ދިވެހިރާއްޖެ މި އޮތީ އިންޑިއާ ކަނޑުގެ މެދުގައެވެ. ދުނިޔޭގެ އިސްތިރާޖީ މުހިއްމު ނުކުތާއެއްގައެވެ. އިރުމަތީން ހުޅަނގަށް، ހުޅަނގުން އިރުމައްޗަށް ދަތުރުކުރާ މައި މަގުގައެވެ. މި ޙާލަތުގައި އަޅުގަނޑުމެންގެ ޤައުމު އޮތް އިރު، މުޅިރާއްޖޭގެ ސަރަޙައްދުގެ 99 އިންސައްތައަކީ ކަނޑެވެ. މުޅި ޤައުމުގެ އިޤުތިޞާދު ބިނާވެފައި މިވަނީ ކަނޑު ރޯއްޖަށެވެ. ދިވެހީންގެ މައި ރޯއްޖަކީ ކަނޑު ރޯއްޖެވެ. މަސްވެރިކަމާއި ފަތުރުވެރިކަމަކީ ދިވެހީންގެ އެންމެ މުހިއްމު ދެ ޞިނާޢަތެވެ. ދިވެހީންނަކީ ”ކަނޑުގެ ދަރީން“ ކަމަށް ވާތީ، ދިވެހީންގެ ހުރިހާ ޞިނާޢަތަކާއި ހުރިހާ ޙަރަކާތެއްގެ އެންމެ މުހިއްމު އެއް ވަސީލަތަކީ ދަތުރުފަތުރުގެ ޞިނާޢަތެވެ. އެތެރެއާއި ބޭރުގެވެސް މެއެވެ. ދަނޑުވެރިކަމުގެ ބާވަތްތައް ވެސް އެއްތަނުން އަނެއްތަނަށް ގެންދަނީ ދަތުރުފަތުރުގެ ޞިނާޢަތުގެ ތެރެއިންނެވެ. ކުރުކޮށް ދަންނަވާނަމަ، ކަނޑަކީ އަޅުގަނޑުމެން ދިރިތިބުމަށްޓަކައި އެތަނުގެ ބޭނުން ކޮންމެ ދުވަހަކު ހިފަންޖެހިފައިވާ އެންމެ މުހިއްމު ތަނެވެ. އަޅުގަނޑުމެންގެ ޙަޔާތުގެ ހަމަ ކޮންމެ މަސައްކަތަކާއި ކޮންމެ ޙަރަކާތަކާ ވެސް ކަނޑު ގުޅިފައިވަނީ ވަރަށް މަތިވެރި ދަރަޖައަކަށެވެ. އެހެންކަމުން ކަނޑު ޙިމާޔަތްކުރުމާއި އަޅުގަނޑުމެންގެ ޤައުމު ދިފާޢު ކުރުމަކީ ޤައުމު ދެމި އޮތުމަށްޓަކައި ކިހާ މުހިއްމު ކަމެއް ކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް އެބަ އޮތްތޯއެވެ؟
މިއޮއްބޮޑު ކަނޑުގެ ސަރަޙައްދު ޙިމާޔަތްކޮށް ޤައުމު ދިފާޢުކުރުމަކީ ކުޑަ މަސްއޫލިއްޔަތެއް ނޫނެވެ. އެކަމަކު އަޅުގަނޑުމެންނަކަށް އެކަމެއް އިޙުސާސެއް ނުކުރެވެއެވެ. ދިވެހި ކަނޑުތަކުގެ މުއްސަނދިކަމަށް ލޯއަޅައަޅައި ތިބެނީ ކިތައް މީހުން ކަމެއް އަޅުގަނޑުމެންނަކަށް ތަޞައްވުރެއް ވެސް ނުކުރެވެއެވެ. ދިވެހި ކަނޑުތަކުގެ މުއްސަނދިކަމުން މިންވަރެއް ނަމަވެސް ފޭރިގަންނަން ތައްޔާރަށް ތިބެނީ ކިތައް މީހުންކަމެއް އަޅުގަނޑުމެންނަކަށް ނުވެސް ވިސްނެއެވެ. އެހެންނަމަވެސް މި ހުރިހާ ކަމަކާ މެދު ހަމަ ގައިމުވެސް ކޮންމެވެސް ބަޔަކު ވިސްނައެވެ. ފާރަވެރިވެއެވެ. އަޅުގަނޑުމެން ނިދައިފައި ތިއްބަސްވެހެވެ.
