އަލިފާނުން ރައްކާތެރިވުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ގޮތެވެ. އަލިފާނުން ރައްކާތެރިވުމަށް އެކިމީހުން ޢަމަލުކުރާނީ ވެސް އެކި ހާލަތުގައި އެކި ގޮތްގޮތަށެވެ. އެއްބަޔަކު އެމީހުންގެ އަމިއްލަ ނަފްސު ހަމައެކަނި ސަލާމަތްވުމަށް މަސައްކަތް ކުރެއެވެ. އަދި އަނެއްބަޔަކު ވަރަށް ބޮޑަށް ޕެނިކުވެ ހަނދާނެ ގޮތްނޭނގި ގޮތް ހުސްވެއެވެ. އެހެންކަމުން މިފަދަ ހުރިހާ ހާލަތަކަށް ވިސްނައި ދުރާލާ ފަޔަރ އިމަރޖެންސީ ޕްލޭނެއް ހެދިފައި އޮތުމަކީ ބުއްދިވެރި ކަމެކެވެ. މިފަދަ ޕްލޭނެއްގައި ވެދާނެކަންތައްތަކަށް ބަލައި ތިމާއަށާއި ތިމާ ވަށައިގެންވާ މާހައުލުގައިވާ ތަކެއްޗަށާއި އެފަދަ ތަނެއްގައި ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަންވާނެއެވެ. އެހެންވެއްޖެނަމަ އަލިފާނުގެ ހާދިސާއަކުން ދިމާވެދާނެ ޑެމޭޖް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. ބޮޑެތި އުސް އިމާރާތްތަކުގައި މިފަދަ ޕްލޭންތައް ހަދައި އަހަރު ތެރޭގައި ބަހައިލައިގެން ޕްލޭނަށް ފަރިތަކުރުންތައް ގެންގޮސް ދިވާމެދާނެ ކަމަކަށް އަބަދުވެސް ތައްޔާރަށް ތިބުމަކީ ރައްކާތެރި ކަމެކެވެ. އެހެން ކަމުން މިފަދަ ޕްލޭނެއްގައި ހިމެނުމަށް ހަނދާން ބަހައްޓަންވީ މައިގަނޑު ކަންތައްތަކަށް އަލިއަޅުވާލާނަމެއެވެ.
އިމާރާތާއި ބެހޭ މަޢުލޫމާތު:
މިއީ ވަރަށް ވެސް މުހިންމު ބައެކެވެ. އެހެނީ ހާދިސާއެއް ހިގުމުން އެއީ ކޮން އިމާރާތެއްކަމާއި އިމާރާތުގެ ވެރިފަރާތާއި އިމާރާތުގައި އުޅޭފަރާތްތަކާއި ބިލްޑިންގ ހަދައިފައިވަނީ ކޮންކަހަލަ މެޓީރިއަލެއް ބޭނުންކޮށްގެންކަމާއި އަދި އިމާރާތުގެ ފްލޯ އޭރިޔާ، ޕްލޭނުގައި ފެންނަށް އޮންނަ ޖެހޭނެއެވެ. އަލިފާނުގެ ހާދިސާއެއް ނުވަތަ އެނޫންވެސް އިމަރޖެންސީއެއްގައި ފަސޭހަކަމާއެކު މި މަޢުލޫމާތުގެ ބޭނުން ހިފިގެންދާނެއެވެ.
ގުޅޭނެ ނަންބަރުތައް:
މިބައިގައި އިމާރާތުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ފޯނު ނަންބަރުތަކާއި އެހެނިހެން ގޮތްގޮތުން ގުޅޭނެގޮތްތައް ހިމަނަންވާނެއެވެ. އިމާރާތަކީ ބުރިބުރިއަށް ނަގައިގެން އިމާރާތްކޮށްފައި ހުންނަ ތަނެއްނަމަ ކޮންމެ ފްލޯއެއްގައި ވެސް އުޅެނީ ކިތައް މީހުންކަމަށާއި އެމީހުންގެ ތެރެއިން އެންމެ އިސް ފަރާތެއްގެ މަޢުލޫމާތު އޮންނާން ޖެހެއެވެ. އެހެނީ ކަމެއް ދިމާވެގެން މީގެން އެއްވެސް ފަރާތަކަށް ގުޅަންބޭނުންވެއްޖެނަމަ މީއީ ވަރަށް ފަސޭހަވާނެގޮތެކެވެ.
