އަޅުގަނޑުމެންނަކީ ދިވެހީންނީމުއެވެ. ޒަމާނުއްސުރެ ޝަރަފުވެރި ދިރިއުޅުމެއް އުޅެމުން އައި ބަޔަކީމުއެވެ. އަބުރުވެރި، އަދި އިޙުތިރާމް ލިބިގެންވި ދިރިއުޅުމެކެވެ. ދަނޑުގޮވާން ކޮށްލައިގެން ލިބޭ އޮއްޓަރުކޮޅަކާއި، ގޮނޑުދޮށު މަސްވެރިކަމުން ލިބޭ މަސްކޮޅަކާއި، ރުއްރުކުން ލިބެންހުންނަ ގަބުޅިއާއި، ކާށްޓާއި، ދިޔާހަކުރުން ބަނޑުފުރާނަ މުއްތި ކޮށްގެން އުޅެމުން އައި ބަޔަކީމުއެވެ. އެފަދަ ނިކަމެތި ޙާލުގައި ދިރިއުޅުން ބިނާކުރަމުން އައިއިރު ވެސް މީހަކަށް ނުދަރަމުއެވެ. އަނެކުންގެ ޙައްޤުތަކަށް ރައްކައުތެރި ވީމުއެވެ. މީހުންގެ އަބުރަށް އަރައިގަނެ، ހަޑިހުތުރު ޢަމަލުތަކެއް ކޮށެއް ނޫޅެމުއެވެ. ސިއްރު ކަންތަކާ ދުރުހެލިވީމުއެވެ. އަނެކުންނަށް އިޙުތިރާމުކޮށް ކަމޭހިތައިގެން، މެހެމާންދާރީ އަދާކުރަމުން އައީމުއެވެ. ޒަމާނުއްސުރެ ދިވެހީން ދިވެހި ޤައުމު ބަލައިގަތީ ލޮބުވެތި ވަޒަނެއްގެ ގޮތުގައެވެ.

މީލާދީ ގޮތުން 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވުމާއެކު މިރާއްޖޭގައި ޤައުމިއްޔަތުގެ ހުޅުކޮޅު ދިއްލިގެން ދިޔައެވެ. އޭރުއްސުރެ މިއަދާ ހަމައަށް ވެސް އެ ހުޅުކޮޅު ނިވުނަނުދީ މި ހިފަހައްޓައި ލެވުނީ އެތައް ބައެއްގެ ޤުރުބާނީންނެވެ. ދަލާއި ފުރާނައިން ޤުރުބާން ވެގެން ވެސް މެއެވެ. ލޮބުވެތި ކާބަފައިންގެ ނަފުސުތައް ކަތިލައި، ބިމުގައި ލޭކޯރުތައް ހައްދަމުން ދިޔައިރު ވެސް ބުނަމުން ގެންދިޔަ އެއްވާހަކައަކީ އަހަރެމެންގެ ދީނާ އަހަރެމެންގެ ޤައުމާ ނުކުޅެވޭނޭ ވާހަކައެވެ. ބަހާއި ޘަޤާފަތަށް އުނިކަމެއް ނުދެވޭނޭ ވާހަކައެވެ. އެ ހިތްވަރު ލިބުނީ ދިވެހީންގެ ހިތްތަކުގައި ޒަމާނުއްސުރެ އުފެދިފައިވާ ޤައުމު ވަންތަ ކަމުގެ ލޯތްބެއްގެ ސަބަބުންނެވެ.

