ކުޑައެއްގެ ފޮތިގަނޑު އޭގެ ދުނިބައިގެ މަތީގައި އޮންނަނީ ހުރިހައި ދުންޏެއްގެ މައްޗަށް ފެތުރިގެންވާ ގޮތުގައެވެ. މުޅި ދުނިބައި ފުރައިލެވިގެންނެވެ. އެއްވެސް މިރިއެއް (ދެދުނި ދެމެދު) ހުހަކަށް ނޯވެއެވެ. ހުހަށް އޮވެއްޖެ ނަމަ، އެ ކުޑައަކީ ބޭނުމެއް ނުހިފޭނެ އުނި އެއްޗެކެވެ. އެހެނީ ކުޑައެއްގެ ބޭނުމަކީ އެ ފޮޅުވައިލުމުން އެއިން ހިޔާލިބުމެވެ. ހަމަ އެ ފަދައިން ދަރިވަރަކު މަދްރަސީ ޙަޔާތް ނިމިގެން މުޖުތަމަޢަށް ނިކުންނަ ދުވަހު އޭނާގެ ކިބައިން މުޖުތަމަޢަށާއި ޤައުމަށް ލާބަހުރިގޮތުގައި ޚިދުމަތްލިބެންޖެހެއެވެ. މި ފަދަ  ބޭނުންހިފެވޭ މުވާޠިނަކަށް އޭނާ ހެދުމަށް ޓަކައި، އުނގަންނައިދިނުމުގެތެރެއިން އޭނާގައި އަށަގަންނަވާންޖެހޭނެ މީޒާތަކެއް ޤައުމީ މަންހަޖުގައި ބަޔާންވެގެންވެއެވެ. ފިކުރީ ޤާބިލުކަމާއި ސުލޫކީ ހަރުދަނާކަމާއި ތަހުޒީބު އަޚުލާޤުގެ ތެރޭން ދަސްވެ ހަރުލައި، އޭނާގެ އަމަލުން ފާޅުވުން ލާޒިމުކުރާ ސިފަތަކެކެވެ. އެހެންކަމުން ދަރިވަރުގެ [ތަޢުލީމީ ކުޑަ] ފުރިހަމަވިކަމަށް ވާނީ،  މި މީޒާތައް އޭނާގައި ފުރިހަމައަށް އަށަގެންނެވިގެނެވެ. މިއަދުގެ ޙާލަކީ ކޮބައިތޯއެވެ؟

މި މަޒުމޫނު ތިބާއަށް ތަފުޞީލުކޮށްދޭނީ ދަރިވަރުންގައި އަށަގަންނަވާން ހުރި މީޒާތަކެވެ. އެކަމުގައި މަސްއޫލުވެރި ފަރާތްތަކެވެ. ތިނެސްކަން ޒިންމާއެވެ.

ރާއްޖޭގެ މަދްރަސީ ތަޢުލީމުގެ ޤައުމީ މަންހަޖު އެންމެ ފަހުން އެކުލަވައިލެވުނީ 2014 ވަނަ އަހަރުއެވެ. އެއީ އުގަންނައިދިނުމުގެ އެންމެ މި ޒަމާނުގެ އުސްލޫބުތަކަށް ރިޢާޔަތްކުރުމާއެކީގައެވެ. އެހެނީ މަންހަޖަކީ ޤައުމެއްގެ އަންނަން އޮތް ޖީލު ބައްޓަންކުރުމުގެ ސިޔާސަތެވެ (އެލްމޯ އާއި ސައިކްސް، 1992). މަންހަޖެއްގެ ބޭނުމަކީ ޤައުމެއްގެ ހެދިބޮޑުވާ ޖީލު އެއީ މުސްތަޤުބަލުގެ ރައުސްމާލުކަމުގައި ހެދުމެވެ. އެ ޖީލު މާދަމާއަށް ޓަކައި ތައްޔާރު ކުރުމެވެ. އެހެންކަމުން ދިވެހި ރާއްޖޭގެ ތަޢުލީމީ އާ މަންހަޖުގެ ތަޞައްވުރަކީ ވެސް ކޮންމެ ކުއްޖަކު މެ ދިރިއުޅުމަށް ފައްކާކުރުމެވެ (ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، 2014). އެއީ ދީނީ، ޤައުމީ އިޖުތިމާޢީ އަގުތަކުގެ ތަރަހައިގެ މަތީގައެވެ. އެހެންކަމަށް ވާ ނަމަ، ޤައުމު ބިނާކުރާނެ އަތްތަކެއް، ޤައުމު ދެކެ ލޯބިވާނެ ހިތްތަކެއް، ޤައުމާ މެދު ފުންކޮށް ވިސްނައި ހެޔޮ ގޮތްތައް ނެރެދޭނެ ދުޅަހެޔޮ ސިކުނޑިތަކެއް އުފައްދާނެ މާނަވީ އެއް ސިއްރުކަމުގައި ވާނީ ޤައުމީ މަންހަޖެވެ. ނަމަވެސް ޝައްކެއް ނެތް ގޮތުގައި މި ނަތީޖާ ޙާޞިލުވުން ބިނާވެފައި އޮންނާނީ ދަރިވަރުންނަށް ތަޢުލީމު އުނގަންނައިދެވޭ ގޮތެއްގެ މައްޗަށެވެ.

