ދަންނަވަން މިއުޅެވޭ ވާހަކައެއްގެ ބޮޑުކަމުން މި ވާހަކަ ދައްކަން ފަށާނެ ހިސާބެއް ވިސްނުމަކަށް ނުގެނެވެއެވެ. ދިވެހިންނަށްެެ ހެޔޮ އެދޭ ހާދަބަޔަކު ތިބިހެން ހީވެއެވެ! އެއްބަޔަކު ދެކެނީ ދިވެހިންގެ މިހުރި ހަންކަޅު ކަމާއެކުވެސް ދިވެހިންނަކީ ޔޫރަޕް ދޮން މީހުންގެ ގޮތުގައެވެ. އަނެއްބަޔަކު ދިވެހިން ހުޅަނގަށް ނިސްބަތްކުރާ ކަހަލައެެވެ. އޭސިޔާ ބައްރުގެ، ދޮންގޮދަން ކުލައިގެ ހަމުގެ ވެރިން ވެސް ދެކެނީ ދިވެހިންނަކީ އެބައިމީހުންގެ މީހުންގެ ގޮތުގައެވެ. ދިވެހިން ތެރެއިން މަދުބަޔަކަށް ނުލިބިގެން އުނިވެގެން އުޅޭ ޙައްޤު ހޯދައިދޭން ދަޢުވާ ކުރަނީއެވެ. އަދި ބޮލުގެ އިސްތަށިތައް އަސޭމިރުސް ފުއްތަކެއްކަހަލަ އެނބުރިފައިހުރި އިސްތަށިތަކުގެވެރި، އެފްރިކާ ބައްރުގެ މީހުންވެސް ދިވެހިންގެ ގިނަބައެއްގެ ބޮލުގައި މިހުރި ފަންއިސްތަށިގަނޑާއެކު ވެސް ދިވެހިންނަކީ އެބައިމީހުންގެ ނަސްލުގެ މީހުންކަމުގައި ދެކޭ ފަދަައެވެ. ހަމުގެ ކުލަ، ދޮންރީނދޫ ކުލައިގެ މޮންގޯލިއަން ދަރިކޮޅުން ވެސް ….
މިހެންނޫން ނަމަ، ކޮންމެހެން ދިވެހިންގެ ތެރެއިން ވަރަށް މަދު ބަޔަކަށް ”ގެއްލިފައިވާ“ މިނިވަންކަން ހޯދައިދޭން ކަމަށްބުނެ ތަންތަނަށް އެއްވެ ބަހުސްތައްކޮށް، ޖަލްސާތައް ބާއްވައި، ޤަރާރުތައް ފާސްކޮށް، ހަމަލޮލަށް ނިދިނައިސްގެން، ފަޔަށް ހިނިއަރައިގެން އުޅޭހެން އުޅޭކަށް ނުޖެހުނީހޭ، ހިތަށް އަރައެވެ. އެމީހުން ބުނާހައިގޮތެއް ނަހަދައިފިނަމަ، އެވެނި އަދަބެއް ދޭން މިވެނި އަދަބެއް ދޭން ބުނެ އިންޒާރުތައް ކުރާކަށް މި ބަވަނަވެފައިވާ ދުނިޔޭގައި ނުޖެހުނީހެވެ. މި ”ބޯހަރު“ ދިވެހިން ތެރެއިން ދެތިން ހަތަރު މީހަކުދެކެ ދޮންފުތުލޯބި ވެގެން އުޅޭކަށް ނުޖެހުނީހެވެ.
ޞާޙިބުލް ފަޚާމާ މުޙައްމަދު އަމީންގެ ”ތަންޤީޙް ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު“ ގައި ލިޔުއްވާފައިވެއެވެ. ”…ދިވެހިރާއްޖޭގައި ބަޔަކު އުޅޭތާ ހަމަގައިމުވެސް އެއްހާސް ނުވަސަތޭކަ ފަންސާހަކަށް އަހަރުވެއްޖެކަން ކަށަވަރެވެ“. އަދިވެސް ލިޔުއްވާފައިވެއެވެ. ”މިހާތަނަށް ކުރެވުނު ތަޙުޤީޤުތަކަކުން އަޅުގަނޑުމެންނަށް ޔަޤީންވާން އުޅެނީ، ކޮންމެވެސް ޒަމާނެއްގައި، ސިލޯނުން، ސިންގަޅަ ބަޔަކު ދިވެހިރާއްޖެއަށް، އައިސް، ރާއްޖެ އިމާރާތް ކުރިކަމެވެ. އީސާގެފާނުން ދުނިޔެއަށް ވަޑައިގަތް ދުވަސްވަރާއި، ގާތް ދުވަސްވަރެއްގައި އެބައެއްގެ ވެރިކަން ދިވެހިރާއްޖޭގައި ދެމިއޮތްކަމެވެ“.
