ރާއްޖޭގެ ތާރީޚުގެ ދިގު މަޒީގެ މައްޗަށް ބަލާލަމާތޯއެވެ. ދިވެހި ޤައުމަށް ޣައްދާރުވި މީހުންގެ ލިސްޓަށް ވެސް ނަޒަރު ހިންގާލަަމާތޯއެވެ. ދިވެހި ތާރީޚުގައި ލިޔެވި މާޒީވެގެންދިޔަ މިޤައުމުގެ އަޅުވަތިކަމުގެ އަނިޔާވެރިކަމާއި، މިނިވަންކަމުގެ އުފާ ތަހައްމަލު ކޮށްލަމާތޯއެވެ. ދިވެހީންގެ އެއްބައިވަންތަ ކަމާއި އަޚުވަންތަ ގުޅުމުގެ މައްޗަށް ފުންކޮށް ވިސްނާ ޚިޔާލު ހިންގާލަމާތޯއެވެ. ދިވެހިންގެ ސާދާ ދިރިއުޅުމުގެ މަަތިން މިއަދުގެ ޖީލު ޢިބްރަތް ލިބިގަންނަމާތޯއެވެ. އާދެ މިއީ ވެސް ހަމަ ކޮންމެ ދިވެހި ފަރުދަކުމެ ފަރުދީ ވިސްނުމުން އަމިއްލަ ނަފުސާ ކޮށްލުން ރަނގަޅު ސުވާލުތަކެކެވެ. އަދި ތިބާގެ އަމިއްލަ އުފަން ޤައުމާމެދު ފުންކޮށް ވިސްނާ ޤައުމު ފަޚުރުވެރިވާ ދަރިއަކަށް ވުމަށް އަމާޒު ހިފުމަށް ޢަޒުމު ކަނޑައަޅަން ޖެހޭނެކަން ވިސްނާލަމާތޯއެވެ. އަމިއްލަ ވަންތަކަން އޮތް ދިވެހި ވަޒަނަަށް ހިތުގައި އޮތް ލޯތްބެއެްގެ މައްޗަށް ފިކުރު ކޮށްލަމާތޯއެވެ. އުފަން ޤައުމަށް އޮތް ލޯތްބާމެދު ވަގުތު ކޮޅަކަށް ފިކުރުކޮށްލާށެވެ.
ދިވެހި ޤައުމަށް ކުރިމަތިވެފައިވާ ކޮންމެ އުދުވާނެއްގައި މި ޤައުމުގެ ފަސްގަޑުން އުފެދިގެން ގޮސްފައިވާ ޤައުމީ ބަޠަލުންގެ ލިސްޓު ވަރަށް ދިގެވެ. އަދި އެފަދަ ބަޠަލުންގެ ޤައުމީ ޚިދުމަތް އެހާމެ މަތިވެރިއެވެ. ފަނޑުވުމެއް ނާންނަ އެތަކެއް ނަންތަކެއް މި ދިވެހި ޖައްވުގައި އެދަނީ ދިރި އާލާވަމުންނެވެ. އެފަދަ ޤައުމީ ބަޠަލުންގެ އަގުހުރި ޖިހާދުތަކުގެ ވާހަކަތައް ދައްކާ ކޮޅުންނުލައެވެ. ޝުކުރާ ހައްޤު ޖީޒީތަކުން ޤައުމުގެ ޙައްގުގައި ވީ ޤުރުބާނީގެ ހަނދާތައް ދިރުވަމުންނެވެ. ޖީލުތަކާއެކު ޒާމަން ބަދަލުވުމަކުން އެ ބަޠަލުންގެ އަގުހުރި ޖިހާދުގެ ޒިކުރާއަށް ފަނޑުވުމެއް ނެތެވެ. އަދި ދިވެހި ޤައުމު އެ ބަޠަލުންގެ ޖިހާދަށް ދަރާފައިވާ ދަރަނި ދުވަހަކު ވެސް އަދާކުރެވޭކަށް ނެތެވެ.
