ބޮޑު ހަނގުރާމައަށް “ފުރަތަމަ ބޮޑު ހަނގުރާމަ” ނުވަތަ “ވޯލްޑް ވޯރ 1” މި ނަމުން ނަންދެވުނީ، ދެވަނަ ބޮޑު ހަނގުރާމަ ފެށުމަށް ފަހުއެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ކުރިން މި ހަނގުރާމަ އަށް، ތާރީޚީ ޢިލްމުވެރިން ދީފައިވާ ނަމަކީ، “ބޮޑު ހަނގުރާމަ” ނުވަތަ “ގްރޭޓް ވޯރ” އެވެ. “ފުރަތަމަ ބޮޑު ހަނގުރާމަ” މި ނަން ކުރިން މުޚާތަބުކުރަމުން ނުދެއެވެ.

ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ހަތަރު އަހަރު ވާންދެން ދެމިގެން ދިޔައެވެ. ފެށުނީ، 28 ޖުލައި 1914 ގައެވެ. ރަސްމީކޮށް ނިންމާލީ، 11 ނޮވެންބަރ 1918 ގައެވެ.

ހަނގުރާމަ ފެށެން މެދުވެރިވި ހާދިސާ

ދުނިޔޭގެ ބޮޑު ހަނގުރާމަ ފެށުނު ދުވަސްވަރު، ދުނިޔޭގެ ސިޔާސަތު ތެރެއަށް ވަދެ ގޮތްތައް ރާވައި ކުޅެމުން ގެންދިޔައީ، އޭރު ދުނިޔޭގެ ބާރުގެ ގޮތުގައި ތިބި، ޔޫރަޕުގެ ޙިޔާލާއި ފިކުރުންނެވެ. އަދި އެ ދުވަސްވަރު ދަރިފަސްކޮޅަށް ދެމިގެން އައިސްފައިވާ ވަރުގަދައަށް މޫލާފައިވާ ދެ ރަސްކަމެއް ވަރަށް ވަރުގަދަކޮށް އޮތެވެ. އެއީ އޮސްޓްރޯ ހަންގޭރިއަން އެންޕަޔަރާއި ރަޝިޔަން އެންޕަޔަރުގެ ވެރިކަމެވެ. މި ހަނގުރާމަ ”ބޮޑު ހަނގުރާމަ“ އަކަށް ބަދަލުވީ، މި ދެ ބާރުގެ ނުފޫޒުންނޭ ދެންނެވިދާނެއެވެ. އެކަން ހިނގައިދިޔަގޮތް ވިދާޅުވެލައްވާށެވެ.

އޮސްޓްރޯ ހަންގޭރިއަން ރަސްކަމުގެ ޝާހީ ވަލީއަހުދަކީ، އާރކްޑިއުކް ފްރޭންޒް ފްރެޑިނަންޑެވެ. 1889 އިން ފެށިގެން 1914 ޖޫން 28 ވަނަ ދުވަހާ ހަމައަށް، އަވަހާރަކޮށްލެވެންދެން ހުންނެވީ ރަސްކަމުގެ ޝާހީ ވަލީއަހުދުގެ ގޮތުގައެވެ. އާރކްޑިއުކް ފްރޭންޒްގެ އަނބިކަނބަލުންނަކީ، ސޯފިޔާ ޗޯޓެކްއެވެ.

މި ދެ ބޭފުޅުން އެކުގައި ކާރެއްގައި ވަޑައިގަންނަވަނިކޮށް، ބޮސްނިޔާ އެންޑް ހެޒްގޮވީނިޔާގެ ރަށެއް ކަމުގައިވާ ސެރާޔޭވޯ ގައި ދެބޭފުޅުން އަވަހާރަކޮށްލިއެވެ. ދެ ބޭފުޅުން އަވަހާރަކޮށްލި ޤާތިލަކީ، ކިންގްޑަމް އޮފް ސާބިޔާގެ 19 އަހަރުގެ ޒުވާނެކެވެ. މި ޤާތިލްގެ ނަމަކީ، ގަވިލޯ ޕްރިންސިޕްއެވެ.

ޤާތިލު، ގަވިލޯ އަކީ، 1901 ވަނަ އަހަރު ސާބިއަން ރަސްކަމުގެ ސިފައިން އުފެއްދި ސީކްރެޓް މިލިޓަރީ ސޮސައިޓީން ބަލަހައްޓަމުން ގެންދިޔަ، “ބްލެކް ހޭންޑް” ގްރޫޕްގެ އަސްކަރީ ތަމްރީނު ލިބިފައިހުރި، ހަނގުރާމައިގެ އުކުޅުތައް ދަސްކޮށްފައިވާ ޒުވާނެކެވެ. ކުރިން ދެންނެވި ބްލެކް ހޭންޑަކީ ސާބިޔާ ސިފައިންގެ އަންޑަރގްރައުންޑް ޖަމާޢަތެކެވެ.

ފްރޭންޒް ފްރެޑިނަންޑް، އަވަހާރަކޮށްލި ހާދިސާ ހިނގައިދިޔަ ގޮތަކީ، އަނބިކަނބަލުން ސޯފިޔާއާއެކު ބޮސްނިޔާ އެންޑް ހެޒްގޮވީނިޔާގެ މަގެއްގެ މަތިން ކާރުގައި ދުއްވާފައި ގޮސް، މަގު ބަދަލު ކޮށްލަން ކާރު ހުއްޓާލި ވަގުތު، ޤާތިލް ގަވިލޯ ކުއްލިއަކަށް ނުކުމެ ފިސްތޯލަ އަކުން ވަޒަންތައް ފޮނުވާލީއެވެ. އޭނާ ވަޒަންތައް ފޮނުވާލީ އެންމެ ފަސްފޫޓް ކައިރިންނެވެ. އެއިން ވަޒަނެއް ފްރެންޒްގެ ކަރުފުޅަށް އަމާޒުވިއެވެ. އަދި ސޯފިޔާގެ ދަށްބަނޑުކޮޅަށް، އެހެން ވަޒަނެއް އަމާޒުވެ ގަޑިއެއްހައި އިރުތެރޭގައި ދެ ބޭފުޅުން އަވަހާރަވެ، ދުނިޔެ ދޫކުރެއްވީއެވެ. ޤާތިލުކަލޭގެ މަރުވީ، އޭނާގެ އުމުރުން، 23 އަހަރުގައި ޖަލުގެ ކުޑަގޮޅީގައި އޮވެއެވެ.

