1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް (އަންބަރީ ޢަބްދުއްސައްތާރު) ހުންނެވީ މޭޖަރ ރޭންކުގައެވެ. އެއީ އޭރު ސިފައިންގޭގައި ތިއްބެވި އެންމެ ސީނިއަރ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އޭރު އެއީ ސިފައިންގެ ވެރިޔާގެ ނާއިބުގެ އެހީތެރިޔާ ވެސް މެއެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޑިރެކްޓަރ އޮފް ނޭޝަނަލް ސެކިއުރިޓީއެވެ. މިއީ، 2012 ވަނަ އަހަރު އެމްއެންޑީއެފުން ޝާއިޢުކުރި ”ނޮވެންބަރު ތިނެއް“ މި ފޮތް އެކުލަވާލި ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދަށް އެ މަނިކުފާނު ދެއްވި ޚާއްޞަ އިންޓަރވިއުގެ ބައެއް ސުވާލުތަކާއި ޚުލާސާ ޖަވާބުތަކެވެ. ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންނެވީ 25 އަހަރާ 9 މަސް ދުވަސް ދުވަހު އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ފެށުނު އިރު މަނިކުފާނު ހުންނެވީ ކޮންތާކުތޯ އަދި ޙަމަލާއާ ގުޅިގެން ޢަމަލުކުރެއްވީ ހިކިނެއްތޯ؟

ނޮވެންބަރު ތިނެއްގެ ޙަމަލާ ފެށުނު އިރު އަޅުގަނޑު އޮތީ ގޭގައި. އަޅުގަނޑަށް ހޭލެވުނީ ފަތިހު ބަޑިޖަހާ އަޑަށް. ހޭލެވިގެން އަޅުގަނޑު ފޯނުކުރީ ޓާސްކް ފޯސްގެ ޑިއުޓީގައި އިންނެވި ޑިއުޓީ އެންސީއޯއަށް. ފޯނުކޮށްފަ ސުވާލުކުރީ ކިހިނެއްތޯ ވެގެން މި އުޅެނީ. ޑިއުޓީއަށް އިންނެވީ ފުށްކަފަ ދޮންތުއްތު (ޙުސައިން ޢަލީ). ދޮންތުއްތު ބުނުއްވީ ބޭރުން ބަޔަކު ބަޑި ބަޑިޖަހަނީއޭ. ދެން އަޅުގަނޑު ބުނިން އިތުރު އެއްވެސް މަޢުލޫމާތެއް އެބައޮތްހޭ. ދޮންތުއްތު ބުނުއްވީ ނެތޭ. ދެން އަޅުގަނޑު ގުޅީ ސިފައިންގެ ވެރިޔާއަށް. އެވަގުތު ފޯނެއް ނުނަންގަވާ.

ދެން ހެއްދެވީ ކިހިނެއްތޯ؟

އަޅުގަނޑު އަވަސްވެގަތީ ސިފައިންގެއަށް ދެވޭތޯ. ބައިސްކަލަށް އަރައިގެން އޯކިޑުމަގުން ސިފައިންގެއާ ދިމާއަށް ދަތުރުކުރަމުން ދިޔަމަގުމަތީގައި އަޅުގަނޑު ބަލާލިން ތީމުގޭގައި ތިއްބެވި ޑިއުޓީ ބޭކަލުން ކިހިނެއްތޯ ތިބީ. އެ ބޭފުޅުން އޭރު ތިއްބެވީ ރަނގަޅަށް ޑިއުޓީގައި. އަޅުގަނޑަށް ޔަގީންވި ތީމުގެއަކަށް އޭރު ނެތްކަން ނުރައްކަލެއް. ބައިސްކަލުގައި ވަރަށް ބާރަށް އަނބުރާފައި ގޮސް އުމަރު ޝޮޕިންގ އާކޭޑާ ހިސާބަށް ދިޔަތަނާ އަމީރު އަޙްމަދު މަގު ކޮޅުން ވަރަށް ގިނައިން ބަޑީގެ ވަޒަން އަންނަން ފަށައިފި. ދެން އެމަގުން ނުދެވޭނެކަން އެނގިގެން އަޅުގަނޑު ލަނބާލީ ޗާންދަނީމަގުން (ދެކުނަށް). ކޮންމެވެސް ގޮތަކުން (ސިފައިންގެއަށް) ދެވޭތޯ.

ބަޑިޖަހަން ފެށީމާ ހެއްދެވީ ކިހިނެއްތޯ؟

އެންއެސްއެސްގެ ޕްރައިވެޓެއް އަޅުގަނޑުގެ ފަހަތުން ވަރަށް ބާރަށް ބައިސްކަލުގައި އަންނަމުން ގޮވާ. ތިހެން ވަޑައި ނުގަންނަވާށޭ. އެހެންނަމަވެސް އަޅުގަނޑު ބޭނުންވީ ކޮންމެވެސް ގޮތަކުން ސިފައިންގެއަށް ވަދެވޭތޯ ބަލަން. ޗާންދަނީމަގުން އައިސް ލަނބާލީ ދިރާގާ ދިމާލުން އިރަށް. (ކުރިން ދިރާގުގެ ހެޑް އޮފީސް ހުރީ ޗާންދަނީމަގާއި މެދުޒިޔާރަތްމަގު ގުޅޭ ދެކުނު ކަންމަތީގައެވެ.) ލަނބާލިތަނުން (އޭރު ސަލްޓަންޕާކުގެ ކުރިމަތީގައި ހުންނަ) ބުރުކައިރީ ތިބެފަ ވަރަށް ގިނައިން ބަޑި ޖެހި. ފަތިސްވީމަ އަމާޒު ނުލިބުނީ ކަންނޭނގެ. ދެން އަޅުގަނޑު އަވަހަށް އަނބުރާލާފަ ވަނީ ދިރާގު ތެރެއަށް. (އޭރުއެތަނުގައި ހުންނަނީ) ސްޓެލްކޯގެ ޖަންކްޝަން ބޮކްސްއެއް. އަޅުގަނޑު އެތަނަށް ދެމިގަތްލެއް ބާރުކަމުން ފެންޑާގައި ހުރި ތަނބެއްގައި ޖެހި ކޮނޑަށް ވަރަށް އަނިޔާވި. އެތަނަށް އަޅުގަނޑަށް ވަދެވުމުން މާތްﷲގެ ހެޔޮ ރަޙުމަތްފުޅުން އެ ވަޒަންތަކުން ސަލާމަތް ކުރެއްވީ. ދެން އެތަނުގައި މަޑުކޮށްލާފައި ނުކުމެ ބައިސްކަލު އަތުން ހިފައިގެން ޗާންދަނީމަގުން އެޅީ މަޖީދީމަގާވީ ކޮޅަށް. ތަންކޮޅަކަށް ދިޔަތަނާ އަޅުގަނޑަށް ފެނުނީ ކޯޕްރަލް މުޙައްމަދު ސަލީމް (އުންބެ ސަލީމް). ސަލީމް ހުއްޓުވާފައި އަޅުގަނޑު ދެންނެވިން ދުރުވާށޭ ސިފައިންގެ ވެރިޔާގެ ނައިބުގެ އަރިހަށް. (އޭރު ނައިބަކީ) އޮނަރަބަލް އިލްޔާސް އިބްރާހީމް.

ދެން ވަޑައިގެންނެވީ ކޮން ތާކަށްތޯ؟

އެ ޒަމާނަކީ އަޅުގަނޑުމެން (ސިފައިން) ހުދު ގަމީސް ލައިގެން އުޅުނު ޒަމާން. ވަރަށް ފަސޭހައިން މީހުންނަށް ފާހަގަކުރެވޭނެ. ސަލީމް އެދިމާއަށް ފޮނުވާލާފައި އަޅުގަނޑު އައީ ބޮޑުދަހަރާގެއާ ދިމާލުން ކާޅުގުއިރޭ މަގުން. ދެން އަތަމާގެ ކައިރިން މާފަންނުގެއާ ދިމާލުން ފަރީދީ މަގަށް ނުކުމެ އެޅީ ފެންފިޔާޒު މަގަށް. ފެންފިޔާޒުގެއާ ފިހާރަބަރިއާ ދޭތެރެއިން އަޅުގަނޑު މިސްރާބުޖެހީ ތީމުގޭ ފުރަގަހަށް ދެވޭތޯ. ބަންޑާރަ މިސްކިތުގެ އިރުން ގޮސް ދިޔައީ ތީމުގޭ ފުރަގަހަށް. އޭރު އެތާގައި ހިންގަމުންދިޔައީ އެސްޓީއޯ. އެތާ ކައިރީ ބޮޑު ދަގަނޑު ދޮރެއް ހުންނާނެ ޓިނުޖަހާފައި. އެއީ ލޮރީ ފަހަރު ވަދެ ނުކުމެ ހެދުމަށް. ދެން އެ ހިސާބަށް ގޮސް ބަލާލިއިރުގައި އެތަން ހުރީ ވަރަށް ރަނގަޅަށް ބަންދުވެފަ. އެހެންވީމާ އަޅުގަނޑަށް ޔަގީންވެއްޖެ އިރާދުކުރެއްވިއްޔާ ތީމުގެއަކަށް އެމީހުންނަށް ކަމެއް ނުކުރެވޭކަން. އެތަނުން ނައްޓާލައިގެ ދެން އަޅުގަނޑު އައީ ތީމުގޭ ހުޅަނގުމަގަށް. ތީމުގޭ ހުޅަނގުމަގުން ތީމުގެއާ ހަމައަށް އައިސް ހުޅަނގު ދޮރޯށީގައި ހިފާލިއިރު ދޮރޯށިހުރީ ތަޅުލާފަ. ދެން ކޮލިގޭ ކައިރި ހުންނަ (ޒިޔާރަތް) މިސްކިތް ކައިރިން ހުޅަނގަށް ގޮސް ގުލިސްތާނުގެއާ އެންދެރިމާގެއާ ދޭތެރޭ މަގުން ހުޅަނގަށް ގޮސް އަޅުގަނޑު ވަނީ ހުދުކާނޭޝަނަށް. އަޅުގަނޑު ގެއަށް.

