ލިޔުމެއް ލިޔަން ހިތަށް އަރައި މޭޒު ދޮށުގަ އިށީނުމުން ލިޔާނެ މައުލޫއެއް ނުވިސްނުނެވެ. ފޯނަށް ބަލައިލި އިރު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އެޕްރީލު 13 އެވެ. އެޕްރީލު 13 އަކީ އަޅުގަނޑަށް ވަރަށް ޚާއްޞަ ދުވަހެކެވެ. ހަމަ އެވަގުތު ލިޔުމެއް ލިޔާނެ ސުރުޚީއެއް ހިތަށް ވަނެވެ. މިއީ އެޕްރީލު މަހެވެ. މި މަހުގެ ޚާއްޞަ ދުވަސްތަކެއް އާދެއެވެ. މި މަހުގައި އަންނަ ޚާއްޞަ ދުވަހަކަށް ލިޔެވިދާނެ ނޫންތޯއެވެ. އެއަށް ވުރެ ހަނިކޮށްލާ ނަމަ މި ހަފުތާގައި އަންނަ ޚާއްޞަ ދުވަހަކަށް ލިޔެވިދާނެ ނޫންތޯއެވެ.
ކޮންމެއަކަސް އިންޓަރނެޓުގެ ފަސޭހަކަމާ އެކު ލޯ ކުޑަކޮށްގެން މުޅި ދުނިޔެއަށް ބަލައިލީމެވެ. މި ދުވަހާ ގުޅޭ ވަރަށް ގިނަ މައުލޫމާތުތައް އެކީއެކައްޗަކަށް ލޯ ކުރިމައްޗަށް އޮހުނެވެ. ދެން މި އޮތީ އެންމެ އުނދަގޫ ކަމެވެ. ގޮތެއް ނިންމުމެވެ. މައުލޫމާތުތައް ވަރަށް ގިނައެވެ. އެޕްރީލު 15ވަނަ ދުވަސް ޚާއްޞަ ވާ ކަންކަން، ވަރަށް ގިނައެވެ. މި ދުވަހުގައި ފާހަގަކުރާ ޚާއްޞަ ދުވަސްތައް ވަރަށް ގިނައެވެ.
އެޕްރީލު 15ވަނަ ދުވަހު ފާހަގަކުރާ ޚާއްޞަ ދުވަސްތަކުގެ ތެރެއިން، އަޅުގަނޑު މި ލިޔުމުގައި ބަލައިލާން ބޭނުން ވަނީ، އަޅުގަނޑުމެންނާ ވެސް ގުޅޭ ދާއިރާއެއްގެ ތެރެއިން، އާދެ! އަސްކަރިއްޔާގައި އުޅުއްވާ ބޭފުޅުންގެ ދަރީންނަށް ”މިލިޓަރީ ޗިލްޑްރެން“ އެހެން ލަފުޒެއް ބޭނުންކުރާ ނަމަ ”ސިފަކޮއި“ އަށް ޚާއްޞަކޮށްގެން ފާހަކަކުރާ ”ޕާޕަލް އަޕް! ފޯ މިލިޓަރީ ކިޑްސް ޑޭ“ އަށެވެ. ޕާޕަލް އަޕް! ފޯ މިލިޓަރީ ކިޑްސް ޑޭގެ ގޮތުގައި މި ދުވަސް ފުރަތަމަ ފާހަގަކުރާން ފެށިފައި ވަނީ 2011ވަނަ އަހަރުގައި، ޔުނިވަރސިޓީ އޮފް ނިއު ހެމްޝްއަރ ކޯޕްރޭޓިވް އެކްސްޓެންޝަން މިލިޓަރީ ޔޫތު އެންޑް ފެމިލީ ޕްރޮގްރާމުގެ ތެރެއިން، އަސްކަރިއްޔާގައި އުޅުއްވާ ބޭފުޅުންގެ ދަރީންނަށް އަމާޒުކޮށްގެން ހިންގި ތަޢުލީމީ ހަރަކާތެއްގެ ތެރެއިންނެވެ.