މި ހާދިސާ އަކީ ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފެށުމުގެ އަސްލެވެ. ސާބިޔާ މީހަކު، އޮސްޓްރޯ ހަންގޭރިއަން އެންޕަޔަރުގެ ވަލީއަހުދު، ޤަތުލްކޮށްލުން ވެގެން ދިޔައީ އޮސްޓްރޯ ހަންގޭރިއަން އެމްޕަޔަރގެ ރުޅިވެރިކަން ސިންގާއެއް ފަދައިން ކެކި އަރައިގެންދިޔަ ކަމަކަށެވެ. އެ ރުޅިވެރިކަމުގައި، އޮސްޓްރޯ ހަންގޭރިއަން އެންޕަޔަރުން ކިންގްޑަމް އޮފް ސާބިޔާއާ ދެކޮޅަށް 1914 ޖުލައި 28 ވަނަ ދުވަހު ހަނގުރާމަ އިޢުލާނު ކުރިއެވެ.

އޮސްޓްރޯ ހަންގޭރިއަނުންނާއި ސާބިޔާ

އެ ހާދިސާގެ ދުވަސްތަކެއް ކުރިއަށް ޖެހިލާއިރު، އެ ދުވަސްވަރު ޔޫރަޕުގެ ބޮޑެތި ބާރުތައް ބެހިފައިވާ ގޮތާއި، ޔޫރަޕުގައި ބާރާއި ނުފޫޒު ހޯދުމަށް ބާރުގަދަ އެމްޕަޔަރުތަކުން މަސައްކަތްކުރަމުންދިޔަ ގޮތަކީ ވެސް ކޮންމެހެން ބަލައިލަންޖެހޭ ކަމެވެ. އެހެނީ، އޮސްޓްރޯ ހަންގޭރިއަން ރަސްކަމުގެ ޝާހީ ވަލީއަހުދު އަވަހާރަކޮށްލުމާއެކު، ސުނާމީއެއް ފަދައިން ޔޫރަޕުގައި އެ ދުވަސްވަރުގެ މަޝްރަހު އެހާ އަވަސްކަމާއެކު ބަދަލުވެގެން ދިޔައީ މި ދެންނެވި ނުފޫޒުތަކުގެ ސަބަބުން ކަމުގައިވާތީއެވެ.

އޮސްޓްރޯ ހަންގޭރިއަން އެމްޕަޔަރަކީ، އޮސްޓްރިއާ އެމްޕަޔަރާއި، ކިންގްޑަމް އޮފް ހަންގޭރީގެ ގުޅިފައިވާ ކޮންސްޓިޓިއުޝަނަލް ޔުނިއަންއެކެވެ. ޔޫރަޕުގައި ވަކި ހިއްޕާލާފައިއޮތް މި ބާރުގަދަ ވެރިކަން 51 އަހަރަށް ދިގު ދެމިގެންދިޔައެވެ. މި ވެރިކަން ބައިބައިވެގެން ދިޔައީ ފުރަތަމަ ބޮޑު ހަނގުރާމައިގައި ލިބުނު ނާކާމިޔާބަށް ފަހު 1918 ވަނަ އަހަރުއެވެ.

ކުރިން ވެސް ފާހަގަކުރި ފަދައިން ފުރަތަމަ ބޮޑު ހަނގުރާމައިގެ ފެށުމަކީ، އޮސްޓްރޯ ހަންގޭރިއަންގެ ޝާހީ ބޭފުޅަކު، ކިންގްޑަމް އޮފް ސާބިޔާއަށް ނިސްބަތްވާ މީހެއްގެ އަތުން ޤަތުލު ކޮށްލުމުގެ ރުޅިވެރިކަމުގައި އިޢުލާނު ކުރެވުނު ހަނގުރާމައެކެވެ.

އެހެންނަމަވެސް، އޮސްޓްރޯ ހަންގޭރިއަން އެމްޕަޔަރުން، ސާބިޔާއާ ދެކޮޅަށް މި ހަނގުރާމަ އިޢުލާނުކުރި “ހަމައެކަނި” ސަބަބަކީ، މި ޤަތުލޭ ދެންނެވޭކަށް ވެސް ނެތެވެ. މިއީ ދުނިޔޭގެ ސިޔާސީ ބޮޑު ބަހުސަކަށްވާތީ، އެ ޤަތުލުގެ ކުރިން އޮސްޓްރޯ ހަންގޭރިއަނުންނާއި ސާބިޔާއާ ދެމެދު ހިނގާފައިހުރި ބައެއް ކަންކަމާއި، ޔޫރަޕުގެ ސިޔާސީ މަޝްރަހު އެ ދުވަސްވަރު އެނބުރެމުންދިޔަ ގޮތާއި، ފުރަތަމަ ބޮޑު ހަނގުރާމައިގެ ފެށުން ގުޅުވާލަން ވެސް ޖެހެއެވެ.

އިހަށް، ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމުގެ ކުރިން ޔޫރަޕުގައި ނުފޫޒު ފޯރުވަމުންދިޔަ ބޮޑެތި ބާރުތައް އުފެދި، ފުޅާވެގެންދިޔަ ގޮތުގެ މައްޗަށް ބަލައިލަމާ ހިނގާށެވެ.

ޔޫރަޕުގައި އުފެދުނު އިއްތިހާދީ ބާރުތައް

ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައަކީ ޔޫރަޕުގައި އެ ދުވަސްވަރު އުފެދިގެން އައި އިއްތިހާދީ ބާރު (އެލައިންސް) ތަކުގެ މެދުގައި ކުރެވުނު ހަނގުރާމަ އެކެވެ. އެ ދުވަސްވަރު ޔޫރަޕުގައި ފައްކާވެގެން އައި މި އިއްތިހާދީ ބާރުތައް ފެށުނީ 1879 ވަނަ އަހަރު، ޖަރުމަނާއި އޮސްޓްރޯ ހަންގޭރިއަނުންގެ މެދުގައި އުފެއްދި “ދަ ޑުއެލް އެލައިންސް” އާ ހަމައިންނެވެ. މި ދެ ވެރިކަމުގެ މެދުގައި އުފެއްދި އިއްތިހާދީ ބާރުގެ ސަބަބުން ޔޫރަޕުގެ މެދުތެރޭގެ ފުރިހަމަ ކޮންޓްރޯލާއި ބާރާއި ނުފޫޒު، “ޑުއެލް އެލައިންސް” އަށް އޮތީ ލިބިފައެވެ.

