ދިވެހިރާއްޖެއަކީ އާބާދީއާއި ބިމުގެ ގޮތުން ކުޑަ ނަމަވެސް ކަނޑުގެ ބޮޑު ސަރަހައްދެއް އޮތް ޤައުމެކެވެ. އިޤްތިޞާދީ ވަސީލަތްތައް މަދު، ރާއްޖޭގެ ކުޑަކުޑަ އާބާދީ 202 ރަށަށް ބެހިފައިވުމުން ނާޒުކު އިޤްތިޞާދުން ލިބޭ މަދު ފައިސާއިން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ. އަސާސީ ޚިދުމަތްތަކުގެ ތެރެއިން ވެސް ޞިއްޙީ ޚިދުމަތަކީ ހުރިހާ އުމުރެއްގެ ހުރިހާ އެންމެނަށް ވެސް ބޭނުންވާނެ އެންމެ މުހިންމު އެއް ޚިދުމަތެވެ. އެ ޚިދުމަތަކާ ނުލައި ނޫޅެވޭނެ އަދި ލިބުން ލާޒިމު ޚިދުމަތެކެވެ.                                                 

ޞިއްޙީ ޚިދުމަތް އެކަށީގެން ފެންވަރަށް ރާއްޖޭގެ ގިނަ ހިސާބުތަކުގެ ގިނަ ރަށްރަށަށް ފޯރުކޮށް ނުދެވުމުގެ ނަތީޖާއަކީ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގިނަ ޢަދަދެއްގެ ބަލިމީހުން ދަތުރު ކުރަންޖެހުމެވެ. ވަޒަންވެރިވެގެން ދިރިއުޅޭ ރަށަށްވުރެ ރަނގަޅު ޞިއްޙީ ޚިދުމަތް ލިބެންހުރި އަތޮޅު ހޮސްޕިޓަލަކަށް ނުވަތަ ރީޖަނަލް ހޮސްޕިޓަލަކަށް ނުވަތަ މާލެއަށް ދިއުމަށްޓަކައެވެ. މި ދަތުރަކީ ޚަރަދުގެ ގޮތުން ވެސް އަދި ވަސީލަތް ނެތުމުގެ ސަބަބުން ވެސް އަމިއްލަ ފަރުދުންނަށް އަދި ރަށު ފެންވަރުގައި ވެސް ހަމަޖެއްސުމަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭ ދަތުރެކެވެ.       

ޒަމާނުއްސުރެ ރައްޔިތުން އުފުލަމުން ދިޔަ މި ބުރަ ދަތުރު އެއިރެއްގެ ސަރުކާރުތަކުން ދިޔައީ އެކި ސިފަ ސިފައިގައި އެހީތެރިވެދީ ރައްޔިތުންނަށް އެހީތެރިކަން ފޯރޮކޮށްދެމުންނެވެ. އެގޮތުން ޒަމާނުއްސުރެ އެމް.އެން.ޑީ.އެފް ކޯސްޓުގާޑުގެ އުޅަނދުފަހަރުގައި ދިޔައީ ބަލިމީހުން އުފުލައި ދިނުމުގެ މަތިވެރި ޚިދުމަތް ފޯރުކޮށްދެމުންނެވެ. ޚާއްޞަ ގޮތެއްގައި މޫސުން ގޯސްވެ ކަނޑުގަދަވެއްޖެނަމަ ރައްޔިތުންގެ އެންމެ ގާތް މަދަދުގާރަކީ ކޯސްޓްގާޑެވެ.     

ލަފާކުރެވޭގޮތުން 1985 ވަނަ އަހަރުން ފެށިގެން ކޯސްޓްގާޑުން މެޑިވެކްގެ ޚިދުމަތް  ދެމުންދެއެވެ. މި ޚިދުމަތް ފެށިގެން އައި ގޮތާމެދު ކޯސްޓްގާޑުގެ އިސް ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދި އެމްއެންޑީއެފް ގައި 30 އަަހަރު ޚިދުމަތްކުރެއްވި މޭޖަރ އަޙުމަދު ނަޢީމް ވިދާޅުވީ ”ކޯސްޓްގާޑުގެ ޚިދުމަތް ރާއްޖޭގައި ފެށުނުއިރު ރައްޔިތުންނަށް މެޑިވެކްގެ ޚިދުމަތް ދެވޭވަރުގެ އުޅަނދެެއް ކޯސްޓްގާޑުގައި ނެތް.ގާތްގަނޑަކަށް 1985 ހިސާބުގައި މިޚިދުމަތް ދޭން ފެށީ.“ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި އަދި އާންމުން ދަންނަ ބްރެޑް ނަޢީމް ވިދާޅުވިއެވެ.

