ރަސްރަނި ބަގީޗާ އަކީ ދިވެހިރާއްޖޭގެ ތާރީޚާ ވަރަށްބޮޑު ގުޅުމެއް ވާ ތަނެކެވެ. އެހެންނަމަވެސް، އެތަނަށް އެކަށީގެންވާ ގޮތުގައި މީގެ ކުރިން އަޅާލެވިފައި ނެތުމުގެ ސަބަބުން، ތަނުގެ ދިރުން އޮތީ ގެއްލިގެން ގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީންގެ ދުރު ވިސްނުންފުޅާއެކު، ސަރަޙައްދީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ތަނެއްގެ ގޮތުގައި އެތަން ތަރައްޤީ ކުރުމަށް މުޅިން އާ ޕްލޭންތަކެއް ރޭވި، މަސައްކަތް ފަށައިގަނެވުނެވެ. މިގޮތުގެ މަތިން ފެށުނު މަސައްކަތް އެކިއެކި ސަބަބުތަކާހުރެ މަޑުޖެހެމުން އައިސް، ސިފައިންނާ މި މަސައްކަތް ހަވާލުކުރެވުނީ މީގެ ދެތިން މަސް ކުރިންނެވެ. ސިފައިންގެ ވެލްފެއަރ ކުންފުނި (ސިވެކް) އާއެކު ސަރުކާރުން ޕްރޮޕަރ އެގްރީމެންޓެއް ހަދައި، ދިވެހި ސިފައިންނާ މި މަސައްކަތް ހަވާލުކުރެއްވީ، މިފަދަ މަސައްކަތެއް ސިފައިން ނޫން ބަޔަކަށް ނުކުރެވޭނެ ކަމަށް ފެނިލައްވާތީއެވެ. ސިފައިން ވަނީ އެ ނަތީޖާ ދައްކުވައިދެއްވާފައެވެ.

ކަނޑައެޅިފައިވާ ދުވަހަށް ރަސްރަނި ބަގީޗާގެ ތަރައްޤީގެ މަސައްކަތްތައް ނިންމުމަށް ސިފައިން ވަނީ އާދަޔާއިޚިލާފަށް ބުރަކޮށް މަސައްކަތްތަކެއް ކޮށްފައެވެ. ސިފައިން އެ ތަނުގައި މަސައްކަތް ކުރަމުން ދިޔައީ، ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. ނިންޖެއް އަރާމެއް ނެތި، 24 ގަޑިއިރު ހުއްޓުމެއް ނެތި މަސައްކަތް ކުރިއެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ގިނަ ވަގުތުތަކެއް ސިފައިން ހޭދަކޮށްފައިވަނީ ޕާކުގެ މަސައްކަތްތައް ނިންމުމުގައެވެ. މިކަމުގައި ކޮންމެ ދުވަހަކު، ކޮންމެ ރެއަކު އެތައް ސަތޭކަ ސިފައިންނެއް ހަރަކާތްތެރި ވެފައިވެއެވެ. އެކި ރޭންކުތަކުގެ ސިފައިން ސާމިލްވާ ގޮތަށެވެ. ވަކި ރޭންކެއް އިސްތިސްނާ ނުވާހެން، ސިފައިންގެ ޖެނެރަލުން ފެށިގެން އެންމެ އާދައިގެ ޕްރައިވެޓާ ހަމައަށް އެކި ދުވަސްމަތިން ދިޔައީ މިންނެތް ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރޫޓިންކޮށް ޔުނިޓްތަކުގައި ކުރަމުންދިޔަ ބައެއް މަސައްކަތްތައް މަޑުޖައްސާލައި، ޔުނިޓްތަކުގެ ކޮމާންޑަރުންގެ ޕްރިއޮރިޓީ ލިސްޓުގެ އެއްވަނައަށް ޕާކުގެ މަސައްކަތްތަކަށް ޖާގަ ދެއްވިއެވެ. ބައެއްދުވަސް ދުވަހު، މުޅި ޔުނިޓް އެއްކޮށްހެން ކޮމާންޑަރުންގެ ފަހަތްޕުޅުގައި ޕާކުގެ މަސައްކަތް ކުރެއްވި މަންޒަރު ފެނިގެން ދިޔައެވެ. މިގޮތުގެ މަތިން މިދިޔަ ދެތިން މަސް ދުވަހުގެ ތެރޭގައި ޕާކުގައި ކުރެވެމުންދިޔަ މަސައްކަތްތަކުގައި ނޫޅުއްވާ ސިފައިންގެ މީހަކު މާލޭގައި ހުންނާނެހެނެއް ހިޔެއް ނުވެއެވެ.

