ރާއްޖޭގެ ރައްޔިތުންނަށް 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާ ގެވާހަކަ އެއީ އާވާހަކައަކަށް ނުވާނެއެވެ. އެ ޢުދުވާނަށްފަހު، ސައްބީހަކަށް އަހަރު މާޒީވެ ދިޔައިރު އެ ހާދިސާ އެހާ ބޮޑަށް ނޭގޭ އެތައް ދަރިންނެއް ތިބޭނޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިފަދަ ތަފާތު ދުވަސް ތައް ދިވެހިންނާ ކުރިމަތިކުރުވީ، އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އެތައް ފަހަރަކު އެވެ. އެއިން ކޮންމެ ފަހަރަކު ދިވެހިންގެ ބަޔަކު އަޑީގައި ތިބެއެވެ. އަމިއްލަ ޤައުމަށް ޣައްދާރުވެ އަމިއްލަ ޤައުމުގެ ފަސްގަނޑަށް ދުޝްމިނުން ގެނެސް އަރުވަނީ ޤައުމުގެ މަސްލަޙަތަކަށް ރައްޔިތުންގެ ޙައްޤަކަށް ބަލާލުމެއް ނެތިއެވެ. ޤައުމުގެ އެތައްއެތައް ކުށެއްނެތް ރައްޔިތުންނެއް އެފަދަ ޙަމަލާތަކުގެ ޝިކާރައަކަށް ވެގެން ދާއިރު ބަލަން ތިބެނީ ފަހުން ލިބިދާނެ ފައިދާތަކެއްގެ ހިޔަނި ފެންނާތީ އެކަމުގެ އުފަލުގައެވެ.
1988 ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު ރާއްޖޭގައި ސުލްޙަ މަސަލަސްކަން އޮތީ ޤާއިމް ވެފައެވެ. ރައްޔިތުންގެ މެދުގައި އެއްވެސް ދެކޮޅުވެރިކަމެއް ނެތެވެ. އެހެން ކަމަށްވުމާއެކު ރާއްޖޭގައި އެފަދަ ބިރުވެރި ކަމަކަށް ތަންދޭން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ނަމަވެސް ޤައުމުގެ މައްޗަށް އަތްގަދަ ކުރުމުގެ ރޭވުންތަކެއް ބައެއްގެ ތެރޭގައި ކޮންމެވެސް ސިފައެއްގައި ދިޔައީ ރާވަމުންނެވެ. އިސްކޮށް ހުރީ ކޮށްފައިވާ ކުށްތަކެއްގެ ސަބަބުން ސަރުކާރުން އެކިފަހަރު އަދަބު ލިބިފައިވާ ފަރާތެކެވެ. އެއީ ހ ހާޖަރާގޭ ޢަބްދުﷲ ލުޠުފީއެވެ. މީނާގެ ބައެއް މަދު އެކުވެރިންނާއެކު މިރޭވުންތައް ރާވަމުން ދިޔައިރު އެކަމުގެ މަޢުލޫމާތު އިޚްލާސްތެރި ދިވެހި ދަރިއެއްގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ ފަރާތައް އޮތީ ލިބިފައެވެ. މއ. ކަބީލާގޭ އަލްފާޟިލް ޢަބްދުލް މަޖީދި ޚާލިދުގެ ފަރާތުން ޑިފެންސްމނިސްޓަރުގެ ނާއިބް އަލްފާޟިލް އިލްޔާސް އިބްރާހީމަށް މިމަޢުލޫމާތު ލިބުމާގުޅިގެން އަޅަންޖެހޭ ދިފާޢީ މުހިންމު ފިޔަވަޅުތަކެއް ސިފައިންގެ ތެރޭގައި އަޅާފައި ވެއެވެ.
