ހެވިކަމަކީ، ހަނގުރާމަވެރި ފަންނެކެވެ. އަސްކަރިއްޔާއަށް ޚާއްޞަ ފަންނެކެވެ. އިހުގައި މި ހެވިކަމުގެ ދައްކާލުމަށް ކިޔަނީ ކުޅިޖެހުމެވެ. ކުޅިޖެހުމަކީ ވަކިހަމަޔަކާއި ތަރުތީބެއްގެ މަތިން ހަނގުރާމައިގެ އާލާތްތައް ހިފައިގެން މައިދާނަށް ނުކުމެ ކުޅިވަރެއްގެ ގޮތުގައި އެ ހަރަކާތްތައް ކުރުމެވެ. ކުޅިޖެހުން އޮންނަނީ ގުޅަކުޅޭ ފަސްގަނޑުގައެވެ.
ސިފައިންގެ ހެވިކަމަކީ ސިފައިންކުރާ އެންމެ ސިފަވަންތަ ހުނަރުވެރި މަސައްކަތެވެ. ސިފައިންގެ މީހެއްގެ ގައިގާ ހުންނަންޖެހޭ ރަނގަޅު އަޚްލާޤާއި ސްލޫކު ފެއްޓޭ ތަނަކީ ހެވިކަމުގެ މައިދާނެވެ. ހެވި އެދުރުންގެ އަމުރަށް ކިޔަމަންވެ، އެންމެން އެކީ މަސައްކަތް ކުރުމުގެ ރީތި އަޚުލާޤާއި ހިތްވަރު ލިބިގެންދާ އެންމެ މުހިންމު ”އެދުރުގެ“ އަކީ ހެވިކަމުގެ މައިދާނެއެވެ. ސިފައިން ފުރަތަމަ ބައިވެރިވި ހެވިކަމުގެ ހަރަކާތަކީ ހިޖުރައިން 1309 ވަނަ އަހަރު ރަމަޟާންމަހު 23 ވިލޭރޭ އޮތް ހެންވޭރު ބޮޑުހިތީގެ ރަސްމިއްޔާތެވެ. އެއީ ސިފައިންގެ ފުރަތަމަ ދައްކާލުމެވެ. އެއީ ސިފައިން އުފެދުނު ކަމަށް ބަލާ ރެއެވެ. އެއީ މީލާދީން 1892 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ރެއެވެ. ސިފައިންގެ އުފެދުމާ ވެސް ހެވިކަމާ ވަނީ ގުޅިފައެވެ.
މީލާދީން 1942 ވަނަ އަހަރު ސިލޯނުން އަސްކަރީ ތަމްރީނު ފުރިހަމަ ކުރެއްވި ސިފައިންގެ ބޭފުޅުން އެނބުރި ވަޑައިގެން ކުރެއްވި ބުރަ މަސައްކަތްޕުޅުން ހެވިކަމަށް ބޮޑު އިންޤިލާބީ ބަދަލުތަކެއް ގެންނެވިއެވެ. ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފުގައި ގާޑް އޮފް އޮނަރއާއި އޮނަގާޑްތައް އަރުވަން ފަށްޓަވައި، ދިވެހިރާއްޖޭގެ ޤައުމީ ހައިބަތާއި ޝާނާއި ޝައުކަތު ދައްކުވައިދޭން ސިފައިން ފެށްޓީ އެ ދުވަސްވަރުގައެވެ.
ރާއްޖެއިން ބޭރުން މުދައްރިބުން ގެންނަވައިގެން ސިފައިންގޭގައި ހެވިކަން ދަސްކޮށްދެއްވަން ފެއްޓެވީ ވެސް އެ ދުވަސްވަރުގައެވެ. މިގޮތުން ރާއްޖެއިން ބޭރުން ފުރަތަމަ ގެންނެވި ބޭފުޅަކީ ސްރީލަންކާގެ ސިފައިންގެތެރޭގައި މަސައްކަތްކުރައްވައި ރިޓަޔަރ ކުރައްވާފައިވާ ލެފްޓިނަންޓް (ރިޓަޔަރޑް) ޑަޔަސް އެވެ. ދެވަނައަށް ގެންނެވީ ވެސް ސްރީލަންކާގެ ބޭފުޅެއްކަމަށްވާ މޭޖަރ (ރިޓަޔަރޑް) ޑީ.އެފް ފޮސްޓަރ އެވެ. އޭނާ ހެވިކަމާއި ހެވިއެދުރުންގެ ހުނަރުތަކާއި އަމާޒަށް ބަޑިޖެހުމުގެ ހުނަރުތައް ސިފައިންނަށް ދަސްކޮށްދެއްވިއެވެ.
