މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1978 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ސިފައިންގެ ޚިދުމަތަށް ގެންނެވީ ތިން ފަށުގައި، ސިފައިންގެ 2 ނަންބަރު ސަރުދާރުގެ ރޭންކުގައެވެ. 13 ނޮވެންބަރު 1978 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިފައިންގެ މަޤާމުތަކުގެ ނަންތައް ބަދަލު ކުރެއްވިއިރު ލެފްޓިނަންޓްގެ ރޭންކަށް ބަދަލު ކުރެއްވިއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރުވަނީ ސިފައިންގެ ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖަރ ކަމާއި، ލެފްޓިނަންޓް ކާނަލް ކަމާއި، ކާނަލްކަމާއި، ބްރިގޭޑިއަރ ކަމާއި، މޭޖަރ ޖެނެރަލްގެ ރޭންކުގައި އަގުހުރި ޚިދުމަތްތަކެއް ސިފައިންގެއަށް ކޮށްދެއްވާފައެވެ.
ސިފައިންގެ ޚިދުމަތުގައި ލިބިވަޑައިގެންނެވި ޢިލްމާއި ހުނަރުގެ އަލީގައި، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރުވަނީ ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށް ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ. ސިފައިންގެ ޔުނިޓެއްގެ ގޮތުގައި ”ޕޮލިސް ސާރވިސް“ ހިނގަމުންދިޔަ ދުވަސްވަރުގަޔާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އުފެއްދެވިފަހުން ވެސް އެ ދާއިރާގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން އަގުހުރި ޚިދުމަތްތަކެއް ކުރެއްވިއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ޕޮލިސް ސާރވިސްގެ އޮފިސަރ އިންޗާޖު ކަމާއި، ކޮމާންޑިންގ އޮފިސަރުކަން ކުރެއްވިއެވެ. 1996 ޖަނަވަރީ 06 ވަނަ ދުވަހު ”ކަމިޝަނަރ އޮފް ޕޮލިސް“ގެ މަޤާމު އުފައްދަވައި، އެންމެ ފުރަތަމަ މި މަޤާމަށް އިސް ކުރެއްވި ބޭފުޅަކީ ވެސް އޭރު ޕޮލިސް ހެޑްކްއޯޓަރޒްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމުގައި ހުންނެވި މޭޖަރ ޖެނެރަލް އާދަމް ޒާހިރެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރަކީ ސިފައިންގެ ހިންގެވުމުގެ ދާއިރާގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައި ގެންނެވި ބޭފުޅެކެވެ. އެގޮތުން އަދާކުރެއްވި އެންމެ އިސް މަޤާމަކީ 1996 ޖަނަވަރީ 01 އިން 2003 ސެޕްޓެންބަރުު 30 ވަނަ ދުވަހާ ހަމައަށް އަދާކުރެއްވި ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަޤާމެވެ. ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަޤާމާއި ކަމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވަނިކޮށް، 2003 ސެޕްޓެންބަރު 30 ވަނަ ދުވަހު މިނިސްޓްރީ އޮފް އިންފޮމޭޝަން އާރޓްސް އެންޑް ކަލްޗަރގެ އެގްޒެކެޓިވް ޑައިރެކްޓަރ ކަމުގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އެހެންނަމަވެސް ކުޑަ ދުވަސްކޮޅަކަށްފަހު، 2004 ފެބުރުވަރީ 15 ވަނަ ދުވަހު ބްރިގޭޑިއަރ ރޭންކުގައި އަލުން ސިފައިންގެ ޚިދުމަތަށް ގެންނަވައި، ކަމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ދެއްވިއެވެ. ކަމިޝަނަރ އޮފް ޕޮލިސް، ބްރިގޭޑިއަރ އާދަމް ޒާހިރަށް މޭޖަރ ޖެނެރަލް ކަމުގެ މަޤާމު ދެއްވީ 2004 އެޕްރީލް 21 ވަނަ ދުވަހުއެވެ. ސިފައިންނާ ފުލުހުން ވަކި ދެ މުއައްސަސާއެއްގެ ގޮތުގައި 2004 ސެޕްޓެންބަރު 01 ވަނަ ދުވަހު ހަމަޖެއްސެވިއިރު ވެސް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވީ އެ މަނިކުފާނެވެ.