ކޯސްޓްގާޑުން ދެމުންދިޔަ  އެއް ރަށުން އަނެއް ރަށަށް ބަލިމީހުން އުފުލުމުގެ ޚިދުމަތަކީ ޚަރަދު ބޮޑު، ދައުލަތުގެ ބަޖެޓަށް ބުރަބޮޑު ޚިދުމަތެއްކަމުން އެއަށްވުރެ ޚަރަދު ކުޑަކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދެވޭނެ ގޮތަކާމެދު ދިޔައީ މަޝްވަރާ ކުރަމުންނެވެ. މިފަދަ ކޮންމެ ކަމެއް ޒަމާނާ ގުޅޭގޮތަށް ބައްޓަންކޮށް ތަރައްޤީކުރުމަށް ވަގުތު ނަގާނެއެވެ. އެގޮތުން އެމްބިއުލޯންޗުގެ ޚިދުމަތް ވެސް ޒަމާނާގުޅޭ ގޮތަށް ދިނުމަށް ވަގުތު ނެގި ނަމަވެސް އެ ޚިދުމަތް ރައްޔިތުން ބަލައިގަތީ އުފަލާއެކުއެވެ.                                

އެމްބިއުލޯންޗުގެ ޚިދުމަތް ތަޢާރަފް ކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ފާހަގަ ކުރެވުނު އެންމެ ރަނގަޅު ޙައްލަކީ ތަފާތު ސަބަބުތަކާހުރެ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބޭނުންނުކުރެވި ހުރި ލޯންޗުފަހަރުގެ ބޭނުންހިފުމެވެ. އެގޮތުން އެމްއެންޑީއެފުން މަރާމާތުކޮށް އެމްބިއުލޯންޗުގައި ހުންނަން ލާޒިމުކުރާ ވަސީލަތްތައް ޤާއިމުކޮށް 2014 މޭ 29 ވަނަ ދުވަހު ޚިދުމަތް ފައްޓަވައި ދެއްވީ އޭރުގެ ނައިބު ރައީސެވެ. މާލެއާއި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ޚިދުމަތް ދިނުމަށްޓަކައި 25 ސީ-އެމްބިއުލާންސް ބޭނުންކުރެވެމުންދާއިރު، މިއީ އެމްއެންޑީއެފް ކޯސްޓްގާޑުން ދޭ އެންމެ ޝަރަފުވެރި އެއް ޚިދުމަތެވެ. ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކު ބަލިމީހާ ގޮވައިގެން ދަތުރު ކުރަންވިއަސް ތައްޔާރަށްތިބި ހީވާގި އެމްބިއުލޯންޗު ކެޕްޓަނުންނާއި، ފަޅުވެރިންނާއެކު 2016 ވަނަ އަހަރު ވެސް 2735 މީހުންގެ ފުރާނަ ސަލާމަތްކުރުމުގައި މުހިންމު ރޯލެއް އަދާކޮށް އެ އާއިލާތަކަށް ހިނިތުންވުން ގެނެސްދިނެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 1416 ބަލިމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިވެދީފައިވެއެވެ.                                            

ކޯސްޓްގާޑުންދޭ ސީ-އެމްބިއުލާންސްގެ ޚިދުމަތާބެހޭ ގޮތުން ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް ވިދާޅުވީ ފާއިތުވި ތިން އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުން އިތުރު ބޭސްފަރުވާއަށް ބޭނުންވެފައިވާ ހަތްހާހަށްވުރެ ގިނަ ބަލިމީހުން އެ މީހުންނަށް ބޭނުންވާ ޞިއްޙީ އެހީތެރިކަންލިބޭނެ ތަންތަނަށް ގެންގޮސްދެވިފައިވާނެ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ކާނަލް މުޙައްމަދު އިބްރާހީމް ފާހަގަ ކުރެއްވިއެވެ. ކޯސްޓްގާޑުގެ ކޮމާންޑަރ ވިދާޅުވީ، ކުޑަކުޑަ ޤައުމެއްގެ ކުޑަ އަސްކަރިއްޔާއެއްގައި ހިމެނޭ ކޯސްޓުގާޑަކުން މިފަދަ ޚިދުމަތެއް ރައްޔިތުން ހިތްހަމަޖެހޭ ފެންވަރެއްގައި ދެވުމަކީ ކާމިޔާބެއްކަމަށެވެ. ”ކޮންމެ އެމްބިއުލޯންޗެއް އޮޕަރޭޓްކުރެވެމުންދާއިރު މެޑިކަލް ސުޕަވިޝަންގެ ދަށުން އެ މީހާ އެ ގެންދެވެނީ. ކުރިން މިހެނެއް ނޫން. އޭރުގައި އެ މީހަކަށް އެރުނު ލޯންޗަކަށް އަރައިގެން، ޑޮކްޓަރެއް ނަރުހެއް ހުއްޓަސް ނެތަސް އޭރު ކުރާނެކަމެއް ނެތް. ނޭވާ ހުއްޓިއްޖެއްޔާ އޭރު ކުރެވޭނެ ކަމެއްނޯވެ. ހިތުގެ ވިންދު ހުއްޓިއްޖެއްޔާ އަނބުރާ އިޔާދަކުރެވޭނެ ވަސީލަތެއްނެތް. އެހެންވީމަ މިހާރު ދެވޭ ޚިދުމަތަކީ ވަރަށް ފަޚުރުވެރި ކާމިޔާބު ޚިދުމަތެކޭ މިދެންނެވީ“ ކޯސްޓްގާޑުގެ ކޮމާންޑަރ ވިދާޅުވިއެވެ.                                                

އެމްބިއުލޯންޗުތަކުން އެތައްހާސް ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިވުމުގެ އިތުރުން ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކޮށްދީފައި ވެއެވެ. ކޯސްޓުގާޑުގެ ބޮޑެތި އުޅަނދު ފަހަރު ބަލި މީހުން ގޮވައިގެން ކުރާދަތުރަކަށް ކުރާ ހޭދައާ އަޅާބަލާއިރު އެމްބިއުލޯންޗެއްގައި އެ ޚަރަދު އެތައްގުނައެއް ކުޑަވެގެންދެއެވެ. އެކަން އެމްބިއުލޯންޗުގެ ޚިދުމަތް ފެށުމުގެ ކުރިއާއި އޭގެ ފަހުގެ ތަފާސް ހިސާބުތައް ބަލާލުމުން އެނގެއެވެ. 2013 ވަނަ އަހަރު 158 ދަތުރު ކުރެވުނުއިރު 2016 ވަނަ  އަހަރު 2596 ދަތުރުކޮށްފައިވެއެވެ. ނަމަވެސް 2013 ވަނަ އަހަރު 2 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ދަތުރުތަކަށް ޚަރަދުވިއިރު، 2016 ވަނަ އަހަރު ޚަރަދުވެފައިވަނީ ގާތްގަނޑަކަށް 1.3 މިލިޔަން ރުފިޔާއެވެ.

މި ގެނެވުނު ހެޔޮ ބަދަލާއެކު ސަލާމަތް ކުރެވުނު ފައިސާ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންކުރެވި ރައްޔިތުންނަށް އިތުރު ރޮނގުތަކުން އުފާފާގަތިކަން ގެނެސްދޭނެއެވެ. އަދި ކޯސްޓްގާޑުގެ ޒިންމާގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި  ހިމެނޭ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުން ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތަށް ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދެވިގެންދިޔައެވެ.  ކޯސްޓްގާޑުގައި ހުރި އެ މަސައްކަތަށް  އެންމެ އެކަށީގެންވާ އުޅަނދުފަހަރު އެންމެ އެދެވޭ ގޮތުގައި ބޭނުން ހިފުމުގެ ހެޔޮ ބަދަލު ފެނިގެންދިޔައެވެ.

ޝެއަރކުރެއްވުމަށް