މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ޝާއިޢު ކުރައްވަމުން ގެންދަވާ ”އައްޑަނަ“ އަށް މަޒުމޫނެއް ލިޔުމުގެ ފުރުސަތު ލިބުމުން އަޅުގަނޑު ހިތަށް އެންމެ ފުރަތަމަ ވެސް އެރީ އިޙްތިރާމް ކުރުމާ ގުޅޭ ގޮތުން މަޒުމޫނެއް ލިޔުމަށެވެ. ސަބަބަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މީހުންނަށް އޮންނަ އެންމެ ވަރުގަދަ މަޢުނަވީ އައްޑަނައަކީ އިޙްތިރާމްކަމަށް ވާކަމެވެ. މީހުންނަށް ކުރާ އިޙްތިރާމް ގެއްލިއްޖެ ނަމަ މީހުންގެ އަބުރާއި ޢިއްޒަތެއް ނޯންނާނެއެވެ. މީހުންނަށް ކުރެވޭ ޤަދަރެއް ވެސް ނޯންނާނެއެވެ. އަދި އެހެންވުމުގެ ނަތީޖާއަކަށް ވެގެންދަނީ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަން ލިބިގެންދިއުމެވެ.

އިޙްތިރާމް ލިބުން އެދުމަކީ އިންސާނުންގެ ޠަބީޢަތުގައި ﷲ ސުބްޙާނަޙޫ ވަތަޢާލާ ލައްވާފައިވާ ސިފައެކެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް އެ މީހަކަށް އެހެން މީހުންގެ އިޙްތިރާމް ލިބުމަށް އެދޭނެއެވެ. އަދި އެ މީހަކަށް އިޙްތިރާމް ނުކުރާ މީހަކާ މެދު ހިތްހަމަ ނުޖެހޭގޮތް ވާނެއެވެ. މިއީ އިންސާނުންގެ މިޒާޖެވެ. ޠަބީޢީ އާދައެވެ.

ކުރީން މި ދެންނެވި ސަބަބުތަކަށް ޓަކައި، އިންސާނީ ނައުޢު ފެށުނީއްސުރެ އިޙްތިރާމް ކުރުމާއި އިޙްތިރާމް ލިބިގަތުމުގެ ވާހަކައަކީ ދެކެވެމުން އަންނަަ ވާހަކައެކެވެ. އަދި އިންސާނީ މުޖުތަމަޢެއް ތަހުޒީބުވަމުން އަންނަ މިންވަރަކަށް އެ މުޖުތަމަޢެއްގެ ތެރޭގައި އޮންނަ އިޙްތިރާމްކުރުމާއި އިޙްތިރާމް ލިބިގަތުމުގެ ދަރަޖަ މަތިވެރިވަމުން އައިސްފައިވެއެވެ. އޭގެ އަނެއްކޮޅަށް، މުޖުތަމަޢެއްގެ ތެރޭގައި ނާތަހުޒީބުކަމާއި، ޖާހިލުކަން ފެތުރެމުންދިޔަ ވަރަކަށް އެ މުޖުތަމަޢެއްގެ ތެރެއިން އިޙްތިރާމްގެ އަސަަރުތައް ފިލަމުންގޮސްފައި ވެސް ވޭމެއެވެ.

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި ވެސް، މީހުންނަށް އިޙްތިރާމް ކުރުމުގެ މައްޗަށް ވަނީ ވަރަށް ބޮޑަށް ބާރުއަޅާފައެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގެ މާނައިގައި ވަނީ ”ކުޑަކުދިންނަށް ރަޙުމު ނުކުރާ އަދި ބޮޑެތި މީހުންނަށް އިޙްތިރާމް ނުކުރާ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.“ މިފަދައިންނެވެ. ރަސޫލާގެ މި ބަސްފުޅަށް ވިސްނާލައިފި ނަމަ އިޙްތިރާމް ކުރުމުގެ މުހިންމުކަން ވަރަށް ސާފުކޮށް ހާމަވެގެންދާނެއެވެ.