ޕާޕަލް އަޕް! ފޯ މިލިޓަރީ ކިޑްސް ޑޭގެ ގޮތުގައި އެޕްރީލު މަހުގެ 15ވަނަ ދުވަސް ހަމަޖެއްސެވީ ޔުނިވަރސިޓީ އޮފް ނިއު ހެމްޝްއަރއިންނެވެ. ވަކި ދުވަހެއް ކަނޑައެޅުމުގެ ކުރީގައި ވެސް، އެޕްރީލު މަހަކީ ސިފަކޮއިންގެ ޝަރަފުގައި، ޚާއްޞަ މަހެއްގެ ގޮތުގައި ފާހަކަކުރަމުން އައި މަހެކެވެ. 1986ވަނަ އަހަރުން ފެށިގެން ސިފަކޮއިންގެ އަގުވަޒަންކުރުމުގެ ގޮތުން އެޕްރީލު މަސް ”މަންތު އޮފް ދި މިލިޓަރީ ޗައިލްޑް“ ގެ ގޮތުގައި ފާހަގަކުރަމުން އައެވެ. އަދި ޕާޕަލް އަޕް! ފޯ މިލިޓަރީ ކިޑްސް ޑޭ ވެސް އުފެދިގެން މި ދިޔައީ މި ބޮޑު ކެމްޕެއިންގެ ދަށުން އައި ހަރަކާތެއްގެ ތެރެއިންނެވެ.
މި ދުވަހުގެ ނަން އަދި ކުލަ ކަމުގައި ”ޕާޕަލް“ ނުވަތަ ދަނބު ކުލަ ބޭނުންކުރެވިގެން ދިޔައީ ކީއްވެބާއޭ ސުވާލު އުފެދުނެވެ. ޖަވާބެއް ހޯދުމަށް ދިރާސާކުރިކުރުމުން އެނގިގެން ދިޔައީ ޕާޕަލް ނުވަތަ ދަނބު ކުލަ ބޭނުންކުރެވިފައިވާ ކަމަށް މި ބެލެވެނީ، އަސްކަރިއްޔާގެ ހުރިހާ ގޮފިތަކުގައި ގުޅުމެއް އުފެއްދުމަށެވެ. އަސްކަރިއްޔާގެ ހުރިހާ ގޮފިތަކުގެ ކުލަތައް ތަމްސީލުކޮށްދިނުމަށެވެ. އެގޮތުން ބަލާ އިރު އަސްކަރިއްޔާގެ ތަފާތު ގޮފިތަކުގެ ކުލަތައް ކަމަށްވާ ”އާމީ ގްރީން“، ”ނޭވީ ބްލޫ“، ”މެރައިން ރެޑް“، ”ކޯސްޓްގާޑް ބްލޫ“ އަދި ”އެއަރ ފޯސް ބްލޫ“ މި ހުރިހާ ކުލަތައް އެއްކޮށްލުމުން އުފެދޭ ކުލައަކީ ”ޕާޕަލް“ ނުވަތަ ދަނބު ކުލައެވެ. އެހެންކަމުން ދަނބު ކުލައަކީ މުޅި އަސްކަރިއްޔާ ރަމްޒުކޮށްދޭ ކުލަ ކަމުގައި ކަނޑައަޅައި އެ ކުލަ ބޭނުންކުރާން ފެށްޓީއެވެ.
ދުނިޔޭގެ އެކިއެކި އަސްކަރިއްޔާތަކުގެ ސިފަކޮއިންގެ އަގުވަޒަން ކުރުމަށް، ވަކި އެއް މަސް ކަނޑައަޅައި، އޭގެ އިތުރަށް ވަކި ދުވަހެއް މި ވަނީ ކަނޑައަޅާފައެވެ. އާދެ! ދުނިޔޭގެ އެކިއެކި އަސްކަރިއްޔާތަކުގައި އުޅޭ މައިންނާއި ބަފައިންގެ ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅެންޖެހޭ ގޮތުގެ ސަބަބުން، ސިފަކޮއިން އެ ވާ ގުރުބާނީތަކާއި އެ ކުދީންގެ ހިތްވަރަކީ މުޅި ގައުމު ބަލައިގަނެ އަގުވަޒަންކުރުން ހައްގުވާ ވަރުގެ ކަމެކެވެ. އެހެންކަމުން، އެ ކުދީންނާ އެކު މުޅި މުޖުތަމައު ވާ ކަން އެ ކުދީންނަށް އިހުސާސްކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މި ފަދަ ދުވަހެއް ފާހަގަކުރުމުގެ ގޮތުން މުޖުތަމައުގެ ފަރުދުން ހެދުން އެޅުމުގައި ދަނބު ކުލައިގެ ކޮންމެ ވެސް މިންވަރެއް ހިމަނައި، ސިފަކޮއިންނަށް އިތުރު ހިތްވަރެއްދީ، އެ ކުދީންނާ އެކުގައި މުޅި މުޖުތަމައު ވާކަން ދައްކުވައިދީ، އެ ކުދީންގެ އަގުވަޒަންކުރާކަން ދައްކުވައިދެއެވެ.
