މި އަހަރަކީ އަޅުގަނޑުމެން ވަރަށް މުހިންމު ދައުވާއެއް ކުރަމުން އަންނަ އަހަރެކެވެ. އެ ދައުވާއަކީ ދިވެހިރާއްޖެއަށް ސިޔާސީ ގޮތުން މިނިވަންކަން ލިބުނުތާ ފަންސާސް އަހަރު ވެއްޖެކަމުގެ ދައުވާއެވެ. ވަރަށް ބުރަ މަސައްކަތުން އަޅުގަނޑުމެން އެ މިނިވަންކަން ހޯދައިގަތީ އިނގިރޭސި ދައުލަތުގެ ކިބައިންނެވެ. މަޤުޞަދަކީ އޭގެ ސަބަބުން ދިވެހި ޤައުމުގެ މައްޗަށް ދިވެހީންގެ އަމިއްލަ އިޚްތިޔާރާއި ބާރާއި މަނަސް ފުރިހަމައަށް ހިނގުމެވެ. އެ ޙައްޤު ދިވެހީންނަށް ފުރިހަމައަށް ލިބިފައި އޮތުމެވެ. އެހެނީ މޫސާ ފަތުޙީ (1983) ވިދާޅުވާ ގޮތުގައި ”1887 އިން 1965 އަށް ދިވެހިރާއްޖެ އޮތީ އިނގިރޭސި ޙިމާޔަތޭ ކިޔުނު އަޅުވެތިކަމެއްގެ ތެރޭގައެވެ“. އެހެންކަމުން ޤާނޫނީ ގޮތުން އަޅުގަނޑުމެން އެ އަޅުވެތިކަމުން މިނިވަން ވެއްޖައީމުއެވެ. ނަމަވެސް އޭގެ ކުރިން ވެސް އަދި މިއަދު ވެސް، މިނިވަންކަމުގެ ޙަޤީޤީ މާނައިގައި ދިވެހީންނަށް ދިވެހީންގެ މިނިވަންކަން، އިނގިރޭސީން ދޫކޮށްލައިފައި ވާ ތަނެއް ނުފެނެއެވެ.
މި މަޒުމޫނުގައި އަޅުގަނޑު ބަލައިލާނީ، ދިވެހިރާއްޖެ މިނިވަންވުމުގެ ކުރީންނާއި އޭގެ ފަހުން ހިނގައިދިޔަ ބައެއް ކަންކަމުގައި އިނގިރޭސީން ނުވަތަ އިނގިރޭސި ދައުލަތުން ދިވެހީންގެ މައްޗަށް ފޯރުވައިފައިވާ ނުފޫޒުގެ މައްޗަށެވެ.
ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިޔުމުގެ ކުރިން ވެސް އިނގިރޭސީން ދިވެހީންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެފައިވެއެވެ. އެކަމަށް ދަލީލު ލިބޭ އެންމެ ބޮޑު އެއް ހާދިސާއަކީ 1886 ވަނަ އަހަރު މާލޭގައި ހިނގައިދިޔަ ބޮޑުހުޅުގެ ހާދިސާއެވެ. އެއީ މާލޭގެ ރައްޔިތުންގެ ގެދޮރުގައި ސިއްރުން ބަޔަކު ހުޅުޖަހައި މުޅި ރަށުތެރޭގައި ބިރުވެރިކަން އުފައްދައި ނާމާންކޮށްލި ހާދިސާއެކެވެ (ޢަބްދުލްޙަކީމު ޙުސައިން މަނިކު، 1981). މި ކަމުގެ މަޤުޞަދަކީ އޭރު ރަސްކަމުގައި އިންނެވި އައްސުލްޠާނު މުޢީނުއްދީނުއްޘާނީ (1886-1888މ)އާއި، އެ ރަދުންގެ ބޮޑުވަޒީރަކު ކަމުގައި ހުންނެވި އަލްއަމީރު މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނަށް ރާއްޖޭގެ އަމްނު ނުބެލެހެއްޓެވޭކަން ސިލޯނުގައި އޮތް އިނގިރޭސި ސަރުކާރަށް އެންގުމެވެ (ޢަބްދުލްޙަކީމު، 1981). ސުވާލަކީ ދިވެހި ދައުލަތް ނުހިންގޭކަން އިނގިރޭސި ސަރުކާރަށް އަންގާން ޖެހެނީ ކީއްވެތޯއެވެ؟
މީގެ އިތުރަށް ބޮޑުހުޅުގެ ހާދިސާގެ ކުރިން އިނގިރޭސީން ރާއްޖޭން ބޭނުންވި އެހެންކަމެއް ފާހަގަކޮށްލަމެވެ. އެމީހުން ބޭނުންވީ ބޯޓުދެލީގެ މަސައްކަތް ކުރާ ކޯލްޑިޕޯއެއް ހެދުމަށް ރާއްޖޭން ބިމެއް ހޯދާށެވެ. ދެ ފަހަރެއްގެ މަތިން އެ މަސައްކަތްކުރިއެވެ. ނަމަވެސް އެ ދެ ފަހަރު ވެސް ދިވެހި ރަސްކަމުގެ ފަރާތުން ވިދާޅުވީ ނޫނެކޭއެވެ (މުޙައްމަދު އިސްމާޢީލް ދީދީ، 1963). ބޮޑުހުޅުގެ ހާދިސާ ހިނގީ އޭގެ ފަހުންނެވެ. އެ ހާދިސާގައި އޭރު ރާއްޖޭގެ އިޤުތިޞާދުގެ މައްޗަށް އަތްގަދަކޮށްގެން ތިބި ވޯރާވިޔަފާރިވެރީންގެ މުދަލަށާއި ޖާނަށް ގެއްލުން ދެވުނެވެ. އިބްރާހީމް ޝިހާބު (1990) ލިޔުއްވާ ގޮތުގައި ބޮޑުހުޅުގެ މައްސަލައިގައި އިސްކޮށް ތިބި މީހުން ދިވެހި ދައުލަތަށް އެނގި ސަރީޔަތް ހިނގައި އަދަބު ތަންފީޒު ކުރެވެމުން ދަނިކޮށް އެ މައްސަލަ ތަޙުޤީޤު ކުރުމުގެ ނަމުގައި އިނގިރޭސީން މާލެއައެވެ. ވޯރާވިޔަފާރިވެރީންނަކީ އިންޑިޔާގެ ރައްޔިތުންކަމަށް ވެފައި އިންޑިޔާ އޭރު އޮތީ އިނގިރޭސީންގެ ބާރުގެ ދަށުގައި ކަމަށްވާތީ ވޯރާއިންގެ ދިފާޢުގައި ކަމަށް ބުނެއެވެ. ނަމަވެސް ކަން ނިމިގެން ދިޔައީ ބޮޑުހުޅުގެ މައްސަލައިގައި އަދަބު ތަންފީޒު ކުރެވެމުން ދިޔަ، އަދި އިނގިރޭސީންނާ ގާތް ގުޅުމެއް އޮންނަ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނާއި އެ ފަދަ ބައެއް ދިވެހީން ސަލާމަތްވެގެންނެވެ (ޢަބްދުލްޙަކީމު، 1981). އެހެންކަމުން ޙިމާޔަތުގެ އެގްރީމަންޓުގައި ސޮއި ނުކުރަނީސް ވެސް އިނގިރޭސީން ދިވެހި ދައުލަތަށް މަޖުބޫރީތަކެއް ކުރިމަތިކުރުވައިފައި ވާކަން އެނގެއެވެ.