މިދެންނެވި ކަނޑުގެ ދިރުންތަކާއި، އިންޑިއާ ކަނޑަށް ފެތުރިފައި މިވާ ކުދި ރަށްތަކުގެ ޖަޒީރާތަކުގެ މައްޗަށް އެކުލެވޭ މި ކުޑަ ޤައުމު ޙިމާޔަތްކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ކުޑަ މަސްއޫލިއްޔަތެއް ނޫނެވެ. އެކަމަކު އެ މަސްއޫލިއްޔަތު އުފުއްލަނީ ކޮންމެވެސް ބަޔެއްތާއެވެ! ކަނޑުމަތީގައި ޙާލުގައި ޖެހޭ ދަތުރުވެރީންނަށް އެހީތެރިކަން ފޯރުކޮށްދޭ ބަޔަކުވެސް އެބައުޅެއެވެ. އަޅުގަނޑުމެންނަކަށް ނޭނގެއެވެ. އަޅުގަނޑުމެން ތިބެނީ ނިދާށެވެ. ނުވަތަ އަޅުގަނޑުމެންގެ ދުވަހީ މަސައްކަތުގައި މަޝްޣޫލުވެގެންނެވެ. ކޮންމެހެން ދާންޖެހޭ ރަށަކަށް ދިޔުމަށްޓަކައި ނޫނީ އަޅުގަނޑުމެން ކަނޑު އޮންނަ ދިމާއަށް ބަލައިވެސް ނުލަމުއެވެ. އެކަމަކު މަސްވެރީންގެ ފައިދާއަށް ޓަކައި ދިވެހި ޤައުމުގެ ޙިމާޔަތަށްޓަކައި ރެޔާއި ދުވާލު ކަނޑުމަތީގައި ހޭދަކުރާ ބަޔަކު އެބަތިއްބެވެ. އާދެ! އެއީ ރާއްޖޭގެ އައްސޭރީގެ ފާރަވެރީންނެވެ. ކޯސްޓް ގާޑެވެ. ކަނޑުމަތީ ސިފައިންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ދިވެހި ސިފައިންނެވެ. ދިވެހި ޤައުމުގެ ހަށިފާރަވެރީންނެވެ.
ދިވެހި ސިފައިންގެ އަގުހުރި ޚިދުމަތްތަކާމެދު ސިފައިންނަށް ވާހަކައެއް ނުދެއްކޭނެއެވެ. އެއީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު ސިފައިން ޚިދުމަތްތަކުގެ ވާހަކަ ކޮންމެވެސް އެހެން ބަޔަކު ދައްކާން އެބަ ޖެހެއެވެ. އެންމެ ކުޑަމިނުން ޝުކުރިއްޔާ އޭ ވެސް ބުނެލާން އެބަޖެހެއެވެ. އެހެންކަމުން ދިވެހި ސިފައިންގެ ޚިދުމަތުގެ އަގު ދިވެއްސެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް ބޮޑަށް ވަޒަންކުރާ ވާހަކަ އަޅުގަނޑު ދަންނަވައިލާން ބޭނުންވެއެވެ. އެ މީހުންގެ މަތިވެރި ޚިދުމަތަށް ސާބަހާއި ތަޢުރީފު ރައްދުކުރާން ބޭނުންވެއެވެ. ތަހުނިޔާއާއި މުބާރިކުބާދީ އަދާކުރާން އެދެވެއެވެ. ދިވެހި ސިފައިންނޭވެ! ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ!