އަލިފާންނިވާ އާލާތްތައް ސާރވިސްކޮށް ބެލެހެއްޓުން:
ކޮންމެ ފްލޯއެއްގައި ބަހައްޓާފައިވާ އަލިފާންނިވާ ތަކެތި ސާރވިސްކޮށް ޓެސްޓްކުރި ތާރީޚުތަކާއި އެކަންކުރި ފަރާތުގެ މަޢުލޫމާތު އަބަދުވެސް ބޭނުންވެއްޖެ ހާލެއްގައި ފެންނާނެހެން ހުންނަށް ޖެހެއެވެ. އަލިފާންނިވާ ފުޅިއާއި އަލިފާންނިވާ އެހެނިހެން ވަސީލަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތުގައި ސާރވިސްކޮށް ބޭނުންކުރެވޭ ހާލަތުގައި ބެހެއްޓުމަކީ ނުރައްކަލަކަށް ތައްޔާރުވެގެން ތިބުމަށް އޮތް އެންމެ ފުރަތަމަ ފިޔަވަޅެވެ.
ފަޔަރ އިވެކުއޭޝަން ޕްލޭން:
ފަޔަރ އިވެކުއޭޝަން ޕްލޭނަކީ އަލިފާނުގެ ހާދިސާއެއް ހިގުމުން އަވަސް ކަމާއި ރައްކާތެރިކަމާއިއެކު އެތަނަކުން ސަލާމަތް ވުމަށްޓަކައި ހެދިފައި އޮންނަ ޕްލޭނެކެވެ. ކޮންމެ ފުލޯއެއްގައި ނުވަތަ ކޮންމެ އެޕާރޓްމަންޓެއްގައި ފަޔަރ އިވެކުއޭޝަން ޕްލޭން އެންމެނަށް ފަސޭހައިން ފެންނާނެހެން ހަރުކޮށްފައި ބެހެއްޓުން މުހިންމެވެ. މިފަދަ ޕްލޭނެއްގައި ހުރުން މުހިންމު ބައިތަކެއްވެއެވެ.

އަލިފާނެއް ރޯވުމުން ނުވަތަ ފަޔަރ އެލާމް ސައުންޑުގެ އަޑު އިވުމުން ޢަމަލު ކުރަންވީ ގޮތާއި ހާދިސާއެއް ހިގުމުން އެންމެން ރައްކާތެރިކަމާއެކު ޖަމާވުމަށް ކަނޑައެޅިފައިވާ ތަނަކާއި އަލިފާން ރޯވުމުން އެންމެ ފަސޭހައިން ގުޅަންޖެހޭ އަލިފާންނިވާ ތަނެއްގެ ނަންބަރު އޮންނަންވާނެއެވެ. އަދި އަލިފާން ރޯވުމުން އެތަނެއްގައި ތިބި ބަޔަކު އެ އަލިފާނެއް ނިއްވުމަށް ޢަމަލުކުރާނެ އުސޫލުތަކާއި ތަނުގައި ޤާއިމްކޮށްފައިވާ ތަކެތި ބޭނުންކޮށްގެން އަލިފާން ނިއްވާލާނެ ގޮތް އެގެން އޮންނަށްޖެހޭނެއެވެ. މިސާލަކަށް އަލިފާނުގެ ހާދިސާއެއްގައި ތަނުގައި ޤާއިމްކޮށްފައިވާ އަލިފާންނިވި ބޭނުންކުރާނެ ގޮތުގެ ތަމްރީނު ދުރާލާ ބަޔަކަށް ދެވިފައި އޮތްނަމަ އަލިފާންގަނޑު ނިންވުމަށް އެތަނުގައި ތިބި ބަޔަކަށް ފަސޭހަވެގެންދާނެއެވެ.
އަދި، ކޮންމެ ފްލޯއެއްގެ އިސްކޮށް މަސައްކަތްކުރާ ފަރާތެއްގެ މަސްއޫލިއްޔަތާއި ޒިންމާ ލިޔެވިފައި އޮންނަށްޖެހޭނެއެވެ. އެހެންކަމުން އަލިފާނެއް ރޯވުމުން އެންމެ ފުރަތަމަ ކަމަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ. މިޒިންމާ އަމިއްލައަށް އަދާކުރުމަށް ދުރާލާ އިމާރާތުގައި ދިރިއުޅޭ މީހުން ތައްޔާރު ކުރުން ވަރަށް މުހިންމުވާނެއެވެ.
އެއްވެސް ކަމެއް ދިމާވެގެން ފަޔަރ އެލާމް އަޅައިފިނަމަ ނުވަތަ އެފަދަ ކަމަކަށް ޝައްކުވާނަމަ ވަގުތުން ކަމާބެހޭ ފަރާތައް އަވަހަށް އަންގާ އެފަރާތުގެ ސަމާލު ކަމަށް ގެންނަށްވާނެއެވެ.
