ފީފާ ވޯލްޑްކަޕް ޓްރޮފީ އަކީ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރާ ޓީމަކަށް ދޭ ޓްރޮފީއެކެވެ. 1930 ވަނަ އަހަރުން ފެށިގެން ވޯލްޑްކަޕް ބާއްވަމުން އަންނައިރު މިހާތަނަށް ދެ ޓްރޮފީއެއް ވޯލްޑްކަޕްގައި ބޭނުންކޮށްފައި ވެއެވެ. މިގޮތުން އެންމެ ފުރަތަމަ ބޭނުންކޮށްފައި ވަނީ ”ޖޫލްސް ރިމެޓް“ ކިޔާ ޓްރޮފީއެކެވެ. މި ޓްރޮފީ ބޭނުންކޮށްފައި ވަނީ 1930 ވަނަ އަހަރުން ފެށިގެން 1970 ވަނަ އަހަރާއި ދެމެދުގައެވެ. ދުނިޔޭގެ ތަށްޓަށް ކުޅެވޭ ފީފާ ވޯލްޑްކަޕް ދެވަނަ ޓްރޮފީ އަދި މިހާރު ބޭނުންކުރާ ޓްރޮފީ އަކީ 1974 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ ޓްރޮފީއެކެވެ.
ވޯލްޑްކަޕްގެ ފުރަތަމަ ޓްރޮފީ (ޖޫލްސް ރިމެޓް ޓްރޮފީ)
ވޯލްޑް ކަޕް ފުރަތަމަ ޓްރޮފީކަމަށްވާ ޖޫލްސް ރިމެޓް ޓްރޮފީއަށް އެންމެ ފުރަތަމަ ކިޔާފައިވާ ނަމަކީ ”ވިކްޓްރީ“އެވެ. ފަހުން 1976 ވަނަ އަހަރު ފީފާއިން ވަނީ މި ޓްރޮފީގެ ނަން ”ޖޫލްސް ރިމެޓް ޓްރޮފީ“ މިނަމަށް ބަދަލުކޮށްފައެވެ. ޖޫލް ރިމެޓް އަކީ 1929 ވަނަ އަހަރު އަވަހާރަވެފައިވާ ފީފާގެ އެންމެ ފުރަތަމަ ރައީސްއެވެ.

ވޯލްޑްކަޕްގައި ފުރަތަމަ ބޭނުންކުރި ޓްރޮފީ ޑިޒައިންކޮށްފައި ވަނީ އަބެލް ލަފްލިއުރު ކިޔާ ފަރުމާއަށް ނައިކޭއިންނެވެ. އެއީ ޤަދީމީ ގްރީކުންގެ ކާމިޔާބު ރަމްޒުކޮށްދޭ ނިޝާނެއްގެ ގޮތަށެވެ. މި ޓްރޮފީ ފަރުމާކުރަން ބޭނުންކޮށްފައި ވަނީ އަބެލް ލަފްލިއުރް (Abel Lafreur) ކިޔާ އަގުބޮޑު މައުދަނަކުންނެވެ. އަދި މި ޓްރޮފީ ފަރުމާކުރުމުގައި ރަނާއި ރިހީގެ އިތުރުން ހުދު އަދި ރީނދޫ މާބުލް ބޭނުންކޮށްފައި ވެއެވެ. 1954 ވަނަ އަހަރު މިތަށި ވަނީ އަޕްގުރޭޑް ކުރެވިފައެވެ. މިގޮތުން މިތަށި ފަހުން ހަދާފައިވަނީ ”ލަޕިސް ލަޒުލި (lapis lazuli)“ ކިޔާ މައުދަނަކުންނެވެ. މިއީ އެދުވަސްވަރު އަފްޣާނިސްތާނުން ލިބޭ ވަރަށް އަގުބޮޑު މަޢުދަނެކެވެ. މިތަށީގެ އުސްމިނުގައި 14 އިންޗި ހުންނައިރު ބަރުދަނުގައި 3.8 ކިލޯ ހުރެއެވެ.
ނައިކޭއިން މިތަށި ފަރުމާކޮށްފައި ވަނީ ގަދީމީ ގްރީކުން ޤަބޫލުކުރަމުން އައި ކަލާނގެ ރަމްޒެއް ފެންނަހެން ދެ ފިޔަގަނޑުވެސް ހިމެނޭގޮތަށެވެ. އަދި މިތަށީގެ އަސްލަކީ ކާމިޔާބުގެ ނިޝާނެއްގެ ގޮތުގައި ގަދީމީ ގުރީކުން ބޭނުންކުރަމުން އަައި ނިޝާނެކެވެ.
