އަޅުގަނޑުމެންގެ ޤައުމަކީ މިހާރު ތަފާތު ސިޔާސީ ޕާޓީތައް އުފެދިފައިވާ ޤައުމެކެވެ. ސިޔާސީގޮތުން އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އަޅުގަނޑުމެންނަށް މިއަދު މިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ފިކުރާއި އަޅުގަނޑުމެންގެ އުޅުމަށް މިވަމުންދާ ގޮތްތަކުގެ ސަބަބުން ކޮންމެ މީހަކުވެސް އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމުދެކެ ލޯބިވަނީ ކިހާވަރަކަށްތޯ ވިސްނައިލުމަށް މިއަދު މިއޮތީ ޖެހިފައެވެ. އަދި ޤައުމުދެކެ ލޯބިވުމަށްޓަކައި ކޮންމެ މީހަކުވެސް ކުރަންޖެހެނީ ކޮންކަމެއްތޯއާއި، ވިސްނުން ސީދާކުރަންޖެހެނީ ކިހިނެއްތޯ ވެސް އަޅުގަނޑުމެންނަށް މިއަދު މިއޮތީ ވިސްނާލަން ޖެހިފައެވެ. އެމީހެއްގެ ޤައުމުގެ ޙައްޤުގައި އެމީހަކު އުފުލަންޖެހޭ މަސްއޫލިއްޔަތުތަކެއް އޮވޭތޯއެވެ. ހަމައެހެންމެ، ޤައުމުދެކެ ލޯބިވާ މީހަކު ޤައުމަށްޓަކައި އުފުލަންޖެހޭ ޒިންމާތަކަކީ ކޮބައިތޯއެވެ. އެމީހަކަށް އެނގިގެން ނަމަވެސް، ނޭނގިނަމަވެސް ޤައުމުދެކެ ލޯބިވާ މީހަކު ނުކުރާނެ ކަންތައްތަކަކީ ކޮބައިތޯއެވެ.
އަޅުގަނޑުގެ މައުޟޫޢަކީ ޤައުމުދެކެ ލޯބިވުމެވެ. ޤައުމުދެކެ ލޯބިވާ މީހުން، އެމީހުން ޤައުމުދެކެވާ ލޯބި ހާމަކޮށްފައިވާ ގޮތް އެހެރީ ތާރީޚުގެ ޞަފްޙާތައް ފުރައިލާފައެވެ. ޤައުމަށްޓަކައި، ދީނަށްޓަކައި މީހުން، އެމީހުންގެ ޖާނާއި މާލާއި ފުރާނަ ޤުރުބާންކޮށް ޝަހީދުވެގެން ގޮސްފައި ވެއެވެ. އިނގިރޭސީންގެ އަޅުވެތިކަމުން އިންޑިއާ މިނިވަންކުރުމުގެ ދިގު ހަނގުރާމައިގައި މަރުވެދިޔައީ ކިތައް މީހުންކަން ގުނައި އަދަދުކުރަން ވެސް ނޭނގޭނެއެވެ. ޕާކިސްތާނުގެ އެއް ސްޓޭޓް ކަމުގައިވި އީސްޓް ޕާކިސްތާނު، ބަންގްލަދޭޝްއަކަށްވެ، މިނިވަންކަން އިޢުލާނު ކުރަންޖެހުނީ އަމިއްލަ ބަހުގެ ޙައްޤުގައި އެތައް ބަޔަކު ޝަހީދުވެގެންނެވެ. އާދެ! އެމީހުން އަމިއްލަ ބަސްދެކެވާ ލޯބީގައެވެ. ޤައުމުދެކެވާ ލޯބީގައެވެ. މިއަދުވެސް ދުނިޔޭގެ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި މުޅި ދުނިޔެ އެ ފާހަގަކުރަނީ ޕާކިސްތާނުގެ ދަށުގައި އޮތް އީސްޓް ޕާކިސްތާން، ބަންގްލަދޭޝްއެއްގެ ގޮތުގައި މިނިވަންކަން އިޢުލާނުކުރި ދުވަހެވެ. ނޮވެންބަރު ތިނެއްގައި އަޅުގަނޑުމެންގެ ލޮބުވެތި ޤައުމުގެ ދަރީން ހަމަހޭގައި ތިބެ ދުޝްމަނުންގެ ވަޒަންތަކުން އެމީހުންގެ ލޭ މި ބިމަށް އޮހޮރާލުމަށް އެމީހުންގެ މޭ އެ ދިއްކޮށްލީ، އެމީހުން މި ޤައުމުދެކެވީ ލޯބީގައެވެ. ޤައުމުގެ ދިފާޢުގައި އެމީހުން މަރާ ކުރިމަތިލީއެވެ. އަޅުގަނޑުމެން އެ ދުވަސް ފާހަގަކުރަނީ ނަޞްރުގެ ދުވަހުގެ ގޮތުގައެވެ.

