މި ދެ ޢުދުވާނުގެ ދެމެދުގައި 236 އަހަރު ހިގާފައި ވެއެވެ. މުކައްރަމް މުޙައްމަދު ޢިމާދުއްދީނަކީ ރާއްޖޭގެ ތާރީޚުން ނަންއެނގޭ 77ވަނަ ރަސްގެފާނެވެ. އެރަދުންގެ ފަހުން ދިވެހިރާއްޖޭގެ ތަޚުތުގައި 6 ރަސްކަލުން ރަސްކަން ކުރައްވާފައި ވެއެވެ. މީގެ އިތުރުން އެއް ބޭފުޅަކު ރާއްޖޭގެ ރަސްކަމަށް އިންތިޚާބު ކުރެވި އިންޤިލާބީ ކޮމެޓީގެ ދެ ކޮމެޓީން ރާއްޖޭގެ ވެރިކަން ހިންގަވާ ދެ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަން ގާއިމުކުރެވިފައި ވެއެވެ. 1988 ގެ ޢުދުވާނު ހިނގީ ދެވަނަ ޖުމްހޫރިއްޔަތުގެ ދެވަނަ ރައީސްގެ ދެވަނަ ދައުރުގެ އެންމެ ފަހުގެ ދުވަސްތަކުތެރޭގައެވެ.
އެއްގޮތް ސިފަތައް.
ކަންނައްނޫރު ޢަލީ ރާޖާ ނަވަކާއި ދެ ފުރެއްދި އޮޑިއަށް ހަތިޔާރާއި މަލާބާރުންގެ މީހުން ލާފައި ރާއްޖެއާ ތޮޅެން ފޮނުވީ 1752 ވަނަ އަހަރުއެވެ. އޭރު ރަސްކަމުގައި އިންނެވީ މުކައްރަމް މުޙައްމަދު އިމާދުއްދީނު، ކޮރު ބަންޑާރައިންނެވެ. މުކައްރަމް މުޙައްމަދު ޢިމާދުއްދީނުގެ ރަސްކަމުގައި ދިވެހިންނަށް ޙަމަލާ ދިން މަލަބާރުންނަކީ ހިންދު ކަރައިގެ މަލާބާރުގެ ވަޒަންވެރިންނެވެ. އަދި ކަންނައްނޫރަކީވެސް ހިންދު ކަރައިގެ ބައެކެވެ. ހިންދުކަރަ ނޫނީ ހިންދުސްތާނަކީ މިހާރުގެ ޕާކިސްތާނާއި ބަނގުޅަދޭޝްވެސް ހިމަނައިގެން ނޭޕާލާއެކު އޮތް ވަކިވަކި ވެރިކަން ކުރާ ތަނެކެވެ. އޭގެ ތެރޭގައި ކުދިކުދި ރާޖާއިންނާއި މަހާރާޖާއިންނާއި ޝާހުންނާއި ބާދުޝާހުންނާއި ޝަހެންޝާހުން ތަކެއް ވެރިކަން ކޮށްފައިވެއެވެ. މަލާބާރަކީ މިހާރުގެ ކެރެލާ ސްޓޭޓްގެ ޑިސްޓްރިކްޓެކެވެ. ކަންނައްނޫރު ނޫނީ ކަންނޫ އަކީ ކެރެލާ ސްޓޭޓްގެ ކެޕިޓަލް ޓްރިވަންޑްރަމާއި 518 ކމ. އުތުރުގައިވާ ރަށެކެވެ.
