ދިވެހި ބަސްފޮތުން ބަލާއިރު ”ނެތި މޮށުމަކީ“ ނެތި ނުބައި ކިޔުމެވެ. މާނައަކީ މީހާ ނެތް ތަންތާގައި އެ މީހާގެ ގޯސްވާހަކަ ދެއްކުމެވެ. ”ދެބައޮޑުވުން“ އެއީ މީހެއްގެ ގާތުގައި ދޭތެރެޖެހޭގޮތަށް އަނެކަކު ބަދުނާމުކޮށް ވާހަކަ ދެއްކުމެވެ. ވާހަކަދެއްކުމާއި ވާހަކަދެއްކުންތެރިކަމަކީ ޤުދުރަތުން އިންސާނާއަށް ދެއްވާފައިވާ މުހިންމު ހުނަރެކެވެ. އަދި އެހާމެ ބޮޑު ނިޢުމަތެކެވެ. ޤާނޫނީ ގޮތުން ބަލާއިރު ވެސް ވަކި ޙައްދުތަކެއްގެ ތެރެއިން ޚިޔާލުފާޅުކުރުމާއި މަޢުލޫމާތު ލިބިގަތުމާއި މަޢުލޫމާތު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަސާސީ ބޮޑު ޙައްޤެކެވެ.
އެހެންނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ނަޒަރެއް ހިންގާލާ އިރު އުފެދޭ ސުވާލަކީ މި ޙައްޤުގެ މިނިވަންކަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ ފަރުދުން ލިބިގަންނަނީ އެންމެ އެދެވޭ ގޮތަށް ތޯއެވެ. ތިމާގެ ދޫފަރިތަކަމާއި ބަސްމޮށުންތެރިކަމުގެ ބޭނުން ހިފައިގެން އެހެން މީސްމީހުންގެ ގަދަރު ކުޑަވާ މޭރުމުން މިވެނި މީހަކީ ”ބޮޑު މޮޔައެކޭ، ހަމަ ބޮލު ރޮއްޖެކޭ“ މި ފަދަ އިބާރާތްތަކުން އަނެކުންގެ ޤަދަރާއި ޢިއްޒަތް ކޮށައި ވެއްޔާ މޮޑެލަނީ އެ މަޖިލީހުގައި ހާޒިރުވެ ނެތް މީހެއްގެއެވެ. މި ގޮތަށް ދެކެވޭ ވާހަތަތަކަށް އަޅުގަނޑުމެން ނެތިމޮށުމޭ، ދެބައޮޑުވުމޭ، ނޫންނަމަ ”މިނިމަސް ކެއުމޭ“ ވެސް ކިޔާ އުޅެއެވެ. ކޮންމެ އަކަސް މި ބާވަތުގެ ވާހަކަތަކަކީ އަލި ދަތުރުކުރާ ބާރުމިނަށް ވުރެ ދެގުނަ ހަލުއިކޮން އަޅުގަނޑުމެންގެ ތެރޭގައި ފެތުރިގަންނަ ވާހަކަތަކެއް ކަމުގައި ދެންނެވިދާނެއެވެ.
ނެތިމޮށުމާއި ދެބައޮޑުވުމަކީ އަޅުގަނޑުމެންގެ ތެރޭގައި ގިނަބަޔަކު އިސްކަންދޭ ތަރުތީބަށް ބަލާނަމަ އެންމެ ކުރީ ސަފުގައި ހިމަނާލެވޭނެ ކަމަކަށް މިހާރު ވަނީ ވެފައެވެ. އެހެނީ މި ބާވަތުގެ ވާހަކަދައްކަމުން ދާއިރު އަޑުއަހަން ތިބޭ މީހުންދޭ ޝަޢުޤުވެރިކަމަކީ މި ސިފަ އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައިވާ މިންވަރު ވަރަށް ރަނގަޅަށް ހާމަވާ ކަމެކެވެ. އަދި އެފަދަ ވާހަކަ ރައްދުވަމުންދާ ތިބާގެ އެކުވެރިޔާގެ ދިފާޢުގައި އެ ވަގުތު ބަހެއް ބުނެލާނެ މީހަކު ނުހުންނަ ކަމަކީ ވެސް އަޅުގަނޑުމެންގެ ތެރޭގައި މިކަމަށް ދެވޭ ވަރަށް ބޮޑު ތަރުޙީބަކާއި އެއްބާރުމެއް ކަމުގައި އަޅުގަނޑު ދެކެއެވެ.
