1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމުގައި ހިނގި ބޮޑު މުއާމަރާ ގައިވެސް، ދިވެހިޤައުމުގައި އޭރުއޮތް ވެރިކަމާދެކޮޅަށް އިސްވެ ނުކުމެ ތިބީ ހަމަ ދިވެހީންނެވެ. އޭގެ ތެރޭގައި، ދިވެހީންގެ ސިފައިންގެ ޙާލަތު ދެފުށުން ކިޔަވައިގެން ތިބި މީހުން ތިއްބެވެ. ދިވެހި ތާރީޚުގެ ޙަޤީޤަތް ތައް ރަނގަޅަށް ދަންނަ، ދިވެހި ބަފައިންނާއި މައިންނަށް އުފަން ދިވެހި ދަރީންވެސް އޭގެތެރޭގައި ތިއްބެވެ.
ދިރާސާ ކުރެވުނު ވަރަކަށް މިކަމުގެއަޑީގައިވާ ޙީލަތްތެރި ރޭވުން ތެރިކަން ފެނެއެވެ. އާދޭހެވެ. އެތައް ދުވަހަކުއްސުރެ ހިތްތަކެއްގައި އަނދައަނދައި ހުރި އަލިފާންގަނޑެއް އެންމެ ފަހުން ހުޅު ފަޅައިގެން ދިޔައީއެވެ. އެހައިހިސާބުން އެމީހުން ދިވެހި ޤައުމަށް ޣައްދާރުވުމަށްފާޅުގައި ނުކުތީއެވެ.
މިކަމަށް އެމީހުން 1986 އިން ފެށިގެން ތައްޔާރުވާން ފެށިކަމަށްވެއެވެ. ރާވަން ފެށިކަމަށްވެއެވެ. ކޮންގޮތަކަށް ކަމަށްތޯއެވެ؟ ހަތިޔާރާއެކު މާލެ އަރާށެވެ. ރޭވުންތެރިކަމާއެކު ވެރިކަން އަތުލާށެވެ. އެންމެފަހުން އެރޭވުން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތަށް ނުކުތީ އެވެ. ރޭގަނޑު ދަންވަރު މުޅި މާލެ ނިދާފައި އޮއްވައި އޭރު ލިބެންހުރި އެންމެ ބާރުގަދަ ހަތިޔާރާއެކު ތަމްރީނުކޮށްފައި ތިބި ހަތްދިހަ އެތައް ބިދޭސީންނެއް ފަހަތުލައިގެން މިމީހުން މާލެ އެރީއެވެ. ސިފައިންގޭގެ މައި ދޮރުން ނުވަދެވުނަސް ހެވެވެ. ކުރިންވެސް ރާވައިފައި އޮތީ ސިފައިންގޭގެ އަނެއްފަރާތު ފާރު ގޮއްވައިވެސްލުމަށެވެ. އެކަން އެމީހުން ކުރިއެވެ. ސިފައިންގެ އެމީހުންގެ އަތްދަށަށް ގެނެސް ބަޑިގުދަން ޖަހައިގަތުމަށްޓަކައެވެ.
މިގޮތުގެ މަތިން ކެނޑިނޭޅި ބޮންއުކަމުން ބަޑިޖަހަމުން ގެންދިޔައެވެ. ފަޅުއޮޑިފަހަރުންނާއި ރަށުތެރެއިން ޖުމްހޫރީ މައިދާނަށް ގެނެސް އެތައްބަޔަކު ބަނޑުވަތަށް ބާއްވައި އަނިޔާކޮށް ހެދިއެވެ. ބަޑިޖަހަން ބޮން އުކަން ހަވާލުކޮށްފައިތިބީ ބިދޭސީންނާއެވެ. އެއީ އެމީހުން އަތުން މަރުވީ ކޮން ބައެއްކަންވެސް ނުދަންނަ، ދިވެހިބިމާމެދު އެއްވެސް ފިކުރެއްނެތް ބައެކެވެ. އޭރު އެތައް ސިފައިންނަކާއި އާންމުންގެ ކިތަންމެ ބަޔަކު އެ ރަޙުމުކުޑަ އަދި ދިވެހި ޤައުމަށް އެއްވެސް ކުލުނެއް ނެތް ބަޔަކު މީހުން ލައްވައި ޖެއްސި ބަޑީގެ އުންޑައިން ޝަހީދުވެ މަގުމައްޗަށް ވެއްޓިއްޖެއެވެ. އިރުއެރިއިރުވެސް މާލޭގެ ބޮޑެތި އެތައް މަގެއްގެ މަތީގައި ލެއިން ފޯވެފައިވާ ގަބުރުތައް ހުއްޓެވެ. އޭރުވެސް އެއަނިޔާވެރި ޣައްދާރުން ބަޑިހިފައިގެން ތިބި ބޭރުމީހުން ދެފަރާތުގައި ބައިތިއްބައިގެން އެމީހުން ބޭނުންވާ ދިވެހި ޤައުމުގެ ޢިއްޒަތްތެރިން ހޯދުމަށް ރަށުތެރޭގައި އަތްފުނާ އަޅަމުން ދަނީއެވެ. އެހައި ހިސާބަށް ދިޔައިރު ބާޒާރުގެ ފިހާރަތައް ހުރީ ލޫޓުވާލައިފައެވެ. ސިފައިންގެ މައި މަރުކަޒު ކީއްކުރަންތޯއެވެ؟ އިސްލާމީ މަރުކަޒަށްވެސް ހުރީ އެތައް ވަޒަނެއް އަރައި ދޮރުފަތްތަކުގެ ބިއްލޫރިތައް ފުނޑުފުނޑުވެފައެވެ. ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް ގެ ސިގްނަލް ވަނީ ދިވެހިރައްޔިތުންނާ ވަކިކޮށްލައިފައެވެ.