ނޮވެންބަރުު ތިނެއްގެ ހާދިސާފަދަ ކިތަންމެ ހާދިސާއެއް ދިވެހި ތާރީޚުން ފެންނަން އެބަހުއްޓެވެ. އެހެން ނޫންނަމަ، މިއޮތް ބޮޑު އިންޑިޔާ ކަނޑުގެ ހަލަބޮލި ރާޅުތަކުގެ މެދުގައި ކުދިކުދި މިނާފުށްތަކެއް ކަހަލަ ރަށްތަކެއް ލިބިފައިވާ މި ދިވެހިރާއްޖެ، ޤައުމެއްގެ ގޮތުގައި މިފަދަ މިނިވަންކަމެއްގައި މިހާ ދިގު ޒަމާނަށް ދެމިއޮތީސްތޯއެވެ. މިފަދަ އަމިއްލަ ގޮތްތަކެއް ގެންގުޅެން ދިވެހިންނަށް ލިބުނީސްތޯއެވެ. ނުލިބުނީސްކަން ކަށަވަރެވެ. ޝައްކެއްނެތެވެ. ރާއްޖޭގެ ދިގު ތާރީޚު ރަނގަޅަށް ދިރާސާކޮށްލި މީހަކު، ދިވެހިން އެމީހުންގެ ޤައުމުދެކެ، އެމީހުންގެ ދީންދެކެވާ ލޯބީގައި ވެފައި ހުރި ޤުރްބާނީތަކުގެ އަގު ވަޒަންކުރާނެއެވެ. ހަމައެކަނި އަގު ވަޒަންކުރާނީކީ ނޫނެވެ. އަޅުގަނޑު ދެކޭގޮތުގައި ތަޢައްޞުބެއްނެތި އެކަނި ދިރާސާކުރި މީހަކު ޙައިރާންވެ އަންތަރީސްވާނެއެވެ. އާދޭހެވެ.
އެއްޗަކަށްޓަކައި ނުވަތަ ކަމަކަށްޓަކައި އިންސާނަކު އޭނާގެ ފުރާނަ ދުއްވާލާނީ އެމީހެއްގެ ނަފުސު ޤުރްބާންކޮށްލާނީ، ހަލާކުވެދާނީ، ކަތިލެވޭނީ، އެއީ އެ އެއްޗަކަށް އެމީހެއްގެ ހިތުގައި ވަރަށް ވަރުގަދަ ލޯތްބެއް އޮތީމާ ނޫންތޯއެވެ. އާދެ! ޤައުމީ ލޯތްބަކީ އެހާވެސް ބާރުގަދަ އެއްޗެކެވެ.
އެންމެ ފުރަތަމަ، ޤައުމީ ލޯބި ހިތްތަކުގައި އަށަގެންނެވުމަށް ޤައުމަށް މުޚާތަބުކުރަނީ ވެސް ލޯތްބާއެކުގައެވެ. އާދެ! އިނގިރޭސިބަހުން ޤައުމަށް މުޚާޠަބު ކުރާއިރު، މަދަރލޭންޑް، ފާދަރލޭންޑް، ހޯމްލޭންޑް، މިފަދަ ގޮތްގޮތަށް ކިޔައެވެ. ހައްތާވެސް މިހިރަ ފެންނަނީ ގާތްކަން ދައްކައިދޭ ބަސްތަކެވެ. މި ދެންނެވި ކޮންމެ މީހަކީ، ތަނަކީ ތިމާއާ އެންމެ ގާތް، އެންމެ ލޯބިވާ މީހާ ނުވަތަ ތަނެވެ. ތިމާގެ މަންމަ، ތިމާގެ ބައްޕަ، ތިމާގެ ގެއެވެ. ޝައްކެއްނެތެވެ. ތިމާ އެންމެ ލޯބިވާނީ ތިމާގެ މަންމަ ދެކެއެވެ. ތިމާ އެންމެ ލޯބިވާނީ ތިމާގެ ބައްޕަ ދެކެއެވެ. ތިމާ އެންމެ ލޯބިވާނީ ތިމާ އުޅެބޮޑުވި ގެ ދެކެއެވެ. ޤައުމު ސިފަކޮށްފައި މި ހުންނަނީ އެގޮތަށެވެ. އެހެންވީމާ، އެއިންވެސް ދައްކަނީ އިންސާނާގެ ހިތުގައި ޤައުމަށް ދެވިފައިވާ މަތިވެރި ދަރަޖައެވެ. ޤައުމުދެކެ ލޯބިވާންޖެހޭވަރުގެ ބޮޑުކަމެވެ.