1988 ވަނަ ދިވެހި ރާއްޖޭގެ ވެރިކަން ބަދަލުކޮށްލަން ސްރީލަންކާގައި ތަމަޅަ ނަސްލުގެ މީހުންނަށް ވަކި ސްޓޭޓެއް ހޯދައިދިނުމަށް އޭރު މަސައްކަތްކުރި ތަމަޅަ ޖަމާޢަތްތަކުގެ ތެރެއިން ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާޢަތުގެ ވެރިމީހާ އުމާމަހޭޝްވަރަމް ތިންބޯޓަށް ހަނގުރާމައިގެ ހަތިޔާރުލާ ބަރާކޮށް ތަމަޅައިންގެ ލާފައިފޮނުވީ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމްގެ ރައީސްކަމުގެ ދެވަނަ ދައުރުގެ އެންމެ ފަހުގެ ދުވަސްކޮޅުގެ ތެރޭގައެވެ. ލަންކާ ތަމަޅައިންނަކީ ނަސްލީގޮތުން ޓެމިލްނާޑޫގައި ދިރިއުޅޭ އިންޑިޔާގެ ތަމަޅައިންނާ ގުޅުންހުރި ބައެކެވެ. ޓެމިލްނާޑޫއަކީ އިންޑިއާގެ 28 ސްޓޭޓް ތެރެއިން އެއް ސްޓޭޓެވެ. ސްރީލަންކާގައި ލަންކާ ތަމަޅައިން ކަމަށް ކިޔާއުޅެނީ ޖަފްނާ ތަމަޅައިންނަށެވެ. އިންޑިއަން ތަމަޅައިންނޭ ކިޔާއުޅެނީ އިނގިރޭސީން ސްރީލަންކާ އަޅުވެތިކޮށްގެން އުޅުނު ދުވަސްވަރު އިނގިރޭސީންގެ ބޭނުންތަކަށް ސައިފަތް ދަނޑުތަކުގައި މަސައްކަތް ކުރުމަށާއި އެހެނިހެން މަސައްކަތްތައް ކުރުވުމަށް އިންޑިއާއިން ގެނައި، އިންޕޯޓްކުރި ތަމަޅަ ނަސްލުގެ މީހުންނަށެވެ. ތަމަޅައިންނަކީ އިންޑަސް ވެލީއިން ދެކުނު އިންޑިއާއަށް ހިޖުރަކުރިބައެކެވެ.
މުކައްރަމް މުޙައްމަދު ޢިމާދުއްދީނުގެ ރަސްކަމުގައި، ރާއްޖޭގެ ވެރިކަމަށް ދަހިވެތިވެ ކަންނަންނޫރު އަލީ ރާޖާއަށް، ރާއްޖެ އަތުލާ މިލްކުކޮށްދިނުމަށް ޒިންމާވެ ވަޑައިގަތީ، ދިވެހިތާރީޚުގެ ބައްޕަގެ ނަމުން މަޝްހޫރުވެފައިވާ ޙަސަން ތާޖުއްދީންގެ ދެބެއިންނެވެ. މުޙައްމަދު ޝަމްސުއްދީނު ފަޑިޔާރުމަނިކު ފާނާއި ޚަޠީބު އަޙުމަދު މުޙިއްޔުއްދީން އެވެ.
އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމްގެ ރައީސްކަމުގައި ރާއްޖޭގެ ވެރިކަމަށް ދަހިވެތިވެ ޕްލޮޓް ޖަމާޢަތުގެ ވެރިޔާ އުމާމަހޭޝްވަރަމް އާ ވާހަކަދައްކައި އެއްބަސްވުމަކަށް އައީ، ދިވެހި ތާރީޚުގެ މިޒަމާނުގައި އެންމެ ފުންނާބު އުސް އެއް ބޭފުޅެއް ކަމުގައިވާ ގ.ސޯސަނީ އަލްއުސްތާޛު މުޙައްމަދު ލުޠުފީގެ ދަރިކަލެއް ކަމުގައިވާ ހ.ހާޖަރާގެ ޢަބުދުﷲ ލުޠުފީއެވެ.
މުކައްރަމް މުޙައްމަދު ޢިމާދުއްދީނުގެ ރަސްކަމުގައި އަލީ ރާޖާ ފޮނުވައިގެން އައިމީހުން މާލެ އެރީ ރޭގަނޑެއްގައި މާލެ ފުންނިދީގައި ނިދާފައި އޮށްވައެވެ. މެންދަމުން އަލިވިލުނުފަހުން މާލޭގެ އުތުރު ފަރާތުންނެވެ. ރަދުންނަށް ހޭފުޅު ލެއްވުނީ ގަނޑުވަރުތެރެއަށް އެމީހުން ވަދެ ބަޑިޖަހާ މީހުން މަރާ އަޑަށެވެ. އެއަށްފަހު ރަދުން ފިއްލަވައިގެން ގަޑުވަރުން ނުކުމެވަޑައިގެން މާފަންނު ގަނޑުވަރަށް ވަޑައިގެން ރައްކާތެރިކަން ހޯއްދެވީއެވެ. އެއީ، 1166ހ ވަނަ އަހަރު ޞަފަރުމަހުގެ 13 ވިލޭރޭ ދަންވަރެވެ.