1988 ނޮވެންބަރު ތިންވަނަ ދުވަހުގެ ރޭ ފަތިހު ދުޝްމިނުން ސިފައިންގެ މައިމަރުކަޒަން ޙަމަލާ ދިނުމާއެކު، ސިފައިންގެ މައިމަރުކަޒުގެ ގޭޓުގެ ދެފަރާތުންވެސް ރައްދުޙަމަލާ ދިނެވެ. [ އަހަރެން ހަގަސް ކަމެއް ޖެހޭވަގުތު އަހަރެން މީ މީހެއްކަން އަނަގާލާނަމޭ] އެކުވެރިންގާތު މަޖަލަކަށް ނަމަވެސް ބުނަމުންދިޔަ ޒުވާން ޝަހީދު ކޯޕްރަލް ޙުސައިން އާދަމް އޭނާގެ އެބަސް ތެދުކޮށް އޭނާއަކީ ޤައުމާއި ދީނާ ރައްޔިތުންގެ ޙައްޤުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއަކަށް ފަސްނުޖެހޭނެ މީހެންކަން ދެއްކެވި ބިރުވެރި ވަގުތު ކޮޅަށް ވެގެން ދިޔައީ އެވަގުތުކޮޅެވެ. ޙުސައިންއާދަމް އެންމެ ފަހު ވަގުތައްވެސް ބުނަމުން ގެންދިޔައީ ވަޒަންކޮޅެއް ދިނުމަށެވެ. ނަމަވެސް އޭނަޔާ އެންމެ ފަހުންވެސް ވާހަކަދެއްކި، އެރޭ ގޭޓުގެ އުތުރުކޮޅުން އެތެރޭގައި ޑިއުޓީއަށް ހުރި ޕްރައިވެޓް ޖިހާދު އަޙުމަދު ބުނާގޮތުން، ޑިއުޓީސަރުދާރު ބުނުއްވިއޭ ވަޒަން ލިބޭކަށްނެތޭ، ތިތާ ހުރެވެން ނެތީއްޔާ ގޭޓުން އެތެރެއަށް ވަންނާށޭ ބުނިކަމަށް ވެއެވެ. އަދި ބަނޑޭރިގޭ އިރުމަތީ ފަޅީގައި ހުރި ޕްރައިވެޓް އާދަމް މުޙައްމަދު ގުލްބަކާ ޙުސައިންއާދަމަށް އެތަނުގައި ނުހުރެވޭނެ ކަމަށާއި އޭނައާއެކު ދިއުމަށް ބުނުއްވިކަމަށްވެއެވެ. ދުޝްމިނުން ދޮށިމޭނާ ބިލްޑިންގެ ތެރެއިންނާއި ދޮށިމޭނާ ބިލްޑިންގެ ފަހަތުން އަދި އެއަރ މޯލްޑިވްސް ކަންމަތިން ސިފައިންގެ މައިގޭޓަށް ޙަމަލާ ދެމުން ދިޔައެވެ. އެނުރައްކާތެރިވަގުތުގައި އެމައިދާން އެންމެ ރީތިކޮށް ފެންނާނެ އެކަކީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ.
މިނުރައްކާތެރި ވަގުތުގައި އެތަނުން ގުޑާނުލާހުރުމަށް ޙުސައިންއާދަމަށް ވިސްނައިދިނީ ކާކުތޯއެވެ. ދުސްމިނުން ތިބީ ސިފައިންގެ މައިގޭޓު ގައި ތިބި ޑިއުޓީމީހުން ދުއްވާލައި އެތެރެއަށް ވަދެގަނެވޭނެ ވަގުތަކަށް ބަލަބަލައި ކެތް މަދުވެފައެވެ. އެފަދަ ވަގުތެއް ގައި ޙުސައިންއާދަމް އެތަން ދޫކޮށް ހިގައްޖެނަމަ ދެންވާނީ ކިހިނެއްތޯއެވެ. މިފަދަ އެތައްއެތައް ވިސްނުންތަކެއް އެ ޒުވާން ސިކުނޑީގައި އެވަގުތުކޮޅުގެ ތެރޭގައި ބުރުޖަހަމުންދާނޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މި ފުޠޫރަތް ތެރި ވަގުތުގައި ޙުސައިން އާދަމަށް ލިބުނު ހިތްވަރަކީ އޭނާގެ އަތުގައި އޮތް ފަސްދޮޅަހަކަށް ވަޒަނުން ހަނގުރާމަ ކުރުމެވެ. އެކަން ވަރަށް ފުރިހަމައަށް އޭނާކުރައްވައި ސިފައިން، ސިފައިންގެ މަރުކަޒު ދިފާޢު ކުރާނެ ވަގުތު ހޯދައިދެއްވައި އަބަދައްޓަކައި ޝަހީދުވީއެވެ. އެފަދަ ހިތްވަރެއް އޭނައަށް ދެވޭނެ ހުރީ ކާކުތޯއެވެ. ފަހުން އެނގުނު ގޮތުގައި ކުއްލިއަކަށް ދުޝްމިނުން މިދޭންފެށި ޙަމަލާގެ ސަބަބުން ބަނޑޭރިގޭ ގޭޓު ހުރީ ތަޅުވެސް ނުލެވިއެވެ.