ޤައުމުދެކެވާ ލޯތްބަކީ މިހާ ފުން އިޙްސާސަކަށްވާއިރު، ޤައުމުދެކެ އެފަދަ ލޯތްބެއް އެވަނީ ކީއްވެތޯއެވެ؟ އެ ޤައުމަކީ ދުނިޔޭގައި އޮތް އެންމެ ރީތި، އެންމެ މޮޅު، އެންމެ މުއްސަނދި، އެންމެ ފަރުބަދަ ގިނަ، އެންމެ ކޯރު ގިނަ ޤައުމަށް ވެގެންތޯއެވެ؟ މި ސުވާލަށް ކިތަންމެ އުނި ނަމަވެސް ޖަވާބެއް ލިބޭނީ ތިޔައިން ބޭފުޅަކު، އެބޭފުޅަކުގެ މަންމަދެކެ ނުވަތަ ބައްޕަދެކެ ލޯބިވަނީ ކީއްވެތޯ ކުރެވޭ ސުވާލަށް ޖަވާބު ދެއްވިއްޔާއެވެ. ހަމަގައިމުވެސް އަޅުގަނޑު، މަންމަދެކެ ލޯބިވަނީ އެއީ އެ މަންމައަކީ ދުނިޔޭގައި ހުރި އެންމެ ރީތި މީހާއަށް ވެގެނެއްނޫނެވެ. އެއީ އަޅުގަނޑުގެ މަންމައަށްވީތީއެވެ. އެއަކަށް އެހެން އެއްވެސް ސަބަބެއް ނުވެއެވެ. އަޅުގަނޑުގެ ބައްޕަދެކެ ލޯބިވަނީ ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ ކަމުގައި ވެގެނެއް ނޫނެވެ. އެއީ އަޅުގަނޑުގެ ބައްޕައަށްވީތީއެވެ. އެހެންވީމާ، އަޅުގަނޑު، ޤައުމުދެކެ ލޯބިވަނީ އަޅުގަނޑުގެ ޤައުމަށްވީތީއެވެ.
އާދެ! ޤައުމުދެކެ ލޯބިވުމަކީ އިޙްސާސެކެވެ. އެހެންނަމަވެސް، ޤައުމުދެކެ ލޯބިވާންޖެހޭ ސަބަބުތަކެއް ވެސް ހުރެއެވެ. އަޅުގަނޑު ހިތުން ޤައުމުދެކެ ލޯބިވާންޖެހޭ ފުރަތަމަ ސަބަބަކީ، އެ ޤައުމަކަށް އަންނަ ކޮންމެ ކަމެއްގެ އަސަރު، އެ ޤައުމެއްގެ ދަރިންނަށް ކުރާތީއެވެ. ސީދާކޮށްނަމަވެސް، ނުސީދާކޮށްނަމަވެހެވެ. ޤައުމަށް އަންނަ ބަލިމަޑުކަމެއް ނަމަވެސް، މުސީބާތެއް ނަމަވެސް، އެކަމެއްގެ އަސަރު އަޅުގަނޑުމެންނަށް އެބަކުރެއެވެ. އަޅުގަނޑުމެންގެ ރާއްޖެ ސާފު ގޭމްސްގައި ކުޅެ ފުޓްބޯޅަ ތަށި ލިބުނީމާ އަޅުގަނޑުމެން އުފާކުރީމުއެވެ. އަޅުގަނޑެއް ނުކުޅެމެވެ. އަޅުގަނޑުގެ ތިމާގެ މީހަކުވެސް ނުކުޅެއެވެ. އެކަމަކު އަޅުގަނޑުގެ ޤައުމަށް ލިބުނު ޝަރަފަކަށްވާތީ އަޅުގަނޑު އުފާވިއެވެ.

