ކޮންމެ ޤައުމެއްގެ އަސްކަރިއްޔާއެއްގައި ވެސް ތަފާތު އެތަކެއް ފަޚުރުވެރިން އުފެދި، އެ ފަންނުވެރިންނަކީ އެ ޤައުމެއްގައި ފާހަގަކޮށްލެވޭ ފަދަ ބަޔަކަށް ވެގެން ދެއެވެ. އޭގެ ތެރޭގައި އިންޖީނެރުންނާއި، ތަފާތު އައު އީޖާދުތައް އުފައްދާ ފަރާތްތަކާއި، މަޤްބޫލު ވާހަކަދެއްކުންތެރިންނާއި، ހުނަރުވެރި މިޔުޒީޝަނުން ފާހަގަކޮށްލެވެއެވެ.
އަޅުގަނޑުމެންގެ މި މުއައްސަސާގައި ވެސް ކަންހުރީ މިހެންނެވެ. މި މުއައްސަސާއަކީ ވެސް މިއަދު މުޖުތަމަޢު ބަލައިގަންނަ ފަދަ ކުޅަދާނަ ވާހަކަދެއްކުންތެރިން އުފެދިފައިވާ މުއައްސަސާއެކެވެ. ވާހަކަދެއްކުންތެރިންނާއި، ބަހުސްކުރުންތެރިން އުފެދި، ޤައުމީ އަދި އެހެނިހެން ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް ފަޚުރުވެރި ތާރީޚީ ރިކޯޑުތަކެއް ވެސް މި ޓީމުން ހޯދައިފިއެވެ.

އާދެ، އަޅުގަނޑު ދަންނަވަން މިއުޅެނީ، ދިވެހިރާއްޖޭގެއަޑުން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ ބަހުސް މުބާރާތުގެ ވާހަކައެކެވެ. 2006 ވަނަ އަހަރު، އެންމެ ފުރަތަމަ މި މުބާރާތް ބޭއްވި ފަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންނެވެ. ދިމާވި ސަބަބަކާހުރެ 2007 ވަނަ އަހަރު ބަހުސް މުބާރާތް ބޭއްވިފައެއް ނުވެއެވެ. ނަމަވެސް، 2008 އަދި 2009 ވަނަ އަހަރު މި މުބާރާތް ބޭއްވިއިރު، ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންނެވެ. އާދެ، އެއްވެސް ބަޔަކަށް ޗެމްޕިއަންކަމުގެ ރަހަ ވެސް ލައްވައި ނުލައި އެއްވެސް ބައެއްގެ އަތުން ބަލިވުމެއް ނެތިއެވެ. އަނެއްކާ ވެސް އައީ މެދުކެނޑުމެކެވެ. 2015 ވަނަ އަހަރު އަލުން އައު ހިތްވަރަކާއެކު ދިވެހިރާއްޖޭގެއަޑުން މި މުބާރާތް ފެށިއެވެ.
2015 ވަނަ އަހަރު ސިފައިންގެ ބަހުސް ޓީމު ނުކުތީ ވަރަށް ބޮޑު ބަދަލަކާއެކު ވަރަށް ޒުވާން ޓީމެކެވެ. އެހެން ނަމަވެސް، ވަރަށް ހިތްވަރާއި ޖޯޝާއެކު ގުޅިގެން މަސައްކަތް ކުރެވޭ ފަދަ ޓީމެކެވެ. ލެފްޓިނެންޓް ޢަބްދުﷲ އިސްމާޢީލްގެ މޭސްތިރިކަމުގައި ނުކުތް ޓީމަކީ ސިފައިންގެ ގިނަ ބަޔަކަށް ވެސް އައު މޫނުތަކަކަށް ވެގެން ދިޔަ ނަމަވެސް ޕޯޑިއަމްތަކަށް އައު މޫނުތަކެއް ނޫނެވެ. ރަމަޟާން މަހު ދުވާލާއި ރޭގަނޑު އެތައް ވަގުތެއް މަޢުލޫމާތު ހޯދުމާއި، ދިރާސާކުރުމުގައި ހޭދަކޮށް، ކުރެވުނު މަސައްކަތުން ލިބުނު ކާމިޔާބީތަކާ މެދު ހިތްހަމަ ޖެހެއެވެ.

