ތެދުތެދަށް ދަންނަވަނީ ނަމަ އަލޯވެރާއަކީ މުޅި ދުނިޔޭގައި ވެސް ސަކިއުލެންޓް ޕްލާންޓްތަކުގެ ތެރެއިން އެންމެ ގިނައިން ވިކޭ ގަހެވެ. މި ގަހަކީ މީގެ ގާތްގަނޑަކަށް 1000 އަހަރު ކުރިން ފެށިގެން އަދާހަމައަށް ވެސް އެންމެ މަޤުބޫލުކަން ލިބިފައިވާ އެއް ގަހެވެ. މި ގަހުން ތަފާތު ގިނަ ބޭނުންތައް ކުރެވެއެވެ. އެގޮތުން މި ގަހުންކުރާ ބޭނުންތަކާ ގުޅޭގޮތުން އެންމެ ފުރަތަމަ ލިޔުމެއް ފެނިފައިވަނީ ބީސީއިން ދެ ޤަރުނު ކުރިންނެވެ.
އަލޯވެރާ ގަހަކީ ދުނިޔޭގައި ބޭސްވެރިކަމުގެ ގޮތުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ގަސް ވެސް މެއެވެ. މި ގަހުން ތަފާތު އެތަކެއް ބައްޔަކަށް ފަރުވާ ލިބިގަނެވެއެވެ. ހަންގަނޑު އަނދައިގެން ދިއުމަށް (ސަންބާން) ފަރުވާއަކަށް ވާއިރު ހަންގަނޑު އޮމާން ކަންމަތީ ބެހެއްޓުމަށް ވެސް މި އިން އެހީވެދެއެވެ. ހަމަ އެހެންމެ މި އިން އެތަކެއް ޑިޓޮކްސް ބުއިމެއް އުފައްދައިދެއެވެ.
އަލޯވެރާ ޖޫސް: ފަތްތަކުގެ ޖެލީއިން އުފައްދާ ޖޫހަކީ އެއިން އެތައް ކަމަކަށް ބޭނުންކުރެވޭ އެއްޗެކެވެ. ހަންގަނޑު އަނދައިގެން ދިއުން ރަނގަޅު ކޮށްދިނުމުގެ އިތުރުން އެއީ ހަންގަނޑު މަޑުކޮށްދިނުމަށް އެހީވެދޭ އެއްޗަކަށް ވާއިރު އެއަކީ ހެއަރ ކަންޑިޝަނަރ، ބޮލުގައިލާ ސްޓައިލިންގ ޖެލްގެ ގޮތުގައި ވެސް ބޭނުންކުރެވިދާ އެއްޗެކެވެ. ހަމައެހެންމެ ކެއިން ބުއިމުގައި ތަފާތު ގޮތްގޮތަށް ވެސް މި ބޭނުންކުރެވެއެވެ.

އަލޯވެރާ ގަހުގެ އަސްލު ފެނިފައިވަނީ އެފްރިކާ ސަބް ސަހަރާއިންނެވެ. ނަމަވެސް މި ގަހަކީ ޓްރޮޕިކަލް ކޮންމެ ޤައުމެއްގައި ވެސް ހެދޭ ގަހެކެވެ.
މި ގަހަކީ ވަރަށް ގިނަ ގޭގޭގެ ބަގީޗާތަކުން ފެންނަ ގަހަކަށް ވާއިރު މި ގަހަށް އެކި ހިސާބުތަކުގައި ކިޔާ ނަންތަކުގައި ތަފާތުތަކެއް ހުރެއެވެ. އެގޮތުން ތަފާތު ހިސާބުތަކުގައި އަލޯ ބާރބަޑެންސިސް، ފަސްޓް އެއިޑް ޕްލާންޓް، ޓްރޫ އަލޯ، އެފްރިކަން އަލޯ، ބާން ޕްލާންޓް އަދި މިރެކަލް ޕްލާންޓް ފަދަ ތަފާތު ނަންނަމުން މިގަހަށް މުޚާތަބުކޮށް ހަދައެވެ.
