މި ރާއްޖޭގެ ޤަދީމީ ދިގު ތާރީޚުގެ ތެރެއަށް ފީނާލި ކޮންމެ ފަހަރަކުމެ ފެނިގެންދާނެ އެންމެ ހިތްދަތި ކަންކަމަކީ ދުނިޔޭގެ އެތައްމިތަނުން ބޭރުގެ ގަދަފަދަ ބާރުވެރި ފަރާތްތަކުން އަޅުގަނޑުމެންގެ މި ނޫކަނޑުތަކަށް އައިސް، މި ރީތި ދޮންވެލި ތުނޑީގެ ރަތްމުތް ތަކެއްފަދަ ރީތި ރަށްތަކާއި، ފުރަމާލެއަށް އަރައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ފޭރިގަނެފައިވާ މަންޒަރެވެ. ސުލްހަވެރި ކަމާއި، އެއްބައިވަންތަކަމާއެކު ދިރިއުޅެމުންދިޔަ ދިވެހިންގެ ސަފުތައް ބައިބައި ކުރުމަށް މަސައްކަތް ކުރި މަންޒަރެވެ. އެ ފަރަންޖީން ބުނިހާގޮތެއް ނުހެދި ދިވެހިން، މި ދުނިޔެއިން އަބަދުގެއަބަދަށް ނެތިކޮށް ޝަހީދު ކުރަމުން ދިޔަ މަންޒަރެވެ. ދެން ވެސް ތިބިއްޔާ ތިބި ބައެއްގެ ސިކުނޑިއަށް ސަވާރުވާން ކޮށްފައިވާ އަނިޔާވެރި ޢަމަލުތަކެވެ.
ހޮޅިންނާއި ޕޯޗުގީޒުން އަދި ޕިޗޯރީންނެވެ. އެ މީހުން އަހަރެމެންގެ މިނިވަންކަމަށް އަރައިގަތެވެ. އަޅުވެތި ކުރިއެވެ. އަހަރެމެން ލޫޓުވާލިއެވެ. އެ ހުރިހާ އަނިޔާތަކާއި ދުއްތުރާތަކެއް އެ މީހުން ކުރީ، އެމީހުންނަށް ކޮން ގޯނާއެއް އަހަރެމެން ކޮށްގެންތޯއެވެ! އަހަރެމެންނަކީ ޖިސްމާނީ ގޮތުން ނިކަމެތި ބައެކެވެ. އެހެނަސް، އަހަރެމެންނަކީ އަޒުމު ވަރުގަދަ ބައެކެވެ. ކުރެމާއި ހިތްވަރު ހުރި ބައެކެވެ. އެމީހުން ލޯބިކުރީ އަޅުވެތި ކަމަށެވެ. އަހަރެމެން ލޯބިކުރީ މިނިވަން ކަމަށެވެ. އެމީހުންނާ ދެކޮޅަށް ދިވެހިން ކުރި ހަނގުރާމައެއްނަމަ ކޮށްފައި ވާނީ ދިވެހިންގެ އަމިއްލަ މިނިވަންކަން ނިއުޅައިގަނެ، ފޭރިގަތުމުންގެ ސަބަބުން، އަމިއްލަ ދިފާޢުގައި ވަޠަނާއި ދީނުގެ ހިމާޔަތުގައި ކޮށްފައިވާ ހަނގުރާމައެކެވެ. ޖިހާދެކެވެ.
ދިރިހުރުމަކީ ކޮންމެ އިންސާނަކު ވެސް ނުހަނު އެދޭނޭ ކަމެކެވެ. އެހެނަސް މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލި، އަދި މާތްވެގެންވާ އިސްލާމްދީނާ ތޮޅޭ ހިސާބަށް ކަންކަން ދިޔުމުން ދިވެހި ކާބަފައިންގެ ޒަމާނުން ފެށިގެން އަދާ ހަމައަށް ވެސް ދިވެހިން ދައްކުވައިދިން ނަމޫނާއަކީ ވަރުގަދަ ޖިހާދެއް ކޮށްގެން މި ކަންކަން އަލުން އިޔާދަކުރުމެވެ. މި ހާލަތުގައި ދިވެހިންގެ ކުރިމަތީގައި ދިރިހުރުމަކީ ދެވަނައަށް އަންނަ ކަމެވެ. ފުރަތަމަކަމަކީ ދިވެހިރާއްޖޭގެ ދީންކަމުގައިވާ ޙައްޤުވެގެންވާ މަތިވެރި އިސްލާމް ދީނާއި މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތެވެ.
