ލެފްޓިނަންޓް ޖެނެރަލް (ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމް (އަންބަރީ) ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1978 ނޮވެންބަރު 11 ވަނަ ދުވަހުއެވެ. ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް ސިފައިންގެ ޚިދުމަތަށް ގެންނެވީ ތިން ފަށުގައި، ސިފައިންގެ 2 ނަންބަރު ސަރުދާރުގެ ރޭންކުގައެވެ. 13 ނޮވެންބަރު 1978 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިފައިންގެ މަޤާމުތަކުގެ ނަންތައް ބަދަލު ކުރެއްވިއިރު، ލެފްޓިނަންޓްގެ ރޭންކަށް ބަދަލު ކުރެއްވިއެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމުގެ ކުރިން 12 އަހަރު ސަރުކާރުގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރައްވާފައިވެއެވެ. ސަރުކާރުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 1966 ވަނަ އަހަރު ވުޒާރަތުލް މަޢާރިފުގެ ކާތިބެއްގެ މަޤާމުގައެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ދުވަހުން ފެށިގެން ސިފައިންގެ ހިންގެވުމުގެ ދާއިރާގައި އިސް ދައުރެއް އަދާކުރެއްވިއެވެ. އެމަނިކުފާނަށް މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ވަކީލުކަން ދެއްވީ 10 ނޮވެންބަރުު 1979ގައެވެ. އަދި 21 ޖަނަވަރީ 1981ގައި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ސީނިއަރ އަންޑަ ސެކްރެޓަރީގެ މަޤާމު ދެއްވިއެވެ. މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ނަން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނަމަށް ބަދަލު ކުރައްވައި، 10 ނޮވެންބަރު 1982 ގައި އެ މިނިސްޓްރީގެ ސީނިއަރ އަންޑަ ސެކްރެޓަރީގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޑިރެކްޓަރ އޮފް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް ބަދަލު ކުރެއްވީ 01 ސެޕްޓެންބަރު 1983 ގައެވެ. ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް ސިފައިންގެ ވެރިޔާގެ ނާއިބުގެ އެހީތެރިޔާގެ މަޤާމަށް ހަމަޖެއްސެވީ 01 މާރިޗު 1987 ގައެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމް، ސިފައިންގެ ވެރިޔާގެ ނާއިބުގެ އެހީތެރިޔާގެ މަޤާމުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް ހަމަޖެއްސެވީ 28 މާރިޗު 1991 ގައެވެ. އެ މަޤާމުގައި ހުންނަވަނިކޮށް ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުނު ދުވަސްކަމުގައިވާ 1992 ވަނަ އަހަރުގެ އެޕްރީލް 21 ވަނަ ދުވަހު އެންއެސްއެސްގެ ޗީފް އޮފް ސްޓާފްގެ މަޤާމަށް ހަމަޖެއްސެވިއެވެ. އަދި 11 ނޮވެންބަރު 1993ގައި ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް ސެކިއުރިޓީގެ މަޤާމުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް ހަމަޖެއްސެވިއެވެ. ލެފްޓިނަންޓް ޖެނެރަލް (ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމް، ސިފައިންގެ ވެރިޔާގެ ނާއިބުގެ މަޤާމަށް ހަމަޖެއްސެވީ 01 ޖަނަވަރީ 1996 ގައެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމަކީ ދިވެހި އަސްކަރިއްޔާ މިއަދު މިދެކޭ ކުރިއެރުމާއި ތަރައްޤީއަށް ވާސިލުވުމުގައި ސިފައިންގެ އެންމެމަތީވެރިޔާގެ އިރުޝާދާއެކު ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް ބޭރުގެ އަސްކަރިއްޔާތަކާ ގުޅުންތައް ޤާއިމުކުރައްވައި، ސިފައިންނަށް ރާއްޖެއިން ބޭރުން އަސްކަރީ ދާއިރާއިން ތަޢުލީމާއި ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ހޯއްދަވައިދެއްވައި، ރާއްޖެއާއި ރާއްޖެއިން ބޭރުން އަސްކަރީ ތަޢުލީމާއި ތަމްރީނުދީ، ލޯހުޅުވޭ ކުޅަދާނަ ޤާބިލު ޒުވާން ޖީލެއް އުފެއްދުމަށް ކުރެއްވި އިޚްލާޞްތެރި މަސައްކަތް ފާހަގަ ކުރެވެއެވެ. އަދި އަސްކަރީ އަޚްލާޤު ސިފައިންގެ ހިތްތަކުގައި ބިންވަޅު ނަގައި، ކަމަށްކަމޭހިތައިގެން ޤައުމީ ރޫޙާއި ޖޯޝުގައި ނަޒާހަތްތެރިކަމާއެކު ކެރިގެން ޤައުމަށް ޚިދުމަތް ކުރާނެ ބަޔަކަށް ސިފައިން ހެއްދެވުމަށް އަގުހުރި މަސައްކަތްތަކެއް ކުރެއްވިއެވެ.
