ޙަމަލާ ދެމުންދިޔައިރު ވެގެންއުޅޭގޮތެއް ބެލުމަށާއި ދުސްމިނުންގެ ހަރަކާތްތައް ބެލެމަށް މާލެތެރޭގައި ކުލަ ހެދުމުގައި ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވަމުން ދިޔައެވެ. އޭގެ ތެރެއިން އެއް ބޭކަލަކީ ލާންސް ކޯޕްރަލް އަޙްމަދު ޝިޔާމް (ސނ:941) އެވެ. ބަޑިޖަހަންފެށި އަޑާއެކު ސިފައިންގެއަށް ދިއުމަށް ބައިސްކަލުގައި މުލިއާގެ ހުޅަނގު ގޯޅިން މެދުޒިޔާރަތްމަގަށް ނިކުތެވެ. އެވަގުތު އޭނާއާ ދިމާލަށް މެދުޒިޔާރަތްމަގުގެ ހުޅަނގުކޮޅުގައި ތިބި ދުސްމިނުން ބަޑިޖެހިއެވެ. ބާރަށް ދުއްވާފައިގޮސް ބަނޑޭރިގޭ ހިނގުމަށް އެޅިއެވެ. ބަނޑޭރިގޭ ހިނގުމަށް އެޅިތަނުން އެ މަގުގެ އުތުރުކޮޅުގައި ހުރި މީހަކު އަނެއްކާވެސް ބަޑިޖެހިއެވެ. ބަޑިޖަހަމުން ދަނިކޮށް އޭނާ ބައިސްކަލުގައި ގޮސް ވަނީ ހުރަވީ ހިނގުމަށެވެ. ހުރަވީހިނގުމުން އިރަށް ގޮސް މެދުޒިޔާރަތްމަގު ހުރަސްކޮށް ސަލާމަތްވެގެން ދިޔައީއެވެ. ނަސީބު ރަނގަޅުކަމުން އޭނާގެ ގަޔަކަށް ވަޒަނެއް ނާރައެވެ.
ލާންސް ކޯޕްރަލް އަޙްމަދު ޝިޔާމް ގެއަށް (ގ.މިއަލަނި) ދިޔުމަށްފަހު ފަށްއެޅި ގަމީސް ބަދަލުކޮށްގެން ދުސްމިނުންގެ ހަރަކާތްތައް ހުރިގޮތް ބެލުމަށް މަގުމައްޗަށް ނުކުތެވެ. ފުރަތަމަ ދިޔައީ ސްޓާފް ސަރޖަންޓް އަޙްމަދު ރާޝިދު (ސނ:723) ހޯދުމަށް މއ.ލޫނާވިއު އަށެވެ. ރާޝިދާ ބައްދަލުކޮށް، އޭނާގާތުގައި އަހަރެމެން ކޮންމެވެސް ކަމެއްކުރަން ހިނގާށޭ ޝިޔާމް ބުނުމުން ހުސްއަތާ ނުކުމެގެން ކުރާނީ ކީއްހޭ ރާޝިދު ބުންޏެވެ. ރާޝިދު މިގޮތަށް ބުނުމުން ޝިޔާމް ބައިސްކަލަށް އަރައިގެން ބޮޑުފުޅަށްގޯޅިން މަޖީދީމަގަށް ނުކުތްއިރު ނުކުމެވުނީ ދުސްމިނުންގެ ދެމީހުންގެ ދެމެދަށެވެ. އެތަނުން އެކަކުގެ އަތުގައި އޭކޭ47- ގެ ބަޑިއެއް އޮތްއިރު އަނެކަކުގެ އަތުގައި ހަތަރު ވަރަކަށް ފޫޓުގެ ދަގަނޑު ހޮޅިބުރިއެއް އޮތެވެ. އަޙްމަދު ޝިޔާމް ފެނުމާއެކު ބަޑި ހިފައިގެންހުރި މީހާ އައިސް ބަނޑާދިމާއިން ގަމީހުގައި ހިފާ ބައިސްކަލުން ބޭލިއެވެ. އެވަގުތު އެމީހާގެ އަތުގައި އުނގުޅިފައިހުރި ލޭތައް ޝިޔާމުގެ ގަމީހުގައި އުނގުޅުނެވެ. އޭރު މަޖީދީމަގުގައި ޖަންބުގެއާ ހަމައިގައި ތަމަޅައިންގެ އިތުރު އެހެން ދެމީހަކު ވެސް ބަޑިހިފައިގެން ތިއްބެވެ. ބަޑިދިއްކޮށްގެން އަޙްމަދު ޝިޔާމް ގެންދިޔައީ އެމީހުންގެ ގާތަށެވެ. ބޮލާ ދިމާލަށް ބަޑިދިއްކޮށް ދެއަތްނަގާ ކަނދުރާގައި ހިފުވުމަށްފަހު ދެކަކޫމައްޗަށް ތިރިކޮށް، ދަނީ ކޮންތަނަކަށްތޯ ސުވާލުކުރަން ފެށިއެވެ. ގެއަށްދަނީ ކަމަށް ބުނުމުން ދެން ފެނިއްޖެއްޔާ ބަޑިޖަހާނެކަމަށް ބުނެ އިތުރު އަނިޔާތަކެއް ނުކޮށް ދޫކޮށްލީއެވެ. އެމީހުން ޝިޔާމާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ. އޭގެފަހުން އަޙްމަދު ޝިޔާމް ޙަރަކާތްތެރިވީ ހޮސްޕިޓަލުގައެވެ.