ދިވެހިރާއްޖެ އިނގިރޭސީންނާ އެކު ޙިމާޔަތުގެ އެއްބަސްވުމެއްގައި ސޮއިކުރުމަކީ ވެސް މިނިވަންގޮތެއްގައި ހިނގައިދިޔަ ކަމެއް ނޫނެވެ. އެހެނީ ބޮޑުހުޅުގެ މައްސަލައިގެ ތެރެއިން، މި އެގުރިމަންޓާ ދިމާޔަށް އިނގިރޭސީން މަގުކޮށަމުން ގޮސްފައި ވާ ތަން، ތާރީޚުން ވަރަށް ސާފުކޮށް ފެނެއެވެ. އެކި ރޭވުންތަކާއި އިންޒާރުތަކުގެ ތެރެއިންނެވެ. އެ ގޮތުން ”1887ވަނަ އަހަރުގެ ޑިސެންބަރު 16 ވަނަ ދުވަހުން ފެށިގެން 1948ވަނަ އަހަރުގެ އެޕްރީލުން 24 ވަނަ ދުވަހާ ހަމައަށް ދިވެހި ދައުލަތް އޮތީ އިނގިރޭސި ދައުލަތުގެ ދަށުގައި ކަމަށް ވީ، މުޢީނުއްދީން ކުޑަބަންޑާރައިންގެ ނަންފުޅުގައި ލިޔެވުނު ސިޓީގައި ވާ ގޮތަށެވެ“ (ޝިހާބު، 1990، ޞ. 132). ރަދުން ސިޓީފުޅެއް ލިޔުއްވި ވާހަކައެއް ޝިހާބު ވިދާޅެއް ނުވެއެވެ. އޭގެ ބަދަލުގައި ވިދާޅުވަނީ ’ރަދުންގެ ނަންފުޅުގައި‘ ސިޓީއެއް ލިޔެވުނު ވާހަކައެވެ. ހަމަ އެހެންމެ މުޙައްމަދު އިސްމާޢީލު ދީދީ (1963) ވިދާޅުވާ ގޮތުގައި މި މައްސަލައިގައި މިއަށް ވުރެ ސާފު އަނެއް ހެއްކަކީ، 20 އޮކްޓޫބަރު 1887ގައި އިނގިރޭސި ގަވަރުނަރު، އޭއެޗް ގޯޑަން؛ ލިޔެވިފައި ވާ އެގުރީމެންޓަކާ އެކު ރެއަރ އެޑްމިރަލް ސަރ އެފްޑަބްލިޔު ރިޗަރޑްސް މާލެ ފޮނުއްވި އިރު، އޭނާއަށް ދެއްވައިފައި ވާ ސިޓީގައި ހުރި ސާފު ޢިބާރާތްތަކެވެ“. އެޑްމިރަލްއަށް ދެއްވި ސިޓީގައި ސާފު ބަހުން ލިޔެފައި ވެއެވެ.
”ދިވެހިރާއްޖޭގެ ރަދުން މުޢީނުއްދީން ލައްވާ އެ ފޯމުގައި ސޮއި ކުރުވުމަކީ މުޅީން ވެސް މަނިކުފާނުގެ ޒިންމާގައި ވާ ކަމެކެވެ. އޭގައި ސޮއި ނުކުރުއްވައިފި ނަމަ ހުރި ނުރައްކަލާއި، ކުރުއްވައިފި ނަމަ ރަދުންނަށް ލިބިވަޑައިގަންނަވާނޭ ފައިދާގެ ބޮޑުކަމާއި މުޢީނުއްދީން އަރިހުގައި ހާމަކޮށް ނަސޭހަތްޕުޅު އެރުވުމަށެވެ. ނުވަތަ ވަސްވާހުގެ ގޮތުން ހެއްލުމަށެވެ. (އަދި އެ ސިޓީގެ ތަންކޮޅެއް ފަހަތުގައި ވަނީ) … ދިވެހި ސަރުކާރާއި ރައްޔިތުން ބިދޭސީންނަށް ދަރާފައިވާ ދަރަނީގެ ލަދުވެތިކަމުން ސަލާމަތް ކޮށްދޭނެކަން ރަދުންނަށް ދަންނަވަނިކޮށް އޭގައި ސޮއި ކުރުއްވާން ދައްޗެއް ނާރާނެކަމުގައެވެ“. – (މުޙައްމަދު އިސްމާޢީލު ދީދީ، 1963، ފަތިސް ނޫހުގެ 1 އޮކްޓޫބަރުގެ އަދަދުން ނަގައިފައި).
