ކުރީގެ ޒަމާންތަކަށް ބަލާއިރު ދިވެހި ލަޝްކަރަކީ، އެޒަމާނަކަށް ފުދެވިގެންވާގޮތަކަށް ހަމަޖެހިގެންވާ، އެއްގަމާއި ކަނޑުގެ ލަޝްކަރެކެވެ. ޤައުމުގެ ދިފާޢުގައި ސަރަޙައްދީ ކަނޑުމަތީ ހަނގުރާމަތައްކުރީ، ދިވެހިންގެ ކަނޑުމަތީ އުޅަނދު ފަހަރުގައެވެ. އެއްގަމުގައި ހަނގުރާމަކުރީ އެކަމަށް ބިނާކުރި ކޯއްޓޭތަކާއި ބުރުޒުތަކާއި އަދި ވަގުތީ މައިދާންތަކުގައި ރުކުރުވިތިބެގެންނެވެ. ހަތިޔާރަކަށް ދުރުގެ ކާބަފައިން ބޭނުންކޮށްފައިވަނީ އެޒަމާނުގެ ބޭރުގެ ދުޝްމަނުންނާއި އެއްފަދަވަރެއްގެ ހަތިޔާރެވެ. އެންމެ އެވޭލާގައި ސާޅަނގައާއި، ދުނިދަނޑިއެވެ. ދެން ސިލޭހައާއި، ކަނޑި އައްޑަނައާއި، އަދި ބޭރުގެ ހަތުރުން ބަލިކޮށްގެން ޣަނީމާކުރި އެކިކަހަލަ ބޭރު ކަރަތަކުން ގަނެގެން އަތްމަތިކުރި ކައިތު ވައްބަޑިޔާއި، ހަރުމަތީ ބޮޑުބަޑިޔާއި، އެކިވައްތަރުގެ ނޭޒާއާއި، އަދި އެކި ސިފައިގެ ތޫނުހަތިޔާރުތަކުން ވެރިކަންކުރާ ރަށުގެ ކޯއްޓޭތައް ފުރާލޫއެވެ. ބަޑީގެ އުންޑަޔާއި ބައެއްކަހަލަ ވަޒަނާއި އަދި ބަޑިބޭސް އަމިއްލައަށް ހަދައިގެން ބޭނުންކުރޫއެވެ. ބަޑިބޭސް އުފެއްދުމަށް އަމިއްލަ އެތައްއެއްޗެއް ބޭނުންކުރާނޭގޮތް ހޯދައި ބަޑިބޭހުގެ ދިވެހިންގެ އަމިއްލަ ފޯމިއުލާއެއް އަޅުގަނޑުމެންގެ މިޖީލާއިހަމައަށްވެސް ރައްދުވެފައިވެއެވެ.
ދިވެހި ފަހުލަވާނުންގެ އެންމެ ބާރުހުރި ދުވަސްތައް ދެކެފައިވަނީ، ދިވެހިންގެ ނަޞްރާއިނަޞީބުގެ އުސްއަލިތަކުގެ ތެރެއިން، އުތީމުދަރިކޮޅުގެ ރަސްކަމުގައެވެ. ދެން ހުރަވީދަރިކޮޅުގެ ރަސްކަމުގެ ފަތިސްދަންމަތީގައެވެ. އެންމެ މަތީދަރަޖައިގެ ރަސްކަލުންގެތެރެއިން ޣާޒީ މުޙައްމަދު ބޮޑުތަކުރުފާނާއި، ޣާޒީ ޙަސަން ދޮންބަންޑާރައިން، ސުޖާޢީ މުޙައްމަދު ބޮޑުރަސްގެފާނާއި އަދި އެހިތްވަރުގަދަ ހަނގުރާމަވެރިޔާގެ ދަރިކަލުން، އިބްރާހީމް އިސްކަންދަރު މަހާރަދުންނަކީ ނަންފުޅު އުފުލިގެންވާ ބަޠަލުންކަމުގައި ނުވެނުދާނެއެވެ. މަތީގައި ދެންނެވިދިޔަ ރަސްކަމުގެ ޒަމާންތައްފަސްދީ، ބޭރުގެ ދުޝްމަނުންގެ ކަނޑާއި އެއްގަމުގެ (އޭރު އެވޭލާގެ) މެދުކެނޑުމެއްނެތް ނުރައްކާތައް، މައިތިރިވުމާއިހަމައަށް ދިވެހި އަޝްކަރީން ތިބީ ހަނގުރާމައިގެ މައިދާނުގައި ކަހަލައެވެ.
