ދިވެހީންގެ ތެރެއިން ފާހަގަ ކުރެވޭ ފެންވަރަކަށް ޤައުމަށް ޚިދުމަތް ކޮށްދެއްވާފައިވާ  އެތަކެއް އަބުޠާލުންނެއް އެކިއެކި ޒަމާންތަކުގައި ފެނިގެން ގޮސްފައިވެއެވެ. އަދި މިހާރު ވެސް މި ރާއްޖޭގައި އެފަދަ  ޚިދުމަތްތެރީން އެބައުޅުއްވައެވެ. މިފަދަ ފަރާތްތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ޙައްޤުވާ ޢިއްޒަތާއި ޝަރަފު އެރުވުމަކީ ދިވެހި ދައުލަތުން ރަސްމީ ސިފައިގައި ޤައުމީ އެންމެ މަތީ ފެންވަރުގައި ކުރައްވާ ކަމެކެވެ. މިގޮތުން ދެއްވާ އެންމެހައި ޢިއްޒަތާއި، މެޑެއްޔާއި، ލަޤަބު ކަނޑައަޅުއްވައި އެ ފަރާތްތަކަށް މި ތަކެތި ދެއްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މިގޮތުން އެރުވޭ އެންމެހައި ޢިއްޒަތެއްގެ އެންމެ އިސްވެރިއާއަކީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

ނިޝާނުގެ ޢިއްޒަތް

ނިޝާނުގެ ޢިއްޒަތަކީ، އެ މީހެއްގެ ޤައުމީ ޚިދުމަތް ފާހަގަ ކުރުމުގެ ގޮތުން ނުވަތަ ޚިދުމަތް ވަޒަންކުރުމުގެ ގޮތުން، ދައުލަތުގެ ފަރާތުން ދެއްވާ ޢިއްޒަތުގެ ނިޝާން، ނުވަތަ މެޑެއްޔާއެކު ދެއްވާ ޢިއްޒަތެވެ. މީގެއިތުރަށް، މުޅި އިންސާނިއްޔަތަށް މީހުން ކުރާ ޚިދުމަތް ވަޒަންކުރުމުގެ ގޮތުން ވެސް، ނިޝާނުގެ ޢިއްޒަތް ދެެއްވައެވެ. މި ގޮތުން ދިވެހިރާއްޖޭގައި ދެވޭ ނިޝާން ޢިއްޒަތްތަކަކީ:-

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން

ނިޝާން ޢާޒީގެ ޢިއްޒަތުގެ ވެރިކަން (ނ.ޣ.ޢ.ވ) ނިޝާން ގާޒީގެ ޢިއްޒަތުގެ ވެރިކަމަކީ، ދިވެހި ދައުލަތުންދޭ އެންމެމަތީ ޢިއްޒަތެވެ. މި ޢިއްޒަތް ނިސްބަތް ވަނީ، އައްސުލްތާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު) އަށެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) މި ޢިއްޒަތް ނިސްބަތް ވަނީ އައްސުލްތާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) ނަށެވެ.

ނިޝާން ދަރުމަވަންތަ މަހާރަދުންގެ ޢިއްޒަތުގެ ވެރިކަން

ނިޝާން ދަރުމަވަންތަ މަހާރަދުންގެ ޢިއްޒަތުގެ ވެރިކަން   (ނ.ދ.މ.ޢ.ވ) މި ޢިއްޒަތް ނިސްބަތް ވަނީ އައްސުލްތާނުލް މުޙައްމަދު ބިން ޢަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުން (ދަރުމަވަންތަ ރަސްގެފާނު) އަށެވެ.

ނިޝާން ޝަހީދު ޢަލީގެ ޢިއްޒަތުގެ ވެރިކަން

ނިޝާން ޝަހީދު ޢަލީގެ ޢިއްޒަތުގެ ވެރިކަން (ނ.ޝ.ޢ.ޢ.ވ) މި ޢިއްޒަތް ނިސްބަތް ވަނީ، އައްސުލްތާނުލް ޢަލީ (6 ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުން (ޢަލީ ރަސްގެފާނު) އަށެވެ.

ނިޝާން އިސްކަންދަރުގެ ޢިއްޒަތުގެ ވެރިކަން

ނިޝާން އިސްކަންދަރުގެ ޢިއްޒަތުގެ ވެރިކަން (ނ.އ.ޢ.ވ) މި ޢިއްޒަތް ނިސްބަތް ވަނީ، އައްސުލްތާން އިބްރާހީމް އިސްކަންދަރު ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (އިސްކަންދަރު ރަސްގެފާނު) އަށެވެ.

ނިޝާން ޢަސްކަރީގެ ވެރިކަން

ނިޝާން ޢަސްކަރީގެ ވެރިކަން (ނ.ޢ.ވ) މިއީ ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީގޮތުން ސިފައިންކުރާ ޚިދުމަތަށާއި، ޤައުމެއްގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކުރުމުގެ ގޮތުން ޚާއްޞަ މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށާއި، ބައިނަލްއަޤްވާމީ ފެންވަރެއްގައި ޢަސްކަރީ ގޮތުން ވިޔަސް، ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް އަރުވާ ޢިއްޒަތެކެވެ. އަދި ސިފައިންގެ ޚިދުމަތުގައި ތިމާގެ ހަށިގަނޑާއި ފުރާނައިން ޤުރުބާންވެފައިވާ ޝަހީދުންނަށާއި، އެމީހެއްގެ ޖިހާދުގައި ލާމަސީލު ނަމޫނާއެއް ދައްކައިދީފައިވާ ސިފައިންގެ މީހުންނަށް ވެސް މި ޢިއްޒަތް ދެއްވައެވެ. މީގެ އިތުރުން ވެސް ދިވެހި ދައުލަތުން ދިނުމަށް އެހެނިހެން ޢިއްޒަތާއި، މެޑެއްޔާއި، ލަޤަބާއި، ކުލަ ކަނޑައެޅުމާއި، އެ ޢިއްޒަތާއި، މެޑެއްޔާއި، ކުލަ ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

ރެފަރެންސް      

ޢިއްޒަތުގެ ގާނޫނު (ގާނޫނު ނަންބަރ 1997/1)

ޝެއަރކުރެއްވުމަށް