”ތާރީޚުގެ ލިޔުންތަކާއި، ރާއްޖޭގައިހުރި އާސާރީ ތަންތަނާއި، ތަކެތި ބަލައި ދިރާސާކުުރުމުން އެނގެނީ، މި ރާއްޖޭގައި މީހުންއުޅޭތާ 2500 އަހަރަަށްވުރެ ގިނަދުވަސް ވެދާނެކަމެވެ. މި ދިގު މުއްދަތުގެ ތެރޭގައި، އުތުރުކަރައިން އައި މީހުންނާއި އަސޭކަރައިންނާއި އޮޅުދޫކަރައިންނާއި، އެފްރިކާއިންނާއި، އަދި ދުނިޔޭގެ އެހެނިހެން ހިސާބުތަކުން މި ރާއްޖެއަށް އައި އެކި ނަސްލުތަކުގެ މީހުން، މި ރާއްޖޭގައި ވަޒަންވެރިވެ އެއްޤައުމަކަށް ވެއްޖެއެވެ. ދިވެހިބަހުގެ އެކަޑަމީން 2013 ވަނަ އަހަރު ނެރުއްވާފައިވާ ”މިނިވަން ދިވެހިރާއްޖޭ“ ގައި ނަސީމާ މުޙައްމަދު ލިޔުއްވާފައިވެއެވެ.
މި ކުދިކުދި ޖަޒީރާތަކުގައި، ދިވެހިންގެ މި ލޮބުވެތި މައިވަންތަ ބިމުގައި، ފުރަތަމަ ވަޒަންވެރިވީ ދުނިޔޭގެ ކޮންމެ ބައްރަކުން އައި ކޮންމެ ނަސްލަކަށް ނިސްބަތްވާ، ކޮންމެ ކުލައެއްގެ ބައެއްކަމުގައި ވީނަމަވެސް ބަޔަކު ވަޒަންވެރިވެ، އެއްބައެއްވަންތަ އެއްބައެއްގެ ގޮތުގައި ދިރިއުޅެމުން މިއަދުވެސް އަންނަކަމީ ދެބަސްވުމެއްނެތް ތެދު ޙަޤީޤަތެވެ.
ޝައްކެއްނެތެވެ. ދިވެހިންގެ މި ކުދިކުދި ރަށްތަކަކީ އެއަށްވުރެ މާ ގަދީމީ ދުވަސްވީ ރަށްތަކަކެވެ. ރާއްޖޭގެ ތާރީޚު ވޭލާ ތަކަކަށް ބަހައިލައިގެން ކިޔައިފިނަމަ، ތަފާތު ވޭލާ ތަކުގައި އުޅުނު މީހުންނަށް ތަފާތު ނަންނަން ކިޔައިފާނެއެވެ.
މިހެން މި ދެންނެވީ، ވަރަށް ބަލި، އަޅުގަނޑު ހަނދާނުގެ މައްޗަށް ބުރަވެއެވެ. އަޅުގަނޑު ހަނދާންވާ ގޮތުގައި ޖޫލިއަސް ސީޒާރ ދުނިޔޭގައި އުޅުއްވީ އީސާއީ ސަނަތުގެ ކުރިން 100 – 44 ދެމެދުގައެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ ޖޫލިއަސް ސީޒާ އުފަންވީ 100 ބީސީ ގައެވެ. އަދި ޖޫލިއަސް ސީޒާ ގަތުލުކުރެވުނީ 44 ބީސީ.ގައެވެ. ޖޫލިއަސް ސީޒާރަށް ރޯމްގެ ސެނެޓުން ޑިކްޓޭޓަރ ކަމުގެ ލަގަބު އެރުވީ 45 ބީސީ ގައެވެ. ޖޫލިއަސް ސީޒާގެ ދަރުބާރަށް ސަރަންދީވީންނާއި ދީވީންގެ ދެ ވަފުދު ދިޔަވާހަކަ ދިވެހި ލިޔުއްވުންތެރިއެއްގެ ލިޔުއްވުމަކުން ކީހަނދާން އަޅުގަނޑު ވާތީއެވެ. ދީވީންނަކީ، ދިވެހިންގެ މި ބިންތަކުގައި އުޅުނު ބަޔަކަށް އޭރު މުޚާޠަބު ކުރެވުނު ނަމެވެ. ސަރަންދީވީންނަކީ ލަންކާގައި އުޅުނު ބަޔަކަށް އޭރު މުޚާޠަބުކުރެވުނު ނަންކަމުގައި ވެދާނެއެވެ.