ފީފާ ވޯލްޑްކަޕް އެންމެ ފުރަތަމަ ގެންދެވުނީ ފީފާ ވޯލްޑްކަޕް ބޭއްވި ޤައުމުކަމަށްވާ އުރުގުއާއީ އަށެވެ. މި ތަށި އެންމެ ފުރަތަމަ ކާމިޔާބު ކުރި ޤައުމުގެ ޝަރަފު ލިބިފައިވަނީ ވެސް 1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ވޯލްޑްކަޕް ކާމިޔާބުކުރި އުރުގުއާއީއަށެވެެ.
ވޯލްޑްކަޕްގެ ދެވަނަ ޓްރޮފީ (ގައްޒަނިއްގާ ޓްރޮފީ)
ދުނިޔޭގެ އެންމެ ޝަރަފުވެރި ފީފާ ވޯލްޑްކަޕް ޓްރޮފީ ދެވަނަ ޓްރޮފީ ފަރުމާކުރީ އިޓަލީގެ ސިލްވިއޯ ގައްޒަނިއްގާ އެވެ. ގައްޒަނިއްގާ ވޯލްޑް ކަޕް ޓްރޮފީ ފަރުމާކުރީ 1971 ވަނަ އަހަރުއެވެ. ދުނިޔޭގެ ހަތް ޤައުމަކުން ލިބުނު 53 ޑިޒައިނާ ވާދަކޮށް ގައްޒަނިއްގާގެ ފަރުމާ ހޮވުނުއިރު މި ޓްރޮފީގެ ހުރިހާ ޙައްޤެއް އޮންނަނީ ފީފާ އަށެވެ. އެހެންވެ މި ޓްރޮފީގެ އިމޭޖް ރައިޓްސް އިން ގައްޒަނިއްގާއަށް އެއްވެސް މާލީ ފައިދާއެއް ނުވެއެވެ.

ގައްޒަނިއްގާ ޓްރޮފީ އެންމެ ފުރަތަމަ އުފުލާލީ 1974 ވަނަ އަހަރު ހުޅަނގު ޖަރުމަނުންނެވެ. ފީފާ ވޯލްޑް ކަޕް ޓްރޮފީ ފަރުމާކުރި އިޓަލީގެ ސިލްވިއޯ ގައްޒަނިއްގާ ނިޔާވެފައި ވަނީ 2016 ނޮވެންބަރު 1 ވަނަ ދުވަހު އުމުރުން 95 އަހަރުގައެވެ.
މި ޓްރޮފީގެ އިތުރުން އޭނާ ވަނީ ޔުއެފާ ކަޕާއި ޔޫރަޕިއަން ސުޕަ ކަޕުގެ ޓްރޮފީ ވެސް ފަރުމާކޮށްފައެވެ. އޭނާ އަކީ ފުޓްބޯޅައަށް މާ ބޮޑު ޝައުގުވެރި ކަމެއް ބަހައްޓާ މީހެއް ނޫން ކަމަށް އޭނާ އަވަހާރަވުމުގެ ކުރިން މީޑިއާތަކުގައި ބުނެފައިވެއެވެ. ޓްރޮފީ އުފެއްދިއިރު އޭގެ އަގު ކަމަށް ވަނީ ފަންސާސް ހާސް ޑޮލަރެވެ. އެކަމަކު މިހާރު އޭގެ އަގު 10 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.
ފީފާ ވޯލްޑްކަޕް ޓްރޮފީ ހަދާފައިވަނީ 18 ކެރެޓް ރަނުންނެވެ. ޓްރޮފީގައި 5 ކިލޯގެ ރަން އެކުލެވެއެވެ. ފީފާ ވޯލްޑް ކަޕް ޓްރޮފީގެ އުސްމިނުގައި 36.8 ސެންޓިމީޓަރު ހުރެއެވެ. ޖުމްލަ ބަރުދަނުގައި 6142 ގުރާމް ހުރެއެވެ. ތަށީގެ ފުލުގެ އެންމެ ފުޅާ ދިމާލުގައި ހުންނަނީ 13 ސެންޓިމީޓަރެވެ. 1974 ވަނަ އަހަރުން ފެށިގެން ތަށި ހޯދި ޤައުމާއި ޓްރޮފީ ލިބުނު އަހަރު އެނގޭ ގޮތަށް ޓްރޮފީގެ ފުލުގައި ކަނޑައި ނަގާފައި ހުރެއެވެ. މި ތަށި މިގޮތުގެ މަތިން ބޭނުން ކުރެވޭނީ 2038 ވަނަ އަހަރާ ހަމައަށެވެ. އެއީ މިތަށި ކާމިޔާބު ކުރާ ޓީމުތަކުގެ ނަންތައް ޓްރޮފީގެ ފުލުގައި ކަނޑާ ނަގާނެ ޖާގައެއް ނޯންނާނެތީއެވެ. އޭގެ ފަހުން ފީފާއިން މިކަމާއިމެދު ކޮންމެވެސް އެހެން ގޮތެއް ނިންމާނެއެވެ.

