ބޮޑީބިލްޑިންގ ކެރިއަރ ފެށުމުގެ ކުރިން ކުޅުނީ ފުޓްބޯޅަ!
ސްޓާފް ސާޖަންޓް މަޙުމޫދު ޒިޔާދުގެ ކުޅިވަރާއި ފިޓްނަސްގެ ދާއިރާ ފެށިގެން އަންނަނީ ތ. ވިލިފުށި މަދަރުސާގައި އޭނާ ތަޢުލީމު ހާސިލުކުރި ދުވަސްވަރުން ފެށިގެންނެވެ. އޭރު އޭނާ ފެނިގެން ދިޔައީ ފޯރިއާއެކު ފުޓުބޯޅަ ކުޅޭ ފަރާތެއްގެ ގޮތުގައެވެ. ސްކޫލުގައި އެންމެ މޮޅަށް ފުޓުބޯޅަ ކުޅޭމީހުންގެ ލިސްޓް ނަގާއިރު، ސްޓާފް ސާޖަންޓް މަޙުމޫދު ޒިޔާދުގެ ނަން ވެސް އޭރު ހިމެނެއެވެ. ސްކޫލުގައި ފުޓްބޯޅަ ކުޅުނު ދުވަސްވަރު، ރަށު ފުޓުބޯޅަ ޓީމުގައި ހިމެނި، ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި ބާއްވާފައިވާ މުބާރާތްތަކުގައި ފޯވާރޑަކަށް ވަނީ ކުޅެފައެވެ.
ސިފައިންގެ ޚިދުމަތާ ގުޅުނު ފުރަތަމަ ދުވަސްކޮޅު ވެސް، ސްޓާފް ސާޖަންޓް ޒިޔާދު ފެނިގެން ދިޔައީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. ސިފައިންގެ ލެވެލްގައި އޭރު ބާއްވަމުންދިޔަ ފުޓުބޯޅަ މުބާރާތްތަކުގައި ޔުނިޓް ތަމްސީލުކުރުމަށް އޭނާ ކުޅެފައިވެއެވެ.
ސިފައިންގެ ޚިދުމަތަކީ ޅައިރުގެ ހުވަފެނެއް!
ކުޑައިރުން ފެށިގެން ވެސް ޤައުމީ ވިސްނުން ހުންނަ ސްޓާފް ސާޖަންޓް ޒިޔާދު ބުނުއްވި ގޮތުގައި ކުޑައިރު މާލެއަށް އާދެވޭ މަދުފަހަރުތަކުގައި ސިފައިންގެ ޔުނިފޯމް އަޅައިގެން ތިބޭ މީހުން ފެނުމުން ސިފައިންގެއަށް ވަރަށް ބޮޑަށް ހިތްކިޔައި، ބޮޑުވުމުން ސިފައިންގެ ވަޒީފާއަށް ވަނުމުގެ ޢަޒުމު އޮތީ ހިތުގައި އުފެދިފައެވެ. ސްޓާފް ސާޖަންޓް ޒިޔާދުގެ އެ އުންމީދުތަކުގައި ކުލަޖެހިގެން ދިޔައީ 1995 ވަނަ އަހަރު ސިފައިންގެ ޚިދުމަތުން ޖާގަލިބުނު ހިސާބުންނެވެ. އަސާސީ ތަމްރީނަށް ފަހު އެސްޕީޖީގައި ވަރަށްގިނަ ދުވަސްތަކެއް ވާންދެން ޚިދުމަތް ކުރައްވާފައިވެއެވެ. އޭގެ ފަހުން 2008 ވަނަ އަހަރު، ޖިމް އިންސްޓްރަކްޓަރެއްގެ ގޮތުން ދިވެހި ސިފައިންގެ ކުލަބުގައި މަސައްކަތްކުރާ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. މިގޮތުން، މާލޭގައި ހުރި ސިފައިންގެ މަރުކަޒުތަކުގެ ހުރިހާ ޖިމްތަކެއްގެ އިންޗާރޖުގެ މަޤާމުގައި 2015 ވަނަ އަހަރާ ހަމައަށް ހުންނެވިއެވެ.