ދިވެހި ސިފައިންގެ ސިފަނުކުރެވޭފަދަ ޚިދުމަތްތަކަކީ މިފަދަޔަކުން ބަޔާންކުރެވޭނޭ ކަމެއްބާވައެވެ؟ ހުޅަނގު މޫސުމުގެ އަދައިގެ ގަދަ ވިއްސާރައިގައި ގަދަ ކަނޑުގައި އަދަދު ނުކުރެވޭ ފަދަ ގިނަ އުޅަނދުތައް އުޅޭ ނޫޅޭ ގޮތް އަޅުގަނޑުމެންނަށް އިޙުސާސްކުރެވޭބާވައެވެ؟ ކިތައް އުޅަނދު، ފަރަށް އަރައި އިންޖީނު ހުއްޓި ހާލުގައި ޖެހޭކަން އަޅުގަނޑުމެންނަށް އިޙުސާސްކުރެވޭބާވައެވެ؟ އަޅުގަނޑުމެންނަށް އިވެނީ ހަމަ އެކަނި ޓީވީއަކުން ރޭޑިއޯއަކުން އިވޭ ޚަބަރެކެވެ. އެކި ހާދިސާތަކުގައި ދިމާވާ ކަވި ކަންތައްތައް އަޅުގަނޑުމެންނަކަށް ތަޞައްވުރެއްވެސް ނުކުރެވޭނެ އެވެ. މި ހުރިހާ ކަމެއް ހިނގަމުންދާ އިރު އަޅުގަނޑުމެން ތިބެނީ ނިދާށެވެ.
ކަނޑު ގަދަވެގެން ދަތުރު ނުކުރެވިގެން ކަނޑުމަތީގައި ބަޔަކު ޙާލުގައި ޖެހިއްޖެ ނަމަ، އެތާކަށް ގޮސް ސިފައިން އެހީތެރިކަން ފޯރުކޮށްދޭ އިރު، އިންސާނުންގެ އަތްފަޔަށް ލާހިކުނުވެގެން އުޅޭ އިރު، އެފަދަ މީހުންނަށް އެހީތެރިވެދޭން މިދަނީ ވެސް ސިފައިންނޭ ކިޔެއް ކަމަކު ހަމަ އިންސާނުންވެ. އެކަމަކު ކޮންމެ ފަދަ ޙާލެއްގައިވެސް ދިވެހި ރައްޔިތުންނާއި މުޅި ދިވެހި ޤައުމުގެ ޚިދުމަތުގައި އެބައިމީހުން ތާއަބަދު ދެމި ތިބޭ ކަމީ ޙަޤީޤަތެކެވެ. ޙައިރާނެއް ނުވޭތޯއެވެ؟ ކަނޑު ގަދަވެގެން އުޅަނދެއް ފެންމަތީގައި ނިހިފެހެއްޓިގެން އަޑިޔަށް ދާއިރު އެތަނަށް ގޮސް އެހީތެރިމިވަނީ ވެސް ހަމަ އިންސާނުންނެވެ. އަޅެ މިފަދަ ދަނޑިވަޅެއްގައި އެތާނގެ ޙާލަތު ހުންނާނެ ގޮތް އަމިއްލަފުޅަށް ތަޞައްވުރުކޮށްލައްވަބައްލަވާށެވެ! ފަހެ ހިތުގައި ތަޢުރީފު ނޫފެދޭތޯއެވެ! ޝުކުރުވެރިއެއް ނުވެވޭތޯއެވެ؟
ރަށުގައި ރޭގަނޑު ދަންވަރު ނިދައިފައިތިއްބައި ވާރޭވެހި ނުވަތަ ރާޅުއަރައިގެން ފެންބޮޑުވެ ގޭގެޔަށް ފެން ވަންނަ ވަގުތު އެ ތަނުގެ ޚިދުމަތުގައި ތިބެނީ ކޮން ބަޔެއްތޯއެވެ؟ ވައިގަދަވެ، ޢިމާރާތްތަކުގެ ފުރާޅު އެއްލާލައި ގަސްގަހާގެހި މުލުން ލުހި ބިންމައްޗަށްވެއްޓުމުން ޙާލުގައި ޖެހޭ ރައްޔިތުންގެ ޚިދުމަތަށް ތައްޔާރަށް ތިބެނީ ފަހެ ކޮން ބަޔެއްތޯއެވެ؟ ޚިދުމަތްތެރި ދިވެހި ސިފައިންނެވެ. ފަހެ ޝުކުރުވެރިއެއް ނުވެވޭތޯއެވެ؟
