ޤައުމުތަކުގެ ވެރިންގެ ފޮޓޯގްރާފަރުންނަކީ ވަރަށް ފަޚުރުވެރި ޝަރަފުވެރި ބައެކެވެ. އެހެން މީސްމީހުނަށް ނުލިބޭ ކިތަންމެ ޝަރަފެއް ފޮޓޯގްރާފަރުންނަށް ލިބެއެވެ. ޤައުމުގެ އެންމެ އިސް ވެރިޔާގެ އަރިހުގައި އެންމެ ކައިރިން މަސައްކަތް ކުރުމުގެ ޝަރަފެވެ. ޤައުމުގެ އެންމެ އިސްވެރިޔާގެ އަރިހުގައި ޤައުމާއި ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކޮށް ޤައުމުތަކުގެ އެތައް ވެރިންނެއް ހަމަލޮލުން ފެނުމުގެ ޝަރަފެވެ. ކުރުކޮށް ބުނާނަމަ އެފަދަ ފޮޓޯގްރާފަރަކަށް އެ ލިބުނީ މުޅި ދުނިޔެ ބަލާލުން ފަދަ ފުރުޞަތެކެވެ.

ރާއްޖޭގެ ރައީސުންގެ ފޮޓޯގްރާފަރުންގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެންމެ ހުނަރުވެރި އެއް ފޮޓޯގްރާފަރަކީ އެމްއެންޑީއެފްގެ ފޮޓޯގްރާފަރެއް ކަމުގައިވާ ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީއެވެ. މަޖީދިއްޔާ ސްކޫލުން ތަޢުލީމު ޙާސިލުކުރެއްވުމަށްފަހު ސްޓާފް ސާޖަންޓް މުޙައްމަދު ޢަލީ ސިފައިންގެ ޚިދުމަތާ ގުޅިލައްވާފައި ވަނީ 1995 މާރޗް 20 ވަނަ ދުވަހުގައެވެ.

23 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރެއްވުމަށްފަހު ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ މަސައްކަތް ކުރެއްވީ ޕްރިންޓިންގ އެންޑް ފޮޓޯގްރަފީ (ޕީޕީއެސް)، މިހާރުގެ ނަމުންނަމަ މީޑީއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ފޮޓޯގްރާފަރެއްގެ ގޮތުގައެވެ. ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ އަކީ ޝައުޤުވެރިކަމާއެކު ފޮޓޯގްރަފީގެ މަސައްކަތް އޭރުވެސް ކުރެއްވި ފޮޓޯގްރާފަރެކެވެ. މިގޮތުން ސިފައިންގެ ވެރިޔާގެ ނައިބު ލެފްޓިނަންޓް ޖެނެރަލް ރިޓަޔަރޑް އަންބަރީ ޢަބްދުއްސައްތާރުގެ ފޮޓޯގްރާފެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވިއެވެ. ”ރާއްޖެ ތެރޭގައި ސިފައިންގެ މަރުކަޒުތައް އަޅަމުންދިޔަ ދުވަސްވަރު ސިފައިންގެ ވެރިޔާގެ ނައިބު ލެފްޓިނަންޓް ޖެނެރަލް ރިޓަޔަރޑް އަންބަރީ އަބްދުއްސައްތާރު ރާއްޖެތެރެއަށް ކުރައްވާ ދަތުރުފުޅުތަކަށް، ފޮޓޯގްރާފަރެއް ބޭނުންވެގެން ޕީޕީއެސްގައި އެދިވަޑައިގެންނެވި. އެ ދުވަސްވަރަކީ ޕީޕީއެސްގެ ސީނިއަރ ދެ ފޮޓޯގްރާފަރަކު ޗުއްޓީގައި ތިބި ދުވަސްވަރަކަށް ވާތީ އެފުރުޞަތު ލިބުނީ އަޅުގަނޑަށް.“ ލެފްޓިނަންޓް ޖެނެރަލް ރިޓަޔަރޑް އަންބަރީ ޢަބްދުއްސައްތާރުގެ ފޮޓޯގްރާފަރެއްގެ ގޮތުގައި ހަމަޖެހިގެން ދިޔަގޮތް ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ހާމަކުރެއްވިއެވެ.