އެދުވަހު ސިފައިންގެއިން ރެކީއަށް ނުކުތުމަށް ގޮވާލެވުނު ހިނދު ނުކުތް މީހުން އެދުވަހު އެދެއްކެވި މަތިވެރި ނަމޫނާއަކީވެސް ހަނދާނުން ނެތިކޮށްލެވޭވަރުގެ ކަމެއް ނޫނެވެ. އެމީހުން ބޭރަށް ނުކުތުމަށް ތައްޔާރު ވުމަށްފަހު އެކުވެރިންނާ ސަލާމްޤަލާމްކޮށް އެމީހުން ދުޝްމަނުންނާ ކުރިމަތިލުމަށް ނުކުންނަނީކަމަށާއި އެންމެ ފަހުމީހާއަށް ދާންދެންވެސް ދޫނުކޮށް ހަމަގުރާމަ ކުރުމަށާއި ފަހަރުގައި ދެން އަނބުރާ ނާދެވުންވެސް އެކަށީވެގެންވެޔޭ ބުނެ އަނބިދަރިންނަށް ކުރަންއޮތް ވަސިއްޔަތެއްވެސް ކޮށްފައި ނުކުމެގެން އެދިޔައީ ޖަހަޖަހާ ހުރި ބަޑީގެ ކުރިމައްޗަށެވެ. މިއީ ކޮންފަދަ ހިތްވަރެއް ތޯއެވެ. އެމީހުން ނުކުމެގެން ދިއުމުގެ ތެރޭގައި ޝަހީދު ސާރޖަންޓް އާދަމް ނަޞީރު [ޝޭޑީ] އާއި ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް [މެކާނޯ] އާއި ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން ޝަހީދުވީއެވެ. މިބޭފުޅުންގެ ނުކުތުގެ ސަބަބުން ދުޝްމިނުންނަށް ސިހުން ގެނެސް ދިނެވެ. ސިފައިންގެއިން ބޭރުގައި ހަތިޔާރާއެކު ސިފައިން ވެއްޖެކަން އެނގި ދެން ކުރިމަތިވެދާނެ ބިރަށް ފުރައިގެންދާން މަސައްކަތް ފެށީއެވެ. މިކަމުގައިވެސް ސިފައިންގެ ފަރާތުން ފެނިގެން ދިޔައީ ޤައުމީ ޚިދުމަތުގައި ކޮންމެފަދަ ނުރައްކަލަކާ ކުރިމަތިވިޔަސް ފަސްނުޖެހޭ، ދަރިންތަކެއް ތިބިކަމެވެ. މިއީވެސް މިއަދުގެ ޒުވާނުންވިސްނައި އެކަމުން އިބްރަތް ހޯދަން ޖެހޭ ވަރަށް ވަރުގަދަ ފިލާވަޅެކެވެ.