ސައިހޮޓާތަކާއި، ކެފޭތަކާއި އަދި ރެސްޓޯރެންޓުތަކުގެ އިތުރުން އޮފީސްތަކުގެ ކެންޓީނުން ފެށިގެން އޮފީސްތެރެއިން މި ބާވާތުގެ ވާހަކަތައް ޖާގަ ހޯދައިގަނެ މުޅި އޮފީސްތެރެއަށް މި ބަލި ފެތުރެމުންދާ އިރު، މިކަމަށް ތަފާތު ގިންތިތަކާއި އެކި ފަންތިތަކުގެ ބޭފުޅުން ދެއްވާ ޝަޢުޤުވެރި ކަމުގެ ސަބަބުން މިއަދު ވެސް މިވަނީ ”އަޑުގަދަ މީހާ ރުއް ގިނަވާނޭ“ ބުނާހެން ކަމުގައި ދަންނަވަން ޖެހެއެވެ.
މުޖުތަމަޢު ތެރޭގައި މީހުން، އެކެއްއަނެކެއްގެ ނެތި މޮށުމާއި ދެބައޮޑުވުން މިހާ އާންމުވެގެން މިދަނީ ކީއްވެތޯ ވިސްނާލާ އިރު އަޅުގަނޑަށް ފާހަގަ ކުރެވޭ ދެތިންކަމެއް ހިމަނާލާނަމެވެ.
ތިމާވަރެއް ނެތުން
ތިމާއަށްވުރެ މޮޅު ޤާބިލު މީހެއް ނެތްކަން އެކުގައި އުޅޭ މީހުންނަށް ހާމަކޮށްދިނުމަށާއި އަދި ބޮސް ގާތުގައި ތިމާ ވަރެއް ނެތިގެން ދޮގު ހަދައިގެން ވެސް އެހެން މީހުންގެ ބަލިފައި ދައްކުވައި މީސްމީހުންގެ މައްސަލަތައް ދެއްކުމާއި އަދި ގޯހުންގޯހަށް ތިމާއަށް ކަމެއް ކުރެވިއްޖެ ނަމަ އެކަމެއް މަތިއަޅައި އޮއްބާލުމަށް ޓަކައި، ތިމާއަށް އެ ކުރެވުނު ގޯހަކީ އެއީ އެހާވަރު ކަމެއް ނޫން ކަމާއި، އެފަދަ ނުވަތަ އެއަށް ވުރެ މާބޮޑެތި ގޯސްތައް މިއުޅޭ ”އައްބެއާއި ޗާރޭ ވެސް“ ކުރާކަން ހާމަކޮށްދީ އެހެން މީހުންގެ ބަލިފައިގައި ހިފައި ދަމަނީ އަމިއްލައަށް ކުރެވުނު ގޯހުން ސަލާމަތްވުމަށް ޓަކައި ތިމާގެ ނަފުސާނީގޮތުން ބަލިކަށި އަމިއްލަ ނަފުސު ހިމާޔަތްކޮށް ތިމާގެ ބޮޑުކަން ހާމަކުރުމަށް ޓަކައެވެ.
ހަސަދަވެރިވުން
ތިމާގެ އަމިއްލަ ނަފުސުގައިވާ ހަސަދަވެރިކަމެއްގެ ސަބަބުން، އަނެކާއަށް ރަނގަޅު ގޮތެއް ވުމާއި އަދި އެހެން މީހަކަށް ރަނގަޅަށް ކަމެއް ދިމާވެދަނެ ފަދަ ކަންތައްތަކަށް ހުރަސް އެޅުމަށް ޓަކައި އަނެކާގެ އަބުރު ގެއްލުވާލުމަށެވެ.
މީހުންގެ ސަމާލުކަން ހޯދުމަށާއި ތިމާއަކީ މަޤުބޫލު މީހަކަށްވުން
މީހެއްގެ ފުށުން ކިރިއާ ނޭދެވޭކަމެއްގެ ޚަބަރު ލިބޭއިރަށް، އެހެންމީހުންގެ ޝައުގުވެރިކަން އަތުލައިގެން ސަމާލުކަން ހޯދުމަށް ޓަކައި ހަމަ ކިރިޔާ ވާހަކައެއް އިވޭއިރަށް ކަމުގެ ދެކޮޅު ބެލުމެއްނެތި، ވާނުވާ އަމުދުން ރޭކާނުލިއަސް، އަވަހަށް އެ ވާހަކަތައް ފަތުރާލައެވެ.