ދެން ބޭރަކަށް ވަޑައެއް ނުގަންނަވަންތޯ؟

ދެވަނަ ފަހަރަށް ވެސް ނުކުތިން. ދެވަނަ ފަހަރަށް ނުކުމެގެން އަނެއްކާ ބައިސްކަލުގައި ތަފާތު ގޮތްގޮތަށް މަސައްކަތް ކޮށްގެން ވެސް އަޅުގަނޑަކަށް ސިފައިންގެއަށް ދެވޭގޮތެއް ނުވި. ދެވަނަ ފަހަރު ގޮސްފައި އައިތަނާ ސިފައިންގެ ވެރިޔާ އަޅުގަނޑަށް ފޯނުން ގުޅުއްވި. ގުޅުއްވާފަ އެއްސެވީ ކިހިނެއް ކިހިނެއްހޭ. އަޅުގަނޑު ދެންނެވިން ކިހިނެއްތޯއޭ މަނިކުފާނުގެ ހާލުކޮޅު. ވިދާޅުވި ރަނގަޅޭ ތިމަން މިހިރަ ފެންނަނީ ރައްކާތެރި ތަނެއްގައޭ. ގުޅުއްވީމާ އަޅުގަނޑު ދެންނެވިން ސިފައިންގެއަށް އެއްގޮތަކަށް ވެސް ދެވޭގޮތެއް ނުވިޔޭ. ރަށުތެރޭކަންތައް ވަރަށް ބޮޑޭ.  ދެން ދެވަނަ ފަހަރު ނުކުމެގެން އަޅުގަނޑު އައީ ތީމުގޭ ކައިރިން މުސްތަރީގޭ ކައިރިން އައިސް ދިލާލުގޭ ގޯޅިން އައިއިރު އަޅުގަނޑަށް ފާހަގަކުރެވުނު (އެއީ) ސިފައިންގެ ވެރިޔާ ހުންނެވި ހިސާބުކަން. އެތަން ރައްކާތެރި ކުރުމަށްޓަކައި އަޅުގަނޑުމެންގެ ބަޔަކު ތިބި. އަޅުގަނޑު މަޑެއް ނުކުރަން. މަޑުނުކުރީ އެއްވެސް ގޮތަކަށް މީހަކަށް ޝައްކެއް ވެއްޖެއްޔާ ދެން އަންނަ ނުރައްކާ މާ ބޮޑުވެދާނެތީ. ގެއަށްވަދެ ތިންވަނަ ފަހަރު ވެސް ނުކުތިން.

ތިންވަނަ ފަހަރު ވަޑައިގެންނެވީ ކޮން ހިސާބަކަށްތޯ؟

ތިންވަނަ ފަހަރު ނުކުމެގެން އަޅުގަނޑު ދިޔައީ މާފަންނު ކޮޅަށް. އެއީ ރަށުތެރޭ ކަންތައްތައް ކިހިނެއްތޯ ބަލަން ވެގެން. މާފަންނުކޮޅުގެ ވަރަށް ހަރު ބައެއް ބޭފުޅުންނާ ބައްދަލުވެގެން އެބޭފުޅުން  ސުވާލުކުރެއްވި ކިހިނެއްތޯ ވެގެން މި އުޅެނީ. އޭގެތެރޭގައި މަރުޙޫމް ރަތް ނިޒާރު، މަރުޙޫމް ވައިތެޔޮ އަބޫބަކުރު. މަރުޙޫމް ސަމްސޫރު މުޙައްމަދު ކަލޭފާނު (ހިމެނޭ). އޭރު އަޅުގަނޑަށް އެނގިއްޖެ މިއުޅެނީ ބޭރުބަޔަކު ޙަމަލާ ދީގެންކަން. އެބޭފުޅުންނަކީ އޭރުގެ ސަރުކާރަށް ވަރަށް އިޚްލާޞްތެރި އަދި ރައީސް މައުމޫނަށް ވަރަށް ތާއީދުކުރައްވާ ބޭފުޅުން. އެބޭފުޅުންނާ ދިމާވީ އެއް ތާކުންނެއް ނޫން. ތަފާތު ތިން ހިސާބުން. ދެ ތިން ބޭފުޅުން ވެސް ތަކުރާރުކޮށް އެއްސެވި ރައީސްގެ ހާލުކޮޅު ކޮހިނެއްތޯ. އަޅުގަނޑު ދެންނެވިން ރައީސްގެ ހާލުކޮޅު އިރާދުކުރެއްވިއްޔާ ރަނގަޅޭ. ރައީސް ހުންނެވީ ރައްކާތެރިކަމާ އެކީ އޭ. ދެން އެ ފަހަރު ބޭރަށް ނުކުމެ ވަރަށް ގިނަ އިރު އަޅުގަނޑު އުޅުނިން. އިލެކްޓްރިކްސިޓީއާ ހަމައަށް ވެސް (ދިޔައިން). ތަންކޮޅެއް ބިއްދޮށް ފަރާތުން ސިފައިންގެ ކޮށި ހުންނަ ހިސާބުގަނޑުގައި ވަރަށް ގިނަ އިރު އުޅެފައި މެންދުރުވާން އުޅެނިކޮށް އަޅުގަނޑު ގެއަށް އެނބުރި އައީ. އައިމަ ސިފައިންގެ ވެރިޔާ އެފަހަރު ވިދާޅުވީ ނުނިކުންނާށޭ. ތިމަންނައަށް ފޯނުން ނުގުޅޭ ގޮތަކަށް އަންބަރީ އެއްގޮތަކަށް ވެސް މަސައްކަތް ނުކުރައްވާށޭ. ދެންއެހާ ހިސާބުން އަޅުގަނޑަށް މަޖުބޫރުވީ ސިފައިންގެ ވެރިޔާ އެ އޯޑަރަށް (ގޭގައި މަޑުކުރަން).