”މީލާދީން 1501 ވަނަ އަހަރާއި 1503 ވަނަ އަހަރާ ދެމެދުގައި ކޮޗިން ގައްޔާއި ކަންނަންނޫރުގައި ހުރި ޕޯޗްގީޒު ސަރުކާރުގެ އޮފިސަރެއް ކަމަށްވާ ޑުއާރޓޭ ބަރްބޯސާއަށް ރާއްޖެއާ ބެހޭގޮތުން މީނާއަށް ފެނުނު ކަންތައްތައް ”ދަ ބުކް އޮފް ޑްއާރޓޭ ބަރްބޯސާ“ ގައި ލިޔެފައިވެއެވެ. މީގައި ދިވެހިރާއްޖެއަށް މީނާ ދީފައިވާ ނަމަކީ“ޕަލަންދުރަ“ ނުވަތަ ”ޕަލަންދުވީ“ ކަމަށް، ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން 2010 ފޮތުގައި އަލްފާޟިލާ ނަސީމާ މުޙައްމަދު ލިޔުއްވާފައިވެއެވެ.
މި ޢިބާރާތްކޮޅު ނަކަލުކޮށްލުމުގެ މަޤްޞަދަކީ އެވޭލާގެ އެކި ޒަމާނުގައި އެކިބައިމީހުން ތަފާތު ނަންނަމުން ދިވެހިންނަށް ނިޞްބަތްކޮށް މުޚާޠަބު ކުރިކަން ފާހަގަކުރުމެވެ.
މިޒަމާނުގައި މިފެންނަ އަވަސް ފަސޭހަ ދަތުރު ފަތުރުކުރުމުގެ ނިޒާމާއި މުއާސަލާތު ކުރުމުގެ ޒަމާނީ އެއްވެސް ވަސީލަތެއް ނެތް، އެ ޤަދީމީ ވޭލާގައި ވެސް ދިވެހިންނަކީ ކެރިފޯރުންތެރި، ކުރިއަރާފައިވާ ހޭލުންތެރި ބައެއްކަން އިސްވެ ދެންނެވި ހާދިސާއިން އެނގެއެވެ.
ދިވެހިރާއްޖެއަކީ 2500 އަހަރަށްވުރެ ގިނަ އަހަރުވަންދެން މީހުން ދިރިއުޅެފައިވާ އަދި ރާއްޖޭގެ ތަޚުތުގައި ރަސްރަސްކަލުން ރެދަލިކުރައްވާތާ މަދުވެގެން 1300 އަހަރު ވެފައިވާ ޤައުމެކެވެ. މިދިގު ތާރީޚުގައި ވެސް ދިވެހިންގެ ބައިވެރިވުމެއްނެތި ބޭރުބަޔަކު ދިވެހިންނާ ތޮޅެފައިވާ ކަމަށް ފެންނަންހުރި ލިޔުންތަކުން އެނގި ކަށަވަރުވަނީ އެންމެ ފަހަރަކުއެވެ. އެއީ، މީލާދީން ދިހަވަނަ ޤަރުނާއި އެގާރަވަނަ ޤަރުނާ ދެމެދުގައި ދެކުނު އިންޑިޔާގައި ވެރިކަން ކުރެއްވި ޗޯޅާ ރަސްގެފާނު ރާޖަރާޖާ (އެއްވަނަ) ހަނގުރާމަ ކުރައްވައިގެން މަލިކު އަތޮޅާއި ތިލަދުންމަތި ހިއްޕެވި ހަނގުރާމައެވެ.