ތިނެސްކަން ޒިންމާ

ތިނެސްކަން ޒިންމާއިން މާނަކުރަނީ ޒިންމާ އުފުލަންޖެހޭ ތިން ފަރާތެކެވެ. މުޖުތަމަޢުގެ ދާއިރާގެ ތެރޭގައި ޚަބަރު ފަތުރާ ވަސީލަތްތަކާއި މަގުމަގުމަތީގެ ހަރަކާތްތައް ހިމެނެއެވެ. ގޭގެ ދާއިރާގެ ތެރޭގައި ބެލެނިވެރީންގެ ޒިންމާއާއި ސީދާ ދަރިވަރުގެ ޒިންމާ ހިމެނެއެވެ. ތަޢުލީމީ ދާއިރާގެ މާނައިގެ ތެރޭގައި ސިޔާސަތު ހިންގަވާ ފަރާތްތަކާއި މުދައްރިސުން ފަދަ އެންމެ ހައި ފަރާތްތަކެވެ. އެހެނީ އުނގަންނައިދިނުމުގައި ދަރިވަރަށް ނުފޫޒު ފޯރުވާ ނުވަތަ ދަރިވަރަށް ނުފޫޒު ފޯރުވޭ ހަމައެކަނި ބަޔަކީ މުދައްރިސުންނެއް ނޫނެވެ. މުދައްރިސުން ދައްކަވާ މަގަށް ދަރިވަރުން ލަވައި، އެ މަގުން އެ ކުދީން ހިންގާން ބަޔަކު ތިބެން ޖެހެއެވެ. މަންހަޖުގައި ކަނޑައަޅައިފައިވާ  ސިފަތައް އެކުދިންގައި ހަރުލާނީ އެ ގޮތުންނެވެ. ތިރީގައި އެ ވަނީ ރާއްޖޭގެ ޤައުމީ މަންހަޖު ފުރިހަމަ ކުރާ ދަރިވަރެއްގައި ހުންނާން ޖެހޭނެކަމަށް މަންހަޖުގައި ކަނޑައަޅައިފައިވާ ސިފަތައް ނުވަތަ މީޒާތަކުގެ ތާވަލެކެވެ. ވީ އެންމެ އަވަހަކަށް ދަރިވަރުންގެ ކިބައިން އެކަންކަން ދުށުމުގެ އުންމީދާއެކު ބަލައިލަމާ ހިންގަވާށެވެ!

މި ތާވަލުން ތިޔަ ފެނިވަޑައިގަންނަވަނީ ޤައުމީ މަންހަޖު ބުނާ ގޮތުން، ރާއްޖޭގެ މަދުރަސީ ޙަޔާތް ފުރިހަމަކޮށްފައި ޔުނީފޯމު ދޫކޮށްލާ ދަރިވަރެއްގެ ކިބައިން ފާޅުވާނެ ސިފަތަކާއި ޤާބިލުކަމެވެ. ނުވަތަ ފެށުމުގައި އަޅުގަނޑު ދަންނަވައިލި ތަޢުލީމީ ކުޑައިގައި ހިމެނޭ އަށް މިރިއެވެ.

