޮތާއި އުޅަނދުފަހަރުގައި ހުންނަންޖޭހޭ ނިޝާންތަކާއި އަލިފާންނިވި އިންސްޕެކްޓްކޮށް ރީޗާރޖް ކުރުމާ ބެހޭގޮތުން ތަފްސީލުކޮށް ދެވިފައިވެއެވެ.  

މިގަވާއިދުގެ ސަބަބުން ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާއި ބެހޭ މައުލޫމާތު އެގި، މިމަސައްކަތްކުރާ ފަރާތްތަކަށް ލުއި ފަސޭހައެއް ލިބިގެންދާނެކަމަށް އުންމީދުކުރަމެވެ. ދެންއޮތީ ތަންފީޒުކުރަންފެށުމެވެ. އެހެންކަމުން މިމަސައްކަތް ކުރާ ފަރާތްތަކުން ދުރާލާ ތައްޔާރުވުމަކީ ލިބިގެންދާނެ ފަސޭހައެކެވެ. އަދި ރައްކަލެއް ވެސްމެއެވެ.

ޝެއަރކުރެއްވުމަށް