ހޭލުންތެރި ކުރުމާއި ޕްލޭން ރަނގަޅުތޯ ބެލުން:
ފަޔަރ އިވެކުއޭޝަން ޕްލޭނެއްގައި އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ކަޑައެޅިފައިވާ އުސޫލުން ތަމްރީނުދީ ހޭލުންތެރި ކުރަންޖެހޭނެއެވެ. މިގޮތުން ހާދިސާއެއް ހިގުމުން ޢަމަލު ކުރަންވީގޮތާއި އެމަރޖެންސީގައި ވަދެނުކުމެ ހަދަންވީ ދޮރުތަކާއި އަލިފާނުގެ ހާދިސާއެއްގައި ބޭނުން ކުރާނެ އާލަތްތައް ހުންނާނެ ތަންތަނާއި އެލާމް ޕޮއިންޓްތައް އެކްޓިވޭޓް ކުރާނެ ގޮތްތަކާއި އިމާރާތުންނުކުމެގެން ގޮސް އެންމެން ޖަމާވާނެ ތަންތައް ވަރަށް ރަނގަޅަށް ބުނެދޭން ވާނެއެވެ.
އެނެކްސްތައް:
ފަޔަރ އިވެކުއޭޝަން ޕްލޭންގައި އެ އިމާރާތުގައި ހަރުކޮށްފައިވާ ހުރިހާ އަލިފާންނިވާ އާލާތްތަތްކުގެ ތަފުސީލު ހިމަނަށްވާނެއެވެ. އެހެނީ މިޕްލޭނަކީ ކަމެއް ދިމާވުމުން އެންމެ ފުރަތަމަ ވެސް ފަސޭހަކަމާއެކު ބަލާލެވޭގޮތަށް އޮންނަ އެއްޗަކަށް ވާތީއެވެ. މިގޮތުން ބިލްޑިންގ ޕްލޭނާއި ފްލޯ ޕްލޭންތަކާއި އެކިއެކި މުހިންމު ފަރާތްތަކާއި މުޢާމަލާތު ކުރެވޭނެ ގޮތްތަކާއި ފަޔަރ ސޭފްޓީ ސިސްޓަމްތަކުގެ ހުރިހާ މަޢުލޫމާތެއް ފަސޭހައިން ފެންނަށް ހުރުން ވަރަށް މުހިންމުވާނެއެވެ. އަދި މިފަދަ ތަންތަން ނުވަތަ އެއްޗަކަށް އެއްވެސް ބަދަލެއް އައިސްފިނަމަ އެކަން ވެސް ޕްލޭނުގައި ފެންނަށް އޮންނަންވާނެއެވެ.
އަޅުގަނޑުމެންނަކީ ކުދިކުދި ތަންކޮޅުތަކުގައި ގެދޮރު އިމާރާތްކޮށްގެން ދިރިއުޅޭ ބަޔެކެވެ. އެހެންކަމުން ގަވާއިދުތަކާއި އުސޫލުތައް ހަރުދަނާ ނުވެއްޖެނަމަ ދިމާވާ ކިތަންމެ ކުޑަ އަލިފާނުގެ ހާދިސާ އަކުން ވެސް ވަރަށް ބޮޑު ހިތާމަވެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން، ސަލާތަމާއި ރައްކާތެރި މުޖުތަމަޢުއެއްގައި ދިރިއުޅޭ ތަހުޒީބީ ބަޔަކަށް ވުމަށް މިފަދަ ހުރިހާ ބެސްޓް ޕްރެކްޓިސްތައް ގަބޫލުކުރަންޖެހެއެވެ. ދުވަހަކު ވެސް ތިމަންނަ ގޭގައި ހާދިސާއެއް ނުހިގުމަކީ ތާއަބަދު ސަލާމަތްވެފައިވާ ގެއެއްކަމުގައި ބަލައިގެން ނުވާނެއެވެ. އަދި ޚާއްޞަކޮށް އުސް އިމާރާތްތައް އިންތިހާއަށް ގިނަވަމުންދާ ދުވަސްވަރެއްގައި މިފަދަ ޕްލޭނެއް ހަދާފައިވާނަމަ ހީވެސް ނުކުރާވަރުގެ ނުރައްކަލަކުން ސަލާމަތްވެވިދާނެއެވެ. ޒަމާނާއެކު ޓެކްނޮލޮޖީގެ ހެޔޮބަދަލުތައް ފެންނަމުންދާއިރު އަބަދުވެސް ވިސްނަންވީ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. ހަމަޔަގީނުން ވެސް މިހާރު ނުވިރައްކަލެއް ހާދިސާއެއް ހިގުމުން ނުވެވޭނެއެވެ.