ދެން މި ހިނދުގެ ޙާލާމެދު ވިސްނައިލަމާތޯއެވެ. އާދެ! ތެދުފުޅެކެވެ. 2014 ވަނަ އަހަރު ފެށުނު މި މަންހަޖު ފުރިހަމަކުރި ދަރިވަރަކު އަދި އަޅުގަނޑުމެންގެ ތެރެޔަކު ނޫޅޭނެއެވެ. މި މަންހަޖުގެ މޭވާ ލިބޭނީ އަދި ތަންކޮޅެއް ފަހުންނެވެ. އަޅުގަނޑުގެ ޙަޤީޤީ ނުކުތާއަކީ އެޔެއް ނޫނެވެ. ރާއްޖޭގެ ފަހުގެ ތާރީޚަށް ބަލާއިރު، މަންހަޖު އެކުލަވައިލައި އިޞްލާޙުކުރުމަކީ 1980، 1984، 2000، 2006 ގައި ވެސް ކުރެވިފައިވާ މަސައްކަތްތަކެވެ. އޭގެ މޭވާގައި ފޮންޏަށްވުރެ ހިތި ގިނަކަމަށް މި ދާއިރާގެ މުފައްކިރުން ވަކާލާތުކުރައްވައެވެ. އެހެންކަމަށް ވާ ނަމަ، އެ ކަމަށް ސަބަބު ވެސް ހުންނާނެއެވެ. މި ފަހަރު އަނެއްކާ ވެސް ބޮޑު ބަދަލެކެވެ. ތަފާތު ބަދަލެކެވެ. ހެޔޮ ބަދަލެކެވެ. މި ފަހަރުގެ މޭވާ ފޮނިކުރާން މަސައްކަތްކުރާންވީ ކިހިނެއް ބާވައެވެ؟ ކޮން ބަޔަކު ބާވައެވެ؟ އަދި މި މަސައްކަތް ފަށައިގަންނާން މި ޖެހެނީ މުޖުތަމަޢުގެ ޙަޤީޤަތް ކިހިނެއް އޮއްވައި ބާވައެވެ؟

ތާވަލުގެ އެންމެ ކުރީގައި އޮތީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމުގެ ވާހަކައެވެ. މަޤުޞަދަކީ ޙަޔާތުގެ ހުރިހައި ހިނދެއްގައި ހުރިހައި ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ މިޔަމަތީގައި އެ ދަރިވަރު އޭނާގެ ފިޔަވަޅުއެޅުމެވެ. ދެން މި ނުކުތާގައި މުޖުތަމަޢަށް  ބަލައިލަމާތޯއެވެ. ދީނަށް ލޯބި ހުރެގެން ދީނާ ދިމާޔަށް ދާ ދަރިވަރުން ދީނާ ދިމާޔަށް ދަނީ ވޮށުއައްޔާ ދިމާޔަށް ވޮށްދޫނި  ދާހެންނެވެ. ދީނާ ދުރަށް ދާ ބަޔަކު ދަނީ ސާޅަނގަޔާ ދުރަށް އޭގެ އުންޑަ ދާހެންނެވެ. އިސްލާމީ ޝަރީޢާގެ އެއް މަޤުޞަދަކީ ދީން ރައްކާތެރިކުރުންކަމުގައި ވާއިރު، ދީނުގެ އެންމެ މުހިންމު އަސާސްކަމުގައިވާ  ޢަޤީދާގެބައި ސިފަވަނީ މި ފަދަ ގޮތަކަށެވެ. އަދި ޢިބާދާތާއި އަޅުކަމުގެ ބައި ކިހިނެއް ވާނެ ތޯއެވެ؟ އެއް ދުވަސްވަރެއްގައި އަޅުގަނޑަށް ކޮންމެ އަހަރަކު ކުރަންޖެހުނު އިންޓަވިއުތަކެއް އޮތެވެ. ތަޢުލީމު ދޭ މަރުކަޒެއްގެ ކޯސްތަކަކަށް ދަރިވަރުން ހޮވުމަށެވެ. އިސްލާމީ ނިވާވުމުން ނިވާވެގެން ތިބި އެތައް ޒުވާން ކުދީންނަކާ ދިމާވިއެވެ. ކާވަނީގެ ހެދުން ފީވެފައިވާ އަންހެންކުދިންނާއި ފިރިހެންކުދީންނެވެ. އެކަމަކު ފަރުޟު ހިނެއިން އެއީ ކޮން އެއްޗެއްކަމެއް އެކުދީން ނުދަނެތެވެ. 