ރާއްޖޭގެ ވެރިކަމުގެ ކޯލުގެ ތެރެއަށް ބިދޭސީންގެ އަތްބާނަން ފުރަތަމަ ޖެއްސީ އައްސުލްޠާން ޢުމަރު ސިރީ ލޯކަ މަހާރަދުން (1480 ން 1485 ށް) ގެ ދަރިދަރިކަލުންގެ މެދުގައި ފެށުނު ރަސްކަމުގެ ވާދަވެރިކަމުގައެވެ. ބޭރު މީހުންގެ އަތްބޭނުވި ފުރަތަމަ ރަސްކަލަކީ އައްސުލްޠާން މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުންނެވެ. މި ރަދުންގެ އަނބިކަނބަލެއް ކަމުގައިވި ބުރެކިރަނިންނެވެ. އައްސުލްޠާން މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުން، ރަސްކަމަށް އިސްވެ ވަޑައިގަތުމުގެ ކުރިން ކަންހިނގިގޮތް ކަމަށް ދޫދޫމަތިން ކިޔެމުން އަންނަ ވާހަކައަކީ މަޝްހޫރު ލޯބީގެ ވާހަކައެކެވެ. ބުރެކިރަނީން އާލާސްކަންފުޅެއް ޖެހިގެން ނަދުރެއް ބައްލަވައިގަނެ، ނަދުރުފުޅު ފުއްދެވުމަށް ހުވަދޫ ވާދޫއަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވެ، ގާފަރު ކަޅުއުބުށޭމު ގޮވައިގެން އަސޭކަރައަށް ވަޑައިގެން ފިއްލެވި ވާހަކައާއި، އެތަނުގައި ކަންހިނގާ ދިޔަގޮތުގެ ވާހަކައާއި، އަސޭއިން ގޯވާއަށް ވަޑައިގެން ގޯވާރަސްގެފާނުގެ އެހީތެރިކަން ހޯއްދަވައިގެން ރާއްޖެވަޑައިގެން ބުރެކިރަނީންގެ ކޮއްކޯފުޅު ދޮންބުޅާ ފާށަނާ އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުން، (1512 އިން 1512 އަށް) ޝަހީދުކޮށް، ބުރެކިރަނީން ތަޚުތަަށް އިސްވެވަޑައިގެން އޭރު ހުވަދޫވާދޫއަށް ފޮނުވާލައިފައި ހުރި ރަށްދެބައި ގަނޑުވަރު ކަޅުމުޙައްމަދު މަނިކުފާނު މާލެގެންނަވައި ކައިވެނި ބައްލަވައިގަނެ، ކަންހިނގައި ދިޔަގޮތުގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ.
މި ދެންނެވި ވާހަކައަށް ބިނާކޮށް ދަންނަވާނަމަ، ލޯބީގެ ކުޅިގަނޑު ތެރެއިން ކަޅުމުޙައްމަދު މަނިކުފާނަށް ލިބިވަޑައިގެން ރަސްކަން، އެއްބައްޕާ ކޮއިފުޅު ޔޫސުފް ކަލަމިންޖާ އަތުލެއްވުމުން ކަޅުމުޙައްމަދު މަނިކުފާނު ދެވަނަ ފަހަރަށް ރަސްކަން ހޯއްދެވީ ކަންނަންނޫރު އަލީރާޖާގެ އެހީތެރިކަން ހޯއްދަވައިގެންނެވެ. ރާއްޖޭގެ ރަސްކަމުގައި އެހިނދަކަށް ބައިންދާނެ ބޭފުޅެއް ކަނޑައަޅައި އެކަންކުރަނީ ކަންނަންނޫރުގެ ވިޔަފާރިވެރިންނެވެ. ކަންނަންނޫރުގެ ވިޔަފާރިވެރިންގެ އުނދަގުލުން، ޚާއްޞަކޮށް މާމަލޭގެ ބާރުން ސަލާމަތްވެ ވަޑައިގަތުމަށް 1510 ވަނަ އަހަރު ގޯވާގައި ހުންނެވި ޕޯޗްގީޒް ގަވަރުނަރު އަފޮންސޯ އަލްބު ކެއާރްކްގެ އެހީ ހޯދަވަން އައްސުލްޠާން މުޙައްމަދު ސިރީދަންމަރު ބަވަނަ މަހާރަދުން ޖެހިވަޑައިގަތެވެ. ނަތީޖާއަކަށްވީ، ދިވެހިރާއްޖޭގެ ރަށްތަކަކީ ޕޯޗްގީޒުންނާއި މަލާބާރީން އެއްބަޔަކު އަނެއް ބަޔަކަށްދީ އެ ދެބައިމީހުންގެ މެދުގައި ބަދަލުުކުރެވޭ މުދާގަނޑަކަށް ވުމެވެ. ދިވެހިންނަކީ އެ ދެބައިމީހުން ކުޅެންގެންގުޅޭ ”ރަމަންރަމަން ފޯއްޔަކަށް“ ވެގެން ދިއުމެވެ. ދިވެހި ރަދުން އަބަދުވެސް ރަމަންނަގާފައި ހުންނަން ޖެހިވަޑައިގަތުމެވެ.