ވީމާ މިއީ ރޭވުންތެރިކަމާއި ނުތަނަސްކަންކަމުގެ ތެރެއިން ނެރެފައިވާ ނަތީޖާއެއްކަން އެނގެއެވެ. މި އެއްބަސްވުން ބުނާ ގޮތުން ދިވެހިރާއްޖޭގެ ރަސްކަލަކު ކަމުގައި ބޭފުޅަކު ހަމަޖެހޭނީ ވެސް އިނގިރޭސި ދައުލަތުގެ ރުހުމާއި ތާއީދު އެބޭފުޅެއްގެ މައްޗަށް ކަށަވަރުވުމަށް ފަހުއެވެ. އޭގެ އިތުރަށް ފަގީރު ދިވެހިރާއްޖެ އަހަރުންއަހަރަށް އިނގިރޭސި ދައުލަތަށް ޖިޒީ ދެއްކުން ލާޒިމު ކުރެއެވެ (ޢަބްދުﷲ ޒަމީރު، 1999). މިއިން ހާމަވަނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ ފިތިގެން ދިޔަ މިންވަރެވެ. މިނިވަން ދައުލަތެއްގެ ބަޔަކު ރުހުމުގައި މި ފަދަ ނިންމުމެއް ނިންމައިފާނެ ކަމަކަށް ނުބެލެވެއެވެ. މި ކަމަށް ބާރު ލިބޭ އަނެއް ބުރުހާނަކީ އިނގިރޭސީން އެ ދުވަސްވަރު ހިންގި ސިޔާސަތު ވެސް ރޭވިފައި އޮތީ ބިރުދެއްކުމުގެ މައްޗަށްކަމަށް ވުމެވެ.
”އިނގިރޭސީންގެ ކޮލޯނިއަލް ސިޔާސަތު ހިންގަމުން ގެންދިޔަ ޒަމާނުގައި އިނގިރޭސީން އެބައިމީހުންނަށް ވުރެ އަސްކަރީ ބާރުގެ ގޮތުން ދެރަ ޤައުމުތަކުގެ ފަރާތުން އެދޭ ކަންކަން ކުރުމަށް ގަންބޯޓު ޑިޕްލޮމެސީގެ ގޮތުގައި ކިޔާން ފެށުނު އުސޫލެއް ގެންގުޅުނެވެ. މި ގޮތަށް ކަންތައް ކުރާ އިރުގައި މަތިފުށް ރީތި ސިޓީބިޓީ ބަހައްޓައިގެން އަސްލު ކަން ކުރަމުން ގެންދާނީ ބިރު ދައްކައިގެންނެވެ. ދިވެހިރާއްޖެ އިނގިރޭސީންގެ ބެލެނިވެރިކަމުގެ ދަށުގައި ވި ރާއްޖެއަކަށް ވީ ގަންބޯޓު ޑިޕްލޮމެސީ އޭގެ އެންމެ އަނިޔާވެރި ގޮތުގައި އިނގިރޭސީން ބޭނުން ކުރީތީއެވެ“ (މުޙައްމަދު ނަޝީދު، 1990، ޞ. 219).
ވީމާ، ޙިމާޔަތުގެ އެއްބަސްވުމަކަށް ދިޔުމާއި އޭގެ ނުކުތާތައް އެކުލަވައިލައި ސޮއި ކުރުވުމުގައި ވެސް އިނގިރޭސީން އިސްކޮށްފައި ވަނީ އަމިއްލަ މަޞްލަޙަތާއި ގަދަ ދެއްކުންކަން ޔަޤީނެވެ.