އެންމެ ނިކަމެތިކޮށް، އާރެއްބާރެއް، ހަތިޔާރެއް ވެސް ނެތި ވަރަށް އެކަހެރިކޮށް ކުދިކުދި ރަށްތަކެއްގައި ދިވެހީން ދިރިއުޅެމުން ދިޔައިރު ވެސް ބޭރުގެ އެއްވެސް ނުފޫޒަކުން އަޅުގަނޑުމެންގެ މިނިވަންކަމަކާ، މަދު ފަހަރަކު ނޫނީ ނުކުޅެވުނެވެ. އުތުރު ކަރައިގެ ދެކުނުފަޅިން ނުކުމެގެން އައި ކަނޑުފޭރޭ ޗޯޅާއިން ކަމުގައި ވިޔަސް، އަދި ޔޫރަޕުން އުދުހެމުން އައި ކަނޑުގެ ބާޒުތަކުން ކަމުގައިވިޔަސް، މި ރާއްޖޭގެ މި ހިތްފަސޭހަ މާޙައުލު ކިލަނބު ކޮށެއް ނުލެވުނެވެ. ރީތި ގޮނޑުދޮށްތަކާއި ސާފު ވިލުތަކުގެ ”އޮއިވަރު“ ބަދަލު ކޮށެއް ނުލެވުނެވެ. ސަބަބީ ކޮބައިތޯއެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ބައިބައި ނުވެ، ސާބިތު ކަމާއެކު އަޅުގަނޑުމެން ތިބީމައެވެ. އެކުވެރިކަމާ އެއްބައިވަންތަކަން ދެމެހެއްޓީމައެވެ.

ޤައުމެއްގެ ޤައުމިއްޔަތު ބިނާކުރުމުގައި ހަތަރުފަސް ރުކުނެއްވެއެވެ. ރާއްޖެއަށް ވިސްނާނަމަ، އެންމެ ފުރަތަމަ އިސްލާމް ދީނެވެ. ދެން އަޅުގަނޑުމެންގެ ބަހެވެ. އަދި މިނިވަންކަމެވެ. ހަމައެއާއެކު ތާރީޚާއި ޘަޤާފަތެވެ. މިއިން ހަމައެންމެ ރުކުނެއް އުނިވިޔަސް ޤައުމިއްޔަތަށް އަސަރު ކުރާނެއެވެ. ހީނަރުކަން އަންނާނެއެވެ. އެކަމުގެ ހެކި އަޅުގަނޑުމެންނަށް މާޒީގެ ތެރެއިންވަނީ ފެނިފައެވެ. އަދި އެއިން ކޮންމެ ފަހަރަކު ވެސް އަޅުގަނޑުމެންނަށް އެ ދެރަ ލިބިފައިވަނީ ހަމަ އަޅުގަނޑުމެންގެ ތެރެއިން ދެތިން މީހަކު ޤައުމަށް ޣައްދާރު ވުމާ ގުޅިގެންނެވެ. ޤައުމީ ލޯބީގެ ކަންފުޅެއް ވެސް ހިތުގައި ނެތުމުންނެވެ.

އަޅުގަނޑުމެންނާ އަވަށްޓެރި އުތުރު ކަރައިގެ ޝާޢިރަކު ވެސް ވިދާޅުވެފައި ވެއެވެ. ”އަހަރެމެން އަހަރެމެންގެ ދުޝްމަނުންނާ މި ކުރިމަތި ލަނީ ގަދަ ވައިގެ ތެރޭގައި ދިއްލިފައިވާ ހުޅުކޮޅަކަށް މާގިނަ އިރަކު ދެމިއެއް ނުހުރެވޭނޭކަން އެނގިއެނގި ތިބެއެވެ. އެކަމަކު ބުނަން ހެއްޔެވެ. އަހަރެމެންގެ ހަށީގައި ނޭވާ ހުރިހައި ހިނދަކު އެ ހުޅުކޮޅު ނިއްވައެއް ނުލެވޭނެއެވެ.“ އެބުނާ ހުޅުކޮޅަކީ ކޮބައިތޯއެވެ. އެއީ ޤައުމިއްޔަތުގެ ހުޅުކޮޅެވެ. ޤައުމީ ރޫޙުގެ ހުޅުކޮޅެވެ. އެބުނަނީ އެމީހުންގެ ފުރާނައާއެކުގައި ނޫނީ އެ ހުޅުކޮޅު ނިވުނަ ނުދޭނޭ ވާހަކައެވެ.