ދޮންބަންޑާރައިންގެ ރަސްކަމަށްފަހު، އެދަރިކޮޅުގެ ތިންވަނަ ރަސްކަމަށް ފެށިގެން އައިއިރު، ބޭރު ދުޝްމަނުންގެ އުނދަގޫތައް އެހެންސިފައަކަށް ބަދަލުވާންފެށިއެވެ. އޭރު ފުރެތިކާލުންގެ އަޅުވެތިކަމުން ސަލާމަތްވެގެން ދެތިން ޤަރުނު ވޭތުވެހިގައްޖެއެވެ. އަދި އޭގެކުރީން ހޮޅިންގެ ވެރިކަމުގެދަށުގައި އުޅެވުނު، ދުވަސްތައްވެސްވަނީ މާޟީގެ ތެރެއަށް ގެއްލިގޮސްފައެވެ. ދިވެހި އުއްމަތަށް ދެން ފެށިގެންދިޔައީ އެތެރެވަރީގެމައްޗަށް އިގިރޭސީން ވެރިވެފައިވަނިކޮށެވެ. އެދުވަހަށް އިރުއެރުމާއިއެކު، ފުރެތިކާލުންނާއި އަދި އުތުރު ކަރައިން އަހަރުއަހަރަށް އަންނަ ޙަމަލާތަކަށްޓަކައި، ފާރަޔަށް ތިބުމުގެ ޒަމާން ބަދަލުވީއެވެ. ވަކި ގޮތަކަށް ބަލަނީނަމަ ދިވެހިލަޝްކަރު (ހަވަރު) ކުރިންއޮތް އުޞޫލަށް އޮތުމުގެ ބޭނުންކެނޑުނީއެވެ.
ތާރީޚު ބުނާގޮތުގައި ދިވެހިލަޝްކަރު ނުވަތަ ”ހަވަރު“ އެންމެ ހަރުދަނާގޮތަކަށް ރާވައި ހަމަޖެއްސެވީ، ފުރެތިކާލުން (ޕޯޗުގީޒުން) ގެ ކިބައިން މިރާއްޖެ މިނިވަންކުރެއްވުމުގެ ތެރޭގައި ޣާޒީ ބޮޑުތަކުރުފާނެވެ. އެއީ 1573މ. ހައިތާކަމަށް ބެލެވެއެވެ. ދިވެހިލަޝްކަރު އަލުން އުފައްދަވައި، ބޮޑުކުރައްވައި، އަދި ގަދަކުރައްވައި ހަނގުލުން މުސާރަ ދެއްވައި ހަމަޖެއްސެވިކަން ސާފުކޮށް އެގެއެވެ. އެޒަމާނަކުން ފެށިގެން ޤަރުނުތައް ވޭތިވަމުންއައިސް ”ދިވެހި ސިފައިން“ އަލަށް (ފުރަތަމައަށް) އުފެދެން ވަރަށް ކައިރިވީއިރު (އެކިއެކިބަދަލު އަންނަމުން އައިސް ހަމަޖެހިފައިއޮތް ގޮތުގައި) ލަޝްކަރު ރޭވިފައިވަނީ މައިގަނޑު ހަ ބާރެއްގެ މައްޗަށްކަމަށް ފެނެއެވެ. އެއިން ކޮންމެބާރަކަށް ނަމެއް ދެވިގެންވެއެވެ. ރަސްރަނީންގެ އަމުރުފުޅަށް ”ކޮލިފަތްތޫރަ“ އަކުން (ދޮށިމޭނާ، ވެލާނާ، ހަކުރާ، މާފަތް، މިފަދަ މިފަދަޔަކުން) ނަންދެވިގެން ވެރިކުރައްވާ ސަރުދާރެއްގެ އަތްމައްޗަށް ”ވަރު“ ގެނައުމުގައި ފަންތިކުރައްވައި ތިރީގައި އެވާގޮތަށް ލަޝްކަރުގެ ބައިތައްދެއްވޫއެވެ. މީގެ ތެރެއިން ފުރަތަމަ ތިންވަރަށް ”އިސްތިންވަރު“ އަނެއްތިންބަޔަށް ”ފަސްތިންވަރު“ މިގޮތަށް ނަންދެވިގެންވެއެވެ. މިޒަމާނުގެ ގޮތަކަށް ބަލާނަމަ މިއިން ކޮންމެ ބަޔަކީ ޑިވިޜަނެއްކަމަށް ބެލެވިދާނެއެވެ.
މަތީގައިވާ ހަ ފަންތީގެ މައްޗަށް އެކުލެވިގެންވާ ދެ ބާރުގެތެރޭގައި، މުޅި ލަޝްކަރަށް ދޮށިމޭނާތަކުރު، ނުވަތަ ދޮށިމޭނާކިލެގެ އިސްވެގެންވެއެވެ. އެއީ މަހާރަދުންގެ ހިރިޔާފާތުރާދަށުން އިސްބަސްކިޔާ މީހާއެވެ. އެއީ ހަވަރުބަލަހައްޓާ މީހާއެވެ. އޭނާގެ ބެލުމުގެދަށުން ހެވިކަން އުގެނުމާއިއެކު ހަތިޔާރުތަކުގެ ބޭނުންކުރާ މީސްގަނޑު، ހެވިހުނަރުވެރި ރޭވުމުގެމަތިން ބެހެވިގެންވެއެވެ.
އެހެން ޢިބާރާތަކުންނަމަ، މިދެންނެވީ، ހަވަރުގެތެރޭގައި ހަތިޔާރުގެ ބޭނުންކުރާ ލަޝްކަރީން، އެމީހުންނަށް ތަމްރީނުދީ ފަރިތަކުރުމުގެ ފަސޭހައަށާއި، ބާރު މިންވަރުކޮށް ހިފެހެއްޓުމުގެ ގޮތުން ބައިތަކަކަށް ފަންތިކުރެވިގެންވާކަމަށެވެ. ސިލޭހައިން ބޭނުންކުރާ މީހުންނާއި، ކަނޑިއާއި އައްޑަނައިން ދިފާޢާއި ޙަމަލާގެ (ހެވި) މީހުންނާއި، އަދި ބަޑީގެ ޙަމަލާ ދޭނެ މީހުންގެ ”ބައިތައް“ އެވެ. އެބައިތައް ހަމަޖެހިފައިވާގޮތް ތިރީގައި މިވަނީއެވެ.