އުމާ މަހޭޝްވަރަމް ފޮނުވައިގެން ޢަބްދުﷲ ލުޠުފީއަށް ވެރިކަން ހޯދައިދޭން މާލެއައި ޕްލޮޓް ޖަމާޢަތުގެ ތަމަޅަމީހުން މާލެ އެރީ 1988މ ނޮވެންބަރު 3 ވިލޭރޭ މެންދަމުން އަލިވިލުނުތަނާހެން މާލޭގެ އުތުރު ފަރާތުންނެވެ. މާލެ ފުންނިދީގައި ނިދާފައި އޮށްވައެވެ. މީހުނަށް ހޭލެވުނީ އެމީހުން މާލެއަރައި މީހުން މަރައި ބަޑިތަޅާ އަޑުފަށަށެވެ. ރައީސް ރިޔާސީ ގަނޑުވަރުން ނުކުމެވަޑައިގެން ރައްކައުތެރި ތަނަކަށް (މ.ގުލިސްތާނުގެ) ވަޑައިގެން ރައްކާތެރިވެ ވަޑައިގަތީއެވެ.
މުކައްރަމް މުޙައްމަދު ޢިމާދުއްދީނު ވަޒީރުންނާއި އަސްކަރުން ފޮނުއްވައިގެން މަލާބާރު މީހުން ގަނޑުވަރުން ނެރެ ފައްސަވާލިއެވެ. އެމީހުން ފިލައިގެން ދިޔަމީހުންގޮސް އެމީހުން އައި އޮޑިއަށް އަރައި ރައްކައުތެރިކަން ހޯދިއެވެ. ރަދުން އެމީހުންގެ އެދުންތަކާއި ބޭނުންތައް ހޯދައި ސުލްހައަށް އެދިވަޑައިގަތެވެ. މަލާބާރުމީހުން ސުލްހައިގެ ވާހަކަތައް ދެއްކުމަށް ޚުދު ރަދުން ވަޑައިގަތުމަށް އެދުމުން އެމަނިކުފާނާއި ރަދުންގެ ވަލީޢަހުދާއި އަދިވެސް ރަދުންގެ ޚާދިމެއްގެ އިތުރުން ދެތިން ބޭފުޅުންނާއެކު ވަޑައިގަތުމުން ގީދަޅު، ޣަދަރުވެރި މަލާބާރުން އެބޭފުޅުން ރަހީނުކޮށް މާލޭ މައްޗަށް ވެރިވެގަތުމަށްފަހު، އެއްބަޔަކު އެބޭފުޅުން ގޮވައިގެން ފުރައިގެން ދިއައީ މންގަލޫރަށެވެ. މަންގަލޫރަކީ ކަރުނާޓަކާ ސްޓޭޓްގެ ވެރިރަށް ބެންގްލޫރުގެ ހުޅަނގުން 350 ކމ ގެ ދުރުގައިވާ ބަނދަރުމަތީ ރަށެކެވެ. އޭރު އެހުރިހާ ރަށެއްގެ އެންމެ ބާރުގަދަ މީހަކަށް ހުންނެވީ ޙައިދަރު ޢަލީއެވެ.