ވަޒަނެއްގެ ފުރަތަމަ އަޑާއެކު ދިވެހި ސިފައިން ސަމާލަށް އަތުވެއްޖެއެވެ. ޢަޒުމާއި ވިސްނުންތެރިކަމާއެކު ޙާލަތާ ކުރިމަތިލާން ފަށައިފިއެވެ. އެއްވެސް ޖެހިލުމެއްނެތި އެމީހުންގެ ފުރާނަ ދިޔަޔަސް ހެޔޮކަމަށް ކިތަންމެ ސިފައިންނެއް މަގުމައްޗަށް ނުކުތެވެ. މާތްﷲ ގެ ވާގިފުޅާއި މަދަދު އޮތީ ދިވެހިންނާ އެކުގައެވެ. ކުއްލިއަކަށް މިއައި ހައިރާން ކަމުގައިވެސް ދިވެހި ސިފައިން ދެއްކީ އަޖައިބެއްފަދަ ރޭވުންތެރިކަމަކާ ޖެހިލުންކުޑަކަމެވެ. އެންމެ ފަހުން ބާޣީންނަށް ގޮތްހުސްވެ މާޔޫސްވެ ފުރާނަޔަށް ބިރުން ފިލައި ރައްކާވާނަމޭ ހީކޮށް ބަނދަރުން ބޯޓެއް ވަގަށް ނަގައިގެން އެތައް ރަހީނުންނެއް ޖަހައިގަނެގެން ފިލާނަމޭ ހީކޮށް ދިޔައީއެވެ.
ދިވެހި ސިފައިން ތިބީ އެމީހުން ދާނެތާކަށް ދާން ދޫކޮށްލާކަށް ނޫނެވެ. އަދި ކީއްތޯއެވެ؟ އިންޑިއާ ސިފައިންގެ އެހީއާއެކު އެމީހުން ފަހައިވެސް ދިޔައީއެވެ. ދިވެހިން ބާޣީން ދަތުރު ކުރަމުންދިޔަ ބޯޓާއި ކައިރިޔަށް ދިޔައީމާ ދެންވެސް އެމީހުން ހެދީ އިންސާނުން އިންސާނުންނަށް ކޮށްފާނެކަމަށް ހިތައްވެސް ނުގަނެވޭފަދަ ނުބައި ގޮތްތަކެކެވެ. އެބޯޓާކައިރިވެލާ ކޮންމެ ފަހަރަކު އެމީހުން ރަހީނުކުޅަ ކޮންމެވެސް މާތް ޢިއްޒަތްތެރި ދިވެއްސަކުގެ އިސްތަށިފުޅަށް އެންމެންނަށް ދައްކައިގެން ބަޑިޖަހައި އަވަހާރަކޮށްލުމަށްފަހު ކަނޑަށް އެއްލައިލަމުން ގެންދިޔައީއެވެ. ސުބްޙާނަﷲ އެވެ.
ދެން އެޣައްދާރުން އުޅުނީ އެބޯޓުގެ ކުޑަ ލޯންޗް ބާލައިގެން އޭގައި ފިލައިގެން ރައްކާވާންކަމަށެވެ. އެކަމުގައިވެސް ﷲ ކުޅަދުންވަންތަކަން ދެކިބަލާށެވެ. އެވަގުތު ބޯޓުގެ ސޭލަ ކުޑަލޯންޗުގެ މައްޗަށް ވެއްޓި ކުޑަލޯންޗު ފުނޑުފުނޑުވީއެވެ.
މިހިރީ އީމާންކަމުގެ އަހުލުވެރީންނަށް މާތްﷲ ނަޞްރު ދެއްވާ ގޮތުގެ ރީތި މިސާލެވެ. ރެޔާއި ދުވާލު ތަކްބީރުގެ އަޑު އިވޭ ތަނަކަށް އެކަލާނގެ މަދަދު މިންވަރު ކުރައްވާ ގޮތުގެ ނަމޫނާއެވެ.
އާދޭހެވެ. މާތްﷲ ނަޞްރު ދެއްވީ ދިވެހިންނަށެވެ. އެމީހުންނަށް ޖެހުނީ މީގެ ކުރިންވެސް ދިވެހި ޤައުމަށް ޣައްދާރުވި މީހުންނަށް ޖެހުނު ހާލެވެ. އެމީހުން އެވަނީ ރައްޔިތުންގެ ކުރިމަތީގައި ފަޟީޙަތްވެފައެވެ.