ޤައުމީ ވަންތަކަން އިސްކޮށްގެން، އެހާމެ ޖޯޝާއި ފޯރީގައި ސިފައިން މަސައްކަތްތައް ކުރަމުން ދިޔައިރު، އެ މަސައްކަތްތައް ކުރިއަށްދިޔަ ގޮތް ބައްލަވައި، އިރުޝާދު ދެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވެސް ރޭގަނޑާއި ދުވާލުގެ ވަރަށް ގިނަ ވަގުތުތަކެއް ހޭދަކުރެއްވީ ޕާކުގައެވެ. ސިފައިން ވަރުބަލިވެގެންދާ ތަނުގައި، ސިފައިންނަށް ހިތްވަރު ދެއްވައި، ޢަމަލީގޮތުން ބައެއް މަސައްކަތްތަކުގައި ވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ހަރަކާތްތެރިވެވަޑައިގެންނެވި މަންޒަރު ފެނިގެން ދިޔައެވެ.

ސިވެކްގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު ވެސް ސިފައިން ކުރައްވަމުންދިޔަ މަސައްކަތްތަކަށް ހިތްވަރު ދެއްވައި، ބައެއް މަސައްކަތްތަކުގައި އާދައިގެ ސިފައިންގެ ބޭކަލެކޭ އެއްފަދައިން ޢަމަލީ ގޮތުން ހަރަކާތްތެރިވެލެއްވީ ހަމައެހާމެ، ހީވާގިކަމާއެކުއެވެ. މި ލިސްޓުގައި، ސިވެކްގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ އަޙްމަދު ޒުބައިރު އަދި ޕްރޮޖެކްޓް މެނޭޖަރ ކެޕްޓަން އަޙްމަދު އާތިފް މެންފަދަ ބޭފުޅުން ދެއްކެވި ހިތްވަރު ވެސް ފާހަގަކޮށްލަން ޖެހެނީ ނަމޫނާ ބޭފުޅުންގެ ގޮތުގައެވެ.

ރަސްރަނި ބަގީޗާގެ މަސައްކަތް ކަނޑައެޅިފައިވާ ދުވަހަށް ނިންމައި، ނަތީޖާއާ ހަމައަށް ދިޔައިރު، ކޮންމެ މީހެއްގެ ދުލުކުރިއަށް އަންނަމުން ދިޔައީ އެ މަސައްކަތުގެ ފުރިހަމަކަމުގެ ވާހަކައެވެ. ދިވެހި ސިފައިން، ދާ އޮހޮރުވައިގެން ކުރި ބުރަ މަސައްކަތްތަކަށް ތަޢުރީފު ނުކުރާ ދިވެއްސަކު މިއަދު މަދެވެ.

