ދިވެހިރާއްޖެއަކީ ތިމާވެށީގެ ވަރަށް ބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާ ޤައުމެކެވެ. މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ވަނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ތެރޭގައި ކާބޯތަކެތި އިސްރާފުކުރުމުން ތިމާވެއްޓަށް ކުރާ އަސަރުތަކަކީ އެކަމާމެދު ދުނިޔެ ކަންބޮޑުވުން ފާޅުކުރަމުންދާ ބޮޑު މައްސަލައެކެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ސަމާލުކަން ހުއްޓިފައިވާ މައުޟޫއެކެވެ.

ކާބޯތަކެތި އިސްރާފުކުރުމަކީ އަޅުގަނޑުމެންގެ ޤުދުރަތީ ވަސީލަތްތަކަށް ބާރުބޮޑުވެ، ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާ ކަމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި އަހަރެއްގެ މައްޗަށް އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ އެއްބައި ދަނީ އިސްރާފުކުރެވިގެންނެވެ. ތިންލައްކަ މީހުން އޮންނަ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް ކާބޯތަކެތި އިސްރާފުކުރެވޭ މިންވަރު ވަނީ ވަރަށް މަތީގައެވެ. ދިވެހިރާއްޖޭގައި ކުނީގެ ގޮތުގައި އުކާލެވޭ ކާބޯތަކެއްޗަށް ބަލާލުމުން ވެސް މިކަން އަންދާޒާ ކުރެވިގެންދާނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީން 2013 ވަނަ އަހަރު އާންމުކުރި ރިޕޯޓުގައިވާ ގޮތުން، ދިވެހިރާއްޖޭގައި އެވްރެޖުކޮށް މީހެއްގެ މައްޗަށް ދުވާލަކު އުފެދޭ ކުނީގެ 41 އިންސައްތަ އަކީ ކާބޯތަކެއްޗާ ގުޅުންހުރި ކުންޏެވެ. ވެރިރަށް މާލެއަށް ބަލާއިރު، ދުވާލަކު މީހެއްގެ މައްޗަށް 1.2 ކިލޯގްރާމްގެ ކާބޯތަކެތި ކުނީގެ ގޮތުގައި އުކާލެވޭކަމަށް ދިރާސާތަކުން ދައްކައެވެ. އަތޮޅުތެރޭގައި މި އަދަދު އުޅެނީ ބޮލަކަށް 0.3 ކިލޯގްރާމުގައެވެ.

އަދި ކޮންމެ އަހަރަކު ވެރިރަށް މާލޭގައި ކާބޯތަކެތީގެ ގޮތުގައި ގާތްގަނޑަކަށް 50 ހާސް ޓަނުގެ ކުނި އުފެދޭ ކަމަށް އަންދާޒާކުރެވޭއިރު، ރާއްޖޭގެ އެހެން ރަށްރަށުން ގާތްގަނޑަކަށް 23 ހާސް ޓަނުގެ ކާބޯތަކެތި ކޮންމެ އަހަރަކު ކުންޏަށް ވެގެންދެއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފަރާތުން ދުވާލަކަށް އުފެދޭ ކުނި ރާއްޖޭގެ ރައްޔިތުން އުފައްދާ ކުންޏަށްވުރެ ހަ ގުނަ އިތުރެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން އަންދާޒާ ކުރާ ގޮތުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކޮންމެ ފަތުރުވެރިއެއްގެ ފަރާތުން ދުވާލަކު 7.2 ކިލޯގްރާމުގެ ކުނި އުފެދެއެވެ. ރިސޯޓްތަކުން ދުވާލަކު ކާބޯތަކެތި އިސްރާފުކުރެވޭ މިންވަރު އުޅެނީ ފަތުރުވެރިއަކަށް ތިން ކިލޯގްރާމެވެ. ކޮންމެ އަހަރަކު ފަތުރުވެރިކަމުގެ ދާއިރާއިން ގާތްގަނޑަކަށް 165000 ޓަނުގެ ކުނި އުފެދޭ ކަމަށް އަންދާޒާކުރެވެއެވެ.