އެހެންވީމާ މިއަދު އަޅުގަނޑުމެންގެ ޢަޒުމަކަށް ވެސް ވާންވާނީ އަޅުގަނޑުމެންގެ ޤައުމުގެ މިނިވަން ކަމުގެ ހުޅުކޮޅު، މާތްވެގެންވާ އިސްލާމް ދީނުގެ ހުޅުކޮޅު ބޭރުގެ އެއްވެސް ނުފޫޒަކުން ނިއްވައިލިޔަ ނުދިނުމެވެ. އެކަމަކު އެކަން އެހެން ވެވޭނީ ވަރުގަދަ އީމާނަކާއެކު އެންމެން އަތުގުޅައިލައިގެންނެވެ. ޤައުމާއި، ދީންދެކެ ލޯބިވުމުގެ މަތިވެރި ރޫޙު އާލާ ކުރެވިގެންނެވެ. އެ ރޫޙުގައި އަޅުގަނޑުމެން ނުކުތް ކޮންމެ ފަހަރަކު ﷲގެ ރަޙުމަތްފުޅާއެކު، އަޅުގަނޑުމެންގެ ޤައުމަށް ކާބަފައިން ހޯއްދަވައި ދެއްވައިފައި އެވަނީ ކޮންފަދަ މަތިވެރި ނަޞްރެއްތޯއެވެ.

މީލާދީ ގޮތުން 1556 ހައިތާނގައި މިރާއްޖެއަށް ޕޯޗްގީޒުން ހަމަލާދޭން އައިއިރު، މުޅި މާލެ އޮތީ ހަސަދައާއި ފިތުނައިން ހަލާކުވެފައެވެ. އެންމެ ހަރުދަނާ، އަދި ބަސްވިކޭ ދެ ޒުވާނުންގެ ގޮތުގައި އޭރު ތިއްބެވީ ދެބޭފުޅެކެވެ. އެއް ބޭފުޅަކީ އަބޫބަކުރު ފާށަނާ ކިލެގެފާނެވެ. (ފަހުން އަބޫބަކުރު ރަސްގެފާނު 2) އާއި ޢަލީ ދޮށިމޭނާ ކިލެގެފާނު (ފަހުން ޝަހީދުވި ޢަލި ރަސްގެފާނު)އެވެ. މި ދެބޭފުޅުން ވެސް އޭރު ތިއްބެވީ ދެ ހަތުރުންގެ ގޮތުގައެވެ. މުޅި މާލެ ވެސް އޮތީ ދެބައި ވެފައެވެ. އެއްބަޔަކު ތާއީދު ކުރަނީ ޢަލީ ދޮށިމޭނާ ކިލެގެފާނަށެވެ. ދެންތިބި މީހުން ތާއީދު ކުރަނީ އަބޫބަކުރު ފާށަނާ ކިލެގެފާނަށެވެ. އެ ދުވަސްވަރަކީ ޕާޓީގެ ކަންތައްގަނޑު އޮތް ދުވަސްވަރެއް ނޫނެވެ. އެހެންވީމާ ސިޔާސީ ވާދަވެރި ކަމެކޭ ކިޔައެއް ނޫޅެއެވެ. މިކަހަލަ ހަމަނުޖެހުމެއްގެ ތެރޭގައި މާލެ އޮތްވައި ރާއްޖެ ޣައިރުދީނަށް އަނބުރައި، ރާއްޖެ ހިފަން ނުވަވަނަ ޙަސަން ރަސްގެފާނު ފޮނުއްވެވި ޕޯޗްގީޒު އުޅަނދުތައް އައިމާ އެ ދެބޭފުޅުން ވިދާޅުވީ ކީކޭތޯއެވެ.

”އަހަރެމެން ކޮންމެ މީހަކަށްވުރެ އަހަރެމެންގެ ޤައުމު ބޮޑުވާނެއެވެ. ޤައުމަށް ބޮޑުކަމެއް ޖެހުނު ދުވަހު، އެޤައުމުގެ ޙިމާޔަތުގައި ނުކުތުމަކީ އަހަރެމެންގެ މައްޗަށް ވާޖިބު ކަމެކެވެ.“ މިހެން ވިދާޅުވެ، ދެބޭފުޅުން ވެސް ޞުލްޙަވެ ސަލާމް ކުރެއްވުމަށްފަހު، ޤައުމުގެ ދިފާޢުގައި ހަނގުރާމައަށް ނުކުމެވަޑައިގަތީއެވެ. އަދި ރައްޔިތުންވެސް ދެކޮޅުވެރިކަން ދޫކޮށްލައި ޤައުމަށްޓަކައި ފުރާނަ ވެސް ދޭން ނުކުތީއެވެ. ޤައުމީ ރޫޙާއެކު ނުކުމެ އެދުވަހު މާތް ﷲގެ ރަޙުމަތްފުޅާއެކު އެމީހުން ޤައުމު ދިފާޢު ކުރިއެވެ. ދީން ދިފާޢު ކުރިއެވެ. ޝައްކެއްވެސް ނެތެވެ. ޤައުމަކީ އަހަރެމެން އެންމެންގެ ވެސް ”މަންމަ“އެވެ. ޤައުމު ދެކެ ލޯބިވަނީ އެހެންވެއެވެ.