ރަސްރަނި ބަގީޗާ ތަރައްޤީކޮށްފައިވަނީ މާލޭގެ އެހެން ޕާކުތައް ތަރައްޤީކޮށްފައިވާ ގޮތާއި ތަފާތު ކޮންސެޕްޓަކަށެވެ. ކުޑަކުދިންނަށް ޙަރަކާތްތެރިވެވޭނެ އުފާވެރި އެތައް ކަންތައްތަކެއް އެކުލެވޭ ގޮތަށް ތަޢުލީމާއި މުނިފޫހިފިލުވުމާއި ރާއްޖޭގެ ތާރީޚާއި ޘަޤާފަތް ދައްކުވައިދޭ ކޮންސެޕްޓަށެވެ. އެޑިޓައިންމަންޓް އެންޑް ހެރިޓޭޖް ކޮންސެޕްޓަށެވެ. ނުވަތަ ތަޢުލީމު އުނގެނި ހިތްފަސޭހަކޮށްލެވޭ ތާރީޚާއި ޘަޤާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކުރެވިގެންނެވެ.

ހިތްގައިމު މި ބަގީޗާ އަށް ގެނައި ބޮޑެތި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ބިއްލޫރި ޓްރީ ހައުސް އާއި ދެ ބުރިއަށް ހަދާފައި ހުރި ފެންއަރުވާ ވަޑާމެވެ. ”ރަސްރަނި ވިއު“ގެ ނަމުން ނަން ދީފައިވާ ޓްރީ ހައުސްގެ ތިރި ޚާއްޞަކޮށްފައި ވަނީ ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ހިންގާ ކުރެހުމުގެ ހަރަކާތްތަކަށެވެ. ވަށައިގެން ބިއްލޫރި ޖަހާފައިވާ އެތަނުގެ މަތީގައި ވެސް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ކްލާސްރޫމުތަކެއް ހުންނައިރު، އެތަނުން މުޅި ބަގީޗާ ތެރެ ފެނެއެވެ. އެތަން ފަރުމާކޮށްފައިވަނީ ކުލާސްރޫމް ތަކުގެ އިތުރުން ތަފާތު ބައްދަލުވުންތައް ވެސް ބޭއްވޭ ގޮތަށެވެ. ދެ ފަންގިފިލާއަށް ތަރައްޤީކޮށްފައިވާ ރަސްރަނިވިއުގެ ތިރީގައި 180 ޑިގްރީ އާރޓް ޑެކެއް ހަދާފައިވެއެވެ. އެތަނަކީ އެކި އުމުރުފުރާގެ ކުދިން ކުރަހައި ފަންނުވެރިކަމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޚާއްޞަ ކޮށްފައިވާ ތަނެކެވެ.

އަދި އުސްގެކޮޅު ހުރި ހިސާބުގައި ހެރިޓޭޖް ޕްލާޒާއެއް ޤާއިމުކޮށް، ދެ ބުރީގެ ފައުންޓަނާއި، ކުޑަކުދިންގެ ކުޅޭ ސަރަޙައްދާއި، ގްރީން ވޯކް ޓަނަލާއި، ސްޓޭޖް ޑްރާމާ ތިއޭޓަރާއި، ޕްލޭ އޭރިއާއެއް ވެސް ހިމެނެއެވެ. މިގޮތުން ރާއްޖޭގެ ތާރީޚާ ގުޅޭ އުސްގެކޮޅު މިހާރު ފަރުމާކޮށްފައި ވަނީ ދަރިވަރުންނަށް ގިނަ މަޢުލޫމާތުތައް ލިބޭ ގޮތަށެވެ. އެގޮތުން ތާރީޚާ ސަޤާފަތާއި، އިހުގެ ދިވެހިން ލައިއުޅުނު ހެދުމާއި، އިހުގެ މަޝްހޫރު ކުޅިވަރުތައް ޑިޖިޓަލް މީޑިއާ މެދުވެރިކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

ރަސްރަނި ބަގީޗާގައި ކުޑަކުދިންނަށް ކާޓޫނާއި ފިލްމް އަދި ވީޑިއޯ ބެލޭގޮތަށް ވަނީ އެމްފިތިއޭޓަރގެ ނަމުގައި ތިއޭޓަރއެއް ވެސް ޤާއިމުކޮށްފައެވެ. އަދި އެތަން ފަރުމާކޮށްފައި ވަނީ ސްކޫލްކުދިންނަށް ސްޓޭޖް ހަރަކާތްތައް ވެސް ކުރިއަށް ގެންދެވޭ ގޮތަށެވެ. ޒުވާނުންނަށް ވެސް ހަރަކާތްތައް ހިންގޭގޮތަށް ފަރުމާކޮށްފައިވާ އެ ތިއޭޓަރަކީ 200 މީހުންގެ ޖާގައިގެ ތިއޭޓަރެކެވެ.

