އެއިޑްސް ބައްޔަށް ޑޮކްޓަރީ ބޭހެއް ހޯދުމަށްކުރި ދިރާސާތަކެއްގެ މައްޗަށް ޕީއެޗްޑީ ތީސިސް ހެދި ފަރާތެއްގެ ހައިސިއްޔަތުން ވަރަށް ކުރުކޮށް މިވާހަކަ ދަންނަވާލާނަމެވެ. އެއިޑްސް ބަލި ޖެހިފައވާ މީހަކަށް ރަނގަޅުވި ކަމަށް ސާބިތުވާން އޮތީ އެންމެ މީހެކެވެ. މިހެން ދަންނަވާ އިރު ވެސް ވަރަށް ގިނަ މީހުން ތަފާތު އެތައް ވާހަކަތައް އެއިޑްސް ބައްޔާ ބެހޭ ގޮތުން ގަބޫލުކުރާކަން އަޅުގަނޑަށް ވެސް އެނގެއެވެ. ސާބިތު ނުކުރެވުނަސް އެތައް ބަޔަކަށް ޝިފާލިބިފައިވާ ކަމަށާއި ނުވަތަ އެއިޑްސް ބައްޔަށް މި ހިސާބަށް ހޯދިފައިވާ ފަރުވާތައް ހުޅަނގުގެ ސަރުކާރުތަކުންނާއި ބޭސް އުފައްދާ ކުންފުނިތަކުން ކޮންމެވެސް މާއްދީ ފައިދާއެއްގެ ބޭނުމުގައި ސިއްރުކޮށްގެން ތިބީކަމަށް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ. އަދި މިނޫނަސް މިފަދަ އެތައް ވާހަކަތަކެއް އެކި މީޑިއާ މެދުވެރިކޮށް ފެތުރެމުން އެބަދެއެވެ. އެހެން ނަމަވެސް ”ބާރލިން ޕޭޝެންޓް“ ގެ ނަމުން މަޝްހޫރުވި އެމެރިކާގެ ޓިމޮތީ ރޭ ބޮރައުން ނޫން އެހެން މީހަކަށް އެއިޑްސް ބަލިން ޝިފާއެއް ލިބުނުކަމަށް މިހިސާބަށް ސާބިތު ކުރެވެން ނެތެވެ.

މި ލިޔުމުގައި އަޅުގަނޑު ބަލާލާނީ ”ބާރލިން ޕޭޝަންޓް“ އަށް އެއިޑްސް އިން ޝިފާ ލިބުނުގޮތަށާއި ޖުމްލަގޮތެއްގައި އެއިޑްސްއަށް ދާއިމީ ފަރުވާއެއް ހޯދުމަށް ދިމާވާ ގޮންޖެހުންތަކަށެވެ.

”ބާރލިން ޕޭޝެންޓް“

އެއިޑްސް ޖެހެނީ އެޗްއައިވީ ކިޔާ ވައިރަސްއެއްގެ ސަބަބުންނެވެ. އެއިޑްސް ބަލި ހޯދުނުތާ 30 އަހަރުވެގެން ދިޔަ އިރުވެސް އެއިޑްސް ބައްޔަށް ފަރުވާއެއް ހޯދިފައި ނެތެވެ. ކުރިން ވެސް ދެންނެވި ފަދައިން އެއިޑްސް ބަލި ޖެހިފައިވާ މީހަކަށް ޝިފާއެއް ލިބުނުކަމަށް ސާބިތުވާން އޮތީ ”ބާރލިން ޕޭޝެންޓް“ގެ ނަމުން މަޝްހޫރުވި ޓިމޮތީ ރޭ ބްރައުންއަށް އެކަންޏެވެ. އެހެންވީރުން ސުވާލަކީ އޭނާއަށް ދިން ފަރުވާ އެއިޑްސް ޖެހިފައިވާ އެހެން މީހުންނަށް ނުދެނީ ކީއްވެ ހެއްޔެވެ؟ މި ސުވާލަށް ޖަވާބު ދޭން އޭނާއަށް ދިން ފަރުވާގެ ކުޑަ ނަމަވެސް ތަފުސީލަކަށް ދާންޖެހެއެވެ.

