ތަހުޒީބާއި ތަމައްދުންގެ ރޮނގުގައި ދުނިޔެ ދަނީ ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރަމުންނެވެ. ތަފާތު އާ އީޖާދުތައް ތަޢާރަފުކުރެވި، އެ އީޖާދުތަކުގެ އަލީގައި އުފައްދާ އުފެއްދުންތަކުން ދުނިޔެއަށް ވަނީ ސިނާޢީ އިންޤިލާބެއް އައިސްފައެވެ. ކޮންމެ ޤައުމަކުން ވެސް ބަލަމުން ދަނީ މި ތަރައްޤީގެ އޮއިވަރުގައި ފައިހަމަކުރެވި ފަހަތަށް ސޮއްސައިގެން ނުގޮސް ތިބެވޭނެ ގޮތްތަކެއް ހޯދޭތޯއެވެ. މި ގޮތުން މި ދިވެހިރާއްޖެއަކީ ވެސް ބަވަނަވަމުން މިދާ ދުނިޔޭގައި ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކެކޭ އެއްގޮތަށް އެ ޤައުމުތަކާ އެއް ސަފެއްގައި ފައިހަމަކުރެވޭތޯ ބަލަމުން އަންނަ ޤައުމެކެވެ.
ބަވަނަކުރުމަކީ ދޭދޭ މީހުންނާއި، ޖަމާޢަތްތަކާއި، ޤައުމުތަކުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމާއި، ގުޅިލާމެހުމުގެ ތެރެއިން ނުހުއްޓި ކުރިއަށްދާ ޕްރޮސެސް އެކެވެ. ބައިނަލް އަޤްވާމީ ވިޔަފާރިއާއި، އިންވެސްޓްމަންޓްތަކާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ތެރެއިންނެވެ. ތިމާވެށްޓާއި، ސަޤާފަތާއި، ސިޔާސީ ނިޒާމުތަކާއި، އިޤްތިޞާދީ ތަރައްޤީއާއި، ތިޔާގިކަމާއި، އިންސާނީ ދުޅަހެޔޮކަމާއި މާއްދީ ބޭނުންތަކާ އެކުގައެވެ. މިހެން މިކަން އޮތުމާއެކު ދުނިޔެ ދެކެފައިވާ ޙަޤީޤަތަކީ އެއިރެއްގައި ރަނގަޅު ހެޔޮ ގޮތްކަމަށް އިންސާނާއަށް ޤަބޫލުކުރެވޭ ގޮތަށް ބަދަލުވަމުންދިއުމެވެ. ކުރިއެރުމާއި ތަރައްޤީއާއި ފަސޭހަކަމާއި، އަރާމާއި ނިޢުމަތަށް އިންސާނާ ދަހިވެތި ވުމަކީ އަޖައިބެއް ނޫނެވެ. އެހެން މީހުންގެ މައްޗަށް ބާރުވެރިކަން ހިންގުމަށާއި ނުފޫޒާއި ބާރު ހޯދުމަށް ކުރެވެމުންދާ މަސައްކަތަކީ ހުއްޓޭނެ ކަންތައްތަކެއް ނޫނެވެ. އެކިދުވަހު އެކިގޮތަށެވެ. އެކި ސިފައިގައެވެ. ފެންނަ ދަޅަގަދަ މަންޒަރުތަކަށާއި ފޮނި ވާހަކަތަކަށް ހެއްލުމާއި، އަމިއްލަ އެދުންތަކުގެ ކުރިމަތީގައި ގިނަ އިންސާނުން އިސްދަށަށް ޖަހާނެކަން ދެނެގެން ތިބެއެވެ. ބަވަނަކުރުމުގެ ޚިޔާލަކީ އަލަށް އުފެދުނު ކަމެއް ނޫނެވެ. އެއީ ވަރަށް ޤަދީމީ އަދި ޤަދީމީ ތަރިކައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހުރިހާ ޙަޟާރާތެއްގެ ތެރޭގައި ވެސް އޮތް ކަމެކެވެ. މިއަދުގެ ތަފާތަކީ އެކަމަށް ޓެކްނޮލޮޖީގެ ތެރެއިން އޮތް ފަސޭހަކަމެވެ.