އަނދަމުންދާ އަލިފާނަށް ދަރުއެޅުން
ދެ ބައޮޑުވުމާއި ނެތި މޮށުމުގެ ދަރުބާރެއްގައި ހުރެ އަދި ގިނަފަހަރު އެބައިމީހުންނާ އެކު ތިމާގެ އެކުވެރިޔާގެ މަސްކޮޅު ވެސް ކާލައިފައި އެނބުރި އައިސް އެމީހާ ގާތު، ”ތިމަންނާ ބުންޏޭ ނުބުނައްޗޭ“ ކިޔާއިފައި އަޙުދު ކަށަވަރު ކޮށްފައި، ”އެވެނިމިވެނި ވާހަކައެއް މިވެނި މީހަކު ކަލޭއޭ ކިޔައިގެން ދެއްކި“ ކަމަށް ބުނެ އިތުރަށް އެ މީހާގެ ލޭ ކައްކުވާލާނެއެވެ. ފަސާދަވެރި އަދި ފިތުނައިގެ މި އަލިފާންގަނޑު މިކަމުގެ ސަބަބުން އިތުރަށް ގޯހުންގޯހަށް ދެއެވެ.
އަޅުގަނޑު ދެކޭގޮތުގައި މި ނުރައްކާތެރި ފިނި ހަނގުރާމަ ހުއްޓުވުމަށް ފަރުދީ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ.
މިފަދަ ނުރައްކާތެރި އަދި ފަނާކުރުވަނިވި ވާހަކައެއް ދައްކާ އަޑު ތިމާއަށް އިވިއްޖެ ނަމަ ”މަށަކަށް ތި ދައްކާ ވާހަކައެއްގެ ޙަޤީޤަތެއް މާރަނގަޅަކަށް ނޭނގެއޭ، އޭނާ ފެނުމުން މިއަދު މިތާނގައި އެކަހަލަ ވާހަކައެއް މިމީހުން ދެއްކިޔޭ އެއީ ތެދެއްތޯ އަހާލާނާން.“ ފަދަ ޢިބާރާތަކުން އެމީހުންނާ ޖަވާބުދާރީ ވެވިދާނެއެވެ. އެމީހަކު ނޫންނަމަ އެބަޔަކު ހަމަ ޔަގީނުން ވެސް އޭރުން ތިބާ ހިމެނޭ މަޖިލީހެއްގައި އެފަދަ ވާހަކައެއް ދެއްކުމަށް ޖެހިލުންވާނެއެވެ.
މިފަދަ ގޮތަކަށް އެއްޗެކޭ ބުނަން ނުކެރެންޏާ އެފަދަ މަޖިލީހެއް ދޫކޮށް ތިބާއަށް ނުކުމެވިދާނެއެވެ. ތިބާގެ އަޚާއަށް ޓަކައި އެވަރު ވެސް ކުރަން ނުކެރެންޏާ ހަނުހުރުމުގެ ފުރިހަމަ މިނިވަންކަން އެވަގުތު ތިބާ ލިބި ގަންނާށެވެ. މީގެ އިތުރުން، ތި ވާހަކަ އޭނާ ނެތްތަނެއްގައި ދެއްކުމުގެ ބަދަލުގައި ޚުދު އެމީހެއް ގާތު ދައްކަންވީނުންތޯއޭ! މިފަދަ ވާހަކަތައް ދައްކާ މީހެއްގެ ގާތު ބުނެވިދާނެއެވެ. އަދި މީހަކަށް އޭނާއާ ބެހޭ ގޮތުން އޭނާ ނެތް ތަނެއްގައި އޭނާގެ ގޯސް ވާހަކަ ދެއްކި ކަމަށް ޚަބަރު ލިބިއްޖެ ނަމަ ސީދާ އެބައެއްގެ ގާތުގައި ނޫންނަމަ އެމީހެއްގެ ގާތުގައި މައްސަލައަކީ ކޮބައިތޯ، އެއީ ކީއްވެ ދެކެވުނު ވާހަކައެއްތޯ އަހާލެވިދާނެއެވެ. މިފަދަ އާދައިގެ ކަންކަމުން ވެސް މުޖުތަމަޢު ތެރޭގައި ފެތުރިފައިމިވާ ފަސާދަވެރި ބައްޔަށް ކޮންމެސް ޝިފާއެއް ލިބިދާނެކަމަށް އަޅުގަނޑު ދެކެމެވެ.