މި ޓްރޮފީން ދައްކުވައިދެނީ ދުނިޔެ ސިފަކޮށްދޭ ބޯޅައެއް ވަށައިގެން ތިބެ ކުޅުންތެރިން އުފާފާޅުކުރާ މަންޒަރެވެ. ވޯލްޑް ކަޕުގެ ފައިނަލަށް ފަހު ޗެމްޕިއަން ޓީމަށް އޮރިޖިނަލް ޓްރޮފީ ދިން ނަމަވެސް، ފަހުން އެ ޓްރޮފީ އަތުލަ އެވެ. އަދި އެ ޤައުމެއްގައި ދައްކާލަން ބަހައްޓަން ފީފާ އިން ދެނީ ނަމޫނާ ޓްރޮފީއެކެވެ.
މި ޓްރޮފީ އުފުލާލައިފައިވާ ޓީމްތަކުގެ ކެޕްޓަނުންނަކީ ފްރެންޒް ބެކެންބާ، ޑެނިއަލް ޕަސަރެއްލާ، ޑިނޯ ޒޮފް، ޑިއޭގޯ މަރަޑޯނާ، ލޮތަ މަތެއަސް، ޑުންގާ، ޑިޑިއާ ޑިޝޯމްޕްސް، ކަފޫ، ފަބިއޯ ކަނަވާރޯ، އިކާ ކަސިޔަސް އަދި ފިލިޕް ލާމްއެވެ.
މިހާރު މި ބޭނުން ކުރާ ޓްރޮފީގެ ކުރިން ބޭނުން ކުރި ޖޫލްސް ރިމެޓް ޓްރޮފީ ބްރެޒިލްއަށް މިލްކު ކުރި އިރު ފީފާގެ ޤަވާޢިދު އޮންނަ ގޮތުން ޖެހިޖެހިގެން ތިންފަހަރު ޓްރޮފީ ލިބޭ ޤައުމަކަށް ދާއިމީ ގޮތެއްގައި ޓްރޮފީ ދޭން ޖެހެއެވެ.
މިހާރު މި ބޭނުންކުރާ ”ގައްޒަނިއްގާ ޓްރޮފީ“ ގެ އޮރިޖިނަލް ޗެމްޕިއަން ޓީމަށް ޤައުމަށް ގެންދާކަށް ނުލިބެއެވެ. މިހާރު ފީފާގެ ޤަވާޢިދު އޮންނަ ގޮތުން ތަށި ކާމިޔާބު ކުރާ ޤައުމަށް ގެންދަން ދެނީ ރިހިން ހަދާ ރަން ޕްލޭޓް ކޮށްފައި ހުންނަ ތަށްޓެކެވެ. އަސްލު ތަށި ހުންނަނީ ސްވިޒަލޭންޑްގެ ޒިއުރިކް ފުޓްބޯޅަ މިޔުޒިއަމް ގައެވެ. ތަށި އެތަނުން ނެރެނީ ކޮކާކޯލާއާ ގުޅިގެން ފީފާއިން ކުރިއަށް ގެންދާ ދަތުރަށާއި، ވޯލްޑްކަޕް މުބާރާތުގެ ފައިނަލް މެޗުގައި ދަނޑުގައި ބެހެއްޓުމަށެވެ.