ޓީމުގެ ކެޕްޓަން ޢަބްދުﷲ އިސްމާޢީލް ބުނުއްވީ ”މި ޓީމަކީ ވަރަށް ޑެޑިކޭޓެޑް އަދި ހާޑްވޯކިންގ ޓީމެއް“ ކަމަށެވެ. މުބާރާތުގެ ރަނަރަޕްކަން ޓީމަށް ލިބުނު ނަމަވެސް، މިއީ ޗެމްޕިއަންކަން ހޯދޭފަދަ ހުނަރުވެރި ޓީމެއްކަން ގިނަ މުއައްސަސާތަކުން ޤަބޫލުކުރި ޓީމެކެވެ.
2016 ވަނަ އަހަރުގެ ޓީމުން ވެސް ތަފާތު ބަދަލުތަކެއް ފެނިގެން ދިޔައެވެ. ސިފައިންގެ ތެރޭގައި ބޭއްވި އިންޓަރ ޔުނިޓް ބަހުސް މުބާރާތުން ހުނަރުވެރި އެތަކެއް ބަހުސްކުރުންތެރިންތަކެއް ފާހަގަކުރެވިގެން ދިޔައެވެ. ހުނަރުވެރިން ތިބި މުއައްސަސާއެއްކަން ޔަޤީންވެގެން ދިޔައެވެ. ތަފާތު އެކި ރޭންކުތަކުގެ ބޭކަލުންގެ މައްޗަށް އެކުލެވޭ މި ޓީމުގެ އަމާޒަކީ ތަށި ޔަޤީން ކުރުންކަމުގައި މޮޓޯއަކަށް ހަދައި، އެގޮތަށް މަސައްކަތް ކުރެވިގެން ދިޔައެވެ. ޓީމުގައި ހިމެނިލައްވާ މޭޖަރ މުޙައްމަދު ނަދީމް އިބްރާހީމް ޓީމާ މެދު ބުނުއްވީ، ”ބަހުސް ޓީމަކީ ވަރަށް ޤާބިލު، ހިތްވަރުގަދަ އަދި ކޮންމެ ބަހުސެއް ވެސް ކާމިޔާބު ކުރުމުގެ ރޫހު، އޭގެ އެންމެމަތީ ދަރަޖައިގައި ހުރި ފިލިކޯޅިހަމަ ޓީމެއް“ ކަމަށެވެ.