އަލޯވެރާ ގަހަކީ ހައްދަން ފަސޭހަ އެތެރެވެށީގައި ވެސް ހެއްދޭ ގަހެކެވެ. އަދި މިގަހަކީ ގޭތެރެ ފަޅުފިލުވައި ދިނުމަށް ހައްދަން ވަރަށް ހިތްގައިމު ގަހެއް ވެސް މެއެވެ.
އެތެރެވެށީގައި އަލޯވެރާ ހެއްދުން:
އަލޯވެރާއަކީ އެތެރެވެށީގައި ހެއްދޭ ގަހެއް ވެސް މެއެވެ. އެއަށް އިރުގެ އަލި ބޭނުންވާނީ މަދު ވަގުތުކޮޅަކަށެވެ. އަދި މި ގަހަށް ފެން ބޭނުންވަނީ ވެސް ވަރަށް މަދުންނެވެ. ވެލިގަނޑު މާ ބޮޑަށް ހިކުމުންނާއި މާގިނައިން ފެންދިނުމުންނާއި މާ ގިނައިރު އަވިލިބުމުން މި ގަހުގެ ފަތްތަކުގެ ކުލަ ފަނޑުވެ ބަދަލުވެއެވެ. އަދި ފަތްތައް ފަތާ ވެއެވެ. އެހެންކަމުން އަލޯވެރާ ގަސް އެތެރެވެށީގައި ހެއްދުމުގައި ވިސްނަންވީ ބައެއް ކަންތައްތައް ހުރެއެވެ.
ވެލި: އަލޯވެރާ ގަސް ހެއްދުމަށް ބޭނުންވާނީ ފެންގަނޑު ހިނދިގެންދާ ފަދަ ވެއްޔާ، ގަސްހައްދާ ވެއްޔެވެ. މިއިން ކޮންމެ ބަޔަކުން ބައިކުޅަބައި އެޅުމުން ރަނގަޅުވާނެއެވެ. ނުވަތަ ކެކްޓަސް އަދި ސަކިއުލެންޓް ހައްދާ މިކްސް ވެލި ވެސް ބޭނުންކުރެވިދާނެއެވެ. އެންމެ ފަސޭހަ ގޮތަކީ ކެކްޓަސް އަދި ސަކިއުލެންޓް ހައްދާ މިކްސް ވެލި ބޭނުންކުރުމެވެ.
ގަސް މުށިގަނޑު: އަލޯވެރާ ހެއްދުމުގައި އެންމެ ރަނގަޅީ ކްލޭއިން ހަދާފައިވާ ކްލޭ ގަސް މުށިގަނޑެވެ. ކްލޭ ގަސް މުށިގަނޑުގައި ޕްލާސްޓިކް ގަސް މުއްޓަށްވުރެ އަވަހަށް ފެން ހިކިގެންދާނެތީއެވެ. ކްލޭ ގަސް މުއްޓެއްނޫންނަމަ އެ ގަސް މުށިގަނޑުގައި ފެން ހިނދިގެން ދާނެ ފަދަ ގޮތަކަށް ގިނަ ބާގަނޑު ކަނޑާފައިވާ ގަސް މުށިގަނޑު ވެސް އަލޯވެރާ ހައްދަން ކަމުދާނެއެވެ. ގަސް މުށިގަނޑު އިޚްތިޔާރު ކުރުމުގައި ބަލަންވީ ކަމަކީ ގަހާ އެއްވަރަކަށް ނުވަތަ ގަހުގެ މޫތަށް ހަލާކުނުވެ ފެތުރެވޭ ފަދަ ބޮޑު މުށިގަނޑެއް ހޯދުމަށެވެ.

އަލި: އަލޯވެރާ ގަސް ހައްދާ ތަނަކީ އަލިގަދަ އަވިލިބޭފަދަ ތަނެއްކަމުގައި ވުން މުހިންމެވެ. އެހެން ނަމަވެސް މަދު ވަގުތުކޮޅެއްގައި އަވި ލިބޭ ތަނެއްގައި ވެސް އަލޯވެރާ ގަސް ހެއްދިދާނެއެވެ.