ޓިމޮތީއަށް އެއިޑްސް ޖެހުނުތާ 10 ވަރަކަށް އަހަރުފަހުން ލޭގެ ކެންސަރުގެ ވައްތަރެއްކަމުގައިވާ ”އެކިއުޓް މައެލޮއިޑް ލިއުކީމިއާ“ ޖެހުނެވެ. މި ވައްތަރުގެ ލޭގެ ކެންސަރަށް ބައެއް ހާލަތްތަކުގައި ފަރުވާއެއްގެ ގޮތުން ސްޓެމް ސެލް ބަދަލު ކުރަން ޑޮކްޓަރުން އަންގައެވެ. މިއީ ބޯންމެރޯ ބަދަލުކުރުމާ ދާދި އެއް ކަމެކެވެ. މިގޮތުން ޓިމޮތީއަށް ވެސް ޑޮކްޓަރު އެންގީ ސްޓެމް ސެލް ބަދަލު ކުރުމަށެވެ.

މި ހިސާބަށް ދިޔައިރު ސައިންވެރިން ކުރިން ހަދާފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި އެޗްއައީވީއަށް ހަށިގަނޑުގެ ސެލްތަކަށް ވަދެވޭނީ އެ ސެލްއެއްގައި އެންމެ މަދުވެގެން ދެކަމެއް ފުރިހަމަވެފައިވާ ސެލްތަކަށް އެކަންޏެވެ. އެއީ ”ސީޑީ4“ ނަމަކަށްކިޔާ މާއްދާއެއް ހުރުމާ އެކު ”ސީސީއާރު5“ (ނުވަތަ ”ސީއެކްސްސީއާރު“) ނަމަކަށް ކިޔާ މާއްދާއެއް ހުރުމުންނެވެ. ޔޫރަޕް މީހުންގެ ތެރެއިން ގާތްގަނޑަކަށް 16% މީހުންނަކީ ގުދުރަތީ ގޮތުން ނުކުޅެދުންތެރި ”ސީސީ އާރު5“ މާއްދާ ހަށިގަނޑުގައި އުފައްދާ މީހުންނެވެ. އެހެންވުމުން މި މާއްދާ މިފަދަ މީހުންގެ ހަށިގަނޑުގައި ހުރިކަމުގައި ވިޔަސް މި މާއްދާ މަސައްކަތްކުރަން ޖެހޭގޮތަށް މަސައްކަތް ނުކުރާނެއެވެ. މިއީ އެޗްއައިވީއަށް މުހިންމު މާއްދާއަކަށްވުމުން ނުކުޅެދުންތެރިކަން ހުންނަގޮތަށް މި މާއްދާ ގުދުރަތީގޮތުން އުފައްދާ މީހުންނަށް އެއިޑްސް ޖެހުމަށް އުނދަގޫވާނެކަމަށް އޮތީ ބެލެވެފައެވެ.

ކޮންމެއަކަސް ޓިމޮތީގެ ގައިގައި އެއިޑްސް ވެސް ހުރުމުން އޭނާގެ ޑޮކްޓަރުން ނިންމީ ކެންސަރުގެ ފަރުވާއަށް ސްޓެމް ސެލް ބަދަލުކުރާ އިރު އޭނާގެ ގަޔަށްއަޅާ ސްޓެމް ސެލް ނަގާނީ ކުރިން ދެންނެވި ފަދަ ޤުދުރަތީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ގޮތަށް ”ސީސީއާރު5“ އުފައްދާ ފަރާތެއްގެ ގައިންނެވެ. މިގޮތުން އޭނާގެ ސްޓެމް ސެލް ބަދަލުކުރުމުން ކެންސަރު ބަލި ރަނގަޅުވުމުގެ އިތުރުން އެއިޑްސް ވެސް ރަނގަޅުވީއެވެ.

