ރާއްޖޭގެ އާބާދީގެ ނިސްބަތުން ގިނަ ދިވެހީންނަކީ ދުފަތުގެ އިސްތިޢުމާލު ކުރާ އަދި އެކަމަށް އާދަވެފައިވާ ބައެކެވެ. ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންނަކީ މުޖުތަމަޢުގައި ކެރޭ ބައެއްކަމުގައި ނުބަލާ ދުވަސްވަރެއް ވެސް އައެވެ. ބިޑި ސުއްޓާ ބޯމީހުންނަކީ މަޝްހޫރު ބައެއްކަމަށް ދެކި މުޖުތަމަޢުގައި ނަމޫނާ ބައެއްކަމުގައި ޒުވާނުން ދެކުނު ދުވަސްވެސް މާޒީއާއި އެކުވެގެން ހިގައްޖެއެވެ.
ބިޑި ސުއްޓާ ބޯ މީހުންނަކީ އެއަށް ދެވި ހިފާ ބައެކެވެ. ބައެއް މީހުންނަށް ލިބޭ އާމްދަނީން ބޮޑު ބައެއް ދުންފަތަށް ޚަރަދު ކުރާ ކަމީވެސް ގިނަ ބަޔަކު ދަންނަ ކަމެކެވެ. މަދު މީހަކު މެނުވީ އެ ނުބައި އާދަޔާއި ދުރަކަށް ނުދެކެވެ.
ދުވަސްތައް ފާއިތުވެ، ދުނިޔެ ބަދަލުވެ، ތަޢުލީމީ ޒުވާނުން ރާއްޖޭގައި އިތުރުވަމުން ދިއުމާއެކު މީހުން ހޭލުންތެރި ކުރުމަށް ތަފާތު ޕްރޮގުރާމްތަކެއް ސަރުކާރުން ހިންގިއެވެ. އެހެންކަމުން މިނުރައްކާތެރި ވަބާއިން ސަލާމަތްވާނެ ގޮތާއި ދުންފަތުގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތައް ދިވެހީންނަށް އެނގި ހޭލުންތެރިވާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ވިސްނޭ ބައެއް ދިވެހީން ދުންފަތުގެ އިސްތިޢުމާކު ކުރުމާ ދުރަށް ދިޔައެވެ. އެހެނަސް މުޖުތަމަޢުގެ މަދު މީސްކޮޅެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ތިބި ބައެއް ދިވެހީން އެބައިމީހުންގެ ޘަޤާފީ އާދަކާދަ ދޫކުރާތަނެއް ނުފެނެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން އޭގެ ގެއްލުން ފޯރަނީ ހަމައެކަނި އެކަމެއް ކުރާ މީހައަށް އެކަންޏެއް ނޫނެވެ. ދުންފަތުގެ އިސްތިޢުމާލު ނުކުރާމީހާއަށް ވެސް ދުމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ޖެހެއެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. މިއީ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިންވެސް ކަންބޮޑުވާ ކަމެކެވެ. ދުންފަތުން އިސްތިޢުމާލު ކުރާ މީހުންގެ ސަބަބުން ދުންފަތުން އިސްތިޢުމާލު ނުކުރާ މީހުންނަށް ގެއްލުންތައް ވަމުންދާތީ ދުންފަތުން އިސްތިޢުމާލު ކުރާ ސަރަހައްދުތަކެއް ކަނޑައަޅާފައި ހުރެއެވެ. މިއީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ޤައުމުތަކުގައިވެސް ޚާއްޞަކޮށް އޮފީސްތަކުގައި އަމަލު ކުރަމުން އަންނަ ޤަވާއިދެކެވެ.
މިމައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ދިވެހިރާއްޖޭގައި ވެސް މިހާރު ވަނީ ޤާނޫނެއް ވުޖޫދަށް ގެނެވިފައެވެ. އަދި މިޤާނޫ ތަންފީޒުކުރާކަން ވެސް އުފަލާއެކު ފާހަގަ ކުރަމެވެ. ދުންފަތުން އިސްތިޢުމާލު ކުރާ މީހުން ޖޫރިމަނާ ކޮށްގެން ނަމަވެސް ދުޅަހެޔޮ ސިއްޙަތެއްގައި ދިވެހީން ބޭތިއްބުމަށެވެ. އެހެން ނަމަވެސް ދުންފަތުގެ އިސްތިޢުމާލު ކުރާ ބައެް މީހުން މިކަން ކުރަނީ ވަކި ސަރަހައްދެއްވެސް ބަލައިލުމެއް ނެތިއެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އެއާ ވަކިވެގެން ފަޅި ސިކުންތެއްހާ މަދު ވަގުތުކޮޅެއްގައި ވެސް ނޫޅެވޭނެކަމެއް ކަމުގައި ބައެއް ދިވެހީން ދެކެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ހުއްޓުވޭނެ ކަމަކަށް ނުވިކަމުގައި ވިޔަސް މިކަމަކީ ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދިދާނެ ކަމެއް ކަމުގައި އަޅުގަނޑުގެ ކޮށި ސިކުނޑިއަށް ވިސްނެއެވެ. މި ކަމަކީ އޮފީސް ފަދަ މަސައްކަތުގެ މާޙައުލުގައި އަދި ޢާންމުން އެއްވެ އުޅޭ ތަންތާގައި ކުރުން ހެޔޮ ވާވަރުގެ ކަމެއް ނޫނެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގައި ދުންފަތުގެ އިސްތިޢުމާކުރުމާބެހޭ ހަރުކަށި ޤާނޫނުތަކެއް ހަދާފައި އޮވެއެވެ. އޭގެ ތެރޭގައި ދުންފަތާއިބެހޭ ޤާނޫނުތައް ބަރާބަރަށް ތަންފީޒުކުރާ ޤައުމުތަކާއި އެހާ ބޮޑަށް އެޤާނޫނު ތަންފީޒު ނުކުރާ ޤައުމުތައްވެސް ހިމެނެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމާބެހޭ ޤާނޫނު ހަދާފައިވާ ޤައުމުތަކުގެ ތެރެއިން ސިންގަޕޫރުގައި ކަންހިގާގޮތަށް ބަލައިލަމާ ހިގާށެވެ. ސިންގަޕޫރުގައި މަގުމަތީގައާއި މިނޫންވެސް މީހުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ޤާނޫނީ ކުށެކެވެ. އަދި ސިންގަޕޫރަކީ މި ޤަވާއިދާ ޚިލާފުވާ މީހުންނަށް ކަނޑައެޅިފައިވާ އަދަބުތައް ވަރަށް ރަނގަޅަށް ތަންފީޒު ކުރާ ޤައުމެކެވެ. ސިންގަޕޫރުގައި ދުންފަތުގެ އިސްތިޢުމާލު ކުރެވެނީ ކަނޑައަޅާފައިވާ ސްމޯކިންގ އޭރިއާތަކުގައެވެ. އޮފީސްތަކާއި ބަގީޗާ ފަދަ މީހުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރެވޭނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ ސްމޯކިންގ އޭރިއާތަކުގައެވެ.
ބޭރު ޤައުމުތަކުގައި ސްމޯކިންގ އެރިއާތަކެއް ހެދިފައި ހުރުމުން މަގުމައްޗާއި އޮފީސް އަދި މިނޫންވެސް މީހުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރެވެއެވެ. ބޭރު ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައި ވެސް މި ފަދަ ޤާނޫނުތަކެއް ހެދިފައި ހުރުމުން އެކަމުގެ ހެޔޮ ނަތީޖާ ފެންނަމުން އެބަދެއެވެ. ހަމަ ޔަޤީނުންވެސް ސަލާމާތީ ބާރުތަކާއި ސަރުކާރުގެ ވުޒާރާތަކާއި ބައެއް އަމިއްލަ ކުންފުނިފަދަ ތަންތަނުގައި ވެސް މިޤާނޫނަށް ޢަމަލުކުރާކަން އުފަލާއެކު ފާހަގަކުރަމެވެ. އަދި މަދު ކެފޭ، ހޮޓާ، ރެސްޓޯރަންޓްތަކުން ވެސް މިޤާނޫނަށް ޢަމަލުކުރާކަން އުފަލާއެކު ފާހަގަ ކުރަމެވެ.
އެހެން ނަމަވެސް ހިތާމަޔަކީ ރަތްކުލައިގެ ބޮޑު އިންޒާރެއް، ދުންފަތުން އިސްތިޢުމާލު ކުރުން މަނާ ސަރަހައްދުގައި ފެންނަން ހުއްޓަސް ދިވެހީންގެ ތެރެއިން ބައެއް މީހުންނަކަށް އެ އިންޒާރު ނުފެންނަ ފަދައެވެ. އެނޯޓިސް ފެނުމޭ ބުނެވޭނީ އެއަށް ޢަމަލު ކުރުމުންކަމަށް އަޅުގަނޑު ދެކެމެވެ.