އަޅުގަނޑުމެން މައިމީހާ ދެކެ ލޯބިވަނީކީ އެމީހާގެ ރީތި ކަމަކަށް، އަދި މުއްސަނދި ކަމަކަށް ބަލައިފައެއް ނޫނެވެ. ކިތަންމެ ފަޤީރު މީހެއް ކަމުގައިވިޔަސް އަދި ކިތަންމެ ސިފަ ހުތުރު މީހެއް ކަމުގައިވިޔަސް މައިމީހާ ދެކެ އަހަރެމެން ލޯބިވެއެވެ. ފިނިކުރި ކޮޓަރިއެއްގައި ހުންނަ މަޑުތަންމަތީގެ ގޮދަޑިއަކަށްވުރެ، އެ މަންމަގެ ފަސްބައި މާ ހިތްފަސޭހައެވެ. އެ އުނގުގައި ބޯއަޅައިލަނީ އެހެންވެއެވެ.  މަންމަގެ އެ ހެދުމުގައި ފޮތިމަތީގައި ފޮތި އަޅައިފައި ހުއްޓަސް އެ ތަންމަތި އަރާމުވަނީ މައިމީހާއާ ދަރިފުޅާ އޮންނަ ލޯތްބަކާއި، ކުލުނެއްގެ ބޮޑުކަމުންނެވެ. ހަމަ އެފަދައިން އެމީހެއްގެ ޤައުމު އެމީހަކަށް މުހިންމުވަނީ ހަމަ މި ފަދަ ގުޅުމެއް އެމީހަކާ އެ ޤައުމަކާ ދޭތެރޭގައި އޮންނާތީއެވެ. ޤައުމެއް، ޤައުމިއްޔަތެއް ނެތްމީހަކީ ކީއްކުރާ މީހެއް ހެއްޔެވެ. އެއީ އެއްވެސް މީހެއް ނޫނެވެ.

ޤައުމިއްޔަތަކީ، ޤައުމީ ލޯތްބަކީ އެއަށް ފުރާނަ އެޅިއްޖެނަމަ ހިނދުކޮޅަކަށް ވެސް ލޮލުފިޔަ ޖަހާނޭ އެއްޗެއް ނޫނެވެ. އެކަން އެވަނީ އުތީމު މަހާރަދުންނާއި އެމަނިކުފާނުގެ ޓީމުން ދައްކަވައި ދެއްވައިފައެވެ. ބޯކަނޑައިލިޔަސް، ދުޝްމަނުންނަށް ބޯލެނބުމެއް ނެތްކަން އެތަކުރުފާނުމެން އެ ވަނީ ދައްކަވައިފައެވެ. ޢަލި ތަކުރުފާނުގެ އިސްތަށިފުޅު ކަނޑައިލައިގެން ގެނައިމާ ވެސް ހިތްވަރުފުޅު ބަލި ނުކުރައްވައި ކުރެއްވި މަސައްކަތް ކާމިޔާބު ކުރެވުނީ އެރޫޙު ހުރީމައެވެ. ޤައުމު ދިފާޢު ކުރެއްވުމުގެ ޢަޒުމުގައެވެ.