އެހެންވުމުގެ ސައިންސްވެރިން އަވަސްވެގަތީ މިފަދަ ފަރުވާއެއް އެހެން މީހުންނަށްވެސް ތައްޔާރު ކުރުމަށެވެ. އެހެންނަމަވެސް އަދި މި ހިސާބަކަށް މިފަދަ ފަރުވާކުރެވުނު އެހެން މީހަކަށް އެއިޑްސްއިން ޝިފާއެއް ލިބިފައި ނުވެއެވެ. އެހެންނަމަވެސް މި ހާދިސާޔާ ގުޅުން ހުރި ”ޖީން ތެރަޕީ“ އަކީ އެއިޑްސް ބައްޔަށް ފަރުވާއެއް ހޯދުމަށް މި ވަގުތު އެންމެ ހޫނު ކަމާ އެކު ސައިންވެރިން ދިރާސާކުރަމުންދާ އެއްދާއިރާއެވެ.

އެއިޑްސް ބައްޔަށް ބޭހެއް ހޯދުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުންތައް

އެއިޑްސް ބައްޔަށް 30 އަހަރުވެގެން ދިޔައިރު އަދިވެސް ބޭހެއް ނުހޯދިވަނީ ވަރަށްގިނަ ސަބަބުތަކާ ލައިގެންނެވެ. އޭގެތެރެއިން ދެ ކަމަކަށް މިތާގައި ބަލާލާނަމެވެ. މިއީ މި ދާއިރާގައި މި ހޭދަކުރެވުނު ދުވަސްތަކުގައި އަޅުގަނޑުގެ ތަޖުރިބާގެ އިތުރުން އެންމެ ގިނަ ސައިންވެރިން ވެސް ފާހަގަ ކުރައްވާ ދެ ސަބަބެވެ.

ފުރަތަމަ ކަމެއްގެ ގޮތުން އަޅުގަނޑު ބަލާލާނީ އެޗްއައިވީ ހަށިގަނޑުގައި އިތުރުވާ ގޮތަށެވެ. އާންމުކޮށް ބެކްޓީރިއާ ނުވަތަ ވައިރަސް ފަދަ އެއްޗެއް ހަށިގަނޑަށް ވަނުމަށްފަހު ވަރަށް އަވަހަށް އޭގެ އާބާދީ އެތައް މިލިޔަނަކަށް ހަށިގަނޑުގައި އިތުރުކޮށްލައެވެ. މިހެންވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް މިފަދަ އެއްޗެހި މަރާލެވޭ ރޭޓަށް ވުރެ ބާރުމިނުގައި އެ އެއްޗހި އާބާދުވަމުންދާތީއެވެ. ޑޮކްޓަރީ ގިނަ ބޭސްތައް މަސައްކަތްކުރާ ގޮތަކީ މިފަދަ ތަކެތި ހަށިގަނޑުގެ ތެރެއިން ހޯދައިގެން އެ އާބާދުވާ ރޭޓް ދަށްކޮށްލަނީއެވެ. މިހެންވުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމުން މަޑުމަޑުން ބާކީހުރި ވައިރަސްތައް ނައްތާލަނީއެވެ.

ޑޮކްޓަރީ ބޭހެއް މިގޮތަށް މަސައްކަތް ކުރާނީ ވަރަށް މުހިންމު ހާލަތެއް މެދުވެރިވެގެންނެވެ. އެއީ އެ އާބާދުވާ އެތައް މިލިޔަން ވައިރަސް، އެއް ވައިރަސް އަނެއް ވައިރަސްއާ ތަފާތެއް ހުރެގެން ނުވާނެއެވެ. ތަފާތެއް ހުރެއްޖެ ނަމަ ޑޮކްޓަރީ ބޭހަށް ހަށިގަނޑުގެ ތެރެއިން އާބާދުވުން ހުއްޓުވޭނީ އެ ބޭސް ޑިޒައިން ކުރިއިރު ޓެސްޓް ކުރި ވައްތަރުގެ ވައިރަސް އެކަންޏެވެ. އެޗްއައިވީއަށް ވަނީ މިހެންނެވެ. ބައެއް ޓެސްޓްތަކުން ދައްކާގޮތުގައި އަލަށް އުފެދޭ ކޮންމެ 76 ވައިރަސްއަކުން އެއް ވައިރަސްއަކީ ކުރީގެ ވައިރަސްތަކާ ކޮންމެވެސް އެއްގޮތަކުން ތަފާތެއް ހުންނަ ވައިރަސްއެކެވެ. އެތައް މިލިޔަން ވައިރަސްއެއް ހަށިގަނޑުގައި އުފެދިންގެން ދާއިރު ތަފާތު ކިތައް ވައިރަސް އުފެދިގެން ދާނެ ހެއްޔެވެ؟ މިގޮތަށް އުފެދިގެންދާނޭ ތަފާތު ހުރިހާ ވައިރަސްގެ ވައްތަރުތައް ލަފާކޮށް އެ ވައިރަސްތައް ދެނެވޭނޭ ބޭހެއް އުފައްދާނީ ކިހިނެއް ހެއްޔެވެ؟ މިއީ މި ބައްޔަށް ބޭހެއް ހޯދުމުގައި ދިމާވާ ވަރަށް ބޮޑު އެއް ގޮންޖެހުމެވެ.