މުދަލަށް ރައްކާތެރިކަން ލިބުމަކީ އިސްލާމީ ޝަރީޢާގެ މުހިންމު އަނެއް މަޤުޞަދެވެ. 2017 ވަނަ އަހަރު މުޅި ރާއްޖޭން އެންމެ ގިނައިން ފުލުހުންނަށް ހުށަހެޅިފައި އޮތީ ވައްކަމުގެ މައްސަލައެވެ. އެއީ 3503 މައްލައެވެ (އަހަރު ރިޕޯޓު، 2017).  އިސްލާމްދީން އިންސާނާއަށް ބުއްދީގެ ރައްކާތެރިކަން ދެއެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި  އިންސާނާގެ ވިސްނުމަށް ސަލާމަތްކަން ދިނުމަކީ އިސްލާމީ ޝަރީޢާގެ މަތިވެރި މަޤުޞަދެކެވެ. ނަމަވެސް  ފާއިތުވި ފަސް އަހަރަށް ބަލާއިރު، ކޮންމެ އަހަރަކުހެން ރާއްޖޭގައި އެންމެ ގިނައިން ފުލުސް އޮފީހަށް ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. 2017 ވަނަ އަހަރު 2038 މައްސަލަ ހުށަހެޅިފައިވެއެވެ (އަހަރު ރިޕޯޓު، 2017). ފުރާނައާއި އަބުރުގެ ރައްކާތެރިކަމަކީ ވެސް ދީނުގެ މަޤުޞަދުތަކުގެ ތެރޭގައި ޢިލްމުވެރީން ހިމަނުއްވާ ކަންކަމެވެ. ރާއްޖޭގެ އިންސާނީ ތަރައްޤީއާ ބެހޭ ގޮތުން ޔޫއެންޑީޕީ (2014) ހާމަކުރި ރެޕޯޓު ބުނާ ގޮތުން މާލޭގައި އޭރު ވެސް 20 އާއި 30 އާ ދެމެދުގެ އަދަދަކަށް ގޭންގު ހަރަކާތްތެރިވެއެވެ. މިއިން ކޮންމެ ގޭންގެއްގައި 50 އާއި 400 އާ ދެމެދުގެ އަދަދަކަށް މެންބަރުން އެބަ ތިއްބެވެ. ދެން އޮތީ ބަދުއަޚްލާޤުގެ ވާހަކައެވެ. އޭގެ ރެކޯޑު އޮތްލެއް ލަދުވެތިކަމުން ތަފުޞީލު ނުލިޔެ، ހަމައެކަނި އެޗްއައިވީ ފެތުރިގެންފާނެކަމާމެދު ވަރުގަދަ އިންޒާރެއް އެބަ އޮތޭ ދަންނަވައިފައި މި ހިސާބަށް ފުއްދައިލަން ތޯއެވެ! 

ދެން ވިސްނައިލަމާ ހިންގަވާށެވެ!  އަޅުގަނޑުމެން ކަނޑައި ބިމާ ހަމަކުރަން ޖެހޭ ފަރުބަދަ އަޅެ އުހެއް ނޫންތޯއެވެ. ހަރުކަންގަދަވެފައި ހިލައެއް ނޫންތޯއެވެ؟ މި ކަމުގައި ތިޔަ ދަރިވަރުގެ ޒިންމާ އެބަ އޮތެވެ. އާއިލާއާއި  މީޑިޔާ މުހިންމު ނުވޭތޯއެވެ. މުދައްރިސުން ވެސް އިތުރަށް ލޯފުޅު ހުޅުއްވަން އެބަ ޖެހެއެވެ. ފޮތް ވިދާޅުވާށެވެ. ގޮތް ނެރުއްވާށެވެ.