ދިވެހި ސިފައިންނަށް ރާއްޖެއިން ބޭރުން އަސްކަރީ ތަމްރީނުތައް ހެދުމުގެ ފުރުސަތުތައް ހުޅުވި، ފުޅާވެގެން ދިޔައީ 1978 ވަނަ އަހަރުން ފެށިގެންނެވެ. ރާއްޖެއިން ބޭރުން އަސްކަރީ ތަމްރީނު ހޯއްދެވި ސިފައިންގެ ފަރާތުން އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އެއް ދާއިރާއަކީ ހެވިކަމުގެ ދާއިރާއެވެ. އަސްކަރީ ތަމްރީނުތަކުގެ އިތުރުން ސީދާ ހެވިއެދުރުންގެ ކޯސް ފުރިހަމަކުރުމަށް އިނގިރޭސިވިލާތުގެ ޕާރބްރައިޓަށް ފޮނުއްވި 5 ބޭފުޅުން އެ ކޯސް ނިންމަވައިގެން ރާއްޖެ ވަޑައިގެން ހެވިކަމަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށްލަން ޖެހެއެވެ. އެ ބޭފުޅުންނަކީ އޭރުގެ ކޯޕްރަލް އަޙްމަދު ޒާހިރާއި، ކޯޕްރަލް ޙަސަން ނަޞީރާއި ކޯޕްރަލް ޢަބްދުއްޝުކޫރު ޢަބްދުﷲ އާއި، ލާންސް ކޯޕްރަލް އާދަމް އިބްރާހިމް މަނިކާއި ލާންސް ކޯޕްރަލް ޠާހާ ވަޙީދެވެ.
ކޯސް ފުރިހަމަކުރައްވައިގެން މި ބޭފުޅުން ވަޑައިގެންނެވި ހިސާބުން ސިފައިންގެ ހެވިކަން މުޅިން އާ ހަރުފަތަކަށް އުފުލިގެންދިޔައެވެ. މިގޮތުން އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ 1983 ވަނަ އަހަރު ބޭއްވި ސިފައިންގެ ފުރަތަމަ ހެވިކަމުގެ މުބަރާތެވެ. ސިފައިންގޭގައި އޮންނަ ދެ ދަންފަޅީގެ ދެމެދުގައި ބޭއްވި މި މުބާރާތް ކާމިޔާބުކުރީ 1 ނަންބަރު ދަންފަޅީގެ ގެމައެވެ. އޭގެފަހުން 1985 ވަނަ އަހަރު ބޭއްވި ހެވިކަމުގެ މުބާރާތުގައި ކޮންމެ ދަންފަޅިއަކުން 2 ގެމަ ބައިވެރިކުރިއެވެ.