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމު ރާހަވެވަޑައިގެން ސިފައިންގެ ލަޝްކަރު ތަރުތީބުކުރައްވާ ހަނގުރާމަ ގަދަކުރެއްވުމުން ޕްލޮޓް ޖަމާޢަތުގެ ޓެރަރިސްޓުން ދަޢުލަތުގެ އެތައް ޢިއްޒަތްތެރިންނަކާއި ނިކަމެތި ރައްޔިތުންގެ އެތައްބައެއް ރަހީނުކޮށް ބަނދަރުގައިއޮތް ދައުލަތުގެ އާގުބޯޓެއްގައި ފިލައިގެން ދާން މަސައްކަތްކުރިއެވެ. ދިވެހި ސިފައިން ޓެރަރިސްޓުން ފަހާ ދާންފެށުމުން ދިވެހި ސަރުކާރާއި ނެގޯޝިއޭޓްކުރަން ބޭނުންވާކަމަށް ބުނަމުންދާތީ ނެގޯޝިއޭޓްކުރުމަށް ދިވެހިރާއްޖެ ނުވަތަ އިންޑިއާގެ ވެސްޓް ކޯސްޓްގެ ބަނދަރެއް ޚިޔާރުކުރަމަށް ދިވެހި ސިފައިން އަންގަމުން ދިޔަނަމަވެސް ޓެރަރިސްޓުން ބޭނުންވީ ސްރީލަންކާއަށް ގޮސް ކޮޅުނބުގައި ހުންނަ އިންޑިއާގެ ހައިކަމިޝަނަރ މރ. ޖީއެން ޑިގްސިޓާއި ނެގޯޝިއޭޓް ކުރުމަށެވެ. ޓެރަރިސްޓުން ގެންދިޔައީ ދިވެހި ސަރުކާރަށް ބިރުދެއްކުމުގެ ގޮތުން ރަހީނުން މަރަމުންނެވެ.
ރާއްޖޭގެ ރަދުންނާއި ވަލީޢަހުދާއި މަތީފަންތީ ދެތިން ބޭފުޅުން ރަހީނުކޮށް، މާލޭގައި މަލަބާރުންގެ ވަކި ހިއްޕާލެވުމުން، ކަންނައްނޫރު ޢަލީރާޖާއަށް ރާއްޖެ އަތުލައިދިނުމުގައި މަލާބާރުންނަށް އެހީތެރިވެދިން ދިވެހި ޤައުމަށް ޚިޔާނަތްތެރިވެ ޣަދަރުވެރި އަލްގާޟީ މުޙައްމަދު ޝަމްސުއްދީނާއި ޚަތީބު އަޙުމަދު މުޙިޔުއްދީނާއި ދެބެއިން، ކަނޑުފައްތާ މެރީއެވެ.
ޕްލޮޓް ޖަމާޢަތް އެމީހުން ހިންގި ޢުދުވާނުން ފޭލިވެގެން ފިލަން ދިޔައިރު އެމީހުންނަށް ރާއްޖެ އަތުލައިދިނުމަށް ޕްލޭންތައްކޮށް ރޭވުންތައް ރާވައިދީ އެމީހުންގެ އެހީގައި ރާއްޖޭގެ ވެރިކަން ހޯދުމަށް މަސައްކަތްކުރި ޢަބުދުﷲ ލުޠުފީ އާއި ސަގަރު އަޙުމަދު ނާޞިރުގެ ބާރު ވަނީ ކެނޑިފައެވެ. އެހެނިހެން ރަހީނުންފަދައިން އެދެމީހުންނަށްވެސް ވަނީ ޓެރަރިސްޓުންގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހި އަޅުވެތިވެފައެވެ. އެއްވެސް ކަމެއް އެމީހުންގެ އަމިއްލަ އިޚުތިޔާރުގައި ކުރުމުގެ ބާރުވެރިކަން ވަނީ ނެތި ނިގުޅައިގަނެވިފައެވެ. އެންމެފަހުން ދިވެހި އަސްކަރިއްޔާއިން ރަހީނުންގޮވައިގެން ފިލަން ދިޔަ ބޯޓަށް ޙަމަލާދީ، ޢަބްދުﷲ ލުޠުފީ އާއި ސަގަރު އަޙުމަދު ނާޞިރު މާލެ ގެނެވި، އެމީހުންގެ މައްޗަށް ޝަރީޢަތްކުރެވި، މަރަން ހުކުމްކޮށް އެޙުކުމް އުމުރަށް ޖަލަށްލުމަށް ބަދަލުކުރެވި ޖަލުގައި ހައްޔަރު ކުރެވުނީއެވެ.