އެޢުދުވާނުގައި ޝަހީދުވެދިޔަ ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކުގެ ފަރާތުން ފެނިގެން ދިޔައީވެސް ހިތްވަރުގަދަ އާދަޔާ ޚިލާފު އިޚްލާސްތެރި ކަމެކެވެ. ދުޝްމިނުން ހަތިޔާރުން ޙަމަލާ ދީދީ ތިއްބައި ހުސްއަތާއެކު ގޮސް އެމީހުންނާ ކުރިމަތި ލެއްވީއެވެ. މިއީ މީހަކު އެމީހެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ފަސްނުޖެހޭނެކަން އަންގައިދޭ ދަލީލެކެވެ. އެފަދަ ވަރުގަދަ ހިތްވަރެއް އޭނާއަށް ލިބުނީ ކިހިނެއް ތޯއެވެ. މީގެ އިތުރުން ޝަހީދު ސާރޖަންޓް ކުޑައާދަމްގެ ކުޑަތުއްތުއަކީ އެރޭގެ އޭނާހުންނެވި މަޤާމުގެ ސަބަބުން ދުޝްމިނުންގެ ހަރަކާތްތައް ދެނެގަތުމަށް އަމިއްލަފުޅަށް ވިސްނިގެން ސިފައިންގެއާ ދިމާއަށް އައުމުގެ ސަބަބުން ޝަހީދުވި ބޭކަލެކެވެ. ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު މަސްތަކާ އަކީވެސް ހަމައެފަދަ އިން ދުޝްމިނުންގެ ޙަރަކާތްތައް ދެނެގަތުމުގެ ގޮތުން ސިފައިންގެއާއި ދިމާއަށް އަންނަނިކޮށް ޝަހީދުވި ބޭކަލެކެވެ. ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރަކީ ރައީސް އޮފީހުގައި ޑިއުޓީއަށް ހުއްޓައި ދުޝްމިނުންގެ ޙަމަލާގައި ޝަހީދުވި ބޭކަލެކެވެ.
ސިފައިންގެ ވެރިޔާ ހުންނެވި ތީމުގެ ވަށާލައި ދުޝްމިނުން ބަޑިން ޙަމަލާދީ، ޙަރަކާތްތެރި ވަމުންދަނިކޮށް އެތަނުން އެމަނިކުފާނު އަނބިކަނބަލުންނާއި ދަރިކަލުންނާއެކު ސަލާމަތުން ވަޑައިގެންނެވުނު ކަމާއި ސިފައިންގެ ވެރިޔާގެ ނާއިބު ހުންނެވި މއ. ކިނބިގަސްދޮށުގެއަށް ދުޝްމިނުން ހަތިޔާރާއެކު އެމަނިކުފާނު އަތުލުމަށް ވަދެ، އެމަނިކުފާނާއެމީހުންނާ ބައްދަލުވެ، އެހެނަސް އެމީހުންގެ އަތްދަށުން ސަލާމަތް ވުމަށް ލިބިވަޑައިގަތް ފުރުސަތަކީވެސް އަދި އެތަނުން ނުކުމެ ވަޑައިގަތް ގޮތަކީވެސް މިފަދަ ދުވަހެއްގައި ހަނދާނަށް ގެންނަން ޖެހޭ ކަމެކެކެވެ. މިހިރީއަކީ މީހެއްގެ ބާރަކުން ވެދިޔަ ކަންތައްތަކެއް ނޫނެވެ. މިކަންތައްތައް މިހެން ހުރިއިރު ދުޝްމިނުން އުކި ބޮންތައް ނުގޮވާ ހުއްޓާ ނެގި މީހުން އަދި މިހާރުވެސް އެތިބީ ދުނިޔޭގައެވެ.
މިއީ ޤައުމެއްގެ ތާރީޚުގައި ހިނގާދިޔަ ވަރަށް ނުރައްކާތެރި ހާދިސާއެކެވެ. ހަމައެއް ލަމައެއް ނެތި ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާދީ އެތައް ބަޔަކު ޝަހީދުކުރި ޢުދުވާނެކެވެ. އެކަމުގައި ދިވެހިންނަށް މާތްﷲ ދެއްވި ނަޞްރާ ކާމިޔާބުން ލިބިދޭ ފިލާވަޅުތައް މިއަދުގެ ތުއްތު ދަރިންނަށާއި މާދަމާގެ ޖީލްތަކަށް ކިޔައިދިނުން ވަރަށް މުހިންމެވެ. އަދި އެފަދަ އުދުވާނަކަށް ތަން ނުދިނުމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަކީ މިއަދު މިޤައުމުގެ ދިރި ތިބީންނަށް ވާޖިބު ކަމެކެވެ.
އެ ޢުދުވާނުގައި ޝަހީދުވި އެންމެހާ ސިފައިންނާއި ޢާންމުންގެ ތެރެއިން ޝަހީދުވި 11 ބޭފުޅުންގެ ފުރާނަ ފުޅުތަކަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށިއެވެ.