2015 ވަނަ އަހަރު، އަލުން އެސްޕީޖީއަށް ބަދަލު ކުރައްވައި، މިއަދާ ހަމަޔަށް މަސައްކަތްކުރައްވަމުން ގެންދަވަނީ އެ ޔުނިޓުގައެވެ. މިގޮތުން އެސްޕީޖީއަށް ބަދަލުވިފަހުން ފުރަތަމަ ޑިއުޓީ އަދާކުރެއްވީ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ. އަދި މިހާރު ހުންނެވީ އެސްޕީޖީގެ އެޑްމިން އެންޑު ލޮޖިސްޓިކްސްއާ ހަވާލުވެލައްވައިގެންނެވެ.
ސިފައިންގެ ޚިދުމަތުގައި އޭނާ ފުރިހަމަކޮށްފައިވާ ތަމްރީނުތަކުގެ ތެރޭގައި، ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ޓްރޭނިންގ ފުރިހަމަ ކުރެއްވުމުގެ އިތުރުން، ސިފައިންނާއި ޔޫއެސް މެރީންސްއާ ގުޅިގެން ބާއްވާ ފްލޭޝް މެޓަލް އަދި ފްލޭޝް މެޓަލްގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވާ ސްނައިޕަރ ބޭސިކް ކޯހެއް ވެސް ފުރިހަމަކޮށް ގިނަ އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވެލައްވާފައިވެއެވެ.
ބޮޑީބިލްޑިންގ ކެރިއަރ ފެށުނީ ސިފައިންގެއިން!
ސްޓާފް ސާޖަންޓް ޒިޔާދު ބުނުއްވި ގޮތުގައި، ބޮޑީބިލްޑިންގއަށް ޝައުގުވެރިކަން އުފެދުނީ، އަސާސީ ތަމްރީނަށް ފަހު އެސްޕީޖީގައި މަސައްކަތްކުރައްވަމުން ދިޔަ ދުވަސްވަރުއެވެ. އޭރު ބޮޑީ ބިލްޑްކުރަން ފެށި ފަހުން، ފުރަތަމަ މަސައްކަތް ކުރައްވަން ޖެހިލެއްވީ ތީމުގޭ ޖިމްއާ ހަވާލުވެ، ޖިމް އިންސްޓްރަކްޓަރެއްގެ ގޮތުގައެވެ. އޭގެ ފަހުން، ކެރިއަރ އެއްގެ ގޮތުގައި ބޮޑީބިލްޑިންގ ފައްކާކުރައްވައި، އެ ރޮނގުން ކުރިއަށްދާން ފެށްޓެވީއެވެ.
ސްޓާފް ސާޖަންޓް ޒިޔާދު ފާހަގަކުރެވިގެން ދިޔައީ، ދިވެހިރާއްޖެއަށް ބޮޑީބިލްޑިންގ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައާއި ޤައުމީ ފެންވަރުގައި ގިނަގުނަ ކާމިޔާބީތަކެއް ހޯއްދަވަމުން ގެންދަވާ ބޭކަލެއްގެ ގޮތުގައެވެ.