ފަހެ، ޖަރުމަނާއި އޮސްޓްރޯ ހަންގޭރިއަނުންގެ މެދުގައި އުފެދުނު “ޑުއެލް އެލައިންސް” އަށް ގާތްގަނޑަކަށް 13 އަހަރު ފުރުނުއިރު، ފްރާންސާއި ރަޝިއާއިން ވެސް އިއްތިހާދީ ބާރެއް އުފައްދައިފިއެވެ. “ދަ ޑުއެލް އޮންޓޮންޓް” ގެ ނަމުގައި އުފެއްދި މި އިއްތިހާދީ ބާރު އުފަންވީ 1892 ވަނަ އަހަރުއެވެ. ރަޝިއާ އާއި ފުރާންސްގެ މި އިއްތިހާދީ ބާރާއެކު ޔޫރަޕުގައި ބާރުގަދަކުރަމުންދިޔަ ޖަރުމަނުގެ ނުރުހުން، މި އިއްތިހާދަށް އަމާޒުވެގެން ދިޔައެވެ. މިއާއެކު، މި ދެ އިއްތިހާދީ ބާރަކީ ޔޫރަޕުގައި ތިބި ‘ބީރައްޓެހިން’ ގެ ގޮތުގައި ސިފަކުރެވެމުން ދާން ފެށިއެވެ. ހަމައެހެންމެ، ހަނގުރާމައިގެ ހަތިޔާރު އުފެއްދުމުގަ އާއި ސިޔާސީ ނުފޫޒާއި ސަރަހައްދުގައި ބާރު ގަދަކުރުމުގައި، މި ދެ އިއްތިހާދީ ބާރުގެ މެދުގައި ވާދަވެރި ‘ރޭހެއް’ ފެށިގެން ދިޔައެވެ. މައިގަނޑު ގޮތެއްގައި، މި އިއްތިހާދީ ބާރުތަކުން ނެރެމުންދިޔަ އެޖެންޑާއަކީ، އެއްގޮތަކުން ނޫނީ އަނެއް ގޮތަކުން އެ ޤައުމުތަކުގެ ބާރުތައް ފުޅާކޮށް، އިޤްތިޞާދީ އަދި ސިޔާސީ ނުފޫޒު ވަރުގަދަކުރުމެވެ.

1900 ގެ އަހަރުތަކަށް އެޅިއިރު، ޔޫރަޕުގެ އިއްތިހާދުތައް ފެންނަމުން ދިޔައީ ފުޅާވެ ވަރުގަދަވަމުން ދިޔަ މަންޒަރެވެ. މިގޮތުން، ޖަރުމަނާއި އޮސްޓްރޯ ހަންގޭރިއަނުންގެ މެދުގައި އުފެއްދި “ޑުއެލް އެލައިންސް” އާ، އިޓަލީވިލާތުން ގުޅި، ތިން ޤައުމުގެ ގުޅިފައިވާ “ޓްރިޕަލް އެލައިންސް” އެއް އުފެއްދިއެވެ.

“ޓްރިޕަލް އެލައިންސް” އުފެދިގެން އައި ފަހުން، 1907 ވަނަ އަހަރު، އިނގިރޭސިވިލާތުން، ރަޝިއާ އާއި ފުރާންސްގެ އިއްތިހާދީ ބާރާ ގުޅި “ޓްރިޕަލް އޮންޓޮންޓް” އުފައްދައިފިއެވެ.

އިނގިރޭސިންނަކީ އެ ދުވަސްވަރަށް ބަލާއިރު، އެންމެ ވަރުގަދަ ކަނޑުގެ ބާރުގެ ގޮތުގައި ދިޔައީ ބެލެވެމުންނެވެ. އަދި، އެ ދުވަސްވަރަކީ، ޖަރުމަނުވިލާތުން ކަނޑުގެ ބާރުތައް ވަރުގަދަ ކުރުމަށް އިނގިރޭސިންނާ ދެކޮޅަށް އަސްކަރީ ވާދަވެރިކަން ބޮޑުވެފައި އޮތް ދުވަސްވަރެއް ވެސް މެއެވެ. އެހެންވީމާ، ޖަރުމަނާއި އިނގިރޭސިވިލާތާ ދެމެދު އޮތް ނުތަނަސްކަމާއި ހިތްހަމަނުޖެހުންތައް ވެސް އެގޮތުގައި ދެމިއޮތެވެ.

އަސްކަރީ އަދި ސިޔާސީ ގޮތުން ހައިޖާނުގަނޑެއްގެ ތެރޭގައި އެ ދުވަސްވަރު އޮތް ޔޫރަޕުގައި، އެކި ބާރުތަކުން މިފަދަ އިއްތިހާދުތައް އުފެއްދުމުގެ މައިގަނޑު ފައިދާއަކަށް ވެގެން ދިޔައީ، ސަލާމަތީ ކަންކަމުގައި އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިވެދީ، ސިޔާސީ މަޝްރަހުގައި ޤައުމުތަކުގެ ބާރުގަދަކުރުމުގެ ފުރުޞަތު ހޯދުމެވެ. ޚާއްޞަކޮށް، އެ ދުވަސްވަރަކީ، ”އިމްޕީރިއަލިޒަމް“ގެ އަސަރު، ޔޫރަޕުގައި ވަރަށް ފުޅާކޮށް އޮތް ޒަމާނަކަށްވާތީ، އިއްތިހާދުތަކުން އެހެން ޤައުމުތައް އަޅުވެތިކޮށް، އިޤްތިޞާދީ، ސިޔާސީ ފައިދާ ނެގުމުގެ ޘަޤާފަތެއް ވެސް އޮތީ އުފެދިގެން ގޮސްފައެވެ. ބާރުތަކުން، މި ރޭހުގައި ނުފޫޒުތައް ދެމެހެއްޓުމަށް ކުރަމުންދިޔަ މަސައްކަތުގައި، ބައެއް ހަނގުރާމަތަކާއި ބައެއް ލޭއޮހޮރުވުންތައް ވެސް އެ ދުވަސްވަރު ޔޫރަޕުގައި ދިޔައީ ހިނގަމުންނެވެ.