2017 ވަނަ އަހަރަކީ ތަފާތު އަހަރެކެވެ. ޕީއެސްއެމް އާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ފުޅާކޮށް ފުރިހަމައަށް ގެންދިޔުމުގެ މަޤްޞަދުގައި ”ފަހިދޫ“ ގެ ނަމަށް މުބާރާތުގެ ނަން ބަދަލުކޮށް، ޓީވީއެމުން ދައްކާގޮތަށް ހަމަޖެހިގެން ދިޔައެވެ. ވުމާއެކު އަޅުގަނޑުމެން ޓީމުން ކުރަންޖެހުނު މަސައްކަތް ދެގުނަ އިތުރުވެގެން ދިޔައެވެ. ޓީމު އިތުރަށް ވަރުގަދަކޮށް، ކޯޗު ރިއާޔަތު ޢަބްދުލް މަޖީދުއާއެކު ޓީމު ފެނިގެންދިޔައީ ވަރަށް ވެސް ފުރިހަމަކޮށެވެ. ރިއާޔަތުގެ އިތުރުން ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދުގެ ފަށުވި ބައިތުތައް ބުނެލާ ވަގުތަކު ބުނެލާ ގޮތަކަށް ތައްޔާރުކޮށްދޭކަމީ ހުރިހާ ބައިވެރިންގެ ވެސް އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ތަޖުރިބާކާރު ބަހުސްކުރުންތެރިޔާ ވޮރަންޓް އޮފިސަރ 1 ޙުސައިން ޞަލާޙްގެ ފަރިތަ، ދުލުން އަމުނާލާ ޕޮއިންޓްތަކުން ޓީމަށް ލިބިގެންދަނީ އިތުރު ޔަޤީންކަމެކެވެ. މޭޖަރ މުޙައްމަދު ނަދީމް އިބްރާހީމްގެ ބަސްމޮށުންތެރިކަމަކީ އެހެން ޓީމުތަކުން ވެސް ބޭއިޙްތިޔާރުގައި އަތްޖަހާލެވޭފަދަ ހުށަހެޅުމެކެވެ. އަދި އަޅުގަނޑުމެންގެ ޓީމުގެ ކެޕްޓަން، ފަސްޓް ލެފްޓިނެންޓް ޢަބްދުﷲ އިސްމާޢީލް ގެންގުޅުއްވާ އަދި އުފައްދަވާ މަޖާޒީ ބަސްތަކަކީ މިއަދު ވާދަވެރި އެހެން ޓީމުތަކުން މިއަދުވެސް ބޭނުންކުރަމުންދާ ބަސްތަކެވެ. އަޅުގަނޑު ދެތިން މިސާލެއް ދަންނަވާލާނަމެވެ. ”ކަކުނި ފޮންޓާއި“، ”އިއްޔެ މެންދުރު ބޭނި މަހެއްގެ އަނގަހެން“، އަދި ”އެކި ދެތިން މީހުން“ ފަދަ ބަސްތަކަކީ މިއަދު އެންމެންނަށް ކަމުދާ ދޫމަތީ ބަސްތަކެއް ކަމުގައި ވެގެން ހިނގައްޖެއެވެ.

ޖުމުލަކޮށް، އެމްއެންޑީއެފްގެ ބަހުސްޓީމުގެ ކާމިޔާބީ އާ ބެހޭގޮތުން ދެންނެވޭނީ މި ޓީމުގެ ކޮންމެ މެންބަރަކީ ވެސް މިކަމަށް އޮންނަ ލޯތްބަކާއި، ކުލުނެއްގެ ސަބަބުން މިކަމުގައި ދެމިހުރި ބޭފުޅުން ކޮޅެކެވެ. ޔުނިޓްތަކުގައި ވަރަށް ޒިންމާދާރު މަޤާމުތައް އަދާކުރައްވަމުން ގެންދަވާ ސީނިއަރ އޮފިސަރުން ރެއާއި ދުވާލު މިކަމަށް ވަގުތު ހުސްކުރައްވަނީ ވަރަށް ބޮޑަށް ޝައުޤުވެރިކަން ހުންނަވާތީކަން ކޮންމެ ސިފައިންގެ ބޭފުޅަކު ވެސް ޤަބޫލުކުރައްވައެވެ.
މިއީ ސިފައިން ބައިވެރިވާ ޤައުމީ އެކިއެކި މުބާރާތްތަކުގެ ތެރެއިން ގިނަ ބަޔަކަށް ކުޅިބަލަން ނުވަދެވުނަސް ކާމިޔާބު ހޯދާ ޓީމެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ފުޓްބޯޅަ، ފުޓްސަލް، ވޮލީ ފަދަ ކުޅިވަރުތަކާ އެއްފަދައިން ސިފައިންގެ ބަހުސް ޓީމަކީ ވެސް އެހެން މުއައްސަސާތައް ޖެހިލުންވާ ފަދަ ޓީމެއްކަން ޔަޤީނެވެ.