ތާވަލުގައި އޮތް ދެވަނަ ޤާބިލުކަމަކީ ނަފުސު ދެނެގަތުމާއި ތަންޒީމުކުރުމުގެ ޤާބިލުކަމެވެ. މަޤުޞަދަކީ ކޮންމެ ދަރިވަރަކަށް ވެސް އެ ދަރިވަރެއްގެ ނަފުސު ދޭހަވެފައި ހުރުމެވެ. އެ ނަފުސުގެ އަގު އެނގުމެވެ. އެ ނަފުސުގެ މައްޗަށް އިތުބާރު އުފެދިގެންވުމެވެ. އާނއެކޭ ބުނާންވާ ތަންތާނގައި އާނއެކޭ، ނޫނެކޭ ބުނާންވާ ތަންތާނގައި ނޫނެކޭ ބުނާން ކެރުމެވެ. ތިމާގެ ކިބައިގައި ޤުދުރަތުން ލައްވައިފައިވާ ހުނަރުތައް ދެނެގަނެ އެ ކަންކަން ތަރައްޤީކޮށް އޭގެ އެހީގައި ދިރިއުޅުން ހޯދުމުގެ ކުޅަދާނަކަން ލިބިފައިވާ ދަރިވަރަކަށް ހަމަ ކޮންމެ ދަރިވަރަކުމެ ވުމެވެ. ކޮޓަރިން ނިކުންނަމުން ފަންކާ ނިވައިލާން، ގަޑިއެއް ކިޔައިފި ނަމަ، އެ ގަޑިޔަކަށް ދާން، މަސައްކަތެއް ހަވާލުކުރެވިއްޖެ ނަމަ، ރޭވުންތެރިކަމާއެކު އެކަމެއް ބަރާބަރަށް ފުރިހަމަޔަށްކުރާން އެނގުމެވެ. އެކަންކުރުމެވެ. ދެން މިއަދުގެ އޮފީސްތަކާއި އެ ތަންތަނުން ފެންނަ މަންޒަރުތައް ހިތަށް ގެންނަމާތޯއެވެ؟ އެއް ރައްޓެއްސަކު ބުންޏެވެ. އިއްޔެ ވެސް ތިމަންގެ އޮފީހުގެ 12 މުވައްޒަފުން ތިބީ ސަލާމުގައެވެ. އެއީ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްދޭ މަރުކަޒެކެވެ. އެހެން ރައްޓެއްސަކު ބުންޏެވެ. އެތައް މުވައްޒަފުންނަކާ މަސައްކަތް ހަވާލުކޮށްފައި އަބަދު ވެސް ތިމަންނަ ހުންނާން މި ޖެހެނީ އެ މީހުންގެ ’ކަލްދޯބަޖޭއާއޯ‘ އަޑު އަހާށެވެ.  އެހެންކަމުން މި ޤާބިލުކަން ވެސް އެބަ މުހިންމުވެއެވެ. މި ކަމަށްޓަކައި އެންމެ ކުޑަ އިރުއްސުރެ މައިންބަފައިންނަށް ދަރީން ލައްވައި ކަންކަން ކުރުވިދާނެއެވެ. ކުޅޭ އެއްޗެހި އަމިއްލައަށް ތަރުތީބުކުރުވުމާއި މަދުރަސާ ދަބަސް ދަރިވަރު ކޮނޑުގައި އުފުލުވުމާއި ފެހި ބޮކި ދިއްލެންދެން އެ ދަރިފުޅު އިނގިލިކުރީލައިގެން މަޑުކުރުން ފަދަ ނަމޫނާތައް ދެއްކިދާނެ ދޮގެއް ތޯއެވެ؟