ތާރީޚުގައި މަޝްހޫރު އައްސުލްޠާން ޙަސަން (ނުވަވަނަ) ސިރީ ދިރިކުސަ ލޯކަ މަހާރަދުން 1550 އިން 1551 އަށް ރާއްޖެ ދޫކުރައްވާ ކޮއްޗޭއަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ، އެ ރަދުންގެ ކާފާފުޅު ކަޅުމުޙައްމަދު ރަސްގެފާނު ރަސްކަމުން ފެށިގެން ރާއްޖޭގައި އުފެދިފައިވާ ދާޚިލީ ފިތުނައާއި ރަސްކަމުގެ ވާދަވެރިކަމާއި ވެރިކަމުގެ ކަންކަމުގެ ތެރެއަށް އޭރު ވަދެ މޫލާފައިވާ ބޭރުގެ ނުފޫޒުތަކުގެ ސަބަބުންނެވެ. ރަސްކަން ދިފާޢުކުރެއްވުމަށް ޓަކައެވެ. ނަތީޖާއަކަށްވީ ކަތިވަޅިގެއްލި މަރިޔަބު ގެއްލުމެވެ. މަސްވަޅުލި ބިމުގައި މަރުވާން ނުލިބި، ވާރުތަވި ވެރިކަން އަތުން ގެއްލި ދިޔުމެވެ. އާޚިރަތް ގެއްލުމެވެ.
ޑަޗް މީހުންނާއި، ޕޯޗްގީޒް މީހުންނާއި، މަލާބާރިންނާއި، ކަންނަންނޫރުގެ އަލީރާޖާއިންނާއި، ހޮޅިންނާއި ދެންވެސް އެވޭލާގައި ދިވެހިންގެ ތެރެއަށް އަތްބާނައިގެން އުޅުނުހައި ބަޔަކު އަތްބާނަން މިޖެއްސީ ދޫދޫ މަތިން ކިޔެމުން އައިސްފައިވާ ވާހަކަތަކުންނާއި މިހާރު ފެނިފައިހުރި ތާރީޚުގެ އަލީގައި ބުރެކިރަނީންނާއި ކަޅުމުޙައްމަދު ރަސްގެފާނުގެ ހިތްޕުޅުގައި ރަސްކަމަށް އުފެދުނު ޣީރަތްތެރިކަން ކަމަށް ބުނުމުގެ ފުރުޞަތު ލިބެއެވެ.
ކަޅުމުޙައްމަދު ރަސްގެފާނު ދަރިކޮޅުގެ ބޭފުޅުންގެ ފަރާތްޕުޅުން ދިވެހި ޤައުމަށް ލިބުނު ބޮޑުގެއްލުމަކީ ލިޔެ ކޮޅުން ނުލާނޭ ބޮޑު ގެއްލުމެކެވެ.