ޕާކުން ފެންނަ އެންމެ ތަފާތު އެއް ތަނަކީ އެއްވެސް ދިރުމެއްނެތް ގިނަ ދުވަސްވީ ގަހެއްގައި އަތްތެރިކަމުގެ ތަފާތު ފަންނުވެރިކަން ދައްކުވައިދޭ ގޮތަށް ހުރި ގަހެވެ. މި ގަހުގައި ހުރި އަތްތެރި މަސައްކަތް ކުރައްވާފައިވަނީ ފަންނުވެރި ދިވެހި ސިފައިންނެވެ.

ޕާކުގައި ހުރި ލެޑް ސްވިންގްސް ނުވަތަ އުނދޯލި ތަކަކީ ވިލާތަކުގެ މަތީގައި ހަނދުފަޅިތަކެއް ސިފަވާގޮތަށް ތަރައްޤީ ކޮށްފައިވާ އުދޯލިތަކެކެވެ. އާދަޔާ ޚިލާފު ހިތްގައިމުކަމެއް ފެނިގެންދާ މި އުނދޯލިތައް، ރަސްރަނި ބަގީޗާ ފިޔަވައި ދުނިޔޭގެ އެހެން ތަނެއްގައި ހުރީ ހަމައެކަނި އެމެރިކާގެ ބޮސްޓަންގައެވެ. ބޮސްޓަންގެ ޕްރޮފެޝަރެއް ޑިޒައިންކޮށްފައިވާ މި އުނދޯލިތަކުގެ 20 އުނދޯލި ބޮސްޓަންގައި ހުންނައިރު، ރަސްރަނި ބަގީޗާގައި އޭގެ 10 އުނދޯލި ހުރެއެވެ.

ބަގީޗާއެއްގެ ގޮތުގައި ފާހަގަވެގެންދާފަދަ ގޮތަކަށް އެތަން ވަނީ ވަރަށް ބޮޑަށް ފެހިކޮށްފައެވެ. އެ ތަނުގައި އެކި ވައްތަރުގެ މާމެލާމެއްޔާއި، އެކި ވައްތަރުގެ ގަސްގަހާގެހި އިންދާފައި އެބަހުއްޓެވެ. މިގޮތުން، ގާތްގަނޑަކަށް 18 ހާހަށްވުރެ ގިނަ ގަސް އެތަނުގައި އިންދާފައި ހުރިކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި އެތަނުގެ ތެރޭގައި 90 ހާސް އަކަފޫޓަށް ވުރެ ބޮޑު އޭރިއާއެއްގައި ވިނަ އިންދާފައި ވެއެވެ. އެ ބަގީޗާ ފެހި ތަނެއްގެ ގޮތުގައި ފެނިގެންދަނީ ސިފައިން ވަރަށް ފަރުވާތެރިކަމާއެކު ކުރި ބުރަ މަސައްކަތް ތަކުގެ ސަބަބުންނެވެ.

ޕާކުގައިވާ ރީޑިންގ ކޯނާއަކީ ވެސް ދަރިވަރުންނަށް އުނގެނުމުގައި ވަރަށް ބޭނުންތެރި އަދި ދަރިވަރުންނަށް ފީލްޑް ޓްރިޕްތަކުގެ ތަޖުރިބާ ކޮށްލެވޭނެ ތަނެކެވެ.