ފަހުން ސިފައިންގެއާ ގުޅުއްވިންތޯ؟

ދެވަނަ ފަހަރަށް އަޅުގަނޑު ގެއަށް ވަދެފައި ވެސް  ސިފައިންގެއަށް ގުޅިން. ގުޅީމާ އަޅުގަނޑަށް އެނގުނު އެތެރޭގައި މުޙައްމަދު ޒާހިރުމެން މަސައްކަތް ކުރައްވަމުން ގެންދާ ގޮތާ ހުރިހާ އެއްޗެއް. އަނެއްކާ މުޙައްމަދު ޒާހިރު ވަރަށް ބޮޑަށް ބޭނުންފުޅުވި ބޭރަށް ނުކުމެވަޑައިގަންނަވަން. އެ ދަނޑިވަޅުގައި އަނެއްކާ ސިފައިންގެ ވެރިޔާ އަޅުގަނޑާ ގުޅުއްވި. ގުޅުއްވާފަ އެއްސެވި ކިހިނެއްހޭ ކަންތައް ވަނީ. އަޅުގަނޑު ދެންނެވިން މިހެން މިހެންނޭ. ސިފައިންގެ ވެރިޔާ ކަނޑައެޅިގެން ވިދާޅުވި މުޙައްމަދު ޒާހިރަށް ދަންނަވާށޭ އޭރު ހާލަތު އޮތް ގޮތުން އެއްގޮތަކަށް ވެސް ނުކުމެވަޑައިގެން ނުވާނެއޭ. މުޙައްމަދު ޒާހިރު ޤަބޫލު ވެސް ކުރެއްވި.

ކިހިނެއްތޯ ސިފައިންގޭގައި ތިއްބެވި އިސް ބޭފުޅުންނާ ގުޅުއްވަނީ؟

ބައެއް ފަހަރު ވާގޮތަކީ ސީދާ އެބޭފުޅުންނަކާ ނުގުޅޭނެ. (ފޯނުން ހުންނަތަނުގައި) އިންނަވާ އެންސީއޯ އަކާ ނޫނީ (އެ ވަގުތަކު އެންމެ ކައިރި ހުންނަ) އޮފިސަރަކާ ގުޅެނީ. އެކަމަކު ބައެއް ފަހަރު ހަމަ އެބަހުރި މުޙައްމަދު ޒާހިރާ ވެސް (ގުޅިފައި) ހަމަ މެސެޖު (ދިނުމަށް) ތަޤްދީރު ކޮށްދެއްވާފައި. ސީނިއަރ ހުރިހާ ބޭފުޅުން ތިއްބެވީ ސިފައިންގެ އެތެރޭގައި. އެއީ މޭޖަރ ހުޅުލޭ މޫސާ، ކާނަލް ޙުސައިން އިބްރާހީމްފުޅު. މޭޖަރ އާދަމް ޒާހިރު، ކެޕްޓަން އަޙްމަދު ނަޢީމް މުޙައްމަދު، މޭޖަރ މުޙައްމަދު ޒާހިރު، ލެފްޓިނަންޓް ޙަސަން ނަޞީރު އަދިވެސް ވަރަށް ގިނަ ސީނިއަރ ބޭފުޅުން ތިއްބެވި އެތެރޭގައި. އެބޭފުޅުން މަސައްކަތް ކުރެއްވީ ވަރަށް ބޮޑަށް ގުޅިގެންނޭ އަޅުގަނޑަށް ދެންނެވޭނީ. އަޅުގަނޑު ބޭރުގައި ހުންނަ މީހާއަކަށް އެ މަންޒަރެއް ނުފެންނާނެ. ފަހަރެއްގައި ވެސް އަޅުގަނޑު ހަނދާން ނުނެތޭ ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލް. ބޭރަށް ނުކުމެވަޑައިގަތީ އޭނަ ޓީމެއް ގޮވައިގެން. އެހެންވީމާ އެ ހުރިހާ ބޭފުޅުން ވަރަށް މަސައްކަތް ކުރެއްވި.

ރައީސް އިންޑިއާއަށް ގުޅުއްވަން ތީމުގޭގައި އޮތް ފޯނެއް ގުލިސްތާނުގެއަށް ގެންދެވި. އެކަމުގައި މަނިކުފާނުގެ ދައުރަކީ ކޮބައިތޯ؟

އާދަމް ނަޢީމް ވިދާޅުވެގެން ތީމުގޭގައި އޮތް އެ ފޯނުކޮޅު ގެންގޮސްދިނީ އަޅުގަނޑު ނަންގަނެގެން ސާރޖަންޓް ކެލާ އިބްރާހީމް. އެއީ ސިފައިންގެ ވެރިޔާ ކޮމިއުނިކޭޝަން ކުރިއަށް ގެންދިއުމަށް.