ޤައުމުދެކެ ލޯބިވާންޖެހޭ ދެވަނަ ސަބަބަކީ، ޤައުމަށް ލިބޭ ފައިދާއިން ތިމާއަށްވެސް ބައެއް ލިބޭތީއެވެ. މިސާލަކަށް، ޤައުމުގެ ތަޢުލީމު މައްޗަށްދާއިރު، ޤައުމުގެ ކޮންމެ ދަރިޔަކަށްވިޔަސް، އެއިން ބައެއް އެބަ އެޅެއެވެ. އެތިކޮޅެއް ލިބޭނެއެވެ. އިއްޔެ ސާނަވީ ތަޢުލީމު ހާސިލުކޮށްގެން ނުކުތް ކުދިން މިހާރު ބީ.އޭ ފެންވަރަށް އުފުލުމުން އޭގެ ފައިދާ އަޅުގަނޑުމެންގެ ދަރިންނަށާއި، އަޅުގަނޑުމެންގެ މައިންބަފައިންނަށް އެތިބީ ކޮށްފައެވެ. އެއިން ޤައުމުގެ ކޮންމެ ދަރިޔަކަށް ބައެއް އެބައެޅެއެވެ. އިއްޔެ އަޅުގަނޑުމެންގެ ގެދޮރުގައި ދޮރު ނުބަހައްޓައި އަޅުގަނޑުމެން އުޅުނުއިރު، ގޯނީގައި އުވަލައިގެން ބިތްހަދައިގެން އުޅުނު ޒަމާނުން އައިސް މިއަދު އަޅުގަނޑުމެން ގިފިލިތަކުން ފާޚާނާތަކަށް ބަދަލުކޮށްގެން މިއައި އައުމުގައި، އަޅުގަނޑުމެންގެ ގެވެސް ބަދަލުވެއްޖެއެވެ. އާދެ! ޤައުމަށް އަންނަ ތަރައްޤީން ބައެއް ޤައުމުގައި އުޅޭ ހަމަ ކޮންމެ މީހަކަށް އެބަ ލިބެއެވެ.
އާދެ! ދެންއޮތީ ޤައުމު އަޅުގަނޑުމެންނަށް މިހާ މުހިންމުވާއިރު އަޅުގަނޑުމެންނަށް ޤައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލައިލުމެވެ. އަޅުގަނޑުމެންގެ ލޯބި އަޅުގަނޑުމެންގެ ޤައުމަށްޓަކައި ދައްކައިދެވޭނީ ކޮންގޮތަކަށްތޯ ބަލައިލުމެވެ. ޝައްކެއްނެތެވެ. ޤައުމުދެކެ ލޯބިވުމަކީ ހަމައެކަނި ބުނެލާ ބަހަކުން ކުރެވޭ ކަމެއްނޫނެވެ.
އާދެ! މި ޤައުމަކީ ކާބަފައިން އަޅުގަނޑުމެންނަށް ގެނެސްދިން ޤައުމެވެ. މިތާނގައި މިވަނީ ކާބަފައިން އަޅުގަނޑުމެންނަށް ގެނެސްދިން މިނިވަންކަމެވެ. ތަނަވަސްކަމެވެ. އުފަލެވެ. ހަމަޖެހުމެވެ.
ސުވާލަކީ ޤައުމު އަޅުގަނޑުމެންނަށް މިހުރިހާ އެއްޗެއް ގެނެސްދީ، މި ޤައުމު އަޅުގަނޑުމެންނަށް މިހާ މުހިންމު ތަނަކަށްވާއިރު، ޤައުމީ ލޯތްބަކީ އެ ލޯތްބަކަށްޓަކައި ފުރާނަ ދުއްވާލާ އިޙްސާސަކަށްވާއިރު، ޤައުމީ ލޯތްބަކީ ހަމަ ޠަބީޢީގޮތުން އުފެދޭ އެއްޗެއް ހެއްޔެވެ؟ ޖަވާބަކީ މުޅިން އެހެން ބުނެ ނިންމާލެވޭކަށް ނެތެވެ. ދަންނަވަންޖެހެނީ ޠަބީޢީގޮތުން އުފެދޭ ބަޔަކާއި އިންސާނުންގެ މަސައްކަތުން އުފައްދަންޖެހޭ ބައެއްވާކަމަށެވެ. ޙަޤީޤަތުގައި ޤައުމީ ލޯތްބަކީ ޤައުމުގެ ދަރިންގެ ހިތްތަކުގައި އުފައްދަންޖެހޭ އެއްޗެކެވެ. އަޅުގަނޑުމެންގެ ބޮޑެތިވަމުން އަންނަ ދަރީންނަށް މި ދިވެހި ޤައުމުދެކެ ލޯބިވާން ދަސްކޮށްނުދެވިއްޖެނަމަ، އެހެން ކޮންމެވެސް ތަނަކަށް އަޅުގަނޑު ކުރިން ދެންނެވި މަންމަވަންތަ ކުލުނުޖެހި، އޭނާގެ އަމިއްލަ ވަޒަން މިއީ އޭނާގެ [ސްޓެޕް މަދަރލޭންޑަށް] ވެދާނެއެވެ.