އެންމެ ފުރަތަމަ ބޮޑީބިލްޑިންގ ދާއިރާއިން ސްޓޭޖެއްގެ މަތިން އޭނާ ފެނިފައިވަނީ 2000 ވަނައަހަރުގެ ޑިސެންބަރު 15 ގައި މިސްޓަރ މޯލްޑިވްސް އިންނެވެ. ޒުވާން ދުވަސްވަރު ފެށި ބޮޑީބިލްޑިންގ ކެރިއަރުގައި، އޭނާގެ ފުރަތަމަ ފެނިލުން ވެސް ތަފާތެވެ. އެ މުބާރާތުން ސްޓާފް ސާޖަންޓް ޒިޔާދު ދެވަނަ ހާސިލުކުރެއްވިއެވެ. އޭގެފަހުން، ބޮޑީބިލްޑިންގ ދާއިރާއިން ރާއްޖެއަށް އެންމެ ގިނަ ވަނަތައް ހޯއްދަވައިދެއްވި ދެވަނަ އެހެން ފަރާތެއް ނެތެވެ. ސްޓާފް ސާޖަންޓް ޒިޔާދު ބައިވެރިވެފައިވާ މުބާރާތްތަކުގެ ތެރެއިން ގިނަ މުބާރާތްތަކުން ރީތި ނަން ދިވެހިރާއްޖެއަށާއި ސިފައިންގެ މުއައްސަސާއަށް ވަނީ ހޯއްދަވައި ދެއްވާފައެވެ. އޭނާ ބައިވެރިވެލެއްވި މުބާރާތްތަކުން ހާސިލުކުރައްވާފައިވާ ވަނަތަކާއި ކާމިޔާބީތަކުގެ ލިސްޓު ލިޔެ ކޮޅުން ނުލާނެއެވެ. މިގޮތުން، އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި، 2009 އޭޕްރީލް 9 އިން 12 އަށް އިންޑިއާގެ ވަރުނާސީގައި ބޭއްވި ހަވަނަ ސައުތު އޭޝިޔާ ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން ފަޚުރުވެރި ގޯލްޑްމެޑަލް ދިވެހިރާއްޖެއަށް ހޯއްދަވައިދެއްވުމާއި، 2010 ޖޫން 17 އިން 20 އަށް ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން މޭންސް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕް އިން 3 ވަނަ ހާސިލުކޮށް ބްރޮންޒް މެޑަލް ހާސިލުކުރެއްވުމާއި، 2004 އޯގަސްޓް 20 އިން 21 އަށް ސްރީލަންކާގައި ބޭއްވި ފަސްވަނަ ސައުތު އޭޝިއާ ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން ހަތަރުވަނަ ހާސިލުކޮށްފައިވުމުގެ އިތުރުން، 2008 އޮކުޓޫބަރު 2 ން 8 އަށް އިންޑިއާގެ ޕޫނާގައި ބޭއްވި 52 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯރޓްސް ޗެމްޕިއަންޝިޕްގައި ބައިވެރިވެ މުބާރާތުގެ އެތްލެޓިކްސް ފިޒީކް ބޮޑީބިލްޑިންގ ބައިން ތިންވަނަ އަދި، 2001 ވަނަ އަހަރު، ބަނޑޮސް އައިލެންޑް ރިސޯރޓުގައި ބޭއްވި ސައުތު އޭޝިޔާ ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން ހަތަރުވަނަ އާއި 2003 މާރިޗުގައި އިންޑިއާގެ ގޯވާގައި ބޭއްވި ސައުތުއޭޝިޔާ ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން ފަސްވަނަ ހާސިލުކުރެއްވުން ހިމެނެއެވެ.

ސްޓާފް ސާޖަންޓް ޒިޔާދު ވަނީ، ޤައުމީ ފެންވަރުގައި ވެސް، ބޮޑީބިލްޑިންގ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހާސިލުކުރައްވައި، އެ ދާއިރާގައި އޭނާގެ ހުނަރުވެރިކަން ދައްކުވައިދެއްވާފައެވެ. މިގޮތުން، 2002 ސެޕްޓެންބަރު 6 ގައި ބޭއްވި މިސްޓަރ މޯލްޑިވްސް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން އެއްވަނަ ހާސިލުކުރެއްވުމާއި، 2008 ވަނަ އަހަރު، މިސްޓަރ މޯލްޑިވްސް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕް ފްލައިވެއިޓް ކެޓެގަރީން އެއްވަނަ އަދި މުޅި މުބާރާތުން އެއްވަނަ ހާސިލުކޮށްފައިވުމާއި، 2011 ވަނަ އަހަރު، މިސްޓަރ މޯލްޑިވްސް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕް ފްލައިވެޓް ކެޓަގަރީން އެއްވަނަ ހާސިލުކުރެއްވުމާއި، 2012 ވަނަ އަހަރު، މިސްޓަރ މޯލްޑިވްސް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕް ފްލައިވެޓް ކެޓަގަރީން އެއްވަނަ ހޯއްދެވުމާއި، 2014 ވަނަ އަހަރު، މިސްޓަރ މޯލްޑިވްސް ބޮޑީބިލްޑިންގ މުބާރާތުން ބެސްޓް އޯވަރޯލް ފިޒީކް ޗެމްޕިއަންކަން އަދި، 2003، 2004، 2005 ވަނަ އަހަރުތަކުގައި، މިސްޓަރ މޯލްޑިވްސް ބޮޑީބިލްޑިންގ މުބާރާތުން ދެވަނަ ހާސިލުކޮށްފައިވުން ހިމެނެއެވެ.