ރައީސުލްޖުމްހޫރިއްޔާ ސަލާމަތާ ރައްކާތެރިކަމާ ބެހޭގޮތުން މަނިކުފާނު އެޅުއްވި ފިޔަވަޅުތަތަކީ ކޮބައިތޯ؟ އެއީ ކޮންކޮން ކަންތައްތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ރައްކާތެރިކަމާ ސަލާމަތަށް އަޅުގަނޑަށް އެވަގުތަށް ހަމަ ހާލަތު ނިޔާކުރިގޮތަށް އެންމެ ރަނގަޅަށް ކަންތައް ކުރެވުނު. އެއީ އަޅުގަނޑު ހަނދާންވާ ގޮތުގައި ވަރަށް ފުންނާބު އުސް ދެތިން ހަތަރު ސިފައިން އަޅުގަނޑަށް ފޮނުވުން. އޭގެތެރޭގައި ކޯޕްރަލް ޙަސަން ޢަލީ (ތުޅާދޫ) އާއި ކޯޕްރަލް އަޙްމަދު ވާފިރު (އެނބޫ) ހިމެނޭ. އެ ބޭކަލުންނަށް އިންސްޓްރަކްޝަންސް ދިނިން އެއްގޮތަކަށްވެސް ދޫކޮށްލާފައި ގޮސްގެން ނުވާނެއޭ. އެ ބޭކަލުންނަކީ ވަރަށް އިޚްލާޞްތެރި ވަރަށް ފުންނާބު އުސް ބޭކަލުން. އެ ބޭކަލުން ވަރަށް ރަނގަޅަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރެއްވި.

ނޮވެންބަރު ތިނެއްގެ ޙަމަލާ އައުމުގެ ކުރިން އެއްވެސް ވަރަކަށް އެ މަޢުލޫމާތު ލިބިވަޑައިގެންފައިވޭތޯ؟

ނޮވެންބަރު ތިނެއް އަންނަން އުޅޭ ކަމުގެ އެއްވެސް ކަހަލަ މަޢުލޫމާތެއް އަޅުގަނޑަކަށް ލިބިފައެއް ނެތް. ސިފައިން އޭރު ވެސް އެ ދުވަސްވަރަކާ ގުޅޭ ގޮތުން އެކި ކަހަލަ ތައްޔާރީތައް ވަމުންދޭ. ބަންކަރު ވެސް ޖެހި. ދޮރު ވެސް ލެއްޕި. ދެކަމެއް މި އޮތީ. އެއްކަމަކީ ކަންތައްތަކަށް ތައްޔާރުވުން. އަނެއްކަމަކީ އެކަހަލަ މަޢުލޫމާތެއް މާ ޔަގީންކަމާއެކީ ނެތް ލިބިފަ. މާ ޔަގީންކަމާއެކީ ލިބިފަ އޮތް ނަމަ، އަޅުގަނޑަށް ހަމަޔަގީން ސިފައިންގެ ވެރިޔާ ވެސް ސިފައިންގެ ވެރިޔާގެ ނައިބު ވެސް އެހާ ލުއިކޮށެއް އެކަން ނުނަންގަވާނެ. ދެން އެ ބަންކަރު ޖަހާފާ ދުވަސްކޮޅެއް ވީމަ ބަންކަރު ނެގީ. ރިލައިބަލް އިންފޮމޭޝަނެއް ނެތި އެކަހަލަ ކަންތައް ކުރަން ފަށައިފިއްޔާ އާންމު ރައްޔިތުންގެ ހިތުގައި ވަރަށް ބޮޑަށް ބިރުވެރިކަން އުފެދޭނެތީ. 

ނޮވެންބަރު ތިނެއް ކުރިމަތިވި އިރު ބަޑިގުދަނުގެ އެތެރޭ ލޮކަރުގެ ތަޅުގަނޑި އޮތީ ސިފައިންގެ ވެރިޔާގެ ނައިބުގެ އަތްޕުޅުގައި މއ. ކިނބިގަސްދޮށުގޭގައި. އެއީ ކީއްވެގެންތޯ؟