އިޙްތިރާމަކީ ކޮބައިތޯ؟

އިޙްތިރާމަކީ އެހެން މީހަކާ މެދު ނުވަތަ އެހެން ބަޔަކާ މެދު ތިމާގެ ހިތުގައި އުފެެދޭ ޤަދަރު ނުވަތަ އެނޫން ވެސް މާތްކޮށް ހިތުމުގެ ޝުޢޫރެވެ. އަދި އެ ޤަދަރެއް ނުވަތަ އެޝުޢޫރެއް ހާމަކުރުމަށް ޓަކައި ތަމްސީލުކުރާ ޢަމަލެވެ. އެހެން މީހަކު ނުވަތަ އެހެން ބަޔަކު ކުރާ ކަމަކަށް ވެސް އިޙްތިރާމް ކުރެވިދާނެއެވެ. އެހެންގޮތަކަށް ދަންނަވާ ނަމަ، އެހެން މީހަކު ނުވަތަ އެހެން ބަޔަކު ކުރާ ކަމެއްގެ ރަނގަޅުކަން ޤަބޫލުކޮށް، އެކަމުގެ އަގުވަޒަންކޮށް ޝޫޢޫރު ފާޅުކުރެވިދާނެއެވެ. އެކަމެއް ބަލައިގަންނަކަން ހާމަކޮށްދެވިދާނެއެވެ.

އިޙްތިރާމް ކުރުމަކީ އެއްބަޔަކު އަނެއްބަޔަކަށް، އަދި އެއް ޤައުމެއް އަނެއް ޤައުމަކަށް ވެސް ކުރެވޭނެ ކަމެކެވެ.

އިޙްތިރާމްގެ އިދިކޮޅަކީ ތޯއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި އިޙްތިރާމްގެ އިދިކޮޅަކީ ނުރުހުމާއި ނަފްރަތެވެ. ނޭއްގާނިކަމާއި ދެކޮޅުވެރިކަމެވެ.

އެހެންކަމުން ދޭހަވެގެންދަނީ އިޙްތިރާމްގެ ސަބަބުން ރުހުމާއި ކުލުނު އުފެދިގެންދާނެ ކަމެވެ. އެއްބައިވަންތަކަމާއި އެކުވެރިކަން އާލާވެގެން ދާނެކަމެވެ. އަދި އެހެންވުމުގެ ސަބަބުން ސުލްޙަމަސަލަސްކަމާއި އަމާންކަން ޤާއިމްވެގެން ދާނެކަމެވެ. އަނެއްކޮޅުން އިޙްތިރާމްކުރުން ނެތެމުން ދިޔަ ވަރަކަށް އެތަނެއްގައި ފިތުނައާއި ދެކޮޅުވެރިކަން އުފެދެމުންދާނެ ކަމެވެ. އަދި ކުށްތައް އިތުރުވެ ހަމަނުޖެހުންތައް ފެތުރެމުން ދާނޭ ކަމެވެ.

މިހާހިސާބުން އަޅުގަނޑުމެން ވިސްނާލައިފި ނަމަ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނޭ ހަގީގަތަކީ، ދޭދޭ މީހުންގެ މެދުގައި ދެކޮޅުވެރިކަން އުފެދެން ދިމާވަނީ އަދި ދެ ޤައުމެއްގެ ދެމެދުގައި ހަނގުރާމައެއް ހިނގަން ދިމާވަނީ ވެސް އިޙްތިރާމް ނުކުރެވުމުގެ ސަަބަބުންކަމެވެ. ނަފުރަތާއި ދެކޮޅުވެރިކަން އުފެދުމަށް ފުރުޞަތު ދެވިގެންކަމެވެ.

އިޙްތިރާމްކުރާނީ ކޮންކޮން ފަރާތަކަށް ތޯ؟

އިޙްތިރާމްކުރަންޖެހޭ ތަފާތު ފަރާތްތަކެއް ވެއެވެ.

