ދިވެހިރާއްޖޭގެ ތާރީޚުގައި ޤައުމަށްޓަކައި ޝަހީދުވެގެން ދިޔަ، ހިތްވަރުގަދަ ބަޠަލުން ވަރަށް ގިނައެވެ. އޭގެ ތެރެއިން އެންމެ އަރާހުންނެވި އެއް ބަޠަލަކީ، އައްސުލްޠާން ޢަލީ (6 ވަނަ) މަޝްހޫރު ޢަލީ ރަސްގެފާނެވެ. އެރަދުން ރަސްކަމަށް އިސްވެވަޑައިގަތީ، މީލާދީން 1557 ގައެވެ. ޤައުމީ ޖިހާދުގައި ޝަހީދުވީ، މީލާދީން 1558 ވަނަ އަހަރުގައެވެ. އެއީ ހިޖުރައިން 1 ޝަޢުބާން 965 އެވެ. އެފަހަރު ދިވެހިރާއްޖެއާ ދެކޮޅަށް އައިސް މާލެއާ ހަމަލަދިނީ، ޕޯޗުގީޒުންގެ ވަރަށް ވަރުގަދަ ފައުޖަކުންނެވެ. ވަރަށް ގިނަ ނާތަކެއްގައި އައިހެވެ. އެމީހުންނާ ހަމަލަދެއްވުމަށް ނުކުމެވަޑައިގެން ހަނގުރާމަ ކުރެއްވީ، ޢަލީ ރަސްގެފާނު އިސްވެ ހުންނަވައިގެންނެވެ. ކުޅަދާނަ ޕޯޗުގީޒުންގެ ލަޝްކަރުގެ ކުރިމަތީގައި، ދިވެހީންނަށް ޖެހުނީ ފަހަތަށް ޖެހޭށެވެ. ހަނގުރާމައިގެ ބޮޑުބައި ހިނގަމުން ދިޔައީ މާލޭގެ ހުޅަނގު ފަރާތުގައެވެ. ޢަލީ ރަސްގެފާނާއި އޭނާގެ ލަޝްކަރު، އެވަރުގަދަ ހަނގުރާމަ ކުރައްވަމުން ގެންދެވީ، މާލޭގެ ހުޅަނގުފަރާތުން ފަޅުމަތީގައެވެ. ބުނެވޭގޮތުން ބޮޑަށް ހިނގީ ކަނޑި ހަނގުރާމައެވެ. އަދި ސާޅަނގަ ފަދަ ހަތިޔާރުވެސް ބޭނުންކޮށްފައި ވުމަކީ އެކަށީގެންވާ ކަމެކެވެ. ވަރަށް ގަދަޔަށް ހިތްވަރުކުރެއްވުމަށް ފަހު، ދިވެހި ލަޝްކަރު ތުނިވަމުންގޮސް، އެންމެ ތިން މީހުނަށް ވީކަމަށް ބުނެވެއެވެ. އެއީ ޢަލީ ރަސްގެފާނާއި، އެރަދުންގެ ބޮޑުވަޒީރާއި، ޚާއްޞަ ޚާދިމެކެވެ. އެންމެ ފަހުން އެ ޙާލުކޮޅުގައިވެސް، ހަނގުރާމަ ކުރައްވަމުން ގެންދަވަނިކޮށް، ދުޝްމިނުންގެ ޙަމަލާގައި ޢަލީ ރަސްގެފާނު ޝަހީދުވީއެވެ. ހަމަ އެދުވަހުން ފެށިގެން، ރާއްޖޭގެ ވެރިކަމަށް ވެރިވީ ޕޯޗުގީޒުންނެވެ. އެންމެ ބޮޑު ވެރިއަކަށް ހުރީ އަނދިރި އަނދިރިންކަމަށް ބުނެއެވެ.