މުކައްރަމް މުޙައްްމަދު ޢިމާދުއްދީން ރަހީނުކޮށް، ހައިދަރު ޢަލީ އަރިހަށް ގެންދެވުނުއިރު އެ ރަދުންގެ ލޯފުޅު ވަނީ ކަނުކޮށްލާފައެވެ. އެކަމާ ކޯފާ އިސްކުރައްވައި، ޢަލީ ރާޖާއާއި ޙަވާލުކުރެވިފައިވާ ލަޝްކަރުގެ ވެރިކަމުން ވަކިކުރައްވައި ރަދުންނަށް މާތްކޮށް ހިތްތެވިއެވެ. ރަދުން އަވަހާރަވީ ރަހީނެއްގެ ގޮތުގައި ހުންނަވައި 1170 ވަނަ އަހަރު ޝައްވާލުމަހު 7 ވަނަ ދުވަހު މަލިކުގައެވެ.
1989 ޖުލައި 16 ވަނަ ދުވަހު އެލްޓީޓީއިން އުމާ މަހޭޝްވަރަން މަރާލިއެވެ.
88 ނޮވެމްބަރ 3 ވަނަ ދުވަހުގެ ޢުދުވާނުގައި ބައިވެރިވި ކުށްވެރިންގެ ޝަރީޢަތް ނިމުނީ 1989 އޮގަސްޓް 12 ވަނަ ދުވަހުއެވެ. މި ޝަރީޢަތުގައި ދިވެހި 4 މީހަކަށާއި ޕްލޮޓް ޖަމާޢަތުގެ 12 މީހަކަށް މަރުގެ ޙުކުމް އިއްވިއެވެ.
1752 ވަނަ އަހަރު މަލާބާރުން ރާއްޖެއަށް އަތްގަދަކުރިތާ ހަތަރު މަހެއްހާ ދުވަސް ފަހުން، އޭރު މުލީގޭ ދޮން ޙަސަން މަނިކުފާނު ފަހުން އަލްޣާޒީ ހަސަން ޢިއްޒުއްދީނު ދޮންބަންޑާރައިން އިސްވެ ހުންނަވާ މަލާބާރުންނާއި ހަނގުރާމަކޮށް އެމީހުން ބަލިކުރައްވައި ރާއްޖެ މިނިވަންކުރެއްވިއެވެ.
1988 ނޮވެންބަރު މަހުގެ ޢުދުވާނަށް 24 އަހަރު ފުރުނު ނޮވެންބަރު 3 ގެ ޝަހީދުންގެ ހަދާނުގައި ޕްލޮޓް މީހުން ސިފައިންގެ މައިމަރުކަޒުގެ ފާރުން ގޮއްވާލި ބައުގަނޑު ހެދުނު ދިމާގައި އެމްއެންޑީއެފްއިން ހެދި ހަނދާނީ ބިނާގައި މިނިވަންކަން ދިފާޢު ކުރުމުގެ ރަމްޒެއްގެ ގޮތުން ބެހެއްޓީ އައްސުލްޠާނު ޙަސަން އިއްޒުއްދީނު ދޮންބަންޑާރައިންގެ އައްޑަނަކޮޅާއި އެއްގޮތް ނަމޫނާއަކަށެވެ.
”ނަމާ ޝަރަފާ މިޤައުމުގެ އަބަދުވެސް ދަމަހައްޓަމުން ދާށޭ
ކަމާއި ބަހާ ގުޅާލައިގެން ވަޠަން ކުރިއަރުވަމުން ދާށޭ.“
ޙަސަން ޝާކިރު މުޙައްމަދު.
މަޢުލޫމާތު ހޯދީ:
- ދިވެހި ރާއްޖޭގެ ތަންޤީޙު ކުރެވުނު ތާރީޚު – ސުމުއްވުލްއަމީރު މުޙައްމަދު އަމީނު
- ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން – ނަޞީމާ މުޙައްމަދު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަޖިލިސް – 2010
- ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ – ރައީސުލްޖުމްހޫރިއްޔާގެ އޮފީސް 3 ނޮވެންބަރު 1991
- ލިޔުންތެރިޔާ 1.
- ވިކިޕިޑިއާގެ ބައެއް ސައިޓްތައް.