މަތީގައި ނަންގަނެވިގެންވާ މައިގަނޑު ތިންބައިގެތެރޭން، ދަނޑިކޮށީގެބައި (ގްރޫޕް) ތަކުގައި ދިގުދަނޑިޔާއި ލޮންސިޔާއި އަދި ސިލޭހައިން ހަރަކާތްކުރަން ދަސްކުރަނީއެވެ. ފުރަތަމަދަނޑިން، ދެން ސިލޭހައިން އަދި އެންމެފަހުން ލޮންސިންނެވެ. އައްޑަނަކޮށީގައި ހިމެނިގެންވާ ތިން (ގްރޫޕް) ކޮށީގައި ފުރަތަމަ ކަނޑިން ޙަރަކާތްކޮށް އަތުފުޅާކަނޑާހެދުމަށްފަހު ދެން ކަނޑިއާއި އައްޑަނައިން ދިފާޢާއި ޙަމާލާގެ މަސައްކަތް ދަސްކުރަނީއެވެ. މިތިންކޮށީގެތެރެއިން ކޮންމެ ކޮށްޓެއްގައި ”އެދުރު“ (ވެރިޔާ) އިސްކޮށް ހުންނާނެއެވެ. އަދި އެއީ ދިހަވަރަކަށް އަހަރުގެ ތަޖުރިބާހުރި ސާޅީސް އަހަރުންމަތީގެ މީހުންނެވެ. މިގޮތުގެމަތިން އެދުރުން ތިބެނީ ”ބަޑިކޮށީ އެދުރު“ ”އައްޑަނަކޮށީ އެދުރު“ އަދި ”ދަނޑިކޮށީ އެދުރު“ މިނަންނަމުގައެވެ. ކުރީގައި ލިސްޓްކޮށް ދެންނެވި ”ތިންބައިކޮށީ“ (ގްރޫޕްކޮށިތައް) އެކިނަމުން (ލިސްޓްކޮށް) ފަންތިކުރެވިފައިވާއިރު އެއިން ކޮންމެ ބައެއްގައި ބާރަމީހުން ތިބޭނެއެވެ. އެހެންކަމުން ނުވަ (ގްރޫޕް) ކޮށީގައި، އެދުރުބޭކަލުން ނުލައި ސަތޭކަ އަށް މީހުންނެވެ. މިއެންމެތަކުން ތިބޭނީ ފުރަމާލޭގައެވެ. މަސައްކަތު މަރުކަޒުތައް ހުންނަނީވެސް މާލޭގައެވެ. އަހަރީ ތާވަލެއްގެ މައްޗަށް، އެބައެއްގެ މަރުކަޒުގައި މަސައްކަތް ހިންގަމުންދާނެއެވެ. މާލެވަށައިގެން ބާރަ ބުރުޒު ހުރެއެވެ. ހަނގުރާމައިގެ ދުވަސްވަރުގައި ފުރަމާލެއަކީ، ދިވެހިޤައުމު ދިފާޢުކޮށްދޭ ”ކޯއްޓޭ“ އެވެ. ”ކޯއްޓޭ“ މިބަސް ދެމާނައެއްގައި ބޭނުންކުރެވެއެވެ. އެއްމާނައަކީ، ހަނގުރާމަވެރި ބާރުހިންގާ މަރުކަޒެވެ. ފަހަކަށްއައިސް އެފަދަ ތަންތާގައި ކާލިގަނޑުލައިގެން ވަކިގޮތަކަށް ހަދައިގެން ނަގާފައިހުންނަ ދިދަ ދަނޑިއަކީވެސް ”ކޯއްޓޭ“ އެވެ. ކޯއްޓޭގެ ބުރުޒުމަތީ ”ކޯލާގެ“ މިހެންކިޔާ އިމާރާތެއް ހުރެއެވެ. މިތާގައި ބަޑިބޭހާއި ދެއްޔާއި އަދިހަތިޔާރުވެސް ވަގުތީގޮތުން ރައްކާކޮށްފައި ހުންނާނެއެވެ. މިއީ ދަގަނޑުންހަދައި އީޓުން ހިޔާކޮށްފައި ހުންނަތަނެކެވެ. ކަނޑުތެރޭން ދުރުންއަންނަ އެއްޗެހި ހޯދައިބަލަން އަރާތަނަކީވެސް މިއެވެ.