އައްސުލްޠާން ޢަލީ (ހަވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން 1557 އިން 1558 އަށް ޝަހީދުވެ ވަޑައިގެން ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށުގައި ފަނަރަ އަހަރަށް ވުރެ ގިނަ ދުވަހު ދިވެހިން ތިބެންޖެހުނީ ވެސް ކަޅުމުޙައްމަދު ރަސްގެފާނުގެ ކާފަދަރިކަލުން އައްސުލްޠާން ޙަސަން (ނުވަވަނަ) ރަސްގެފާނާއި އެރަދުންގެ ދަރިދަރި ކަލުންގެ ސަބަބުންނެވެ. އާދެ، ޤައުމަށް ޚިޔާނާތްތެރިވި އެބޭފުޅުންގެ ޙައްޤު ހޯދައިދޭންކަމަށް ބުނެ، އެމީހުންގެ އަމިއްލަ އާރާއި ބާރުގަދަކޮށް މަޢީޝަތު ފުޅާކުރުމަށް ޕޯޗްގީޒުން ކުރި އަމިއްލަ އެދުމުން ފުރިފައިވާ ފަނާކުރުވަނިވި މަސައްކަތުން ނެވެ. ހުއްދަ ހަނގުރާމައެއް ފިއަވާ، ކޮންމެ ހަނގުރާމައަކީ ކޮންމެ ބަޔަކު ކޮންމެ ޒަމާނެއްގައި ކޮންމެ ފަދަ ޙުއްޖަތެއް ނެރެ ދައްކައިގެން ކުރިނަމަވެސް ގެއްލުން ދެނިވި ފަނާކުރުމެކެވެ.
އައްސުލްޠާން އިބްރާހީމް (ތިންވަނަ) ސިރީ ސުއްދަ ސުވަރުދަ މަހާރަދުން (1585 އިން 1609 އަށް) ޝަހީދުވެވަޑައިގަތުމުގެ ހާދިސާގައި ވެސް ދިވެހި ޚާއިނެއްގެ ޚިޔާނާތް ނެތެކޭ ނުދެންނެވޭނެއެވެ. އާދެ! ޚިޔާލަކީ ތަފާތު އެއްޗެކެވެ. އަޅުގަނޑާ މި ޚިޔާލުުގައި އެހެން ބޭފުޅަކު ބައިވެރިވެ ވަޑައިނުގެންފާނެއެވެ. އެހެންނަމަވެސް، އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ޝުޢޫރެއް ފާޅުކުރެވިދާނެ ނޫންތޯއެވެ.
ބުނެވޭތީ އަހާގޮތުގައި އަދި މިހާރު ހޯދިފައިވާ ޤަދީމީ ތާރީޚުގެ އަލީގައި، އެވޭލާގައި މަލިކަކީ ދިވެހިރާއްޖޭގެ އަތޮޅެކެވެ. މިހާރު ވެސް މިދެންނެވި ބަހަށް ދަލީލު ލިބޭ ގިނަކަންތައްތަކެއް އެބައިމީހުންތެރޭ ފެންނަން އެބަހުއްޓެވެ. އެބައިމީހުންގެ ދީނާއި މޮށެއުޅޭ ބަހާއި ސަގާފަތާއި ދިވެހިންނާއި މަލިކު މީހުންނާއި ދެމެދުއޮތް އާއިލީ ތިމާގެ ގުޅުމާއި ގެދޮރު އެޅުމާއި ދިރިއުޅުމުގެ ވައްޓަފާޅިއެވެ. އަޅުގަނޑު ދަންނަވަން މި މަސައްކަތްކުރަނީ އައްސުލްޠާން އިބްރާހީމް (ތިންވަނަ) ސިރީ ސުއްދަ ސުވަރުދަ މަހާރަދުން ޝަހީދުކުރީ މަލަބާރީންގެ ފޭރޭ މީހުން ކަމުގައިވިއަސް، ބަންގާޅުގެ ސެޓީގަމުގެ ވެރިޔަކަށް ހުރިމީހަކު ފޮނުވައިގެން ”ކޯރބިން“ ގައި ހުރި މޮޅު ބޮޑު ބަޑިތަކުގެ ބޭނުމުގަ އައި ސެޓިގަމު ބަޔަކު ކަމުގައިވި ނަމަވެސް އެބައިމީހުންނަށް ރާއްޖޭގެ ކަނޑުތަކުގައި ފަސޭހަކަމާއެކު ދަތުރުކުރަން ނޭގޭތީ، އަޅުގަނޑު އަޑުއަހާފަވަނީ، ގިނައިންް ރާއްޖެތެރެއަށް ވިޔަފާރި ދަތުރުތައްކޮށް އުޅޭ، ރަނގަޅަށް ރާއްޖޭގެ ކަނޑުފަޅުތަކުގެ އާޖުފާޖު ދަންނަ ހޭޑިފޭޑި އާރުކާޓީއެއް މަލިކުން އެމީހުން އުޖޫރައަށް ހިފި ވާހަކައެވެ. ކިތަންމެ ބޮޑު މަންފާއެއް ލިބުނުކަމުގައިވި ނަމަވެސް ތިމާގެ އަމިއްލަ ވަޠަނާ ދެކޮޅަށް އަންނަ ބަޔަކާއި ބައިވެރިވާނީ އިއްޔެއާއި މިއަދާއި މާދަމާވެސް، އަދި އަބަދުވެސް ޤައުމުގެ ޣައްދާރުންނެވެ. ޤައުމުގެ ޚިޔާނާތްތެރިންނެވެ.