ދެން އޮތީ ޙިމާޔަތުގެ އެއްބަސްވުމަށް ފަހު ކަން ހިނގި ގޮތެވެ. އެ ޙިމާޔަތުގެ ނިވަލުގައި ދިވެހީންގެ ދާޚިލީ ކަންކަމަށް ގެނެސްފައި ވަނީ ނޭއްގާނީ އެތައް ކަމެކެވެ. އޭގެ ތެރެއިން އައްޑު އަތޮޅު ގަން އިނގިރޭސީންނަށް 100 އަހަރަށް ދެއްވާން ދިވެހިރާއްޖޭގެ ބޮޑުވަޒީރު ރަމްޒީ ސޮޔެއް ކުރެއްވި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. ނަމަވެސް މި މައްސަލައާ ގުޅިފައި ވާ އެންމެ ޝައުޤުވެރި ނުކުތާއަކީ އެޔެއް ނޫނެވެ. އެ ނުކުތާއަކީ އެ ލިޔުމެއް ބޮޑުވަޒީރު އަތްޕުޅަށް ލިބުނު ތާރީޚެވެ. ”މި ލިޔުމަކީ ވެސް އިނގިރޭސީން ގަމަށް ފޭބިތާ އެއް އަހަރާއި 16 ދުވަސް ފަހުން އެކުލަވައިލައިފައި ވާ ލިޔުމެކެވެ“ (ޢަލީ ފަހުމީ އަޙްމަދު، 2012، ޞ. 75). ވީ އިރު މި ލިޔުމެއްގައި ސޮއި ކުރުވި އިރު ކަން މި ވަނީ ހިނގައި ނިމިފައެވެ.
އައްޑޫގައި އިނގިރޭސީން ކަންކަން ހިންގި ނިޒާމަކީ ވެސް ނުރައްކާތެރި ނިޒާމެކެވެ. އެ ނިޒާމަކީ ”ބައިބައި ކޮށްގެން ވެރިކަން ހިންގުމުގެ އުކުޅު“ އެވެ (ޢަލީ ޢުމަރު މަނިކު، 2012، ޞ. 80). ހަމަ މި ނުކުތާއަށް ބާރު ލިބޭ ގޮތުގައި އެހެން ލިޔުންތެރިޔަކު ލިޔުއްވަނީ ”އައްޑުއަތޮޅަށް އިނގިރޭސީންގެ ލޭޒަން އޮފިސަރެއްގެ މަގާމަށް މޭޖަރ ފިލިޕްސް އިނގިރޭސީންގެ ފަރާތުން ފޮނުއްވައިފިއެވެ. މީނާއަކީ އިނގިރޭސި ސިޔާސަތު ’ޑިވައިޑް އެންޑް ރޫލް‘ މި އުސޫލަށް ހިންގުމުގެ ވެރިއެކެވެ“ (ޢަބްދުލްޙަކީމު، 1997، ޞ. 118). ހުވަދޫ ބަޣާވާތް ފެށުނީ މި ނިޒާމު ހިނގާން ފިލިޕްސް އައްޑޫގައި ހުއްޓައެވެ. އެހެންކަމުން މިއިން އެނގެނީ އިނގިރޭސި ޙިމާޔަތުގެ ނަމުގައި އަޅުގަނޑުމެން ތިބިތިބުމަކީ ވެސް ބައިބައި ވުމާއި، ދިވެހި ޤައުމަށް ގެއްލުން ހުރި އެތައް ކަމަކަށް ހުށަހޮޅިގެން ތިބި ތިބުމެއް ކަމެވެ.