ދިވެހި އަސްކަރިއްޔާގެ އެންމެ އިސް މަޤާމުތައް ފުރުއްވި ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމްއަކީ ސިފައިންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ޚިދުމަތްތައް ތަރައްޤީ ކުރެއްވުމަށް ޚާއްޞަކޮށް ސިފައިންގެ ޢުމްރާނީ ތަރައްޤީއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި ބޭފުޅެކެވެ. މިގޮތުން ކުރެއްވި މަސައްކަތުން 2004 ވަނަ އަހަރާ ހަމައަށް އައިއިރު އަތޮޅުތަކުގެ 42 ރަށެއްގައި ސިފައިންގެ ޚިދުމަތް ޤާއިމުކޮށް ސިފައިންނާއި ފުލުހުންގެ ޚިދުމަތް ދެވޭ ގޮތަށް ހުރީ ހަމަޖައްސަވާފައެވެ. ހަމައެހެންމެ އަތޮޅުތެރޭގެ އާބާދީބޮޑު ސަރަޙައްދު ތަކުގައި ސިފައިންގެ ރީޖަނަލް ހެޑްކުއާޓަރުތައް ބިނާކުރައްވައި ކޯސްޓްގާޑުގެ ޚިދުމަތާއި އަލިފާންނިއްވުމުގެ ޚިދުމަތާއި ފުލުހުންގެ ޚިދުމަތް އެ ތަންތަނުން ދެވޭނެ އިންތިޒާމު ހުރީ ހަމަޖައްސަވާފައެވެ. އަދި ވަކިން ޚާއްޞަ ގޮތެއްގައި ސިފައިންގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯއްދަވައިދެއްވައި ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް ކޮށްދެއްވި މަސައްކަތްތަކުގެ ތެރެއިން ކޯސްޓްގާޑުގެ ޚިދުމަތާއި އަލިފާން ނިއްވުމުގެ ޚިދުމަތާއި މެޑިކަލް ސާރވިސްގެ ޚިދުމަތާއި އިންޖިނިއަރިންގގެ ޚިދުމަތަށް ސިފައިންގެ ތެރޭގައި ޚާއްޞަ ޔުނިޓްތައް އުފައްދަވައި ހަރުދަނާ ބިންގަލެއްގެ މަތީގައި ޚިދުމަތް ފަށްޓަވައި ތަރައްޤީކޮށްދެއްވުމުގައި އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރެވެއެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް އަދާކުރެއްވި އިޚްލާޞްތެރި ޤައުމީ ޚިދުމަތުގައި ދެއްކެވި މަތިވެރި އަޚްލާޤާއި، ސާބިތުކަމާއި ގަދަފަދަ ހިތްވަރު ހެކިކޮށްދެނީ ޚިދުމަތުގައި ލިބިވަޑައިގެންނެވި ޝަރަފުގެ ނިޝާންތަކުންނެވެ. އެމަނިކުފާނަށް 8 ކުލަ އާއި 10 މެޑަލް ލިބިވަޑައިގެންފައި ވެއެވެ. އޭގެތެރޭގައި ސިފައިންނަށްދެވޭ އެންމެމަތީ ޢަސްކަރީ ޝަރަފު ކަމުގައިވާ [ޣާޒީގެ އެންމެމަތިވެރި ޢަސްކަރީ ޝަރަފު] (މެޑެލް އޮފް އޮނަރ) 1999 ޖޫން 28 ވަނަ ދުވަހު ހާސިލު ކުރެއްވުން ހިމެނެއެވެ.
ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ވަރަށް އަގުހުރި އިޚްލާޞްތެރި ޚިދުމަތްތަކެއް ސިފައިންގެ ބުރަ އަދި ބަރު މަސްއޫލިއްޔަތުތަކާއެކު ކުރެއްވި ލެފްޓިނަންޓް ޖެނެރަލް (ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމް 2004 ވަނަ އަހަރު ސެޕްޓެންބަރުު މަހުގެ 1 ވަނަ ދުވަހު އިންޑިއާގައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވިއިރު ހުންނެވީ ސިފައިންގެ އެންމެމަތީ ވެރިޔާގެ ނާއިބުގެ މަޤާމުގަޔާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމުގައެވެ. ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް ވަނީ ދިވެހި އަސްކަރިއްޔާއަށް 25 އަހަރާއި 9 މަހާއި 20 ދުވަހުގެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމް ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ސިފައިންގެއަށާއި ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާއިރު، އެ މަނިކުފާނަކީ ޤާބިލު، ޕްރޮފެޝަނަލް އަސްކަރިއްޔާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ބައްޓަން ކުރެއްވުމުގައި އެންމެ ފާހަގަ ކުރެވޭ އެއް ޝަޚްސިއްޔަތެވެ. އެއީ ސިފައިންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށް ގަދައަޅައި މަސައްކަތްކުރެއްވި ހަރުދަނާ ލީޑަރެކެވެ. މިއަދުގެ ދަރިންނަށް ހުރި ވަރަށް ފުރިހަމަ ލާމަސީލު މިސާލެކެވެ. ޢަމަލީ މަސައްކަތުގައި ނަމޫނާ ދެއްކެވި ބޭފުޅެކެވެ. ސިފައިންގެ ޒުވާން ޖީލަށް ނަމޫނާ ޝަޚްސިއްޔަތެކެވެ.
ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން މި ޢިއްޒަތް އެރުވީ، 125 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި 2017 އެޕްރީލް 23 ވަނަ ދުވަހުގެރޭ ކަޅުތުއްކަލާކޮށީގައި ބޭއްވެވި ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.