”ހިތާމަ ނުކުރައްވާ! މާތް ﷲ ވޮޑިގެންވަނީ ކެތްތެރީންނާއެކު“ މި ބަސްކޮޅަކީ، ދިވެހިރާއްޖެ ހިޞާރުކޮށް، އަޅުވެތި ކުރުމަށްޓަކައި ރާއްޖެ އަރާތިބި ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމައަށް ނުކުމެވަޑައިގަތުމުގެ ކުރީން، ގަނޑުވަރުގައި އިންނެވި އަނބިކަނބަލުންނާއި، ލޯބިފުޅުވާ ދަރިކަނބަލުންނާ ރަސްގެފާނު ބައްދަލުކުރައްވައި ހަނގުރާމައަށް ނިކުމެވަޑައިގަންނަވާ ވާހަކަ ވިދާޅުވި ވަގުތު، އަނބިކަނބަލުންގެ ލޯފުޅުން ކަރުނަފޮދު އޮހިގެންދިޔަ ހިނދު، އެ ދެމައިންނަށް ހިތްވަރު ދިނުމުގެ ގޮތުން އަލިރަސްގެފާނު ވިދާޅުވި ބަސްކޮޅެކެވެ.
އާއިލާގެ ޖަވާބަކަށްވީ ”ހިތާމަ ކުރެވޭނެއެވެ! ތިޔަ ނިކުމެވަޑައިގަންނަވަނީ ދުޝްމަނުންގެ ކުރިމައްޗަށެވެ. މާތްﷲ މަނިކުފާނަށް ނަސްރު ދެއްވާށިއެވެ!“
އަލިރަސްގެފާނު އެ އުނދަގޫ ދަނޑިވަޅުގައި ވެސް ކެތްތެރިކަން އިސްކުރައްވައި ޢާއިލާއަށް ވަޞިއްޔަތެއް ކުރެއްވިއެވެ. ”އަޅުގަނޑު މި ހަނގުރާމައިގައި މަރުވެދިޔަ ނަމަވެސް، މި ދަރިކަނބަލުން ރައްކާތެރި ކަމާއެކު ބަލަހައްޓަވާތިއެވެ.“
އެއަށްފަހު ދެމައި ކަނބަލުންނާ ސަލާން ކުރެއްވުމަށްފަހު، ހަނގުރާމައަށް ވަޑައިގަތުމަށް ޓަކައި އަލިރަސްގެފާނު ނިކުމެ ވަޑައިގެންނެވީއެވެ. އަދި މި ހަނގުރާމައިގައި އަލިރަސްގެފާނު، މާތްވެގެންވާ ދީނާއި ޤައުމަށްޓަކައި ޖިހާދުކޮށް ޝަހީދު ވެވަޑައިގަތީއެވެ.
އޭގެ ފަހުން، ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނިކޮށް، އޭގެ އެތައް އަހަރުތަކެއް ފަހުން ދިވެހިންނަށް ޙައްޤު މިނިވަންކަން ﷲ ގެ ރަޙުމަތްފުޅާއެކު އަނބުރާ ހޯއްދަވައިދެއްވި އެންމެ ބޮޑުމޭސްތިރި ކަމުގައިވާ މުޙައްމަދު ތަކުރުފާނު ޖިހާދަށް ނިކުމެވަޑައިގަތުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އެ ތަކުރުފާނަކީ ފުދިގެން އުޅުއްވި ބޭފުޅެކެވެ. ޕޯޗުގީޒުންގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ތަނަވަސް ފުރުޞަތުތަކެއް މުޙައްމަދު ތަކުރުފާނަށް ލިބިލައްވާފައި އޮތް މިންވަރު، ތާރީޚުގެ މި ހާދިސާތައް ވިދާޅުވެލެއްވި ކޮންމެ ބޭފުޅަކަށް ސާފުކޮށް އެނގިލައްވާނެއެވެ.
އެ ތަކުރުފާނުންގެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި އެއް ފަހުލަވާނު ކަމަށްވާ ޢަލީޚަތީބު ތަކުރުފާނު ޝަހީދުވި ހާދިސާއަށް ފަހު، ކަޅުއޮށްފުންމި އޭގެ ފަހުލަވާނުންނާ އެކު ބަނދަރުކޮށްފައި އޮތީ މަލިކުގައެވެ. ދުވަސްކޮޅަކަށް މަލިކުގައި މަޑުކޮށްލައްވައިގެން ތިއްބެވި ތިއްބެވުމުގައި، ބޮޑުތަކުރުފާނުން ވިދާޅުވި ބަސްފުޅުން އެތައް ޢިބްރަތްތަކެއް ހާސިލު ނުވޭތޯއެވެ؟
މުޙައްމަދު ތަކުރުފާނު ކަޅުއޮށްފުންމީގެ ފަހުލަވާނުންނާ ބައްދަލު ކުރައްވައި، ކަޅުއޮށްފުންމީގެ ފަހުލަވާނުންނަށް ދެންނެވިއެވެ. ”އަޚުންނޭވެ. އަހަރެމެންގެ ބޭބެ ޢަލީ ތަކުރުފާނު ޝަހީދުވެއްޖެއެވެ. ބޭބެއަށް މާތްﷲ ރަޙުމަތް ލައްވައިފިއެވެ. ބޭބެ ޝަހީދުވިއެކޭ ކިޔާފައި އަހަރެމެން މިކުރާ މަސައްކަތް ހުއްޓާލާފައި މި ރަށުގައި އަރާމުގައި މިހެން ތިބުމަކީ އެއްގޮތަކަށް ވެސް ކުރަން އެކަށީގެންވާ ކަމެއް ނޫނެވެ. މި ރަށުގެ މީހުންނާއި ކަންނަންނޫރު މީހުންގެ މިހުރި ހެޔޮކަމުގައި އަހަރެމެންގެ އުމުރު ދެން ބާކީ އޮތްތަނެއް ނިމެންދެން ތިބުމަކީ އުނދަގޫ ކަމެއް ނޫނެވެ.“
ހުރިހާ ބޭކަލުންގެ ޖަވާބަށްވީ ”މިހާރު ވެސް މާލަސްވެއްޖެ“ ކަމަށެވެ. ވީމާ އިތުރަށް ލަސްތަކެއް ނުކޮށް އަވަހަށް މާލެ އަރައި ޕޯޗްގީޒުންގެ އަޅުވެތި، އަނިޔާވެރި ކަމުން ރާއްޖެ މިނިވަން ކުރުމަށެވެ.
3 ނޮވެންބަރު 88 ގެ ހާދިސާ އެ ފަތިސް ވަގުތު ހިނގާނެކަމަށް ވިސްނައިގެން ތިއްބެވީ ކިތައް ބޭކަލުންތޯއެވެ؟ މިކަން ވެގެން ދިޔައީ ބަޑިތަކުގެ އަޑަށާއި އަމުދުން އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ ބީރައްޓެހި ދިވެހިންގެ އެތައް ބައެއްގެ ލޭއޮހޮރުވާލައި، އެ ސާފުތާހިރު ލޭތައް މި ބިމުގައި ތަތްތަޅުވާލި ހާދިސާއަކަށެވެ. މި ދަނޑިވަޅުގައި ވެސް ފަހަތަށް ހަމަ އެންމެ ފިޔަވަޅެއް ވެސް އެޅުއްވުމެއްނެތި ދުޝްމިނުންގެ ހަމަލާތަކާއި ކުރިމަތިލައި ހިނދުކޮޅެއްގެ ތެރޭގައި ދުޝްމަނުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލުވާލައި، އެ ޢަދުއްވުން ރާޑިކޮށްލައި، ބައިބައިކޮށް ވިއްސިވިހާލިކޮށްލީ ދިވެހިންގެ ތެރެއިން ބަޔަކު ނިކުމެއެވެ.