ޕާކުގައި ހަދާފައިވާ ޓްރީ ހައުސްއާއި ދަގަނޑު ފްރޭމްތަކަކުން ފަރުމާކޮށްފައިވާ ގްރީން ޓަނަލްގައި ފެހި ގަސްތަކާއި ވެޔޮތައް އަރުވާފައިވެއެވެ. ކުލަ ބޮކިތަކުން ޒީނަތްތެރިކޮށްފައިވާ އެތަނަކީ ކުޑަކުދިން ގަޔާވާގޮތަށް ފަރުމާކޮށްފައިވާ ރީތި ތަނެކެވެ. އަދި ޒަމާނުއްސުރެ ކުޑަކުދިން ކުޅެމުންއައި ކޮރާ ގެއެއް ވެސް ޕާކުގައި ވަނީ ހަދާފައެވެ.

އެތަނުގައި ކުޑަކުދިން ޢާއިލާއާ އެކީ މަޖާކޮށްލާ ވަގުތު ހޭދަކުރުމަށާއި، ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކުރެވޭގޮތަށް ކުޅޭނެ ވަސީލަތްތަކާއެކު ތިން ޕާކެއް ތަރައްޤީކޮށްފައިވެއެވެ. އަދި ހިތްގައިމު ދެ ފައްވާރު ވެސް ވަނީ ޤާއިމުކޮށްފައެވެ.

ރަސްރަނި ބަގީޗާ ބިނާކޮށްފައިވާ ފުރިހަމަކަމަށްޓަކައި މި މަސައްކަތުގައި އިސްކޮށްއުޅުއްވި ސިފައިންގެ ބޭކަލުންނާއި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ބައްދަލުކުރައްވާ ޝުކުރު ދަންނަވައިފައެވެ.

ރަސްރަނި ބަގީޗާ ބިނާކުރުމުގައި އިސްކޮށް އުޅުއްވި ސިފައިންނާ ބައްދަލުކޮށްލައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިފައިންގެ ސިވެކް ކުންފުނީގެ ފަރާތުން ރަސްރަނި ބަގީޗާ، ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހަމަޔަށް ތައްޔާރުކޮށް ދެވާފައިވާކަން ފާހަގަކުރައްވާއި އެކަމަށްޓަކައި ޝުކުރު ދެއްނެވިއެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި، ސިފައިންގެ ރަސްމީ މަސައްކަތުގެ ބޭރުން ޤައުމު ބިނާކުރުމުގެ މިފަދަ މަޝްރޫޢުތަކުގައި ސިފައިން މަސްޢޫލުވެ އުޅުމަކީ ދިވެހި ކޮންމެ ރައްޔިތަކުމެ ހިތުގެ އެންމެ ފުންމިނުން ބަލައިގަންނާނެކަމެކެވެ.

ރަސްރަނި ބަގީޗާ ތެރެއިން ފެންނަންހުރި ކޮންމެ މަސައްކަތަކީ ވެސް ދިވެހި ސިފައިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން އިންތިހާއަށް ފެންނަމުންދާނެ މަސައްކަތް ތަކެކެވެ. އެ ބަގީޗާއިން ފެންނަ ފުރިހަމަ ކަމަކީ، ދިވެހި ސިފައިންގެ ކިބައިން މަސައްކަތުގައި ފެނުނު އަޚްލާޤާއި ކަމަށް ކަމޭހިތައިގެން ދެއްކެވި ނަމޫނާގެ ނަތީޖާއެވެ. މި މަސައްކަތްތަކަށް ބަލާލުމުން، ކޮންމެ ދިވެއްސަކުމެ ދިވެހި ސިފައިންނާމެދު ފަޚުރުވެރިވާނެއެވެ. ދިވެހިންގެ ދުލުން ދިވެހި ސިފައިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރާނެތެވެ.

ޝެއަރކުރެއްވުމަށް