ބަލްކަން ހަނގުރާމަތައް

ފުރަތަމަ ބޮޑު ހަނގުރާމައިގެ ކުރިން 1900 ގެ އަހަރުތަކުގެ ކުރީކޮޅު، ޔޫރަޕުގެ ބައެއް ސަރަހައްދުތައް ބައިބައިވެގެންދާން މެދުވެރިވި ބައެއް ހަމަނުޖެހުންތައް ޔޫރަޕުގެ ބަލްކަން ސަރަހައްދުގައި ހިނގާފައިވެއެވެ. މިގޮތުން ބަލްކަން ލީގުގައި ހިމެނޭ ސާބިޔާ، ބަލްގޭރިއާ، ގްރީސް އަދި މޮންޓެނީގްރޯއިން އެ ޤައުމުތަކުގައި ބާރުގަދަކޮށްފައި އޮތް އޮއްޓަމަން އެމްޕަޔަރު (ތުރުކީ) ގެ ބާރުތައް ފުހެލުމަށް، 1912 ވަނަ އަހަރު ކުރެވުނު ހަނގުރާމަތައް ފާހަގަކޮށްލަން ޖެހެއެވެ. އެ ހަނގުރާމަތަކުގައި ޔޫރަޕުގެ ހުރިހާ ޓެރިޓަރީތަކުން އޮޓަމަން ބާރުތައް ބަލިކަށިކޮށްލައި، ވަރަށްބޮޑު ކާމިޔާބެއް ބަލްކަން ލީގުން ހޯދިއެވެ.

އޮޓަމަން އެންޕަޔަރަކީ އިސްލާމީ އުންމަތް ތަމްސީލުކުރަމުންދިޔަ، އެ ދުވަސްވަރު ތުރުކީގައި ޤާއިމްކުރެވިފައިއޮތް އެންމެ ބޮޑު ޔޫރަޕުގެ ބާރެވެ. ޖަރުމަނާ ވަރަށް ބޮޑު ގުޅުމެއް އުފެދިފައި އޮތް ރަސްކަމެއް ވެސް މެއެވެ.

އޭގެ ފަހުން، ޖެހިގެން އައި 1913 ވަނަ އަހަރު ސާބިޔާ، ގްރީސް އަދި ރޮމޭނިއާއިން ބަލްގޭރިޔާއާ ދެކޮޅަށް، ދެވަނަ ބަލްކަން ހަނގުރާމަ ކުރެވުނެވެ. މި ހަނގުރާމަ ފެށެން މެދުވެރިވީ، ފުރަތަމަ ބަލްކަން ހަނގުރާމައިގައި ބަލްކަން ލީގުން ފަތަޙަކުރި މެސަޑޯނިއާ، ބައިއެޅުމުގައި ދިމާވި ސިޔާސީ ހަމަނުޖެހުންތަކާ ހެދިއެވެ. ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހު ކުރިއަށްދިޔަ މި ހަނގުރާމައިގައި މެސެޑޯނިއާގެ ވަރަށްބޮޑު ބައެއް، ސާބިޔާ އަދި ގްރީސްގެ އަތް ދަށަށް ގެނައެވެ.

މި ހަނގުރާމަތަކުގެ އިތުރުން، 1908 ވަނަ އަހަރު ބޮސްނިއާ ޕްރޮވިންސް، އޮސްޓްރޯ ހަންގޭރިއަނުންގެ ބާރުގެ ދަށަށް ގެނައި ކޮންފްލިކްޓަކީ ވެސް ފާހަގަކޮށްލަން ޖެހޭ ހަމަނުޖެހުމެކެވެ. އެ ފަހަރު، އޮސްޓްރޯ ހަންގޭރިއަނުންގެ ބާރުގެ ދަށަށް ބޮސްނިޔާ ޕްރޮވިންސް ދިޔައިރު، އެ ޤައުމުގެ ބައެއް ރައްޔިތުންނަކީ ސާބު ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. ސާބުންނަކީ ސާބިޔާ މީހުންނަށް ކިޔާ ނަމެވެ. ބޮސްނިޔާ ޕްރޮވިންސް، އޮސްޓްރޯ ހަންގޭރިއަނުންގެ ބާރުގެ ދަށަށް ދިޔުމަކީ، ސާބިޔާއިންނާއި، ސާބިޔާގެ އަވައްޓެރި ރަޝިއާގެ ރުޅިވެރިކަން އިތުރުވެގެން ދިޔަ ކަމެކެވެ. އެހެންނަމަވެސް، އޮސްޓްރޯ ހަންގޭރިއަނުންނާ ދެކޮޅަށް ހަނގުރާމައަކަށް ނުގޮސް، ސާބިޔާ އާއި ރަޝިއާއިން ”ހަޖަމު“ ކޮށްލައިގެން ތިބީއެވެ.

މި ހަމަނުޖެހުންތަކާއި ހަނގުރާމަތައް ނިމެމުންދާ ވަރަކަށް، ސާބިޔާއަކީ ބަލްކަން ސަރަހައްދުގެ ބާރުގަދަ ވެރިކަމެއްގެ ގޮތުގައި ދިޔައީ ފާހަގަކުރެވެމުންނެވެ. ހަނގުރާމަތަކުން ސާބިޔާއަށް ލިބެމުންދިޔަ ނަޞްރަކީ، އޮސްޓްރޯ ހަންގޭރިއަނުން ސާބިޔާއަށް ’ވަށްކަޅިން‘ ބަލަން މަޖުބޫރު ކުރުވި ކަމަކަށްވިއެވެ. އޮސްޓްރޯ ހަންގޭރިއަނުން ޤަބޫލުކުރަމުން ދިޔައީ، ސާބިޔާއަކީ، އެ ސަރަޙައްދަށް ހުރި ނުރައްކަލެއްގެ ގޮތުގައެވެ.

ޔޫރަޕުގެ ސިޔާސީ މަޝްރަހުގައި، އެއް ބާރާއި އަނެއް ބާރުން ނަފުރަތުގެ ވަށްކަޅިން ބަލަމުންދިޔަ އެ ދުވަސްވަރު، އޮސްޓްރޯ ހަންގޭރިއަނުންގެ ޝާހީ ވަލީއަހުދު އާރކްޑިއުކް ފްރޭންޒް ޤަތުލުކޮށްލުން ވެގެންދިޔައީ މުޅި މަޝްރަހު އަނެއް ފުށަށް ޖެހިގެންދިޔަ ހާދިސާއަށެވެ. މި ހާދިސާއަކީ ދުނިޔެ ބަދަލުކޮށްލި ފުރަތަމަ ބޮޑު ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެން ދިޔުމަށް މެދުވެރިވި ސަބަބު ކަމުގައި ގިނަ ބަޔަކު އެއްބަސްވަނީ އެހެންވެގެންނެވެ.