ދެވަނަ ކަމެއްގެ ގޮތުން އަޅުގަނޑު ބަލާލާނީ އެޗްއައިވީގެ ހުންނަ ”މަކަރުވެރި“ ކަމުގެ މައްޗަށެވެ. ވައިރަސް ހަށިގަނޑުގެ ސެލްއަކަށް ވަނުމަށްފަހު އެންމެ ފުރަތަމަ ވެސް ކުރާ އެއް ކަމަކީ ވައިރަސް އުފައްދާނެ ގޮތުގެ ”މަޢުލޫމާތު ކޮޅެއް“ އިންސާނާގެ ޑީއެންއޭގެ ތެރެއަށް ލަނީއެވެ. މިފަދަ އިންފެކްޓްވެފައިވާ ސެލްތައް 10 ވަރަކަށް އަހަރު ވެސް ހަށިގަނޑުގައި ދިރިހުރެދާނެއެވެ. މިކަހަލަ ”މަޢުލޫމާތުކޮޅެއް“ ލެވިފައިވާ ސެލްއަކާއި އާދައިގެ ސެލްއަކާ ބޭރުފުށުން އެއްވެސް ތަފާތުކަމެއް ނުހުންނާނެވެ. އެހެންކަމުން އެފަދަ ސެލްއެއް ދެނެގަނެ ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ގޮތެއް ހޯދިފައި ނެތެވެ. މީގެ މާނައަކީ މިސާލަކަށް ކޮންމެވެސް ގޮތަކުން މީހެއްގެ ގައިން ވައިރަސް ނައްތާލެވުނީއެވެ. އެކަމަކު އޭގެ 10 އަހަރު ފަހުން ވެސް އެއްކަލަ ސެލްތަކުން އަލުން ވައިރަސް އުފައްދަން ފަށާފާނެއެވެ. އެހެން ކަމުން އެއްކަލަ ”މަޢުލޫމާތުކޮޅު ލެވިފައިވާ“ ސެލްތައް ހޯދޭނެގޮތެއް ނެތުމަކީ އެއިޑްސް ބައްޔަށް ފަރުވާއެއް ނުހޯދި އޮތް އެންމެ ބޮޑު ދެވަނަ ސަބަބެވެ.

އެއިޑްސް ބައްޔައް އަދި ފަރުވާއެއް ހޯދިފައި ނެތަސް ވަރަށް ބޮޑެތި ކުރިއެރުންތައް ހޯދިފައިވެއެވެ. މިސާލަކަށް ބަލީގެ ކުރީކޮޅުގައި ދެނެގަނެވި ފަރުވާކުރާ ނަމަ އާދައިގެ މީހެކޭ އެއްގޮތަށް ހަމަ އެ އުމުރަށް ދުނިޔޭގައި ހުރެވެއެވެ. އެޗްއައިވީ ޖެހިފައި ހުރި މާބަނޑު އަންހެނަކަށް  ކުއްޖާއަށް ވައިރަސް ނުޖައްސާ ވިހޭ ގޮތް ވެސް ހުރެއެވެ. މިފަދަ ކަންކަމަކީ ބޮޑެތި ކުރިއެރުން ކަމާމެދު ޝައްކެއް ނެތެވެ. އެހެން ނަމަވެސް މަޤުސަދަކީ ބައްޔަށް ފަރުވާއެކެވެ. އިރާދަކުރެއްވިއްޔާ މާދުރުނޫން މުސްތަޤްބަލެއްގައި އެކަން ވެސް ހާސިލުވާނެއެވެ.

ޝެއަރކުރެއްވުމަށް