އައްސުލްޠާން ކުޑަ މުޙައްމަދު ރަސްގެފާނު ސިރީ މަނިރަންލޯކަ މަހާރަދުން (1687 އިން 1691 އަށް) ރަދުންގެ ރަސްކަމުގައި ވެސް އަލީރާޖާގެ އެހީ ހޯދަން މާލެއިން ކަންނަންނޫރަށް ދިޔަ ޚާއިނުންގެ ބަޔަކު މަލަބާރީންގެ ކަނޑުފޭރޭ ބަޔަކު ގޮވައިގެން އައިސް ތިލަދުންމަތީ ރަށްރަށް ފޭރި ހެދިއެވެ. (ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު 2010)
އައްސުލްޠާން ކުޑަ މުޙައްމަދު ރަސްގެފާނުގެ ރަސްކަމަކީ ކިތަންމެ ދޯހަޅި ރަސްކަމެއް ކަމުގަވިއަސް ދިވެހިންނަށް ހެޔޮއެދިގެން އަމާން ހެޔޮ ވެރިކަމެއް ހޯދައިދޭން އެ ވެވުނީ ޣައްދާރު ނޫން އެހެން ކޮންކަމެއް ބާވައެވެ!
އައްސުލްޠާން އިބްރާހީމް މަޒުހަރުއްދީން ސިރީ މުތެއި ރަސްލޯކަ މަހާރަދުން (1701 އިން 1705 އަށް) އަކީ އިންސާފުވެރި، ރައްޔިތުންގެ ހާލު ބައްލަވައި، ބުއްދިވެރި، އޯގާވެރި ރަސްކަލެއް ނަމަވެސް، އެރަދުން ޙައްޖު ދަތުރުފުޅުން އެނބުރި ވަޑައިގެންނެވި އިރު ޖެހުނު ތޫފާނުގައި ރަދުން ކަނޑުގައި ޣަރަޤުވެ އަވަހާރަވީ ކަމުގައި ބެލިފައި ވަނިކޮށް ﷲ ގެ ރަޙުމަތްފުޅުން ސަލާމަތްވެވަޑައިގެން ރާއްޖެ ވަޑައިގެން ސިއްރުން މާލެ އަރައިވަޑައިގަންނަވަން މަސައްކަތްޕުޅު ކުރައްވަނިކޮށް ހިފެވި ކުށްވެރިވެގެން ފުވައްމުލަކަށް އަރުވާލެއްވުމުން ފިއްލަވައިގެން ސިލޯނުގެ ގާލީއިން، މަދަރާސީ އިން ބަންގާޅަށް ވަޑައިގެން އެރަށުގަ ހުންނަވައިގެން އިންޑިޔާގެ فاروق شیار ކިޔާ ރަސްކަލެއްގެ އެހީތެރިކަން ހޯއްދަވައިގެން ހަތިޔާރާއެކު ރާއްޖެ ވަޑައިގެން ތިންފަހަރެއްގެ މަތިން ޙަމަލަދީ މާލެ ހިފާ ގަދަބަދަވި ކަމުން ވެރިކަން ފޭރިގަތުމަށް ކުރެއްވި ނާކާމިޔާބު މަސައްކަތްޕުޅަކީ ޞުލްޙަވެރި އަމާން މުސްތަޤްބަލެއް ދިވެހިންނަށް ހޯދައިދެއްވުމަށް ކުރެއްވި މަސައްކަތްޕުޅެއް ކަމަށް ބެލެވިދާނެ ތޯއެވެ؟
މަޢުލޫމާތު އެއްކުރީ:
ބޮޑުތަކުރުފާނު ވާހަކަ ބުރާރަ މުޙައްމަދުފުޅު ކިޔާގޮތަށް
ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު
ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު 2010
މިނިވަން ދިވެހިރާއްޖެ ދިވެހިބަހުގެ އެކަޑަމީ – 2013