މި ދާއިރާއިން އޭނާ ހާސިލުކޮށްފައިވާ ކާމިޔާބީތަކުން ފެންނަން ހުރި ޙަޤީޤަތަކީ، ރާއްޖެއިން ބޭރުން އެންމެ ގިނަ މެޑަލް ދިވެހިރާއްޖެއަށް ހޯއްދަވައިދެއްވި ބޮޑީ ބިލްޑަރަކީ ސްޓާފް ސާޖަންޓް ޒިޔާދެވެ. ބޮޑީބިލްޑިންގ ދާއިރާއިން އޭނާ ވަނީ ގިނަގުނަ ޚިދުމަތްތަކެއް މުއައްސަސާއަށް ފޯރުކޮށްދީފައެވެ. މިގޮތުން، 2009 ވަނަ އަހަރު، ޑިފެންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިންގ އެންޑް އެޑިއުކޭޝަން (ޑައިޓް) ގެ ފަރާތުން ހިންގި 21 ވަނަ އެސްޓީއެފް ތަމްރީނު ކޯހުގެ މިސްޓަރ އެސްޓީއެފް މުބާރާތް ބޭއްވުމަށް އޭނާގެ އެހީތެރިކަން ފޯރުކޮށްދެއްވިއިރު، 2010 ވަނަ އަހަރު ދިވެހި ސިފައިންގެ ކްލަބުން އިންތިޒާމްކޮށްގެން ބޭއްވި 2 ވަނަ މިސްޓަރ އެމްއެންޑީއެފް ބޮޑީބިލްޑިންގ މުބާރާތުގައި ކޯސްޓްގާޑުން ބައިވެރިވި ބޮޑީބިލްޑަރުން މުބާރާތަށް ތައްޔާރުކޮށްދީ ރަންވަނަތަކެއް އެ ޔުނިޓަށް ހޯދައިދެއްވާފައިވެއެވެ. އޭގެ އިތުރުން 2010 އަދި 2011 ވަނަ އަހަރު، މިސްޓަރ އެމްއެންޑީއެފްގެ ޓީމްތައް ތައްޔާރުކުރުމުގައި ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް ދިވެހި ސިފައިންގެ ކްލަބުން ވަނީ އޭނާގެ އަގުވަޒަންކުރައްވާފައެވެ.
ސްޓާފް ސާޖަންޓް ޒިޔާދު މިހާރު ތައްޔާރުވަމުން ދަނީ ބޮޑީބިލްޑިންގ ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2018 ޑިސެންބަރު 11 އިން 17 އަށް ތައިލެންޑްގައެވެ. ސްޓާފް ސާޖަންޓް ޒިޔާދު ބުނުއްވި ގޮތުގައި މިފަދަ މުބާރާތެއްގައި ގަދަ ފަހެއްގައި ހިމެނިލުމުގެ ފުރުސަތު ލިބުމަކީ ވެސް ވަރަށް ބޮޑު ޝަރަފަކަށް ވާނެއެވެ. މިއީ އޭނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.
