ސިފައިންގެ ފޮޓޯ މައުރަޒުގެ ތާރީޚު ގުޅެނީ ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުމާއެވެ. ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުނީ 1992 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހާ ގުޅިގެން ރާއްވަވައި ހިންގެވި ހަރަކާތްތަކުގެ ތެރޭގައި ހިމެނުނު ސިފައިންގެ ފުރަތަމަ ފޮޓޯ މައުރަޒަށް ބޭނުންވާ ފޮޓޯ ޕްރިންޓްކޮށް، ފްރޭމްތަކާއި ސްކްރީންތައް ތައްޔާރުކޮށް ނިންމައި އެ ފޮޓޯ މައުރަޒު ބޭއްވުނީ  1993 ވަނަ އަހަރެވެ. އެ ހަރުދަނާ ބިންގަލުގެ މަތީގައި ސިފައިންގެ ފޮޓޯ މައުރަޒު ބާއްވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ސިފައިންގެ ފޮޓޯ މައުރަޒަކީ ރާއްޖޭގައި ޤަވާޢިދުން ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ފޮޓޯ މައުރަޒެވެ. އެންމެ ގިނަ ބަޔަކު ބަލާފައިވާ އެންމެ ގިނަ ރަހަތައް އެކުލެވޭ ފޮޓޯ މައުރަޒެވެ. އެންމެ ތަފާތު މަންޒަރުތައް ފެންނަ ފޮޓޯ މައުރަޒު ވެސް މެއެވެ.

ސިފައިންގެ ފޮޓޯ މައުރަޒަކީ ދިވެހި ސިފައިންގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް އިތުރަށް ތަޢާރަފްކޮށް ރައްޔިތުންނާއި ސިފައިންނާ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާކޮށް އަދި އިތުބާރު އުފައްދާ ސިފައިންގެ ތަސައްވަރު ރަނގަޅުކުރުމަށްޓަކައި އާންމުކޮށް ކުދިބޮޑު އެންމެންނަން ހުޅުވާލެވޭ ފޮޓޯ މައުރަޒެކެވެ. ސިފައިންގެ ފޮޓޯ މައުރަޒަކީ މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް ބާއްވަމުން އަންނަ މައުރަޒަކަށްވާތީ ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް މި ފޮޓޯ މައުރަޒު ބަލާލުމުގެ ފުރުސަތު ވަނީ ލިބިފައެވެ. މިހާތަނަށް ސިފައިންގެ 20 ފޮޓޯ މައުރަޒު ބޭއްވިފައިވާއިރު އޭގެތެރެއިން ގިނަ މައުރަޒުތައް ބޭއްވިފައިވަނީ އަތޮޅުތެރޭގެ ރަށްރަށުގައެވެ.

ތަފާތު ކޮންސެޕްޓްތަކަށް ފޮޓޯ މައުރަޒު ބޭއްވިފައިވާއިރު ބައެއް ފަހަރު ފޮޓޯތައް ދައްކާލެވިފައިވަނީ ދަނޑިއާއި ފަން ބޭނުންކޮށްގެންނެވެ. އަނެއްބައިފަހަރު ކަޅުދާ ނުވަތަ އަވިދާ ބޭނުންކޮށްގެންނެވެ. އަނެއްބައިފަހަރު އާންމުކޮށް ފޮޓޯ މައުރަޒުތަކުގައި ފެންނަ ފަދަ ބޯޑު ބޭނުންކޮށްގެންނެވެ. މިއިން ކޮންމެ ކަމަކުން ވެސް ފެންނަނީ ސިފައިންގެ ހުނަރުވެރިކަމާއި ޤާބިލުކަމެވެ.

ސިފައިންގެ ޚިދުމަތަކީ ވަރަށް ޝަރަފުވެރި ޚިދުމަތެކެވެ. ވަރަށް ފުޅާ ޚިދުމަތެކެވެ. އަދި އާންމުކޮށް އެންމެންނަށް ހާމަނުވާ ވަރަށް ޚާއްޞަ އޮޕަރޭޝަންތައް ހިމެނޭ ޚިދުމަތެކެވެ. ފޮޓޯގެ ޒަރީޢާއިން އެ ޚިދުމަތްތައް ބަލާލުމަކީ ކޮންމެ މީހެއްގެ ޙަޔާތުގައި ވެސް މުހިންމު ކަމަކަށް އޮންނަނީ ވެފައެވެ. އެ ޝައުޤުވެރިކަން ބޮޑުވަނީ ދިވެހި ތާރީޚާއި ސިފައިންގެ ތާރީޚާއެކު ސިފައިންގެ ޚިދުމަތުގެ ވާހަކަތައް ސިފައިންގެ ފޮޓޯ މައުރަޒުން ކިޔައިދޭތީއެވެ. ކުރިން ނޭނގި ހުންނަ އެތައް އެތައް މައުލޫމާތެއް ސާފުވާތީއެވެ. ސިފައިންގެއަށް އަންނަމުންދާ ކުރިއެރުން އަންގައިދޭތީއެވެ.