އަޅުގަނޑަކަށް ނުވެސް އެނގޭ މާ ރަނގަޅަކަށް. އަޅުގަނޑު އަޑުއެހީމު ރައީސް މައުމޫނު ރައީސްކަމާ ހަވާލުވެ ވަޑައިގަތީމާ ކުރީގައި ހުންނެވި ސިފައިންގެ ވެރިޔާގެ ނައިބޭ ބަޑިގުދަނުގެ ތަޅުދަނޑި ގެނެސް އަތްޕުޅަށޭ އެރުވީ. އެހެންވީމާ ކުރީއްސުރެން ވެސް އެކަހަލަ ކަންތައްތައް ހިންގާފަ ހުންނަނީ އެގޮތަށްކަން އަޅުގަނޑު ލަފާކުރަނީ. މިހާރު ފެންނާނެ ވަރަށް ވަރުގަދައަށް ހެދިފަހުރި ބަޑިގުދަނެއް. އެކަމަކު އަޅުގަނޑުމެން މަސައްކަތް ފެށިއިރު ވަރަށް ހާލުގައި ހުރި ބަޑިގުދަނެއް ބަޑިގުދަނަކީ. އޭރު ސިފައިންގެ ވެރިޔާއާއި ސިފައިންގެ ވެރިޔާގެ ނައިބުގެ ބެއްލެވުމުގެ ދަށުން އެ ތަޅުދަނޑިތައް ގެންގުޅުއްވަނީ. ސިފައިންގެ ވެރިޔާގެ ނައިބު މާލޭގައި ހުންނެވިއްޔާ ސިފައިންގެ ވެރިޔާގެ ނައިބުގެ އަތްޕުޅުގައި ތަޅުގަނޑި ފަތި އޮންނާނީ. ސިފައިންގެ ވެރިޔާގެ ނައިބު ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަންޏާ ތަޅުގަނޑި ފަތި އޮންނާނީ ސިފައިންގެ ވެރިޔާ އަތްޕުޅުގައި. އެ ދުވަސްވަރު އާމަރީގެ އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ މަރުޙޫމް މޭޖަރ ހުޅުލޭ މޫސަ. މޫސައާ ޖެހިގެން އާމަރީ ކަންތައްތައް ބެލެހެއްޓުމުގެ ކަންތައްތައް އެންމެ އިސްކޮށް އުޅެން ދިމާވީ އަޅުގަނޑަށް. ސިފައިންގެ ވެރިޔާގެ ނައިބު ނޫޅުއްވާ ފަހަރު އެތަން ހުޅުވަން ދިމާވެއްޖެއްޔާ ސިފައިންގެ ވެރިޔާއަށް ދެންނެވީމާ ސިފައިންގެ ވެރިޔާ ތަޅުދަނޑި ހަވާލުކުރައްވާނީ މޫސައާ. ދެން މޫސަ ވަޑައިގެން ތަޅުދަނޑި ފަތިން (ހުޅުވައި) އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކޮށްނިންމާފަ އަނބުރާ ގެންދަނީ. އެހެންވީމާ ސިފައިންގެ ވެރިޔާގެ ނައިބުގެ އަތްޕުޅުގައި ތަޅުގަނޑި އޮންނަން ދިމާވި ގޮތަކީ.

ނޮވެންބަރު ތިނެއް ކުރިމަތިވި އިރުގައި ކިނބިގަސްދޮށުގޭގައި ކޮންމެވެސް ވަރަކަށް ހަތިޔާރު ހުރި. އެއީ ކިހިނެއް ބެހެއްޓިފަހުރި ހަތިޔާރުތަކެއްތޯ؟

ސިފައިންގެ ވެރިޔާ ހުންނަވާ ހިސާބުގައި ހަތިޔާރު ހުރެގެން އެބަ ކަންތައްތައް ބެލެހެއްޓޭ. މިދެންނެވީ ތީމުގޭގައި. ސިފައިންގެ ވެރިޔާގެ ނައިބު ހުންނަވާ ތަނުގައި ރައްކާ ކޮށްފައި ނަމަވެސް ކޮންމެވެސް ވަރަކަށް ހަތިޔާރު ބަހައްޓަން އޭރު ނިންމެވި އެއް މަޤްޞަދަކީ ކަމެއް ދިމާވެއްޖިއްޔާ އެހެން ދިމާލަކުން އެއްޗެތި ބޭނުންކޮށްގެން ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅޭނެގޮތެއް ވޭތޯ. ސިފައިންގެ އެހެން މަރުކަޒެއް ވެސް ނެތީމަ. ބޭނުމެއް ޖެހިދާނެތީ ބޭނުންކުރުމަށް އެތަނުގައި ބަހައްޓާފައި ހުރީ. އަޅުގަނޑަށް ހީވަނީ ނޫން، އަޅުގަނޑަށް ޔަޤީން އެކަމުގެ އެންމެ އައުލާކަން ބޮޑު ބޭފުޅަކީ އެއީ ކަން. ސިފައިންގެ ވެރިޔާ ނޫނީ ދެން ހުންނަވާނީ ސިފައިންގެ ވެރިޔާގެ ނައިބު.

ގާތްގަނޑަކަށް ކިހާ ހަތިޔާރެއްތޯ ސިފައިންގެ ވެރިޔާގެ ނައިބު ހުންނަަވާ ތަނުގައި އޭރު ހުރީ؟

އެޒަމާނަކީ އަޅުގަނޑުމެންގެ އަތުގައި މާގިނަ ހަތިޔާރު ހުރި ޒަމާނެއް ނޫން. އަނެއްކާ އެ ހަތިޔާރު ރައްކާކޮށްފައި ހުރީކީ ވެސް މާ ވަރުގަދަ ބޮޑު އެއްޗެއްގައެއް ނޫން. ތިޖުރީގައި ހުރީ. އަދަދު އަޅުގަނޑަށް މިހާރު ދަންނަވާކަށް ނޭނގޭނެ. އެކަމަކު އޭރުގެ އާމަރީގައި އޮންނާނެ ރެކޯޑްސްތައް ވެސް. ޖަހާ އެއްޗިއްސަށް ކިހާވަރެއްތޯ ހުރީ. ކިތައް ވަޒަންކަން. އެ ތަކެތި ސާފުކޮށް ބަލަހައްޓަނީ އާމަރީ މީހުން ގޮސްގެން. އެ އެއްޗެހި ނެރެ، ތެޔޮލާ ސާފުކޮށް، ބަހައްޓާ އެ އިންވެންޓްރީއާ އެއްޗެހި ނަގަން ވަރަށް ގިނަފަހަރު ހުންނާނެ އަޅުގަނޑަށް ވެސް ދެވިފައި. ބައެއްފަހަރު ހުންނާނެ ސާރޖަންޓް ޢާދިލް ޔޫސުފް (އެކަންކުރައްވާފައި. އެއީ) އޭރު ސިފައިންގެ ވެރިޔާގެ ނައިބުގެ އަރިހުގައި އުޅުއްވި ބޭފުޅެއް. އެހެންވީމާ އޭނަ މެދުވެރިކޮށް އަޅުގަނޑުމެން ތިބެގެން ސާފުކޮށް ހަދާ. އެތާހުރި އެއްޗިއްސަކީ މަދުވެގެން މަހަކު އެއްފަހަރު ސާފުކުރައްވަމުން ހަމަ އަނެއްކާ ޗެކްކުރެވެމުން ގެންދިޔަ އެއްޗެހި. އެހެންވީމަކާ އޭގެއިން ނޮވެންބަރު ތިނެއް އައިސްގެން އެ ތިޖޫރި ހުޅުވައިގެން އެއްޗެހި ނެގި ހިސާބަށް ދަންދެން އަޅުގަނޑު ހަމަ ޔަގީންކަމާއެކު ދަންނަވާނަން އެއްވެސް އެއްޗެއް މަދެއް ނުވާނެ.