ޑެޕިއުޓީ ޗީފް އޮފް ސްޓާފުގެ މަޤާމާއި ކަމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގެ އިތުރުން، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު އެމް.އެން.ޑީ.އެފްގައި އަދާކުރެއްވި އިތުރު އެޕޮއިންޓްމަންޓް ތަކުގެ ތެރޭގައި ސިފައިންގެ ތަފާތު ބޯޑުތަކާއި ކޮމެޓީތަކުގައި މަސައްކަތް ކުރެއްވުން ހިމެނެއެވެ. އޭގެތެރޭގައި ސްޓާފް ބޯޑުގެ މެންބަރުކަމާއި، ޕްރޮމޯޝަން ބޯޑުގެ ޗެއަރމަންކަމާއި، ސިފައިންގެއަށް 100 އަހަރު ފުރުމާގުޅިގެން އުފެއްދެވި ކޮމެޓީގެ ޗެއަރމަންކަން ފާހަގަ ކުރެވެއެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ސިފައިންގެ ޚިދުމަތުގައި އުޅުއްވަމުން ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ މާސަނަރީންނާބެހޭ މައްސަލަ އިސްކޮށް ހުންނަވައި ތަޙްޤީޤުގައި ބައިވެރިވެވަޑައިގެންނެވުމާއި، 1988 ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގެ ވަގުތުގައި ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރުމުގައި ސިފައިން ކޮށްފައިވާ މަތިވެރި ޖިހާދުގައި ސިފައިންގެ އެތެރޭގައި ތިއްބެވި އިސްވެރިންގެ ތެރޭގައި ކުރެއްވި މަސައްކަތް ފާހަގަ ކުރެވެއެވެ. އެދުވަހު މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި މުޅި އޮޕަރޭޝަނުގެ ކޮމިޔުނިކޭޝަންގެ ކަންތައްތައް ބެލެހެއްޓެވުމާއި، ރަހީނު ކޮށްގެން ދުޝްމަނުން ގެންދިޔަ ދިވެހިން ސަލާމަތްކުރުމަށާއި ދުޝްމަނުން ހިފާ ހައްޔަރުކޮށް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް އިންޑިއާ ސިފައިން ހިންގި އޮޕަރޭޝަނުގައި ދިވެހި ސިފައިންގެ ފަރާތުން އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ކުރެއްވި މަސައްކަތްތައް ފާހަގަ ކުރެވެއެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 7 ކުލައާއި 8 މެޑަލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލް ތަކަކީ ހުރަވީ ރަން މެޑަލް، 3 ނޮވެންބަރުގެ މެޑަލް، ސައްތައިގެ މެޑެލް، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، އަޚްލާޤީ މެޑެލް އަދި އިޚްލާޞްތެރި ޚިދުމަތްކުރުމުގެ މެޑެލްއެވެ. ލިބިވަޑައިގެންފައިވާ ކުލަ ތަކުގެ ތެރޭގައި އަޚްލާޤީ ކުލަ (އެއްވަނަ ފަހަރަށާއި ދެވަނަ ފަހަރަށް)، ސިފައިންގެ ޚިދުމަތުގެ ކުލަ، ރައީސުލް ޖުމްހޫރިއްޔާގެ ކުލަ، އިޚްލާސްތެރި ޚިދުމަތުގެ ކުލަ، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ ހިމެނެއެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ސިފައިންގެ ޚިދުމަތުގައި ކުރެއްވި އެންމެ އަގުހުރި އެއް ޚިދުމަކީ ފުލުހުންގެ މުއައްސަސާ ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި ބިނާކޮށް ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެއްވި އަގުހުރި ޚިދުމަތްތަކެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، ސިފައިންގެ ޚިދުމަތުން މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ، 2004 ސެޕްޓެންބަރު 01 ވަނަ ދުވަހު، ސިފައިންނާއި ފުލުހުންގެ ޚިދުމަތް ވަކިކުރައްވައި، މިއީ ވަކި ދެ މުއައްސަސާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާއެކުގައެވެ. ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމުގައި ޕޮލިސް ހެޑްކްއޯޓާރޒުގެ އެންމެ އިސް ވެރިޔާގެ މަޤާމުގައި ހުންނަވައިގެން ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާއި، ޤާނޫނާއި ޤަވާޢިދުތައް ތަންފީޒުކުރުމުގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި މިއަދު މިދެކޭ ފުލުހުންގެ ޒަމާނީ ޚިދުމަތް ޤާއިމުކުރުމަށް ޓަކައި ވަރަށް އިޚްލާޞްތެރި އަގުހުރި މަސައްކަތްތަކެއްވަނީ ކުރައްވާފައެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ދިގު މުއްދަތެއްގައި ސިފައިންގެއަށް ޚިދުމަތް ކޮށްދެއްވާފައިވާއިރު، އެމަނިކުފާނަކީ ވަރަށް ގިނަ ގޮތްގޮތުން ފާހަގަކުރެވޭ ހަރުދަނާ ޝަޚްސިއްޔަތެކެވެ. ސިފައިންގެ ކަންތައްތައް ރަނގަޅުކޮށް ހަރުދަނާ ކުރެއްވުމަށާއި ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށް ގަދައަޅައި މަސައްކަތް ކުރެއްވި ލީޑަރެކެވެ. މިއަދުގެ ދަރިންނަށް ހުރި ވަރަށް ފުރިހަމަ ލާމަސީލު މިސާލެކެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރަށް ނިޝާން ޢަސްކަރީގެ ޢިއްޒަތް އެރުވީ، 125 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި 2017 އެޕްރީލް 23 ވަނަ ދުވަހުގެރޭ ކަޅުތުއްކަލާކޮށީގައި ބޭއްވެވި ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.