މި ވާހަކަ މިގޮތަށް މި ދަންނަވާލަންޖެހުނީ، މިހާރަކަށް އައިސް ފެންނަމުންދާ ބަލަން މާފަސޭހަނޫން ބައެއް މަންޒަރުތަކާއި އިވެމުންދާ އަޑުއަހަން މާފަސޭހަނޫން ބައެއް އަޑުތަކުގެ ސަބަބުންނެވެ.
ޝައްކެއްނެތެވެ. ޤައުމުގެ ބާރަކީ ޒުވާނުންނެވެ. ގިނަ ޒުވާނުންނަކަށް ދިވެހި ތާރީޚެއް ނޭނގޭނެއެވެ. ޝަހީދުންގެ ދުވަސް، ޤައުމީ ދުވަސް އެމީހުން ދެކެނީ ހަމައެކަނި ބަންދު ދުވަހެއްގެ ގޮތުގައެވެ. މިކަމުން އެނގެނީ ދަރިންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިއްޖެކަމެވެ. މަދަރުސާގެ ތެރެއިންނާއި މަދަރުސާއިން ނުކުތުމަށްފަހު ދެންހުރި އިދާރާތަކުން ވެސް މިކަމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދޭންވެއްޖެކަމެވެ.
ޤައުމުދެކެ ލޯބިވާ މީހުންގެ ކިބައިން ފެންނާނެ ޢާންމު ސިފަތަކެއް ހުރެއެވެ. ޤައުމުދެކެ ލޯބިވާ މީހުން ޤައުމު ރަމްޒުކޮށްދޭ އެއްޗެއްސަށް ޤަދަރުކުރާނެއެވެ. އެ އެއްޗެއްސަކީ ކޮބައިތޯއެވެ. އެއިރަކު ޤާއިމުވެފައިވާ ޤައުމުގެ ވެރިކަމެވެ. ވެރިކަމުގެ ތަފާތު މުއައްސަސާތަކެވެ. ދައުލަތުގެ ނިޝާނެވެ. ޤައުމުގެ ދިދައެވެ. ޤައުމީ ސަލާމެވެ. މި ދެންނެވި ތަކެއްޗަށް އޭނާ ޙުރުމަތްތެރިކޮށްހިތާނެއެވެ. އެތަކެއްޗަށް ހަޖޫކިޔައި، އެއިން އެއްޗެއް ބިންމައްޗަށް ވެއްޓިފައި، ނިކަމެތިވެފައި އޮތަކަ އޭނާ ނުދޭނެއެވެ. އެތަކެތީގެ ކުރިއަކަށް އެއިން އެއްޗަކަށްވުރެ މައްޗަކަށް އެހެން އެއްވެސް އެއްޗެއް ނުނެރޭނެއެވެ. ޤައުމުދެކެ ލޯބިވާ މީހުން، ޤައުމަށް ދެރަކަމެއް ދިމާވެއްޖެނަމަ، ނުވަތަ ޤައުމު ބަދުނާމުވާކަހަލަ އަޑެއް އިވިއްޖެނަމަ، އެކަމާ ދެރަވާނެއެވެ. މޮޅިވާނެއެވެ. ހިތާމަކުރާނެއެވެ. ސުނާމީ ހާދިސާގައި މުޅި ޤައުމު ރުއީ އެހެންވީމައެވެ.