ވޯލްޑްކަޕްގައި ބޭނުންކުރި ފުރަތަމަ ޓްރޮފީ ވަގަށް ނެގުން
ވޯލްޑް ކަޕް ޓްރޮފީގެ ތާރީޚުގައި ފުރަތަމަ ދަތުރު ކުރީ 1930 ވަނަ އަހަރު ކޮންޓި ވާރޑީ ނަމަކަށް ކިޔާ ބޯޓެއްގައި އުރުގުއޭ އަށެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުނު އިރު ޓްރޮފީ ހުރީ އިޓަލީގެ ބެލުމުގެ ދަށުގައެވެ. އެއީ 1938 ވަނަ އަހަރު ތަށި ލިބުނު ޤައުމުގެ ހައިޞިއްޔަތުންނެވެ. ހަނގުރާމަ އާއި ނާޒީންގެ ދުއްތުރާ އޮތްލެއް ބޮޑުކަމުން އިޓަލީ އަކީ މިފަދަ އަގުބޮޑު ތަށްޓެއް ބަހައްޓަން އެކަށީގެންވާ މާހައުލެއް އޮތްތަނެއް ނޫންކަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އޮޓޮރީނޯ ބަރައްސީއަށް ވިސްނި، ޓްރޮފީ ފޮރުވާފައި ހުރި ބެންކުގެ ހަރުގަނޑުން ނަގައިގެން ގެނެސް ބޫޓުލާ ފޮށްޓަކަށް ޓްރޮފީ ލުމަށްފަހު އޭނާގެ ނިދާ އެނދު ތަންދޮށަށްލައި ޓްރޮފީ ފޮރުވިއެވެ. އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މިހެން އަމަލުކޮށްފައިވާ ސަބަބަކީ ތަށި ވަގަށް ނަގައިފިކަން ދެއްކުމާއެކު ނާޒީންގެ އަތްދަށުން ޓްރޮފީ ސަލާމަތް ކުރުމެވެ. އެފަހަރު ތަށި ވަގަށް ނެގުމުން ސަލާމަތް ކުރެވުނީ މި އުކުޅުންނެވެ.

1966 ވަނަ އަހަރު އިނގިރޭސިވިލާތުގައި އޮތް ވޯލްޑް ކަޕް ފެށެން އެންމެ 4 މަސް ދުވަހަށް ވެފައި ވަނިކޮށް ވޯލްޑްކަޕް ތަށި ވަގަށް ނެގިއެވެ. ތަށި ވަގަށް ނެގީ، ވެސްޓްމިންސްޓަރ ސެންޓްރަލް ހޯލްގައި އާއްމުންނަށް ތަށި ދައްކާލުމަށް ބަހައްޓާފައި ހުއްޓައެވެ. އޭރު ތަށި ބަލަހައްޓަން 24 ގަޑިއިރު ފޯރި މަރަމުން ދިޔައެވެ. ތަށި ވަގަށް ނެގުމާއެކު އިނގިރޭސިވިލާތުގެ ހުރިހާ ފުލުހުން ވަގު ހޯދަން ނެރުނެވެ. މުބާރާތް ފެށެން ވާއިރަށް ތަށި ނުހޯދިދާނެ ކަމަށް ބަލައި، ތަށީގެ ނަކަލެއް ހެދުމަށް އިނގިރޭސިވިލާތުން އެއާއެކު މަސައްކަތް ފެށިއެވެ. ނަމަވެސް ނޫސް ކަރުދާސް ގަނޑަކަށްލައި އޮޅާލާފައި މީހެއްގެ ގޭގެ ބަގީޗާ ތެރޭގައި ތަށި ފޮރުވާފައި އޮއްވައި، ކުއްތާ އަކަށް ތަށި ފެނިގެން އެ ކުއްތާ ވެރިމީހާގެ ސަމާލު ކަމަށް ގެނައެވެ. އެހިސާބުން ކަމާ ބެހޭ ފަރާތާ ތަށި ހަވާލު ކުރީއެވެ. ތަށި ހޯދުމުގެ އިނާމަކަށް ކުއްތާއަށް އެއްއަހަރު ދުވަހުގެ ކާނާ ހިލޭ ލިބުނެވެ.
އިނގިރޭސިވިލާތުން ތަށި ވަގަށް ނަގާފައިވަނިކޮށް ދެ ވަނަ ފަހަރަށް އަނެއްކާވެސް ތަށި ވަގަށް ނެގިއެވެ. އެއީ ވޯލްޑްކަޕް ތަށި (ޖޫލްސް ރިމެޓް ކަޕް) 1970 ވަނަ އަހަރު ބްރެޒިލް އަށް މިލްކު ވުމާ ގުޅިގެން ބްރެޒިލްއަށް ތަށި ގެންގޮސްފައި ވަނިކޮށް، ބްރެޒިލްގެ ފުޓްބޯޅަ ކޮންފަޑަރޭޝަންގެ މައި އިދާރާގައި ބަހައްޓާފައި ހުއްޓައެވެ. މި ވޯލްޑްކަޕް ތަށި ވަގަށް ނެގި ކަމުގެ ތުހުމަތުގައި 4 މީހެއްގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީއަތް ހިންގި އެވެ. އެވަރުން ވެސް އެތަށި ނުފެނުނީ ބެލެވޭ ގޮތުގައި ތަށި ވިރުވާލައިގެން ރަންކޮޅުގެ ބޭނުން ކޮށްލީމައެވެ.