ފެންދިނުން: އަލޯވެރާއަކީ ކެކްޓް އަދި ސަކިއުލެންޓް އާއިލާގެ ގަހަކަށް ވާތީ މި ގަހަކީ ހިކިފަސް ތަންތަނުގައި ހެދޭގަހެކެވެ. މިގަހަށް ފެން ދިނުމުގައި އެއް ފަހަރު ފެންދިނުމަށް ފަހު ދެވަނަ ފަހަރަށް ފެންދޭނީ ގަސް އިންދާފައިވާ މުށިގަނޑު އެއްކޮށް ހިކުމުންނެވެ. އެހެންކަމުން ހަފުތާއަކު ދެފަހަރު ނުވަތަ އެއަށް ވުރެ މަދުން ފެން ދިނުމުން މި ގަސް ރީތިކޮށް ހެދޭނެއެވެ. މި ގަހަށް ކޮންމެ ދުވަހަކު މަދުމަދުން ފެން ނުދޭށެވެ. ކޮންމެ ދުވަހަކު ފެން ދިނުމުން ވެލިގަނޑު ތެތްކޮށް އޮތުމުގެ ސަބަބުން މި ގަހުގެ މޫތައް ފީވެ ހަލާކުވެދެއެވެ. އަދި ފަތުގެ ކުލަ ފަނޑުވެއެވެ.
އަލޯވެރާ ގަހަކީ އެތެރެވެށީގެ އިތުރުން ބޭރުވެށީގައި ވެސް ވަރަށް ރީތިކޮށް ހެއްދޭ އެއްޗެކެވެ. އެތެރެވެށީގައި ހައްދާ އަލޯވެރާ ގަހެއް ބޭރުވެއްޓަށް ބަދަލުކުރާއިރު އެންމެ ފުރަތަމަ ގަސް ބޭރުވެއްޓަށް ނެރޭ ދުވަސްކޮޅު މި ގަހަށް ހިޔާ ލިބޭފަދަ އެއްޗެއްގެ ހިޔަލުގައި ގަސް ބެހެއްޓުން ވަރަށް މުހިންމެވެ. އަދި މަދުމަދުން ކޮންމެ ދުވަހަކު އަވީގައި ބަހައްޓާ ގަޑިތައް އިތުރުކުރަމުން އިތުރުކުރަމުން ގޮސް އެއްކޮށް އަވީގައި ބަހައްޓާނީއެވެ.
ބޭރުވެށީގައި އަލޯވެރާ ހެއްދުން:
އަލޯވެރާއަކީ ބޭރުވެށީގައި ވެސް ހެއްދޭ ގަހެކެވެ. ފިނި ހިސާބުތަކުގައި ވެސް މި ގަސް ހެދެއެވެ. މި ގަސް ފިނީގައި ހައްދަން އުނދަގޫވާނެއެވެ. އަދި ގަސް ގަނޑުވާނެއެވެ. އެހެނަސް ވެލިގަނޑު، ގަނޑު ނުވާހިނދަކު ގަހުގެ މޫ މަރެއް ނުވާނެއެވެ. އަދި އާ ނިރުތައް ފަޅާނެއެވެ. ބޭރުވެށީގައި ހައްދާއިރު ވާރޭ ނުވެހޭ މަހެއް ނަމަ ފެންދިނުން ރަނގަޅީ ގަހުގެ ބުޑު ނުވަތަ ފަސްގަނޑު ހިކުމުންނެވެ. އަދި އެތެރެވެއްޓެކޭ އެއްގޮތަށް ބޭރުވެށީގައި ހައްދާއިރު ވެސް ކޮންމެ ދުވަހަކު ފެންދިނުމުން ގަހުގެ މޫ މަރުވެ ގަސް މަރުވެދާނެއެވެ.
އަލޯވެރާ ގަސް ބެލެހެއްޓުން:
މާއެޅުން: އަލޯވެރާ ގަހުން މަދުމަދުން މާ އަޅައެވެ. އެ މަލަކީ ގަހުން ފަޅާ ދިގު ދަނޑިގަނޑެއްކަހަލަ ދިގު ތަނޑެއްގައި އަޅާ ކުދިކުދި ރަނގަބީލު ބައްޓަމަށް ހުންނަ ރީނދޫ ނުވަތަ ރަތް މަލެކެވެ. މި މާ އަޅާއިރު މާތައް މިލުމުން އެ ތަނޑު ބުޑުން ކަނޑަންވާނެއެވެ.