ދިވެހިބަހުގައި ބަވަނައަކީ ދުނިޔެއެވެ. ބަވަނަކުރުމަކީ ދުނިޔޭގައި އެއް ސަޤާފަތެއް ގެންގުޅެން މަސައްކަތްކުރުމެވެ. ޒަމާންތަކެއް ކުރިން ދުނިޔެއޭ ބުނުމުން ސިފަވެގެންދަނީ ވަރަށް ބޮޑު ތަނެއްގެ ގޮތުގައެވެ. އެއްސަރަހައްދެއްގައި ހިނގާ ކަންތައްތައް އަނެއް ސަރަހައްދެއްގައި އުޅޭ މީހުންނަށް އެނގުމަށް މުއްދަތުތަކެއް ނަގައެވެ. ބައެއް ކަންތައްތައް ހިނގިޔަސް ވެސް އެހެންމީހުންނަށް ރޭކާވެސްނުލާ ފަހަރު އާދެއެވެ. އެކަމަކު މިއަދު ކަންއޮތީ އެހެންތޯއެވެ. ނޫނެކެވެ. އެއްޤައުމެއްގައި ހިނގާ ކަންތައްތައް ދެންހުރި ޤައުމުތަކަށް ބަސްބުނާހިނދުން އެނގިގެންދެއެވެ. ހުރިހާ ކަމެއް ވެސް އޮތީ އަތްފޯރާފަށުގައެވެ. އަޑާއި މަންޒަރު ވެސް ވަގުތުން ބަލަންވީއެވެ. އެއްވެސް ހުރަހެއްނެތިއެވެ. ދުނިޔެ ފެންނަން އޮތީ އެހާވެސް ހާމައަށެވެ. ޤައުމުތަކުގެ މެދުގައި އިންފާރު ވަކިކުރަން އޮންނަ ސަރަހައްދީ ބޯޑަރު މިހާރު އެއީ ނަމެއްގައި އޮންނަ އެއްޗަކަށް ވެއްޖެއެވެ. ޤައުމުތަކުގެ ސަޤާފަތާއި އާދަކާދަ މަސްހުނިވެފައިވާ ވަރުން ނިސްބަތްވާ ޤައުމު ބުނަންނޭނގޭހާ ވަރުވެއްޖެއެވެ.
ދޭދޭ ޤައުމުތަކުގެ މީހުން ދަތުރުކުރުމުގައި ހުރި ފަސޭހަތަކުގެ ސަބަބުން އެތަން މިތަނަށް ދަތުރުކޮށް ތަފާތު ޤައުމުތަކުގައި ވަޒަންވެރިވުމުގެ އާދަ އަންނަނީ އަށަގަންނަމުންނެވެ. ނަތީޖާއެއްގެ ގޮތުން ހަމުގެ ކުލައިން ޤައުމު ފާހަގަކުރަން އެނގުނު ޒަމާން ވެސް މިހާރު ފަހަތަށް ގޮސް އޮބައިފިއެވެ. ދުނިޔޭގައި އުފެދުނު މަލްޓިމިލިއަން ކުންފުނިތަކުގެ ސަބަބުން ތަފާތު ޤައުމުތަކުގައި ސިނާޢީ މަސައްކަތްތައް ފެށި އެކަމުގެ ސަބަބުން ވަޒީފާގެ ބާޒާރު ފުޅާވެ ޤައުމުގެ ދޭސީންނަށްވުރެ ބިދޭސީންގެ އާބާދީ ބޮޑު ޤައުމުތައް ވެސް މިއަދުގެ ދުނިޔޭގައި އެބަވެއެވެ. އަންނަމުން މިދާ މިފަދަ ހުރިހައި ބަދަލެއް އެއްލަފުޒަކުން ބަޔާންކުރާނަމަ އެއީ ބަވަނަވުމެވެ. ދުނިޔެ މިދަނީ ބަވަނަވަމުންނެވެ. މިއަދު ދުނިޔެ މިވަނީ ”ކުނބުރެއް“ ހާ ކުޑަވެފައެވެ. މިކަމުގެ ސަބަބުން ޤައުމިއްޔަތަށް، ޤައުމިއްޔަތުގެ ރުކުންތަކަށް ތަފާތު އަސަރުތައް އަންނަނީ ކުރަމުންނެވެ.