ހިތާމައާއި ހިތްދަތި ކަމުގެ 15 އަހަރު ދުވަހަށްފަހު، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވުމަށް މުޙައްމަދު ތަކުރުފާނާއި، އެ މަނިކުފާނުގެ އެކުވެރިން ނުކުމެ ވަޑައިގަތީ ވެސް، އަދި ޢަލި ރަސްގެފާނުގެ ފުރާނަފުޅު ޤުރުބާން ކުރެއްވީ ވެސް ޤައުމާއި ދީނަށް އެ ބޭބޭފުޅުންގެ ހިތްޕުޅުގައި އޮތް ކުލުނެއްގެ ބޮޑުކަމުންނެވެ. އަދި ދޮންބަންޑާރައިންނާއި، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދީދީއާއި، ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރާއި، ޝަހީދު ޙުސައިން އާދަމް ފަދަ ބޭބޭފުޅުން ޤައުމަށްޓަކައި އެހައިބޮޑު ޖިހާދެއް އެ ކުރެއްވީ ވެސް މިދެންނެވި ޤައުމީ ލޯބީގެ މިސާލު ދައްކަވަމުންނެވެ. 

ޤައުމެއް އަޅުވެތި ކުރުމަކީ އެހައި ފަސޭހަ ކަމެއް ނޫނެވެ. އެކަން ކުރެވޭނީ ރައްޔިތުން އެ ފުރުސަތު ދިނިއްޔާއެވެ. މި ވާހަކައަށް އިތުރު ބާރެއް ލިބޭކަހަލަ ލިޔުންކޮޅެއް އަޅުގަނޑު ދުށީމެވެ. އެއީ 1835 ވަނަ އަހަރު ބޭރު ޤައުމެއްގެ ބޭފުޅަކު ލިޔުއްވައިފައިވާ ލިޔުއްވުމެކެވެ. އެއީ އެބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ޤައުމެއްގެ ރައްޔިތުންގެ މަޖިލިހަށް ހުށައެޅުއްވި ރިޕޯޓެއްގައިވާ ޢިބާރާތް ކޮޅެކެވެ. އޭގައި ލިޔުއްވައިފައި އޮތެވެ.

”އަހުރެން އެ ޤައުމުގެ ދިގަށާއި ހުރަހަށް ދަތުރު ކޮށްފީމެވެ. އެކަކުވެސް ސަލާމްޖަހަން އުޅޭތީއެއް ނުދެކެމެވެ. އަދި ވައްކަން ކުރާތީއެއް ވެސް ނުދެކެވެ. އެއީ އެއަށްވުރެ ފޯރުންތެރި ބައެކެވެ. އެމީހުންގެ އެހުރި ހިތްވަރާއި ޢަޒުމް އެގޮތަށް ހުއްޓައި އެ ޤައުމު އަހަރެމެންނަށް ހިފިދާނެހެންނެއް ހީއެއް ނުވެއެވެ. ނޫންނަމަ އަހަރެމެންގެ ބާރުގެ ދަށަށް ގެނެވިދާނޭ ކަމަކަށް ވެސް ހީއެއް ނުވެއެވެ. އެކަން ކުރެވޭނީ އެ ޤައުމުގެ މައިކަށި ބިންދާލައިގެންނެވެ.“

މިބޭފުޅަކު މި ވިދާޅުވާ މައިކަށްޓަކީ ކޮބައިތޯއެވެ. އެއީ އެމީހުން ޤަބޫލުކުރާ ހަމަތަކާއި އުސޫލުތަކެވެ. އެމީހުންގެ ބަހެވެ. އަދި އެމީހުންގެ އާދަކާދައާއި ޘަޤާފަތެވެ. އެ ބޭފުޅަކު މި ވިދާޅުވި ވާހަކަފުޅުން އެނގެނީ ޤައުމެއްގެ ބަހަކީ ވެސް، ދީނަކީ ވެސް އަދި އާދަކާދައާއި ޘަޤާފަތަކީ ވެސް އެ ޤައުމެއްގެ މައިކަށްޓާ ގުޅިފައިވާ ބައިތަކެއް ކަމެވެ.  މިއިން އެއްވެސް ކަމެއް އުނިވެއްޖެނަމަ، އެ ޤައުމަކަށް ދިރިއެއް ނުއޮވެވޭނޭ ކަމެވެ.