  • ހ. ޚާލިޤްވަންތަ ﷲ އާއި ދީން
  • ށ. ޤައުމާއި މުޖުތަމަޢު
  • ނ. ޢާއިިލާއާއި އަވައްޓެރިން
  • ރ. ފަރުދީގޮތުން އެކަކު އަނެކަކަށް

ހައްދަވައި ބޮޑުކުރެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިޙްތިރާމު ކުރުމުގައި އެންމެ ފުރަތަމަ ކަމަކަށް ވާނީ އެކަލާންގެ އަމުރުކުރެއްވި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންތެރިވުމާއި އެކަލާންގެ ނަހީ ކުރެއްވި ކަންތައްތަކުން ހުރިހާ ގޮތަކުން ދުރުހެލި ވުމެވެ. އެއާއެކު ގިނަގިނައިން އެކަލާންގެ ހަނދުމަކުރުމާއި، ތިމާގެ އަމިއްލަ ނިކަމެތިކަމާއި އަޅުވަންތަކަން އަބަދުވެސް ހިތުގައި ބޭއްވުމެވެ. އަދި ތިމާގެ ޢަމަލުތަކުން އެކަން ސާބިތުކޮށްދެމުން ގެންދިއުމެވެ. އޭގެ އިތުރުން އެކަލާންގެ ހެއްދެވި އެންމެހައި މަޚުލޫގުންނަށް ދޭންޖެހޭ ޤަދަރާއި ލޯބިދިނުމެވެ. މީގެތެރޭގައި ޚާއްޞަގޮތެއްގައި އިޙްތިރާމްކުރަން ޖެހޭނެ ބައެއް ހިމެނެއެވެ. އެއީ އިންސާނުން އުޅެންވީ ގޮތްތައް އެންގެވުމަށް ޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ ފޮނުއްވި ރަސޫލުންނާއި ނަބީބޭކަލުންނެވެ. ވަކީން ޚާއްޞަކޮށް މި އުންމަތުގެ ރަސޫލާ ސައްޔިދިލް ކައުނައިނި މުޙައްމަދުއް ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް) އެވެ.

އިޙްތިރާމްކުރުމަކީ ދީނުގެ ފަރުޟުތައް އޭގެފުރިހަމަގޮތުގައި އަދާ ކުރުމެވެ. އަދި ދީނުގެ ހުކުމްތައް ތަންފީޛު ކުރަމުން ގެންދިއުމެވެ.

މި ޒަމާނުގެ މާނަކުރުމުގައި ދީނަށް އިޙްތިރާމްކުރުމުގެ މާނައިގެ ތެރޭގައި ކޮންމެ މީހަކު އެމީހަކު އުޅެންބޭނުން ދީނަކަށް އުޅެވެންވާނެ ވާހަކަ ދައްކާ ބަޔަކު ވެސް އުޅެއެވެ. ނަމަވެސް މިއީ އިސްލާމް ދީނުގެ ޢަދާވާތްތެރިން މުސްލިމުންގެ ޢަޤީދާ ބަލިކޮށްލުމުގެ ގޮތުން ދައްކާ ވާހަކަތަކެކެވެ. މުސްލިމުން އިސްލާމް ދީނަށް އިޙްތިރާމް ކުރާނީ އިސްލާމްދީނުގެ ތެދުމަގުގައި ތިބެގެންނެވެ. އެހެންދީންތަކުގެ ގޮތްތައް ހޯދައިގެނެއް ނޫނެވެ.

ޤައުމަށް އިޙްތިރާމްކުރުމުގައި ތަފާތު އެތައްކަމެއް ހިމެނެއެވެ. ޤައުމީ ދިފާއަށާއި ޤައުމީ ސަލާމަތަށް ދޭންޖެހޭ ޚާއްޞަ އިޙްތިރާމްތަކެއް ހުރެއެވެ. ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ޓަކައި، އަދި ޤައުމުގެ ސަލާމަތާއި ޞުލްޙަ މަސަލަސްކަމަށް ޓަކައި އިޙްތިރާމް ކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. މީގެ އިތުރުން ޤައުމުގެ ޝަޙުސިއްޔަތަށް ކުރަންޖެހޭ އިޙްތިރާމަކީ ވެސް ކުޑަކަމެއް ނޫނެވެ. މި ދެންނެވި ޤައުމުގެ ޝަޚްޞިއްޔަތުގެ ތެރޭގައި، އެ ޤައުމަކަށް ޚާއްޞަވެފައިވާ ބަހާއި، އާދަކާދަތަކާއި، ތާރީޚާއި ތަރިކަތައް ހިމެނެއެވެ. ޤައުމުގައި ހެދިފައިހުންނަ ޤާނޫނާއި ޤަވާޢިދުތައް ވެސް ހިމެނެއެވެ. އާދެ! ޤައުމެއްގެ ތަރައްޤީއާއި ހަރުދަނާކަން ބިނާވެފައި އޮންނާނީ މި ދެންނެވި ކަންތައްތަކަށް އެ ޤައުމެއްގެ ދަރީންގެ އިޙްތިރާމް ލިބެމުންދާ މިންވަރެއްގެ މައްޗަށެވެ.