ހުވަދޫ ބަޣާވާތަކީ އިނގިރޭސީންގެ ޙިމާޔަތުގެ ހާލީގައި ވިއްސި ފުރޭތައެކެވެ. އެ ފިތުނައިގެ ސަބަބުން ބަޔާން ކުރަން ދަތި އަނިޔާއާއި ހިތްދަތިކަން މައުޞޫމު އެތައް ރައްޔިތުންނެއް އުފުލަން ޖެހުނެވެ. ރައްޔިތުން ލައްވައި ހެއްދި ގޯސްތަކާއި ސަރުކާރުން އެޅުއްވި ހަރުކަށި ފިޔަވަޅުތަކާއި ޙިކުމަތެއް ނެތި ކުރެއްވުނު ބައެއް ކަންތައްތަކުގެ ސަބަބުންނެވެ. ޝައްކެތް ނެތް ގޮތުގައި މި ޙާލަތަށް ކަންކަން ގެންދިޔުމާއި ބަޣާވާތުގެ އެންމެހައި ކަންކަން ރާވައި ހިންގުމުގައި އިނގިރޭސީންގެ ރޭވުމާއި މަގުފަހިކޮށް ދިނުން އިންތިހާއަށް ފެންނާން އެބަ އޮތެވެ. ބައެއް މަންޒަރު ލޮލުން ދުށް މީހެއްގެ ހައިސިއްޔަތުން މުޙައްމަދު އަޙްމަދު މަނިކު (2009) ލިޔުއްވާ ގޮތުގައި އެ މައްސަލައިގެ ތެރޭގައި ފުވައްމުލަކު އަތޮޅުގޭގައި ހުރި މަދަރުސާއެއް ރޯކޮށްލެވުނެވެ. އައްޑޫގައި ލިއޭޒަން އޮފީހުގެ ހުރިހައި ލިޔެކިޔުންތައް އަންދައިލެވުނެވެ. އެ ތަން ބަލަން ވެހިކަލްތަކުން އަލިކޮށްގެން އިނގިރޭސި ސިފައިން ހިމޭނުން ތިއްބެވެ. ހަމަ އެހެންމެ މި ފަދަ ހުޅުރޯކުރުންތަކާއި ގާއުކުންތައް ކުރިޔަށް ދަނީ މޭޖަރ ފިލިޕްސްގެ ސީދާ ރޭވުންތެރިކަމުގެ ދަށުންކަމަށް އޭރު އައްޑޫގައި މި ކަންކަން ބައްލަވާން ދިވެހި ދައުލަތުގެ ފަރާތުން ހުންނެވި އަޙްމަދު ރަޝީދު (2009) ކަށަވަރުކޮށްދެއްވައެވެ. މީގެ އިތުރަށް މި ބަޣާވާތުގައި ދިވެހީންގެ ފަރާތުން އިސްވެ ހުންނެވި ޢަބްދުﷲ ޢަފީފުގެ ސެކްރެޓަރީ އިބްރާހީމް މާޖިދާ ޙަވާލާ ދެއްވައި ޢަލީ ޙުސައިން (2012) ބަޔާންކުރައްވާ ގޮތުގައި ’ވީ ކޮންމެ ގޮތަކުން އިބްރާހީމް ނާޞިރުގެ ސަރުކާރު ބަލިކޮށް ވައްޓާލާން‘ އިނގިރޭސީން މަސައްކަތް ކުރިއެވެ‘ (ޞ. 554). އެހެންކަމުން މި މައްސަލައިގައި ވެސް އިނގިރޭސީން ވަނީ ދިވެހި ދައުލަތަށް ކަނޑައެޅިގެން ގެއްލުން ލިބޭނެ ގޮތަށް މަސައްކަތް ކޮށްފައެވެ.