ހުނަރު ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް!
ބޮޑީބިލްޑިންގ އަކީ އެކަން ޤަވާޢިދުން ޕްރެކްޓިކްސް ނުކުރެވޭނަމަ، ފުރިހަމަ ގޮތުގައި މެއިންޓެއިން ކުރުމަށް އުނދަގޫ ކުޅިވަރެކެވެ. އަދި، އެކަމާ ގުޅޭ މަޢުލޫމާތުތައް ރަނގަޅަށް ނުހޯދައި ކުރާނަމަ، އޭގެން ނޭދެވޭ ނަތީޖާތަކެއް ނިކުމެދާނެ ފަދަ ކުޅިވަރެކެވެ. އެހެންކަމުން، ސްޓާފް ސާޖަންޓް ޒިޔާދު، އޭނާގެ ހުނަރު ތަރައްޤީ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައެވެ. މިގޮތުން، އޭނާގެ ހުނަރު ތަރައްޤީކުރުމަށްޓަކައި އެކަމާ ގުޅުންހުރި މަޢުލޫމާތުތައް ކިޔައި، ވީޑިއޯފަދަ ވަސީލަތްތަކުން މަޢުލޫމާތު ހޯއްދަވައި ދިރާސާކޮށް ހައްދަވައެވެ. ސްޓާފް ސާޖަންޓް ޒިޔާދު ބުނުއްވި ގޮތުގައި، ބޮޑީބިލްޑިންގ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކޮށް ވާހަކަދައްކައި އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންތައްތަކާ މެދު، އޭނާގެ ގާތް ރަޙްމަތްތެރިޔެއް ކަމަށްވާ ޑީއެސްސީގައި މަސައްކަތްކުރައްވާ ސާޖަންޓް މުޙައްމަދު އިބްރާހީމްއާ އެކު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރައްވައެވެ.

ލިބިފައިވާ ހުނަރު ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގެ އިތުރުން އުޅޭ ދާއިރާގެ ގޮތުން ފުރިހަމަ ގޮތުގައި ހަށިގަނޑު މެއިންޓެއިން ކުރުމުގައި ކެއުމަށް ބަލަން ޖެހޭ ކަމަށް ސްޓާފް ސާޖަންޓް ޒިޔާދު ބުނުއްވިއެވެ. މިގޮތުން ރަނގަޅު ކާނާއާ ދިމާލަށް ދިއުމަކީ އެންމެ މުހިންމުކަން ދޭ އެއްކަމެވެ. އަދި މިކަމަކީ އެންމެ ބޮޑު އެއް ޗެލެންޖުކަމުގައި ވެސް ވަނީ ފާހަގަކުރައްވާފައެވެ.
”ރަނގަޅު ކޮންޑިޝަންއެއްގައި ބޮޑީބިލްޑް ކުރުމަކީ ވަރަށްބޮޑު ޚަރަދެއް ދާކަމެއް އަދި މިކަން މެއިންޓެއިން ކުރެވޭނީ ވަރަށް ބޮޑަށް ޑިސިޕްލިންވެ މެންޓަލީ އަދި ފިޒިކަލީ އެކަމަށް ތައްޔާރުވެގެން“ ސްޓާފް ސާޖަންޓް ޒިޔާދު ބުނުއްވިއެވެ.
ސްޓާފް ސާޖަންޓް ޒިޔާދުގެ ހޮބީއަކީ ދުވުމާއި ކަސްރަތުކުރުމެވެ. އަދި، އެހެން މީހުންނަށް ކަސްރަތު ކޮށްދިނުމަކީ ވެސް އޭގެ އެއްބައެވެ. އޭނާ ވަނީ ސިފައިންގެއިން ބީއެފްޓީން ފާސްނުވުމުގެ ސަބަބުން މަޤާމުގެ ކުރިއެރުމަށް ހުރަސްއެޅިފައިތިބި އެތައް ސިފައިންނަކަށް އެހީތެރިވެދެއްވައި، އެފަރާތްތައް ބީއެފްޓީން ފާސްކޮށްދިނުމަށް ކުރި މަސައްކަތްތައް ކާމިޔާބުކޮށްފައެވެ.