ދެންއޮތީ ޤައުމަށް ޚިދުމަތް ކުރުމެވެ. ޤައުމުދެކެ ލޯބިވާ މީހާ ތިމާއަށް ލިބިފައިވާ ހުނަރު ޤައުމަށްޓަކައި ހަދިޔާ ކުރާނެއެވެ. ތިމާއަށް ކުރެވުނު މަސައްކަތެއް ޤައުމަށްޓަކައި ކުރާނެއެވެ. އަތްއުރާލައިގެންނެއް ނުހުންނާނެއެވެ.

ޤައުމުދެކެ ލޯބިވާ މީހުން، ތިމާގެ ޤައުމުގައި ހުރި ޤައުމުވަންތަކަމާއި، ޤައުމުގެ ތަރިކަތައް، ދެން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވުނުހާ މަސައްކަތެއް ކުރާނެއެވެ. އެ އެއްޗެއްސަކީ ކޮބައިތޯއެވެ؟ އެންމެ ފުރަތަމަ އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތެވެ. ޤައުމުދެކެ ލޯބިވާ މީހަކު އެއަށް ލޮޅުމެއް އެރިޔަކަނުދޭނެއެވެ. ޤައުމުގެ އަމިއްލަ ވެރިކަމެވެ. އެ ޤައުމުގެ ދަރިންގެ އަތްމަތިން ބީވެގެންދިޔަކަ ހަމަހިލާ ނުދޭނެއެވެ. އެބައެއްގެ ދީނެވެ. އެދީން އެބައެއްގެ ތެރެއިން ގެއްލިގެންދިޔަކަ ނުދޭނެއެވެ. ތަނުގައި އޮންނަ ވަޙްދަތެވެ. އެއްބައިވަންތަކަމެވެ. އެ ރޫޅުނަކަ ނުދޭނެއެވެ. އަޅުގަނޑުމެންގެ އަމިއްލަ ބަހެވެ. އެބަސް ހިފެހެއްޓުމަށްޓަކައި، ދެމެހެއްޓުމަށްޓަކައި ކުރެވުނުހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަމުއެވެ. އަޅުގަނޑުމެންގެ ތާރީޚެވެ. އެ ވަޅުޖެހިގެންދިޔަކަ އަޅުގަނޑުމެންނަކު ނުދޭނަމުއެވެ. އަޅުގަނޑުމެންގެ ރީތި އާދަކާދަތަކެވެ. އެ ފޮރުވިގެންދިޔަކަ ނުދޭނަމުއެވެ. އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ ހުރި އިޙްތިރާމު ކުރެވޭ އާސާރީ ތަންތަނާއި ތަކެއްޗެވެ. އެ ތަކެއްޗަށް ގެއްލުމެއްވިޔަކަ އަޅުގަނޑުމެން ނުދޭނަމުއެވެ. އަޅުގަނޑުމެންގެ ރީތި އަޚްލާޤީ މިންގަނޑުތަކެވެ. އެ ގެއްލިގެންދިޔަކަ އަޅުގަނޑުމެން ނުދޭނަމުއެވެ. އަޅުގަނޑުމެންގެ ޤައުމުގެ ބޭނުންތަކަށްޓަކައި އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރުމެވެ. އެއީ އަބަދުވެސް އަޅުގަނޑުމެން ސަމާލުކަންދޭ ކަމަކަށް ހަދާނަމުއެވެ.
ޤައުމީ ލޯތްބަކީ ވަރަށް ފަސޭހައިން ސިޔާސީ އޮއިވަރުގައި ވެސް ޖެހޭ އެއްޗެކެވެ. އާދެ! ސިޔާސީ އޮއިވަރަކީ މިއަދު އެކަނި ދެމެންފެށި އޮއިވަރެއް ނޫނެވެ. ސިޔާސީ އޮއިވަރަކީ، ރާއްޖޭގައި ރަސްކަން އޮތްއިރު ވެސް އެކިފަހަރު ވަރަށް ގަދައަށް ދެމުނު އޮއިވަރެކެވެ. ޤައުމުދެކެ ލޯބިނުވާ ބަޔަކު ޤައުމުދެކެ ލޯބިވާ ބަޔަކަށްހެދި، ޤައުމުދެކެ ލޯބިވާ ބަޔަކު އެއީ ޤައުމުދެކެ ލޯބިނުވާ ބައެއް ކަމަށް ދައްކައި، މިކަންކަން ކުރުމަކީ އަބަދުވެސް ސިޔާސީ އޮއިވަރުގެ ތެރޭގައި ހިނގާ ކަންކަމެވެ. ސިޔާސީ ޢިލްމުވެރިން މި ދެބައިމީހުން ވަރަށް ފަސޭހައިން ދެނެގަންނާނެ މިންގަނޑެއް ގެންގުޅެއެވެ.