މާލެއަށް އުފަން ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ރައީސުންގެ ފޮޓޯގްރާފަރެއްގެ ގޮތުގައި ހަމަޖެހިގެން ދިޔަ ސަބަބަކީ ސިފައިންގެ ވެރިޔާގެ ނައިބުގެ ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމެވެ. ”ރައީސް އޮފީހަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ފޮޓޯގްރާފަރެއް ބޭނުންފުޅުވެގެން ލެފްޓިނަންޓް ޖެނެރަލް ރިޓަޔަރޑް އަންބަރީ އަބްދުއްސައްތާރު އަރިހު ދެންނެވުމުން އަޅުގަނޑުގެ ނަން ހުށަހެޅުއްވީ. ދެން ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެކަން ޤަބޫލުފުޅުކުރައްވާ އަޅުގަނޑު ހަމަޖެއްސެވީ ރައީސް އޮފީހުގެ ފޮޓޯގްރާފަރެއްގެ ގޮތުގައި“ ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ހާމަކުރެއްވިއެވެ. ރައީސް އޮފީހުގެ ފޮޓޯގްރާފަރެއްގެ ގޮތުގައި ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ހަމަޖައްސަވާފައިވަނީ 1999 އޯގަސްޓް މަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން 2008 ވަނަ އަހަރު ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދައުރު ހަމަވުމާ ހަމައަށް ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ މަސައްކަތް ކުރެއްވީ ޗުއްޓީއެއް ސަލާމެއް އަދި ގަޑިއެއް ނުޖެހި އިޚްލާޞްތެރިކަމާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ދަޢުރު ނިމި ޖެހިގެންއައި ދައުރުގައި އިތުރު ފޮޓޯގްރާފަރަކު ރައީސް އޮފީހަށް ގެނެވުނެވެ. އެހާ ހިސާބުން ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީއަށް މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިގެން ދިޔައެވެ. ”ރައީސް އޮފީހަށް އިތުރު ފޮޓޯގްރާފަރަކު ގެނައުމުން ދެން މަސައްކަތް ކުރަމުން އައީ ޝިފްޓް ބަހައިގެން. އަޅުގަނޑު އޭގެ ފަހުން ޗުއްޓީވެސް ނެގިން. އެކަމަކު އެއީ ދިހަ ދުވަސް ނޫނީ ފަނަރަ ދުވަހުގެ ޗުއްޓީއެއް“  ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ހާމަކުރެއްވިއެވެ.

ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ވަނީ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމްގެ އިތުރުން ރައީސް މުޙައްމަދު ނަޝީދާއި، އޭރު ނައިބު ރައީސަކަށް ހުންނެވި ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކާއި އަދި ރައީސް ވަޙީދުގެ ދައުރުގައި ރައީސް ވަޙީދުގެ އިތުރުން އޭރުގެ ނައިބު ރައީސް މުޙައްމަދު ވަޙީދުއްދީންގެ ފޮޓޯގްރާފަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. އަދި ކުރީގެ ނައިބު ރައީސް ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދުގެ ފޮޓޯގްރާފަރެއްގެ ގޮތުގައިވެސް ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ މަސައްކަތް ކުރެއްވިއެވެ.

1999 އޯގަސްޓް މަހުން ފެށިގެން މިހާތަނަށް ވެރިކަން ކުރެއްވި ރައީސުންނާއި ނައިބު ރައީސުންގެ އަރިހުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ވަނީ ދަތުރުކުރައްވާފައެވެ. އަދި ދުނިޔޭގެ ގިނަ ޤައުމުތަކަށްވެސް ރައީސުންނާއި ނައިބު ރައީސުން ކުރެއްވި ދަތުރުފުޅުތަކުގައި ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ވަނީ ބައިވެރިވެލައްވާފައެވެ.

