އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާގެ މަތިން ހަނދާން ކޮށްލަމާތޯއެވެ. ދިވެހި ރައްޔިތުންގެ ޙައްޤުގައި އުފުލަންޖެހޭ ޒިންމާއެއް އޮތްތޯއެވެ؟ ދިވެހިންގެ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ވަންތަކަމުގައި ދިވެހި ފަރުދީ ޒިންމާގެ މަތިން ހަނދާން އާކޮށްލަމާތޯއެވެ. ޤައުމުގެ އަމާންކަމާއި މިނިވަންކަމާއި ދިވެހިންގެ ސަޤާފަތް ދެމެހެއްޓުމަށް ޒިންމާވާން ޖެހެނީ ކޮންބައެއްތޯއެވެ؟ ޤައުމުގެ ކަންކަން އިންތިޒާމުގެ މަގުން ހިންގުމުގައި ދިވެހިން ޒިންމާވާން ޖެހެއެވެ. މި ޤައުމު އަންނަށް އޮތް ޖީލަށް ވާސިލު ކޮށްދިނުމަށް މިއަދުގެ ޖީލު އަދާކުރަންޖެހޭ ޒިންމާތަކެއް އެބަ އޮތެވެ. ވަގުތީ ފައިދާއާއި އަމިއްލަ މަޞްލަޙަތު އެއްކިބާކޮށް ޤައުމު އެއްބައިވަންތަކުރުމަށް ފަރުދީ ޒިންމާތަކެއް އެބައޮތެވެ.

ދިވެހިންގެ މެދުގައި އޮތް އަޚުވަންތަ ގުޅުމާއި އެކުވެރިކަމާއެކު ދިރިއުޅުމަށް ދޭންޖެހޭ ސަމާލުކަން ވާފަދައިން އަދާކުރަންޖެހޭ ޒިންމާތަކެއްވެއެވެ. އަޚުވަންތަ ގުޅުމުން ޖަރީވެގެން ދިރިއުޅޭ އިޖްތިމާޢީ މިންގަނޑުތަކަށް ވާންޖެހޭ ޒިންމާތަކެއްވެއެވެ. ދިވެހީންގެ ދިވެހިވަންތަ ފަޚުރުވެރި އުޅުމުގައި ކާބަފައިން ނެގި ޒިންމާގެ މަތިން ހަނދާން އާކޮށްލަމާތޯއެވެ. ދިވެހީންގެ މެދުގައި އޮތް އަޚުވަންތަ ލޯބި ދެމެހެއްޓުމަށް ކާބަފައިން އުފުލި ޒިންމާ އަށް ބަލާލަމާތޯއެވެ. ދިވެހިންގެ އުސޫލާއި އިޖްތިމާޢީ ހަމަޖެހުމަށް ފަރުދީ ފެންވަރުގައި އަދާ ކުރި ޒިންމާއިން އިބުރަތް ހާސިލު ކުރަންޖެހެއެވެ. ދިވެހިން ޒިންމާވާން ޖެހެނީ ދިވެހި ޤައުމު ބިނާ ކުރުމުގައެވެ. ތައްޔާރުވާންވީ ޤައުމީ ޒިންމާ އަދާ ކުރުމަށެވެ.
މާތްވަގެންވާ އިސްމާލްދީނާއި މި ޤައުމުގެ އަގުތައް ދެމެހެއްޓުމަށް އަދާ ކުރަންޖެހޭ ޒިންމާ ވަރަށް ބޮޑެވެ. ޤައުމީ ޒިންމާއަކީ ދިވެހި ޤައުމަށް ނިސްބަތްވާ ކޮންމެ މީހެއްގެ މައްޗަށް އަދާކޮށް ޢަމަލުކުރަންޖެހޭ ޒިންމާއެކެވެ. މީހުންގެ މެދުގައި ވިސްނުމާއި ފިކުރު ތަފާތު ވީކަމުއި ވިޔަސް ޤައުމުގެ ޙައްޤުގައި އަދާކުރަންޖެހޭ ޤައުމީ ޒިންމާ އަދާ ކުރުމަށް ފަސްނުޖެހޭށެވެ. ދިވެހި ޤައުމުގެ ކޮންމެ ކަމެއްގައި މި ޤައުމަށް ނިސްބަތްވާ ކޮންމެ މީހެއްގެ ފުށުން ޤައުމަށްޓަކައި އަދާ ކުރަންޖެހޭ ޒިންމާތަކެއްވެއެވެ. އަދާކުރާ ޒިންމާތައް ތަފާތު ވުމަކީ އެ މީހެއްގެ މުހިންމުކަން ޤައުމަށް ކުޑަވުމެއް ނޫނެވެ. ޤައުމީ ކޮންމެ ކަމެއްގައި ޤައުމަށް އެންމެ ބޭނުންތެރި ބަޔަކަށް ވެގެންދާނީ އެ ޤައުމެއްގެ ރައްޔިތުންނެވެ. ޤައުމީ ވިސްނުމުގައި ގިނަ ރައްޔިތުން ބޭނުންވާ ގޮތުގެމަތިން މުޅި ޤައުމަށް ފައިދާއާއި ލާބަ ލިބޭގޮތެވެ.