މިގޮތުން، މިހާރު ވެސް މުޅި ސިފައިންގެ ހުރިހާ އަންހެން ސިފައިންނަށް އަމާޒުކޮށްގެން ”އީވްނިންގ ޕީޓީ“ގެ ނަމުގައި ޕީޓީ ކުލާހެއް އޭނާ އިސްނެގުމާއެކު ކުރިއަށް އެބަގެންދަވައެވެ.
ކުރިއަށްދެވެނީ ގިނަ ބައެއްގެ އެހީތެރިކަމާއެކު
ސްޓާފް ސާޖަންޓް މަޙުމޫދު ޒިޔާދުގެ ޝުކުރުގެ ލިސްޓަކީ ދިގު ލިސްޓެކެވެ. އެހެން ނަމަވެސް މި ދިގު ލިސްޓުގެ ތެރެއިން ސްޓާފް ސާޖަންޓް މަޙުމޫދު ޒިޔާދު އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ޢާއިލާގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމެވެ. މިގޮތުން ސްޓާފް ސާޖަންޓް މަޙުމޫދު ޒިޔާދުގެ އަނބިކަނބަލުން މި ދާއިރާއިން އޭނާ ކުރިއަށް ދިޔުމަށް ހުއްޓުމެއްނެތި އެހީތެރިކަމާއި އެއްބާރުލުން ދެއްވަމުންދާ ކަމަށް ބުނުއްވިއެވެ. މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދު ދެއްވާ އިރުޝާދާއި އެއްބާރުލުން ފާހަގަކުރެއްވިއެވެ. ސްޓާފް ސާޖަންޓް ޒިޔާދު ބުނުއްވި ގޮތުގައި އަބަދުވެސް ޔުނިޓުގެ ކޮމާންޑަރަކަށް ހުންނަވާ ބޭފުޅެއްގެ ފަރާތުން މިކަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިވަޑައިގަންނަވާ ކަމަށާއި އަދި ބޮޑީބިލްޑިންގެ ދާއިރާއިން ކުރިއަށްދިއުމަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާ ކަމަށެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މި އަހަރު ސްޓާފް ސާޖަންޓް ޒިޔާދު ބޮޑީބިލްޑިންގ ދާއިރާއިން ސްޓޭޖަށް އަނެއްކާ ވެސް ނިކުތްއިރު މި އަހަރުގެ ކާމިޔާބީއާ ހަމައަށް ދިޔުމަށް ސިފްކޯއިން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ބޭނުންވާ ސަޕްލިމެންޓް ހޯދުމުގައި ސިފްކޯއިން ސްޕޮންސަރ ކޮށްފައި ވާތީ، އެކަން ފާހަގަކުރައްވައި ސިފްކޯއަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އޭގެ އިތުރުން، މި ފަހަރުގެ މި މުބާރާތަށް ނިކުތުމުގައި ޑީއެސްސީގައި މަސައްކަތްކުރައްވާ ސާޖަންޓް މުޙައްމަދު އިބްރާހީމްގެ ފަރާތުން ލިބިލައްވާފައިވާ އެހީތެރިކަން ވަނީ ވަރަށްބޮޑަށް ފާހަގަކުރައްވާފައެވެ.
”ބޭނުންވި ހުރިހާ ކަމެއް ހާސިލުކުރެވިއްޖެ!“
ސްޓާފް ސާޖަންޓް ޒިޔާދު ބުނުއްވި ގޮތުގައި، ސިފައިންގެ ޚިދުމަތުގައި އޭނާ އެންމެ ބޭނުންވެލެއްވީ އެންމެންގެ ލޯބި ލިބި، މުއައްސަސާ ފަޚުރުވެރިވާ ފަދަ ޚިދުމަތްތަކެއް އޭނާގެ ފަރާތުން ފޯރުކޮށްދިނުމެވެ. އޭނާ ވަނީ އެކަން ފުރިހަމަކުރައްވާފައެވެ.

