ލީޑަރޝިޕް ނުވަތަ އިސްދާނަކަމަކީ ޓީމެއް ނުވަތަ ގުރޫޕަކާ އެކު ވަކި މަގުސަދެއް ހާސިލު ކުރުމަށް ޓަކައި ދާންވީ މިސްރާބު ދައްކައިދީ، އެ މީހުން ބާރުވެރިކޮށް ޝައުގު އާލާކުރުމުގެ ގާބިލުކަމެވެ. ޓީމެއްގެ ގޮތުގައި ކަމެއް ހާސިލުކުރުމަށް ޓަކައި އިސްވާރެއްގެ ނުވަތަ ލީޑަރެއްގެ ދައުރަކީ ވަރަށް މުހިންމު ދައުރެކެވެ. ކާމިޔާބަށް ވާސިލުވުމުގެ އެއް އަސާސެވެ. ރަނގަޅު އިސްވާރަކީ އޭނާގެ ޓީމު މެންބަރުންގެ ހުނަރާއި ގާބިލުކަން ދެނެގަނެ، އެ ހުނަރުތަކާއި، ގާބިލިއްޔަތުކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ މަގު ދައްކާ އިސްވާރެވެ. މި ކަން ކުރުމުގައި ޙާލަތާ ގުޅޭ އިސްދާނަކަމުގެ ވައްތަރެއް ޚިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އިސްދާނަކަމުގެ ވައްތަރުތަކުގެ ތެރެއިން ޑިމޮކްރެޓިކް، ލެއިޒެސްފެއަރ، އަދި އޮޓޯކްރެޓިކް އިސްދާނަކަމަކީ އެންމެ އާންމު ތިން ވައްތަރެވެ. މި ވައްތަރުތަކުގެ ތަފުސީލަށް ބަލައިލާނަމެވެ.
ޑިމޮކްރެޓިކް ލީޑަރޝިޕް ނުވަތަ ދީމިޤްރާތީ އިސްދާނަކަމަކީ ޓީމު ނުވަތަ އެ ޖަމާޢަތެއްގައި ހިމެނޭ މީހުންގެ ފަރާތުން ޚިޔާލާއި މަޝްވަރާ ހޯދައި، ޓީމު މެންބަރުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމުގެ ނިޒާމެއް އޮންނަ އިސްދާނަކަމުގެ ވައްތަރެކެވެ. ޑިމޮކްރެޓިކް އިސްވާރުން ގޮތް ނިންމުމުގައި މަޝްވަރާ ނުހޯދައި އަމިއްލައަށް ގޮތެއް ނުނިންމާނެއެވެ. މިއީ ދުނިޔޭގައި މިހާރު އެންމެ ގިނަ މީހުން ތާޢީދުކުރާ، އެންމެ މަޤުބޫލު އިސްދާނަކަމުގެ ފޭޑިއެވެ. ގިނަ ގައުމުތައް ޑިމޮކްރަސީއަށް ތަބާވާ މައިގަނޑު ސަބަބަކީ، ގިނަ މީހުންގެ ޚިޔާލު ހޯދައިގެން ކަންކަން ނިންމުމުގެ އުސޫލެއް ގެންގުޅޭތީއެވެ. މީގެ ސަބަބުން ރަނގަޅު ނިންމުންތައް ނިންމި، ކަންކަން ނިންމުމުގައި ޓީމު މެންބަރުންގެ ހިއްސާ އޮންނަ ކަމުގެ އިހުސާސް އެ މީހުންނަށް ކުރެވެއެވެ. މި ކަމުގެ ހެތްކެއްގެ ގޮތުން، ދުނިޔޭގެ ތަރައްގީވެ ކުރިއަރައިފައިވާ ބޮޑެތި، ގިނަ ގައުމުތަކުގައި ވެރިކަމުގެ ނިޒާމު ބިނާކޮށްފައި އޮންނަނީ މި ދެންނެވުނު ޑިމޮކްރަސީ ނުވަތަ ޑިމޮކްރެޓިކް އިސްދާނަކަމުގެ މައްޗަށެވެ. މިސާލަކަށް، އެމެރިކާ، ޑެންމާކް، އޮސްޓްރޭލިއާ، ޖަޕާން ފަދަ ގައުމުތަކަކީ ދުނިޔޭގައި އެކި ގޮތްގޮތުން ތަރައްގީވެ ކުރިއަރައިފައިވާ ގައުމުތަކެވެ. ކަން މިހެން އޮތް ނަމަވެސް، މި ނިޒާމު ރަނގަޅަށް މީޒާން ނުކުރެވިއްޖެ ނަމަ، ނުރަނގަޅު ނިންމުންތައް ނިންމި، އިސްވާރުގެ ތަސައްވަރާ ޚިލާފަށް ކަންކަން ދިއުމުގެ ފުރުސަތު އޮންނާނެއެވެ. ހަމައެހެންމެ، އެންމެންގެ މަޝްވަރާ ހޯދަން ޖެހުމުން، ގޮތް ނިންމުމުގައި ވަގުތު ނަގާނެއެވެ. މި ކަން މިގޮތަށް އޮތް ކަމުގައި ވީ ނަމަވެސް، ޑިމޮކްރެޓިކް އިސްދާނަކަމަކީ ދުނިޔޭގައި މިހާރު އެންމެ މަގުބޫލު އެއް އިސްދާނަކަމުގެ ފޭޑިއެވެ.
ޓީމު މެންބަރުން ނުވަތަ އިސްވާރެއްގެ ދަށުން މަސައްކަތް ކުރާ މީހުންގެ އަތްމައްޗަށް ކަންކަން ނިންމުމުގެ ބާރު ދީގެން މަސައްކަތް ކުރާ އިސްވާރުން ވެސް މިއަދަކު މަދެއް ނޫނެވެ. މި ބާވަތުގެ އިސްދާނަކަމަށް ކިޔަނީ ”ލެއިޒެސްފެއަރ އިސްދާނަކަން“ ނުވަތަ ”ޑެލިގޭޓިވް އިސްދާނަކަން“ އެވެ. މި ވައްތަރުގެ އިސްދާނަކަމުގެ ނަތީޖާ އެންމެ ފުރިހަމައަށް ނެރެވޭނީ އެ ބަޔަކީ އެ ކަމުގެ ޢިލްމާއި ހިލްމުގެ އިތުރުން އެ ދާއިރާއެއްގައި ފުންނާބު އުސް ބަޔަކަށް ވާނަމައެވެ. އެހެން ނޫން ނަމަ ކަންކަން އެންމެ ރަނގަޅަށް ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.
ޑެލިގޭޓިވް އިސްދާނަކަމުގައި ލީޑަރުގެ ދައުރު ބޮޑު ނުވި ނަމަވެސް، ޓީމުގެ މަސައްކަތް ކުރިއަށް ދާ ގޮތް ރަނގަޅަށް ބަލަން ޖެހޭނެއެވެ. އިސްވާރާއި އޭނާގެ ދަށުން މަސައްކަތް ކުރާ މީހުންނާ ދެމެދު ވަރަށް ބޮޑު އިތުބާރެއް އޮވެގެން ނޫނީ މި އިސްދާނަކަން އޭގެ ހަގީގީ ފޭޑީގައި މަސައްކަތެއް ނުކުރެވޭނެއެވެ. އިސްވެ ދެންނެވި ފަދަ އިތުބާރެއް އޮވެގެން މަސައްކަތް ކުރާ ނަމަ ޓީމު މެންބަރުންގެ ޝައުގާއި ޖޯޝް ރަނގަޅުވެ، އެ މީހުންނަށް ލިބޭ ހިތްހަމަޖެހުން އިތުރަށް ބޮޑު ވުމުގެ ސަބަބުން ޓީމުގެ ބޭނުންތެރިކަން އިތުރުވާނެ ކަމާ މެދު ޝައްކެއް ނެތެވެ.