ޤައުމަށް ބޭރުން އަތުވެދާނެ ޙަމަލާއަކަށް ތާއަބަދު ފާރަވެރިވެ ތިބުމުގެ އިތުރުން ޤައުމުގެ އަމާންކަން ބެލެހެއްޓުމުގައި މަދަނީ ފުލުހުންނަށް އޮބި ނޯންނަ ކޮންމެ ދަނޑިވަޅެއްގައި ތައްޔާރަށް ތިބެނީ ވެސް ހަމަ ސިފައިންނެވެ. އަދި އިޖުތިމާޢީ ކޮންމެ ޚިދުމަތެއްގައި ވެސް ޤައުމީ ކޮންމެ މަސައްކަތެއްގައި ހޭވައްލާ ތައްޔާރޭ ބުނެ މަސައްކަތުގައި ޝައުޤުވެރިކަމާއެކު ދެމިތިބެނީ ކޮން ބަޔެއްތޯއެވެ؟ އެ ފަދަ މަސައްކަތްތައް އެންމެ ފުރިހަމައަށް އެހާމެ އަވަހަށް ނިންމައިދެނީ ކޮން ބަޔެއްތޯއެވެ؟ ފަހެ ޝުކުރުވެރިވުން ޙައްޤެއް ނޫންތޯއެވެ؟
މިއަދު ދިވެހި ސިފައިންގެ ޚިދުމަތަކީ ވަކި ދާއިރާއަކަށް ޚާއްޞަވެފައި އޮތް ކަމެއް ނޫނެވެ. ޢިލްމާއި ހުނަރާއި މަސައްކަތުގެ ކޮންމެ މައިދާނެއްގައި ދިވެހި ސިފައިން ގުނައިލެވެނީ އެންމެ ކުރީ ސަފުގައެވެ. ޢިމާރާތް ފަރުމާކުރުމާއި އެ ތަންތަން ބިނާކުރުމާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި …… މިހެން ގޮސް އާދެ! ހަމަ ކޮންމެ މައިދާނެއްގައި ދިވެހީންގެ ހުނަރުވެރިކަމާއި ކުޅަދާނަކަމަކީ އެންމެ މަތީ ދަރަޖައިގައި ގުނައިލެވޭނެ ކަންތައްތަކެކެވެ. ވަކި ޚާއްޞަ ފަންނެއް ޢިލްމެއް އިސްތިސްނާއެއް ނެތި، ހަމަ ކޮންމެ ދާއިރާއަކުން ކޮންމެ ރޮނގަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި ދިވެހި ސިފައިން ދައްކައިދެނީ ލާމަސީލު ނަމޫނާއެކެވެ. ”ޤުރުއާންކިޔެވުމުގެ އެންމެ ބޮޑު މުބާރާތް“ ކަމުގައިވާ ”ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރީ“ގެ ފަނޑިޔާރުންގެ މޭޒުން އެންމެ ކުޅަދާނަ ފަނޑިޔާރުގެ ގޮތުގައި ސިފައި ފެނުމާއި އެންމެ ކުޅަދާނަ ވާހަކަދެއްކުންތެރީންގެ ގޮތުގައި ދިވެހި ސިފައިން ފާހަގަކުރެވުމާއި………، އާދެ! މި ކަންކަމަކީ އެކަންކަމާމެދު އަޅުގަނޑުމެން ޚިޔާލުކުރާންޖެހޭ ކަންކަމެވެ. ޝުކުރުވެރި ނަޒަރަކުންނެވެ. އެންމެ މޮޅު މަޖައްލާއަކީ ދިވެހި ސިފައިން ނެރޭ ”އައްޑަނަ ކަމުގައިވީމާ، ސިފައިންގެ އެންމެ ރީތި ޢީމާރާތަކީ އެ މީހުން އަމިއްލަޔަށް ފަރުމާކުރި ބިނާއެއް ކަމުގައިވީމާ، ރާނާ މީހުންނާއި ވަޑީންނާއި ދުވުންތެރީންނާއި ފުޓްބޯޅަކުޅުންތެރީންނާއި ވޮލީ ކުޅުންތެރީންގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ސިފައިންނޭ މީހަކު ބުނީމާ ޙައިރާންވާކަށް ނުޖެހެއެވެ. އެއީ ޙަޤީޤަތެވެ. ފަހެ ތަޢުރީފު ޙައްޤެއް ނޫންތޯއެވެ؟
