ބާރު ބޭނުންކުރުމުގައި އިގުތިސާދުކުރުން (Economy of effort) މިއީ، މީހުންނާއި ވަސީލަތްތައް ވިސްނުންތެރިކަމާ އެކު ބޭނުންކުރުމާއި، އެންމެ މުހިންމު މަގުސަދުތައް ހާސިލުކުރެވޭގޮތަށް ބާރުތަކާއި ވަސީލަތްތައް އެކަށައެޅުމެވެ. ނުވަތަ އެކަމެއް ހާސިލުކުރަން ބޭނުންވާ މިންވަރަށް މީހުންނާއި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރަނގަޅު ނަތީޖާއެއް ހާސިލުކުރުމެވެ. އަސްކަރިއްޔާގައި ބާރު ބޭނުންކުރުމުގައި އިގުތިސާދުކުރުމަށް ”އިކޮނޮމީ އޮފް އެފަރޓް“ އަދި ”އިކޮނޮމީ އޮފް ފޯސް“ ވެސް ބޭނުންކުރެއެވެ.
އަސްކަރީ ނަޒަރަކުން ބަލާ އިރު ބާރު ބޭނުންކުރުމުގައި އިގުތިސާދުކުރުމަކީ ނުވަތަ އިކޮނޮމީ އޮފް އެފަރޓަކީ ހަނގުރާމައިގެ އަސާސެކެވެ. ބާރު ބޭނުންކުރުމުގައި އިގުތިސާދުކުރުމުގެ މަގުސަދަކީ އެންމެ މުހިންމު ނޫން ބޭނުންތަކަށް ފުދޭ އެންމެ މަދު މިންވަރުގެ އަސްކަރީ ބާރާއި ވަސީލަތްތައް އެކަށައެޅުމެވެ. އަދި މިއީ އެންމެ އެކަށީގެންވާ ގޮތަށް އަސްކަރިއްޔާގެ ފޯސްތަކާއި ވަސީލަތްތައް ބެހުމެވެ. އަސްކަރިއްޔާއެއްގައި ބާރު ބޭނުންކުރުމުގައި އިގުތިސާދުކުރުމަކީ ހަނގުރާމަވެރި ޤާބިލިއްޔަތު ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. ބޭނުންވާ ތަނުން ބޭނުންވާ ވަގުތު އެންމެ އެކަށޭނަ ވަސީލަތްތައް ބޭނުންކޮށްގެން ބޭނުންވާ ނަތީޖާ ނެރުމުގެ ޤާބިލުކަން އުފެއްދުމަކީ އިކޮނޮމީ އޮފް އެފަރޓް ހާސިލުކުރެވުމެވެ.
މަސައްކަތެއް ނުވަތަ ޓާސްކެއް ހަވާލުކުރުމުން ބައެއް ލީޑަރުން އެ މީހުންގެ ދަށުގައި ބޭނުންކުރެވެން ތިބިހާ ބަޔަކާއި ލިބެންހުރި ހުރިހާ ވަސީލަތެއް އެކަމަކަށް ނެރެ ބޭނުންކުރުމުގެ ވިސްނުން ގެންގުޅެއެވެ. މިއީ އިކޮނޮމީ އޮފް އެފަރޓްއާ ޚިލާފުކަމެކެވެ. ބާރު ބޭނުންކުރުމުގައި އިގުތިސާދުކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރާ ނަމަ ބޭނުންވާ މަގުސަދު ހާސިލުކުރުމަށް ޓަކައި ވަސީލަތްތައް ރަނގަޅަށް ބޭނުންކުރުމަށް ރާވައި ލިބެންހުރި ވަސީލަތްތައް އެންމެ ރަނގަޅަށް ބޭނުންކޮށްގެން އެންމެ ބޮޑު ފައިދާ ހާސިލުކުރަން މަސައްކަތް ކުރާނެއެވެ.
ބާރު ބޭނުންކުރުމުގައި އިގުތިސާދުކުރުމުގައި ބާރު އަޅަނީ ހަމައެކަނި ޚަރަދު ކުޑަކުރުމަކަށް ނޫނެވެ. އަދި ވަސީލަތްތައް ރައްކާކޮށްފައި ބެހެއްޓުމަކަށް ވެސް ނޫނެވެ. އޭގެ ބަދަލުގައި އެދެވޭ ނަތީޖާއެއް ހާސިލުކުރުމުގައި ލިބެންހުރި ބާރުތަކާއި ވަސީލަތްތައް ވީހާ ވެސް ރަނގަޅަށް ބޭނުންކުރުމަށެވެ. ކޮންމެ ވަސީލަތެއް ވެސް އެ ވަސީލަތެއްގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ނުވަތަ އެ ވަސީލަތެއްގެ ބޭނުން އެންމެ ބޮޑަށް ކުރަން ޖެހޭނެ ބައެއްގެ އަތުގައި ހުރުމެވެ.