ސިފައިންގެ ވެރިޔާގެ ވާދައިގެ ތަށްޓަށް ހެވިކަމުގެ މުބާރާތް ބާއްވަން ފެށުމުން މުޅި ސިފައިންގޭގައި ހެވިކަމުގެ ރޫޙު އާލާވެގެން ދިޔައެވެ. އަދި ޔުނިޓްތަކުގެ މެދުގައި ވާދަވެރިކަމާއި ޖޯޝާއި ފޯރި އިތުރުވެ ސިފައިންގެ މެދުގައި ހެވިކަމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް އުފެދިގެން ދިޔައެވެ. ސިފައިންގެ ވެރިޔާގެ ވާދައިގެ ތަށްޓަށް ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ބޭއްވި ފުރަތަމަ މުބާރާތް ބޭއްވީ 1995 ވަނަ އަހަރުއެވެ. އެ މުބާރާތް ބޭއްވުނީ ”ސިފައިންގެ ވެރިޔާގެ ވާދައިގެ ތަށްޓަށް ބޭއްވޭ ފުރަތަމަ ސްކޮޑް ޑްރިލް ކޮމްޕެޓިޝަން“ ގެ ނަމުގައެވެ. ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކްއިކް ރިއެކްޝަން ފޯސް ޔުނިޓް 3 (ކިޔުއާރުއެފް 3)ގެ ގެމައެވެ. ޖެހިގެން އައި އަހަރު، 1996 ވަނަ އަހަރު މި މުބާރާތް ބޭއްވުނީ ”ސިފައިންގެ ވެރިޔާގެ ވާދައިގެ ތަށްޓަށް ބޭއްވުނު 2 ވަނަ ޑްރިލް ކޮމްޕެޓިޝަން“ ގެ ނަމުގައެވެ. އެފަހުން މި މުބާރާތުގެ ނަމަށް ކުޑަ ބަދަލެއް އައިސްފައިވެއެވެ. އެއީ ސިފައިންނާ ފުލުހުންގެ އެންމެ އިސްވެރިޔާގެ ވާދައިގެތަށްޓަށް ބޭއްވޭ މުބާރާތުގެ ގޮތުގައެވެ. އެއަށްފަހު މި މުބާރާތް ބޭއްވިފައިވަނީ ”ސިފައިންގެ އެންމެ އިސްވެރިޔާގެ ވާދައިގެ ތަށްޓަށް ބޭއްވޭ ހެވިކަމުގެ މުބާރާތް“ ނަމުގައެވެ. މި މުބާރާތް 1995 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި 2002 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު ވެސް ބާއްވާފައިވެއެވެ. އޭގެފަހުން މުބާރާތް ބާއްވާފައިވަނީ 2005، 2008، 2010 ވަނަ އަހަރުއެވެ. 1998 ގެ ކުރިން ބޭއްވި މުބާރާތްތަކުގައި ކޮމާންޑްކޮށްފައިވަނީ އިނގިރޭސިބަހުންނެވެ. 21 އެޕްރީލް 1998 ގެ ފަހުން ބޭއްވި މުބާރާތްތަކުގައި ކޮމާންޑްކޮށްފައިވަނީ ދިވެހިބަހުންނެވެ. މި ބަދަލު އައީ ހެވިކަމުގައި ބޭނުންކުރަމުންއައި އިނގިރޭސި ކޮމާންޑްތައް ދިވެހިބަހާތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެހީތެރިކަމާއެކު ދިވެހި ކުރެވިގެން ދިއުމުންނެވެ. އިނގިރޭސިބަހުން އޭގެކުރިން ކޮމާންޑް ކުރެވެމުންއައި ނަމަވެސް ސިފައިން އުފެދުނު ދުވަސްވަރު ހެވިކަމުގައި ސިފައިންނަށް ކޮމާންޑްކުރީ ދިވެހި ބަހުންނެވެ.
ސިފައިންގެ ވެރިޔާގެ ވާދައިގެ ތަށްޓަށް ހެވިކަމުގެ މުބާރާތް ބާއްވަން ފެށިފަހުން މި މުބާރާތުގެ އެންމެ ފަޚުރުވެރި އެއް ފަރާތަކީ ކާނަލް އިބްރާހީމް ރަޝީދު (ސ.ނ:1864) އެވެ. އޭނާވަނީ އެންމެ ފުރަތަމަ ބޭއްވި މުބާރާތުން «ސްމާޓެސްޓް ސޯލްޖަރ» ގެ މަޤާމު ހޯއްދަވައި، އޭގެފަހުން ބޭއްވި 3 މުބާރާތެއްގައި ޖެހިޖެހިގެން 3 ފަހަރު އެންމެ މޮޅު މެހެތަރުގެ މަޤާމު ހޯއްދަވާފައެވެ. އެއީ 1999، 2000، 2001 ގައެވެ.
މިއަހަރު ބޭއްވުނު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ވާދައިގެ ތައްޓަށް ބޭއްވި ހެވިކަމުގެ މުބާރާތަކީ 12 ވަނަ މުބާރާތެވެ. ސިފައިންގެ އެކި ދާއިރާތަކުން 14 ގެމައިގެ ލަޝްކަރެއް ބައިވެރިވި މި ޝަރަފުވެރި މުބާރާތުގެ ހުރިހާ ގޮތަކުން އެއްވަނަ ގެމައަކަށް ހޮވިފައިވަނީ މެރިންކޯގެ ގެމައެވެ. މި މުބާރާތުގައި ބައިވެރިވި އެމްއެންޑީއެފްގެ އޭރިއާތަކުގެ ތެރެއިން އެންމެ މޮޅު އޭރިއާއަކަށް ހޮވިފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާއެވެ.