1952 ވަނަ އަހަރުގެ ތެރޭގައި ބަނގްލަދޭޝްގައި ހިނގައިދިޔަ ޙާދިސާއަށް ބައްލަވާށެވެ. އެމީހުންގެ ބަހަށްޓަކައި އަބުލްބަރަކާތު އިސްވެ ހުރެގެން ޔުނިވަރސިޓީތަކުގެ ދަރިވަރުންނާއި ޢާއްމު ރައްޔިތުން ޕާކިސްތާންގެ ސިފައިންނާ ކުރިމަތިލައި އެތައް ބަޔަކު ޝަހީދުވެގެން ދިޔައީ ހަމަ އެމީހުންގެ ބަހަށް ޓަކައެވެ. އެ ދުވަސް ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހެއްގެ 21 ވަނަ ދުވަހު މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި މުޅި ދުނިޔޭގައި މިގެންދަނީ ފާހަގަ ކުރަމުންނެވެ. ޤައުމުދެކެ ލޯބިވުމަކީ މިއީއެވެ. ފަލަސްޠީނުގައި ވެސް، ބަރުމާގެ ރޮހިންޔާ މުސްލިމުން ވެސް އެމީހުންގެ ވަޒަނެއް ނެތުމުން އުޅެންޖެހޭ ނިކަމެތި ޙާލު އަޅުގަނޑުމެން އެބަދެކެމުއެވެ. ކިތަންމެ ނިކަމެތި ޙާލެއްގައި އުޅެން ޖެހުނު ކަމުގައިވިޔަސް ތިމާމެންގެ ރަށުގައި އުޅެން ބޭނުންވަނީ އެހެންވެއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ޤައުމުތަކުގައި އެބައިމީހުންގެ ޤައުމަށްޓަކައި އުފެދިފައިވާ ޤައުމީ ރޫޙާއި، ޤައުމީ ލޯބި އެމީހުން ސިފަކުރަމުން ގެންދާ ގޮތް ވެސް މިދަނޑިވަޅު އަޅުގަނޑުމެން ބަލައިލަން ޖެހެއެވެ. އެމެރިކާގެ 16 ވަނަ ރައީސް ވިދާޅުވެފައިވަނީ ކީކޭތޯއެވެ. ”ދުޝްމަނުންނަކަށް އެމެރިކާ ފުނޑުފުނޑު ކޮށްލާކަށެއް ނުކެރޭނެއެވެ. އެކަމަކު އަހަރެމެންގެ މިނިވަންކަން (އެމެރިކާގެ މިނިވަންކަން) ގެއްލިއްޖެނަމަ، އޭގެ މާނައަކީ އަހަރެމެންގެ ޤައުމު އެހަލާކު ކޮށްލީ އަހަރެމެންގެ އަތުންނެވެ.“ އޭގެ މާނައަކީ އެމެރިކާގެ ރައްޔިތުންގެ ލޯބި އެމެރިކާއަށް ނެތި، ޤައުމަށް ޣައްދާރު ވެގެން ނޫނީ ޤައުމުގެ މިނިވަން ކަމަކަށް ބުރުލެއް ނާރާނެ ވާހަކައެވެ. އެމެރިކާގެ ދުޝްމަނުން ކިތަންމެ ބަރު ހަތިޔާރަކާއެކުގައި އައި ކަމުގައިވިޔަސް ރައްޔިތުން އެކަތިގަނޑަކަށް ވެގެން ތިބިހައި ހިނދަކު އެމެރިކާ ބަލިކޮށެއް ނުލެވޭނެއެވެ.