އަޅުގަނޑުމެންގެ ރީތި ފަރުތަކާއި ގޮނޑުދޮށްތަކުގައި ވަގުތު ހޭދަކުރުމަށް ކޮންމެ އަހަރަކު ޓުއަރިސްޓުންގެ ގޮތުގައި އެތަކެއް ހާސް ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ފަތުރުވެރިކަން އެމައްޗަށް ބަރޯސާވާ ކަނޑުފަޅާއި، ގޮނޑުދޮށްތަކާއި އެތަންތަނުގައިވާ ދިރުންތައް އޭގެ އެންމެ ފުރިހަމަކަން މަތީ ދެމެހެއްޓުމަށް މިހާރަށްވުރެ އިތުރަށް މަސައްކަތް ކުރުމަށް ހުރިހާ އެންމެން ގުޅިގެން މިވަނީ މަސައްކަތްކުރަން ޖެހިފައެވެ. ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ މަޝްރަހުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައެވެ.

ދިވެހިރާއްޖެއަކީ ޤުދުރަތީގޮތުން، އުފެދުމުގައި ބިންގަނޑުތިރި ޖަޒީރާ ޤައުމެކެވެ. އަޅުގަނޑުމެން ވަށައިގެން މިވަނީ މޫދާއި ކަނޑުގެ މާހައުލެވެ. އެހެންކަމުން ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރު ކުރާނެ އެއް ޤައުމުކަމުގައި އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ވެގެންދާނެ ކަމާމެދު ޝައްކެއް ނެތެވެ. ކަން މިހެން އޮތްއިރު ކާބޯތަކެތި ގިނަ ދުވަސްވެ، ކުނިވެގެންދާ ދިޔުމުގައި އުފެދޭ މީތޭން ގޭހަކީ ޖައްވު ހޫނުކުރުމުގައި އެންމެ ބާރުގަދަ ގޭހެވެ. އަދި ކާބޯތަކެތި އުފެއްދުމަށާއި އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންކުރާ ހަކަތަ ބަރޯސާވެފައި މިވަނީ ފޮސިލް ފިއުލްއަށް ކަމަށް ވުމުން، އޭގެ ސަބަބުން ޖައްވަށް ދޫކުރެވޭ ދުމުގައި ކާބަންޑައި އޮކްސައިޑާއި، ކާބަން މޮނޮކްސައިޑް އެކުލެވެއެވެ. މިފަދަ ގޭސްތަކުން ޖައްވު ހޫނުވުމަށް މަގުފަހިވެގެންދެއެވެ. ސައިންސްވެރިން (2013) ހާމަކޮށްފައިވާ ގޮތުގައި ޖައްވުގެ ތެރޭގައި އެކުލެވޭ ކާބަންޑައި އޮކްސައިޑްގެ މިންވަރު ފާއިތުވި ހަތަރު މިލިއަން އަހަރު ނުދާހާ މައްޗަށް މިހާރު ވަނީ ގޮސްފައެވެ.

އެހެންކަމުން، ކާބޯތަކެތި އިސްރާފުކުރުމާއި އަޅުގަނޑުމެންގެ ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު ތިމާވެށީގެ މައްސަލަ ކަމުގައިވާ މޫސުމަށް އަންނަ ބަދަލު އައުމާ އޮތް ގުޅުން، ކިތަންމެ ރަނގަޅަކަށް ވެސް އަޅުގަނޑުމެންނަށް މިއޮތީ ފެންނާށެވެ.

ކާބޯތަކެތި އިސްރާފުކުރުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ އެހެނިހެން ގެއްލުންތަކަށް ބަލާއިރު ކާބޯތަކެތިން އުފެދޭ ކުންޏަކީ މާހައުލު ތަޣައްޔަރު ކުރުވާ އެއްޗެކެވެ. ކާބޯތަކެތި ކުނިވުމުން އުފެދޭ ކުނިވަހާއި ޖަރާސީމުގެ ސަބަބުން ތަފާތު ޞިއްޙީ ގެއްލުންތައް ކުރިމަތިވެ، މުޖުތަމަޢުގެ އަފުރާދުންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ.

ދިވެހިރާއްޖޭގެ ޤުދުރަތީ ވެއްޓަކީ ވަރަށް ހިތްގައިމު ނަލަ ވެއްޓެކެވެ. މި ރާއްޖެއަކީ ނޫކަނޑުތަކާއި ފެހި ވިލުތަކާއި ހުދު ދޮންވެލި ގޮނޑުދޮށްތަކުގެ ޤުދުރަތީ ނިޢުމަތް ނުހަނު ފުރިހަމައަށް ދެއްވާފައިވާ ޤައުމެކެވެ. މި ނިޢުމަތް އަޅުގަނޑުމެން އަތްދަށުން ބީވިޔަނުދީ ހިފަހައްޓަން އެބަޖެހެއެވެ.

ޝެއަރކުރެއްވުމަށް