މިއަދު ދުނިޔޭގެ ބައެއް ފުޓްބޯޅަ ކުޅުންތެރިންނަކީ އެމީހުންގެ މުސާރައާއި، އެހެނިހެން ޙަރަކާތްތަކުންނާއި ސްޕޮންސަރ ތަކުން އަހަރެއްގެ މައްޗަށް އެތައް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެމުން އަންނަ މުއްސަނދި ކުޅުންތެރިންނެވެ. މި ލިސްޓްގައި ބަލާލެވިފައި އެވަނީ މިވަގުތު ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އަންނަ 10 ކުޅުންތެރިންނަށެވެ.

ލުއިސް ސުއަރޭޒް  އަދި ފެނާންޑޯ ޓޯރޭޒް

ދުނިޔޭގެ އެންމެ ބޮޑު އާމްދަނީ ލިބޭ ކުޅުންތެރިންގެ ލިސްޓުގެ 10 ވަނައިގައި ދެކުޅުން ތެރިއަކު ހިމެނެއެވެ. ލިވަރޕޫލުން ބާސެލޯނާއަށް ބަދަލުވި އުރުގުއޭގެ ފޯރވާރޑް ލުއިސް ސުއަރޭޒް އަށާއި، ޗެލްސީގައި ރަނގަޅު ކުޅުމެއް ނުދެއްކުނު މިހާރު ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފެނާންޑޯ ޓޯރޭޒް އަށް އަހަރެއްގެ މައްޗަށް 21.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ.

ޔާޔާ ޓޯރޭ

މެންޗެސްޓަރ ސިޓީ ގެ މިޑްފީލްޑަރ ޔާޔާ ޓޯރޭއަށް އާމްދަނީގެ ގޮތުގައި އަހަރަކު 21.7 މިލިއަން ޑޮލަރު ލިބިއެވެ.

ސާރޖިއޯ އަގުއޭރޯ

ލިސްޓުން 08 ވަނަ ލިބެނީ އާރޖެންޓީނާގެ ފޯރވާރޑް ސާރޖިއޯ އަގުއޭރޯ އަށެވެ. ޕްރެމިއަރ ލީގް 2015- / 2014 ގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް އަހަރެއްގެ މައްޗަށް 23.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ.

ވޭން ރޫނީ

އިންގްލޭންޑްގެ އެއް ނަމްބަރު ކުޅުންތެރިޔާ މެންޗެސްޓަރ ޔުނައިޓެޑްގެ ވޭން ރޫނީއަށް އަހަރެއްގެ މައްޗަށް 25.4 މިލިއަން ޑޮލަރު ލިބެއެވެ. ވޭން ރޫނީ އަކީ ޑޭވިޑް ބެކަމްއާއި މައިކަލް އޮވެންގެ ފަހުން އެންމެ ބޮޑު އާމްދަނީ އެއް ހޯދަމުން އަންނަ އިނގިރޭސި ކުޅުންތެރިޔާއެވެ.

ނޭމާ

ރަނގަޅު ފޯމެއްގައި ހުރި ބްރެޒިލްގެ ޤައުމީ ޓީމުގެ ކެޕްޓަން،  ބާސެލޯނާގެ ނޭމާއަށް އަހަރެއްގެ މައްޗަށް 33.4 މިލިއަން ޑޮލަރގެ އާމްދަނީއެއް ލިބެއެވެ.

ފަލްކާއޯ

އެންމެ ބޮޑު އާމްދަނީ ލިބޭ ކުޅުންތެރިންގެ ލިސްޓުން ފަސްވަނާގައި ހިމެނެނީ ކޮލަމްބިއާގެ ފޯރވާރޑް ފަލްކާއޯ އެވެ. ފޯމު ގެއްލިފައި ހުރި ޗެލްސީގެ ފޯވަރޑް ފަލްކާއޯއަށް އަހަރެއްގެ މައްޗަށް 35.4 މިލިއަން ޑޮލަރ ލިބެއެވެ.

ބޭލް

ރެއަލް މެޑްރިޑްގެ ޕްލޭ މޭކަރ ވޭލްސްގެ ގެރެތު ބޭލްއަށް އާމްދަނީގެ ގޮތުގައި އަހަރަކު 36.4 މިލިއަން ޑޮލަރު ލިބެއެވެ. އަންނަ އަހަރު ބޭއްވޭ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ވޭލްސް ކޮލިފައި ކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއަކީ ބޭލް އެވެ.

ޒަލަޓަން އިބްރަހިމޮވިޗް

ޕީއެސްޖީގެ ސްޕަރ ސްޓަރ އިބްރަހިމޮވިޗް އަށް އަހަރެއްގެ މައްޗަށް 40.4 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބެއެވެ. ސްވިޑްންގެ އިބްރަހިމޮވިޗް އަކީ ދުނިޔޭގެ ބޮޑެތި ކްލަބު ތަކުގައި ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.

މެސީ

ބާސެލޯނާއަށް ކުޅެމުން އަންނަ އާރޖެންޓީނާގެ ތަރި އަދި ދުނިޔޭގައި މިވަގުތު ހުރި އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ އަށް އަހަރެއްގެ މައްޗަށް 64.7 މިލިއަން ޑޮލަރގެ އާމްދަނީއެއް ލިބެއެވެ. މިދިޔަ ސީޒަންގައި ބާސާ ހޯދި ކާމިޔާބީތަކުގެ އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއަކީ މެސީ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ

ދުނިޔޭގެ  އެންމެ ބޮޑު އާމްދަނީ ލިބޭ ކުޅުންތެރިންގެ ލިސްޓުން 01 ވަނަ ލިބެނީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމުގައި ހުރި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. ޕޯޗުގަލްގެ ސްޕަރ ސްޓަރ ރޮނާލްޑޯއަށް އާމްދަނީގެ ގޮތުގައި އަހަރެއްގެ މައްޗަށް 80 މިލިއަން ޑޮލަރ ލިބެއެވެ.

ޝެއަރކުރެއްވުމަށް