ވޯލްޑްކަޕްގެ ޓްރޮފީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް
ދުނިޔޭގެ ތައްޓަށް ކުޅޭ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ޝަރަފުވެރި ޓްރޮފީ (ވޯލްޑް ކަޕް ތަށި) ރާއްޖެއަށް ގެނެސްފައިވަނީ 2018 ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގެ ހަވީރުއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިހާ އަގުބޮޑު ޓްރޮފީއެއް ރާއްޖެ ގެނައި ފުރަތަމަ ފަހަރެވެ. ދިވެހިންގެ މެދުގައި އެންމެ މަޤުބޫލު ކުޅިވަރުކަމަށްވާ ފުޓްބޯޅައިގެ މިފަދަ ޝަރަފުވެރި ތަށްޓެއް ދިވެހި ރައްޔިތުންގެ ހަމަލޮލުން ބަލައިލުމުގެ ފުރުޞަތު މިވަނީ ލިބިފައެވެ.

ފީފާ ވޯލްޑްކަޕް ޓްރޮފީ ޓުއަރ ފެށީ 2017 ވަނަ އަހަރުގެ ސެޕްޓެންބަރުު މަހުގައެވެ. 2017 ވަނަ އަހަރުގެ ސެޕްޓެންބަރުު މަހުން ފެށިގެން ޑިސެމްބަރު މަހާއި ދެމެދުގައި މި ޓްރޮފީ ފުރަތަމަ ގެންދެވިފައި ވަނީ މި އަހަރުގެ ވޯލްޑްކަޕް އޮންނަ ރަޝިއާގެ 16 ސިޓީ އަކަށެވެ. އޭގެ ފަހުން ދުނިޔޭގެ 50 ޤައުމަކަށް މި ތަށި ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ރަޝިޔާ ފިޔަވައި އެންމެ ފުރަތަމަ މި ތަށި ގެނެސްފައި ވަނީ ނިމިގެންދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ސްރީލަންކާއަށެވެ. ދިވެހިރާއްޖެ މިތަށި ގެނެސްފައިވަނީ ވެސް ހަމަ އެދުވަހުގައެވެ. ވޯލްޑްކަޕް ޓްރޮފީ ޓުއާގެ މިދަތުރު ނިންމާލާނީ ވޯލްޑްކަޕް ފެށެން އެއް މަސް ދުވަހަށް ވުމުން މި ޓްރޮފީ އެނބުރި ރަޝިއާގެ މޮސްކޯއަށް ގެންދިއުމާއި ހަމައިންނެވެ. އެއީ އަންނަ މޭ މަހުގައެވެ. މިދަތުރުގައި ޤައުމުތަކަށް ގެންދަނީ ފީފާ ވޯލްޑްކަޕްގެ އަސްލު ޓްރޮފީއެވެ.
