”ނައިޓް ވިޗެސް“ މި ލަފްޒު އަޑުއިވުމުން މިއީ ކިހާ ވަރުގަދަ ތާރީޚެއް އޮތް ބަޔެއްކަން ގިނަ ބަޔަކަށް ނޭނގޭނެއެވެ. އަދި ވެސް މި ދައްކަނީ ”ވިޗުން“ ގެ ވާހަކަ އެއް ނޫނެވެ. ގިނަ ބަޔަކު ދަންނަ ވިޗުންނަކީ ”ބްލެކް މެޖިކް“ ހަދާ ބަޔެކެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރަށް ޖެހިލައިގެން ނޫނީ ”ނައިޓް ވިޗެސް“ އެންމެ ފުރިހަމައަށް ކިޔައިދެވޭކަށް ނެތެވެ. މިލިޓަރީ ނުވަތަ ސިފައިންގެ ތެރެއަށް އަންހެނުން ވެއްދުމަކީ ކުރިން ސުރެވެސް ކުރުން އެހާ ރަނގަޅު ކަމެއް ކަމަކަށް ގިނަބަޔަކަށް ޤަބޫލުކުރެވިފައެއް ނުވެއެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އަންހެނުންނަކީ ބަލިކަށި ބައެކެވެ. އަދި މިލިޓަރީ ދިރިއުޅުމުގައި އަންހެނުންނަށް ކެތްކުރަން އުނދަގޫ ވާނެއެވެ. މި ހުރިހާ ވާހަކަތަކަށް ބެލުމެއްނެތި އަސްކަރިއްޔާއަށް ވަންނަން މަސައްކަތްކުރި  އަންހެނުންތަކެއް އެއިރުވެސް ތިއްބެވެ.

”ނައިޓް ވިޗެސް“ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ 1942 އިން 1945 އާއި ދެމެދުގައެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސޯވިއެޓް ޔުނިއަންގައެވެ. މި ގްރޫޕުގެ މައިގަނޑު މަސައްކަތަކީ ބޮން އެޅުމެވެ. ތަފާތު ގޮތެއްގައި މި އަންހެން ސިފައިން ވަނީ މިކަން ވަރަށް ފުރިހަމައަށް ކޮށްފައެވެ. މި މީހުން ދަތުރުކުރަމުން ދިޔަ ބޯޓުތަކުގެ ނަމަކީ ”ޕޮލިކަރޕޯވް ޕީއޯ 2“ އެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސިފައިން މަދުވުމުން އަންހެނުންނަށް ލިބުނު ފުރުސަތުގައި އަސްކަރިއްޔާ އާ ގުޅުނު މި އަންހެނުން ސާބިތުކޮށްދިނީ އަންހެނުންނަށް ވެސް ފިރިހެނުން ފަދައިން ހަނގުރާމަތަކުގައި މަސައްކަތް ކުރެވިދާނެކަމެވެ. ފްލައިވުޑާއި ލަކުޑިން ހަދާފައިވާ މަތިންދާބޯޓު ތަކެއްގައި މި މީހުން ބޮން އަޅަމުން ދިޔައީ ހުނަރުވެރި ކަމާއެކުގައެވެ. ރޭނގަޑުގެ ވަގުތުގައި އިދިކޮޅު ފަރާތްތަކަށް ބޮން އަޅަމުން ގެންދިޔައީ އުދުހުމުގައި އެހާ ސްޕީޑް ދަށް އަދި ފިނިވާއިރު ފިނިން ސަލާމަތްވެވޭފަދަ ގޮތެއް ވެސް ނެތް ބޯޓުތަކުގައެވެ.

އެންމެ މަޝްހޫރު ”ނައިޓް ވިޗް“ ގެ ގޮތުގައި ފާހަގަކުރެވިފައިވާ ”ނަޑޭޒާ ޕޮޕޯވާ“ އަކީ ބޮން އަޅަން ޚާއްޞަކުރެވިފައިވާ އަންހެން ރެޖްމެންޓްގެ ކޮމާންޑަރެވެ. މި ގްރޫޕުން ވަނީ ޖުމްލަ 852 މިޝަން ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސްފައެވެ. އެމީހުންގެ މިޝަން ތަކަކީ ނުރައްކާތެރި މިޝަން ތަކެކެވެ. ކޮންމެ ރެޔަކު 40 ބޯޓު މިމީހުން އުދުއްސާލައެވެ. ކޮންމެ ބޯޓެއްގައި ތިބޭނީ ދެމީހުންނެވެ. އެއީ ޕައިލެޓަކާއި ނެވިގޭޓަރ އެކެވެ. ކޮންމެ މީހަކު 8 ނުވަތަ އެއަށްވުރެ ގިނަ މިޝަންތަކަށް ދާންޖެހެއެވެ. އަދި މި މީހުންގެ މިޝަންތަކުގައި ބޭނުންކުރާ ބޯޓުތަކަކީ އެކީގައި ބެދިފައިވާ ބޯޓުތަކަކަށް ނުވުމުގެ ސަބަބުން މޫނާއި އަތްފައި ފިނިން ގަނޑުވާވަރުވެއެވެ.

މިހުރިހާ ކަމެއް މިހެން ހުރިއިރު މި އަންހެން ޓީމަށް ޚާއްޞަ ޔުނިފޯރމެއް ވެސް ތައްޔާރުކުރެވިފައެއް ނެތެވެ. ބޭނުން ކުރަމުން އައީ ފިރިހެން ސިފައިން އަތުން ގެނެވުނު ޔުނިފޯރމްތަކެވެ.  އެހެންނަމަވެސް ކުރެވިގެން ދިޔަ ބުރަ މަސައްކަތުގެ ސަބަބުން ގިނަ ބަޔަކު ދެކެމުން އައި ގޮތް ބަދަލުވެ ފިރިހެން ސިފައިންގެ ކުރިމަތީގައި ވެސް ޤަދަރުވެރި ބަޔަކަށް މި މީހުން ވެގެން ދިޔައެވެ. އަދި ކުރިން މަލާމަތް ކުރި މީހުންނަށް ވެސް އެމީހުން ރަނގަޅު މެސެޖެއް ދިނެވެ. އެމީހުންގެ ބޯޓުތަކުގައި މަލުން ޖަރީ ކުރެވުނަސް ކުލަކުލައިގެ ފަންސޫރުން ޗާރޓްތަކުގައި ފާހަގަ ޖެހިޔަސް މި މީހުންނަކީ ފިރިހެން ސިފައިންނަށް ވުރެ ވަކި ދެރަ ބަޔެއް ނޫނެވެ.

ޝެއަރކުރެއްވުމަށް