ހަނގުރާމައިގެ ދެ ފަޅި

ވިސްނާލަން ޖެހޭ އެންމެ މުހިންމު ނުކުތާ އަކީ، އެދުވަސްވަރު ޔޫރަޕުގެ ޤައުމުތައް ބެހިފައި އޮތްގޮތުން، ސާބިޔާ އާއި ރަޝިޔާއަކީ، އަބަދުވެސް އެއް ބްލޮކް ކަމާއި އޮސްޓްރޯ ހަންގޭރިއަން އާއި ޖަރުމަންވިލާތަކީ، އަނެއް ބްލޮކް ކަމެވެ. ފުރަތަމަ ބޮޑު ހަނގުރާމައަކީ، މި ދެ ބްލޮކްގެ ދެމެދުގައި ފެށުނު ވަރުގަދަ ހަނގުރާމަ އެކެވެ.

އޮސްޓްރޯ ހަންގޭރިއަން ފަޅީގެ ބާރަކަށްވީ، ”ސެންޓްރަލް ޕަވަރސް“ އެވެ. އަނެއްފަޅިއަކީ، ”އެލައިޑް ޕަވަރސް“ އެވެ. ”އެލައިޑް ޕަވަރސް“ އަކީ ބްރިޓިޝް އެމްޕަޔަރާއި، ރަޝިޔަން އެންޕަޔަރާއި ފްރެންޗް ރިޕަބްލިކްގެ ރަހްމަތްތެރިކަމުގެ ފަޅިއެވެ. އެ ތިން ޤައުމުގެ އިތުރުން އެފަޅިއަށް ހަނގުރާމައިގައި އެރި ޤައުމުތަކަކީ، ޔުނައިޓެޑް ސްޓޭޓްސް އާއި ޖަޕާނާއި އިޓަލީ އާއި ސާބިޔާ އަދި ބެލްޖިއަމް އެވެ. ޔުނައިޓެޑް ސްޓޭޓްސް ޢަމަލީ ގޮތުން ބައިވެރިވީ ހަނގުރާމައިގެ އެންމެފަހު ދުވަސްވަރުގައެވެ. އާދެ، 1917 ގައެވެ. އެލައިޑް ޕަވަރސްއާ އެންމެ ފަހުން ގުޅުނު ބާރަކީ އިޓަލީވިލާތެެެވެ.

ހަނގުރާމަ ކުރެވުނީ، ސެންޓަރަލް ޕަވަރސް އާ ދެކޮޅަށެވެ. މި ބްލޮކްގައި ތިބީ، އޮސްޓްރޯ ހަންގޭރިއަން އެންޕަޔަރާއި، ޖަރުމަނު އެންޕަޔަރާއި، އޮޓަމަން އެންޕަޔަރާއި، ކިންގްޑޮމް އޮފް ބަލްގޭރިއާ އެވެ. ބަލްގޭރިއާ ހަނގުރާމައާ ގުޅުނީ، 14 އޮކްޓޯބަރ 1915 ގައެވެ. އޮޓަމަން އެންޕަޔަރ، 2 އޯގަސްޓް 1914 އިން ފެށިގެން އޮތީ، ތާއީދުކުރާ ފަޅި ސިއްރު ކޮށްގެންނެވެ. ފާޅުގައި އޮޓަމަން އެންޕަޔަރުން ހަނގުރާމައަށް ނުކުމެ ޖިހާދުކުރުމަށް ޚަލީފާ އަމުރު ނެރުއްވީ، ހަނގުރާމަ ފެށުނުތާ ދުވަސްކޮޅެއް ފަހުންނެވެ.

ތަރުތީބުވަމުންދިޔަ ގޮތް

މިހާ ހިސާބުން، ހަނގުރާމައަށް ޤައުމުތަކުން ނިކުމެ، ތަރުތީބުވަމުންދިޔަ ގޮތަށް ބަލައިލަން ޖެހެއެވެ.

ހަނގުރާމަ ފުރަތަމަ އިޢުލާނު ކުރެވުނީ އޮސްޓްރޯ ހަންގޭރިއަނުން، ކިންގްޑަމް އޮފް ސާބިޔާއާ ދެކޮޅަށެވެ. އޭގެ ފަހުން، ސާބިޔާ ދިފާޢުކޮށްދޭނެ ކަމަށްބުނެ، އޮސްޓްރޯ ހަންގޭރިއަނުންނާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ އިޢުލާނު ކުރީއެވެ. އަދި، ރަޝިއާގެ ބަރު ހަތިޔާރާއެކު އެ ޤައުމުގެ ސިފައިން ހަނގުރާމައަށް ތައްޔާރުވިއެވެ.

އޮސްޓްރޯ ހަންގޭރިއަން ދިފާޢު ކުރުމަށް އެ ޤައުމުގެ އެލައިއެއްގެ ގޮތުގައި ނިކުތީ ޖަރުމަނެވެ. ޖަރުމަނުން، ރަޝިއާ އާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރިީ 1914، އޮގަސްޓް 1 ގައެވެ.

ފްރާންސަކީ ރަޝިޔާ އާއެކު އިއްތިހާދުވެފައި އޮތް ޤައުމެކެވެ. ފްރާންސުން، ރަޝިއާ އާއެކު ހަނގުރާމައިގައި ބައިވެރިވުމަށް ނިންމައި، ޖަރުމަނާއި އޮސްޓްރޯ ހަންގޭރީއާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރިއެވެ.

ފްރާންސުން ހަނގުރާމަ އިޢުލާނުކުރުމާ އެކު، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން، ފްރާންސަށް ހަމަލާ ދިނުމަށް ނިންމައި، ފުރާންސާ ޖެހިގެންއޮތް ބެލްޖިއަމަށް ޖަރުމަނު ސިފައިން އަރައި، ބެލްޖިއަމް ހިފިއެވެ.

ހަނގުރާމައިގެ މުޅި މަންޒަރު ބަދަލުވެގެން ދިޔަ ހިސާބަކީ މިއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، އޭރު ބެލްޖިއަމް އޮތީ މި ހަނގުރާމައިގައި އެއްވެސް ކޮޅަކަށް ނުޖެހި ނިޔުޓްރަލް ޤައުމެއްގެ ގޮތުގައެވެ. ބެލްޖިއަމް ހިފުމަށް ޖަރުމަނު ސިފައިން ދިން ހަމަލާތަކަކީ ހަނގުރާމައިގެ މައިދާނުގައި ދެވެން ފެށި ފުރަތަމަ ހަމަލާތަކެވެ.

ޖަރުމަނު ސިފައިން ބެލްޖިއަމަށް އަރައިގަނެ، އެ ޤައުމުގެ މިނިވަންކަން ނިގުޅައިގަތް ޢަމަލަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ޖަރުމަނާ ދެކޮޅަށް ކެކި އަރައިގަތް ސަބަބަކަށްވިއެވެ. ޖަރުމަނުގެ އެ ޢަމަލު ކުށްވެރިކުރި، އެއް ބާރަކީ، އިނގިރޭސިންނެވެ.

