އަލަނާސި އަކީ މިއަދު ކޮންމެ ގްރޯސެރީ ފިހާރައަކުންވެސް އާންމުކޮށް ލިބެން ހުންނާނެ މޭވާއެކެވެ. ޚާއްޞަކޮށް ރޯދަމަހުގެ ތެރޭގައި ދިވެހިންގެ މެދުގައި މަޤްބޫލު މޭވާއެކެވެ. ހަޖަމުކުރުމުގައި ދިމާވާ މައްސަލަތަކާއި، ހުޅުގެ ބަލިތައް، އަދި ވައިނޮޅީގެ ކަފިދުޅަވުން ފަދަ ބަލިތަކުގެ ފަރުވާއަކަށްވެސް ދުނިޔޭގައި ވަރަށް ގިނަ ބަޔަކު އަލަނާސި ބޭނުންކުރެއެވެ.
އަލަނާސިއަކީ ވިޓަމިންސް އާއި މިނެރަލްސް ވަރަށް މުއްސަދި އަދި އޭގެ އިތުރުން ކެލްސިއަމް، ޕޮޓޭސިއަމް، ފައިބަރ އަދި ވިޓަމިން ސީ އެކުލެވޭ މޭވާއެކެވެ. އަލަނާސީގައި ތެލާއި ސަރުބީ އެކުލެވެނީ ވަރަށް މަދުންނެވެ. ތެޔޮ، ސަރުބީ، އަދި ލޮނު ހަށިގަނޑުގައި ގިނަވުމަކީ ލޭމައްޗަށް ދިއުމަށް މަގުފަހިކުރާ ކަންތައްތަކެކެވެ. ލޭމައްޗަށްދަނީ ލޭހޮޅީގެ ތެރޭގައި އާދަޔާ ޚިލާފަށް ލޭދައުރުވާ ބާރުމިން މަތިވުމުންނެވެ. މިކަން ކުޑަކުރުމަށް ސޯޑިއަމް މަދުވެ، ޕޮޓޭސިއަމް ގިނަވާންޖެހެއެވެ. އަލަނާސީގައި ސޯޑިއަމް ނުވަތަ ލޮނު ވެސް ހުންނަނީ މަދު މިންވަރަކަށެވެ. އަދި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެއެވެ.
އަލަނާސީގައި އެކުލެވިގެންވާ މެންގަނީޒް މާއްދާގެ މުއްސަނދިކަމުގެ ސަބަބުން ކަށިތައް ވަރުގަދަކޮށްދެއެވެ. މެންގަނީޒް އަކީ ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ބޭނުންވާ ބައެއް އެންޒައިމްތަކުގެ މަސައްކަތަށް ބޭނުންތެރި މާއްދާ އެކެވެ. އެއަކީ ކަށި އުފެދުމުގައި ދައުރެއް އަދާކުރާ މައުދަނެއް ކަމުން، ޅަކުދިންގެ ކަށިތައް އުފެދި ބޮޑުވުމަށާއި، ބޮޑެތި މީހުންގެ ކަށިތައް ވަރުގަދަކުރުމަށް މެންގަނީޒް ބޭނުންވެއެވެ. އަލަނާސި ޖޫހުގެ އެންމެ ތަށްޓަކުން ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ މެންގަނީޒްގެ 73 އިންސައްތަ ލިއްބައިދެއެވެ. ވަކިން ޚާއްޞަކޮށް އަލަނާސި އާދަކޮށް ބޯނަމަ ހެދިބޮޑުވުމަށާއި ކަށިތައް ވަރުގަދަ ކޮށްދިނުމަށް އެހީތެރިވެދެއެވެ.
ރޯގާޖެހި ކެއްސުމަށް އާންމުގޮތެއްގައި އަޅުގަނޑުމެން ބޭނުންކުރަނީ އޮރެންޖު ޖޫހެއް ނޫންތޯއެވެ. ސަބަބެއްކަމަށްވަނީ އޮރެންޖުގައި ހުންނަ ވިޓަމިން ސީގެ މުއްސަދިކަމެވެ. ހަމައެގޮތަށް އަލަނާސިއަކީވެސް އޮރެންޖުން ލިއްބައިދޭ ހުރިހާ ފައިދާތަކެއް ލިބިގަނެވޭ މޭވާއެކެވެ. ޚާއްޞަކޮށް ރޯގާޖެހި ކެއްސާނަމަ، އަލަނާސި ރޮލައި ކާށެވެ. އޭގައި އެކުލެވިގެންވާ ބްރޯމެލައިން ކިޔާ ޕްރޮޓީން ވަކިކޮށް ބައިބައިކުރާ ވަރަށް މުހިންމު އެންޒައިމެއްގެ ސަބަބުން، ކަރުތެރެ ހަލާކުވުމާއި، ހުޅުތައް ދުޅަވުން ފަދަ ބަލިތައް ފަސޭހަވުމަށް އެހީތެރިވެދެއެވެ. ބްރޯމެލައިންގެ ފައިދާ ބޮޑަށް ހަށިގަނޑަށްކުރަނީ ދެކެއުން ދެމެދުގައި އެހެން ކާތަކެއްޗާއި ވަކިން ބޭނުންކުރުމުންނެވެ. ނަމަވެސް އެހެނިހެން ކާތަކެއްޗާ އެކު އަލަނާސި ބޭނުންކުރުމަކީ ކާތަކެތި ހަޖަމުކުރުމަށް އެހީތެރިވެދޭ ކަމެއްވެސްމެއެވެ.
އަލަނާސީގައި ހަން އޮމާންކަމާއި ވާންކަންމަތީ ބަހައްޓައިދިނުމުގައި އެހީވާ އެންޒައިމް ހުރެއެވެ. އަދި މިއެންޒައިމްތައް ހުރުމަކީ ހަމުގައި ފެން އެކުލެވޭ މިންވަރު މަތިކޮށް، ހަމުގައި ހަލާކުވެ، މަރުވެފައި ހުންނަ ސެލްތައް ނައްތާލުމަށް އެހީތެރިވާ ކަމެކެވެ. މީގެ އިތުރުން ހަމުގެ ބައެއް ބަލިތަކަށް ފަރުވާގެ ގޮތުގައާއި، ލޭހޮޅިތަކުގެ ތެރޭގައި އުފެދޭ ގަނޑުލޭކޮޅު ވިރުވައި ނައްތާލުމުގައި ބްރޯމެލައިންގެ ބޭނުން ހިފައެވެ.
ދަތުރުމަތީގައި މޭނުބައިވެ ހޮނޑުލާގޮތް ވުމުން އަލަނާސި ޖޫހަކީ އަދި ރޯ އަލަނާސި އަކީ ބޭނުން ކުރެވިދާނެ ރަނގަޅު އެއްޗެކެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު ކުރިމަތިވާ މޭނުބައި ކުރުމާއި ހޮނޑުލުމުގެ އުދަނގުލަށްވެސް އަލަނާސި ބޭނުންކުރުމުން ލުއިކަން ލިބެއެވެ. މީގެ އިތުރުން އަލަނާސީގައި އެކުލެވޭ ވިޓަމިންސީގެ ސަބަބުން ދަތްތަކުގައި ކޮބަޑިޖެހުމުން ދުރުކޮށްދީ، ހިރުގަނޑުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.