ބާރު ބޭނުންކުރުމުގައި އިގުތިސާދުކުރުމުގެ މައިގަނޑު މަގުސަދަކީ މަދު މަސައްކަތަކުން ގިނަ ނަތީޖާ ހާސިލުކުރުމެވެ. މިއީ ހަމައެކަނި ވަގުތު ސަލާމަތްކުރެވޭ ކަމެއް ނޫނެވެ. މީގެ ސަބަބުން ހަކަތައާއި ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުންކުރެވި، އުފެއްދުންތެރިކަން އިތުރުވެ، ނަތީޖާ ރަނގަޅުވާނެއެވެ. އެހެންކަމުން މިއީ އަމިއްލަ ދިރިއުޅުމުގައި އަދި ކޮންމެ ވަޒީފާގެ މާހައުލެއްގައި ވެސް ބޭނުންކުރެވިދާނެ އަސާސެކެވެ.
ބާރު ބޭނުންކުރުމުގައި އިގުތިސާދުކުރުމުގެ މުހިންމު ބައެއް އުސޫލުތަކަށް ބަލާ އިރު އެންމެ މުހިންމު ކަމަކީ އިސްކަންދޭ ތަރުތީބު ކަނޑައެޅުމެވެ. އެއީ ކުރަން ހުރި ކަންތައްތައް އެންމެ މުހިންމު ކަންތަކުން ފެށިގެން ތަރުތީބުކުރުމެވެ. ދެވަނަ ކަމަކީ ވަގުތު ބެހުމެވެ. ކޮންމެ މަސައްކަތަކަށް ވެސް ވަކި ވަގުތެއް ކަނޑައަޅައި، އެ ވަގުތުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް މަސައްކަތްކުރުމެވެ. ތިންވަނަ ކަމަކީ ދެ ކަމެއް އެކުގައި ނުކުރުމެވެ. އެއީ އެއް ފަހަރާ ގިނަ ކަންތައް ކުރަން އުޅުމުން އެއްވެސް ކަމަކަށް ދޭންވާ ވަގުތާއި ސަމާލުކަން ނުދެވި މަސައްކަތުގެ ފެންވަރު ދަށްވެ، މަސައްކަތުން ނެރެން ބޭނުންވާ އެންމެ ރަނގަޅު ނަތީޖާއަށް ހުރަސްއެޅޭނެތީއެވެ. ހަތަރުވަނަ ކަމަކީ ހުއްޓުމެއް ނެތި މަސައްކަތް ކުރުމުގެ ބަދަލުގައި ކުޑަ ހުސްވަގުތުކޮޅެއް ނެގުމެވެ. މިއީ ސިކުނޑި ހަމަޖައްސާލުމަށާއި އަލުން ހަކަތަ ލިބިގަތުމަށް މުހިންމު ކަމެކެވެ. ފަސްވަނަ ކަމަކީ ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. އެއީ މަސައްކަތް ފަސޭހަކުރުމަށް ޒަމާނީ ވަސީލަތްތަކުގެ ބޭނުން ކުރުމެވެ.
ބާރު ބޭނުންކުރުމުގައި އިގުތިސާދުކުރުމުގެ އުސޫލުތަކަކީ މަސައްކަތް ހަރުދަނާކޮށްދޭ ކަމެކެވެ. މިއީ މިއަދުގެ ދުނިޔޭގައި ކޮންމެހެން ބޭނުންވާ ހުނަރެކެވެ. މި އުސޫލުތަކަށް ޢަމަލުކުރުމުން، އަމިއްލަ ދިރިއުޅުމާއި، މަސައްކަތުގެ މާހައުލު އަދި މުޅި މުޖުތަމަޢު ވެސް ފުރިހަމަކަމާއި ކާމިޔާބީއާ ދިމާއަށް ކުރިއަރައިގެންދާނެއެވެ. އެހެންކަމުން، މި އުސޫލުތައް ދަސްކޮށް، ދިރިއުޅުމުގައި ތަޠްބީޤުކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ.
މަޢުލޫމާތު:
- ޑޭވިޑް އެވަންސް. (1997). އިކޮނޮމީ އޮފް އެފަރޓް. ނެގީ https://link.springer.com/chapter/10.1007/978-1-349-25956-4_9