އެ މިންގަނޑަކީ ކޮބައިތޯއެވެ؟ އެ މިންގަނޑަކީ ޤައުމުދެކެ ލޯބިނުވާ މީހުން ޤައުމުދެކެ ލޯބިވާ މީހުން ކަމަށް ހެދިގެން، ޤައުމުދެކެ ލޯބިވާ މީހުންގެ ކިބައިގައި ހުންނަންވާނެ ކަމަށް އަޅުގަނޑު ދެންނެވި ސިފަތަކަށް ސީދާ ގޮންޖެހުމެވެ. ނުވަތަ އެފަދަ ކަންތަކަށް ގެއްލުން ލިބޭނޭ ކަންތައް ގަސްތުގައި ކުރިކަން ސާބިތުވާފަދަ ފާޅުކަންބޮޑު ގޮތްގޮތަށް ކަންތައް ކުރުމެވެ. އަމިއްލަ ވެރިކަމުގެ ތެރެއަށް އެހެން މީހުން ވެއްދުމެވެ. ތިމާމެންގެ ޢަޤީދާގެ ތެރެއަށް އެހެން ޢަޤީދާތައް ވެއްދުމެވެ. ތާރީޚުގެ ކާމިޔާބީތަކަށް ފަޚުރުވެރިވުމުގެ ބަދަލުގައި މަލާމާތް ކުރުމެވެ. ޤައުމުގައި ހުންނަ ތަރިކަތަކަށް ގޯނާކޮށް އެތަކެތި ހަލާކުކުރުމެވެ. އަދި މިނޫންވެސް މިފަދަ ކަންތައް ކުރުމެވެ. ތިމާގެ އަމިއްލަ ޢާއިލާގެ އަގު ހިފަހައްޓާ މީހަކު ފަދައިން، ޤައުމުދެކެ ލޯބިވާ މީހާ އަބަދުވެސް ބަލާނީ ޤައުމުގައި ހުންނަ ޢައިބުތައް އެހެން މީހުންނަށް ބޭޒާރުވިޔަނުދީވޭތޯއެވެ. ޤައުމުދެކެ ލޯބިވާ މީހާ ޤައުމަށް ކޮންމެގޮތެއް ވަންދެން ބަލަހައްޓައިގެންނެއް ނުހުންނާނެއެވެ. ރައްޔިތެއްގެ ގޮތުން އޭނާގެ ޙިއްޞާ އަދާކުރާނެއެވެ. ޤައުމުދެކެ ލޯބިވާ މީހާގެ ޤައުމީ އަމާޒެއް އޮންނާނެއެވެ.
އެފަދަ މީހުންގެ އަމާޒަކަށްވާނީ، ހަމައެކަނި ކުޅިބަލަން ތިބޭ ބަޔަކަށްނުވެ، ޤައުމުގެ ކަންކަމުގައި ފުރިހަމައަށް މަސްއޫލުވެ، ފުރިހަމަ ރައްޔިތުންތަކެއްގެ ގޮތުގައި ޙަރަކާތްތެރިވުމެވެ. ޤައުމުގެ އުންމީދުތައް ފުރިހަމަކޮށްދޭން، ޤައުމުގެ ވަޢުދުތައް ފުއްދައިދޭން ހަމަ ކޮންމެ ފަރުދަކުމެ، ހަމަ ކޮންމެ ޢާއިލާއަކުންމެ މަސައްކަތް ކުރުމެވެ. ޤައުމުގެ ނަމާއި ޝަރަފަކީ، ހަމަ އަޅުގަނޑުމެންގެ ކޮންމެ ދިވެއްސެއްގެ ޙިއްޞާ އެކަމުގައި އޮތް ކަމެއްކަން ޤަބޫލުކޮށްގެން މަސައްކަތް ކުރުމެވެ. ޤައުމަށް ނިކަމެތިކަމެއް އަތުވެދާނެ، ޤައުމު ބިކަވެގެން ހިނގައިދާނެ ހަމަ އެއްވެސް ކަމަކަށް ފުރުޞަތު ނުދިނުމެވެ.