ލަޝްކަރުގެ ކޮށިތަކުގައި ހިމެނިގެންވާ މީހުންނަކީ ލަޝްކަރުގެ ބައެކެވެ. އަދިއެއީ ހަގުބޭކަލުންގެތެރޭގައިވެސް ގުނޭމީހުންނެވެ. ކޮންމެ ހަގުބޭކަލަކަށް މުސާރައަށް ”ބަނޑުހަނޑޫ“ އޮންނާނެއެވެ. އެއީ ސައުވީސް ނާޅި ހަނޑުލެވެ. މިހަނޑޫ ލިބޭނީ ފޯޔަކު ބާރަނާޅިއެވެ. ދީނީ ނުވަތަ ސީޔާސީ ބޮޑުކުށެއް ނުކުރާހައިހިދަކު މިމުސާރަ އޭނާގެއަށް އުމުރަށް އޮންނާނެއެވެ. މިއެންމެނަށް ހަގުކަން ލިބިގެންވާއިރު އޭގެތެރޭގައި ”ކަލާސީން“ ކިޔާބަޔަކު ތިބެއެވެ. މިއީ މަސައްކަތު މީހުންނެވެ. ކޮށީމީހުން އެމީހުންގެ ރޮނގުންހިންގާ ޙަރަކާތްތަކާއި ތަމްރީނަށްކިޔަނީ ”ހެވިކަން“ މިހެންނެވެ. ހެވިކަމުގެ ހުނަރުތައް ސިފަކޮށްދެއްކުމަށް ”ކުޅިޖެހުން“ ކިޔައެވެ. އެކިއެ ރަސްމީ މުނާސަބަތުގައި ”ހާމަދެއްކުން“ (ޝޯވ) އެއްގޮތުގައި ކުޅިޖެހުން ބާއްވައެވެ. މިކަންކުރަނީ ހެވިކަމުގެ ހުނަރުވެރިކަން ހުރިމިންވަރު ރަދުން ދެނެވަޑައިގަތުމުގެ މަޤުޞަދުވެސް ހިމެނޭގޮތުގައެވެ. ހެވިކަމަކީ، ދިފާޢާއި ޙަމަލާގެ ހުނަރުވެރިކަމެވެ. ހެވިން ތަމްރީނުކުރާ ބިމަށް ކިޔަނީ ”ހެވިކަމުގެ ފަސްގަނޑު“ ނުވަތަ ”ގުޅަކުޅޭ ފަސްގަނޑު“ މިހެންނެވެ. އާންމުކޮށް މިމަސައްކަތް ހިންގާނީ ހާމަކޮށް އޮންނަ އަދި ހިޔާލިބޭ ތަނެއްގައެވެ. ރޭގަނޑުގައި ގިނައިން މިމަސައްކަތް ހިންގައެވެ. ހަތިޔާރުގެ ހެވިކަމުގެ މަސައްކަތް ހިނގަމުންދިޔައީ ރަދުންގެ ހިރިޔާފާތުރާ ދަށުންނެވެ.