މި ދަނޑިވަޅުގައި ހަނދާން ބަހައްޓަންޖެހޭ އަނެއް ނުކުތާއަކީ ޤައުމަށް އިޙްތިރާމް ކުރުމުގެ މާނައިގެ ތެރޭގައި އެއް ޤައުމަކުން އަނެއް ޤައުމަކަށް އިޙްތިރާމްކުރުން ވެސް ހިމެނޭކަމެވެ. އަދި އެއް ޤައުމެއްގެ މީހުން އަނެއް ޤައުމެއްގައި އުޅޭއިރު ވެސް އެ ޤައުމަކަށް އިޙްތިރާމް ކުރުން ވެސް ހިމެނޭކަމެވެ.

މުޖުތަމަޢަށް އިޙްތިރާމް ކުރުމުގައި އެންމެބޮޑަށް ބަލަންޖެހެނީ އެ މުޖުތަމަޢެއްގައި ހުންނަ އާދަކާދަތައް ހިފެހެއްޓުމަށެވެ. މުޖުތަމަޢުގެ އެއްބައެއްވަންތަކަން ދެމެހެއްޓުމަށެވެ. ވެރީންނަށް އިޙްތިރާމް ކުރުމާއި، ވެރީން އެމީހުންގެ ދަށުގައި ތިބޭ މީހުންނަށް އިޙްތިރާމްކުރުމަކީ ވެސް މުޖުތަމަޢުގެ އިޙްތިރާމްގެ ތެރޭގައި ހިމެނޭ ބައެކެވެ.

ޢާއިލާގެ ތެރޭގައި އިޙްތިރާމް ކުރަންޖެހޭ ތަފާތު މީހުން ހިމެނެއެވެ. އެންމެ ފުރަތަމަ މައިންބަފައިންނެވެ. އެމީހުނަށް ކަމޭހިތުމާއި ކިޔަމަންވުން އެއީ އެމީހުންނަށް ކުރެވޭ އެންމެބޮޑު އިޙްތިރާމެވެ. ދެމަފިރިންގެ ދެމެދުގައި ވެސް އެކަކު އަނެކަކަށް ކުރަންޖެހޭ އިޙްތިރާމްތަކެއް ހުރެއެވެ. ކައިވެނީގެ ޙަޔާތް ބާއްޖަވެރި ކުރެވޭނީ އިޙްތިރާމް ކުރެވިގެންނެވެ. މައިންބަފައިން އެމީހުންގެ ދަރީންނަށް އަޅާލުމާއި ދަރީންނަށް ދޭ ލޯތްބަކީ ވެސް އިޙްތިރާމެކެވެ.

ޢާއިލާގެ އިޙްތިރާމްގެ ތެރޭގައި ތިމާގެކަން ދެމެހެއްޓުމަކީ ވެސް މުހިންމު ކަމެކެވެ. ދީނީގޮތުން ވެސް އެކަމަށް ބާރު އަޅާފައިވާ ކަމެކެވެ.

އަވައްޓެރިންނަށް އިޙްތިރާމް ކުރުމަކީ އެމީހުންނަށް ހެޔޮކޮށް ހިތުމެވެ. އެމީހުންނާ އަޅާލުމެވެ. އެމީހުންނަށް އުނދަގޫވާނެ ކަންތައްތައް ނުކުރުމެވެ. މިކަމުގައި ވެސް ވަރަށް ފުރިހަމަ ނަބަވީ އިރުޝާދެއް އައިސްފައި ވެއެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިޙި ވަސައްލަމްގެ ޙަދީޡްފުޅެއްގެ މާނައިގައި ވެއެވެ.