ނޮވެންބަރު ތިނެއްގެ ހަމަލާއަށް ފަހުގައި މަނިކުފާނު ސިފައިންގެ ހެޑްކުއާޓާރޒްއަށް ވަދެވަޑައިގަތީ ކިހާ އިރަކުތޯ؟

އަޅުގަނޑު ސިފައިންގެ ހެޑުކުއާޓަރަށް ދާންވެގެން ކުރިން ދެތިންފަހަރު މަސައްކަތް ކުރިން. ނުދެވުނު. އޭރު ހާލަތު އޮތްގޮތުން ސިފައިންގޭގައި ތިއްބެވި ބޭފުޅުން ވެސް އަޅުގަނޑަށް އިޝާރާތް ކުރެއްވީ އެ ހާލަތުގައި އަންނަން ނޫޅޭށޭ. އެހެންވީމާ އަޅުގަނޑު ނުގޮސް މަޑުކޮށްލީ އިންޑިޔާ ސިފައިން އައިސް އެހިސާބުގަނޑު ވަކިވަރަކަށް ސެކުއާރ ކޮށްފައި ސިފައިންގެ ވެރިޔާ ސިފައިންގެއަށް ވަޑައިގަތުމަށް ފަހު އޭގެ ދޮޅުގަޑިއެއްހާއިރު ފަހުން އަޅުގަނޑު ދިޔައީ. އަޅުގަނޑު ބަލާ ދުރުވީ އަޅުގަނޑު ހަނދާންވާގޮތުން ވިއްޔާ ޓާސްކް ފޯސްގައި އޭރު އުޅުއްވި ބޭކަލެއް ކަމުގައިވާ ލާންސް ކޯޕްރަލް މުޙައްމަދު ތައުފީޤު (މޯރާ). ހިނގާފައި ދިޔައީ.

ނޮވެންބަރު ތިނަކަށްފަހު ސިފައިންގެ ކުރިމަގު ބައްޓަން ކުރާނެގޮތުގެ ޕްލޭނެއް އިންޑިޔާ ސިފައިންނާ ގުޅިގެން ހެދުނުކަމަށްވޭ. މީ ކިހިނެއް ހިނގައިދިޔަ ކަމެއްތޯ؟

އާދެ! ނޮވެންބަރު ތިނަކާ ގުޅިގެން ދިވެހި ސަރުކާރުގެ ވެސް އެދިވަޑައިގަތުމަށް ދިފާޢީ ދާއިރާއިން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެހީވެދިން. އެގޮތުން ތައްޔާރުކޮށްދިން ޕްލޭން ވެސް. ދެން އެ ޕްލޭން ތައްޔާރުކޮށްދިނީ ހުސްއެކަނި އިންޑިޔާގެ ދިއްލީގައި ތިއްބަވައިގެނެއްނޫން. އެބޭފުޅުންގެ އޭރުގެ އެންމެ ސީނިއަރ ލެވެލްގެ ބޭފުޅުން މާލެ ވަޑައިގެން މާލޭގައި ތިއްބަވައިގެން މާލޭގެ ކަންތައްތަކާ ދިރާސާކުރައްވައި، އަޅުގަނޑުމެންނާ ވެސް ވާހަކަދައްކަވައި ހަދާފައި އެބޭފުޅުން ތައްޔާރުކޮށްދެއްވީ ޕްލޭން. އަޅުގަނޑު ހަނދާންވާގޮތުން ވިއްޔާ އެ ޕްލޭން އަދިވެސް އޮންނަންވާނެ.