ދެން އުފެއްދުންތެރި ވިސްނުމާއި ދޭހަވުމާއި ދޭހަކޮށްދިނުމާ މި ދެ ނުކުތާގެ މައްޗަށް އެކުއެކީ ބަލައިލާނަމެވެ. އެ ދެ ނުކުތާގެ މައިގަނޑު މަޤުޞަދަކީ ދަރިވަރުގެ ވިސްނުން ތަނަވަސްކުރުމެވެ. ފުންކޮށް ފުޅާކޮށް އެކި ނަޒަރުން އެކި ސަބަބުގެ މައްޗަށް ފިކުރު ހިންގުމުގެ ހުނަރު އަށަގެންނެވުމެވެ. ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގައި ކާމިޔާބު ފަރުދެއްގެގޮތުގައި ދިރިއުޅުމަށްޓަކައި ބިނާކުރަނިވި އަދި އުފެއްދުންތެރިގޮތެއްގައި ކަންކަމާމެދު ވިސްނުމުގެ ޤާބިލުކަން ހޯދައިދިނުން ވަރަށް މުހިންމެވެ (އެން.އައި.އީ، 2014). އެހެނީ އޭނާގެ ޙަޔާތް އޭނާއަށް އާރާސްތުކުރެވޭނީ މި ގޮތުންނެވެ. އަމިއްލަ ޟަމީރުން ހެޔޮކޮށް ކަންކަން ނިންމާން އެނގިގެންނެވެ. މީގެ އިތުރަށް ދުލާ ގަލަމުން ބަޔާންކުރަން އެނގުމުގެ ކުޅަދާނަކަން މި ނުކުތާގައި ހިމެނިގެންވެއެވެ. މިއަދު ރީތިކޮށް ސާފު ބަހުން ތިމާގެ ޝުޢޫރު ހާމަކޮށްލެވެނީ ކިތައް ދަރިވަރުންނަށް ބާވައެވެ؟ ސާފު ޚަބަރެއް ކިޔައިލަން ލިބެނީ ކިތައް ނޫހުން ބާވައެވެ؟ މި ޤާބިލުކަން ދަރިވަރުންގައި އަށަގެންނެވުމަށް ޓަކައި އެންމެ ކުޑަ އިރުއްސުރެ ދަރީންނަށް ފެންނަ ފަށުގައި މައިންބަފައިން ފޮތްކިޔުން މުހިންމުކަމަށް ވެއެވެ. އަދި ގޭތެރޭގައި ފޮތް ހަރުގަނޑެއް ބެހެއްޓުމާއި ފޮތްފޮތުން ސުވާލުކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ. އެއް ޞަފުޙާ ލިޔުމަށް ޓަކައި 40 ޞަފުޙާ ކިޔާށެވެ (ޢަބްދުﷲ ފާރޫޤު ޙަސަން، 2014).  ލިޔާން އެނގޭ އުމުރަށް ދިޔުމުން ކޮންމެ ދުވަހަކު ވެސް މަދުވެގެން 10 ވަރަކަށް ފޮޅުވަތުގެ ޕެރެގްރާފެއް ލިޔުއްވިދާނެއެވެ. އެ ދުވަހު ދިމާވި މަޖާކަމެއްގެ ވާހަކަ ފަދަ ލުއި ލިޔުމެކެވެ.