ބަވަނަވުމުގެ އޮއިވަރުގައި ޖެހި ޤައުމިއްޔަތުގެ ރުކުންތައް އެއީ މާބޮޑު އެއްޗަކަށް ނުވެދާތަން މިއަދު މިވަނީ ފެންނަން ފަށާފައެވެ. މިގޮތުން އެންމެ ފާހަގަކުރެވޭ އެއްކަމަކީ ދިވެހި މާދަރީބަހަށް ކުރަމުން އަންނަ ނުރަނގަޅު އަސަރުތަކެވެ. ނޭދެވޭ އަސަރުތަކެވެ. މި ގޮތަށް މިކަން ދިމާވުމުގައި ބަވަނަވުމުގެ ތެރެއިން ކުރިމަތިލާން ޖެހުނު ތަފާތު އެތައް ކަމެއް ހިމެނެއެވެ. އެގޮތުން އިނގިރޭސި ތަޢުލީމަށް އިސްކަންދެވުމާއި، ބޭރު ބަސްބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް މަސްހުނިވެގެން ދިއުމާއި، ދިވެހިބަހަށް ދިވެހިން ބީރައެްޓެހިވާން ފެށުމާއި ދިވެހިބަހުން ވާހަކަދެއްކުމަކީ ”ކަޓު“ ކަމެއްގެ ގޮތުގައި މައިންބަފައިން ވެސް ދެކި ދަރީންނަށް އިނގިރޭސި ބަސް ދަސްކޮށްދިނުމަށް މަސައްކަތްކޮށް، ދިވެހިބަސް ދޫކޮށްލުން ހިމެނެއެވެ. މީގެ އިތުރުން ބިދޭސީ ލޭބަރުންގެ ސަބަބުން ވެސް ބަހަށް އަންނަނީ ތަފާތު ނޭދެވޭ އަސަރުތައް ކުރަމުންނެވެ. އެހެންކަމުން މިއަދު މިވަނީ ދިވެހިންގެ މާދަރީބަސް ކަމަށްވާ ދިވެހިބަހަށް ޚާއްޞަ ސަމާލުކަމެއްދީ އެ ބަސް އާލާކުރުމަށް މަސައްކަތްކުރަން ޖެހިފައެވެ. އެހެނީ ދިވެހިބަހަކީ ދިވެހިންގެ ”އައިޑެންޓިޓީ“އެވެ. އެއީ ދިވެހިންގެ ޤައުމިއްޔަތުގެ އެއްބައެވެ. ޤައުމުގެ ތާރީޚުން މާޒީވި ޞަފުޙާތައް މިއަދުގެ ޖީލާ ހަމައަށް ގެނެސްދިނީ އެ ބަހުގެ ސަބަބުންނެވެ. ދިވެހިން ދިވެހީންނަށްވީ އެ ބަހުގެ ސަބަބުންނެވެ. އެހެންވީމާ ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަސް މަރުވިޔަނުދީ ދަމަހައްޓަންޖެހެއެވެ. ބަވަނައިގެ ތެރެއިން ދިވެހިބަހަށް ބަނަކަން އަޔަދީގެން ނުވާނެއެވެ.
ދުނިޔެއަށް އަންނަމުންދާ ބަދަލުތައް ފެނިފައި، ބަވަނަކުރުމުން ވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ސުވާލުކުރަން ދުނިޔޭގެ ބައެއް މުޖްތަމަޢުތަކުގައި ތިއްބައި ބަވަނަކުރުން އައިސް މުޅި ދުނިޔެ ވަށައިޖައްސައިފިއެވެ. އެ ބަހުސްގެ ނަތީޖާ ކޮންމެ ގޮތަކަށް އޮތަސް އެކަމާ މިހާރު މިއޮތީ ކުރިމަތިލާން މަޖުބޫރުވެފައެވެ. އެ ބައެއްގެ ދީނާއި އަޤީދާއާއި ސަގާފަތާއި އަދާކާދައާއި މާދަރީ ބަހާމެދު ކަންކުރަންވީ ގޮތެއް ނިންމަންޖެހިފައި އޮތީ އެ ބަޔަކަށެވެ. ބަވަނަކުރުންތަކާއެކު އެބައެއްގެ އާދަކާދައާއި ސަޤާފަތް ދޫކޮށްލައި، ދުނިޔޭގައި ގިނަ ބަޔަކު ޤަބޫލުކުރާ ގޮތްތަކަށް ތަބާވެ، އެ ގޮތްތަކާ އެއްގޮތަށް ދީލައިލާނީތޯ ނުވަތަ ކުރިމަތީގައި ހުރި ގޮންޖެހުންތައް ދެނެތިބެ، އެބައެއްގެ އާދަކާދައާއި ސަޤާފަތް ހިމާޔަތްކޮށް އެބައެއްގެ ޤައުމިއްޔަތު ދިރުވައި އާލާ ކުރާނީތޯ މިއަދު މިވަނީ ނިންމަންޖެހިފައެވެ.