މިއަދު މި ޤައުމު ފަޚުުރުވެރިވާ ނޫކަށި ޒުވާނުންނަށް އަމާން ޤައުމެއްގެ ގޮތުގައި މި ޤައުމު ފޯރުކޮށްދިން ކާބަފައިންގެ އަގު ވަޒަންކޮށްލަމާތޯއެވެ. އެ ކާބަފައިން މި ޤައުމުދެކެ ވި ލޯތްބާއި އޮހޮރި ލޭ ހިތްމައްޗަށް ގެންނާށެވެ. އަމިއްލަ އެދުމެއްނެތި މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމުގެ އިސްތިޤުލާލު ދިފާޢުކުރުމަށް ކޮށްފައިވާ ބުރަ މަސައްކަތާއި، އޮހޮރި ދަލާއި ތަަހައްމަލުކުރަން ޖެހުނު ބިރުވެރިކަމާއި ބަނޑުހައި ހޫނުކަމުގެ މައްޗައް ޢިލްމީ ނަޒަރަކުން ދެކެމާތޯއެވެ. ޤައުމުގެ އުފެއްދުންތެރިކަމާއި އާދަކާދަ އެ ޒަމާނުުގައި އޮތްގޮތާއި އޮންނާނެ ގޮތް ތަސައްވަރު ކޮށްލުމަށް މި ޖީލުގެ ނޫކަށި ޒުވާނުންގެ ޒިންމާއަށް ދޫކޮށްލާނަމެވެ. އެއީ ތިޔަ ޒުވާނުންގެ އަމިއްލަ ވިސްނުމާއި ފިކުރުގެ މައްޗަށް ތިޔަ ޒުވާނުންގެ ޤައުމީ ޒިންމާގެ މައްޗަށް ފާރަވެރިވުމަށެވެ.
ޤައުމީ ވިސްނުމުން ބަލާއިރު ފަހުގެ ތާރީޚުގައި މި ޤައުމު ދެކެފައިވާ އެންމެ ބިރުވެރި އަދި ނާމާން ދުވަހަކީ ދިވެހި ޤައުމަށް އުފަން ޤައުމަށް ޣައްދާރުވި މަދު ދިވެހީންގެ އެހީތެރިކަމާއެކު، މީގެ 29 އަހަރު ކުރިން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއެވެ. 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއިން ބޭރު ބަޔަކު ރާއްޖެއަށް ދިން ޓެރަރިސްޓް ޙަމަލާއެވެ. މީއީ ރާއްޖޭގެ ފަހުގެ ޖީލު އަމިއްލަ ލޮލުން ދެކިފައިވާ ހާދިސާއެކެވެ. އެމަންޒަރުތައް އެތައް ޖީލަށް ދެމިގެންދާނޭހެން ފޮތްތަކުގައި ވަނީ ޝާއިޢު ކުރެވިފައެވެ.
މާތްވެގެންވާ އިސްލާމް ދީނާއި ޤައުމުގެ ޙައްޤުގައި ޤުރުބާންވި ބަޠަލުންގެ ދިރުން މިޤައުމުން ފޮހެވިގެން ނުދާނެވެ. ޤައުމުގެ މިނިވަންކަމަށް ކުރެއްވި ޖިހާދުން މިއަދުގެ ޒުވާން ޖީލަށް އެވަނީ އަގުބޮޑު ފިލާވަޅުތަކެއް އުނގަންނައި ދީފައެވެ. ހިތްވަރާއި ބުންވަރުން ނަމޫނާ ދައްކައި ދީފައެވެ. ޤައުމިއްޔަތާއި އަމަންއަމާންކަމަށް ޖިހާދުން ހިތްވަރު ލިބިގަތުމުގެ ރީތި ނަމޫނާ ދައްކާފައެވެ. ފަނޑުވުމެއް ނެތް ޒިކުރާތަކެއް މި ޤައުމުގެ ތާރީޚަށް ދޫކޮށްފައެވެ. ޤައުމުގެ އަމަން އަމާންކަން މިއަދުގެ ޒުވާން ޖީލު ޒިންމާވުމަށް އަބުޠާލުންގެ ލެއިން ލިޔެ ވަސިއްޔަތް ކޮށްފައެެވެ. ޤައުމުގެ މިނިވަންކަމުގެ އަގުބޮޑު ކަމާއި ޤައުމުގެ ދިރުމަކީ ޒުވާނުންގެ ހިތްވަރާއި ކެރުންކަން ޢަމަލީ ގޮތުން ދައްކާފައެވެ. މިނިވަންކަމުގެ އަގު ބޮޑުކަމާއި އަޚުވަންތަ ގުޅުމުގެ ބާރުގަދަކަން ސާބިތުކޮށްދީފައެވެ.