މިހާރު މި އޮތީ ރާއްޖެ މިނިވަން ވެފައެވެ. މިނިވަން ވިތާ ފަންސާސް އަހަރު ވެސް ވެފައެވެ. މި އަދު ކަންތައް އޮތީ ކިހިނެއް ތޯއެވެ؟ ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން އެ ޙުކުމް ތަންފީޒު ނުކުރުމަށް އިނގިރޭސި ދައުލަތުން ގޮވައިލިއެވެ (އާދަމް ނަވާޒް، 10 އޮކްޓޫބަރު 2014). 2013 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ރިޔާސީ އިންތިޚާބު ލަސްވަމުން ދިޔުމާ ގުޅިގެން، ހަމަޖެހިފައި ވާ ތާރީޚްގައި އިންތިޚާބު ނުބޭއްވިއްޖެ ނަމަ މަޖިލީހުގެ ރައީސާ ވެރިކަން ޙަވާލުކުރަންޖެހޭނެ ކަމަށް އިނގިރޭސީން ގޮވައިލިއެވެ (ސީއެންއެމް، 06 ނޮވެންބަރު 2013). ހަމަ އެހެންމެ 05 ނޮވެންބަރު 2013ގައި އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގައި ކުރެވުނު ބަހުސެއްގައި، ކޮންޒަވޭޓިވް ޕާޓީގެ މެންބަރު، އެލިޒަބަތު ލުމްލޭ ވިދާޅުވިއެވެ. ”ރާއްޖޭގެ ވެރިކަން (2012ވަނަ އަހަރު) ބަދަލުވެފައި ވަނީ ސީދާ ބަޣާވާތަކުންނެވެ.“ އޭރު އެ މައްސަލައަކީ ބައިނަލްއަގުވާމީ ބެލުމަކުން ބަލައި ދިވެހި ސަރުކާރުގެ ޤާނޫނީ ޞައްޙަކަމުގެ މައްޗަށް ފުރިހަމަ ކަށަވަރުކަން ލިބިފައި ވާ މައްސަލައެކެވެ. މީގެ އިތުރަށް މި އަދު ބުނަމުން ދަނީ ޖަލުގައި ތިބި ބައެއް މީހުން ވެސް ޝަރުޠަކާ ނުލައި ދޫކޮށްލުމަށެވެ. މިއިން އެނގެނީ ކޯނީގެ ރިޕޯޓެއް ދިވެހިކޯޓެއްގެ ޙުކުމެއް އެމީހުންނަށް ކަމުނުދާކަމެވެ. ކުރިމަތީ އޮންނަނީ ހަމައެކަނި އިނގިރޭސީން ރުހޭ ގޮތްކަމެވެ.
ތާރީޚު ދައްކާ ޙަޤީޤަތަކީ މިއެވެ. ދިވެހީންނާއި އިނގިރޭސީންނާ ދެމެދު މުޢާހަދާއެއް ނެތަސް އޮތަސް ދިވެހި ދައުލަތުގެ މައްޗަށް އިނގިރޭސީން އެބަ ބަސް ބުނެއެވެ. ދިވެހީންގެ މައްޗަށް ވެރިޔަކު އައްޔަނު ކުރެވޭ ނަމަ އެމީހަކަށް އިނގިރޭސީންގެ ރުހުން އޮންނާން ޖެހޭ މަންޒަރު އެބަ ފެނެއެވެ. ދިވެހީންގެ ޢަޤީދާއާއި ދީނާއި އިޖުތިމާޢީ ގުޅުންތައް ރޫޅޭނެ ގޮތްތައް އީޖާދުކޮށް ރާއްޖޭގައި އެކަންކަން އެބަ އަށަގަންނަވައެވެ. މި ހުރިހައި ގޮތަކުން ދިވެހި ޤައުމުގެ އިސްތިޤުލާލަށް އެ މީހުންގެ ބިރުވެރި ހިޔަނި އެޅިފައިވެއެވެ. އެއާއެކު ބުނަމުން ދަނީ ތިމަންމެންނަކީ ފްރެންޑްސް އޮފް މޯލްޑިވްސް ކަމަށެވެ. ސުވާލަކީ މިއީ ކޮން ކަހަލަ ރަޙްމަތްތެރިއެއް ބާވައެވެ؟ ދިވެހީން ދޮން ނިޔަދުރުން މިސާލު އެ ޖަހައިލާ ފަދަ ދޮން ރަޙްމަތްތެރިޔަކީ ބާވައެވެ؟
ހަވާލާ:
- އިބްރާހީމް ޝިހާބު. (1990). އައްސުލްޠާނު މުޙައްމަދު ފަރީދުގެ ރަސްކަން. މަލަސް 22. މާލެ: ދިވެހިބަހާއި ތާރީޚަށް
- ޚިދުމަތް ކުރާ ޤައުމީ މަރުކަޒު.