ވޯލްޑް ކަޕްގެ ތަށި އުފުލާލުމުގެ ޝަރަފު މިހާތަނަށް ލިބުނީ އެންމެ ދިވެއްސަކަށް
ފުރަތަމަ ފަހަރަށް ރާއްޖެ ގެނައި ވޯލްޑްކަޕް ތަށީގައި އަތްލުމުގެ ޝަރަފު ލިބިލެއްވި ހަމައެކަނި ދިވެއްސަކީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމިން ޢަބްދުލްގައްޔޫމެވެ. ފީފާ ވޯލްޑްކަޕްގެ ތަށި ރާއްޖޭގައި ދައްކާލުމުގައި މުޅި ރާއްޖެ ވަނީ ޝާމިލްކޮށްފައެވެ. ކޮކާކޯލާއިން ސްޕޮންސަރ ކޮށްފައިވާ ވޯލްޑް ކަޕުގެ ޓްރޮފީ ޓުއާގައި ޓްރޮފީ އެކި ޤައުމުތަކަށް ގެންދަނީ އެކަމަށް ޚާއްޞަ ޖެޓެއްގައެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ނަޒަރެއް
މިއަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭ ފަޅިން ރަޝިޔާ އާއި ސައުދީ އަރަބިއްޔާ އެވެ. 2018 ވަނަ އަހަރުގެ ޖޫން 14 ވަނަ ދުވަހު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ހުޅުވާ މެޗާއެކު ވޯލްޑްކަޕްގެ ކުޅުން ފެށިގެން ދާއިރު، އެ މެޗް ކުޅޭނީ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8:00 ގައި މޮސްކޯގެ އެންމެ ދުވަސްވީ އެންމެ ބޮޑު ސްޓޭޑިއަމް ކަމަށްވާ ލުޒްނިކީ ސްޓޭޑިއަމްގައެވެ. މި މުބާރާތް ކުރިއަށްދާނީ މިއަހަރުގެ ޖޫން 14 އިން ފެށިގެން ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ފީފާ ވޯލްޑްކަޕް 2018 ގެ ގުރުއަތުލުން ބާއްވާފައި ވަނީ 2017 ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭގައެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯ ގައި އެރޭ އިރާކޮޅު ކުރިއަށް ދިޔަ ގުރުނެގުމުގައި ވޯލްޑްކަޕަށް ކޮލިފައިވި ޓީމްތައް ސީޑްކޮށްފައި ވަނީ މިދިޔަ އޮކްޓޫބަރ މަހުގެ ފީފާ ރޭންކިންގައި ޓީމުތައް ރޭންކު ކުރެވިފައިވާ ގޮތުގެ މައްޗަށް ބަލައި 8 ގްރޫޕަކަށެވެ. ވޯލްޑްކަޕަށް ކޮލިފައިވި ޓީމުތަކުގެ ތެރެއިން ރޭންކިންގެ އެންމެ ފުލުގައި އޮތް ރަޝިޔާ ގްރޫޕް އޭ ގައި އެއް ވަނައަށް ސީޑު ކުރެވުނީ މުބާރާތް ބާއްވާ ޤައުމުގެ ގޮތުގައެވެ.
އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުން ފުރުޞަތު ނުލިބުނު މަޝްހޫރު ޤައުމުތަކުގެ ތެރޭގައި ވޯރލްޑް ކަޕް 4 ފަހަރު ހޯދާފައިވާ އިޓަލީ އާއި ނެދަލެންޑްސްގެ އިތުރުން ޗިލީ ހިމެނެއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ރަޝިއާއާއި ސައުދީ އަރަބިއާއެވެ. އެ މެޗު އޮންނާނީ މޮސްކޯގެ އެންމެ ދުވަސްވީ އެންމެ ބޮޑު ސްޓޭޑިއަމް ކަމަށްވާ ލުޒްނިކީ ސްޓޭޑިއަމްގައެވެ.
ވޯލްޑްކަޕްގައި ވާދަކުރާ ޓީމުތައް ބަހާލުމަށް ބޭއްވި ގުރުއަތުލުމުގެ ކުލަގަދަ ރަސްމިއްޔާތަކަށްފަހު ވޯލްޑްކަޕްގައި ވާދަކުރާ 32 ޓީމު ޖުމްލަ 8 ގުރޫޕަކަށް ބަހާލެވިގެން ދިޔައެވެ. މި ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ ގިނަ ބަޔަކު ނަޒަރު ހުއްޓިގެން ދިޔައީ ޔޫރަޕްގެ ފަހުގެ ދެ ޗެމްޕިއަނުންކަމަށްވާ ސްޕެއިން އާއި ޕޯޗުގަލް އެއް ގްރޫޕެއްގައި ލައްވާލުމުންނެވެ. އެގޮތުން މިފަހަރުގެ ވޯލްޑްކަޕްގައި މަރުގެ ގުރޫޕުގެ ގޮތުގައި ޕޯޗުގަލް އަދި ސްޕެއިން ހިމެނޭ ”ގްރޫޕް ބީ“ ވަނީ ހިމެނިފައެވެ. ”ގްރޫޕް ބީ“ ގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ އެފްރިކާ ބައްރުގެ މޮރޮކޯއާއި އޭޝިއާ ބައްރުގެ އިރާންއެވެ. މިއީ ވޯލްޑްކަޕް ބޭއްވޭ 21 ވަނަ ފަހަރެވެ. ތިރީގައި މި ވަނީ ވޯލްޑްކަޕް ގްރޫޕްސްޓޭޖުގައި ކުޅުމަށް ހަމަޖެހިފައިވާ ޓީމުތައް ބެހިފައިވާ 8 ގުރޫޕެވެ.