”އަވައްޓެރިޔާ އެމީހާގެ ނުބައި ކަންތައްތަކުން ސަލާމަތް ނުވެވޭހާ އިރު އެމީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ.“ އަދި އެހެން ރިވާޔެއްގެ މާނައިގައި ވަނީ ”އެމީހަކަށް ސުވަރުގެ ނުވަދެވޭނެއެވެ.“ މިފަދައިންނެވެ. ވީއިރު އަވައްޓެރިޔާއަށް އިޙްތިރާމް ކުރުމަކީ ކޮންފަދަ މަތިވެރި ކަމެއްކަން އިޙްސާސް ކުރެވޭ ނޫންތޯއެވެ.

ފަރުދީގޮތުން އެކަކު އަނެކަކަށް އިޙްތިރާމް ކުރުމަކީ އިޙްތިރާމް ކުރުމުގެ އެންމެ މުހިންމު ބައެވެ. ހަމަ އެފަދައިން އެއީ ދިރިއުޅުމުގެ އެންމެ މުހިންމު ބައި ވެސްމެއެވެ. އެހެނީ އަނެކާއަށް އިޙްތިރާމް ކުރުމުން އަނެކާއާ އެކުވެރިކަން އުފެދެއެވެ. އަނެކާގެ އިތުބާރު ކުރުން ލިބެއެވެ. އަނެކާގެ ބަޔަށް ވަދެވެއެވެ. ނަތީޖާއެއްގެ ގޮތުން އަނެކާއާ މެދު ޞުލްޙަވެރި މާޙައުލެއް ޤާއިމުވެގެން ދެއެވެ. ލޯތްބާއި ކުލުނު އެކުވެރިކަމާއި ގުޅުން އުފެދިގެން ދެއެވެ. އިޙްތިރާމް ކުރުން ގެނެސްދެނީ ބިނާކުރުވަނިވި ބަދަލުތަކެވެ. ފަނާކުރުވަނިވި ބަދަލުތަކެއް ނޫނެވެ.

ޙަޤީޤަތުގައި ތިމާ އެހެން މީހުންނަށް އިޙްތިރާމް ކުރުމުގެ ނަތީޖާއަކަށް ވަނީ އެހެން މީހުން ތިމާއަށް އިޙްތިރާމް ކުރަން ފެށުމެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ އެހެން މީހުންގެ އިޙްތިރާމް ތިމާއަށް ލިބޭނީ ތިމާ އެހެން މީހުންނަށް އިޙްތިރާމްކުރާ މީހަކަށް ވެގެންނެވެ.

އިނގިރޭސިވިލާތުގެ ވަރަށް މަޝްހޫރު ބޮޑުވަޒީރެއްކަމުގައިވާ ސަރ ވިސްޓަން ޗަރޗިލް ވިދާޅުވެފައި ވަނީ ”އަހަރެމެން ދިރިއުޅެނީ އަހަރެމެންނަށް ލިބޭ އެއްޗަކުންނެވެ. އަހަރެމެން ދިރިއުޅުމެއް ބިނާކުރަނީ އަހަރެމެން (އެހެން މީހުންނަށް) ދޭ އެއްޗަކުންނެވެ.“ މިފަދައިންނެވެ.

އިޙްތިރާމް ކުރާނީ ކިހިނެއް؟

އިޙްތިރާމްކުރާނީ ވާހަކަދެއްކުމުންނާއި އަތުގެ ޙަރަކާތްތަކުންނާއި އަދި އެނޫންވެސް ބައެއް އެހެން ޙަރަކާތްތަކުންނެވެ. ވާހަކަ ދެއްކުމުން އިޙްތިރާމް ކުރުމުގައި މާތް ބަހުރުވައާއި އަދަބުވެރި ބަސް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ދިވެހި ބަހަކީ އިޙްތިރާމް ކުރުމުގެ ރީތި ގޮތްތައް އެ ބަހުގައި ހިމެނިފައިވާ ބަހެކެވެ. އެ ބަސް ބޭނުންކުރަންޖެހޭ ގޮތަށް ބޭނުން ކުރުމުން ވަރަށް ފުރިހަމައަށް އިޙްތިރާމް ކުރެވޭނެއެވެ.