ނިމިގެންދިޔަ އޯގަސްޓް މަހަށް ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ 16 އަހަރު ފުރިފައިވާއިރު ފާއިތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ފްރޮފެޝަނަލް ފޮޓޯގްރާފަރަކަށް ވުމަށް އެތައް ކޯހެއް ފުރިހަމަކުރައްވާ އެތައް ސެމިނަރތަކާއި ވޯކްޝޮޕްތަކެއްގައި ވަނީ ބައިވެރިވެލައްވާފައެވެ. ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ފުރިހަމަ ކުރައްވާފައިވާ ކޯސްތަކަކީވެސް ފޮޓޯގްރަފީ ދާއިރާގެ ކޯސްތަކެވެ. މިގޮތުން ޔޫތު މިިނިސްޓްރީއިން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި ”ކަލަރ ފޮޓޯގްރަފީ“ ކޯސް ފުރިހަމަކުރައްވާ، ރާއްޖެއިން ބޭރުން މިދާއިރާގެ ގިނަ ކޯސްތަކެއް ފުރިހަމަ ކުރެއްވިއެވެ. ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ރާއްޖެއިން ބޭރުން ފުރިހަމަކުރެއްވި ކޯސްތަކުގެ ތެރޭގައި ޔޫކޭގެ އިންޓަރނޭޝަނަލް ކަރެސްޕޮންޑެންސް ސްކޫލުން ފުރިހަމަ ކުރެއްވި ޑިޕްލޮމާއިން ފޮޓޯގްރަފީ، އަދި ނިއުޔޯރކް އިންސްޓިޓިއުޓް އޮފް ފޮޓޯގްރަފީ އިން ”ސަރޓިފިކޭޓް އިން ޕްރޮފެޝަނަލް ފޮޓޯގްރަފީ“ ކޯސް ހިމެނެވެ. މީގެ އިތުރުން ލަންޑަންގެ ސްކޫލް އޮފް ފޮޓޯގްރަފީއިން ”ސަރޓިފިކޭޓް އެކޮމްޕްލިޝްމެންޓް އޮފް ސްޓޫޑިއޯ ޕޯޓްރެއިޓް މާސްޓަރކްލާސް“ ކޯސް ވަނީ ފުރިހަމަ ކުރައްވާފައެވެ. އަދި ނިއުޔޯރކް އިންސްޓިޓިއުޓް އޮފް ފޮޓޯގްރަފީން ”ސަރޓިފިކޭޓް އިން ޑިޖިޓަލް ފޮޓޯގްރަފީ“ ކޯސް ވެސް ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ވަނީ ފުރިހަމަ ކުރަައްވާފައެވެ.

ފޮޓޯގްރަފީ ދާއިރާއިން ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ފާއިތުވި 20 އަހަރުގެ ތެރޭގައި ކުރައްވާފައިވާ ޚާއްޞަ މަސައްކަތްތައް މިފަދަ ކުރު ކޮލަމެއްގައި ހިމަނާ ކޮޅުން ނުލާނެކަން ޔަޤީނެވެ. ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ވަނީ ޔޫއެންގެ ޖެނެރަލް އެސެމްބްލީއާއި ޔޫއެންއިން ބާއްވާ އެހެނިހެން ބައްދަލުވުންތަކާއި އަދި ކޮމަންވެލްތުގައި ހިމެނޭ ޤައުމުތަކުގެ ވެރިންގެ ބައްދަލުވުންތަކާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުންތަކާއި އެތައް ސާރކް ސަމިޓެއްގެ ފޮޓޯގްރާފަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. އަދި އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ސަރުކާރުން ބާއްވާ ރަސްމީ އެތައް ޖަލްސާއެއްގައި ރިޔާސީ ފޮޓޯގްރާފަރަކީވެސް ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީއެވެ.

އާދެ! ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ އަކީ އެމްއެންޑީއެފްގައި ހުންނެވި އެންމެ ސީނިއަރ ފޮޓޯގްރާފަރެވެ. އެންމެ ހުނަރުވެރި ފޮޓޯގަރާފަރެވެ. އަދި އެންމެ ޤާބިލް ފޮޓޯގްރާފަރެވެ. ޕްރޮފެޝަނަލް ފޮޓޯގްރާފަރަކަށް ވުމަށް ކުރި މަސައްކަތުގައި އެންމެ އެހީތެރިކަމެއް ލިބުނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ކަމުގައި ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ހާމަކުރެއްވިއެވެ. ”ރައީސް މައުމޫންގެ ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރިއިރު އަޅުގަނޑު ނަގާ ފޮޓޯތަކާއިމެދު ފާޑު ވިދާޅުވެ ރަނގަޅު ކުރަންވީ ކަންތައްތައް ކިޔައި ދެއްވާ. އޭގެ ސަބަބުން ފޮޓޯގްރަފީ ކެރިއަރގައި ވަރަށް ގިނަ ފިލާވަޅުތަކެއް ދަސްވެގެންދިޔަ“ ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ހާމަކުރެއްވިއެވެ. ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ހާމަކުރައްވާގޮތުގައި ފޮޓޯގްރާފަރަކީ ކިތަންމެ ސީނިއަރ މީހަކަށް ވިއަސް އަދި ކިތަންގެ ގިނަ ދުވަސްވީ ތަޖުރިބާހުރި ފޮޓޯގްރާފަރަކަށް ވިއަސް ކެމެރާ ހިފައިގެން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކީވެސް އޭނާ އިތުރަށް ތަމްރީނުވާ ދުވަހެކެވެ.

ސިފައިންގެ ޚިދުމަތުން ވަކިވެލެއްވި ނަމަވެސް ސްޓާފް ސާރޖަންޓް މުޙައްމަދު ޢަލީ ކެމެރާ ދޫކޮށްލެއްވުމުގެ ވިސްނުމެއް ނެތެވެ.

ޝެއަރކުރެއްވުމަށް