ބަވަނަވަމުންދާ ދުނިޔެއެއްގައި އޭގެ އަސަރު އެންމެ ބޮޑަށް ކުރަނީ އެޤައުމެއްގެ އާދަކާދައާއި ސަޤާފަތަށާއި އެ ޤައުމެއްގެ މާދަރީބަހަށެވެ. ބަވަނަވުމުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކަށް އެކި ނަސްލުގެ އެކި މާދަރީން ހިޖުރަކުރެއެވެ. އެކަމުގެ ސަބަބުން ޤައުމުތަކުގެ ބަސްތަކަށް ބަދަލުއައުމަށް މަގުފަހިވެއެވެ. ޤައުމުތަކުން ތަރައްޤީގެ އުސްމިންތަކަށް ވާޞިލުވެވެން އޮތްގޮތަކުން ވާޞިލުވެވޭތޯ ބަލަނީއެވެ. މިޒަމާނުގައި އިޤްތިޞާދީ ކުރިއެރުމަށް އިސްކަންދީފައިވާލެއް ބޮޑުކަމުން އެނޫން އެހެން ކަންތައްތަކަށް ދެވެނީ ދެވަނަ ދަރަޖައެވެ. ކޮންމެ ކަމެއް ވެސް ކުރަނީ އެ ކަމަކުން މާލީ ފައިދާތަކެއް ވަންޏާއެވެ. އެ ފައިދާ ހޯދެން އަންނަނީ މުހިންމު އެހެން ކަންތައްތަކެއް ޤުރުބާންކޮށްފައި ކަމުގައި ވާނަމަ އެކަން ވެސް ކުރަނީއެވެ. ތަރައްޤީވެ ކުރިއަރައި ދިޔުމުގައި ގިނަފަހަރަށް ބަހަށް ދެވިފައި އޮންނަނީ ”ޤުރުބާނީ ކަންބަޅި“ އެއްގެ ދަރަޖައެވެ. މިއަދު ދިވެހިބަހަށް ވެސް ޖެހިފައި މިވަނީ މި ޙާލެވެ. އިޤްތިޞާދީ ކުރިއެރުންތަކުގެ ސަބަބުން ޤައުމުގެ ދޮރާށިން ވަދެގެން އަންނަ ތަރައްޤީގެ އޮއިވަރުގައި ޤައުމަށް އެތެރެވާ އެކައްޗަކީ ބޭރު ބަސްތަކުގެ ލަފުޒުތަކެވެ. މި އޮއިވަރުގައި ޖެހި ބަސް އޮޔާދާން ދޫކޮށްލުމަކީ ޤައުމެއްގެ ނިސްބަތުން ލިބޭނެ އެންމެ ބޮޑު ދެރައާއި ނިކަމެތިކަމެވެ.
ދިވެހިބަސް މަރުވިޔަ ނުދީ ދަމަހައްޓަންޖެހޭ އެއް ސަބަބަކީ ދިވެހި ބަހަކީ ދިވެހިންގެ މާދަރީ ބަހަށް ވުމެވެ. ދުނިޔޭގައި ދިވެހިބަހުން ވާހަކަދައްކާ އެހެން ޤައުމެއް ނެތެވެ. އެހެންނަމަވެސް މަލިކުގައި މަހަލް ބަހުގެ ގޮތުގައި ދިވެހިބަސް އޮތްކަން އަޅުގަނޑު ހަނދާންނެތުނީއެއް ނޫނެވެ. ދިވެހިންގެ ”ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑު“ އަކީ ދިވެހިބަހެވެ. ދިވެހިންނަށް ދިވެހީން ކިޔަނީ އެ ބަހުން ވާހަކަދައްކާތީއެވެ. ހަމައެއާއެކު ދިވެހިބަހުން ލިޔެއުޅުމަށް ވަކި އަކުރެއް އެބައޮތެވެ. ބަސްބަހުން އަންގައިދެނީ އެ ބަހެއްގެ އަހުލުވެރީންނެވެ. ބަހެއް ލިބިގެންވުމަކީ ޤައުމެއްގެ ހައިސިއްޔަތު ބޮޑުވުމުގެ އިތުރަށް އެ ޤައުމެއްގެ މުސްތަޤިއްލުކަމާއި އެ ޤައުމުގެ ޤައުމީ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މަތިވެރި ޝަރަފެއް އޮތްކަމުގެ ފުރިހަމަ ދަލީލެކެވެ.