އަތުގެ ޙަރަކާތުން އިޙްތިރާމް އަދާކުރުމުގައި ސަލާމްކޮށްލުމާއި ވަކިވަމުން އަތްހޫރާލުމާއި ދުރުން ފެށިގެން އަތުން އިޝާރާތްކޮށްލުން ފަދަ ކަންތައްތައް ހިމެނެވެ. އެހެނިހެން ޙަރަކާތްތަކުގެ ތެރޭގައި މަގުމަތީގެ އަދަބުތަކާއި، ޖަލްސާތަކުގެ އަދަބު ފަދަ ކަންތައްތައް ހިމެނެއެވެ. މި ދެންނެވި ބާވަތްތަކުގެ ގިނަ ކަންތައްތަކަކީ އެކި މުޖުތަމަޢުގައި އެކި ގޮތްގޮތަށް ޤަބޫލުކުރެވިފައި ހުންނަ އާދަތަކަކަށް ވެސް ވެދާނެއެވެ.

ތިރީގައި މި ދަންނަވާލަނީ އެހެން މީހުންނަށް އިޙްތިރާމްކުރުމުގައި ގެންގުޅެންޖެހޭނެ ކަމަށް ފެންނަ ދިހަ ކަމެކެވެ.

  • އެހެންމީހުންގެ ގޮތްތައް ޤަބޫލުކުރުން (އަނެއްމީހާ އެގޮތް ގެންގުޅެންޖެހޭ ސަބަބުތައް އެމީހާގެ ނަޒަރުން ދެކެން އެގުން)
  • މަޑުމައިތިރިކަން
  • ސްލޫކު / އަޚްލާޤް
  • ޞުލްޙަ މަސަލަސްކަން
  • އަނެއްމީހާގެ ކަންތައްތައް އެނގުން (އަންޑަސްޓޭންޑްވުން)
  • ތަޙައްމަލު ކުރުން (ޓޮލަރެންސް)
  • އޯގާވެރިކަން
  • އަދަބުވެރިކަން
  • އަމާނާތްތެރިކަން / ތެދުވެރިކަން
  • އިންސާފުވެރިކަން / ހަމަހަމަކަން ހިފެހެއްޓުން

މިކަންތައްތައް އަޅުގަނޑުމެންގެ ކިބައިގައި އަށަގެންނުވިއްޖެ ނަމަ އަޅުގަނޑުމެންނަކީ އެހެންމީހުންނަށް އިޙްތިރާމްކުރާ ބަޔަކަށް ވާނެކަން ޔަޤީނެވެ.

ތިމާގެ އަމިއްލަ ނަފްޞަށް އިޙްތިރާމްކުރުން

މަޒުމޫނުގެ މި ހިސާބުން އަޅުގަނޑު މި ދަންނަވާލަނީ ނަފުސާނީ ޢިލްމުގެ މާހިރުން ބުނެފައިވާ ވަރަށް ޚާއްޞަ ވާހަކައެކެވެ. އާދެ! އެމީހުން ބުނެފައިވާގޮތުގައި ތިމާއަށް، އެހެން މީހުންނަށް ރަނގަޅަށް އިޙްތިރާމްކުރެވޭނީ ތިމާގެ އަމިއްލަ ނަފުސަށް ތިމާ އިޙްތިރާމް ކޮށްގެންނެވެ. މިކަމާ ގުޅިގެން އުފެދޭ ސުވާލަކީ ތިމާގެ އަމިއްލަ ނަފުސަށް އިޙްތިރާމް ކުރާނީ ކިހިނަކުންތޯ؟ އަދި ކޮންކޮން ކަންތައްތަކެއް ކޮށްގެންތޯ؟ ކުރެވޭ ސުވާލެވެ. މި ސުވާލުގެ ޖަވާބުގައި ކުރިން ދެންނެވި މާހިރުން ބޭނުންކޮށްފައިވާ ދިހަ ކަމެއްގެ ވާހަކަ ތިރީގައި ދަންނަވާލާފައި އެވަނީއެވެ. އެއީ:

  • އިތުބާރު ކުރުން
  • ޙައްދުތަކެއް ހިފެހެއްޓުން
  • ނިޔަނެތިވުން / ހިތްތިރިކުރުން
  • ސިއްޙަތު ސަލާމަތުން ހުންނަ ދިރިއުޅުމެއް އުޅުން
  • އަމިއްލަ ޝަޚުޞިއްޔަތެއް ބިނާކުރުން
  • ހޭލުންތެރިވުން
  • ސާބިތުކަންމަތީ ދެމިހުރުން
  • އަމިއްލަ ޤާބިލިއްޔަތާ މެދު އިތުބާރު ކުރުން
  • އަމިއްލަ ނަފުސަށް ޤަދަރުކުރުން
  • ކަންތައްތައް ރަނގަޅުވާނެ ކަމަށް ވިސްނުން

މި ދެންނެވި ދިހަ ކަންތައްތައް އަޅުގަނޑުމެންގެ ކިބައިގައި އިތުރުކުރެވުނު މިންވަރަކަށް އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް އިޙްތިރާމް ކުރުން ހަރުދަނާވެގެން ދާނެކަން ކަށަވަރެވެ. ސީނުކަރައިގެ މަޝްހޫރު ފިލޯސަފަރެއް ކަމަށްވާ ކޮންފިއުޝަސް ވިދާޅުވެފައި ވަނީ ”ތިބާގެ އަމިއްލަ ނަފުސަށް އިޙްތިރާމް ކުރާށެވެ. ދެން އެހެން މީހުން ތިބާއަށް އިޙްތިރާމް ކުރާނެއެވެ.“ މިފަދައިންނެވެ.

ނިންމާލުން

މި މަޒުމޫނު ފަށަމުން ދެންނެވި ފަދައިން އިޙްތިރާމް ކުރުމާއި އިޙްތިރާމް ލިބިގަތުމަކީ އިންސާނީ ނަޢުއާ ގުޅިފައިވާ ކަމެކެވެ. އަދި އޭގެ އެއްކަމާއި އަނެއްކަން ވެސް ގުޅިފައި ވެއެވެ. އިޙްތިރާމް ކުރުމާއި ކިޔަމަންވުމާ މިއީވެސް ދެ ކަމެކެވެ. ކިޔަމަންވާނީ ބިރުންނެވެ. އިޙްތިރާމް ކުރާނީ ލޯބިންނެވެ.

ކިޔަމަންކުރާނީ ޤާނޫނާއި ބާރުގެ ބޭނުންކޮށްގެންނެވެ. އިޙްތިރާމް ހޯދާނީ އޯގާވެރިކަމާއި ރީތި އަޚްލާޤުންނެވެ. ކިޔަމަންވެގެން ތިބޭނީ އަޅުންގެ ގޮތުގައެވެ. އިޙްތިރާމް ކުރަން ތިބޭނީ އަޚުންގެ ގޮތުގައެވެ.

އާދޭހެވެ! ތިމާގެ އަމިއްލަ ނަފުސަށް އިޙްތިރާމް ކުރުމުން އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރު ހަރުދަނާވެ ހިތްވަރު އިތުރުވެގެން ދެއެވެ. އެހެން މީހުންނަށް އިޙުތިރާމް ކުރުމުން އަޅުގަނޑުމެންގެ ސްލޫކާއި އަޚްލާޤް ރަނގަޅުވެގެން ދެއެވެ.

އެހެންވީމާ އުފާވެރި ޙަޔާތެއް ހޯއްދަވަން ބޭނުންފުޅު ނަމަ އިޙްތިރާމް ކުރައްވާށެވެ. ތިމާގެ އަމިއްލަ ނަފުސަށް އިޙްތިިރާމް ކުރެވުމާ އެކު އެހެން މީހުންނަށް އިޙްތިރާމް ކުރައްވާށެވެ. އެހެން މީހުންނަށް އިޙްތިރާމް ކުރައްވައިގެން އެހެން މީހުންގެ އިޙްތިރާމް ހޯއްދަވާށެވެ. އަދި އިޙްތިރާމްގެ އައްޑަނައިން އެހެން މީހުން ރައްކައުތެރި ކޮށްދެެއްވައިގެން އިޙްތިރާމްގެ އައްޑަނައިން އަމިއްލަފުޅު ހިމާޔަތް ހޯއްދަވާށެވެ.

ޝެއަރކުރެއްވުމަށް