ސިފައިންގެ ފޮޓޯ މައުރަޒު މިހާރު ބާއްވަމުން އަންނަނީ އަހަރަކު ދެ ފަހަރުއެވެ. އެއީ ސިފައިންގެ ދުވަހާއި ގުޅުވައިގެންނާއި، ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހާ ގުޅުވައިގެންނެވެ. ސިފައިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ އެޕްރީލް 21 ވަނަ ދުވަހެވެ. ނަޞްރުގެ ދުވަހަކީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހެވެ. ސިފައިންގެ ފޮޓޯ މައުރަޒު އެކި ފަހަރު ބާއްވަމުން އަންނަނީ ތަފާތު ތީމު ތަކުގެ މައްޗަށެވެ. އެހެންނަމަވެސް ކޮންމެ ފޮޓޯ މައުރަޒަކުން ވެސް ސިފައިންގެ ތާރީޚާއި، ސިފައިންގެ ވެރިކަންކުރައްވާފައިވާ ބޭފުޅުންނާއި، ސިފައިން ހިންގާފައިވާ ބޮޑެތި އޮޕަރޭޝަންތަކާއި، ޤައުމީ ތަރައްޤީގައި ސިފައިންގެ ހިއްސާ އަދާކުރަމުންދާގޮތާއި، ސިފައިންެ އިޖުތިމާޢީ ޚިދުމަތްތަކާއި، އަސްކަރީ ތަމްރީނުތަކާއި، އެކްސަސައިޒްތަކާއި، ސިފައިންގެއަށް އަންނަމުންދާ ތަރައްޤީއާއި ކުރިއެރުން ފެނިގެންދެއެވެ.

މީގެއިތުރުން ސިފައިންގެ ފޮޓޯ މައުރަޒަކީ އެ ފޮޓޯ މައުރަޒާ ގުޅިގެން އިތުރު ތަފާތު ހަރަކާތްތައް ވެސް ކުރިއަށް ގެންދާ ފޮޓޯ މައުރަޒެކެވެ. އޭގެތެރޭގައި ކުޑަކުދިންގެ ހަވީރާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގައެވެ. އަދި ސްކޫލުތަކުގެ ދަރިވަރުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ޤައުމީ ތަފާތު ޝަޚްސިއްޔަތުންނާބެހޭ މަޢުލޫމާތު ދިނުމާއި، ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއާބެހޭ މަޢުލޫމާތު ހިމެނޭ ކްލާސްތައް ހިންގުން ވެސް ހިމެނެއެވެ. މިފަދަ އިތުރު ހަރަކާތްތައް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދާއިރު ސިފައިންގެ ފޮޓޯ މައުރަޒު ވެގެންދަނީ އެ ރަށަކަށް އަންނަ އިޖްތިމާޢީ ބޮޑު ޢީދަކަށެވެ. ސިޔާސީ ބައިބައިވުމާއި ޒާތީ ދެކޮޅުވެރިކަމުން ދުރުވެ، ޤައުމާމެދު ވިސްނާލަށް ލިބޭ ވަގުތުކޮޅަކަށެވެ. އަމިއްލަ ރަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު މަޢުލޫމާތުތަކެއް އެނގި ސާފުވާ އަގުހުރި ފުރުސަތަކަށެވެ.

ސިފައިންގެ ފޮޓޯ މައުރަޒު މިހާރު ބާއްވަމުން ގެންދަނީ ސިފައިންގެ އޭރިއާ ކޮމާންޑްތަކާއި ކައުންސިލްތަކާއި ކުލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކާއި ސްކޫލްތަކާއި ގުޅިގެންނެވެ. ފޮޓޯ މައުރަޒު ބާއްވާނެ ރަށެއް ނިންމަވަނީ އެމްއެންޑީއެފް އިންޓަރގްރޭޓެޑް ހެޑްކްއޯޓާޒުންނެވެ. ފޮޓޯ މައުރަޒުގައި ދައްކާ ފޮޓޯތަކާބެހޭ ހުރިހާ މަސައްކަތެއް ކުރަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސާރވިސްގެ ފޮޓޯގްރަފީ ޑިޕާޓްމަންޓުންނެވެ. އަތޮޅުތެރޭގައި ފޮޓޯ މައުރަޒު ބާއްވަން ނިންމަވައި، ފުރަތަމަ ބޭއްވި ފޮޓޯ މައުރަޒު ބޭއްވި ތިނެއް ނޮވެންބަރުގެ ބަޠަލް ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ އުފަން ރަށް ހދ. ކުޅުދުއްފުށީގައެވެ. އެ ފޮޓޯ މައުރަޒު ހުޅުވައިދެއްވީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ލޮބުވެތި މަންމަ އާއި ބައްޕައެވެ. އެ ދެ ކަނބަލުންނަށް ސިފައިން އެ ޝަރަފު ދެއްވި ސަބަބު ސިފައިންގެ ފޮޓޯ މައުރަޒުން ވަރަށް ރަނގަޅަށް ފެނެއެވެ. ސިފައިންގެ ފޮޓޯ މައުރަޒަކީ ސިފައިން ޤައުމީ ޚިދުމަތުގައި ވެފައިވާ ޤުރުބާނީ އެންމެ ސާފުކޮށް ފެންނަ އަދި އެންމެ ގިނަ ބައެއްގެ ހިތަށް އެކަންކަމުން އެންމެ ބޮޑު އަސަރެއް ކުރުވާ ހަރަކާތެވެ.

ޝެއަރކުރެއްވުމަށް