އަޅުގަނޑުމެންގެ އަވަށްޓެރި އެކުވެރި އިންޑިޔާގެ މިނިވަން ކަމުގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރު ލާލް ނެހުރޫ ވިދާޅުވަނީ ކީކޭތޯ ވެސް ބަލައިލަމާތޯއެވެ. ދުވަސްވަރަކީ އޮނަވިހި ސަތޭކަ ސާޅީހުގެ ފަހުކޮޅެވެ. އިނގިރޭސީންގެ އަތްދަށުން އިންޑިޔާ މިނިވަންވާން މަސައްކަތްކުރި ދުވަސްވަރެވެ. އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅަކީ ޖަވާހިރުލާލް ނެހުރޫއެވެ. އެމަނިކުފާނު ވިދާޅުވަނީ މިހެންނެވެ. ”ޞުލްޙައާ ނުލައި އަހަރެމެންގެ ހުރިހައި ހުވަފެންތަކެއް ނެތިގެން ހިނގައިދާނެއެވެ. އަދި އެންމެފަހުން އަހަރެމެންގެ ހުރިހައި އުންމީދު ތަކެއް އަޅިއަށް ވެގެން ހިނގައިދާނެއެވެ.“ އެ މަނިކުފާނު އެ ވިދާޅުވާ ވާހަކަފުޅަށް ބަލައިލުމުން އެ ވިދާޅުވާ ވާހަކަފުޅެއްގެ ބޮޑުކަން އިޙުސާސް ކުރެވެއެވެ. މާނައަކީ ޤައުމުގައި ޞުލްހަވެރިކަން ޤާއިމް ނުކުރެވި ދާނަމަ ޤައުމު އާރާސްތުކުރަން، އާބާދުކުރަން މިކުރާ މަސައްކަތް އަނދައި އަޅިއަށް ވެގެން ހިނގައިދާނެއެވެ.

ގައުމެއްގައި ހަމަޖެހުމެއްނެތި، ޞުލްހަވެރިކަމެއް ނެތި ތިމާމެންގެ އަމިއްލަ އެދުން އިސްކޮށްގެން ކަންކަން ކުރަން ވެއްޖެނަމަ އެޤައުމެއްގެ ދުވަސް ހިނގައިދާނެއެވެ. އޭގެ މިސާލުތައް ކަޅުމުޙައްމަދު ރަސްގެފާނާ ހިސާބުން ވެސް އަޅުގަނޑުމެން މިތިބީ ދެކިފައެވެ. މީލާދީން 1490 ވަނަ އަހަރު އެރަދުން ރަސްކަމަށް އިސްވެވަޑައިގަތީއްސުރެ މަސައްކަތް ކުރައްވަމުން ގެންދެވީ ރަސްކަން ދިފާޢު ކުރައްވާށެވެ. އެންމެފަހުން ޕޯޗްގީޒުންގެ އެހީތެރި ކަމާއި މަދަދަށް ވެސް އެދިވަޑައިގަތީއެވެ. އޭގެ ނަތީޖާ ވެސް އެހައިމެ ހިއްޗެވެ. ޕޯޗްގީޒުން ރާއްޖެއައިސް މާލޭގައާއި ރާއްޖެތެރޭގެ ރަށްރަށުގައި އެމީހުންގެ ވިޔަފާރި މަރުކަޒުތައް ހަދައިގެން ރާއްޖެއަށް ގަދަކޮށްލިއެވެ. އަދި ރާއްޖޭގެ މުޅި ވިޔަފާރި ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ.

މި ހުންނަނީ އަޅުގަނޑުމެން ޢިބުރަތް ލިބިގަންނަން ހުންނަ ފިލާވަޅުތަކެވެ. މިބާވަތުގެ ކަންކަމުން އަޅުގަނޑުމެން ޢިބުރަތެއް ޙާސިލު ނުކުރިނަމަ، މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް އަނެއްކައި ވެސް ވަރަށް ނިކަމެތި ގޮތްތަކެއް މެދުވެރި ވެދާނެއެވެ. އެކަހަލަ ގޮތެއް މިހާރު މެދުވެރި ވެއްޖެނަމަ ކުރިއަށްވުރެ މާނުރައްކައުތެރި ވާނެކަން އަބަދުވެސް ހަނދާން ކުރަން ވާނެއެވެ. މިއީ އަޅުގަނޑުމެންގެ ރާއްޖެއެވެ. މިރާއްޖެއަށް ދެރަކަމެއް ދިމާވާ ދުވަހު ރޯން ވެސް އަދި މޮޅުކަމެއް ދިމާވާ ދުވަހު ހޭން ވެސް ތިބޭނީ ހަމަ ދިވެހީންނެވެ.

ޝެއަރކުރެއްވުމަށް