އަޅުގަނޑު ދެކޭގޮތުގައި މިކަން ހައްލު ކުރެވޭނީ ޤަވާޢިދާއި ޤާނޫނުތަކަށް ފުރިހަމައަށް ކިޔަމަންތެރިވެ ބޯލަނބައިގެންނެވެ. ޤަނޫނާއި ޤަވާއިދުތައް ހަދާފައި ހުންނަނީ އެންމެންގެވެސް ސަލާމަތާއި ރައްކާތެރިކަމަށްްޓަކައެވެ.
”ދުންފަތުގެ އިސްތިޢުމާލު ކުރާ ސަރައްދު“ އަދި ”ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ“ މިހެން ކިތަންމެ ބޮޑު އަކުރުން ބޯޑެއްގައި ލިޔެ ބެހެއްޓިޔަސް ޤާނޫނާއި ޤަވާއިދުތަކަށް ޢަމަކުކުރާ ބަޔަކަށް މެނުވީ އެ އިރުޝާދެއް ފެންނަކަމަކަށް ނުވާނެވެ. އަދި ތަންފީޒީ އިދާރާތަކުން ކިތަންމެ ވަރަކަށް ފާރަލާ ޖޫރިމަނާ ކުރިއަސް އެކަން ކުރާ ބަަޔަކު އެކަން ހުއްޓާލައިގެން މެނުވީ އެކަމެއް ހުއްޓުވޭނެ ގޮތެއް ނޯންނާއެވެ. މުސްތަޤުބަލުގެ ޖީލަށް އަޅުގަނޑުމެން ނަމޫނާ ދައްކައިގެން ނޫނީ އެޖީލު އެގޮތަކަށް ޢަމަލެއް ނުކުރާނެއެވެ. ސަބަބަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް ކާބަފައިންގެ ގޮތުގައި ދެމި ތިބުމަށް ވަރަށް ގިނަ ފަރާތްތަކުން މަސައްކަތް ކުރެއެވެ. އިޖްތިމާޢީ ގޮތުން ބަލާއިރު ވެސް އެބަޔަކު ދިރިއުޅޭނީ ކާބަފައިން ގެނެސްދިން އާދަކާދައިގެ މަތީގައެވެ. އިސްލާމީ ތާރީޚުން ވެސް މިކަން އަޅުގަނޑުމެންނަށް ވާނީ ފެނިފައެވެ. މާތްރަސްކަލާންގެ އިންސާނުންނަށް ރަޙުމަތެއްކަމުގައި ފޮނުއްވެވި ރަސޫލުންގެ ޒަމާންތަކުގައި ވެސް ގިނަ ބަޔަކު އިސްލާމްދީން ޤަބޫލުނުކޮށް ތިބީ އެބައި މީހުންގެ ކާބަފައިން އެދީނެއްގައި ތިބި ދީން ދޫކުރުމަށް އެބައި މީހުންގެ ހިތް ނޭދޭތީއެވެ. އެބައި މީހުންގެ ކާބަފައިން ތިބީ ރަނގަޅުގޮތުގައި ކަމުގައިނުވި ނަމަވެސް އެބައި މީހުން ނަމޫނާއެއްކަމުގައި ދެކުނީ އެބައިމީހުންގެ ކާބަފައިންނެވެ. އިސްލާމީ ތާރީޚުން މިކަން ހެކިދެއެވެ.
މުސްތަޤުބަލުގެ ޖީލުގެ ކާބަފައިންނަކީ އަޅުގަނޑުމެންނެވެ. އެޖީލު ނަމޫނާ ބައެއްގެ ގޮތުގައި ބަލާނީ ކާބަފައިންގެ އަމަލުތަކެވެ. އެޖީލުގެ ކާބަފައިންނަކީ އަޅުގަނޑުމެންކަމުގައި ވީހިނދު، އަޅުގަނޑުމެންނަކީ ޤަނޫނާއި ޤަވާއިދުތަކަށް ފުރިހަމައަށް އިޙްތިރާމްކޮށް އެއަށް ޢަމަލު ކުރާ ނަމޫނާ ބައެއްކަމުގައި މުސްތަޤުބަލުގެ ޖީލަށް ދައްކަމާތޯއެވެ.