ދިވެހި ރާއްޖޭގައި އޮތް އަމާންކަމަކީ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ޤައުމީ ލޯތްބެވެ. ޤައުމީ ކަންކަމުގައި ޤައުމު އިސްކޮށް ޤައުމަށް ޚިދުމަތް ކުރުމުގެ ސިއްރެވެ. ޤައުމީ ވަންތަކަމުގެ އެންމެހާ ބަހާތަކަށް ދެވިފައިވާ ޤަދަރާއި ދެމެހެއްޓެނެވި ގޮތުގައި ޤައުމަށް ވަމުންދާ ޤުރުބާނީއެވެ. ޤައުމެއްގެ ގޮތުގައި ދެމިއޮތީ ޤައުމުގެ އެންމެހާ ދިރުންތައް ދެމެހެއްޓުމަށް ޤައުމުދެކެ ލޯބިވާ ރައްޔިތުންގެ ހިތްވަރާއި ކެރުމާއެކުގައެވެ. ޤައުމު ބިނާ ކުރުމަށް ފަރުދުންގެ މެދުގައި އޮތް ސާބިތުކަމާއި ތަހުޒީބުވުމަށް ގަދައަޅާ މަސައްކަތް ކުރުމުގެ ރޫޙުގެ ސަބަބުންނެވެ. ޒަމާނީ ބަދަލުތަކާއެކު ދިވެހި ޒުވާނުންގެ މެދުގައި ޤައުމު ތަރައްޤީވެ ކުރިއެރުމަށް ދެވިފައިވާ އިސްކަމުގެ ސަބަބުންނެވެ.
ދިވެހި ޤައުމު ކުރިއަރައި ދިޔުމަށް ބޭނުންވާ އެންމެ ބޮޑު ރައުސްމާލަކީ ޤައުމީ ޒިންމާ އަދާކުރުމުގައި ދެމިތިބުމެވެ. ޤައުމީ ޒިންމާ އަދާ ކުރުމަށް ފަސްޖެހުމެއް ނެތި ޤައުމީ ވާޖިބުތައް އަދާ ކުރުމުގައި ދެމިތިބުމެވެ. ޒަމާނަށް އަންނަ ބަދަލުތަކުން ދިވެހި ޤައުމުގެ ޢިއްޒަތާއި ޝަރަފު ދެމެހެއްޓުމަށް ގަދަ އަޅާ މަސައްކަތް ކުރުމެވެ. ޤައުމީ ޚިދުމަތުގައި ދެމިތިބުމެވެ. ޤައުމު އެދި ގޮވާލި ކޮންމެ ކަމަކަށް ހެޔޮ ނިޔަތުގައި އެމީހެއްގެ ހިއްސާ ވަމުން ދިއުމެވެ. އަންނަންއޮތް ޖީލަށް އަމާން ޤައުމެއްގެ ގޮތުގައި މި ޤައުމު އެފަރާތްތަކަށް ފޯރުކޮށްދިނުމަށް ފަރުދީ ޒިންމާ އަދާ ކުރުންމަތީ ދެމިތިބެމާތޯއެވެ. ޤައުމަށް ތިމާ ކޮށްދޭ ކޮންމެ ކަމެއްގެ އަގު ޤައުމު ބަލައިގަންނާނެ ކަމުގެ ފޮނި އުންމީދުގައި ދެމިހުންނާށެވެ. އަދި ޤައުމަށްޓަކައި ތިބާ އަދާކުރަންޖެހޭ އެންމެހާ ޒިންމާތަކާއި ވާޖިބުތައް އަދާ ކުރުމުގައި ދެމިހުރުމަކީ ފަރުދީ ޒިންމާއަކަށް ހަދަމާތޯއެވެ. ޤައުމީ ޒިންމާ އަދާކުރުމަށް ފަސް ނުޖެހޭށެވެ. ތިބާގެ އުފަން ޤައުމުގެ އަގު ބޮޑުކަން ވިސްނާށެވެ. ދިވެހި ޤައުމަށް އުފަންދަރިއަކަށް ވުމަކީ ފަޚުރެއްގެ ގޮތުގައި ދެކޭށެވެ. ތިބާ ފުށުން ޤައުމަށް އަދާކުރަން އޮތް ޒިންމާއަކީ ކޮބައިތޯ ބަލާ ހޯދާށެވެ. ޤައުމީ ޒިންމާއަކީ ވަކި އޯޑަރެއް އަންނަންދެން މަޑުކޮށްގެން ޢަމަލު ކުރެވޭންއޮތް ކަމެއްނޫނެވެ.