އިނގިރޭސިވިލާތުން ހަނގުރާމައަށް ނުކުންނަން ޖެހުނު ގިނަ ސަބަބުތަކެއް ހުއްޓެވެ. ފުރަތަމަ ސަބަބަކީ، އިނގިރޭސިންނަކީ ފުރާންސްގެ އެންމެގާތް މަދަދުގާރަށް ވުމެވެ. ފުރާންސް ދިފާޢު ކުރުމަކީ އިނގިރޭސިވިލާތުގެ ”މޯރަލް އޮބްލިގޭޝަން“ އެއް ކަމުގައި އެ ޤައުމުން ދެކުނެވެ. މިއާއެކު، ނިއުޓްރަލް ޤައުމެއްގެ ގޮތުގައި އޮތް ބެލްޖިއަމަށް ޖަރުމަނުން ހަމަލާދޭން ފެށުމަކީ ވެސް މި ހަނގުރާމައަށް އިނގިރޭސިވިލާތުން ނުކުންނަން ޖެހުނު އަނެއް ސަބަބެވެ. އެހެނީ، ބެލްޖިއަމާ އެކު އިނގިރޭސިވިލާތުން ހަނގުރާމައިގެ ހާލަތްތަކުގައި އެހީތެރިވެދިނުމަށް 75 އަހަރު ވާންދެން ޤާއިމްކޮށްފައިއޮތް އެއްބަސްވުމެއް އޭރު ހެދިފައި އޮތެވެ. އަނެއްކޮޅުން، ޖަރުމަނުން ބެލްޖިއަމަށް އަރައި ހަމަލާދޭން ފެށުމާއެކު، ބެލްޖިއަމްގެ ރަސްގެފާނު އިނގިރޭސިންގެ އަސްކަރީ އެހީތެރިކަމަށް ވެސް އޮތީ އެދިފައެވެ. ޖަރުމަނާއި އޮސްޓްރޯ ހަންގޭރިއަންއާ ދެކޮޅަށް އިނގިރޭސިން ހަނގުރާމަ އިޢުލާނުކުރީ، 4 އޮގަސްޓް 1914 ވަނަ ދުވަހުއެވެ.

އިނގިރޭސިން ހަނގުރާމައިގެ ތެރެއަށް ނުކުތުމާއެކު، ދެ ފަރާތުގެ ވާދަވެރިކަން ބޮޑުވެ، ގިނަ ޤައުމުތަކެއް މި ހަނގުރާމައިގައި ސާމިލުވެ، ރޯވެފައިވާ ހުޅުގަނޑު އިތުރަށް ބޮޑުވެގެން ދިޔައެވެ. އިނގިރޭސި ކޮލޮނީތަކާއި ޑޮމިނަންސްތައް ކަމުގައިވާ އޮސްޓްރޭލިއާ، ކެނެޑާ، އިންޑިއާ، ނިޔުޒީލެންޑް އަދި ޔޫނިއަން އޮފް ސައުތު އެފްރިކާފަދަ ޤައުމުތަކުން އިނގިރޭސިންނާއެކު ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވާން ފެށިއެވެ. އެ ޤައުމުތަކުގެ އަސްކަރިއްޔާތަކަށް ފަންޑުކުރަމުން ދިޔައީ ސީދާ އިނގިރޭސިންނެވެ.

އިނގިރޭސިން ސީދާގޮތެއްގައި ހަނގުރާމައަށް ނިކުތުމާއެކު، އެ ދުވަސްވަރު، އިނގިރޭސިންނާއެކު އަސްކަރީ އެއްބަސްވުމެއް ޤާއިމްކޮށްފައި އޮތް ޖަޕާނުން ވެސް، 1914 އޯގަސްޓް 23 ވަނަ ދުވަހު، ޖަރުމަނާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރިއެވެ. ޖަޕާނުން ހަނގުރާމަ އިޢުލާނުކުރިތާ ދެ ދުވަސް ފަހުން، އޮސްޓްރޯ ހަންގޭރިއަނުން ޖަޕާނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށްފިއެވެ.

އިޤްތިސާދީ ގޮތުންނާއި ސިޔާސީ އަދި އަސްކަރީ ގޮތުން ދުނިޔޭގެ ހަތަރު ބިތަށް، ބޮޑެތި ބަދަލުތަކެއް ހަނގުރާމައިގެ ސަބަބުން އަންނަން ފެށުމާ ގުޅިގެން، އެކަމުގެ އަސަރު ޔޫރަޕުގެ އަސްދަނޑިން ބޭރުވެ، އޭސިއާ އާއި އެމެރިކާގެ ބައްރަށް ވެސް ފޯރަން ފެށިއެވެ.

ފަހެ، ބޮޑު ހަނގުރާމަ ފެށުމާއެކު، އެމެރިކާ ބައްރުން އެންމެބޮޑު އަސަރެއް ކުރަމުންދިޔަ އެއް ޤައުމަކީ ޔުނައިޓެޑް ސްޓޭޓްސް (ޔޫއެސް) އެވެ. ނަމަވެސް، ޔޫއެސްގެ ރައީސް ވޫޑްރޯ ވިލްޝަން އިޢުލާނުކުރީ، އެ ޤައުމުގެ ސިޔާސަތަކީ ހަނގުރާމައިގެ ތެރެއަށް ނުވަދެ، ނިޔުޓްރަލް ޤައުމެއްގެ ގޮތުގައި އޮތުމެވެ. ރައީސް ވިލްޝަންގެ މި ސިޔާސަތު ދެމެހެއްޓުނީ 1917 ވަނަ އަހަރާ ހަމައަށެވެ. ޖަރުމަނުން ފެށި ސަބްމެރިން ވޯފެއަރގެ ސަބަބުން ޔޫއެސްގެ ކޮމާޝަލް ޝިޕިންގ އަށް ބޮޑެތި ގެއްލުންތަކެއްވެ، ސަލާމަތީ ގޮތުން ނުރައްކަލަށް ހުށަހެޅުމުން އެންމެފަހުން ޔޫއެސްއިން 1917 އޭޕްރިލް 6 ވަނަ ދުވަހު ޖަރުމަނުގެ އިއްތިހާދާ ދެކޮޅަށް ހަނގުރާމައަށް ނުކުތެވެ. ޔޫއެސްއިން ހަނގުރާމައިގެ މައިދާނަށް ނިކުންނަން މެދުވެރިވީ، ޖަރުމަނު ސަބްމެރިންއަކުން އިނގިރޭސިންގެ ޕަސިންޖަރލައިނެއް ފައްތާލައި، އޭގައި ތިބި އެމެރިކާގެ 128 މީހުން މަރާލި ހާދިސާއަށް ފަހުއެވެ. ޔޫއެސްއިން ހަނގުރާމައަށް ނިކުތުމާއެކު އެލައިޑް ޕަވަސްއަށް ބޮޑެތި ކުރިއެރުންތައް ހަނގުރާމައިގައި ލިބެން ފެށިއެވެ.

