ޖުމްހޫރީ ވެރިކަމެއްގެ އަސާސަކީ ރައްޔިތުންގެ ވެރިކަމެއް ނުވަތަ ރައްޔިތުންގެ ސަރުކާރެއް އޮތުމެވެ. އެއީ ރައްޔިތުން އިންތިޚާބު ކޮށްގެން ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭގޮތަށް ސަރުކާރު ހިންގުމެވެ. އެފަދަ ވެރިކަމެއްގައި ވެރިކަމުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަކީ ރައްޔިތުންގެ ޚާދިމެކެވެ. އެއާ ޚިލާފަށް ވިރާސީ ރަސްކަމެއްގައި އެންމެހާ ބާރުތަކުގެ އިސްފަރާތަކީ ރަދުންނެވެ. ރައްޔިތުންނަކީ ރަދުންގެ ޚާދިމުންނެވެ. ޤައުމުގެ ވަލިއްޔުލްއަމްރު ކަމަށް އިސްކުރެވޭ ފަރާތެއް އިސްކުރުމުގައި ރައްޔިތުންގެ މާބޮޑު ދައުރެއް ނޯވެއެވެ.
މި ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނީ 1372ޙ ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 14 ވީ ބުރާސްފަތި ދުވަހުއެވެ. މީލާދީ ސަނަތުންނަމަ 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. ފުރަތަމަ ޖުމްހޫރީ ވެރިޔަކީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. ކޮންމެއަކަސް 7 މަހާއި 26 ދުވަހުގެ ކުރު ޙަޔާތަކަށްފަހު އެ ޖުމްހޫރިއްޔާ ”ކަފުންވެގެން“ ދިޔައީ 1372ހ. ޛުލްޙިއްޖާ މަހުގެ 11 ވީ ހުކުރު ދުވަހުއެވެ.
އެއަށްފަހު ރާއްޖޭގެ ވެރިކަމުގެ ތަޚުތުގައި ރެނދަލި ކުރެއްވި އެންމެފަހު ރަދުން ކަމުގައިވާ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލް 1954މ. ވަނަ އަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހު ރަސްކަމަށް އިސްކުރެވުނެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1968މ. ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހާ ހަމައަށް ދެމިއޮތެވެ. އެއަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު އަނެއްކާ ވެސް ވިރާސީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔައެވެ.
ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމުވީ 1968މ. ނޮވެންބަރު 11 ވަނަ ދުވަހު ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްފާޟިލް އިބްރާހީމް ނާޞިރު ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެންނެވެ. އެއީ މިހާރު އަޅުގަނޑުމެން ގުނަމުން މިދާ ޖުމްހޫރީ ވެރިކަން އުފަންވި ހިސާބެވެ. އެ ތާރީޚުން ފެށިގެން ޖުމްހޫރީ ވެރިކަން ގުނާނަމަ އަޅުގަނޑުމެންނަށް މި އުޅެވެނީ ޖުމްހޫރީ 49 އަހަރު ފަހަނައަޅައި 50 ވަނަ އަހަރަށް އަޅައިގަތުމުގެ ރަންޔޫބީލުގެ އުފާވެރި އިހުސާސްތަކުގެ ތެރޭގައެވެ. މި ދަންނަވާ ތާރީޚީ ރަންޔޫބީލް މި އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އަޅުގަނޑުމެންނާ ކުރިމަތިލާނެއެވެ. މީގެ 20 އަހަރު ކުރިން އަޅުގަނޑުމެންނާ ބައްދަލު ކުރި ޖުމްހޫރީ 30 ގެ އުފާވެރި ހަނދާންތައް އަނެއްކާ ވެސް އާކޮށް، އެފަދަ ތައްޔާރީތަކެއް ޤައުމަށްޓަކައި ވާންޖެހޭ ދުވަސް އަރާ އަޅުގަނޑުމެންނާ ހަމަކުރީއެވެ. ޖުމްހޫރީ 30 މާޒީއަށް ދޫކޮށް ޖުމްހޫރީ 50 އަށް މަރުހަބާ ކިޔަންވީއެވެ.
މި އުފާވެރި މުނާސަބާ އަޅުގަނޑުމެންނާ ބައްދަލުވާހިނދު ވިސްނާލުން މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަކަމަކީ ވިރާސީ ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް ދިވެހި ރަސްކަމުގެ ސިންގާ ސަނާ ފުރަތަމަ ފަހަރަށް ފުރޮޅިގެން އައި ތަބީޢީ ގޮތެވެ. ދެވަނަ ކަމަކަށް ފުރަތަމަ ޖުމްހޫރިއްޔާ ދެމިއޮތް މަދު ދުވަސްކޮޅާއި އެ ޖުމްހޫރިއްޔާ އަޅުގަނޑުމެންނާ އަލްވަދާޢުކީ ހަމަނުޖެހުންގަނޑާއި ފުރަތަމަ ޖުމްހޫރީ ރައީސް އަވަހާރަވި ހިތްދަތި ހާދިސާއެވެ. ތިންވަނަ ކަމަކީ އަނެއްކާވެސް ރާއްޖޭގައި ރަސްކަމެއް ފެށުމަށްފަހު އެ ވެރިކަން ރަސްކަމެއްގެ ގޮތުގައި ދިގުދެމިގެން ނުގޮސް އަޅުގަނޑުމެން މިހާރު މި ދެކޭ ދެވަނަ ޖުމްހޫރީ ވެރިކަން އުފަންވި ގޮތާއި އެ ކަމަކަށް ދިވެހީން ބޭނުންވި މިންވަރެވެ.
ބަޔާން ކުރެވުނު ކަންތައްތަކަކީ އެ ކަންތައްތަކުގެ ތެރޭގައި ވަރަށް ގިނަގުނަ ހާދިސާތަކެއް ހިނގައިދިޔަ ކަންތައްތަކެކެވެ. އުފާވެރި، ހިތާމަވެރި، ލަދުވެތި އަދި މި ނޫން ވެސް މައުނަވީ އެތައް ރަހައެއް ވިރާސީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ވެރިކަން ބަދަލުވެގެން ދިޔަދިއުމުގައި ދިވެހިން ތަޖުރިބާކޮށްފިއެވެ. މިއަދު މި އޮތީ ލިބުނު މަތިވެރި ނިޢުމަތް ޝުކުރުވެރި ހިތަކުން ބަލައިގަނެ ޤައުމައިގެން ކުރިޔަށް ދިއުމަށް ނުހަނު މަތިވެރި ފުރުސަތެއް ލިބިފައެވެ. އެހެންކަމުން މާޒިން އިބުރަތް ހާސިލުކޮށް، އެންމެން އެކަތިގަނޑަކަށްވެ، ޤައުމީ ކަމެއްގެ ގޮތުގައި ޖުމްހޫރީ 50 ގެ ރަންޔޫބީލް ފާހަގަ ކުރުމުގެ ކަންތަކައިގެން ކުރިޔަށް ދަމާތޯއެވެ.