މިއަދު ސްމާޓް ފޯނާއި ފަންނިއްޔާތުގެ ދާއިރާގައި އެންމެ މަޝްހޫރު އެއް ކުންފުނި ކަމުގައިވާ އެޕަލް ކުންފުނީގެ ކޯ ފައުންޑަރ، ސްޓީވްޖޮބްސްއަކީ ތާރީޚުގައި ފާހަގަކޮށްލެވޭ ޑެލިގޭޓިވް ލީޑަރެކެވެ. އެ ކަމުގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުނި މިއަދު ވެފައިވަނީ ދުނިޔޭގެ ފަންނިއްޔާތުގެ ދާއިރާގައި އެންމެ ކާމިޔާބު އެއް ކުންފުނީގެ ގޮތުގައެވެ. ކަންކަން މިހެން ހުރުމުން ދަންނަވައިލަން ޖެހެނީ، ޑެލިގޭޓިވް އިސްދާނަކަމުގެ ފޭޑިއަކީ ތަޖުރިބާ ހުރި، ގާބިލު، އެ ކަމަކަށް ފުންނާބު އުސް ބައެއްގެ މައްޗަށް ބޭނުންކުރެވިދާނެ ފޭޑިއެއް ކަމުގައެވެ.
އޮޓޯކްރެޓިކް ލީޑަރޝިޕް ނުވަތަ ޚުދުމުޚުތާރީ އިސްދާނަކަމަށް ބަލައިލާ އިރު، މިއީ އެހެން އިސްދާނަކަމުގެ ސްޓައިލްތަކާ ވަރަށް ވެސް ތަފާތު ވައްތަރެއްގެ އިސްދާނަކަމުގެ އުސްލޫބެކެވެ. ޚުދުމުޚުތާރީ އިސްވާރުން އެ މީހުންގެ ޓީމު މެންބަރުންގެ މަޝްވަރާއާއި ލަފައެއް ނުހޯދާނެއެވެ. މިއީ އިސްވާރު ބުނާ ގޮތަށް ކަންކަން ކުރަން ޖެހޭ، ހަރުކަށި ކޮންޓްރޯލެއް ގެންގުޅޭ އުސްލޫބެކެވެ. ހުރިހައި ކަމެއްގައި ވެސް ގޮތް ނިންމާނީ އިސްވާރެވެ. މި އިސްދާނަކަމުގެ ފޭޑީގެ ގޮތުން މިއަށް ”ޚުދުމުޚުތާރީ އިސްދާނަކަން“ އޭ ވެސް ކިޔައެވެ. އޮޓޯކްރެޓިކް އިސްދާނަކަން ވެރިކަމުގެ ނިޒާމެއްގެ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ފެނިފައިވާ އަދި މިއީ މިހާރު ވެސް ބައެއް ގައުމުތަކުގައި ފެންނަމުންދާ ވެރިކަމުގެ ނިޒާމެކެވެ. މި ނިޒާމުގެ މައިގަނޑު ސިފައަކީ ވެރިކަމުގެ ހުރިހައި ބާރެއް އެއް ފަރާތެއްގެ އަތްމައްޗަށް ޖަމާވެފައި އޮތުމެވެ. ނޯތު ކޮރެއާއާއި ސަޢުދީ އަރަބިއްޔާ ފަދަ ގައުމުތަކަކީ ޚުދުމުޚުތާރީ އިސްދާނަކަން އޮންނަ ގައުމުތަކެވެ.
ބައެއް ހާލަތުތަކުގައި މިއީ ވަރަށް އަސަރުވެރި ފޭޑިއެއްގެ ގޮތުގައި ބެލެވެއެވެ. ބޮޑު ކާރިސާއެއް ނުވަތަ ޤާނޫނު ތަންފީޒުކުރުމާއި، އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ހާލަތުތަކުގައި މީހުންގެ ޚިޔާލާއި މަޝްވަރާ ހޯދާކަށް ނުޖެހެއެވެ. މި ފަދަ ހާލަތުތަކުގައި ޚުދުމުޚުތާރީ އިސްވާރުންގެ ދައުރު ވަރަށް މުހިންމުވެއެވެ. ދުނިޔޭގެ ހުރިހައި އަސްކަރީ ބާރުތަކުގައި ޚުދުމުޚުތާރީ ފޭޑިޔަށް އަމަލު ކުރަމުންދަނީ މި ސަބަބަށް ޓަކައެވެ.