މި ޤައުުމަށް ބޭނުންވަނީ ކޮން އެއްޗެއް ތޯއެވެ؟ ޤައުމުގެ ތަރައްޤީއަށް ބޭނުންވަނީ ކޮން ކަމެއްތޯއެވެ؟ މި ޤައުމުގެ އަމާންކަމަށް އޮތީ ކޮން ނުރައްކަލެއް ތޯއެވެ؟ ތިބާގެ ޤައުމީ ހިއްސާ ކޮބައިތޯއެވެ؟ އިވޭ އަޑުތަކަށް ޢަމަލު ކުރަނީ ތިބާގެ ޤައުމީ ވިސްނުން އިސްކޮށްގެން ތޯއެވެ؟ ޤައުމީ ޚިދުމަތަށް ފަސްޖެހެންވީ ކީއްވެތޯއެވެ؟ މި ޤައުމަށް ތިބާގެ މުހިންމުކަން ކުޑައީތޯއެވެ؟ ޤައުމީ ވިސްނުމާއި ތިބާގެ އަމިއްލަ ފިކުރާމެދު ސުވާލުކޮށްލިންތޯއެވެ؟ މާދަމާގެ ކުރިމަގަށް ތިބާގެ ޙިއްސާ އޮތްތޯ ބެލިންތޯއެވެ؟ ފަރުދީ ޒިންމާގެ މައްޗަށް ތިބާ ޢަމަލުކުރަން އޮތް ވާޖިބުތަކަށް ބަލާލިންތޯއެވެ؟ ކޮންމެ ކަމެއް ވަރިހަމަކަމަށް ދޫކޮށްލެވެން އެބައޮތްތޯއެވެ؟ މި ޤައުމުގެ ތާރީޚު ކާބަފައިން ތަޖުރިބާ ނުކުރާ އެތައްކަމެއް މި ޤައުމު ތަޒުރިބާ އެބަކުރޭ ތޯއެވެ؟
ޤައުމެއް ކުރިއަރާ ތަރައްޤީ ވާނީ ޤައުމެއްގައި އަދަބުވެރި ކިޔަމަންތެރި ހޭލުންތެރި ރައްޔިތުންތަކެއް އުފަން ކޮށްގެންނެވެ. ޤައުމީ ބަހާތަކަށް ލޯބިކުރާ ޒުވާނުންތަކެއްގެ ހިއްސާ ލިބިގެންނެވެ. އަމިއްލަ ޒާތީ ކަންކަން ފޮހެލެވި އުފެެއްދުންތެރިކަމަށް އިންސާނީ ވަސީލަތް ތަރައްޤީ ކޮށްގެންނެވެ. ކިޔަމަންތެރި މުޖުތަމައެއް ބިނާ ކުރެވިގެންނެވެ. އަޚުލާޤީ ވާޖިބުތަކަށް ފަރުދީ ޒިންމާ އިސްކޮށްގެންނެވެ. ޒިންމާ އުފުލަން ކެރޭ ދުޅަހެޔޮ ތަހުޒީބީ އުޅުމާއި ޢާއިލީ ގުޅުުންތައް ދަމަހައްޓާ އެހީތެރިވުމާއި އެހީތެރިކަން ފޯރުކޮށްދީ މައާފުކޮށްދީ، ނަމޫނާ މަގު ދައްކައި ގެންނެވެ. ދޮށީ އުމުރު މީހުންނަށް ކަމޭހިތާ ހިތްވަރުކޮށް ކާމިޔާބީއަށް އެދި ގަދައަޅާ މަސައްކަތް ކުރުމުގެ ރޫޙު އުފެދިގެންނެވެ.
މި ދީބުގެ ރައްކާތެރިކަމާއި ސަލާމަތަށް ދިވެހި ކޮންމެ ފަރުދަކުމެ ފާރަވެރިވާން ޖެހެވެ. ޤައުމަށް ލިބިގެންދާނެ ކޮންމެ ދެރައެއްގެ ހިތިކަން މި ޤައުމުން ފޮހެލަން ކޮންމެ ދަރިއަކު ހިއްސާކުރަން ޖެހޭނެއެވެ. ޤައުމަށް ކުރިމަތިވާ ކޮންމެ އުދުވާނަކުން ޤައުމު ސަލާމަތް ކުރުމަށް ވަކި މީހަށް ދޫކޮށްލެވޭކަށް ނެތެެެވެ. އަޚުވަންތަ ގުޅުމާއި ދިވެހިވަންތަކަންމަތީ ދެމިހުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށް މަޖުބޫރެވެ. ދިވެހި ބިމަށް އުފަން ދިވެހި ދަރިއަކަށް ވުމަކީ ފަޚުރެކެވެ. އަމާންކަމަށް ލޯބިކުރާ އަޚުވަންްތަ ގުޅުމަށް އޮތް އަގުހުރި ނަމޫނާތަކަށް ޒިންމާ ވަމާތޯއެވެ. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ތިބާގެ ޒިންމާ ބޮޑެވެ. އަދި ދިވެހި ދަރިޔަކަށްވުމުން އެ ޒިންމާއިން ރެކެވޭކަށް ނެތެވެ.