ޤައުމަށް ޣައްދާރުވި ޚާއިނުންގެ ގޮތުގައި ތާއަބަދަށް އެހެރީ އެމީހުންގެ ނަންތައް ލިޔެވިފައެވެ.
މިކަމުން ދަސްކުރަންވީ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ ކުރަންވީ އިހްސާސްތަކަކީ ކޮބައިހެއްޔެވެ؟ އާދޭހެވެ. ދަސްކުރަންވީ ފިލާވަޅަކީ މިކަމަކީ އައުކަމެއްނޫންކަމުގެ ފިލާވަޅެވެ. ހިތަށް ގެންނާންވި އިހްސާސަކީ ދެންވެސް މިފަދަ ދުވަހެއް އަތުވެދާނެ ކަމެވެ. އަދި އިއްޔެއަށް ވުރެ މިއަދުގެ ނުރައްކާ މާބޮޑުވާނޭކަމެވެ. ދުވަހެއް ދުވަހަކަށް މިފަދަ ކަންކަމުގައި ކުރިޔަށް ވިސްނައި ސަމާލުވާންޖެހޭ ރޮނގުތައް ތަފާތުވަމުން އަންނާނޭކަމެވެ. ޒަމާންވީވީހެން ރާއްޖެ ދުނިޔެއަށް މަޝްހޫރުވީވީހެން ތަރައްޤީގެ ހަރުފަތްތަކުން މައްޗަށް އެރިއެރިހެން ހަސަދަ ވެރިންވެސް އަންނާނީ ގިނަވަމުން ކަމެވެ. ރޭވުންތެރިންގެ ރޭވުންތައްވެސް އަންނާނީ ދުވަހަކަށްވުރެ ދުވަހެއް މޮޅުވަމުންކަމެވެ.
އަޅުގަނޑުމެން އެއްދީނެއްގައި އެއްމަޒްހަބެއްގައި އެއްގޮތްތަކެއްގައި ހިފަހައްޓައިގެން ތިބުމަކީ ބައެއް މީހުންގެ ބޮލަށް ވަރަށް އުނދަގޫވާ ކަމެކެވެ. އަޅުގަނޑުމެންގެ ތެރޭގައިހުރި ތަފާތު ފިކުރުތަކާއެކުވެސް ޤައުމީ ވަޙްދަތެއް އޮންނާތީ އެކަމާ ރުޅިއަންނަ ބަޔަކު އޭރުވެސް އަދި މިހާރުވެސް ތިބިކަން އަޅުގަނޑުމެން އެބަ ހަނދާން ކުރަން ޖެހެއެވެ. ދިވެހިންގެ ބަޠަލުންގެ އަގު ވައްޓާލައި ދިވެހި ބަހާއި ދިވެހި ގޮތްތައް މިތަނުން ނައްތާލައި ދިވެހިންނަށް ދިވެހިން އޮޅުވައިލުމަށް މިހާރު މަސައްކަތް ކުރަނީ ސިއްރުގައި ނޫންކަން އަޅުގަނޑުމެން ހަނދާން ކުރަންޖެހެއެވެ. އިއްޔެގެ ނޮވެމްބަރ 3 ގައި ޕްލޮޓް ޖަމާޢަތް ގެނަޔަކަސް މިއަދު ދިވެހި ޤައުމަށް ޣައްދާރުވާ ބަޔަކު އަންނާނީކުލީ ސިފައިން ގޮވައިގެންނެއް ނޫނެވެ. އެފަދަ މީހުން މިއަދު އަންނާނީ ދުނިޔޭގެ ބޮޑެތި ބާރުތައް ގޮވައިގެންނެވެ. މިއީ މިކަމާމެދު އަޅުގަނޑުމެން ވިސްނަންޖެހޭކަމެކެވެ. މިއީ މުސްތަޤްބަލްގައިވާނޭ ކަމެއްނޫނެވެ . މިއަދުވެސް ހިނގަހިނގައި ހުރި ކަމެކެވެ.ހާމައަށް ފެންނަން ހުރި ކަމެކެވެ. މިހިރީ ފިލާވަޅެވެ. މިހިރީ މިއަދު އެއިން އިބްރަތް ހާސިލް ކުރަންވީ ކަންތަކެވެ.
ހިނގާށެވެ. ކުރިޔަށް ދަމާ ހިނގާށެވެ. ނޮވެންބަރު ތިނެއްގެ ހަނދާން ތަކާއެކު މިއަދުގެ ޙާލަތަށް ވިސްނައިގެން އަންނަން އޮތް ޖީލުތަކުގެ ކުރިމަގު ބައްޓަން ކުރަން ދުރާލައި މަސައްކަތް ފަށަމާ ހިނގާށެވެ.މާތްވެގެންވާ އިސްލާމްދީނުގެ ހިޔަލުގައި އެންމެން އެކީގައި، ދިވެހީން، ދިވެހީންގެ ގޮތުގައި މިނިވަންކަންމަތީ ތާއަބަދަށް ދެމިތިބުމުގެ ޢަޒުމުގައި ކުރިޔަށް ދަމާ ހިނގާށެވެ.