ވާރިދުވަމުން އައިސްފައިވާ ވާހަކަތައް ބުނާގޮތުގައި، އަނދިރި އަނދިރިންނަކީ، ދިވެހިރާއްޖެއަށް އުފަންވި ޕޯޗުގީޒުންގެ މީހެކެވެ. ބުނެވެނީ އޭނާ ރާއްޖޭގައި ބޮޑުވަމުންއައީ، މުޙައްމަދު ނަމަކަށް ކިޔައިގެން އިސްލާމެއްގެ ނަމުގައެވެ. އެ މުޙައްމަދުގެ މަންމައާ ގާފަރު ކަޅު އުނބުށޭމު އިނދެގެން، ލިބުނު ދަރިފުޅު މަތުއްކަލާ (މި މުޙައްމަދުގެ ކޮއްކޮ) މަރާލާފައި، ރާއްޖެއިން ފިލައިގެން ދިޔައީއެވެ. އޭގެ އެތައް އަހަރެއް ފަހުން، ކެޕްޓަން އަނދިރި އަނދިރިންގެ ނަމުގައި، ޕޯޗުގީޒުންގެ ފައުޖުގެ ވެރިއެއްގެ ގޮތުން، ރާއްޖެއައިސް މާލެއާ ޙަމަލާދީ، ޢަލީ ރަސްގެފާނުން ޝަހީދުކޮށްފައި، ރާއްޖޭގެ މައްޗަށް ޕޯޗުގީޒުންގެ ވެރިކަން ހިންގައި، އެންމެ ބޮޑު ވެރިއަކަށް ވީއެވެ. މިފަހަރު އޭނާ އައިއިރު އޭނާއަކީ އިސްލާމެއް ކަމަށް ޤަބޫލު ކުރެވޭކަށްވެސް އަދި އެހެން ހީކުރެވޭކަށްވެސް ނެތެވެ. އަދި އޭނާއާމެދު އެހެން ކިޔައެއްވެސް ނޫޅެއެވެ.

ބޭރުގެ ލިޔުންތެރިއެއްގެ ދިރާސާގައި ބުނާގޮތުގައި 1558މ. ވަނަ އަހަރު ރާއްޖެއަށް އައި ޕޯޗުގީޒުންގެ ފައުޖުގެ ވެރިއަކަށް ހުރީ ކެޕްޓަން މެނުއަލް ޑަސިލްވެއިރާ ޑިއަރައުޜޯއެވެ. މި ލިޔުމުގައި އަނދިރި އަނދިރިންގެ އެއްވެސް ވާހަކައެއް ލިޔެފައެއް ނެތެވެ. ނަމަވެސް އިސް ޕޯޗުގީޒު މީހެއްގެ ދަށުން މަސައްކަތްކުރާ ދިވެއްސެއްގެ ވާހަކަ ހިމަނާފައިވެއެވެ.

ޢަލީ ރަސްގެފާނު ޝަހީދުވެ، ދިވެހިރާއްޖޭގެ މައްޗަށް ޕޯޗުގީޒުން ވެރިވެ، އެމީހުންގެ އަތްދަށުގައި ދިވެހީން އަޅުވެތިކޮށްގެން 15 އަހަރާއި މަހަކާއި 12 ދުވަސް  (ޙިޖްރީގޮތުން 15 އަހަރާއި 7 މަސް) ވަންދެން ތިބުމަށްފަހު، ރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީނުގެ މަތިވެރި ނިޢުމަތް، ކީރިތިވަންތަ މާތްﷲ ދިވެހީންނަށް އިރާދަކުރެއްވުމުގެ މަތިވެރި ނަސީބު ލިބިއްޖެއެވެ. އެވަރުގަދަ ޤައުމީ ޖިހާދު ކުރެއްވި ބަތަލަކީ، ދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު ހަދާންނެތިގެން ދިޔުމެއް ނެތް ބަތަލެވެ. އުތީމު މަހާރަދުން ނެވެ. މަޝްހޫރު ބޮޑު ތަކުރުފާނެވެ. އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ.

ޢަލީ ރަސްގެފާނު ޝަހީދުކޮށްލާފައި، ރާއްޖެ އަޅުވެތިކޮށްގެން ޕޯޗުގީޒުން ތިބީ 15 އަހަރާއި 7 މަސް ވަންދެނެވެ. އާދެ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 1 ވަނަރޭގެ ނިޔަލަށެވެ.

ޝެއަރކުރެއްވުމަށް