ދިވެހި ލަޝްކަރުގައި ޓޭބަލްގައިވާ ފަދައިން ހަމަޖެހިފައިވާ ގޮތުގައި ކުރިން ބުނެވުނު ހަވަރުން ބައެއް ކަނޑުމަތީ މީހުނަށް ނެގެވިގެންވިއެވެ. އެބައިމީހުންނަށް ”އުޅަނދުމަތީ“ މީހުންނޭ ކިޔުނެވެ. އެމީހުންނަކީ ކަނޑުމަތީ ހަނގުރާމަވެރިންނެވެ. އަމާން ދުވަސްވަރެއްގައިނަމަ އެއީ ބަންޑާރަ ދަތުރުތަކުގެ ނައުޒޯގުފަހަރާއި ބަނޑުއޮޑިފަހަރުގެ ފަޅުވެރީންނެވެ. އެކި ދުވަސްވަރު އެކިނަމުން އެކިވަރަށް ބަންޑާރަ (ސަރުކާރު) އުޅަނދު ހުއްޓެވެ. ވިހިވަނަ ޤަރުނުގެ ކުރީކޮޅަށްއެޅިގެން ކުރިން މިކަންކަންއޮތް އުޞޫލަށް ވަރަށްބޮޑު ބަދަލުތައް އައިސް ”އޮޑިކޮޅު“ ގެ ނަމުގައި ޚާއްޞަ ތިން އުޅަނދު (ހެންވޭރު އޮޑިކޮޅު، މާފަންނު އޮޑިކޮޅު، ގަލޮޅު އޮޑިކޮޅު) ހުއްޓެވެ. ސަތާރަވަނަ ޤަރުނުގެފަހުން ބޭރުގެ ދުޝްމިނުންނާއި ކުރިމަތިލާންޖެހުމުގެ ޒަމާން ދިޔައީއެވެ. އެހެންކަމުން މުޅި ދިވެހި ލަޝްކަރު ހަބަޔަށް (ހަވަރު) އޮތުމުގެ މައިގަޑު މަޤްޞަދުގެ ބޭނުން ކުޑަވެއްޖެއެވެ. މިދެންނެވިދިޔަ ޤަރުނުގެފަހުން ދެން ހަވަރުގެ ބާރުއޮތީ ނުވަތަ އެލަޝްކަރުގެ ބޭނުންކުރެވެނީ ވެރިކަމާއިބެހޭގޮތުން ދިމާވާ ދާޚިލީ (މަދަނީ، ސިޔާސީ) މައްސަލަތަކުގައެވެ. ވަރަށް ފަހަކާއި ޖެހެންދެންވެސް ދޮށިމޭނާބޭކަލަކީ ހަވަރުގެވެރިޔާކަމުގައި ހަމަޖެހިފައިއޮތެވެ. ވެލާނާ، ހަކުރާ، ދަހަރާ، ފާމުދޭރި، އަދި މާފަތް މިމަޤާމުތަކުގެ ބޭނުން (ވިހިވަނަ ޤަރުނަށް އެޅިގެން އައިއިރު) ކުރެވެނީ އާދަކާދައާއި ޢިއްޒަތް ފުރިހަމަކުރުމުގެ ގޮތެއްގައެވެ.
ކަނޑުމަތީގެ ކަންތައްތަކަށް، ސަރުކާރުގެ ބޭނުމަށް، އެވޭލާގެ އާދަކާދައިގެ މަތިން ”އުޅަނދުމަތި މީހުން“ ވިހިވަނަ ޤަރުނުގެ މެދަކާއި ހަމައަށް ތިބޫއެވެ. އެބައިމީހުންނަށް އޮންނަކަމަކީ ކުރީގެ ޕެރެގްރާފެއްގައި އިޝާރާތްކުރެވުނުފަދައިން ބަންޑާރަދަތުރެވެ. ވިހިވަނަ ޤަރުނުގެ ކުރީކޮޅަށް އެޅުނުއިރު ސަރުކާރުގެ އެއްގަމުގެ ގިނަމަސައްކަތާއި، ނައުޒޫރުގެ ފަހަރާއި ކަނޑުމަތީ އުޅަނދުތައް ހިންގައި ބެލެހެއްޓުންއޮތީ އުޅަނދުމަތީ މީހުންނަށާއި ކަލާސީންނަށެވެ. މީގެތެރެއިންމީހަކީ ހަނގު ބޭކަލަކަށްވާނަމަ، ކަނޑުމަތީ މަސައްކަތާއި، ބަންޑާރަ ޢާންމު މަސައްކަތްތަކުން ކެނޑިދެއެވެ. މިފަންތިތަކުގައިވާ ބަޔަކީ، ހަވަރުގެ ކޮންމެވެސް އެއް ވަރެއްގައި ގުނޭނެ މީހުންކަމަށްވެސްވެއެވެ. އެއްދުވަސްވަރެއްގައި ކަލާސީންނާއި އުޅަނދުމަތީ މީހުންނަކީ، ތަފާތު ދެ މަސައްކަތެއްކުރާ ދެބަޔަކަށްވެސް ވެފައިއޮތެވެ. ކަލާސީންނާއި އުޅަނދުމަތީ މީހުންގެ ޚާއްޞަ ވެރިޔަކުވެސް ހުންނެވިއެވެ. އެއީ ”ރަނަހަމާންތި“ (ރަނަހަމާދި ކަލޭގެފާނު) އެވެ.