”ސިފައިންގެ ޚިދުމަތުގައި ބޭނުންވި ހުރިހާކަމެއް ހާސިލުކުރެއްވިޖެއޭ ދެންނެވިދާނެ. ސިފައިންގެއިން އެންމެ ބޮޑަށް ބޭނުންވި އެއްކަމަކީ ސިފައިންގޭގައި މަސައްކަތްކުރާ ގިނަ ބައެއްގެ ލޯބި. އަދި މުއައްސަސާ ފަޚުރުވެރިވާނެ ފަދަ ކާމިޔާބީތަކެއް ހޯދުން. އެކަން ފުރިހަމަވެއްޖެ. އެހެންވީމަ، މިހާތަނަށް އައިއިރު ސިފައިންގެއަށް ހޯދައިދޭން ބޭނުންވި ހުރިހާ އެއްޗެއް މިހާރު މި ލިބުނީ އޭ ދެެންނެވިދާނެ“ ސްޓާފް ސާޖަންޓް ޒިޔާދު ބުނުއްވިއެވެ.
މީގެ އެތައް އަހަރުތަކެއް ކުރިން، އޭނާ ބައިވެރިވެލެއްވި އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕަށް އަރަން ފުރަތަމަ ދިޔައިރުގައި ބޭނުންވި ކަންތައް މިފަހަރުގެ މުބާރާތުން ކާމިޔާބުކުރެވިއްޖެ ކަމުގައި ސްޓާފް ސާޖަންޓް ޒިޔާދު ބުނުއްވިއެވެ. އަދި އެ މެޑަލް އަކީ ހުރިހާ ސިފައިންނަށް ހޯދައިދިން މެޑަލެއްކަމަށް ބުނުއްވިއެވެ.
ސްޓާފް ސާޖަންޓް ޒިޔާދު ބުނުއްވި ގޮތުގައި ބޮޑީބިލްޑިންގ ދާއިރާއިން މިހާރު އޭނާ އެންމެ ދެކެން ބޭނުންވަނީ، ސިފައިންގެ ބޭފުޅަކު މިސްޓަރ މޯލްޑިވްސް ކާމިޔާބުކޮށް، ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ސިފައިން މި ދާއިރާއިން ކުރިއަރައިގެން ދިޔުމެވެ. ސްޓާފް ސާޖަންޓް ޒިޔާދު ހުރީ އެކަން ހާސިލުކޮށްދިނުމަށް ވެދެއްވެން އޮތް އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޢަޒުމުގައެވެ. ޔަޤީނުން ވެސް އޭނާ އަކީ މިއަދު ހުރިހާ ސިފައިންނަށް ހުރި އިންސްޕިރޭޝަނެކެވެ.
އައްޑަނައަށް ދެއްވި އިންޓަރވިޔު ނިންމަވާލެއްވުމަށް ފަހު، އޭނާ ވަނީ ސިފައިންނަށް އަގުހުރި ބަސްކޮޅެއް ރައްދުކޮށްފައެވެ.
ސްޓާފް ސާޖަންޓް ޒިޔާދު ބުނުއްވި ގޮތުގައި ސިފައިންގެއިން އެމީހަކު ދާން ބޭނުންވާ ކޮންމެ ހިސާބަކަށް ވެސް ދިޔުމުގެ ފުރުޞަތު އޮތީ ހުޅުވިފައެވެ.
”ޕޮޒިޓިވް ވިސްނުމަކާއެކު ރަނގަޅު ޢަޒުމެއްގައި ކުރިމަތިލައި މަސައްކަތްކޮށްފި ނަމަ، ކޮންމެ މީހަކީ ވެސް ކާމިޔާބު މީހެއް“. ސްޓާފް ސާޖަންޓް ޒިޔާދު ބުނުއްވިއެވެ.