މި ހަނގުރާމައިގައި އެންމެބޮޑު ޓުވިސްޓެއް ގެނައި ޤައުމަކީ އިޓަލީވިލާތެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމާ ހަމައަށް އިޓަލީ އޮތީ ޖަރުމަނާއި އޮސްޓްރޯ ހަންގޭރިއަންއާއެކު ހެދިފައި އޮތް ޓްރިޕަލް އަލައިންސާ އެކުއެވެ. ނަމަވެސް، ހަނގުރާމަ ފެށުމާއެކު، އިޓަލީގެ ސިޔާސަތެއްގެ ގޮތުގައި ނެރުނީ، އެ ހަނގުރާމަ އަކީ އިޓަލީ ވަންނަންޖެހޭ ހަނގުރާމައެއް ނޫން ކަމާއި، ނިޔުޓްރަލް ޤައުމެއްގެ ގޮތުގައި އޮތުމެވެ. އޭގެފަހުން، 1915 މެއި މަހުގައި އިޓަލީގެ ކޮޅު ބަދަލުވެ، ފްރާންސާއި ރަޝިޔާގެ އިންތިހާދާ ގުޅިގެން ޖަރުމަނާ ދެކޮޅަށް ހަނގުރާމައަށް ނުކުތީއެވެ.

ހަނގުރާމަ ހުއްޓާލުން

ފުރަތަމަ ބޮޑު ހަނގުރާމައަކީ އޭގެ ކުރިން ދުވަހަކު ވެސް ދުނިޔެ ނުދެކޭފަދަ އައު ހަތިޔާރާއި އިންސާނީ ދަރިފަސްކޮޅު ނެތިކޮށްލާފަދަ ނުރައްކާތެރި ހަނގުރާމައިގެ މޮޑަން އާލާތްތައް ބޭނުންކޮށްގެން ހިންގި ވަރުގަދަ ހަނގުރާމައެކެވެ. އެއީ، ފުރަތަމަ ފަހަރަށް ދުނިޔޭގައި ޒަމާނީ ޓެކްނޮލޮޖީ އީޖާދުކޮށްގެން ކެމިކަލް ބާވަތްތަކުގެ ހަތިޔާރު ބޭނުންކުރަން ފެށި ހަނގުރާމައެވެ. އެކިޒާތުގެ ވަޒަނާއި ބޮންތައް އުފައްދައި އަމަލީ މައިދާނުގައި ބޭނުން ހިފަން ފެށީ އެ ހަނގުރާމައިގައެވެ. އެ ހަނގުރާމައިގައި އެކިއެކި ހަތިޔާރުތައް ތަޖުރިބާ ކުރިއެވެ. އެއީ، ފުރަތަމަ ފަހަރަށް ހަނގުރާމައެއްގައި މަތިންދާބޯޓުގެ ބޭނުންކުރަން ފެށި ހަނގުރާމައެވެ. އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު ބޭނުންކުރިއެވެ. އަސްކަރީ ޓޭންކަރާއި، ސަބްމެރީނާއި، ލޯންގްރޭންޖު އާޓިލަރީސް ފުރަތަމަ ފަހަރަށް ބޭނުންކުރިއެވެ. މި ހުރިހާ ބާވަތެއްގެ ޓެކްނޮލޮޖީ ފުރަތަމަ ފަހަރަށް އިންސާނުންނާ ދެކޮޅަށް ބޭނުންހިފައި ތަޖުރިބާ ކުރެވުނީ، އެ ހަނގުރާމައިގެ ތެރޭގައެވެ.

ފުރަތަމަ ބޮޑު ހަނގުރާމައަކީ، އެ ދުވަސްވަރު ޔޫރަޕުގައި ހިނގަމުންދިޔަ ހުރިހާ ކުދި ހަނގުރާމަތަކާއި ހަމަނުޖެހުންތައް ހުއްޓުވާލި ހަނގުރާމައެވެ. ހަނގުރާމައަށް ޚަރަދުކުރި މިންވަރު މަތިކަމުން، ބައެއް ޤައުމުތައް ދަރަނިވެރިވެ، ފަޤީރުވެގެންދިޔައެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ދަށުގައި އޮތް އެތައް ސަރަޙައްދެއް ގެއްލި، ދުނިޔޭގެ ޗާޓަށް ބޮޑެތި ބަދަލުތަކެއް އެ ހަނގުރާމައިގެ ސަބަބުން ގެނުވިއެވެ.

މި ހަނގުރާމައިގައި، 8 މިލިއަން ހަނގުރާމަވެރިން މަރުވިއެވެ. 7 މިލިއަން މީހުން ދާއިމީކޮށް ނުކުޅެދުންތެރި ވެގެން ދިޔައެވެ. 15 މިލިއަން ސިފައިން ޒަޚަމްވިއެވެ. އޭގެ ތެރޭގައި ދާއިމީ ނުކުޅެދުންތެރިކަން ތަޖުރިބާކުރަން ޖެހުނު އެތައް މިލިއަން ބަޔަކު ތިއްބެވެ. އަދި، މި ހަނގުރާމައިގައި އެތައްއެތައް މިލިއަން ކުށެއްނެތް އާންމު ރައްޔިތުންނެއް ޤަތުލުކޮށް މަރާލިއެވެ.

މި ހަނގުރާމަ ނިމިގެންދިޔައީ 1918 ވަނަ އަހަރު، ޖަރުމަނުން އަމާންދީ، ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމެއް ޤާއިމް ކުރުމަށް އެދުނު ހިސާބުންނެވެ. އެލައިޑް ޕަވަސްއިން ޖަރުމަނުގެ މި އެދުމަށް އިޖާބަދީ، 1918 ނޮވެންބަރުު 11 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލިކަން އިޢުލާނު ކުރިއެވެ.