މިއީ ދަރަޖައިގެގޮތުން ޢިއްޒަތްހުރި އަދި ބާރު ލިބިގެންވާ ބޭކަލެކެވެ. މިއީ ކަންގަތިކޮލީގެ ބޭކަލުންކުރެ އެންމެ އިސްމީހާއެވެ. މީނާގެ އަތްދަށުން، ކަނޑުމަތީ މަސައްކަތުގެ ސަރުދާރުންތިބޫއެވެ. ކަނޑުމަތީ މީހުންގެ (އުޅަނދުމަތީ މީހުންގެ) ސަރުދާރަށް ކިޔަނީ ”ދަންޑެހެލު“ އެވެ.
ވެލާނާބޭކަލެއްގެ އަތްދަށުން ބަނދަރާއިބެހޭ އެންމެހައި މަސައްކަތުގެ ވެރިޔަކީވެސް ”ރަނަހަމާންތި“ އެވެ. ބަނދަރުން ސަރުކާރަށް ލިބޭއެއްޗަކާއި، ބޭރަށް ނައުޒޫރުފަހަރުންކުރާ ވިޔަފާރި ދަތުރުން ލިބޭ އެއްޗެއްގެ ތެރެއިން ރަނަހަމާންތި ބޭކަލަކަށް ބައިއެޅޫއެވެ. ދަންޑެހެލުންނަށް އޮންނަނީ ރާއްޖެތެރެއިން ސަރުކާރަށްލިބޭ، ”ފުނަވާރު“ އިން ރޯނާއި، އައްތޮއްޓާއި، މުޅިފަންގެއާއި، ބިތްފަނާއި އަދި ހަޅަނގާއި މަދަނުން ނައުޒޯރުފަހަރާއި ބަންޑާރަ އޮޑިކޮޅުތަކަށް ބޭނުންކޮށްފައި ހުންނަ ބާކީ ތަކެއްޗެވެ.
މާލޭގެ ”ކޯއްޓޭ“ ތަކުގައިވާ ބަޑިބުރުޒު ބެލެހެއްޓުމަށް، ”ބުރުޒު ބަނޑޭރިން“ އަދި އެމީހުންގެ އަތްދޮށަށް ”ބުރުޒުމީހުން“ ގެ ނަމުގައި ބަޔަކު ތިބޫއެވެ. މިމީހުންނަކީ ހަނގުރާމައިގެ މޫސުން އަންނައިރަށް ކޯއްޓޭ (ފޯޓްރެސް) ތައްޔާރުކޮށް ބުރުޒުތަކުގައި ފަސްބާޑި އަރުވައި، ހަވޭލިއަރުވައި، ބޮޑުރޯނާއި ތޮށަލިން ނިވައި ޖަހާ މީހުންނެވެ. މިއީވެސް ރަނަހަމާންތި ބޭކަލެއްގެ ދަށުން މަސައްކަތްކުރާ މީހުންނެވެ. އެއްވެސް ހަތިޔާރަކަށް އަދި ހެވިކަމާ ބެހޭއެއްވެސް ކަމަކަށް ރަނަހަމާންތިއަކަށް އަމުރެއް ނުކުރެވޭނެއެވެ. ހަނގުރާމައިގެ ވަގުތެއްގައި ބުރުޒުބަނޑޭރިންގެ މައްޗަށް ބަސްކިޔަން ދޮށިމޭނާބޭކަލެއްގެ އަމުރަށް ”މެހިތަރު“ އިސްކޮށްފައި ހުންނާނެއެވެ. އޭގެދަށުން ”ގަނޭރު“ން ތިބޭނެއެވެ. ”ގަނޭރު“ އަކީ ”ގަނަރު“ ކަމަށްވުން އެކަށީގެންވެއެވެ. މެހިތަރަކީ ފޯޓްމާސްޓަރު ނުވަތަ ފޯޓްރެސް ކޮމާންޑަރު ކަމަށް ވެދާނެއެވެ.