މި ދެންނެވެނީ އިޖުތިމާޢީ ޚިދުމަތްތަކުގެ ވާހަކަ އެކަންޏޭ ކިޔުންތެރީން ހިތްޕުޅަށް އެރުން އެކަށީގެންވެއެވެ. ނަމަވެސް ހަތިޔާރާއި ހަނގުރާމައިގެ އުކުޅުތަކާއި ހުނަރުތަކުގައި ދިވެހި ސިފައި ކުރި ހޯދައިފައިވާ މިންވަރު، ”މިނިވަން 50“ ގެ ރަސްމިއްޔާތު ބެއްލެވި އެއްވެސް ބޭފުޅަކަށް ވަންހަނާވެގެންނުވާނެ އެވެ. ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ޤައުމުތަކުގެ ސިފައިންގެ ފައުޖުތައް ލަދުން އިސްދަށަށްޖަހައިލާންޖެހޭހާ ފުރިހަމަ ހުނަރުތަކެއް އެހާމެ މޮޅު އުކުޅުތަކެއް، އެ ރަސްމިއްޔާތުގައި ހަމަގައިމު ވެސް އަޅުގަނޑު ދުށީމެވެ. މުޅި ރަސްމިއްޔާތުގައި އެންމެ ޝައުޤުވެރިކަމާއެކު ބެލުނު އެއް އައިޓަމަކީ ސިފައިންގެ ހެވިކަމުގެ ޙަރަކާތްތަކޭ އަޅުގަނޑު ދެންނެވީމާ އެކަމަށް ތިޔަ ބޭފުޅުން އިޢުތިރާޟް ކުރައްވާނަންތޯއެވެ؟ ފަހެ ތަހުނިޔާ އަދައެއް ނުކުރައްވާނަންތޯއެވެ؟
ސިފައިންގެ ޚިދުމަތާއި ހުނަރުވެރިކަމަށް ތަޢުރީފުކުރާން ބޭނުންކުރާނޭ ޢިބާރާތެއް އަޅުގަނޑުގެ ވިސްނުމަކަށް ނާދެއެވެ. އަޅުގަނޑަށް ދެންނެވޭނީ ޝުކުރިއްޔާއެވެ! އެހެނީ ދިވެހި ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި ސިފައިންގެ ޤައުމީ ޚިދުމަތުގެ ޙިއްސާ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް އެބަ އޮތެވެ. ފޫހިކަމެއް ކުދި ކިޔުމެއް ނެތި އެ ޚިދުމަތް ރެޔާއި ދުވާލު އެބަ ފޯރުކޮށްދެއެވެ. އެހެންވީ އިރު މިއަށްވުރެ މަތިވެރި ޤައުމީ ޚިދުމަތެއް އެބަ އޮތްތޯއެވެ؟ ނެތެވެ. ނުވެސް އޮންނާނެ އެވެ. އެހެންކަމުން ސާބަހާއި ތަޢުރީފާއި ޝުކުރުވެރިކަމާއެކު އަޅުގަނޑަށް ދެންނެވޭން އޮތީ އެންމެ މަތިވެރި ޤައުމީ ޚިދުމަތަކީ ”ސިފައިންގެ ޚިދުމަތް“ ކަމުގައެވެ. މިކަމަށްޓަކައި ދިވެހިރާއްޖޭގެ ޚިދުމަތްތެރި ސިފައިންނަށް ތަހުނިޔާއާއި މުބާރިކުބާދީ ފޮނުވަމެވެ. ސެލިޔުޓްކުރަމުންނެވެ. ކާމިޔާބީއާއި އިތުރު ކުރިއެރުމަށް އެދެމުންނެވެ. އަޅުގަނޑަށް ވެސް ސިފައިންގެ ޚިދުމަތުގައި އުޅެވުނުނަމައޭ ހިތަށް އަރައެވެ. ފަށްފަށުން ޝުކުރިއްޔާއެވެ!
ކީރިތިވަންތަ މާތް ﷲ، ދިވެހި ސިފައިންގެ އިޚުލާޞްތެރި ޚިދުމަތުގައި ބަރަކާތްލައްވައި އެބައިމީހުންނަށް ސާބިތުކަންދެއްވާށިއެވެ! ސިފައިންގެ ޚިދުމަތަށް އިތުރު ކުރިއެރުމާއި ތަރައްޤީ މިންވަރުކުރައްވާށިއެވެ! ”ދިވެހީން ދިވެހީންގެ ގޮތުގައި މިނިވަންކަންމަތީ އަބަދަށް“ ލަހައްޓަވާށިއެވެ! އާމީން!