އެއަށްފަހު، އެލައިޑް ޕަވަސްއަށް ނިސްބަތްވާ ބާރުތަކުން 1919 ވަނަ އަހަރު، ފުރާންސްގައި ބައްދަލުކޮށް، މަޝްހޫރު ”ވާޝާއިސް އެއްބަސްވުން“ ޤާއިމްކުރިއެވެ. މި އެއްބަސްވުމަކީ، ޖަރުމަނުގެ ޣައިރު ހާޟިރުގައި އެކުލަވާލެވުނު އެއްބަސްވުމެވެ. މި އެއްބަސްވުމުގައި އެލައިޑް ޕަވަސް އާއި ޖަރުމަނާ ދެމެދު ސޮއިކޮށްފައިވަނީ 1919 ޖޫން 28 ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު، ރަސްމީކޮށް ބޮޑު ހަނގުރާމަ ނިމިގެން ދިޔައީއެވެ.

މި އެއްބަސްވުމުގައި ޖަރުމަނާ ދެކޮޅަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. މިގޮތުން، ހަނގުރާމައިގެ ހުރިހާ ޒިންމާއެއް ޖަރުމަނުން އުފުލަން ޖެހި، ބަދަލެއްގެ ގޮތުން އެލައިޑް ޕަވަސްއަށް 33 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ކަނޑައެޅިއެވެ. އެ ދުވަސްވަރަށް ބަލާއިރު، ޖަރުމަނުގެ މާލިއްޔަތުގައި ހުރީ އެއްބަސްވުމުގައި ދައްކަން ކަނޑައެޅި ފައިސާގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެ. އެހެންކަމުން، މާލީގޮތުން ޖަރުމަނު އެތައް ގޮތަކުން ދަރަނިވެރި ވެގެންދިޔައެވެ.

އޭގެ އިތުރުން، ޖަރުމަނުގެ ސިފައިންގެ އަދަދު އެއްލައްކަ އަށްވުރެ އިތުރު ނުކުރެވޭނެ ގޮތަށް ކަނޑައެޅިއެވެ. ޖަރުމަނުގެ ނޭވީ އާއި އެއަރފޯސް އެއްކޮށް މަނާކުރިއެވެ. އަދި، ޖަރުމަނުން ހިފާފައިވާ ބިންތައް އަތުލައި، އެޤައުމުގެ ފަސްގަނޑުން 13 އިންސައްތަ އަތުލިއެވެ.

ހަނގުރާމައަށް ފަހު

ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނުއިރު، ދުނިޔޭގައި މޫލާފައިއޮތް ބާރުގަދަ ހަތަރު ރަސްކަމެއް އެއްކޮށް ނެތިގެން ދިޔައެވެ. އެއީ، ޖަރުމަނު އެމްޕަޔަރާއި، އޮއްޓަމަން އެމްޕަޔަރ (ތުރުކީ) ގެ އިތުރުން އޮސްޓްރޯ ހަންގޭރިއަން އެމްޕަޔަރާއި، ރަޝިއަން އެމްޕަޔަރެވެ.

މީގެ އިތުރުން، އެ ހަނގުރާމައަށް ފަހު، ކޮލޯނަލިޒަމްއާ ދެކޮޅަށް މީހުން އަޑުއުފުލައި، ޤައުމިއްޔަތު (ނޭޝަނަލިޒަމް) ގެ ޝުޢޫރުތަކުގެ އަޑުތައް ގަދަވާން ފެށިއެވެ.

އިޤްތިސާދީ ގޮތުން ދުނިޔެ ރަހީނުކޮށްފައި އޮތް، ދުނިޔޭގެ ބާރުތަކަށް މި ހަނގުރާމައިގެ ސަބަބުން އިޤްތިޞާދީ ހަމަހަމަ ސިޔާސަތެއް ގެންނަން މަޖުބޫރުވެގެން ދިޔައެވެ. ޔޫރަޕުގެ ގިނަ ޤައުމުތަކެއް އިޤްތިޞާދީގޮތުން ވަރަށްބޮޑަށް ބަލިކަށިވެ، އެ ޤައުމުތަކުގެ ދަރަނި އެތައް ގުނައަކަށް ބޮޑުވެގެން ދިޔައެވެ.

ހަނގުރާމައިގެ ސަބަބުން އިޤްތިޞާދީ ގޮތުން އެންމެބޮޑު ފައިދާ އާއި ނުފޫޒެއް ލިބުނު ޤައުމަކީ ޔުނައިޓެޑް ސްޓޭޓްސްއެވެ. ”އިންޑަސްޓްރިއަލް ޕަވަރ“ އަދި ދުނިޔޭގެ ”ކްރެޑިޓަރ“ އެއްގެ މަޤާމަށް ޔުނައިޓެޑް ސްޓޭޓްސް ބަދަލުވެގެން ދިޔައީ މި ހަނގުރާމައަށް ފަހުއެވެ.

ހަނގުރާމައަށް ފަހު އެންމެ ބޮޑު ބަދަލެއް ދުނިޔެއަށް ގެނުވީ، އަންހެނުންގެ އިޖުތިމާޢީ ދިރިއުޅުމަށެވެ. އެކި ދާއިރާތަކުގައި  ފުރަތަމަ ފަހަރަށް އަންހެނުންގެ ދައުރު ފުޅާވާން ފެށިއެވެ. ވިޔަފާރި ދާއިރާ އާއި ޤާނޫނީ ދާއިރާ އަދި އިންޑަސްޓްރިއަލް ދާއިރާތަކުގައި އަންހެނުން ގިނަ އަދަދަކަށް ސާމިލުވެ، ބޮޑެތި ކުރިއެރުންތަކެއް ހޯދަން ފެށިއެވެ.

ފުރަތަމަ ބޮޑު ހަނގުރާމައަކީ، ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އިންޤިލާބެއް ގެނުވި ހަނގުރާމައެކެވެ. އަދުގެ ދުނިޔެ ދެމެކުންމިދާ އެއްގަމާއި ކަނޑުގެ ދަތުރުފަތުރާއި، ކޮމިޔުނިކޭޝަންގެ ގިނަ ދާއިރާތަކުން ހޯދާފައިވާ ކުރިއެރުންތަކަކީ ބޮޑު ހަނގުރާމައިގެ ތެރޭގައި ހޯދިހޯދުންތަކާއި، ހެދި ދިރާސާތަކުގެ މައްޗަށް އެޅެމުން އައިސްފައިވާ ބިންގާތަކެވެ.

ރެފަރެންސް:

– ވޯލްޑްވޯރ 1 ޑޮކިޔުމެންޓްރީ (ބީބީސީ)

– ވޯލްޑްވޯރ 1 (ހިސްޓްރީ ޑޮޓް ކޮމް)

ޝެއަރކުރެއްވުމަށް