އެ ޕްލޭނަށް ފަހުން ވީ ކިހިނެއްތޯ؟

ބަޔަކު ނައްތާނުލަންޏާ އަދިވެސް އޮންނަންވާނެ. އަޅުގަނޑު (ސިފައިންގެ) ހިންގުމާ ހަވާލުވެގެން ހުރި ދުވަސްވަރު އަޅުގަނޑާ އެކަމާ ސުވާލުކުރި. އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންނަކީ އިޤްތިޞާދީ ގޮތުން ވަރަށް ނިކަމެތި ބައެކޭ. އެހެންވީމާ ތިބޭފުޅުންގެ ޕްލޭން އޮތްހާ ރަނގަޅަށް ފުރިހަމައަށް އަޅުގަނޑުމެންނަށް އެކަންކަން ކުރިއަކަށް ނުގެންދެވޭނެއޭ. އަދި އެއާއެއްކޮށް އަޅުގަނޑުމެން ވިސްނާލަންޖެހޭ އެހެންކަމެއް އޮތް. ބަޔަކު ދޭހާ ޕްލޭނެއް އަދި ޚާއްޞަކޮށް ޤައުމީ ސަލާމަތާ ބެހޭ ގޮތުން އިމްޕްލިމެންޓް ކޮށްފަ ނިންމާލުން އެއީ އަޅުގަނޑުގެ ކޮށި ވިސްނުން ޤަބޫލުކުރާ ކަމެއް ނޫން. ރަނގަޅު އެ ޕްލޭން އޮތް. ސިފައިންގެ ވެރިޔާގެ ލަފާފުޅާ އިރުޝާދާއެއްކޮށް، ކޮންމެވެސް ވަރަކަށް (އެ ޕްލޭނަށް) ބަދަލުތަކެއް ގެންނަމުން އެބޭފުޅުންނާ ވާހަކަދައްކަމުން، ޕްލޭން ކުރެވިފައިވާ އެހުރި ކަންތައްތައް ކޮންމެވެސް ވަރަކަށް ނޫން ވަރަށް ބޮޑަށް އިމްޕްލިމެންޓް ކޮށްފައި ހުންނާނީ.

ނޮވެންބަރު ތިނެއްގައި އިތުރަށް ފާހަގަކޮށްލަން ބޭނުންވާ މުހިންމު ކަމެއް އެބަ އޮތްތޯ؟

އާދެ! ނޮވެންބަރު ތިނެއް އެއޮތީ ގޮއްސަ. އެކަމަކު އަޅުގަނޑު ދަންނަވަން ބޭނުންވާ ދެތިން އެއްޗެއް އެބަ އޮތް. އެއްކަމަކީ ކޮންމެ ބޭފުޅެއްވެސް އެބޭފުޅެއްގެ އަމިއްލަ ކަންތަކަށް ވުރެ ޤައުމަށް އިސްކަން ދޭށޭ. އަނެއްކަމަކީ ސިފައިންގެ ބޭފުޅުން ކަމުގައި ވަންޏާ ކުރައްވައިގެން ތިއްބެވި ހުވަޔަށް އަބަދުވެސް އިޙްތިރާމް ކުރައްވައްޗޭ. އަނެއް ވާހަކައަކީ ޒަމާން މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައޭ ދެން އަންނާނީ ނޮވެންބަރު ތިނެއް ނޫނޭ. އެހެންވީމާ ކުރިން ނުވި ތައްޔާރެއް ފަހަކުން ނުވެވޭނޭ. އަޅުގަނޑުމެންގެ ވަސީލަތްތައް ހުރި މިންވަރުން އަބަދުވެސް ތިބެން ޖެހޭނީ ތައްޔާރަށް. އަޅުގަނޑުމެންގެ ސަރަޙައްދު ކަނޑުގެ މަގުންނާ ވައިގެ މަގުން ބެލެހެއްޓުނު އެންމެ ބޮޑަކަށް ބަލަހައްޓަން ވާނެ. އަޅުގަނޑުމެންނާ ދޭތެރޭގައި ރަހުމަތްތެރިކޮށް ހިތާ ހުރިހާ އަސްކަރިއްޔާތަކަކާ އަޅުގަނޑުމެން ގުޅުން ބަދަހިކުރަން ވާނެ. މިއަދު ކުރަންހުރި ކަމެއް މާދަމައަށް ނުބާއްވައްޗޭ. ވެރިންނަށް އިޙްތިރާމްކުރަން ދަސްކުރަން ޖެހޭނެ. އިޙްތިރާމް ކުރީމަ އެހެންމީހުންގެ އިޙްތިރާމް ލިބޭނީ ވެސް. ދެން ތިބޭފުޅުން ތިކުރައްވާ މަސައްކަތްޕުޅަކީ ވަރަށް ފަޚުރުވެރި ޝަރަފުވެރި ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް. ޤައުމަށް ޚިދުމަތް ތިކުރައްވަނީ. ޤައުމަށް ބޮޑުކަމެއް ދިމާވާ ކޮންމެ ފަހަރަކު އެންމެ ކުރީ ސަފުގައި ނުކުންނަން ތިބޭނީ ތިބޭފުޅުން. މަސައްކަތްކުރަމުން ދާއިރުގައި ފާޑުފާޑުގެ ހިތްހަމަނުޖެހޭ އަޑުތައް އިވޭނެ. އެއްޗެހި ކިޔާ މީހުން ތިބޭނެ. ފުރައްސާރަ ކުރާ މީހުން ތިބޭނެ. އެއަށްނުބަލާ! ތިމާގެ އަމިއްލަ ނަފްސު، ތިމަންނަ މިދަނީ ރަނގަޅަށޭ ބުނާކަމަށް ވަންޏާ އެގޮތަށް ކުރިއަށް ގެންދަންޖެހޭނީ. މީ ތަޖުރިބާގެ އަލީގައި ދަންނަވާ އެއްޗެއް.

ޝެއަރކުރެއްވުމަށް