- އަޙްމަދު ރަޝީދާއި ޢުމަރު ޒާހިރު. (1959، 29 ޖޫން) އޭ މޭޖަރ ފިލިޕްސްއެވެ. ފަތިސް.
- އާދަމް ނަވާޒް.(22 މާރޗް 2015). ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރެވިދާނެ ބާ؟. ވަގުތު.އެމް.ވީ. http://www.vaguthu.mv/reports/247184
- ޢަބްދުލްޙަކީމު ޙުސައިން މަނިކު (1981) ތާރީޚީ މަޟާމީން. މާލެ: އެވަރގްލޯރީ
- ޢަބްދުﷲ ޒަމީރު. (1999). ރާއްޖޭގެ ވިޔާފާރިއަށް އަވަސްކަޅިއެއް. ފުރަދާނަ 20. މާލެ: މިނިސްޓްރީ އޮފް އިންފޮމޭޝަން
- ޢަލީ ޙުސައިން. (2013). ދުށްތަނާއި އިވުނު އަޑުތަކުގެ ހަނދާން ހުރިހައި (1). މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް
- ޕަބްލިޝަރޒް ޕްރައިވެޓް ލިމިޓެޑް.
- ޢަލީ ޢުމަރު މަނިކު. (2012). އަޅުގަނޑުގެ ދުވަހު ފޮތް. ސިންގަޕޫރު: މުޞައްނިފު
- މުޙައްމަދު އަޙްމަދު މަނިކު. (2009). ދެކުނު ތިން އަތޮޅުގެ ސިޔާސީ ގަޑުބަޑުގެ ބައެއް ވާހަކަ. މާލެ: ނޮވެލްޓީ
- ޕްރިންޓަރސް އެންޑް ޕަބްލިޝަރޒް ޕރވ ލމޓޑ.
- މުޙައްމަދު އިސްމާޢީލު ދީދީ. (1961). ދޮންތުއްކަލާގެ ބައްޕަގެ ހަނދާން. މާލެ: ނޮވެލްޓީ ޕްރެސް.
- މުޙައްމަދު ނަޝީދު. (ތާރީޚު ނެތް). ދަގަނޑު ދަހަނާ. މާލެ: މަލޯފާނު ޕްރިންޓަރސް.
- މުޙައްމަދު އިސްމާޢީލު ދީދީ. (1963، އޮކްޓޫބަރު 1). ޙިމާޔަތުގެ އެގްރިމަންޓް ފަތިސް.
- މޫސާ ފަތުޙީ. (މެހުމާނު). (26 ޖުލައި 1983). ދިވެހިރާއްޖެ މިނިވަންވުމާ ބެހޭ ބަސްދީގަތުން (މިނިވަންދުވަހާ ބެހޭ ޚާއްޞަ
- ރޭޑިޔޯ ޕްރޮގްރާމް) ޢަލީ ޙިލްމީ (ޕްރޮޑިއުސަރ) މިނިވަން ފަތިން. ދިވެހިރާއްޖޭގެ އަޑު.
- ސީ.އެން.އެމް. (06 ނޮވެންބަރު 2013). މަޖިލީހުގެ ރައީސާ ވެރިކަން ޙަވާލު ކުރުމާ މެދު ގޮތެއް ނިންމަންޖެހޭ: އިނގިރޭސީން.
- http://cnm.mv/scnm/f/?id=18272