ގަސް މުށިގަނޑު ބަދަލުކުރުން:އަލޯވެރާއަކީ ވެޔޮގޮތަށް ހެދުމުގެ ބަދަލުގައި ތަނޑަށް ހެދޭ ގަހެކެވެ. އެހެންކަމުން އަވަސް އަވަހަށް ގަސް މުށިގަނޑު ބަދަލުކުރުން މުހިންމެއް ނޫނެވެ. ނަމަވެސް މުށިގަނޑުން ބޭރަށް މޫ ފައިބާ ވަރަށް ގަސް ބޮޑުވެއްޖެ ކަމުގައި ވަނީނަމަ އެ ގަސް އެހެން މުށިގަނޑަކަށް ބަދަލުކުރުން މުހިންމެވެ.

އަލޯވެރާ ގަހުގެ ބުޑުގައި ހުންނަ ފަތްތައް ގިނަ ދުވަސް ވުމުން އެ ފަތްތައް ބޭނުންކޮށް ނުވަތަ ހިކުމުގެ ސަބަބުން އެ ގަހުގެ ބުޑު ގަސްގަނޑަކަށް ބަދަލުވާނެއެވެ. މިހެން ވުމުން އުނދަގޫ ވާނަމަ އެ މުށިގަނޑު ދަށުގައިވާ ތަށިން ނެގުމަށްފަހު މުށިގަނޑުގެ ފަސް ދޫ ކުރަން ކުޑަކޮށް ތަޅުވާލާށެވެ. މިހެން ތެޅުވުމުގައި ގަހަށް ގެއްލުން ނުވާވަރަށް ތެޅުވޭތޯ ބަލަން ވާނެއެވެ. އަދި މުށިގަނޑުގެ ވެލި ދޫވުމުން ގަހުގެ ބުޑު ފޮރުވޭނެއެވެ.
އަލޯވެރާ ގަހުގެ ބުޑުގައި ހުންނަ ފަތްތަކުގެ ކުލަ ފަނޑުވެ ހިކެން ފެށުމުން އެ ފަތްތައް ކަނޑާށެވެ. ފަތް ކެނޑުމުގައި ގަސްގަނޑަށް ގެއްލުން ނުވާނެ ގޮތް ބަލަންވާނެއެވެ. އަދި ގަހުގައި ބަހައްޓާނީ ފެހި ފަތްތައް އެކަންޏެވެ.
އަލޯވެރާ ގަސް އިންދާ މުށިގަނޑަކީ ފުން މުށިގަނޑެއް ކަމުގައި ވެއްޖެނަމަ ގަހުގެ ފަތް ނެއްޓުމުން ގަސްގަނޑު ފޮރުވުމަށް ވެލިކޮޅެއް ވެސް އެޅިދާނެއެވެ.
ނިރުވަކިކުރުން: އަލޯވެރާ ގަހުގެ ބުޑުން ނިރުފަޅައި ތިން ހަތަރު އިންޗިއަށް ބޮޑުވުން މައި ގަހާ ވަކިކޮށް އެހެން މުށިގަނޑެއްގައި އިންދާނީއެވެ.
* މިފަދަ ގަސްގަހަކީ އޭގެ ފަތުގައި ގިނަ އަދަދަކަށް ފެން އެކުލެވުމާ ގުޅިގެން ފަތްތައް ފަލަ، ފުރި ބާރުވެފައިވާ ފަދަ ގޮތަކަށް ހުންނަ ގަސްގަހެވެ.
ޙަވާލާ:
https://www.gardeningknowhow.com/houseplants/aloe-vera/aloe-vera-plant-care.htm
https://www.joyusgarden.com/plant-purpose-care-tips-aloe-vera
https://www.rodalesorganiclife.com/garden/how-to-grow-aloe-vera/slide/1