ހަމަ ކޮންމެ ވަގުތެއްގައިވެސް ”މާކޮށާރު“ (ސަރުކާރުގެ ކާޑުގުދަން) ގެ މަސައްކަތް ކަލާސީން ފޮނުވާނީ ”މާކޮށާރު ބަނޑޭރި“ ބޭކަލެއްގެ އަމުރަށް ރަނަހަމާންތި ބޭކަލެކެވެ. ދޮށިމޭނާ ބޭކަލެއްގެ އަމުރަށް (ރަދުންގެ ރަސްމީ ޢިއްޒަތަށް ހަގުބޭކަލުން ނެރުމުގެ އިތުރުން) ގަނޑުވަރުގެ މަސައްކަތްތަކުން ހަގުބޭކަލުންލައްވައި ކުރުވާންވާ މަސައްކަތް ކުރުވާނީވެސް ރަނަހަމާންތިއެވެ. ”ވަޑިހަގުބޭކަލުން“ ލައްވައި ބަންޑާރަވަޑާންތައް ކުރުވާނީވެސް ހަމަ އޭނާއެވެ. ގަނޑުވަރުގެ އަންހެނުންނާއި، ބުރުޒުބަނޑޭރީންގެ އަނބިންލައްވާ ބަޑިބޭސް ތައްޔާރުކުރަން ދެލިއަންދާ ފުނޑުވުމުގެ މަސައްކަތުގެ ވެރިޔަކީވެސް ރަނަހަމާންތި ކަލޭގެފާނެވެ.
ކޮންމެއަކަސް، ޤަރުނުތައް ބަދަލުވަމުންއައިސް ދުނިޔޭގެ އާޒަމާނާއި (ޔޫރަޕުގެ ޞިނާޢީ އިންޤިލާބާއި) ހަމައިން ދުނިޔޭގެ ކުރިއެރުމާއި، ދިވެހިން ޒަމާނާއި ދެމެދުގެ ތަފާތު ކުއްލިޔަކަށް ބޮޑުވެގެންދިޔައެވެ. ދުނިޔޭގެ އާއުފެއްދުންތަކާއި ހަމައަށް އަޅުގަނޑުމެންގެއަތް ނުފޯރާވަރުވީއެވެ. ކަންމިހެންއޮތްކަމަށްވިޔަސް މިދަނޑިވަޅުގައި ތަހުޛީބާއި ތަރައްޤީގެ މި އާދައުރަށް އަޅުގަނޑުމެންގެ ލޯހުޅުވާލަން މަޖުބޫރުވީއެވެ.
ދައުރުވަމުންއައި ދުނިޔޭގެ ޤަރުނުތަކުގެ ތެރޭން 19ވަނަ ޤަރުނަށް އެޅިގެންއައިސް 1891މ. ވަނައަހަރުގެ ފަހުކޮޅަށް އައިއިރު، ދިވެހިރާއްޖޭގެ ސިންގާސަނާގައި އިންނެވީ އައްސުލްޠާން އިބްރާހީމް ނޫރައްދީން އިސްކަންދަރެވެ. އެރަދުންގެ ރަސްކަމުގެ ދެވަނަ ދައުރުގެ ތެރޭގައި ދިވެހި ލަޝްކަރަށް ގެންނެވި އާރޭވުމަކާއި ގުޅިގެން އަލަށް ”ސިފައިން“ އުފެއްދެވިއެވެ.