މި ކުއްލި ޢުދުވާނީ ހަމަލާ ދިވެހިންގެ ދިފާޢީ މަރުކަޒަށް އަމާޒުވި ހިނދު، ލިބުނު ކުއްލި ސިހުމާއި ޙައިރާންކަމުގެ ތެރެއިން ވެސް އާދަޔާޚިލާފު ހުޝިޔާރުކަމާއި ހިތްވަރަކައިގެން ދުޝްމިނުންނާ ކުރިމަތިލައި، މުޅި އަސްކަރިއްޔާ ތައްޔާރުވުމަށް ރަނގަޅު ފުރުޞަތެއް ހޯއްދަވައިދެއްވި ބަޠަލަކީ، ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ. އެންމެ 20 އަހަރުގެ ޒުވާނެކެވެ. ޝަހީދުވީއިރު، ޒަވާޖީ ޙަޔާތެއް ވެސް ނުފަށައެވެ. ދިރިއުޅުމުގެ އުންމީދީ ޞަފުޙާތައް ކުރިމަތީގައި ހުޅުވިފައި އޮތެވެ. ފޮނި އުންމީދުތައް ރަން ކުލައިން ފަވާލެފައި ހުއްޓެވެ.
ދުޝްމިނުންގެ އަތުން ފުރަތަމަ ގޮވި ވަޒަނަކީ އެބައިމީހުންނަށް އޮޅިގެން ގޮއްވާލެވުނު ވަޒަނެއްކަމުން، ޝަހީދު ކޯޕްރަލް ޙުސައިން އާދަމަށް މަޤާމު ދޫކޮށް އެތެރެއަށް ވަދެވުމުގެ ފުރުޞަތު ވަރަށް ސާފުކޮށް އޮތްކަމުގައި ދަންނަވާލަން ޖެހެއެވެ. ނަމަވެސް އިސްކުރެއްވީ މާތްވެގެންވާ އިސްލާމް ދީނާއި މި ޤައުމެވެ. މިކަންވެގެން ދިޔައީ ކުރީގެ އެތައް ބަޠަލުންނެއް ފަދައިން ދިވެހިންގެ ހިތްތަކުގައި ދިވެހި އުންމަތް ދެމިގެންދާނެހާ ހިނދަކު ރަން އަކުރުން ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ނަން ޤައުމީ ބަޠަލެއްގެ ގޮތުގައި ފަވާލެވިގެން ދިޔަ ކަމަކަށެވެ.
މުޅި ދިވެހި އަޝްކަރިއްޔާއިން މި ޢުދުވާނުގައި އެތައް ފަހުލަވާނުންނެއް ޝަހީދުވެގެން ދިޔައެވެ. ’ގޭދުވަހު‘ ގޭގައި ތިއްބެވި ސިފައިން، އެބައިމީހުންގެ ލޯބިވާ މީހުން ދޫކޮށް، އަނބި ދަރިންނަށްވުރެ ޤައުމީ ވާޖިބު އިސްކޮށް، ޖަހަމުންދިޔަ ބަޑިތަކުގެ އުންޑަތަކުގެ ތެރެއިން ރެކެމުން ދިވެހި ލަޝްކަރާ ގުޅެން ސިފައިންގެއަށް އައި ލާމަސީލު ހިތްވަރުގަދަ އެތައް ފަހުލަވާނެއް ފެނިގެން ވެސް ދިޔައެވެ. މިއިން ކޮންމެ ހިނދަކީ، އެމީހަކަށް އޭނާގެ ފުރާނައާ މެދު ފަޅި ސިކުންތައް ވެސް، ޔަޤީންކަން ދެވޭނޭ ހާލަތެއް ނޫނެވެ.
ނަމަވެސް އެބޭކަލުން އިސްކުރެއްވީ ކޮންކަމެއްތޯއެވެ؟ ދީނާއި މި ޤައުމުގެ މިނިވަންކަމަށްޓަކައި ފުރާނައިން ޤުރުބާން ވުމެވެ. އިންސާނާގެ ފިޠުރަތުގައި މަރުވުކީ ވަރަށް ވެސް ނޭދެވޭނެ ކަމަކަށް ވީހިނދު، ދިރިހުރުމަކީ ނުހަނު އެދެވޭކަމެއް ކަމުގައި ވެދެއެވެ. ނަމަވެސް އަޅުގަނޑުމެންގެ މި މަތިވެރި އަބުޠާލުންގެ ޒިކުރާ އާކޮށްލުމުން ފެނިގެން މިދަނީ ދިރިހުރުމަކީ ނުހަނު އެދޭކަމެއް ކަމުގައިވިއަސް އެކަން އެގޮތުގައި ދެމެހެއްޓެނީ، ދީނާއި ޤައުމަށްޓަކައި ފުރާނަ ދޭންޖެހޭނޭ ވަގުތު އަތުވެއްޖައުމަށް ދާންދެން ކަމެވެ.