ސިފައިންނަކީ ވަކި އަދަބު އަޚުލާޤެއްގެ މަތީގައި ތިބޭ ބައެކެވެ. ކޮންމެ ހިނދަކުމެ ގޮވައިލާ ކޮންމެ ގޮވައިލުމަކަށް އިޖާބަދޭން ސާބިތުކަމާ އެކު ތިބި، ފަޚުރުވެރި ބަޔަކަށް ވީތީ، ސިފައިންގެ ގައުމީ ވާޖިބާއި މުހިންމަތު ހާސިލު ކުރުމަށް ޓަކައި އެންމެ އެކަށޭނަ އިސްދާނަކަމުގެ ފޭޑިއަކީ ޚުދުމުޚުތާރީ އިސްދާނަކަމެވެ. ނަމަވެސް، ޓީމު މެންބަރުންގެ ޚިޔާލު ހޯދުމެއް ނެތި، އިސްވާރު އަންގާ ގޮތަށް ކަންކަން ކުރަން ޖެހުމުން ބައެއް ފަހަރަށް ޓީމުގެ ރޫޙު ދަށްވެ، ޓީމު މެންބަރުންގެ ހުނަރުތައް ބޭނުން ނުކުރެވޭ ފަހަރު ވެސް އާދެއެވެ. އަދި ޓީމުގެ ތަރައްގީއާއި ކުރިއެރުމަށް މީގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެއެވެ. އެހެންނަމަވެސް، ޚުދުމުޚުތާރީ އިސްދާނަކަމަކީ އޭގެ ޒާތުގައި ނަތީޖާނެރެވޭ އަދި އޭގެ ސަބަބުން ޓީމު މެންބަރުންނަށް ސާފު މިސްރާބެއް ދައްކައިދެވި، އަވަސް ނިންމުންތަކެއް ނިންމޭ، ވަރުގަދަ ކޮންޓްރޯލެއް އޮންނަ އިސްދާނަކަމުގެ ފޭޑިއެކެވެ.
އިސްދާނަކަމަކީ ވެސް ކޮންމެ ޖަމާޢަތެއްގެ ކުރިއެރުމާއި ތަރައްގީއަށް ކޮންމެހެން ބޭނުންވާ އަސާސެކެވެ. ރަނގަޅު އިސްވާރަކަށް ވުމަށް ޓަކައި އިސްދާނަކަމުގެ ތަފާތު ވައްތަރުތަކާއި އޭގެ ބޭނުންތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ. ހަމައެއާ އެކު، ހާލަތާ ގުޅޭ ގޮތުން އެކަށޭނަ އިސްދާނަކަމުގެ ވައްތަރެއް ޚިޔާރުކުރުމުގެ ޤާބިލުކަން ހުންނަންޖެހެއެވެ. ކާމިޔާބު އިސްވާރަކީ އޭނާގެ ޓީމުގެ މެންބަރުންގެ ހުނަރާއި ގާބިލުކަން ދެނެގަނެ، އެ ހުނަރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ މަގު ދައްކައިދޭ މީހެކެވެ. އެހެންކަމުން، އިސްދާނަކަމުގެ ހުނަރުތައް ދަސްކޮށް، އަމިއްލަ ނަފްސު ތަރައްގީކުރުމަކީ ކޮންމެ މީހަކު ވެސް އަހަންމިއްޔަތުކަން ދޭންވީ ކަމެކެވެ. މި ގޮތަށް އަމަލުކޮށްފި ނަމަ އަމިއްލަ ނަފްސަށާއި، މުޖުތަމައަށް ފައިދާކުރާނެ ގާބިލު އިސްވާރުންތަކެއް އުފެދޭނެ ކަމާ މެދު ޝައްކެއް ނެތެވެ.