މި ލިޔުމުގައި ފަހު ނުކުތާއެއްގެ ގޮތުން އަޅުގަނޑު ބަލައިލާނީ ދުޅަހެޔޮ ދިރިއުޅުމަކަށް ދަރިވަރު ހޭނުވުމުގެ މައްޗަށެވެ. މި ޤާބިލިއްޔަތު ލިބިފައިވާ ދަރިވަރުންނަށް ދިރިއުޅުމުގެ ވައްޓަފާޅިއާއި ދުޅަހެޔޮ ޞިއްޙަތާ ރަނގަޅަށް،ދެމެދު ހުންނަ ގުޅުން ވަ ޒަންކުރެވޭނެއެވެ. މިގޮތުން ފައިދާހުރި ކާނާ ކެއުމާއި ނިދުމާއި އަރާމުކުރުމަކީ ދުޅަހެޔޮ ސިއްޙަތަކަށްޓަކައި ކޮންމެހެންވެސް ބޭނުން ވަ ކަންތައްތަކެއްކަން ދަރިވަރުންނަށް އެނގޭނެއެވެ. އަދި މިފަދަ ދަރިވަރުން ހާސްވުމާއި ކަންބޮޑުވުމުން ދުރުވާނެއެވެ (އެން.އައި.އީ، 2014). މިއަދުގެ ޙާލަތަށް ބަލާއިރު، ގައިންގަޔަށް ނާރާ ބަލިތަކުގައި މީހުން މަރުވާ ނިސްބަތް ރާއްޖޭގައި ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު،  ޢަބްދުﷲ ނާޒިމު (2017) ފާހަގަކުރައްވައެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން އިތުރުވުމާއި އެނަރޖީ ޑްރިންކަށް ހެސްގަތުން ފަދަ ނޭދެވޭ އާދަތަކުގެ ސަބަބުން އެތައް ޒުވާނުންނެއް ޅައުމުރުގައި ދުނިޔެ ދޫކުރަމުން ދަނީއެވެ. އެހެންކަމުން އާ މަންހަޖުގައި މި މައްސަލައަށް ވެސް ރިޢާޔަތްކުރެވިފައި ވާއިރު، ތިބާއަކީ މި ފަދަ އަމަލެއް ކުރެއްވޭ ބެލެނިވެރިޔަކު ނަމަ އެކަމުން ދުރުވެވަޑައިގަތުން ކީއްތޯއެވެ؟  ލޯބިވެތި ދަރިފުޅުގެ ޙައްޤުގައެވެ.

އާދެ ތަޢުލީމީ ކުޑައިގެ 8 މިރީގެ ތެރެއިން މި މަޒުމޫނުގައި އަޅުގަނޑު މި ތަފުޞީލެއް ދަންނަވައިލެވޭތޯ ބެލީ މައިގަނޑު 4 މެރިޔަކަށެވެ. ނަމަވެސް 8 މެރިވެސް ކުރުކޮށް އެ ތާވަލުގައި އެ އޮތީ ފެންނާށެވެ. އަޅުގަނޑުގެ ޒުވާބަކީ ދަރީންނަށް ކިޔަވައި ދިނުމަށްޓަކައި ތިޔަހައި ބޮޑު ހޭދައެއް ތިބާ ތިޔަ ކުރަނީ، ތިޔަހައި ބޮޑު ޤުރުބާނީއެއް ތިބާ ތިޔަ ވަނީ ހުވަފެންތަކަކާ އެކީގައިކަމެވެ. އެ ހުވަފެންތަކުގައި ކުލަޖެހޭނެ މުޖައްރިބު ގޮތެއް ކުރިމަތީގައި އެ އޮތީއެވެ. އެހެންކަމުން އެ 8 މީޒާ ދަރިވަރުގެ ކިބައިގައި އަށަގެންނެވޭނީ ކިހިނަކުންތޯ އަމިއްލަ ނަފުސާ ސުވާލު ކޮށްލަމާތޯއެވެ؟ ބެލެނިވެރީންވެސް މެއެވެ. ދަރިވަރު ވެސް މެއެވެ. މީޑިއާ އާއި މުޖުތަމަޢު ވެސް މެއެވެ. މުދައްރިސްވެސް މެއެވެ. މި އެންމެހައި ފަރާތްތަކުގެ ދައުރާއި ޒިންމާ ފުރިހަމައަށް އަދާ ކުރެއްވިއްޖެ ނަމަ ކިތަންމެ އަވި ގަދަޔަސް އަޅުގަނޑުމެންގެ ބޯ މައްޗަށް ފޮޅުވައިލެވޭނީ 8 މިރި ހަމަ ކުޑައެކެވެ. އެ ލިބުނީ ފިނިހިޔަލެކެވެ. ތިބާގެ ގެޔަށް ޤައުމަށް ބޭނުންވަނީ ހިޔާބޮޑު ގަހެއް ފަދަ ނިޔާމަކަން ދޭ ލޮބުވެތި ޚުލްޤު ހެޔޮ ދަރިއެއް ނޫންތޯއެވެ؟

ޝެއަރކުރެއްވުމަށް