މުޅި މުބާރާތުގައި ހުރިހާ ގޮތަކުން، ހެވިކަމަށް އެންމެ މޮޅު ސިފައިންގެ ބޭކަލަކަށް، މެރިންކޯރ ގެމައިގެ ކޯޕްރަލް ޙަސަން ޝިފާޢު ހޮވިފައިވާއިރު މުޅިމުބާރާތުގައި ހެވިކަމުގެ ބައިން އެންމެ މޮޅު އަންހެން ސިފައިންގެ ބޭކަނބަލަކަށް ހޮވިފައިވަނީ ޕްރައިވެޓް ފާތިމަތު ނަޒްރާއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު މެހެތަރަކަށް ހޮވިފައިވަނީ ކޯޕްރަލް ޢަބްދުﷲ އަމީންއެވެ. މީގެ އިތުރުން މުބާރާތުގެ ހެވިކަމަށް އެންމެ މޮޅު 10 ސިފައިން ހޮވާފައިވެއެވެ.
މިއަހަރު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ވާދައިގެ ތައްޓަށް ބޭއްވި 12 ވަނަ ހެވިކަމުގެ މުބާރާތުގެ ޓްރޮފީއަކީ ސިފައިންގެ ތެރެއިން ހުނަރުވެރި ބޭކަލުންތަކެއްގެ ބުރަ އަދި ހުނަރުވެރި މަސައްކަތުން ތައްޔާރުކޮށްފައިވާ ސައްތައިން ސައްތަ ސިފައިންގެ އުދެއްދުމެކެވެ. އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގައި މަސައްކަތްކުރައްވާ ބޭކަލުންގެ ހުނަރުވެރި ސިފައިން، ތްރީ އޯ ތްރީ ބަޑި އަސްލަކަށް ބަލައިގެން ހެދި މި ޝަރަފުވެރި ޓްރޮފީއަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ކޮންސެޕްޓަކަށް އުފައްދާފައިވާ ހެވިކަމުގެ މުބާރާތާ ވަރަށް ގުޅުންހުރި އުދެއްދުމެކެވެ.
ސިފައިންގޭގައި ހެވިކަމުގެ މުބާރާތްތައް ބޭއްވެންފެށި ހިސާބުން ފެށިގެން ވެސް ސައިލެންޓް ޑްރިލް ނުވަތަ ކޮމާންޑެއްނެތި ޕެރޭޑުގެ ހުނަރުތައް ދައްކާލުން ސިފައިންގެ ތެރޭގައި އޮތެވެ. އެހެންނަމަވެސް އެކަމަށް ޚާއްޞަ ގެމައެއް ނެގިގެން ސައިލެންޓް ޑްރިލްގެ ހަރާތްތައް ސިފައިން ދައްކައިދިނީ 2001 ވަނަ އަހަރު ބޭއްވި ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ ރަސްމީ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައެވެ.
ހެވިކަމަށް ޒަމާނުއްސުރެ ދިވެހި ސިފައިން ދެމުންއައި އިސްކަމާއި އަހުމިއްޔަތުކަމަށް ހީނަރުކަމެއް އައިސްފައިވަނިކޮށް، 2012 ވަނަ އަހަރު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިސްނެންގެވުމާއި، ހެވިއެދުރުންގެ ތެރެއިން ހެވިކަމަށް ނުހަނު ލޯބިހުރި ހެވިއެދުންކޮޅެއްގެ ބުރަ މަސައްކަތުން ސިފައިންގެ ހެވިކަމަށް ދިރުން އަންނަންފެށިއެވެ. ސިފައިންގެ ހެވިކަމުގެ ދިގު ތާރީޚުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ އެންމެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމުގެ ވިސްނުންފުޅާއި އިރުޝާދާ އެއްގޮތަށް ތައްޔާރުކޮށް މިނިވަން 50 ގެ ކުޅިވަރުތަކުގެ ތެރޭގައި ސިފައިން ހުށަހެޅި މިއުޒިކަލް ޑްރިލަށެވެ.