ޤައުމާމެދު ފުންކޮށް ވިސްނާ ފިކުރުކުރާ މީހަކަށްނޫނީ ޤައުމީ ޒިންމާ ނެގުމަށް ފުރުޞަތެއް ނެތެވެ. ޤައުމީ ރޫޙެއްގައި ޤައުމަށް ޚިދުމަތް ކުރެވޭނީ ބިނާ ކުރަނިވި ޚިޔާލުތަކެއްގެ އަލީގައެވެ. ޤައުމުގެ އަފުރާދުންގެ މެދުގައި އޮތް ޤައުމީ ވިސްނުން ހިއްސާ ކުރުމުގެ ފުރުސަތު ފަހިވެގެންނެވެ. އަދި ޤައުމާމެދު ވިސްނާ ކޮންމެ ވިސްނުމަކީ ޤައުމަށް އެކަމުގެ ފައިދާ ހިއްސާ ކުރާނެ ވިސްނުމަކަށް ހެދުން މުހިންމެވެ. ޤައުމުގެ އެންމެހާ ކަންކަން އެމީހެއްގެ އަމިއްލަ ވިސްނުމާއި އެއްގޮތަށް ބަދަލުވުގެން ނުދާނެކަން ވެސް ވިސްނުމުގައި ބަހައްޓަން ޖެހެއެވެ. އަދި ތިބާއަށް ކަމުދާ ކޮންމެ ކަމަކީ މުޅި ޤައުމުގެ ރައްޔިތުންނަށް ފައިދާވާ ކަމަކަށް ނުވެދާނެކަން ވެސް ޤަބޫލުކުރަން ވާނެއެވެ. އެހެނަސް ތިބާގެ ޤައުމީ ޒިންމާގެ ތެރެއިން ތިބާގެ ވިސްނުމުގައިވާ ގޮތެއް އެހެން މީހުންނަށް ހިއްސާކުރުމަކީ ޤައުމަށް ފައިދާ ބޮޑުވާނެ ގޮތްކަން ވިސްނާށެވެ.
ޤައުމަށް ޚިދުމަތް ކުރުމުގައި ވަކި ރޮނގެއް ނެތެވެ. ޤައުމާމެދު ވިސްނާ ޚިޔާލު ކުރަންޖެހެނީ ވެސް ޤައުމުގެ ކުރިއެރުމާ ގުޅި ލާމެހިފައިވަނީ އެ ޤައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އޮންނަ ޤައުމީ ވިސްނުން ކަމުގައި ވާތީއެވެ. ތިބާގެ އުފަން ޤައުމަށް އޮތް ލޯބި އަދި ކުލުނު އެއީ ވަކި މަޖުބޫރީ ކަމެއްގެ ތެރޭގައި އޮތް ޤައުމީ ލޯތްބެއް ނޫނެވެ. ތިބާ އުފަން ޤައުމު ތިބާ ލޮލުންދެކި އަތުން ހިފާފައިވާ ކަންކަމުގެ މައްޗަށް ވިސްނާ ފިކުރު ކުރުމުން އެނގެނު ކަންކަމާމެދު ތިބާވީ ޤައުމީ ލޯތްބެވެ. އެމީހަކު އަދާކުރާ ވަޒީފާގެ ގޮތުން ޤައުމު ދެކެ ލޯބިވުން މަޖުބޫރު ވޭތޯއެވެ. ނުވަތަ ޤައުމަށް އުފަންވުމުން އެމީހެއްގެ ފަރުދީ ޒިންމާގެ ތެރޭން ޤައުމާމެދު ވިސްނާ ޤައުމީ ޒިންމާ އަދާކުރަނީ ތޯއެވެ. ޤައުމުގެ ޢިއްޒަތާއި ޝަރަފަށްޓަކައި ފަރުދީ ޒިންމާ އަދާ ކުރަމާ ތޯއެވެ.
